Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

ބަސް ދަތުރު

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
April 18, 2025 6 Mins Read
6 Comments

ޑިޕްރެޝަން މީ ކިހާ ބަޔަކު ތަޙައްމަލު ކުރަމުންދާ ވޭނެއް ހެއްޔެވެ؟ އެކަމަކު އެކި މީހުން އެކަން ތަހައްމަލުކުރަނީ އެކި ލެވެލްގައެވެ. ގިނަ ފަހަރު މީހަކު ޑިޕްރެޝަނުގައި އުޅޭކަން އަހަރެމެނަށް އެނގެނީވެސް އެމީހަކަށް ތަންކޮޅެއް ބޮޑުވަރު ވެގެން ދާ  ފަހުންނެވެ. އަމިއްލަ ނަފްސަށް ގެއްލުންދީ މީހާ މޮޔަވާ ދަރަޖައަށް ކަންތައްތައް ބޮއްސުންލައިގެން ދާ ހިސާބުންނެވެ.

****

ޑިޕްރެޝަންގެ ތެރެއިންވެސް ’ހައި ފަންކްޝަނިން ޑިޕްރެޝަން‘ ތަހައްމަލު ކުރަމުންދާ މީހުންގެ އަދަދު ވަކި މަދެއް ނޫނެވެ.އެކަމަކު އެމީހުންގެ އާންމު ދިރިއުޅުމަށް އޭގެ ސަބަބުން މާ ބޮޑު ބަދަލެއް ނާންނާތީ ބަލާ މީހަކަށް ފަހަރުގައި އެކަން ފާހަގަ ނުކުރެވިދާނެއެވެ.

****

އާންމު ދިރިއުޅުމުގައި ފެންނަ ފެނުމަށް އަހަރެން  އޯކޭއޭ ހީވިޔަސް، ހަގީގަތަކީ އެޔެއް ނޫނެވެ. އަބަދުމެ އަހަންނަށް އިހުސާސްކުރެވެނީ ވަރުބަލިކަމެވެ. ހިތުގައި ޖެހޭ ކަހަލަ ކަމެއް ނުވިއެއް ކަމަކު އަބަދު އިނދެވެނީ ދެރަވެފަ އެވެ.ދެރަވަނީ ކީއްވެގެންކަމެއް ބުނެދޭކަށްވެސް ނޭނގެއެވެ. ކަމެއް ކުރިޔަސް ކުރާ ހިތަކުން ނުކުރެވެއެވެ.ނިދެނީ އެހާ އުނދަގުލުންނެވެ. ނިދާ ހޭލެވުނީމާ ތެދުވަންވެސް ވަނީ ބޮޑު ކަމަކަށެވެ.

****

އެންމެ ދެރަވަނީ އަހަރެންގެ ހާލު އެންމެ ގާތުގައި އުޅޭ އަހަރެންގެ މަންމައަށް ވެސް އަންޑަސްޓޭންޑް ނުވާތީއެވެ.މަންމަ އަހަންނަށް ގޯހިކީ ނޫނެވެ.އެކަމަކު ބައެއް ފަހަރު އަހަރެން ދައްކާ ވާހާކަ ގަބޫލުކުރަން މަންމައަށްވެސް އުނދަގޫވަނީއެވެ.

****

އެއީ ވަރަށް ވިއްސާރަ ދުވަހެކެވެ. ގުގުރާ ވިދައެވެ.ސްކޫލް ނިންމާފައި އެތާ ތެރޭ ތާށިވެފައިވެސް އެތައް އިރަކު އަހަންނަށް ހުންނަން ޖެހުނެވެ. ވާރޭ ތުނިކޮށްލީމައި ދެފަޔަށް ބާރުލައި ދުވެފައި އަހަންނަށް ބަސް ސްޓޮޕާއި ހަމައަށް ދެވުނު އިރު ބަސް ނައްޓާލައިފިއެވެ.ދެން އެންމެ އަވަހަށް އޮންނަ ބަސް ވެސް އަންނާނީ ބައި ގަޑި އިރު ފަހުންނެވެ. ކުރިން ނައްޓައިލި ބަހުގައި ގިނަ ކުދިންތައް ދިޔުމުން، ދެން އޮންނަ ބަހަށް އަރާކަށް މާގިނަ ކުދިންނެއް ވެސް ނެތެވެ.ބައެއް ކުދިން އެ މީހުންގެ މައިންބަފައިންގެ ޕުރައިވެޓް ކާރުތަކުގައި ނައްޓައިލިއިރު ހާލުގައި ޖެހިފައި ތިބީ އަހަރެން ކަހަލަ އާދައިގެ ދެތިން ކުއްޖެކެވެ.

****

ބަހުގެ އިންތިޒާރުގައި ހޭދަކުރި ބައި ގަޑިއިރު ހީވީ ބައި ގަރުނު ހެންނެވެ.ވާރޭ ތުނިކޮށްލާފައި އޮތަސް އެއްވާމެއްގައި ކަނި ކަނި ޖަހަމުންދިޔައެވެ.އަހަރެން ހުރީވެސް ހިސާބަކަށް ތެމިފައެވެ.އެހެންކަމުން ބަސް އައުމުން އެންމެ ކުރިން ބަހަށް އެރޭތޯ އަހަރެން ބެލީމެވެ.ވިއްސާރަ ދުވަހެއް ވީމާ ކަންނޭނގެއެވެ.ބަހުގެ ކުރީ ކޮޅުގައި މީހުންތައް އޮތީ ފުނި ޖެހިފައެވެ.ފަހަތް ކޮޅު ހުސްކޮށް އޮތުމުން އެ ލިބުނު ހިތްހަމަޖެހުން ބުނެދޭކަށްވެސް ނޭނގެއެވެ. އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

****

އެންމެ ފަހަތު ބަރީގައި ގޮސް އިށީނީ އަހަރެން އެކަންޏެވެ. އަހަރެން ބޭނުންވާފަދަ އަމިއްލަ ޖާގައެއް ލިބުމުން އަހަރެން އިނީ ވަރަށް ހިތްހަމަޖެހިފައެވެ. ސީޓުގައި ރަނގަޅަށް ހަމަ ޖެހިލާފައި، ދަބަހުން ނެގި ’ބާގަންޑީ‘ ކުލައިގެ ވޫލް ސްކާފް ކަރުގައި އޮޅައިލި އިރު ފިނި ބޮޑުވެގެން އަހަރެންގެ ކަތުރުކަށިގަނޑު ތުރު ތުރު އަޅައެވެ.

****

ޑުރައިވަރު ބަސް ދުއްވާލާފައި ކުއްލިއަކަށް ބުރެކި ޖެއްސުމުން ވީ ކީއްތޯ ބަލައިލަން އަހަރެންްވެސް ބޯ އަރިކޮށްލައި ބަހުގެ ކުރީ ކޮޅަށް ނަޒަރު ހުއްޓައިލީމެވެ.އެވަގުތު ކަޅު ކުލައިގެ ހޫޑީއަކާއި ޖިންސެއްގައި ހުރި ޒުވާން ފިރިހެނަކު ބަހަށް އަރައިގެން އަންނާތީ ފެނުނެވެ.ބަހުގެ ތެރެއަށް ވެރިވެފައިވާ އަނދިރިކަމާއި ހުޑް ތިރިކޮށްލާފައި ހުރުމުގެ ސަބަބުން އަހަރެންނަކަށް މާ ސާފުކޮށް އޭނާގެ މޫނެއް ނުފެނެއެވެ. އޭނާ އައިސް އިށީނީ އަހަރެން އިން ބަރީގައި ތިން ސީޓު ދޫކޮށްފައެވެ. އަހަރެން ކޮންމެވެސް ވަރަކަށް ޖެހިލުންވި ނަމަވެސް، އަމިއްލަ ނަފްސު ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރީމެވެ.

****

ޑުރައިވަރު އަނެއްކާވެސް ބަސް ދުއްވާލުމުން އަހަރެން  ފޯނަށް ސަމާލުކަން ދެވޭތޯ މަސައްކަތް ކުރީމެވެ. އެގޮތުގައި ދިހަވަރަކަށް މިނެޓު ހޭދަވީ ފަހުން އަހަރެންގެ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައީ ކަންފަތުގައި ޖެހިލި މަޑު ގިސްލުމެއްގެ އަޑު އިވިފައެވެ.އަހަންނަށް އެޒުވާނާ އާއި ދިމާލަށް ބަލައިލެވުނީ އަޑު އަންނަމުން ދިޔައީ އެ ދިމާލުން ކަމަށްވާތީއެވެ. އަހަންނަށް އިވުނަސް ކުރީގައި އެތިބި މީހުންނަކަށް އެ އަޑެއް ނީވޭނެކަން އަހަންނަށް އެނގެއެވެ.

****

‘ހޭ….ހުރިހާ ކަމެއް އޯކޭޭތަ؟‘ އެ ގިސްލުމުގެ އަޑު ފަހަރަކަށް ވުރެ ފަހަރެއް ބާރުވަމުން ދާތީވެ ކަންބޮޑުވީ ވަރުން ވަރަށް ޖެހިލުންވެފައި ހުރެވެސް އަހަރެން އެޒުވާނާއަށް އިވޭ ވަރަށް އަހައިލީމެވެ.

****

އަހަރެންގެ އަޑު އިވިފައި އެޒުވާނާގެ އަޑު މަޑުވެލިކަން އަހަންނަށް ފާހަގަ ކުރެވުނެވެ. އޭނާ މަޑު މަޑުން ހުޑް ތިރިކޮށްލާފައި އަހަންނާއި ދިމާލަށް ބަލައިލުމުން އަހަރެން ލައި ލައި ހުރި ނޭވާ ވެސް ހީވީ ނޭވާ ހޮޅީގައި ތާށިވީ ހެންނެވެ.

****

ބަޔަކަށް އޭނާ ނޭނގުނަސް އަހަންނަކަށް އޭނާއެއް ނޯޅޭނެއެވެ.ހޭޒަލް ކުލައިގެ ދެ ލޮލާއި ގަދަ ޗޮކްލެޓް ކުލައިގެ އިސްތަށިގަނޑެއް ލިބިފައިވާ އެ ޒުވާނާއަކީ އަހަރެން އިންސްޓަގުރާމުން ފޮލޯކުރާ ’ކޮންޓެންޓް ކްރިއޭޓާރ‘އެކެވެ. ކުޅަދާނަ ’ޑާރކް އާރޓިސްޓެކެވެ.‘ނަމަކީ ކައިލްއެވެ.އޭނާގެ ކުރެހުންތައް އަހަންނަށް ކަމުގޮސްގެން ފޮލޯ ކޮށްލީ ނޭނގި ނަމަވެސް އަހަރެންގެ އިހުސާސްތައް އެ ކުރެހުންތަކުން އޭނާ ކޮންމެވެސް ސިފައެއްގައި ދައްކުވައި ދޭތީއެވެ. އަހަރެން ބަރާބަރަށް އޭނާގެ ޕޯސްޓު ތަކަށް ކޮމެންޓް ވެސް ކުރަމެވެ. އޭނާ ރިޕްލައިވެސް ދޭ މެއެވެ. އެކަމަކު ހަގީގަތުގައި އޭނާއަކަށް އަހަރެން މީ ކާކު ކަމެއްވެސް  ނޭނގޭނެއެވެ.ސޯޝަލް މީޑިއާގައި އަހަރެން ބޭނުން ކުރަނީ އަހަރެންގެ އަސްލު ނަމެއް ނޫނެވެ.ފޮޓޯއެއްވެސް ނުލަމެވެ. އެހެނަސް  މިފަދަ ގޮތަކަށް އޭނާއާއި ދިމާވެދާނެ ކަމަކަށް އަހަރެން ދުވަހަކު ކޮޅުންވެސް އުންމީދުވެސް ނުކުރަމެވެ.

****

އަހަންނާއި ދިމާލަށް ބަލާލައިފައި އޭނާ  އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ.ނަމަވެސް ދެވަނަ ސިކުންތު ދެލޯ ފުހެލާފައި އަނެއްކާވެސް އަހަންނާއި ދިމާލަށް ބަލައިލީ ’ވާހަކަ ތިދައްކަނީ ހަމަ އަހަންނާއި ހޭ‘ އަހައިލާފަދަ ފަދަ ގޮތަކަށެވެ.

****

އަހަރެން ދެވަނަ ފަހަރަކަށްވެސްް ސުވާލު ތަކުރާރު ކޮށްލީމެވެ. އެވަގުތު އެ ޒުވާނާގެ ދެލޮލަށް ޖަމާވެފައި ހުރި ކަރުނައާއިއެކުވެސް، އެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވި ތަން އަހަރެން ދުށީމެވެ.

****

’ކީއްވެ އަހަރެންގެ ހާލު ތި އެހީ…؟ ކީއްކުރަން ތި އެހީ…؟ތިޔަހެން އަހަރެން ކުރެން ނޭހި ނަމަ..!‘އެ ޒުވާނާ އެހެން ބުނެލި އިރު އެ އަޑު ވަނީ ކުރެހިފައެވެ.

އަހަރެންގެ ދުލަށް ބުނާނޭ އެއްޗެއްވެސް ނައެވެ.

’އަޅެ ކީއްވެހޭ؟‘ އެ ޒުވާނާ ތަކުރާރުކޮށްލިއެވެ.އެ އަޑުގައި ވީ ރިހުން އަހަންނަކަށް ސިއްރެއް ނުވިއެވެ.

’ހަމްދަރުދީ ވާތީ…ކިހިނެއްތޯވީ އަހާލިއްޔާ އަހަރެން ދެކެ ރުޅި އަންނާނަންތަ؟‘ ހިތް އަވަސްވެފައި ހުރި ވަރުން އަހަންނަށް ބުނެވުނީ އެހެންނެވެ.

އެ ޒުވާނާ ވަގުތުން ދެފަރާތަށް ބޯ ހޫރާލިއެވެ.

’މިއަދު ތި ކުއްޖާ ތިހެން ނޭހި ނަމަ ވާނެ ގޮތެއްވެސް ނޭނގެ.‘ އޭނާ ނޭފަތް ދަމާލަމުން ނިތުގައި އެއް އަތުން ހިފަހައްޓާލިއެވެ.

’ތި ބުނީ؟!‘ އޭނާ އެ ބުނެލި އެއްޗަކުން އަހަންނަށް ވަރަށް އުނދަގޫ އިހްސާސްތަކެއް ކުރެވިގެން ދިޔައެވެ.

’މި ބުނީ ތިޔަހެން ނޭހި ނަމަ މިއީ އަހަރެން ދިރި ހުއްޓާ މީހަކާ ވާހަކަ ދައްކާނޭ ފަހު ފަހަރަށް ވީސް ކަންނޭނގެއޭ…‘ އޭނާ ޖެހިލުމެއްނެތި ބުނެލިއެވެ.އަހަންނަށް ސިހުން ލިބިގެން ދިޔައެވެ.ނުބުންޏަސް އޭނާ އެ ބުނި ބަހުގެ މާނަ އަހަންނަށް ނަގައިގަނެވުނީ އޭނާ އިންސްޓަގުރާމުގައި އެންމެ ފަހުން ކުރި ޕޯސްޓު އަހަންނަށް ފެނިފައި ހުރީތީއެވެ.އޭގެ ކެޕްޝަނުގައި އޭނާ ލިޔެފައި ހުރީ ’ހޫ ކެއަރސް އިފް ވަން މޯ ސޯލް ޑްރިފްޓްސް އަވޭ؟‘ މިހެންނެވެ.

އަހަރެން ވަރަށް ސުވާލު ކުރަން ފެށުމުން އޭނާ ފުން ނޭވާއެއް ދޫކޮށްލައިފައި އޭނާ އެ ހާލަތުގައި ހުންނަން ޖެހުނު ސަބަބު އަހަންނަށް ކިޔައިދޭން ފެށިއެވެ.

****

އޭނާއަކީ ޑުރަގު އެޑިކްޓު ދެމަފިރިއަކަށް ލިބުނު ދަރިއެކެވެ.ނުބެލިގެން އެޑޮޕްޝަނަށް ދޫކޮށްލީ ވަރަށް ތުއްތު އިރުއެވެ. ދެން އޭނާ އެޑޮޕްޓު ކުރި ދެމަފިރިންވެސް އެމީހުންގެ އަމިއްލަ ދަރިން ލިބުނު ހިސާބުން އަނެއްކާވެސް އެނާ އެޑޮޕްޝަނަށް ދޫކޮށްލީއެވެ. އެގޮތުގައި އެޑޮޕްޓު ކުރާނެ މީހަކު ނުވެ އެގާރަ ވަރަކަށް އަހަރު ޔަތީމު ޚާނާއެއްގައި ގަނެ ތެޅުނު ފަހުން އެންމެ ފަހުން އޭނާ އެޑޮޕްޓު ކުރީ އުފަން ދަރިއަކު ނެތް ތަންކޮޅެއް މުސްކުޅި ފުރައިގެ ދެމަފިރިއެކެވެ. އެދެމީހުން އެނާދެކެ އިންތިހާއަށް ލޯބިވިސްވިއެވެ.އެހެނަސް ތަގުދީރު އޭނާއަކަށް ރަހުމެއް ނުކުރިއެވެ.ކުޑައިރު އެ ތަހައްމަލު ކުރި ’ޓުރޯމާއިން‘ ރަނގަޅަށް އަރައި ނުގަނެވިގެން އުޅެނިކޮށް އޭނާ އެޑޮޕްޓު ކުރިތާ ދެވަނައަށް ވީ އަހަރު އެ ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ, ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި މި ދުނިޔެ ދޫކުރީ އެވެ. އެހިސާބުން ދެން އޭނާގެ ބެލެނިވެރިޔާއަށް ހުރި އަންހެން މީހާވެސް މުޅިން ޑިޕްރެޝަނަށް ގޮސް ބޯ ގޯސް ވީއެވެ. ލޯބިވާ ފިރިމީހާގެ އެ ކުއްލި ވަކިވުމުން އެ ހިތަށްވެސް ކެތް ނުވީއެވެ.އޭނާއަށް ’ޑާރކް އާރޓުގެ‘ ތެރެއަށް ވަދެވުނު ހިސާބަކީ އެއީ އެވެ. ކުރެވެމުން ދިޔަ ހިތްދަތި އިހްސާސްތައް ބޭރުކޮށްލުމަށް އޭރު އޭނާއަށް ފެނުނު އެންމެ މޮޅު އުކުޅަކީ އެއީއެވެ.

****

ދެން ކަންވީ ގޮތަކީ އޭނާގެ ބެލެނިވެރިޔާގެ މަގާމުގައި ދެން ހުރި މީހާގެ ހާލުވެސް ކުއްލިއަކަށް މާބޮޑަށް ދަށަށް ދިޔައީއެވެ.ހޮސްޕިޓަލުގެ އައިސީޔޫގައި ހަފްތާއެއްހާ ދުވަހު އޮވެފައި އެ މީހާވެސް ފަހު ނޭވާ ދޫކޮށްލީ މީގެ އެއްދުވަސް ކުރިންނެވެ. އެހިސާބުން އެ ޒުވާނާ މުޅިން ސަކަރާތް ވީއެވެ.މި ދުނިޔެ މަތީގައި އޭނާއަށް ރަހުމު ކުރި ހަމައެކަނި ދެމީހުން އެފަދަ ހިތްދަތި ގޮތަކަށް ވަކިވެގެން ދިޔުމުން, އޭނާގެ ހިތަށް ވެސް ކެތް ނުވީއެވެ.އެ ދެމަފިރިން ބޮޑު ’ވިލްއެއް‘ ލިޔެ, އޭނާއަށް އެމީހުންގެ މިލްކިއްޔާތުގައިވާ ހުރިހާ އެއްޗެއް ހިބަކޮށްފައި އޮތްކަން އެނގުނު ނަމަވެސް, އެމީހުން ނެތް ދުނިޔެއެއްގައި އޭނާއަށް އެއީ އެއްވެސް އަގެއް ހުރި އެއްޗެއް ކަމުގައެއް ނުވިއެވެ.އެހެންކަމުން މިއަދު އެ ހުރިހާ އެއްޗެއް ދޫކޮށްލާފައި އޭނާ އެ ދަތުރު ފެށީ، އޭނާ އަމިއްލަ އަށް މަރުވާން ބޭނުންވި މަންޒިލަށް ދާން ވެގެންނެވެ.އެކަމަކު އަހަރެން ހިތް ހެޔޮ ކަމާއިއެކު ބުނެލި ދެތިން ބަހެއްގެ ސަބަބުން ދުނިޔެއިން އަދި ރަނގަޅު މީހުން ހުސްވީ ނޫންކަން އޭނާއަށް އިހުސާސްކުރެވުނެވެ.އެހިސާބުން އަމިއްލައަށް މަރުވުމުގެ ޚިޔާލާއި އޭނާގެ ހިތާއި ސިކުނޑިވެސް ދެކޮޅު ހެދީއެވެ.އޭނާ އަށް އެ ކަޅު ހާލީގެ ތެރެއިން ހަމަ ބިމަށް އާދެވުނީ، އަހަރެންގެ ސަބަބުންނެވެ.

****

އޭނާގެ ވާހަކަ ނިމުނު އިރު އަހަރެންވެސް އިނީ ފެންކަޅި ވެފައެވެ. އަހަންނަށްވުރެ މާ ހާލުގައި، މާ ވޭނުގައިވެސް މީހުން އެބަ އުޅޭތާއެވެ. އެހެނަސް ހިތް ހެޔޮ ކަމާއިއެކު މީހަކު ބުނެލާ ބަހަކުން ވެސް އަނެކާގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އަތުވެދާނެކަން އަހަންނަށްވެސް ގަބޫލުކުރަން މަޖުބޫރު ވީއެވެ.މިއީ އެކަމުގެ ލާމަސީލު ހެއްކެކެވެ.

****

’އަދި ތައާރަފް ވެސް ނުވެވޭދޯ…އަހަންނަށް ކިޔަނީ ކައިލް…އައިމް އަ ޑާރކް އާޓިސްޓް.‘ އޭނާ ސަލާމަށް އަތްދިއްކޮށްލަމުން ފަނޑު ހިނިތުންވުމަކާއިއެކު ބުނެލިއެވެ.

’އަަހަންނަށް ކައިލް ތީ ކާކު ކަން އެނގޭ….އަހަންނަކީ މިސީޒް ލޭޑީބަގް…ޔޯރ ވަން ޓްރޫ ފޭން…‘އަހަރެން އޭނާއަށް ތަޢާރަފް ވެލީ އަހަރެންގެ އިންސްޓަގުރާމް ޔޫޒަރ ނޭމުންނެވެ.ވަގުތުން އޭނާގެ ދެލޯ ބޮޑުވިއެވެ.

****

’ނޯވޭ…ނޯވޭ…‘

އޭނާއަށް ގަބޫލުކުރަންވެސް ދަތިވިއެވެ.އެތައް ހާސް ކޮމެންޓެއްގެ ތެރެއިންވެސް އަހަރެންގެ ކޮމެންޓް އޭނާއަށް ޚާއްސަވިކަން އަހަންނަށް އެނގިގެން ދިޔައީ އެހާ ފަސޭހައިން އަހަރެންގެ ޔޫޒަރ ނޭމް އޭނާއަށް އެނގުނީމައެވެ.

’ތީ ހަމަ އަސްލުވެސް މިސީޒް ލޭޑީބަގްތަ؟ ‘ އޭނާ ދެވަނަ ފަހަރަކަށްވެސްް އެއްސެވެ.

’ޔެސް އެއީ އަހަރެންގެ އިންސްޓަގުރާމް ޔޫޒަރ ނޭމް… އަހަންނަށް އަަަސްލު ކިޔަނީ މައިލީން.. ކުރުކޮށް މައިލީ..‘ހިނިތުން ވެލަމުން އަހަރެން ބުނެލީމެވެ.

’މައިލީގެ ކޮމެންޓް ތަކުގައި އަބަދުވެސް ވަރަށް އަޅައިގަތް. އެ ކޮމެންޓް ތަކުގެ ސަބަބުން ވަރަށް މޯޓިވޭޓްވެސް ވި. އެކަމަކު ދުވަހަކުވެސް ދިމާވެދާނެ ކަމަކަށް ހިއެއް ނުކުރަން.‘ ކައިލްގެ އަޑުގައި މިފަހަރު ހިތްހަމަޖެހުމުގެ އަސަރު އެކުލެވުނެވެ.

****

އަހަންނާއި ކައިލް ވާހަކައިގައި ޖެހުނު ވަރުން ވަގުތު ހިނގައި ދިޔަ ގޮތްވެސް އަހަރެމެނަކަށް ނޭނގުނެވެ. ބަސް ސްޓޮޕަށް ބަސް ހުއްޓި އިރު އަހަރެމެން ދެމީހުން ތިބީ ގާތް ރަހުމަތްތެރީންނަށް ވެ ނިމިފައެވެ.

****

އަހަރެން ބަހުން ފައިބަން ދާން ސީޓުން ތެދުވުމުން ކައިލް އަހަރެންގެ ނަމުން ގޮވައިލިއެވެ. އަހަރެން އޭނާއާއި ނަޒަރު ސީދާކޮށްލިއިރު އެ ދެލޮލުގައި ފާޅުވޭވޭ ހުރީ ވަރަށް އެހެން ކަހަލަ އަސަރުތަކެކެވެ.

’މައިލީ…މައިލީ ތިކޮށްދިނީ ހާދަ ބޮޑު ކަމެކޭ…އިފް އިޓް ވޮޒަންޓް ފޮރ ޔޫ… އަހަރެންް މި ދަތުރު ކުރިއަށް ގެންދިޔައީހީ ގޮސް އަމިއްލައަށް މަރުވާން. ބަޓް މައިލީ ތި ދަނީ އަހަންނަށް އުންމީދުތަކެއް އާކޮށްދީފައި… އަހަންނަށް ނޭނގެ މައިލީއަށް ޝުކުރު އަދާ ކުރާނެ ގޮތެއްވެސް…ތެންކިޔޫ ސޯ މަޗް މައިލީން. އަހަންނަށް ދެން މައިލީ އާ ހަމަ ދިމާ ނުވާނެތަ؟‘ ކައިލް ވަރަށް އަސަރާއެކު ބުނެލިއެވެ.

****

ކައިލް އަހަރެންނާއި އަދިވެސް ބައްދަލުވާން އެދޭކަން އެނގުމުން އަހަރެންވީ އުފަލުގެ ކޮޅެއް ނެތެވެ.

’އަދި ދިމާވާނެ އިރާދަކުރެއްވިޔާ…‘ އަހަރެން އެހެން ބުނެލާފައި އޭނާއަށް ހިނިތުންވެލީމެވެ. އޭނާވެސް ރައްދުގައި ހިނިތުންވެލިއެވެ.

’ސެލްފީ؟‘ ވަކިވުމުގެ ކުރިން ރައްކާކުރާނެ ހަނދާނެއް އަހަރެން ބޭނުންވިއެވެ.އޭނާ ބޯޖަހާލަމުން އަހަންނާއި ކައިރިވެލާފައި ފޮޓޯއަށް ހިނިތުންވެލިއެވެ. އަހަރެންވެސް ފުޅާ ހިނިތުންވުމަކާއިއެކު އެ ސެލްފީ އަހަރެންގެ ފޯނުގައި ރައްކާކޮށްލީމެވެ.

****

ކައިލް އާއި ވަކިވެގެން އަހަރެން އެ ބަހުން ފޭބިއިރު، އަހަރެން ދިރިއުޅުމާއި މެދު ދެކޭ ގޮތަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.ކައިލްއަށް ނޭނގުނަސް އޭނާގެ ސަބަބުން އަހަންނަށްވެސް އުންމީދުތަކެއް އާލާވެގެން ހިނގައްޖެއެވެ.ނޭނގި ނަމަވެސް އަހަރެންގެ އިހުސާސްތައްވެސް އޭނާ ކޮންމެވެސް ސިފައެއްގައި ދެނެގެންފިއެވެ. އަހަރެން އެދެނީ ކައިލްވެސް ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ވުމެވެ. އަދި އަހަރެންގެ އުންމީދަކީ އަދި ކޮންމެވެސް ދުވަހަކުން ކައިލްއާއި އަލުން ބައްދަލުވުމެވެ.އަހަރެންގެ ފޯނުން އޭނާއާއި އެކު ނެގި ސެލްފީއަށް ބަލަހައްޓައިގެން ހިނިތުންވެ ހުރެ އަހަރެން ކުރިއަށް ހިނގައިގަތީމެވެ.

*ނިމުނީ*

 

 

 

 

 

 

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ކުށަކީ ކޮބާ – ސީޒަން 2 ޓްރައިލާ

Next

ބާކީ މިހިތް ވެއްޖޭ

Next
April 18, 2025

ބާކީ މިހިތް ވެއްޖޭ

Previews
April 17, 2025

ކުށަކީ ކޮބާ – ސީޒަން 2 ޓްރައިލާ

6 Comments!

  1. Him says:
    April 18, 2025 at 10:17 am

    Masha Allah Vrh furihama ❤️ 👍🏼

    1. Lamtty Lamtty says:
      April 18, 2025 at 5:29 pm

      Thank you

  2. Anonymous says:
    April 18, 2025 at 7:18 pm

    i agree with the morale of this story mental illnesses should be taken more seriously and people need to be more aware of it but i want to add that depression isnt feeling sad its when you dont feel anything

    1. Lamtty Lamtty says:
      April 18, 2025 at 8:48 pm

      Thank you 😊

  3. Your fav bab says:
    April 18, 2025 at 7:45 pm

    Varah touching story eh!
    Yh ppl who are suffering from Depression need to be understood! especially by their family
    Introverts are once extroverts
    Keep it up!!!

    1. Lamtty Lamtty says:
      April 18, 2025 at 8:49 pm

      Thank you 😊

Comments are closed.



All Right Reserved!