Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredބިރުވެރިކުރުވާހަކައުފެއްދުންތެރި ލިޔުންލޯބި

ލޯބިވެރިޔާ

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
April 10, 2025 4 Mins Read
4 Comments

އެއީ 2020 ވަނަ އަހަރުގެ ކުރީ ކޮޅެވެ. އޭރު އަހަރެން އުޅުނީ ލޯބީގެ ގޮތުން މީހަކާއި ގުޅިގެންނެވެ. އޭނާއާއިއެކު ޒަވާޖީ ހަޔާތެއް ފެށުމުގެ ފޮނި ހުވަފެންތައް އަހަރެން އައީ ދެކެމުންނެވެ.އެހެނަސް ތަގުދީރުގެ ކޮޅު އަހަރެންްގެ ފަރާތަކަށް ބުރައެއް ނުވިއެވެ.ދުވަހަކަށް ވުރެ ދުވަހެއް އޭނާ ދިޔައީ އަހަރެން ދެކެ ފޫހިވަމުންނެވެ. އެންމެ ފަހުން އިސްވެ އެ ގުޅުން ކަނޑައިލީވެސް އޭނާއެވެ.ރުޅި ނުވުމަށް އެދި އަހަރެން ވަރަށް ރޮއެ އާދޭސްވެސްކުރީމެވެ. އެހެނަސް އޭނާ އެއަޑެއް ނޭހިއެވެ.

****

އެއީ އަހަރެން ރައްޓެހިވި ފުރަތަމަ މީހާއެއް ނޫނެވެ. އަދި އެއީ މީހަކު އަހަންނާއި ދޭތެރޭގައި އެގޮތަށް ކަންތައް ކުރި ފުރަތަމަ ފަހަރެއްވެސް ނޫނެވެ. ކައިވެނީގެ ވާހަކަ ދެކެވޭ ހިސާބުން ކޮންމެ މީހަކުވެސް ހަދަނީ ހަމަ އެހެންނެވެ.މަގުބޫލު ސަބަބެއް ނެތި އަހަންނާއި ދުރަށް ދަނީއެވެ.

****

ކޮންމެ މީހަކާއި ރައްޓެހިވެގެން އުޅުނުއިރުވެސް އަހަންނަށް ފާހަގަކުރެވުނު ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ވަކި ހިސާބަކުން ދެމީހުންގެ ދެމެދުގައި ކޫސަނި މައްސަލަތައް ޖެހޭލެއް ގިނަވިއެވެ.އަހަރެންނަށް ކިރިޔާ ވެސް ނިދި ޖެހިލާއިރަށް ’ސްލީޕް ޕެރާލިސިސް‘ އޭ މި ކިޔާ ކަންތައް ނުޖެހޭ ފަހަރެއްވެސް މަދެވެ. އަދި އެ ގޮތަށް ވެފައި އޮންނައިރު ކައިރީގައި މީހަކު އުޅޭ ކަމުގެ އިހުސާސް އަހަންނަށް ކުރެވެއެވެ.އަހަރެންގެ ގައިގައި ބީހޭކަންވެސް އެނގެއެވެ.ދެން ހޭވެރިކަމެއް ވެގެން ބަލާލާއިރު އަހަރެންގެ ގައިގެ އެތަން މިތަން ހުންނަނީ ރަތްވެ ނޫފައިގެންފައެވެ. ޙާއްސަ ގޮތެއްގައި އަހަރެންގެ މޭމައްޗާއި ފަލަމަސްގަނޑުގައި ނިޝާންތައް ގިނައިން ހުންނަކަން އަހަންނަށް ފާހަގަ ކުރެވުނެވެ.ފެންވަރަން ފާޚާނާއަށް ވަނަސް ކައިރީގައި މީހަކު ހުންނަ ކަމުގެ އިޙްސާސް އަހަންނަށް އަބަދުވެސް ކުރެވެއެވެ. އެހެނަސް އަޖައިބުވާ ކަމަކީ އަހަރެން އެއްވެސް ވަރަކަށް އެކަމާއި ބިރު ނުގަންނަކަމެވެ.ރޭގަނޑު ދަންވަރު މަތި ހިޔާ ނުކޮށް ހުންނަ ގިފިލިން އަހަރެން އެބަ ފެންވަރަމެވެ.

****

އުމުރުން ތިރީހަށް ވުރެ މައްޗަށް ދިޔައިރުވެސް އަހަންނަށް ދިރިއުޅުމެއް ފެށޭ ގޮތެއް ނުވިއެވެ. ވަކި ހިސާބަކުން ކޮންމެ މީހަކުވެސް އަހަންނާއި ދުރަށް ދާތީ މަންމަމެން ކަންބޮޑުވުން ފާޅުކުރަން ފެށިއެވެ.އަދި އެއީ އާދައިގެ ކަމެއް ނޫނޭ ވެސް ކިޔަން ފެށިއެވެ.އެހެނަސް އަހަރެން އެކަން ގަބޫލެއް ނުކުރަމެވެ.އަދި ހަމަ މީހަކަށް މީހަކާ ނީނދެވުނޭ ކިޔާފައި ޖިންނި ޝައިތާނުންގެ ބޮލުގައި ތުހުމަތު އަޅުވަން ޖެހޭ ކަމަކަށް އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ.އަހަރެން ދުށް ގޮތުގައި އެއީ ވަރަށް ފީކަޅާ ވާހަކަތަކެކެވެ.

****

އެހެނަސް އަހަރެންގެ އެފަދަ މައްސަލައެއް ހުރިތޯ ބަލަން ރުގްޔާ ކުރާ މީހަކު ލައްވާ އަހަރެން ޓެސްޓު ކުރަން މަންމަމެން ނިންމިއެވެ. ކަމުގެ ހަގީގަތް ފެންމަތިވެގެން ދިޔައީ އެހިސާބުންނެވެ.

****

ރާގީ ބުނެގެން ޢައުރަ ރަނގަޅަށް ނިވާވާ ކަހަލަ ހެދުމެއް ލައި ފައިތިލަވެސް ނިވާކޮށްގެން އަހަރެން އެރޭ އެ ކޮޓަރިތެރެއަށް ވަތް އިރު އަހަރެންގެ އަނގައިގައި ޗުއިންގަމެއްވެސް އޮތެވެ.ރާގީގެ އެދުމަށް އެ ކޮޓަރި ތެރޭގައި އަހަރެންގެ މަހުރަމުންގެ ގޮތުގައި ބައްޕައާއި ބޭބޭވެސް ހާޒިރުކޮށްފައި ތިއްބެވެ. ބޭނުމަކީ އަހަރެން މައިތިރި ކުރުވަން އަތްލާން ޖެހިއްޖެ ހާލަތެއްގައި މަހުރަމުން ލައްވާ އަހަރެން ހިފެހެއްޓުމެވެ.

****

އަހަރެން ގިބްލައަށް ކުރިމަތި ކުރުވާފައި އަހަންނަށް ކުރިމަތިވެދާނެ އުނދަގޫތަކުގެ ވާހަކަ އޭނާ ވަރަށް ރަނގަޅަށް އޮޅުންފިލުވައި ދިނެވެ. އޭރު އަހަރެން ހުރީ އެތަނުން ނުނިކުމެވިގެން ރުޅި ގަދަވެފައެވެ. އެމީހާ ވާހަކަ ދައްކާ ވަރަކަށް އަހަރެންގެ ބޮލުގައި ރިއްސާހެންވެސް އަހަންނަށް ހީވިއެވެ.

****

ރާގީ ރުގްޔާގެ އާޔަތްތައް ކިޔަވަން ފެށިއެވެ.ފުރަތަމަ އަހަންނަށް އެއްވެސް ގޮތެއް ނުވެއެވެ.އަހަރެންގެ އެއްވެސް ކަމެއް ނެތެއް ނޫންހޭ ކިޔާ އެތަނުން ނުކުމެގެން ހިނގައިދާނަމޭ އަހަރެންގެ ހިތަށް އެރި ވަރެއްގެ އަދަދެއް ނޭނގެއެވެ. އެހެނަސް ވަކި ހިސާބަކުން އޭނާ ބައެއް އާޔަތްތަކުގެ ބައެއް ތަންކޮޅު ކޮޅު ތަކުރާރުކޮށް ކިޔަވަން ފެށިއެވެ. އެ ހިސާބުން އަހަންނަށް ވަރަށް އެހެން ކަހަލަ ގޮތްތަކެއް ވާން ފެށިއެވެ.ފައިތިލައިން ފެށިގެން މައްޗަށް ތިނޯސް ކަށިތަކެއް ހަރަމުން ދިޔަ ފަދަ އިހުސާސެއް ކުރެވެން ފެށިއެވެ.އަތް ފައި ފިނިވެ މީހާ ދެއަތަށް ކިރެން ފެށިއެވެ. އަހަންނަށް ވާނުވާ އެނގުނެއް ކަމަކު އަހަރެންގެ އިޚުތިޔާރުން ބޭރުގައި އަހަރެންގެ ހަށިގަނޑު ކުރަމުން ދިޔަ އެއްވެސް ޙަރަކާތަކަށް އަހަންނަކަށް ބާރެއް ނުފޯރުވުނެވެ.އަހަރެން ބިރުގަތީ ދެނެވެ.އޭރުވެސް ރާގީ ހުއްޓާނުލައި ކިޔަވަމުން ދިޔައެވެ.

****

ކުއްލިއަކަށް އަހަރެންގެ ކަރު ފުފިގެން ދިޔައެވެ.އެއާއިއެކު މުޅި ކޮޓަރިތެރޭގައި ގުގުމައިގެން ދިޔައީ އަހަރެންގެ ކަރު ބުޑުން ނުކުތް ބަރު,އެހާމެ ބިރުވެރި ހަޅޭކެއްގެ އަޑެވެ. ޚުދު އަހަރެންގެ އަމިއްލަ ނަފްސަށްވެސް ސިހުން ލިބިގެން ދިޔައެވެ. އާއެކެވެ. ލިބެމުން ދިޔަ ވޭނަށް ކެތްނުވެގެން ’އެ ޖިންނި ‘ ހާޒިރުވެ އަހަރެންގެ ހަށިގަނޑުގެ ކޮންޓުރޯލު ނެގީއެވެ.

****

ރާގީ އެސޮރާއި ސުވާލު ކުރަން ފެށުމުން އެ ފުލު ފުލުގައި ހަދަން ފެށީ ހުސް ބުހުތާނު ދޮގެވެ. ނަން ބުނީވެސް އެތައް ފަހަރަކު އެހި ފަހުންނެވެ. އޭނާގެ ނަމަކީ އަބިޔަލް އެވެ. މުސްލިމެއްވެސް ނޫނެވެ.

****

އަހަރެންގެ އަނގައިން ވާހަކަ ދައްކަމުން ދިޔައީ އަހަރެންނަށް ނުވިޔަސް ބައްޕަމެންގެ ކުރިމަތީގައި އެ މަޚުލޫގު އަހަރެންގެ ދުލުގެ ކޮންޓުރޯލު ހޯދައިގެން އެންމެ ހުތުރު ވެގެންވާ ބަސްތަކުން އެއްޗެހި ގޮވާ ހަދަން ފެށުމުން އަހަރެން ލަދުން މަރުވާ ވަރުވިއެވެ.

****

އަހަރެންގެ ހަށިގަނޑު ދޫކޮށްލައި ދިއުމަށް ރާގީ އެސޮރަށް ނަސޭހަތްތެރިވަމުން ދިޔައެވެ. އެހެނަސް އަނގައިގެ އެއްކޮޅު އޮއްވައި އަހަރެން ދޫކޮށް ނުލާނަން ކަމުގައި އެސޮރު ބުނެއެެވެ.އަދި އަހަންނަކީ އެސޮރުގެ ލޯބިވެރިޔާއޭވެސް ބުންޏެވެ. އެހެނަސް ރާގީ އެސޮރަށް ދުލެއް ނުދިނެވެ.ބައްޕައާއި ބޭބެ ލައްވައި އަހަރެން ރަނގަޅަށް ހިފަހެއްޓިއެވެ.އެއަށްފަހު ކޮޓަރިތެރޭގައި ކިޔާވާފައި ހުރި ބޮޑު ފެން ޓައްޕުން ފެން ނަގައި، ކިޔަވަމުން, ރާގީ އަހަރެންގެ ބޮލަށް ފެން އަޅަން ފެށިއެވެ. އޭރު އަހަރެން ގަދަ ދައްކާ ވަރުން ބައްޕައާއި ބޭބެއަށް އަހަރެން ހިފަހައްޓައިލެވެނީ ހަމަ ކިރިޔާއެވެ.

****

އަހަރެންގެ ގައިގައި އެ ފެން ޖެހުނު ވަގުތު ވީ ފިނިން އަހަރެންްގެ ކަށިތައްވެސް ރޫ ރޫ އަޅައިގެން ދިޔަހެން ހީވިއެވެ.ދެން ގައިގެ އެތަން މިތަނުން ނަގައިގަތީ ނުލަފާ ދިލައެކެވެ. އޭރުވެސް އަހަރެންގެ ކަރުބުޑުން އެ ބިރުވެރި ހަޅޭކުގެ އަޑު ނުކެނޑެއެވެ. އަހަރެންގެ ހަށިގަނޑަށް ތަދު އިހުސާސް ވިޔަސް ހަގީގަތުގައި ވޭން އަޅަމުން ދިޔައީ އެސޮރުގެ ހަށިގަނޑުގައެވެ.

****

އެސޮރު ބަލިކަށި ވާންދެން ރާގީ ހުއްޓައިނުލާ ފެން އަޅަމުން ދިޔައެވެ.އޭރު ލިބެމުން ދިޔަ ވޭނަށް ކެތް ނުވެގެން އެ ބިރުވެރި އަޑުން އެސޮރު ރޮއެ ހޭރި ނަގައެވެ. އޭރުވެސް ގޮތް ދޫ ނުކުރަންވެގެން ވަރަށް ވަރު ދައްކަ އެވެ. ރާގީ އިސްލާމްދީނަށް ގޮވައިލުމުންވެސް  ފުރަތަމަ ކުރީ އިންކާރެވެ. އެހެނަސް ދެންމެ ދެންމެ ދެން މި މަރުވަނީއޭ ހީވީމާ އޭނާ ދޫކޮށްލާށޭ އަހަރެންގެ ހަށިގަނޑު ދޫކޮށްލާނަމޭ ކިޔާ ރޮއެ އާދޭސްކުރަން ފެށިއެވެ.

****

ރާގީ ދެވަނަ ފަހަރަކަށްވެސްް އެސޮރަށް އިސްލާމްދީނަށް ގޮވައިލިއެވެ.އިސްލާމް ދީނުގެ މަތިވެރިކަމާއި އެ ދީނުގެ އަސާސްތައް ރަނގަޅަށް އޮޅުން ފިލުވައިދިނެވެ.އަދި އިސްލާމްވެ، ތެދަށް ހުރިހާ އެއްޗެއް ކިޔައިދިނުމަށް ފަހު އަހަރެންގެ ހަށިގަނޑު ދޫކޮށް ދިއުމަށް ބުންޏެވެ.

****

އެންމެ ފަހުން އެ ޖިންނި ހަތިޔާރު ބެހެއްޓިއެވެ.ރާގީގެ އަޑު ދަށުން ޝަހާދަތް ކިޔައި، އިސްލާމްވިއެވެ. އަދި އިސްލާމީ ނަމަކަށް އޭނާގެ ނަންވެސް ބަދަލުކުރިއެވެ.މިހާރު އޭނާގެ ނަމަކީ އަމްރު އެވެ.

****

އިސްލާމްވުމަށްފަހު، އަހަންނަށް އަމްރުގެ ފަރާތުން ކުރިމަތިވި އުނދަގޫތަކުގެ ހަގީގަތް އޭނާ ކިޔައިދިނެވެ. އަހަންނަށް ލިބުނީ ޝޮކެކެވެ. ހަގީގަތުގައި އަހަރެންގެ ކުށްވެސް އޭގައި އޮތީމައެވެ.

****

އަމްރުއަށް އަހަރެންް ފެނުނީ އަހަރެންގެ އުމުރުން ފަނަރަ ވަރަކަށް އަހަރުގައެވެ. އޭނާ އަހަރެންގެ ފަހަތުން އައީ އެއްދުވަހަކު އަތިރިމަތީ ހޭޅިފަށުގައި އެއްފުރާ ކުދިންތަކަކާއިއެކު ސަކަރާތް ގަންނަން އުޅެފައި އަހަންނަށް ބުނެވުނު އެއްޗެއްގެ ސަބަބުންނެވެ. އެދުވަހު އަހަންނަށް ބުނެވުނީ (ވަކި މީހެއްގެ ނަން ނުކިޔާ) އަހަރެންގެ ފަހަތުން އަންނާށޭއެވެ.އަސްލު އަހަރެން ބުނީ އެތާ އުޅުނު ކުދިންތައް ކައިރީގައެވެ.އެހެނަސް އަމްރުވެސް އެވަގުތު އެތާ ހުއްޓާ އަހަރެން ވަކި މީހެކޭ ނުބުނެ އެ ބީދައިން ބުނުމުން އޭނާވެސް އަހަރެންގެ ފަހަތުން އައީއެވެ.

****

އަމްރުއަކީވެސް އޭރު ފުރާވަރުގެ ޖިންނިއެކެވެ. ދެން މިވީ ގޮތަކީ ދެ ނަސްލެއް ކަމަކު އަމްރުއަށް އަހަރެން ކަމުދިޔައީ އެވެ.އިންތިހާއަށް ލޯބިވެސް ވެވުނީއެވެ. އަހަރެންގެ ފަރާތުން ލޯބި ހޯދަންވެސް އޭނާ ބޭނުންވީއެވެ.އެހެނަސް އަހަރެން ހަމަ ހޭގައި ހުރެގެން އޭނާއާއި އެކު އެފަދަ ގުޅުމެއް ނުބާއްވާނެކަން އެނގޭތީ އަހަންނަށް ނިދުނީމައި އަހަންނާއި ގާތްވެ އަހަރެންގެ ހަށިގަނޑުން އުފާ ހޯދަން ފެށީއެވެ. އަހަރެންނަށް އިހުސާސްވި ބިހުންތަކާއި އަހަރެންގެ ހަށިގަނޑުގައިލީ ނިޝާންތަކާއި އެ ’ސްލީޕް ޕެރާލިސިސް‘ތަކުގެ އަސްލަކީވެސް އެއީއެވެ.

****

ދެން ވީގޮތަކީ އަހަރެން މީހުންނާއި ރައްޓެހިވާން ފެށުމުން އަމްރު ގާތަށް ރުޅިއައީއެވެ.އަހަރެން ރައްޓެހިވާ ކޮންމެ މީހަކު އަހަރެންގެ މަތިން ފޫހިކޮށްލައި ކޮންމެ ފަހަރަކުވެސް އަހަރެންް އެކަނިވެރި ކޮށްލަނީ ހަމަ އޭނާއެވެ.އޭނާ ފިޔަވައި އިތުރު އެހެން މީހަކު އަހަންނާއި ވައިވެސް އެޅޭކަށް އަމްރުގެ ހިތެއް ނޭދުނެވެ.

****

ހަގީގަތް ކިޔައި ދިނުމަށްފަހު، އޭނާ އަހަރެންގެ ހަށިގަނޑުން ނުކުންނަން ފެށި ވަގުތު އެކަން އަހަންނަށް ވަރަށް ރަނގަޅަށް އިހުސާސްވެސް ކުރެވުނެވެ.ހަށިގަނޑަށް މަޑުމަޑުން ލުއި ލިބެން ފެށިއިރަށް އަހަރެންގެ ކަނާއަތް އުފުލި ތުރުތުރެއް އަޅައިގަތެވެ.އެއަށްފަހު ކުއްލިއަކަށް އަހަންނަށް އިހުސާސްކުރެވުނީ އިންތިހާ ވަރުބަލިކަމެވެ. ހަށިގަނޑަށް ލިބިފައިވި ލޮޑުކަމުގެ ސަބަބުން އަހަރެންގެ ކަކުލު ހުޅުން ވާގި ދޫވާ ގޮތްވިއެވެ.ބޭބެއާއި ބައްޕަ އަވަސް އަވަހަށް އަހަރެން ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ. އޭރު އަހަންނަށް މައިނޭވާ ލެވެއެވެ.

****

އެދުވަހަށްފަހު އަހަރެންގެ އުޅުން އިސްލާހު ކުރެވޭތޯ އަހަރެން ގަދައަޅައި މަސައްކަތްކުރަން ފެށީމެވެ.ފަސްވަގުތު ނާޅައި ނަމާދުކޮށް،ގުރުއާން ކިޔަވައި އަބަދުވެސް ކޮންމެވެސް ޒިކުރެއްގެ މަތީގައި ހުރެވޭތޯ ބަލަން ފެށީމެވެ.މާތް ރަސްކަލާނގެ އިރާދަފުޅުން އޭގެ ފަހުން އަހަންނަކަށް އެކަހަލަ އެއްވެސް އުނދަގުލެއް ނުވެއެވެ.

****

މިއަދު އަހަރެން މިވަނީ އެކަމުން އެއްކޮށް ސަލާމަތްވެ، ޒަވާޖީ ޙަޔާތެއް ވެސް ފަށައިފައެވެ.މިހާރު އަހަރެންްގެ ދެ އަހަރަށް ދާ ލޯބި ލޯބި އަންހެން ކުއްޖަކުވެސް އެބަހުއްޓެވެ. ދިރިއުޅުން ކިތަންމެހާއިވެސް އުފާވެރި އެވެ.އެހެނަަަސް އެ ކަޅު ހަނދާންތައް، ދުވަހަކުވެސް އަހަރެންގެ ހިތަކުން ފިލައިގެނެއް ނުދާނެއެެވެ.

 

*ނިމުނީ*

 

 

 

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ކުށަކާ ނުލާ

Next

އަބަދަށް-3

Next
April 10, 2025

އަބަދަށް-3

Previews
April 10, 2025

ކުށަކާ ނުލާ

4 Comments!

  1. The GHOST says:
    April 14, 2025 at 7:35 pm

    Nice ekm the ghost ge koosani javaabu genai nama salhi veees!!

    1. Lamtty Lamtty says:
      April 14, 2025 at 9:28 pm

      Thank you 😊

  2. __devil__09 says:
    April 16, 2025 at 10:10 pm

    vaahaka vrh reethi. iburaithri ves me. namaves basmagu ranganlhu kolan vaane.

    1. Lamtty Lamtty says:
      April 16, 2025 at 10:27 pm

      Thank you

Comments are closed.



All Right Reserved!