ހިތް އެދޭ މަންޒިލަކީ… 1
އިރު އޮއްސެމުން ދިޔަ ހިތްގައިމު ވަގުތުކޮޅެވެ. މުޅި އުދަރެސް ރަތާއި އޮރެންޖު ކުލައިން ފެވެމުން ދިޔައީ ކުޅަދާނަ ކުރެހުންތެރިއެއްގެ ފިއްސަކުން ކުލަތައް ބުރުއްސައިލާނޭހައި ވެސް ފުރިހަމައަށެވެ. ތުނިތުނި ވިލާތައް ޖެހެމުން ދިޔަ ލުއިލުއި ވައިރޯޅިތަކާ އެކުވެގެން އުދަރެސް ފަޅުވިލުވައިދެމުން ދިޔަ ނަމަވެސް، ކަނޑުގެ ލޮނުގަނޑުގެ ތެރެއަށް އިރު ގެއްލިގެން ދިޔުމާއި އެކު އުދަރެހަށް ވެރިވި އަނދިރިކަމާއި އެކުގައި އުޑުގައި ނަށަމުން ދިޔަ ވިލާތަކުގެ ކުލަ ވެސް ފަނޑުވާން ފަށައިފިއެވެ. އިސާހިތަކު ދޫނިސޫފާސޫފީގެ މިޔުޒިކީ ރާގުތަކުން މާހައުލުގެ ހަމަހިމޭންކަން ގެއްލި ދިޔަ އިރު، ރޭގަނޑުގެ ރަނިކަމަނާ ކަމުގައިވާ ބެބުޅުން ވަރުގަދަ ހަނދު، އޭގެ ފަހުލަވާނުން ކަމުގައިވާ ތަރިތަކާ އެކީ ކަޅު ފިއްސަކުން ގަނޑެއްގައި ފަވައިލެވިފައިވާ ފަދަ އަނދިރި އުޑުމަތި، އޭގެ ޒާތުގައިވާ އަލިކަމުން ޖަރީކޮށްދޭން ފަށައިފިއެވެ.
“ޕިސް އަޅޭ ކުޑާ ފޯނު ނަގާބަލަ..” ގޭ ދޮރުމަތީގައި ހުރެގެން ފޯނުގެ ފިތްތަކަށް ފިތަން ހުރެ ލިވްޔާ ތަސްބީހަ ފައްޗެއްހެން ކިޔަމުން ދިޔައެވެ. ހަވީރު ބޭރަށް ދިޔަ އިރު ގޭގެ ތަޅުދަނޑި ނުލައި ދެވުމުން، އަނބުރައި ގެއަށް އައި އިރު ބޭރުގައި ހުންނަން ޖެހުނީ ގެއަށް ވަންނާނެ ގޮތެއް ނެތިފައެވެ. ލައިނީގެ ފޯނަށް އެތައް ފަހަރަކު ގުޅަމުން ދިޔަ ނަމަވެސް ލައިނީ ފޯނު ނުނަގާތީ ލިވްޔާ ހިތާހިތުން ލައިނީއަށް ކުދިކިޔަމުން ދިޔައެވެ.
“އަޅޭ ކުޑާ! އަހަރެން ކިހައި އިރެއް ވެއްޖެ މިހާރު ގުޅާތާ..؟ ކޮންތާކަށް ފޯނު ލައިިގެންތަ ތި އުޅެނީ..؟” ބާރަވަރަކަށް ފަހަރު ގުޅި ފަހުން ލައިނީ ފޯނު ނެގުމުން ލިވްޔާ ކުދިކިޔައިގަތެވެ.
“ސާބަހޭ ލިވީ.. ކުޑާ ބޭރުގަ އުޅުނީމައޭ ފޯނު ނުނެގުނީ..” އަޑު އައީ ލިވްޔާގެ ފަހަތުން ކަމުން ލިވްޔާ އަވަސް ހަރަކާތަކާ އެކީ ފަހަތަށް މޫނު އަނބުރައިލިއެވެ. އޭރު އޭނާގެ ފަހަތުގައި ހުރި ލައިނީ ހިނިތުންވެލާފައި ފޯނު ކަންފަތާ ދުރުކޮށްލުމުން ލިވްޔާ ވެސް ފޯނު ކަނޑައިލިއެވެ.
“ދެން އެކަމް އެވަރަށް ގުޅި އިރު ވެސް ކުޑާއަށް ހަމަ ނޭނގެނީ އަހަރެން ގުޅިކަން..؟ އެނގެއެއްނު އަހަރެން ބޮޑު ކަމެއް ދިމާވެގެން ނޫނީ އެހައި ވަރަށް ނުގުޅާނެކަން..” ލައިނީ ދޮރު ހުޅުވުމުން އެތެރެއަށް ވަދެފައި ވެސް ލިވްޔާ އޭނާގެ ޝަކުވާތައް ހުއްޓާކަށް ނޫޅުނެވެ. އެހެނަސް ލިވްޔާގެ ގޮތް އެނގޭތީ ލައިނީ ވެސް އެކަމަކާ މާ ބޮޑަކަށް އަޅައެއް ނުލައެވެ.
“ހޫމް ދެން އޯކޭއޭ.. ދެން ދޭބަލަ ބައްޕަ ކޮބައިތޯ ބަލައިލަން.. ކުޑާ ދަމުން ދިޔައީ ބައްޕައަށް ހަވީރު ސައިދީފަ.. ލިވީ މިރޭ ކާންދެއްޗޭ.. ކޯޗެއް މިރޭ ހަދާނީ..؟” އަޅައިގެން ހުރި ޝޯލް ބާލަމުން ލައިނީ އަހައިލިއެވެ.
“މުގުރިހަ ހަދަންވީނު..؟ ބައްޕައަށް ވަރަށް ކަމުދާނެ..” ބައްޕަގެ ކޮޓަރިއަށް ވަންނަމުން ލިވްޔާ ބުނެލިއެވެ. އެއާއެކު ލައިނީ އޭނާއާއި ލިވްޔާއަށް ޚާއްސަ ކުރެވިފައިވާ ކޮޓަރިއަށް ވަނީ ބަދިގެއަށް ވަނުމުގެ ކުރިން އެއްޗެހި ބަދަލުކޮށްލާ، މަޣްރިބު ނަމާދު ކުރުމަށެވެ.
“ބައްޕާ.. ރަނގަޅުތަ..؟” ބައްޕަގެ ކޮޓަރިއަށް ވަދެފައި ދޮރު ޖަހަމުން ލިވްޔާ އަހައިލި އިރު އެ އަޑުގައި ވަނީ އޯގާތެރިކަމެވެ. އެއާއެކު އެނދުމަތީގައި އޮތް އަނީސް އުނދަގުލުން ބޯ ޖަހައިލީ އާާއެކޭ ބުނާ ފަދައިންނެވެ. އެއަށްފަހު ކަނާއަތް ކުޑަކޮށް އުފުލައިލާފައި ލިވްޔާއަށް ކުޑަ އިޝާރާތެއް ކޮށްލުމާއި އެކު ލިވްޔާއަށް ބައްޕަ އެބުނާ އެއްޗެއް ފަހުމްވާކަށް އިރުތަކެއް ނުނެގިއެވެ.
“ވުޟޫ ކުރަންވީ ދޯ.. މަޑުކުރޭ އަހަރެން އެބަ އަންނަން..” އެހެން ބުނުމަށް ފަހު ލިވްޔާ ފާޚާނާއަށް ވަދެފައި ނުކުތް އިރު އަތުގައި ފެން ޖަގަކާއި، ހުސް ތައްޓެއް އޮތެވެ. އަވަސް ފިޔަވަޅުތަކަކާއި އެކު ލިވްޔާ އައިސް އަނީސްގެ މަގަތުގައި އިށީންނަމުން އަނީސްގެ ވުޟޫ ކޮށްދޭން ފެށިއެވެ. ލިވްޔާގެ އަނގަގަދަ މިޒާޖާ އެކީ މުޅި ދުވަހު ކަންތައްވީ ގޮތް އަނީސަށް ކިޔައިދެމުން ދިޔަ އިރު، އެ އަޑުގައިވީ އާދަޔާޚިލާފު އުފާވެރިކަމަކާއި ޖޯޝެކެވެ. ދަރިފުޅުގެ ވާހަކަތައް ޝައުގާއި އެކު އަޑުއަހަން އޮތް އިރު އަނީސްގެ ތުންފަތް ކަނާއަތް ފަރާތުން ދެމިފައިވީ ކުޑަ ހިނިތުންވުމަކުންނެވެ. ދަރިފުޅުގެ ކޮންމެ އަދާއަކާއި، ބުނެލާ ކޮންމެ ބަހެއް ވެސް އެ ހިތުތެރޭގައި ކަނޑައިނެގިގެން ދާ ފަދައެވެ.
“ނިމުނީ.. ބައްޕަ ދެން އަވަހަށް ނަމާދު ކޮށްލާ.. އަހަރެން ވެސް މި ދަނީ ނަމާދު ކުރަން.. އެނގޭތަ..؟ ކުޑާ އެބަ އުޅޭ މިރޭ މުގުރިހަ ހަދަން.. ބައްޕައަށް ވަރަށް ކަމުދޭނު ދޯ..؟ ކުޑާ ބުނާނެ ކުޑާގެ އައިޑިޔާއެކޭ.. އެކަމަކު ގަބޫލު ނުކުރާތި އިނގޭ.. އެއީ ހަމަ އަހަރެންގެ އައިޑިޔާއެއް.. ބައްޕަގެ ފޭވަރިޓްއަށް ވާން ވެގެން ކުޑާ ވަރަށް ވާހަކަ ހަދަހަދައިގެން ދައްކާނެ..” ގެނައި އެއްޗެހި އަނބުރައި ފާޚާނާއަށް ލުމަށް ފަހު ނުކުތް އިރުވެސް ލިވްޔާގެ ވާހަކަ ނުކެނޑެއެވެ. އެންމެ ފަހުން އަނީސަށް ނަމާދު ކުރެވޭ ވަރު ވީ ވެސް ލިވްޔާ އެ ކޮޓަރިން ނުކުތުމުންނެވެ.
ބައްޕަގެ ކޮޓަރިން ނުކުމެގެން އޭނާގެ ކޮޓަރިއަށް ވަން އިރު ލައިނީ ސަލާމް ދީފައި ދުޢާއަށް އަތް ނަގަނީއެވެ. ލައިނީއަށް ނީވޭނެހައި މަޑުމަޑުން ދޮރު ލައްޕައިލާފައި، ބޮލުގައި އޮތް ޝޯލް ބާލަމުން ލިވްޔާ ފާޚާނާއާ ދިމާއަށް އަޅައަޅައި ހުރި ފިޔަވަޅުތައް ހުއްޓުނީ ލައިނީ ކުރަމުން ދިޔަ ދުޢާ އަޑު އިވިފައެވެ.
“ޔާﷲ.. މިއަޅާގެ ބައްޕައަށް އަވަސް ޝިފާއެއް ދެއްވާށި.. ޔާﷲ.. މިއަޅާގެ ކޮއްކޮއަށް މިއަށް ވުރެ އުޖާލާ މުސްތަޤުބަލެއް ދައްކަވާށި.. އެ ކޮއްކޮގެ ޙަޔާތަށް މިއަށް ވުރެ އުފާވެރި ދުވަސްތަކެއް ގެންނަވާށި.. ކޮއްކޮ މިއަދު ވަމުން އެދާ ހުރިހައި ޤުރުބާނީއެއްގެ އަގު އޭގެ އެންމެ ފޮނި ގޮތުގައި ކޮއްކޮއަށް ދެއްވާށި.. އަބަދުވެސް ލިވީއަށް ހެޔޮގޮތް މިންވަރު ކުރައްވާންދޭވެ..” ލައިނީގެ ދުލުން ބޭރުވި ކޮންމެ ލަފްޒަކާއި އެކު އެ ރީތި ދެލޮލުން ކަރުނައެއް ފައިބަމުން ދިޔައެވެ. އެއިން ކޮންމެ ކަރުނަތިއްކަކުން ވެސް އެ ހިތުގެ ވޭނާއި އުދާސްތައް ކިޔައިދެމުން ދިޔައެވެ.
ދުޢާކޮށް ނިމިގެން ލައިނީ މޫނުގައި އަތް އަޅައިލުމާއި އެކު ލިވްޔާ ފާޚާނާއަށް ވަދެ މިފަހަރުވެސް ލައިނީއަށް އަޑު ނީވޭނެހައި މަޑުން ދޮރު ޖަހައިލިއެވެ. ފާޚާނާގެ ދޮރުގައި ލެނގިލަމުން ހަށިގަނޑުގައިވީ ހުރިހައި ވާތްގެއް ދޫކޮށްލި އިރު އެ މުށި ކުލައިގެ ފުން ދެލޯ ވަނީ ކަރުނުން ބަރާވެފައެވެ. އެހެނަސް އެ ކަރުނަތަކަށް މިނިވަންވާނޭ ފުރުސަތު ދީފި ނަމަ ގިސްލުމުގެ އަޑު ބޭރުވެދާނެ ކަމުގެ ބިރަށްޓަކައި ލިވްޔާ އަނގަމަތީގައި އަތް އަޅައި ބާރުކޮށްލިއެވެ. ލޯބިވާ ދައްތަ މިހާރު ވެސް އެވަރަށް އޭނާއާއި މެދުގައި ވިސްނަމުން ދިޔަ އިރު އެ ހާސްކަމުގެ ތެރެއަށް އިތުރު ބޮޅެއް ގަތަން ލިވްޔާ ބޭނުން ނުވީއެވެ.
ކޮޓަރީގެ ދޮރު ޖެހުނު އަޑާއި އެކު ލައިނީ ނުކުތީކަން އެނގުމުން ލިވްޔާ މިއޮށް ހުރިހައި އިރަކު ހިފަހައްޓައިގެން ހުރި އުދާސްތައް ކަރުނައިގެ ސިފައިގައި ބޭރުވާން ފަށައިފިއެވެ. އެ ރީތި ދެލޮލަށް ހިޔަނި އަޅާފައިވާ ދިގު އެސްފިޔަތައް ދެފަހަރަކު ޖަހައިލުމާއި އެކު އެ ދެލޮލުގެ ތެރޭގައި ގައިދުވެފައިވީ ކަރުނަތައް ކޯތާފަތް މައްޗަށް މިނިވަންވެގަތެވެ.
ލިވްޔާގެ ޢުމުރުން އެންމެ ތިން އަހަރުގައި، އަދި ލައިނީގެ ޢުމުރުން އެންމެ ފަސް އަހަރުގައި މަންމައެއްގެ ލޯބިން އެދެބެއިން މަޙުރޫމުވެގެން ދިޔައީ، ދިމާވި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެބެއިންގެ މަންމަ މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔައި ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރުމުންނެވެ. އެދުވަހަށް ފަހު ކަށީގައި ނެތް ހިތްވަރު ލައިގެން އެދެކުދިން ބެލުމުގެ މަސައްކަތް ކުރީ އެދެކުދިންގެ ބައްޕައެވެ. ވަޒީފާ އަދާކުރަމުން، ގޭތެރޭގެ ކަންތައްތައް ކުރަމުން، ދެބެންގެ ކަންތައް ވެސް ކޮށްދެމުން އަނީސް ދިޔައީ އެއްވެސް ޝަކުވާއެއް އަދި ހިތްބުރަ ކަމެއް ވެސް ނެތިއެވެ. ހައްޓަށް ކިތަންމެ ވަރުބަލިވެފައި، ނަފްސަށް ކިތަންމެ ވޭނެއް އިހުސާސް ވިޔަސް އެކަން ދުވަހަކުވެސް އަނީސް މޫނުމައްޗަކުން ނުދައްކާނެއެވެ. ލޯބިވާ ދެ ދަރީންނަކީ އޭނާއަށް މުޅި ދުނިޔެ ފަދައެވެ. އެ ރީތި ދެ ތުންފަތް މަތިން އުފާވެރި ހިނިތުންވުމެއް ދުށުމަށްޓަކައި އަނީސް ހުންނަނީ ޖާނުން ފިދާވާން ވެސް ތައްޔާރަށެވެ. މަންމައެއްގެ ލޯބި ނުދެވުނުކަމުގައިވީ ނަމަވެސް މަންމަ ނެތް ތަންވަޅު ފޫބައްދައިދިނުމަށް ޓަކައި ކުރެވެން ހުރި ހުރިހައި ކަމެއް އަނީސް ދިޔައީ ކުރަމުންނެވެ.
ކަންތައްތައް ބަދަލުވެގެން ދިޔައީ ލިވްޔާގެ އުމުރުން ވިހި އަހަރުގައެވެ. އޭރު އޭނާ ދިޔައީ މާކެޓިން ދާއިރާއިން ޑިގްރީއަށް ކިޔަވަމުންނެވެ. ބާވީސް އަހަރުގެ ލައިނީ ދިޔައީ ސްކޫލް ޓީޗަރެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުންނެވެ. ހަމައެކަނި ބައްޕައަށް ލިބޭ އެއްޗަކުން ދެކޮޅު ޖައްސަން އުނދަގޫވާތީ، ޑިގްރީ ނިންމައިލުމަށް ފަހު އިތުރަށް ކިތަންމެ ކިޔަވަން ބޭނުންވެ ހުރެފައި ވެސް ލައިނީ އޭނާގެ ހުވަފެންތަކަށް ފަސްއަޅައި ފޮރުވައިލީ އެއް ލޭ ހިނގާ ހުރި ހަމައެކަނި ކޮއްކޮއަށް ޓަކައެވެ. ލައިނީގެ އެ ނިންމުމާއި ދޭތެރޭގައި ހިތްހަމަނުޖެހިގެން ލިވްޔާގެ އިތުރުން އަނީސް ވެސް އެތައް ފަހަރަކު އެ ވާހަކަ ދެއްކި ނަމަވެސް ލައިނީ ހުރީ އެހައި ފަސޭހައިން ދޫކުރާ ގޮތަކަށް ނޫނެވެ. ޢުމުރުން ވީހައި ދުވަހެއް ވާންދެން ބައްޕަ އޭނާއަށް ޓަކައި ޤުރުބާން ވެއްޖެއެވެ. މިއަދު ބައްޕައަށް އަޅައިލަން ޖެހޭނީ އޭނާ ކަމަށް ވާއިރު، މުސްކުޅިވެ ބަލިކަށިވަމުން ދިޔަ ލޯބިވާ ބައްޕަ ލައްވައި ދެގުނަ މަސައްކަތް ކުރުވުމަކީ ލައިނީ ބޭނުންވާ ގޮތެއް ނޫނެވެ. ލިވްޔާ ޕާޓް ޓައިމް ވަޒީފާއަކަށް ދާން އުޅުމުން ލައިނީ އެކަން ހުއްޓުވީ ކިޔެވުމަށް ހުރަސް އެޅިދާނޭ ކަމަށް ބުނަމުންނެވެ. ލައިނީ އަކީ އާއްމު ގޮތެއްގައި މާ ގޮތްދޫނުކޮށް އުޅޭ ކުއްޖަކަށް ނުވި ނަމަވެސް، އެކަމުގައި އޭނާ ގޮތުގައި ހިފާލައިގެން ހުރުމުން ލިވްޔާއަށާއި އަނީސަށް މަޖުބޫރުވީ ހަތިޔާރު ބަހައްޓާށެވެ.
އެގޮތުގައި ފާއިތުވީ އެންމެ މަހެކެވެ. އަނީސް އޮފީހުގައި ހުއްޓައި ލިބުނު ޚަބަރަކުން ލިވްޔާ އާއި ލައިނީ ހޮސްޕިޓަލަށް ދިޔަ ދުވަހު އެ ދެކުދިންނަށް ލިބުނީ މުޅި ދުނިޔެ އެފުށްމިފުށަށް ޖަހައިލި ފަދަ ޚަބަރެކެވެ. ބައްޕައަށް ކުރިމަތިވި ނުރައްކާތެރި އެކްސިޑެންޓެއްގެ ސަބަބުން ބައްޕަގެ ހަށިގަނޑުގެ އެއްފަޅި ވާގި ނެތް ޚަބަރު ލިބުމާއި އެކު ފުރަތަމަ އެކަން ޤަބޫލު ކުރަން ދެކުދިންނަށް ވެސް އުނދަގޫ ވިއެވެ. އެދުވަހަށް ފަހު ހަށިގަނޑުގެ އެއްފަޅި ވާގި ގޮސްފައިވުމާއި އެކު ބައްޕައަކަށް ވާހަކައެއް ނުދެއްކެއެވެ. އެތައް ޑޮކްޓަރުންނަކަށް ވެސް ދެއްކުނެވެ. އެހެނަސް ކޮންމެ ޑޮކްޓަރަކު ވެސް ބުނަނީ ރާއްޖެއިން ބޭރަށް ފަރުވާ ހޯދުމަށް ދިޔުމަށެވެ. އަނީސަށް ބޭނުންވާ ފަރުވާ ރާއްޖެއިން ލިބެން ނެތް ކަމުގައެވެ. އެހެނަސް އެ ތަނަވަސްކަން އެކުދީންގެ ނެތީއެވެ. އެހެންކަމުން ދެކުދިން ވެސް ނިންމީ މިވަގުތު ބައްޕައަށް ދެވެން އޮތް އެންމެ ރަނގަޅު ފަރުވާ ދިނުމަށެވެ. ރާއްޖެއިން ދެވެން އޮތް ފަރުވާއެއް މިހާރުވެސް ބައްޕައަށް ދެމުން ދިޔަ ނަމަވެސް އެކަމުން މާ ބޮޑު އަލިމަގެއް ނުފެނެއެވެ. އެހެންކަމުން ލައިނީ މަނާކޮށްކޮށް ހުއްޓައިވެސް ލިވްޔާ ޕާޓް ޓައިމްކޮށް ވަޒީފާއަކަށް ދާން ފެށީ ލައިނީ އެކަނި ހުރިހައި ޚަރަދުތަކެއް ބަލަހައްޓަން އުނދަގޫވާނެކަން އެނގޭތީއެވެ. ދައްތަ އެކަނި ހުރިހައި ބުރައެއް އުފުލަން އޭނާ ބޭނުން ނުވާތީއެވެ.
އެދުވަހަށް ފަހު މިހާރު ދެ އަހަރު ވޭތުވެގެން ގޮސްފައިވާ އިރު ލިވްޔާ އަކީ މިއަދު މާސްޓާސް ކިޔަވައިގެން ހުުރި ކުޅަދާނަ މާކެޓިން ޑިރެކްޓަރެކެވެ. ދާދި އިހަކަށް ދުވަހު މާސްޓާސް ނިމުމުން، ކިޔަވަމުން ދިޔަ އިރު އަދާކުރި ޕާޓް ޓައިމް ވަޒީފާ ދޫކޮށްލާފައި ލިވްޔާ ބެލީ ކިޔެވި ދާއިރާއިން ދާއިމީ ވަޒީފާއެއް ހޯދޭތޯއެވެ. އެކިއެކި ކުންފުނިތަކަށާއި އޮފީސްތަކަށް ސިޓީ ލައިގެން އުޅޭ އިރު، އިންޓަވިއުއަށް ނުދާ ދުވަހެއް މަދުވާނެއެވެ. ކޮންމެ އިންޓަވިއުއަކަށް ފަހުވެސް ވަޒީފާ ލިބޭނެ ކަމަށް އުއްމީދު ކުރެވުނު ނަމަވެސް، އަދި އެ ނަސީބު އަތުގައި ހިފާ ގޮތް ވަނީ ނުވެފައެވެ. އެހެނަސް ލިވްޔާގެ ހުރި ކެރުންތެރި މިޒާޖާ އެކީ އޭނާ އަދިވެސް ދިޔައީ އުއްމީދު ކަނޑައިނުލައި މަސައްކަތް ކުރަމުންނެވެ.
ލައިނީ މިހާރު ވެސް ދަރުމަވަންތަ ސްކޫލުގައި ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދާ އިރު، އޭނާ އަކީ ހުރި ހިތްހެޔޮ މިޒާޖާ އެކީ ކިޔަވައިދޭ ހުރިހައި ކުދީންގެ ހިތްތައް ފަތަޙަ ކޮށްފައިވާ ކުޅަދާނަ މުދައްރިސެކެވެ. އުމުރުން ތޭވީސް އަހަރު ވެފައިވާ އިރު ވީހާވެސް އަވަހަކަށް ދިިއުޅުމެއް ފެށުމަކީ ލައިނީ ދެކެމުންދާ ނުހަނު ބޮޑު ހުވަފެނެކެވެ. ޔާނިއުއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ތިން އަހަރު ވެފައި ވާ އިރު ދެމީހުން ވެސް ތިބީ ކައިވެންޏަށް ތައްޔާރަށެވެ. އެހެނަސް ލައިނީ ކަންބޮޑުވަނީ އޭނާ ކައިވެނި ކޮށްގެން އެގެއިން ދިޔުމުން ބައްޕަ އާއި ލިވްޔާއަށް ވާނޭ ގޮތެއް ނޭނގޭތީއެވެ. ފަހަރުގައިވެސް އެދެމީހުން އެކަނި ހާލަށް ދޫކޮށްލާފައި އަމިއްލަ ދިރިއުޅުމައިގެން ކުރިއަށް ދިޔުމަކީ ލައިނީއަށް ކުރަން ކުޅަދާނަވާ ވަރުގެ ކަމެއް ނޫނެވެ. ގޮތެއް ފެންނަން ދެން ކައިވެނި ނުކޮށް އޭނާ އެ މަޑު ކުރަނީ އެ ސަބަބަށްޓަކައެވެ.
“ލިވީ..” އެކިއެކި ޚިޔާލުތަކަށް ގެއްލިފައި ހުރި ލިވްޔާއަށް ހަމަބިމަށް އާދެވުނީ ލައިނީ ފާޚާނާގެ ދޮރުގައި ޓަކި ޖަހަމުން ގޮވައިލުމުންނެވެ. އެއާއެކު އަވަސްއަވަހަށް މޫނު ފުހެލާފައި ލިވްޔާ ކަރުކެހެލީ އަޑު ކުރަކިވެފައިވާ ކަން ފޮރުވުމަށެވެ.
“އަވަސްކޮށްލައިގެން އާދެބަ ބަދިގެއަށް..” ލައިނީ ބުނުމާއި އެކު ލިވްޔާ މި ދަނީއޭ ބުނެފައި އަވަސްއަވަހަށް ވުޟޫކޮށްލިއެވެ. ފާޚާނާއިން ނުކުމެ މުސައްލަ ފަތުރައިލާފައި މަޣްރިބް ނަމާދުގެ ތިން ރަކްޢަތް ކޮށްލާފައި ދުޢާއަށް އަތް ނެގިއެވެ. ލައިނީއެކޭ އެއްފަދައިން އޭނާއަށް ވެސް ދުޢާ ކުރެވުނީ ބައްޕައަށް އަވަސް ޝިފާއެއް ދެއްވާތޯއެވެ. ދެން އޭނާގެ ދުޢާ އަކަށްވީ އަބަދުވެސް ލައިނީއަށް ހެޔޮ ގޮތް މިންވަރު ކުރެއްވުމެވެ. އެ ދައްތަ މިހާރުވެސް އޭނާއަށް ޓަކައި ކިހައި ވަރަކަށް ޤުރުބާން ވެއްޖެހެއްޔެވެ؟ އެވަރުން ވެސް ޤުރުބާންވީ ލިވްޔާ ކަމަށް ދެކިފައި ލިވްޔާއަށް ހެޔޮ ދުޢާ ކޮށްދޭނީ އެ ހިތް ހާދަ ހެޔޮވީމައި ހެއްޔެވެ؟
ނަމާދުން އަވަދިވެގެން ލިވްޔާ އޭނާގެ އުނަގަނޑާ ހަމައަށް އަރާ ބުޅި އިސްތަށިގަނޑު ހުޅިއެއް ޖަހައިލަމުން ކޮޓަރިން ނުކުތެވެ. ބަދިގެއަށް ވަން އިރު ލައިނީ ފެންނަން ނެތުމުން ލިވްޔާ ދެލޯ ކުޑަކޮށްލީ ދެންމެ އޭނާ ގާތު ބަދިގެއަށް އަންނަން ބުނި ލައިނީ މިހާރު ފެންނަން ނެތުމުންނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ލިވްޔާ ދެން ނުކުތީ ބެލްކަންޏަށެވެ. އޭރު ރެއިލިން ކައިރި ލައިނީ ހުރީ ފޯނެއްގައެވެ. ފޯނުން ވާހަކަ ދައްކަމުން ދިޔަ އިރު އެ ތުންފަތް މަތީގައިވީ ނުފިލާ ފަދަ ފަރި ހިނިތުންވުމުން އެކަނިވެސް ލިވްޔާއަށް ލައިނީ ވާހަކަ ދައްކަމުން ދިޔައީ ކާކާކަން އެނގިއްޖެއެވެ.
“ޔާންބެ ދޯ..؟” ފޯނުކޯލު ނިންމައިލުމަށް ފަހު ލައިނީ އެނބުރުމާއި އެކު ލިވްޔާ އަހައިލި އިރު އެ ތުންފަތް މަތީގައިވީ ލާނެތް ހިނިތުންވުމެކެވެ. ލިވްޔާގެ ސުވާލަށް ވަކި ޖަވާބެއް ނުދީ ލައިނީ ހަމައެކަނި ލޯއަޅައިލީއެވެ.
“ދެން ކޮން އިރަކުންތަ މެރީ ކުރަނީ..؟ ތިހެން ތިއްބާ މުސްކުޅި ވިޔަސް ނީންނަންތަ ތި ތިބެނީ..؟” ލައިނީގެ ފަހަތުން ބަދިގެއަށް ވަން ލިވްޔާ ދިޔައީ ލައިނީއަށް އުނދަގޫވާ ވަރަށް އަނގަތަޅަމުންނެވެ.
“ކުޑާގެ ވާހަކަ ބާއްވާފަ އިހަށް ލިވީގެ ވާހަކަ ދައްކަބަލަ.. ލިވީ ކޮން އިރަކުންތަ ކުއްޖަކު ހޯދާނީ..؟” ލައިނީ އަހައިލީ މިއޮށްހައި ދުވަސް ވީ އިރުވެސް ލިވްޔާ ފިރިހެން ކުއްޖެއްގެ ވާހަކަ ދައްކާފައި ނެތުމުންނެވެ. ދެބެންގެ މެދުގައި އޮންނަ ގާތް ގުޅުމާއި އެކު އެދެމެދުގައި ހިއްސާ ނުކުރެވޭ އެއްވެސް ވާހަކައެއް ނޯވެއެވެ. އެހެންކަމުން ލިވްޔާއަށް ކަމުދާ ކުއްޖަކު ހުންނަ ނަމަ އެ ވާހަކަ އޭނާ ގާތު ނުބުނެ ނުހުންނާނެ ކަން ލައިނީއަށް ޔަގީންވެއެވެ.
“އަހަންނަށް ކަމުދާ ކަހަލަ މީހަކު ނުފެންނާނެ މި ރާއްޖެއަކުން ވެސް.. އަހަރެން އިންނާނީ ދުބާއީ މުއްސަންޖަކާ.. ރާއްޖެ ކަހަލަ ކަޑަ ފިރިހެނުން އުޅޭ ތަނަކުން މީހަކު ހޯދުމަކީ ގަޅި ކަމެއް..” އަނގަޔަށް ވައްތަރެއް ޖައްސައިލަމުން ލިވްޔާ ބުނެލުމާއި އެކު ލައިނީ ކައިރިއަށް ހިނި އައެވެ.
“ދެން އަހަރެންގެ ވާހަކަ ބާއްވާފަ ކުޑާ ބުނެބަލަ.. ކީއްވެގެންތަ މެރީ ނުކޮށް ތި މަޑު ކުރަނީ..؟ އަހަންނާ ބައްޕައާ ދޭތެރޭ ކަންބޮޮޑުވަނީ ދޯ..؟” ލިވްޔާގެ އެންމެ ފަހު ސުވާލުން ފިޔާކޮށަން ހުރި ލައިނީގެ ހަރަކާތްތައް މަޑުޖެހުނެވެ. އެއަށް ދޭން އޮތް ޖަވާބު ދޭން ބޭނުން ނުވެފައި ހުރެ ލައިނީ ހަނުހުރީއެވެ. އެހެނަސް ލައިނީގެ އެ ހަމަހިމޭންކަމުން ލިވްޔާއަށް އޭނާ ކުރި ސުވާލުގެ ޖަވާބު ލިބިއްޖެއެވެ.
“ކުޑާ.. ވާހަކައެއް ބުނަންތަ..؟ ކުޑާ މިހާރުވެސް ވާންވީ ވަރަށް ވުރެ މާ ގިނައިން އަހަރެމެންނަށް ޓަކައި ސެކްރިފައިސް ވެއްޖެ.. ކިޔެވުން ވެސް ދޫކޮށްލާފަ އަބަދު މަސައްކަތުގަ އުޅެފަ ދެން ހުސްކޮށް ލިބޭ ވަގުތެއް ވިއްޔާ ތި ހުސްކުރަނީ އަހަރެމެންނަށް.. މިހާރު އެކަމް ކުޑާ ވެއްޖެ ކުޑާގެ ހެޕިނެސް ޕްރަޔޯރިޓައިޒް ކުރަން..” ލައިނީ ކޮށަން ހުރި އެއްޗެހި އަތުލަމުން ލިވްޔާ ބުނެލީ ލައިނީގެ ސަމާލުކަން ހޯދުމަށެވެ.
“އަހަންނާ ބައްޕައާ އޯކޭ ވާނެޔޭ ކުޑާ.. ޕްލީޒް.. ތިވަރަށް ނުވިސްނާ.. ޔާންބެ އަކީ ވަރަށް ރަނގަޅު މީހެއް.. ކުޑާ ދެކެ އެހައި ލޯބިވޭ.. އަދި އަހަންނާ ބައްޕަ ވެސް ދެކެނީ އަމިއްލަ އާއިލާ ފަދައިން.. އެހައި އަންޑަސްޓޭންޑިން މީހަކު ލިބިފަ އޮއްވައި ދޫވުމުގެ ކުރިން މިލްކަކަށް ހަދާ.. ކުޑާ ކޮންމެ ގޮތަކަށް ކަންތައް ކުރަން ބޭނުންވިޔަކަސް ޔާންބެއަށް އަންޑަސްޓޭންޑް ވާނެކަން ޔަގީން.. އެކަމަކު ޔާންބެއަށް ވެސް އިންތިޒާރު ކުރެވޭނީ ވަކި ވަރަކަށް ދޯ..” ލިވްޔާ ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަން ހުރި ލައިނީ ހުރީ އިސްޖަހާލައިގެންނެވެ. ޔާނިއު އޭނާ ގާތު ކައިވެނި ކުރަން ބުނާ ކޮންމެ ފަހަރަކު ލައިނީ އެ މަޢުޟޫޢު ބަދަލުކޮށްލަނީ އަދި މާ އަވަސް ކަމުގައި ބުނަމުންނެވެ. ލޯބިވާ ޔާނިއުގެ މިލްކަކަށް ވުމަށް އެދި އެ ހިތް ބޭގަރާރު ވަމުން ދިޔަ ނަމަވެސް، ދިރިއުޅުމުގެ ހާލަތު އެކަމަށް ތަން ނުދެނީއެވެ.
“ބައްޕަވެސް ބޭނުންވާނެ އަވަހަށް ދޮންތި ދިރިއުޅުމެއް ފަށާތަން ދެކެން.. ބައްޕަ ޔާންބެ ދެކެވެސް އެހައި ލޯބިވޭ.. ދޮންތި ޔާންބެއާ މެރީ ކުރީމަ ބައްޕަ ވެސް ވަރަށް އުފާވާނެ.. އެހެންނޫނަސް މެރީ ކޮށްގެން ދޮންތި ދާނީ ދުވަހަކުވެސް ނާންނަ ގޮތަކަށް ނޫނެއްނު.. ޔޫ ކޭން އޯލްވޭޒް ވިޒިޓް އަސް.. އެހެން ނޫނަސް ދޮންތި ނާންނަންޏާ އަހަރެން ދުވާލުދާ ހަތަރުދަމު ތިގޭގަ ހުރެފާނަމޭ.. ޔާންބެ ގާތު ބުނޭ އަހަންނަށް ވެސް ކޮޓަރިއެއް ހަދައިދޭށޭ..” ނުހަނު ހިކުމަތްތެރިކަމާ އެކީ ލިވްޔާ ފެށި ވާހަކަ ނިމުނީ ސަމާސާއަކުންނެވެ. އެއާއެކު ދެމީހުންނަ ވެސް ހެވުނު އިރު، ލައިނީގެ ލޮލުގެ ކަނަކުން ވެއްޓުނު ކަރުނަތިކި ކޯތާފަތް މަތިން ފިރުކިލާފައި ދިިޔަތަން ލިވްޔާއަށް ފެނުނެވެ.
“ދޮންތި ވިސްނާލާނަން އިނގޭ..” ހަތިޔާރު ބަހައްޓަމުން ލައިނީ ބުނެލީ ހިތުގެ އަޑިންނެވެ. ލައިނީގެ ޖަވާބު އިވިފައި ލިވްޔާ އުފަލުން ލައިނީގެ ގައިގައި ބައްދައިގަތެވެ. ލައިނީ ވެސް ލިވްޔާގެ ގައިގައި އެއް އަތް ވަށައިލީ އޭނާގެ އުފާތަކާ މެދު އެވަރަށް ވިސްނާ ކޮއްކޮއެއް ދެއްވިކަމަށް ޓަކައި ޝުކުރުވެރިވާ ޙާލުގައެވެ.
އެރޭގެ ކެއުން ދެބެން ވެސް ކެއީ ބައްޕައާ އެކުގައެވެ. ކެއުމުގެ ތެރެއިން ލިވްޔާ ލައިނީގެ ކައިވެނީގެ ވާހަކަ ބުނުމާއި އެކު އަނީސްގެ ތުންފަތް އަނެއްކާވެސް ކަނާތް ފަރާތުން ދެމިލީ އުފާވެރި ހިނިތުންވުމަކުންނެވެ. ލަސްލަހުން ކަނާއަތް ހިއްލައިލާފައި ބޮޑުވާ އިނގިލި ދައްކައިލީ ލައިނީގެ ކައިވެންޏާ ނުހަނު ރުހޭކަން އަންގައިލުމަށެވެ. ބައްޕަގެ އެ ކުޑަކުޑަ އަދާއިން އެކަނިވެސް ލައިނީގެ ހިތަށް ލިބުނު ހިތްހަމަޖެހުން އިހުސާސް ކުރަން ވެސް ދައްޗެވެ.
“އަހަރެން ކައިވެނި ކުރިޔަސް ބައްޕަ ދެރަ ނުވައްޗޭ އިނގޭ.. ވަރަށް ގިނައިން ބައްޕަ ކައިރިއަށް އަންނާނަން..” ކަރުނަވީ ދެލޮލާއި އެކު އަނީސްގެ ގައިގައި ބައްދައިލަމުން ލައިނީ ބުނެލިއެވެ. އަނެއްކާވެސް އަނީސް ހިނިތުންވެލީ ބައްޕައަށް އެނގެއޭ ބުނާ ފަދައިންނެވެ.
“ދެން ކުޑާ މީހަކާ އިންނަން އުޅޭތީ ބައްޕަގެ ހުރިހައި ލޯތްބެއް ކުޑާއަށް ދޯ..؟” ކުޑަ ކުއްޖެއްހެން ލިވްޔާ ޝަކުވާ ކޮށްލުމާއި އެކު ލައިނީގެ އިތުރުން އަނީސް ކައިރިއަށް ވެސް ހިނި އައެވެ.
“ލިވީ ކިތަންމެ ޖޭ ވިޔަސް ކުޑާ ވާނީ ބައްޕަގެ ފުރަތަމަ ދަރިފުޅަށް.. ފުރަތަމަ ދަރިފުޅު އަބަދުވެސް ރަންވާނެ..” ދޫ ނެރެލަމުން ލައިނީ އިތުރަށް ލިވްޔާ ރުޅި އަރުވައިލިއެވެ. އެއާއެކު ފެށުނު ދެބެންގެ ކޯޅުން ބަލަން އަނީސް އޮތީ ހެވިފައެވެ. މިޒަމާނުގައި މައިންބަފައިން މުސްކުޅިވެ ބަލިވާ ދުވަހު ނުބަލަން ވެގެން ދަރީން އެއްކުއްޖަކު އަނެއް ކުއްޖަކާ ޖައްސާލައިގެން އުޅޭ އިރު، އޭނާގެ ދެ ދަރީން ކޯޅެމުން އެ ދަނީ އޭނާއަށް އެންމެ ބޮޑަށް ޚިދުމަތް ކޮށްދިނުމުގެ ޝަރަފު ލިބިގަތުމަށް ޓަކައެވެ. މަންމައަކާ ނުލައި ދެ ދަރީންނަށް ދެވުނު ތަރުބިއްޔަތާއި މެދުގައި އަނީސަށް ފަޚުރު ވެވެނީ އޭގެ އިންތިހާއަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.







އައްސަލާމުޢަލައިކުމް.
ގިނަ ދުވަސްތަކަކަށް ފަހު އަނެއްކައި ވެސް ކިޔުންތެރީންނާ ދިމާވީތީ ނުހަނު އުފާކުރަން.. ހުރިހައި ކިޔުންތެރީންގެ ޙާލު ވެސް ރަނގަޅުވާނެ ކަމަށް އުއްމީދު ކުރަން
މިފަހަރު މި ގެނެސްދެނީ ކުރީން ލިޔުނު ވާހަކަތަކާ ކޮންމެވެސް ވަރަކަށް ތަފާތު ވާހަކައެއް.. މި ވާހަކައަ އަކީ ކުރީން ލިޔުނު 3 ވާހަކައަށް ވުރެ ބުރަ މަސައްކަތަކާ އެކީ ގެނެސްދޭ ވާހަކައެއް.. އެހެންވީމަ އުއްމީދު ކުރަން ހުރިހައި ކިޔުންތެރީންނަށް ވެސް ކަމުދާނެ ކަމަށް.. އުއްމީދަކީ ކުރިން ލިޔުނު ވާހަކަތަކަށް ލިބުނު ތަރުހީބަށް ވުރެ ބޮޑު ތަރުހީބެއް މި ވާހަކައަށް ލިބިގެން ދިޔުން.
އެސްފިޔަ ޕްރޯއަށް މި ވާހަކަ ލިޔަން ރާވާފައި ވެސް އަޅުގަނޑުގެ ޚިޔާލު ބަދަލުކޮށްލީ ބައެއް ކިޔުންތެރީން މެސެޖްކޮށްފައި އަދި ކޮމެންޓް ކޮށްފައި ވެސް އޭރުން ވާހަކަ ނުކިޔޭނެ ކަމަށް ބުނުމުން.. އަޅުގަނޑުގެ ވާހަކަތައް އަމާޒުކުރެވިފައިވަނީ މައިގަނޑުގެ ގޮތެއްގައި ފުރާވަރުގެ ކުދީންގެ ރަހަތަކާ އެއްގޮތްވާ ގޮތުގެ މައްޗަށް ކަމުން އެކުދީންނަށް ލާރި ދައްކައިގެން ވާހަކަ ކިޔަން އުނދަގޫ ވާނޭ ކަން އަޅުގަނޑަށް އެނގޭ.. އެހެންވީމަ އަޅުގަނޑު ނިންމީ ހަމަ ކުރިން ވެސް ގެނެސްދޭހެން ހުރިހައި ކިޔުންތެރީންނަށް ވެސް ވާހަކަ ކިޔައިލެވޭނެ ގޮތަށް ވާހަކަ ގެނެސްދޭން.. މިއަދު އާމްދަނީއަކަށް ވުރެ ކިޔުންތެރީންގެ ޚިޔާލާއި ފާޑުކިޔުން އަޅުގަނޑަށް މުހިއްމު.. ވީމާ މި ވާހަކައަށް ވެސް ތިޔަ ލޮބުވެތި ކިޔުންތެރީންގެ ތަރުހީބާއި ލޯބި ލިބޭނެ ކަމަށް އުއްމީދު ކުރަމުން، މާތްﷲގެ ވާގިފުޅަށް އެދެމުން މި ވާހަކަ މި ފެށީ.. ދެގޮތެއް ނުވެ އަޅުގަނޑަށް ސަޕޯޓު ކޮށްދެއްވައި ހުރިހައި ކިޔުންތެރީންނަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން. އަބަދުވެސް ވަރަށް ލޯބިވޭ!
Hey Nayaa
Long time no sees Masha Allah mi story vrh salhi sifa kurun thah ves Vrh salhi hama thivareh neh vrh happy they both love their dad and each other veema mizamaanu ga vrh nuvaa kameh eii when’s next waiting for next part mi storymee pro story eh noon dhw keep shining dear may Allah bless you with a brighter future
Lyyy❤️❤️
heyy nail
yess long time dhoo.. dhen ekam in sha allah gina ginain dhimaa vaane mi story in hehe..
yeahh mihaaru varah nufenna kameh dho..
awww tysm naiii..
yess mee pro story eh noon.. varah baivaru kudhinnah nukiyeyne vhk buneema I decided hama normal koh laan.. because some things are just worth more than money dho.. for me readers ge feedbacks are way more important..
aww jazakillah khairan 🥹
lum💕💕
Varah varah Reethi mi part vx Masha Allah.
Sifa kohdheefa huri goiyy varah furihama.
Heevany hama vaahakaige thereyga ulheveyhen.😊
Tysm Free koh vaahaka kiyey goiyy hadhaa dhineema. Emme furathama mi vaahaka liyaanee Esfiya pro ashey buneema, varah dheravi 😅
Ummeeedhu kuran Nayu ge Kureege story thakekey effadhain mi story akee vx varah Furihama story akah vaane kamah. 😊 (Feshun ekani kiyaalaafa vx engijje mi vaaneee Reethi story akah Kan) 😅
Alhuganduge support abadhuves Nayu ah libeyene.
Curiously waiting for the next part..
Lyssssm Nayu 💗
aww tysm shiu.. varah ufaa vejje🥹💕
aw anytime.. yeahh i know how much reading means aslu it’s an escape from reality dho and bcs my stories are for teenage umuru kudhin i know pay kuran undhagoo vaane kan ekudhinnah..
alheyy mihaaru dhen happy ennu normal koh kiyaaleveythee dho
in sha allah will give my very best to this story hama
lymmm 💕💕
hey Nayaa feshun varah reethi. Livy and Lainy ge bappa paralyse vun ei adhi feshunu goiy kamah vaa iru dhen annaane baithah varah heart wrenching vaane hen hyvey. can’t wait to read the whole story. kon dhuvasthakehga vaahaka genesdheyny? and it’s so nice of u to think about teaders and make it free.. may Allah bless you and grant you success!
aww thank youuu Marsha!! Means a lottt 🥹💕
im thinking week aku twice or thrice genesdheyn..
jazakillah khairan! wish you the same🥹
aww this ep was so wholesome i wish the sisters bond remains like that even if lainy marries she could still stay with her fam she doesnt konmehen need to move out with in laws like thats an option too anyways its good to see u after so long i always liked the way you write and the way you describe things is nice and improved looking forward to more parts
thank youu!!
yess that’s an optional top dho dhen let’s see vaa gotheh
aww that’s so sweet of you! thankyou!
ފުން އިހުސާސްތަކެއް ރީއްޗަށް ތިލަކޮށްލެވިފައިވާ ރީތި ލިޔުންކޮޅެއް! ނާޔާއަށް ވާހަކަ ލިޔުމުގެ ރޮނގުން ހައްގު ކުރިއެރުމާއި ކާމިޔާބީއަށް އެދެން
ވަރަށް ބޮޑަށް ޝުކުރިއްޔާ. ވަރަށް އުފާވެއްޖެ!💕
Hii it’s been a while
I hope ur doing well
Vara reethii furathama baa
Vara lobi sisterly bond eh
I’ll be looking forward for the next episode
I know nayaa dhahtha liyaa vaahaka thah vara reethii vaanekan
Lysm♥️
hiii
im doing great alhamdhulillah how about you darling?
aww stopp you’re so sweet alhe thank youu😭💕💕.. nayaa dhahtha ey buneleema adhi varah loabi😭🫂
lym💕💕
Haiii naayaaaa
Soo excited for this story
Mi part ves vrh vrh reethi masha allah
Can’t wait for the next ep
Keep it up girlll
❤️🫶🏼
omg hii naell.. missed you sm!!
aww thank you for being so sweet as always💕💕 can’t wait to see your comments on the upcoming parts as well!!