Skip to content
އެސްފިޔަ

ތީ އޭ ހަނދަކީ 31

ފިނިފެންމާތަކަކުން ފިޔަ ނައްޓަން ތިބި ރިވާ އާއި ނަޔާ ސިހުނީ ގޭގެ ދޮރު ހުޅުވާލާފައި ސަލާމް ގޮވާލި އަޑު އިވުމުންނެވެ. އެދެމީހުންގެ ދެލޯ ބޮޑުވެ ކޮޅަށް ތެދުވެވުނެވެ. އެވަގުތު ރިއާޝްއަށް ގުޅަމުން އެދިމާލަށް އައި އަހުޝަމްއަށް ވެސް ވީ އެވަރެވެ. އަނގަ ހުޅުވި އެމީހަކާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

…

ގޭގެ ދޮރު ހުޅުވާލައި ފުޅާ ހިނިތުންވުމެއް ދީގެން އެހުރީ ރީޝާ ނޫން ދެވަނަ މީހެއް ނޫނެވެ. އޭނާ އެއައީ ހަމަ ސީދާ ރިވާއާއި އަހުޝަމްގެ ކައިވެންޏަށެވެ. އޭނާގެ ފަހަތުން އެ ގެއަށް ވަން ރިޒުކާން ފެނި ރިވާ ދުވެލާފައި އައެވެ. އަދި ރީޝާ ގައިގައި ބައްދައިގަންނަމުން ރިޒުކާންއަށް އެތެރެއަށް އައުމަށް ދަޢުވަތު ދިނެވެ. މަންޖޭ އޭ ކިޔާ ހަޅޭއްލަވައިގަންނަމުން ނަޔާ ފުންމައިގެން އައިސް ރީޝާގެ ގައިގައި އޮޅުލައިގަތެވެ. އަހުޝަމް އައި ގޮތަށް އައިސް ރީޝާގެ ކަރުގައި ހިފަމުން ހަޅޭއްލަވައިގަތެވެ. “އައްދޯއި އަހުޗަމާ!! ކަލޭ މީހަކާ އިންނަ ވަރެއް ނުވޭ އަދިވެސް. ދޮންތި މި ކޮންތާކުން ހޯދި ބުމަރެއްތަ. ” އަހުޝަމްގެ ބަނޑުގައި ގޮށްމުށުން ތަޅައިގަންނަމުން ރީޝާ އެއްޗިހި ކިޔައިގަތެވެ.

ރިއާޝްގެ ފޯނު ރިންގުވުމުން އެ ފޯނު ނަގައި ކަންފަތުގައި ޖަހާލި ރިޔާޝްއަށް ވަރަށް ރީތިކޮށް އެ އަޑު އިވުނެވެ. އެއީ ރީޝާގެ އަޑު ނޫން އެހެން އަޑެއް ނޫނެވެ. އެ އަޑެއް އަހާލުމަށްޓަކައި އޭނާގެ ހިތް ބޭގަރާރު ވަމުން ދިޔަ އަޑު ނޫން އެހެން އަޑެއް ނޫނެވެ. އޭނާގެ ދެލޮލުން ކަރުނަ ނީރާލި ހިނދު އޭނާގެ ދެ ތުންފަތަށް ހަގީގީ ހިނިތުންވުމެއް ވެރިވިއެވެ. އެފަދަ ރީތި ހިނިތުންވުމަކުން އެ މޫނުމަތި އުޖާލާ އެވީ އެތަށް ދުވަހަކަށް ފަހުއެވެ. “ދޮންބެ ހިނގާބަލަ ކާރަށް ހަރުގަނޑު ލައިގެން ރިވާމެން ގެ އަށް” ގުދަނުން ނިކުންނަމުން ރިއާޝް ގޮވާލިއެވެ. ވަގުތުން ރިޔާޝް ކާރުގެ ތަޅުދަނޑި ބަލައި ދިޔައީ އަވަސް ވެފައިވާ ހިތަކާއި ގެންނެވެ.

ޝަރީފް އާއި ވަސީމާ ރީޝާއާއި ރިޒުކާންއަށް ސައި ދޭން އުޅުނީ އުފަލުން ފޮޅިފައިތިބި ޙާލުގައެވެ. ދެ ކުރުނބާލުގެ ފެން ޖަގަކަށް އަޅައި ގިރާލަމުން ވަސީމާ އައިސް މޭޒު ދޮށުގައި ހުއްޓިލިއިރު ކުރުނބަލުގެ ހެވާ ކަހަމުން ޝަރީފް ބުންޏެވެ. “ދަރިފުޅު އައީމަ ދެން މި ހުރިހާ ކަމެއް ހަމަ ޖެހުނީ! ބައްޕައަށް ރޭގަ ފެނުނު ހުވަފެނަކުންވެސް މިހުންނަނީ ދުޢާ ކޮއްލަ ކޮއްލާއޭ ދަރިފުޅު އާދޭތޯ” އެހިނދު ރީޝާ ހެވިލާފަ އެހެންތައޭ ބުނެލީ ރިޒުކާންއަށް ފެންތައްޓެއް އަޅައިދެމުންނެވެ.

ރިއާޝްއަށްވުރެ ކުރިން ރީޝާމެންގެ ގެއަށް ވަނީ ރިޔާޝް އެވެ. ދުވަމުން ކަހަލަ ގޮތަކަށެވެ. އޭނާގެ ދެލޯ ވަގުތުން ހޯދާލީ ރީޝާއެވެ. އެހިނދު ސޯފާގެ ތިރީގައި ދެފައި ވަށްކޮއްލައިގެން ކަންވާރަކަށް ފިނިފެންމާފިޔަ އަމުނަން ހެވިފައި އިން ރީޝާ އޭނާގެ ލޮލުގައި އަޅައިގަތެވެ. ރިޔާޝް އުޅުން ގޮތުން ފާޑަކަށް ހައިރާން ވެފައި ހުރެ އައިސް ވަން ރިއާޝްއަށް ރީޝާ ފެނުމުން، ވީގޮތް އެނގުނެވެ. އޭނާއަކަށްވެސް މަޑަކުން ނުހުރެވުނެވެ. ފުންމައިގެން ގޮސް ރީޝާގެ މޫނު މައްޗަށް ޖެހުނެވެ.” މަންޖެ ގަނޑު ތިޔައީ މަންޖެ ދައްތަ ސަލާމަތް ކުރަންދޯ މިހިރަ ފެންނަ ބީތާގެ ކައިރިން” ބިންމަތީގައި ޖައްސާލަމުން ރިއާޝް އެހެން ބުނީ އަހުޝަމް އަށް އިޝާރާތް ކުރަމުންނެވެ. “އޭ ދެން ކިހާ ބޮޑުވެއްޖެ ކަމެއްތަ ފޮޑި ފުރޭންޏާ. ކަލޭ މިހާރު މަށާ ބެހިބަލަ. ކަލެޔާ ރަނާ ކައިވެނި ކުރާއިރު ހަނދާންކުރާތި ކަލޭ ހޭ އަރުވާލާނަން” އަމިއްލަ ދިފާއުގައި އަހުޝަމް ވާހަކަ ދެއްކިއެވެ. “ކޯއްޗެކޭ…. ރަނާ އޭ..” ހައިރާންވެފައި އިނދެ ރީޝާ ބާރު ބަރަށް ބުންޏެވެ. “އާން މިގޮލާއާ އައިމިނަބީ ވެސް ކަޕްލްއެއް މިހާރު!” އަކުރުތަކަށް ދަމާލަމުން އަހުޝަމް ބުންޏެވެ. “އަހަރުންވެސް މިތިބީނު ދޯ ޝާ” ރީޝާގެ ކޮނޑުގައި އަތް ވަށާލަމުން ރިޒުކާން ބުނެލިއެވެ. އޭރު މަޑު މަޑުން އެމީހުން ކައިރިއަށް އައިސް ސޯފާގައި އިށީންނަން ދިމާކޮއްލި ރިޔާޝްގެ ދެލޯ ބޮޑިވިއެވެ. ދެންތިބި އެންމެން ފަދައިންނެވެ. އަހުޝަމްގެ ކައިރީ އިށީން ރިޔާޝްފެނި ރީޝާގެ ދެ ތުންފަތަށް މަޢުނަވީ ހިނިތުންވުމެއް ވެރިވި ނަމަ ވެސް ރިޒުކާންގެ އަތުގައި އޭނާ ހިފާލީ ހޫމް އަޅުވާލަމުންނެވެ. އެހިނދު ވަޓް އޭ ކިޔާ ނަޔާ ދެތިންފަހަރު ސުވާލު ކޮއްލިއެވެ. ރިޔާޝްއެތާ އިނުމުން އިތުރު އެއްޗެއް ބުނާކަށް ރިއާޝް އަދި އަހުޝަމަކަށް ނުކެރުނެވެ.

ރިޔާޝްގެ ދެއަތް މުއްކެވުނެވެ. އޭނާގެ ދެލޯ ރިޒުކާންއާއި ރީޝާގެ ގުޅާލެވިފައިވާ އަތަށް ހުއްޓިފައިވާއިރު އެ ދެލޮލުން އަލިފާން ކަނި ބުރާފަދައެވެ. ރީޝާ އެހެން މީހެއްގެ އަތުގެ ތެރޭގައިވާތަން ދެކެން ކެތްކުރުން އޭނާއަށްވީ ނުހަނު އުނދަގޫ ކަމަކަށެވެ. ރިޒުކާން ރީޝާގެ މޫނާއި މޫނު ކައިރި ކޮއްލި ވަގުތު ރިޔާޝްއަށް ދެލޯ މަރާ ތަގުޅި ކޮއްލެވުނެވެ.

ވޭތުވެ ދިޔަ ދުވަސްތަކުގައި ހިނގާފައިވާ އެކި އެކި ކަންކަން ހުރިހާ އެންމެން ވެގެން ރީޝާއާ ހިއްސާ ކުރަމުން ދިޔައެވެ. އަދި ވަސީމާއައިސް ރިވާގެ ހަގީގަތް ކިޔައިދިނުމުން ރީޝާއިނީ މާ އުފާވެފައެވެ. ރިވާއަކީ އޭނާގެ ދެބެންގެ ދެދަރި ކުއްޖެއްކަން އެނގުމުންނެވެ.

ރިއާޝް މެންނާއި އެކު ޓެރަސް މަރާމާތުކުރުމުގެ މަސައްކަތުގައި އުޅުނު ރިޔާޝްއަށް މައްޗަށްއަރައިގެން އައި ރިޒުކާންފެނުނެވެ. ރިޒުކާން ގޮސް ޝަރީފްއާއި ވާހަކަދައްކަން ފެށުމުން ރިޔާޝްގެ ހިތް މޯޅިވިއެވެ. އޭނާއަށް މަޖުބޫރީކަމެއް ނެތް ނަމަ މިއަދު އެގޮތަށް ޝަރީފްކައިރީ ރިޒުކާންގެ މަގާމުގައި ހުރީހީ އޭނާއެވެ. ނަމަވެސް މިއަދު އޭނާ އެގެއަށް އައިސް އެއުޅެނީ ދުރު ހިލޭ މީހެއްގެ ހައިސިއްޔަތުންނެވެ. އިރުކޮޅަކުން ޓެރަހަށް އެރީ ރީޝާއެވެ. ޖޫސްތަށިތަކެއް ހިފައިގެންނެވެ. ރީޝާއާ ދިމާއަށް ރަނގަޅަށް ބަލައިއެލެވުނީ އަދިކިރިޔާއެވެ. ކުރިން އޮތް ދިގު ކަޅު އިސްތަށި ގަނޑު މިހާރު ވަނީ ކޮނޑަށްވުރެ ތަންކޮޅެއް ތިރިއަށް އޮންނަ ވަރަށް ކޮށާލާފައެވެ. ލައިގެން ހުރީ  ކަކުލަށްވުރެ ތަންކޮޅެއް މައްޗަށް އަރާ އަތް ފުއްޕާފައި ހުރި ހުދުކުލައިގެ ހެދުމަކާއި އެކު މުށި ކުލައިގެ ފުޅާ ހަރުވާޅެކެވެ. ކަންފަތުގައި އަބަދުވެސް އިންނަ އެތިކޮޅެއް މިހާރަކު ނެތެވެ. ދެލޯ ވަށާ އަޅާފައި ހުންނަ އަނދުނުގެ ވަސް ވެސް އެ މޫނުމަތިން ވަނީ ފިލާފައެވެ. ސާފު ރީތި ދެލޮލުގައި ވާ ވިދުން ރައްކާތެރިވެފައި ވަނީ އޭނާގެ ދިގު އެސްފިޔަތަކުންހެން ހީވެއެވެ. މަޑު ފިޔާތޮށި ކުލައިގެ ތުންފަތަށް ވެރިވެފައިވަނީ ލުއި ހިނިތުންވުމެކެވެ. އެ ހިނިތުންވުމާއި އެކު ކޯކޮޅު އަޑިވެލާފައިވާ ގޮތުން ރީޝާގެ ފުރިހަމަކަމަށް ރިޔާޝްއަށް ހިތާހިތުން ތަޢުރީފް ކޮއްލެވުނީ އެންމެފަހަރަކު ދެފަހަރަކު ނޫނެވެ.

އެންމެނަށް ޖޫސް ތަށި ދިއްކުރަމުން އައިސް ރިޒުކާންގެ ފަހަތުގައި މަޑުކޮއްލަމުން ރީޝާ ކަރުކެހިލިއެވެ. ކުއްލިޖަހާފައި ރިޒުކާން ފަހަތަށް އެނބުރިލީ ސަމާސާ ވައްތަރެއް މޫނަށް ޖައްސަމުންނެވެ. އެއްލޯ މަރާލަމުން ރީޝާ ޖޫސްތަށި ދިއްކޮއްލުމުން ރިޒުކާން އެއަށް އިންކާރު ކުރީ ކުޑަކުއްޖަކު ފަދައިންނެވެ. ދެން އިޝާރާތްކޮއްލީ ރީޝާގެ އަތުން ޖޫސް ބުއިމަށެވެ. ދެފަރާތަށް ބޯ ހޫރުވަމުން ރިޒުކާންގެ ތުމުގައި ރީޝާ ޖޫސްތަށި ޖައްސައިދިނެވެ. އަދި ހެމުން ހެމުން ރިޒުކާން ޖޫސްތަށި ބޮއެ ހުސްކޮއްލީ ހަމަ ރީޝާގެ އަތުންނެވެ.

ދުރުގައި ހުރެ އެމަންޒަރު ބަލަމުން ދިޔަ ރިޔާޝްގެ އަރު ބެދޭގޮތް ވިއެވެ. އަދި އަނެއް ފަރާތަށް އެނބުރި ފާރުގައި ކުލަލާން ފެށީ ހިތް ހަމަޖައްސަން މަސައްކަތް ކުރަމުންނެވެ. އިރުކޮޅަކުން ފަހަތުން ދިއްކޮއްލި ޖޫސްތަށި ފެނި އޭނާ ސިހުނެވެ. އަދި ފަހަތް ބަލައިލި އިރު ޖޫސްތަބައް ހިފައިގެން ހުރި ރީޝާ ފެނި އޭނާއަށް މާބޮޑަށް އުނދަގޫ ވާން ފެށިއެވެ. “ޖޫސް” އަވަސް އަވަހަށް ރީޝާ އެހެންބުނެ ރިޔާޝްގެ އަތަށް ޖޫސްތަށި ދިއްކޮއްލިއެވެ. އަދި ރިޔާޝްއޭގައި ހިފުމުން އެނބުރި ބާރުބާރަށް ހިނގާފައި ގޮސް ތިރިއަށް ފޭބިއެވެ. ރީޝާ ދިޔަ މަންޒަރު ބަލަން ރިޔާޝްއަށް ހުރެވުނީ އާގަމަ ވެފައެވެ. އެހާ ދުވަސް ފަހުން ރީޝާ އޭނާއާއި އެހާ ގާތުން ފެނުމުންނެވެ. ކުރިން އޭނާއަށް ނުފެނުނު އެތަށް އެއްޗެއް ދެންމެ ފެނިއްޖެ އެވެ. ރީޝާގެ ލޯބި ކޯ ކޮޅު އެއްކޮށްވަނީ ހިނދިފައެވެ. ދެލޯ ވަނީ ކަޅުވެ ވަޅު ވަދެފައެވެ. ދެ ތުންފަތް ހިކިފައެވެ. މީހާގެ ގައިގައި މާގިނަ މަހެއް ނެތެވެ. ބަލިކަށިކަން ފެންނަން ހުރީ އިންތިހާއަށެވެ. ހީވަނީ އެތަށް ދުވަހަކު ބަލި ތަންމަތީގައި އޮވެ ތެދުވެގެން އައިސް އުޅޭ މީހެއް ހެންނެވެ. ރީޝާގެ ޙާލާއިމެދު އޭނާއަށް ހަމްދަރުދީ ވެވުނެވެ. އޭގެ ޒިންމާ ނަގަންޖެހޭ ފަރާތަކީ ޚުދު އޭނާކަން އެނގޭ ޙާލުގައެވެ. ރީޝާ ރޮމުން ރޮމުން އޭނާގެ ގާތަށް އައި ދުވަހު ހިލަ ފާލަމެއްގެ މައްޗަށް އެކުއްޖަފުޅު އެކަނި މާ އެކަނި ދޫކޮއްލާ ބޯ ވާރޭގެތެރެއަށް އެކުއްޖާ ދޫކޮއްލާފައި ދިޔަ މީހަކީ ހަމަ އޭނާއެވެ. އެކަމަށްޓަކައި ރިޔާޝް އަބަދުވެސް އަމިއްލަ ނަފްސު ކުށްވެރި ކުރެއެވެ.

އޭގެ އަނެއް ދުވަހެވެ. ސްޓޫޑިއޯއަށް ދިއުމައްޓަކައި ރިއާޝް ދިޔައީ ރަނާ ބަލައެވެ. އަދި ސައިކަލުން ފައިބައިގެން ގޮސް އެގޭ ދޮރުގައި ޓަކި ޖަހާލިއެވެ. އެތެރެއިން ދޮރު ހުޅުވާލީ ކުޑަ ކުޑަ ނިއަމްއެވެ. ބޭބޭއޭ ކިޔާ ހަޅޭއްލަވައިގަންނަން ނިއަމް ހުޅުވާލި އަނގައިގައި ރިއާޝް ވަގުތުން އަތް އަޅައި “ޝުޝް” އޭ ބުނެލިއެވެ. އަދި ވަރަށް ސިއްރުން ރަނާ ކޮބައިހޭ އަހާލިއެވެ. ހަމަ އެހާ ސިއްރުން ރަނާވީ ބަދިގޭގައޭ ނިއަމް ބުނެލީ މަޖާވެފައި ހުރެއެވެ. އަދި ގޭގެ އެހެން މީހުން ކޮބާތޯ އެހުމުން އެކަކުވެސް ނެތް ކަމަށް ނިއަމް ބުނުމުން ރިއާޝް ލާނެއްގޮތަކަށް ހީލިއެވެ. އެއަަށްފަހު ސިއްރު ފިޔަވަޅު ތަކެއްގައި އޭނާ މިސްރާބު ޖެހީ ބަދިގޭގާއި ހުރި ރަނާއާ ދިމާއަށެވެ. ކުއްލިއަކަށް ގޮސް ފަހަތުން ރަނާގެ ގައިގައި ބައްދާލަމުން ރިއާޝް ޕޮއް ގޮއްވާލިއެވެ. އެހުނދި ސިއްސައިގެން ގޮސް ހަޅޭއްލަވައިގަންނަމުން ފުށް އެތީގައި އޮތް އަތް ނަގައި ރިއާޝްގެ ކޯމަތީގައި ރަނާ ޖެހިއެވެ. ވީތަދުން ރިއާޝް ހަޅޭއްލަވައިގަތެވެ. “އާޝް!!! ތިހެންވާނީ އަދިވެސް މީހުން ސިއްސުވަން އުޅޭތި” ފަހަތުގައި ހުރީ ރިއާޝްކަން އެނގުމުން ހެމުން ހެމުން ރަނާ ބުންޏެވެ. އަދި އޭނާގެ އަތުގެ ނިޝާން ފުށްތަކާއި އެކު ރިއާޝްގެ މޫނު މައްޗަށް އަރާފައި ވާގޮތުން އޭނާ އާއި ނިއަމްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “މަންޖެ ވެސް ނުޖެހޭ ދޯ ކޮންމެހެން އަތް އިސްކުރާކަށް. ދިލަވެސް ހުރެއޭ.! މިއައީ ސްޓޫޑިއޯއަށް ދާން ބަލައި. އެވަރުންވެސް ދިން ހަދިޔާ ރީއްޗެއްނު” ކޯމަތި ހުރި ގޮތް ފޯނުން ބަލަމުން ރިއާޝް ކިޔެވެ. “ހަހަހަ ދެން ތި ފޮހެން އާދެބަލަ” ޓިޝޫ ފޮށި ހޯދަމުން ރަނާ އަދިވެށް ހެނީ އެވެ. “ނުފޮހޭނަން. އެންމެންނަށް ދައްކާނަން މަންޖެގެ ނުލަފާކަން. ވާހަކަ ނުދައްކާ ތައްޔާރު ވާންދޭ” އެހެން ކިޔާފައޖ ނިއަމް އުރާލައިގެން ގޮސް ރިއާޝް ސޯފާގައި އިށީނެވެ. އިރުކޮޅެއް ނުވެ އެގެއަށް ވަން ރަނާގެ ދައްތަ އާއި މަންމަ އަށް ރިއާޝްގެ މޫނު މަތި ފެނުމުން ވަގުތުން ސުވާލު ކުރިއެވެ. “މިއީ މިގޭ ކަމަނާފާނުގެ ހެޔޮ ފުޅުކަމެއްނު” ރަނާއަށް ކުދި ކިޔަމުން ރިއާޝް އެހެން ބުނުން އެދެމީހުންވެސް ފެށީ ހޭށެވެ. އެވަގުތު ކޮޓަރިން ނުކުން ރަނާ ވެސް އެމީހުންނާ ބައިވެރިވެގެން ހޭން ފެށިއެވެ. “މަންމާ މިދަނީ ސްޓޫޑިއޯ އަށް އިނގޭ. އަނގަ ގަދަ ނުކޮށް ދާން އާދޭ ދެންވެސް ރިއާޝް” ފައިވާން ހަރާ ދިމާއަށް ދަމުން ރަނާ ބުނެލިއެވެ. “ދަރިފުޅާ ތި ނުވެސް ފޮހެތަ ދަނީ” ރަނާގެ މަންމަ ހެވިފައި ހުރެ ރިއާޝްކުރެން އެއްސެވެ. “ލައްބަ ނުފޮހޭނަން. އެންމެންނަށް ދައްކާލާނަން ދައިތަގަނޑުގެ ގޮތް” ގެއިން ނުކުންނަމުން ރަނާގެ ބޮލުގައި ޖަހާލާފައި ރިއާޝް ބުންޏެވެ. އެކަކު އަނެކަކަށް ކުދި ކިޔަމުން އައިސް ސްޓޫޑިއޯ އަށް ވަން ރަނާ ސިއްސައިގެން ދިޔައީ ސޯފާގައި އޮށޯވެލައިގެން އޮތް ރީޝާ ފެނިފައެވެ.

(ނުނިމޭ)

Comments (9)

  1. Anonymous

    Varah reeti mi part ves. Kon irakun next part

    1. ReeshA CoronA
      Anonymous

      Thank you 😊 hama liyevunuhaa avahakah

  2. leesha

    reeeshaaaaaaaaaaaaaa long time no see 🙈
    alheyyy riyaash haadha dhera eh vaane ey reeshaa thihen ulhuneema 😢
    emmennah surprise dheyn vx molhey dhw manje
    alheyyy ranaa nd riaash haadha loabey aaaaah They are so cute…
    vrh salhi mi part vx
    when next manje
    vrh loabiveyyyy reeshaaaaaaaaaaaaaaaaaab😘

    1. ReeshA CoronA
      leesha

      Ooiiihhh
      Dhen riyaash reeshaa dhera kuri iru riyaash hithakah naaraatha ekahchekey ves😂
      Aan ma molhuvaaney surprise dheyn
      Aan dhen emeehun thaa loabin ulhen thibee
      Thank you 😊
      Next part hama liyevunuhaa avahakah
      Loabiveyyy too🥰

  3. me

    alheyy mi part vc vrh reethi masha allah dhn oiy part ah vc vrh inthizaaru kurevey
    thankolheh avahah up kohladhehchey

    1. ReeshA CoronA
      me

      Thank u dear 😘
      Insha ﷲ

  4. Yaa

    This part is amazing love it

    1. ReeshA CoronA
      Yaa

      Thank you 😊

  5. Never known

    Bro fakkaa ey magey Bollywood 2 bias profile ah laafa hureema!!

Comments are closed.