
ހިތް ބޭނުމޭ ދުލުން 17
ވޯޓަރ ކްރިސްޓަލް ކުރިމައްޗަށް މަޑުކޮށްލި ކާރު ފެނި ޒިޔާނާ މިޝްޔާ ގޮވައިގެން ދޮރު މައްޗަށް ނުކުތެވެ. އޭރުވެސް މިޝްޔާގެ މޫނުމަތީގައިވީ ހައިރާން ކަމެވެ. ކާރުގެ ދޮރުފަތް ހުޅުވާލިތަން ފެނުމުން މިޝްޔާ އެދިމާލަށް ބަލާލިއެވެ. ފުރަތަމަވެސް ކާރުން ފޭބި މާއިޝް ފެނި މިޝްޔާއަށް އަނގައިގައި ހުރި ހުރިހާ ދަތެއް ފެންނަވަރަށް ހިނިތުންވެލެވުނެވެ. ދުވެފައި ގޮސް މާއިޝްގެ ގައިގައި ބައްދާލީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ. “އާރޔޫ ސަޕްރައިޒް މައި ބޭބީ ގާރލް..” މިޝްޔާގެ ދެކޮލުގައި ހިފަހައްޓާލަމުން މާއިޝް ބުނެލިއެވެ. އުފާވެފައި ހުރިވަރުން ވާހަކަ ދެއްކުންވެސް ވީ މިޝްޔާއަށް ދަތިކަމަކަށެވެ. ބޯ ޖަހާލުމާއެކު މާއިޝްއާ ދުރުވެލާ ކައިރިއަށް އައިސް ހުއްޓުނު މިންނާ ގައިގައި ބައްދާލިއެވެ. “މަންމަގެ ޕްރިންސެސް.. ކުޑަ ދުވަސްކޮޅެއްގެ ތެރޭގަވެސް ހާދަ ބަދަލުވެއްޖޭ ދޯ..” މިޝްޔާގެ ބޮލުގައި މިންނާ ފިރުމާލިއެވެ. ރިލްހާވެސް ނިދިފައި އޮތް ރަޔަން ކޮނޑުމައްޗަށް ލައިގެން ހުރެ އައިސް ދެމައިންގެ ގައިގައި ބައްދާލިއެވެ. ދުރުގައި އެ އުފާވެރި މަންޒަރު ވީޑިޔޯ ކުރަން މިޝްޔާގެ ބައްޕަ އަބްދުއްﷲ ހުރިއިރު ކައިރީގައި މާއިންވެސް އެ އުފާވެރި މަންޒަރަށް ބަލަހައްޓައިގެން ހުރީ ހެވިފައެވެ. “މާއިން ދަރިފުޅާ.. އާދެބަލަ މިކޮޅަށް..” މިންނާ މާއިންއަށް ގޮވާލިއެވެ. މިޝްޔާ ވާނުވާގައި ހުރެ ބަލައިލީ މިންނާ ދަރިފުޅާއޭ ކިޔާފަ ނުވެސް ދަންނަ ކުއްޖަކަށް ގޮވާލުމުންނެވެ. މާއިން މިންނާ ގާތު އައިސް މަޑުކޮށްލުމާއެކު މިންނާ، މިޝްޔާއަށް މާއިން ތައާރަފް ކޮށްދިނެވެ. އަދި އެއީ މިންނާގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ދަރިފުޅު ކަމުގައި ބުނެދިނެވެ. މިޝްޔާ މާއިންއަށް ހިނިތުންވުމެއް ދިނުމަށްފަހު ސަލާމްކޮށްލިއެވެ. ޒިޔާނާވެސް އައިސް އެކުވެރިޔާގެ ގައިގައި ބައްދާލުމަށްފަހު މިންނާގެ އަތުގައި ހިފަހައްޓާލައިގެން ހުރެ އެތެރެއަށް ދާން ހިނގައިގަތެވެ. އަބްދުއްﷲ ވެސް ހަނގު ދަރިފުޅު ގަޔާ ކައިރިކޮށްލައިގެން ހުރެ އެދެމީހުންގެ ފަހަތުން ހިނގައިގަތެވެ.
އެންމެން ވަދެ ސޯފާތަކުގައި އިށީދެ ހަމަޖެހިލުމާއެކު ޒަރާ ތަބަކެއްގައި ޖޫސް ތަށިތަކެއް އަތުރައިގެން އައިސް ކޮންމެ މީހަކަށް ޖޫސްތައްޓެއް ދިއްކޮށްލިއެވެ. ޒިޔާނާ ވެސް އެބަ އަންނަން ކަމަށް ބުނެ ގޮސް އައީ ޝިމާންއާ ޝައިމާ ގޮވައިގެންނެވެ. މިޝްޔާ އެވަގުތު އެތާ މަޑުކުރަން ބޭނުން ނުވުމުން މާއިޝްގެ އަތުގެ ތެރޭގައި ނިދާލާފައި އޮތް ރަޔަން ނެގުމަށްފަހު ރަޔަން ބާވަން ދަނީ ކަމަށް ބުނެ މައްޗަަށް އަރަން ސިޑިއާ ދިމާލަށް ހިނގައިގަންނަމުން ސިޑި ކައިރީ މަޑުކޮށްލައިގެން ހުރި ޝައިމާއަށް ހިނިތުންވުމެއް ދިނެވެ.
ޝިމާންއާ މާއިން އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން އިނީ ގަބުވެފައެވެ. ލޯ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަކީ ހަގީގަތެއް ކަމަށް ގަބޫލުކުރަން ބޭނުންނުވެފައެވެ. އެންމެ ގާތް އެކުވެރިޔާ 3 މަސްފަހުން ފެނުމުން މާއިންއަށް ދުރަކު ނުހުރެވުނެވެ. ތެދުވެގެން ގޮޮސް އެކުވެރިޔާގެ ގައިގައި ބައްދާލިއެވެ. “ހާދަ ދުވަހެއް ފަހުންނޭ ބްރޯ މި ފެނުނީ..” ޝިމާންގެ ބުރަކަށީގައި ޖަހާލަމުން މާއިން ބުނެލިއެވެ. އެންމެންގެ ނަޒަރު އޭރު ވަނީ އެދެމީހުންނަށް ހުއްޓިފައެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. ޝިމާން، ޒިޔާނާ ގާތު ބުނެލުމަށްފަހު މާއިން ގޮވައިގެން އޭނަގެ ކޮޓަރިއަށް ދިއުމަށް ސިޑިއާ ދިމާލަށް ހިނގައިގަތެވެ.
“ބްރޯ.. މަށަކަށް އަދިވެސް ގަބޫލެއް ނުކުރެވޭ މީ ހަގީގަތެއް ކަމަކަށް.. ކިހިނެއް އަސްލު މިގެއަށް ތިޔައީ.. އަދި އެވެސް މިޝްގެ ފެމެލީއާ އެކޮށް..” ޝިމާން މާއިން އިށީނުމަށް ޑްރެސިންޓެބަލް ކައިރީ ބަހައްޓާފައި ހުރި ގޮނޑި ދައްކާލަމުން ސުވާލުކޮށްލިއެވެ. މާއިންވެސް ޝިމާންއަށް ވީ ހުރިހާ ކަމެއް އަކުރުން އަކުރަށް ކިޔައިދިނެވެ. ޝިމާން އިނީ މާއިން ދެއްކި ވާހަކަތައް އަޑުއަހަން އަނގަ ހުޅުވިފައެވެ. “ދެން ތި އަނގަ ލައްޕަން ވީނު ދޯ.. ހޫމް ހޫމް.. ދެން ދެންމެ ތިބުނީއެއްނު މިޝްއޭ.. ހާދަ ގާތްކޮށް.. އަނެއްކާ ކަމެއްތަ އެއީ.. މީ ދޯ މިފަހަރު މެލޭއަށް އައިސް ރާއްޖެ ނުދެވިގެން އުޅޭ ސަބަބަކީ.. އޭރުވެސް ހީވިއޭ މިކަހަލަ ކަމެއް ވެގެންހެން މީ..” މާއިންއަށް އޭނާގެ ވާހަކަތައް މަޑު ޖައްސާލެވުނީ ޝިމާންގެ ލޮލުން ވެއްޓިގެން ދިޔަ ކަރުނަތިކި ފެނިފައެވެ. އެ މޫނުމައްޗަށް ވެރިވެގެން ދިޔަ ހިތާމައިގެ އަސަރު ކިތަންމެ ރަނގަޅަކަށް ވެސް މާއިންއަށް ފެނުނެވެ. އެކުވެރިޔާއަށް ބޮޑު ކަމެއް ދިމާވެއްޖެކަން ޝިމާން ބުނެލުމަކާ ނުލާވެސް މާއިންއަށް ނަގައިގަނެވުނެވެ. ނަމަވެސް މީ ޝިމާންއަށް ވެގެން އުޅޭ ގޮތެއް އޮޅުންފިލުވުމަށް އެންމެ ރަނގަޅު ވަގުތު ނޫންކަމަށް މާއިންގެ ހިތް ބުނުމާއެކު އެހެން ވާހަކައެއް ފެށިއެވެ. އެތައް ވާހަކައެއް ދައްކަން ތިބުމަށްފަހު އައިދަންއާ އައިޒަންއަށް ސަޕްރައިޒްއެއް ދޭން ރޭގަނޑު ވަގުތެއްގައި ގުޅަން ނިންމުމަށްފަހު ޝިމާން ޒިޔާނާ ގާތު އޮޅުންފިލުވައިގެން މާއިންއަށް ކޮޓަރި ދައްކަން ދިޔައީ އެކުވެރިޔާ ހުންނާނީ ފެންވަރާލާ ވަރުބަލިފިލުވާލުމަށް ޖައްސާލަން ބޭނުންވެފައިކަން އެނގޭތީވެއެވެ.
************************
ނިދިފައި އޮތް ރީޝަމްއަށް ސިއްސައިގެން ގޮސް ހޭލެވުނީ ފޯނުގެ ރިންގުގެ އަޑާއި އެކުގައެވެ. ދެލޯ އުނގުޅާލުމަށްފަހު ބާލިސް ކައިރީގައި އޮތް ފޯނު ނަގާ ގުޅަނީ ކާކުތޯ ބަލައިލިއެވެ. މަލްޝާގެ ނަން އަރާފައި އޮތުމުން ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. “ރީޝް ކީއްވެތަ އައިޒަން ގުޅީމަ ފޯނު ނުނަގަނީ.. ދެންމެ އައިދަަން އަހަރެން ކައިރީ އެ ބުނީ އައިޒަން އުޅެނީ ވަރަށް ދެރަ ވެގެންނޭ ރީޝަމް ފޯނު ނުނަގާތީ.. މަލްޝާ ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން ބަހެއް ނުބުނެ ފޯނު ކަންފަތުގައި ޖަހާލައިގެން ރީޝަމް އޮތެވެ. “ތި ދެމީހުންގެ ދެމެދުގައި ޖެހިގެން ތިއުޅޭ މައްސަލައެއް ބުނީމަ ދޯ އަހަރެންނަށް ވެސް އެނގޭނީ ހިޔާލެއް ދޭން.. އަހަރެން ނޫނީ ދެން ކާކުތަ މިހާރު ރީޝްއާ އެންމެ ގާތުގަ މިހުރީ.. އީންއާ މިޝްއާ ވެސް އެ ތިބީ މާދުރުގަ..” މަލްޝާ ދެރަވެލާފައި ވާހަކަދެއްކިއެވެ. ރީޝަމްގެ ހިޔާލަށް އެދުވަހު އައިޒަންއާ ދެމީހުންގެ ދެމެދުގައި ދެކެވުނު ވާހަކަތައް ހަނދާނަށް އަންނަން ފެށިއެވެ.
ރީޝަމް އެދުވަހު ކޮޓަރިއަށް ވަދެ ވަގުތުން އައިޒަންއަށް ގުޅިއެވެ. އެ ހިތުގައި އުފެދެމުން ދިޔަ ރުޅިވެރިކަން އައިޒަންއާ ވާހަކަދައްކާ ހުރިހާ އެއްޗެއް އޮޅުން ނުފިލުވަނީސް ފިލައިގެން ނުދާނެކަން އެނގޭތީއެވެ. އެންމެ ރިންގަކާއެކީ އައިޒަން ފޯނު ނެގުމާއެކު ފުރަތަމަވެސް އޭނަ ބަލާ ފޮނުވި މީހައާ އައިޒަންއާ ދެމެދުގައި އޮތް ގުޅުމާ މެދު ރީޝަމް ސުވާލުކޮށްލިއެވެ. އައިޒަންވެސް ރީޝަމް ކުރި ސުވާލަށް ޖަވާބު ދިނުމެއްނެތި ރީޝަމްއަށް އަމާޒުކޮށްލީ ސުވާލެކެވެ. ކިހިނެއްވީތޯއާ ރިޝްފާން އެއްޗެކޭ ބުނީތޯ އަހާލިއެވެ. ނަމަވެސް ރީޝަމް ސުވާލަށް ޖަވާބު ދިނުމެއްނެތި އޭނާ ކުރި ސުވާލު ތަކުރާރު ކޮށްލިއެވެ. އެއީ އައިޒަން މަންމަގެ ރައްޓެއްސެއްގެ ދަރިފުޅު ކަމުގައާއި އެމީހުން އުޅެ ބޮޑުވީ އެކީގައި ކަމުގައި ބުނެދިނެވެ. ނަމަވެސް ވަރަށް ފަހުން ދިމާވި ކަމެއްގައި ޖަލުގައި ހުރެފަ ސަލާމަތްވިތާ އަދި ވީ ދެތިން ދުވަސްކަމުގައި ބުނެލިއެވެ. ރީޝަމްއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޖަލުން ދޫކޮށްލިތާ ދެތިން ދުވަސްވީ މީހަކު ރީޝަމް ގެއަށް ލައިދޭން ދާން އައިޒަން ފޮނުވީ ރިފްޝާނަށް ހާދަ އިތުބާރެއް ކުރާތީއެވެ. އައިޒަންއަށް ހަމަ ރިފްޝާނުގެ ގޮތް ކުޑަކޮށްވެސް ނޭނގެނީބާއެވެ. ނޫނީ ކުޑައިރު އެކު އުޅެ ބޮޑުވީތީ އެކުވެރިޔާ ކުށެއް ކުރާނެ ކަމަށް ގަބޫލުނުކުރަނީ ބާއެވެ. ނޫނީ މަންމަގެ ރައްޓެއްސެއްގެ ދަރިފުޅަށް ވީތީ ނޭނގޭ ކަމަށް ހަދައިގެން ހުންނަނީ ބާއެވެ. އެކި ހިޔާލުތައް ރީޝަމްގެ ސިކުނޑިއަށް ވެރިވަމުން ދިޔައެވެ. ހަމައެހެންމެ ބޮލުގައި ރިހެމުން ދިޔުމުގެ ސަބަބުން ބޮލަށް ބަރުވަމުން ދިޔައެވެ. ރީޝަމްގެ އަޑު އައިޒަންއަށް އިވިލީ އިރުކޮޅެއް ފަހުންނެވެ. ނަމަވެސް ރީޝަމް ބުނެލީ ކުޑަކޮންވެސް އައިޒަން އުންމީދު ކުރިފަދަ ވާހަކައެއް ނޫނެވެ. އައިޒަން ރީޝަމްދެކެ ލޯބިވަންޏާ ރިފްޝާނާ ދެމީހުންގެ ދެމެދުގައި އޮތް ދުވަސްވީ އެކުވެރިކަމުގެ ގުޅުން ކަނޑާލަން އެދުނީއެެވެ. އެހެންނަމަވެސް އައިޒަން ވަގުތުން އެކަމަށް ފާޅުގައި އިންކާރު ކުރުމުން ރީޝަމް ފޯނު ކަނޑާލީ ދެން ދުވަހަކުވެސް އޭނައަށް ނުގުޅުމަށް ބުނެފައެވެ. އަދި އޭނާއާ ބައްދަލުކުރަންވެސް ދެން އިތުރަށް ނޫޅުމަށް ބުނެފައެވެ. އޭނާ އެދުނު އެންމެ އެދުމަކަށް އިންކާރު ކުރި މީހަކާ ދުވަހަކުވެސް ގުޅުން ބާއްވަން ބޭނުންނުވާކަމަށް ބުނެ ހިތްމަތީ ގާގަޑެއް ބާވާފައެވެ.
*************************
ހިޔާލުތަކުގެ ވާފަށް ކެނޑި ހަމަ ދުނިޔެއަށް އާދެވުމާއެކު ރީޝަމް އަތުގައި އޮތް ފޯނަށް ބަލާލިއެވެ. އޭރު މަލްޝާގެ ކޯލު ކެނޑި އައިޒަންގެ ހަ މިސްކޯލު ފޯނަށް އައިސްފައި އޮތެވެ. ނަމަވެސް ރީޝަމް އައިޒަންއަށް ގުޅުމުގެ ބަދަލުގައި ފޯނު ނިއްވާލާ ބާލީސްދަށަށް ލުމަށްފަހު ދެލޯ މަރާލީއެވެ.
ހަވީރުގެ ވަގުތު ވޯޓަރ ކްރިސްޓަލް ވަނީ އަޑުގަދަވެފައެވެ. ހުނުމުގެ އަޑާއި ވާހަކަ ދެއްކުމުގެ އަޑުން މުޅިގެ ވަނީ ފަޅުފިލުވާލެވިފައެވެ. ތަފާތު އުފާވެރިކަމެއް ގޭތެރެއަށް ވަނީ ވެރިވެފައެވެ. ހާމަ ބިމުގައި ބަހައްޓާލެވިފައި ހުރި ބެންޗުތަކުގައި އެންމެން އިށީދެ ތިބެ ސައިބޮމުން ދިޔައިރު އެއްވެސް މީހަކަށް ނޭނގުނުކަމަކީ ޝިމާންއާ މިޝްޔާއާ ދެމީހުން އެކަކުއަނެކަކަށް ސިއްރު ނަޒަރުތަކެއް ދެމުން ގެންދިޔަކަމެވެ. މިޝްޔާ، ޝިމާންގެ މޫނަށް ބަލައިލާ ކޮންމެ ފަހަރަކުވެސް ޝިމާން އިންނަނީ މިޝްޔާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. ލޯބީގައި ދީވާނާވެފައިވާ މުސާފިރެއް ފަދައިންނެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ މިޝްޔާގެ ހިތް ވަނީ މީގެ ދުވަސްކޮޅެއް ކުރިން މީހެއްގެ އަވައިގައި ޖެހި ވީރާނާ ވެފައެވެ. ރަހުމުކުޑަ ފިރިހެނެއްގެ އަތްދަށުވެ ހިތުގައި ނުފިލާނެ ރެނދެއް ލެވިފައެވެ. އެ ހިތް އަލުން އާބާދު ކުރެވޭނީ ވަރަށް ހިތްވަރުގަދަ ފިރިހެނަކަށެވެ. ޝިމާންވެސް އެހިތް މިލްކުކުރަން ބޭނުންވާނަމަ ޖެހޭނީ އެހިތާ ހަނގުރާމަ ކުރާށެވެ. އެ ހިތް މިލްކު ކުރުމަށްޓަކައި އެތައް އަހަރެއް ހޭދަވި ކަމުގާވީ ނަމަވެސް ޖެހޭނީ ކެތްތެރި ވާށެވެ.
ނުނިމޭ
2 Comments!
Comments are closed.
Mi part ves vrh reethi Masha Allah. when’s next part. curiously waiting for the next part. i appreciate your hard work Lam. take care lysm Lam 💋😘❤️
Happy to be the first person to comment 😊 Mi part ves vrh reethi Masha Allah. when’s next part. curiously waiting for the next part. i appreciate your hard work Lam. take care lysm Lam 💋😘❤️