އެކްޓަރ (ޕާޓް 5)
އަހަރެންްގެ ދުލުން ބޭރުވި އެ ބަސްތަކުން އެންމެންނަށް ސިހުން ގެނުވިއެވެ.ބިރެއް ފެނިގެން ބަލައިލިހެން މަންމަ އަހަންނާއި ދިމާލަށް ބަލައިލިއެވެ.އުސައިދުގެ މޫނުމަތިންވެސް ފާޅުވެގެން ދިޔައީ ޖެހިލުންވުމުގެ އަސަރެވެ.އޭނާގެ ކުރިމަތީގައި އަހަރެން އެފަދަ ގޮތަކަށް ބަސް ބުނި އަޑު އިވުނު މިއީ ފުރަތަމަ ފަހަރު ކަމަށް ވީމާ ތޯއްޗެކެވެ.ބައްޕަވެސް ހުރީ ނިތައް ރޫ ގިނަވެ ދެލޯ މުދުނަށް އަރައިފައެވެ.
’ޒައިފް ކީކޭތަ ތިކިޔަނީ!؟‘ބައްޕަ ވަރަށް ހިތްހަމަނުޖެހިފައި އަޑަށް ބާރުލާފައި ބުނެލިއެވެ.އެހެނަސް އިޝާރާތުން އަހަރެން ބައްޕަ ގާތުގައި ހަމަޖެހުމަށް އެދުނީމެވެ.
****
ބައްޕަ ’ރިއެކްޓު‘ ކުރާނީ އެފަދަ ގޮތަކަށްކަން އަހަންނަށް މާ ކުރިންވެސް އެނގެއެވެ.މިތަނުގައި ’ކަނު އަނދިރީގައި‘ އެހުރީ އެފަކީރު އެކަނިވިއްޔާއެވެ.އަހަރެން މި ވައްޓައިލި ’ބޮމުގެ‘ ހަގީގަތް އެނގޭ ހިސާބުން އެ ފަކީރަށް ވާނެ ގޮތެއްވެސް ނޭގެއެވެ.އެހެނަސް ހަގީގަތާއި ކުރިމަތިލާންވީ ވަގުތު ޖެހުނީއެވެ.
****
(އެއް އަހަރު ކުރި)
’ދެން އަހަރުމެން ވީ އޭނައަށް ނުދެވޭތީ އޭ ކިޔާފައި މި ޓްރިޕްގަނޑުވެސް ކެންސަލް ކުރަންތަ؟ އެހާ ވަރަކުން ޕްލޭން ކޮށްފައި…ބޮޑު ފަނިގަނޑެއް ހުވާ މިބުނީ.‘ ޒަޔާ އައިސްފައި ހުރި ރުޅީގެ ކޮޅެއް ނެތެވެ.’އާން ރަން ދަރި ވިއްޔާ…ނުލައި އެއްތަނަކަށް ވެސް ގުޑުވައި ނުލާނެ ހުއް!‘ ޒީވާ ވަކި ދުލެއް ނުކުރެއެވެ.’ތީތި ކަޑަ ދޯ…ހާދަ އިންސާފެއް ނެތޭ!‘ އުޒައިރުވެސް ބައި އަޅައިލިއެވެ. އަހަރެން ހަމަ ޗުއްޕުވެސް ނުބުނެ ހުރީއެވެ.އަހަރެން އަނގައިން ބުނެގެން އެއިން އެކަަކުގެވެސް ރުޅި މަޑެއް ނުވާނެކަން އެނގޭތީއެވެ.
****
’ކޮން ފާޑަކަށްތަ ދަރިފުޅުމެން ތިޔަ ވާހަކަ ދައްކަނީ…އެއްވެސް ކުއްޖަކު ބާކީ ނުކުރަންވެގެން ދޯ އިހަށް ލަސްކޮށްލަން ހިނގާށޭ މިކިޔަނީ…އެއްފަހަރުވެސް ނުބުނަމެއްނުން ނުދާނަމެކޭ‘ ބައްޕަ ބުނެލިއެވެ.
’ހެވޭ! ބައްޕަމެން ބޭނުންހާ އިރަކު ގޮސްގެން އެތަނުގެ މޫސުން އެ އޮތްގޮތަކަށް ނޯންނާނެ ދޯ. އަހަރުގެ މެދުތެރެއިން އެ އަންނަނީ ހޫނު މޫސުން…މަށަކަށް ކެތެއް ނުވާނެ!‘ ޒަޔާ ރައްދު ދިނެވެ.ޒީވާވެސް ވަގުތުން އޭނާއާއި އެއްކޮޅަށް ހިފައިފިއެވެ. އެންމެ ފަހުން ބޮޑު ޒުވާބަކަށް ވެދާނެހެން ހީވީމާ ފަހު ބަސް އިއްވީ މަންމައެވެ.
****
’ގާދިރު ބުނަން…އަހަންނަށް ފެންނަނީ ގާދިރު އެމީހުން ގޮވައިގެން ދާން. އަހަރެން މަޑުކުރާނަން ޒައިފްއާއެކީ. އެއް ފަހަރު އަހަރެމެން ނުދިޔަޔަސް ރަނގަޅުވާނެ.ނުދާ ގައުމެއްވެސް ނޫނެއްނު.‘ މަންމަ ބުނެލި އެވެ.
****
އަހަންނަށް އެކަނި ’މެނޭޖް‘ ކުރެވޭނެކަމަށް ބުނުމުން ވެސް މަންމަ ގަބޫލެއް ނުކުރިއެވެ.ބައްޕައަށްވެސް މަންމަގެ ނިންމުން ކަމުދިޔައެވެ.މަންމަ ގެންދާ ހިތްވި ނަމަވެސް އަހަރެން އެކަނި ކޮށްލާފައި ދާން ބައްޕަ ބޭނުން ނުވީއެވެ.ދިމާލަށް ނުބުންޏަސް އަހަންނަކީ ބައްޕަގެ ’ފޭވަރިޓް‘ކަން އަހަންނަށް އެނގެއެވެ.
****
އަސްލު މިވީ ގޮތަކީ މެލޭޝިޔާއަށް އަޅަން ކީ ދަތުރު ދާން ވާ އިރަށް އަހަންނަށް ޗުއްޓީ ލިބޭގޮތް ނުވީއެވެ. އަނެއްކޮޅުން ކޮމްޕެނީގެ އިވެންޓަކަށް ރިސޯޓަކަށް ފޮނުވާ ގޮތަށް ހަމަޖެހުނީވެސް އަހަންނެވެ.ކޮންމެ ގޮތެއްވިޔަސް އަހަރެން އެތަނަށް ހާޒިރުވާން ޖެހޭނެއެވެ.ގޭތެރޭގައި މި ހިނގި ޑުރާމާ ގަނޑަކީ އަހަންނަށް ޗުއްޓީ ނުލިބުނޭ ބުނެގެން ބައްޕަ ދަތުރު ފަސްކުރަން އުޅެގެން ހިނގި ކަމެކެވެ.
****
އެންމެ ފަހުން އެ ތިން މީހުންގެ ކޮޅު މޮޅުވީއެވެ. އަހަރެން ނުލައި ދާ ގޮތަަށް ހަމަޖެހުނީމައި އެކަމުގެ އުފަލުގައި ’ސެލެބްރޭޓް‘ ނުކުރާ ކަމެއްވެސް ނޭނގެއެވެ.
****
ކޮންމެއަކަސް އޭރު ހަމަ ފުރަން ކިޔާފައި އޮތް ތާރީޚުގައި އެ ގުރޫޕު ނައްޓާލައިފިއެވެ. އަހަންނާއި މަންމަ އެކަނި ވީއެވެ. ދޭތެރެއަކުން އުސައިދުވެސް ޖައްސާލައެވެ.އެބޭގަނޑު އެ އަންނަ ގޮތަށް ކަމަކަށް އޮންނަނީ އަހަރެން ރުޅި އެރުވުމެވެ. އެކަމުން އޭނާއަށް ބަޔާން ކުރަން ދަތި އުފަލެއް ލިބެނީބާވައޭ އަހަރެންގެ ހިތަށް އަރައެވެ. އޭނާގެ ފަރާތުން ރެކެން ވެގެން އަހަރެން ގިނަ ވަގުތު ހޭދަ ކުރަނީ މަސައްކަތުގައެވެ.ނޫނީ އަނޫކަށް ވަގުތެއް ވާ ގަޑިތަކުގައި އޭނާއާއި އެކު ބޭރުގައެވެ.
****
އަސްލު ދޮގު ނުހަދާ ތެދަށް ބުނަންޏާ އެ އުޅޭ ތިން މީހުންގެ ކޯޅުންގަނޑު މަތިން އަހަރެން ފާޑަކަށް ’މިސްވިއެވެ‘.ޒަޔާއާއި ޒީވާގެ އަޑެއް ބަޑެއް އިވި ނުލާތީ ގޭތެރެއިން އިހުސާސްވީ ފަޅުކަމެވެ.އެއީ އަހަރެންްގެ ’ޑެއިލީ ފްރީ އެންޓަޓެއިންމަންޓް‘ ވިއްޔާއެވެ.އުޒައިރު އަހަންނަށް ބާލާ ރޯޅި ގަނޑަކީ އަދި މުޅިން އެހެން ’ލެވެލް‘ އެކެވެ.
****
ކޮމްޕެނީގެ އިވެންޓަށް ދާން އަހަރެން ރިސޯޓަށް ފުރީ ހަވީރު ފަހެއް ޖަހަން އުޅެނިކޮށެވެ. އިވެންޓް ފެށޭ ގަޑިއަކީ އެ ރޭގެ އަށް ގަޑި ބައެވެ. އަހަންނަށް އަނބުރާ މާލެ އާދެވޭއިރު ލަސްވެފައި ހުންނާނެތީ ކުރީބައިގައި އެވާހަކަ މަންމަ ގާތުގައި ބުނީމެވެ.
****
އަހަރެމެންނަށް ރިސޯޓަށް ގޮސް ހަމަޖެހި ނުލެވިގެން އުޅެނިކޮށް މުޅި ދުނިޔެމަތި އަނދިރިކޮށްލައިފިއެވެ.ލަސްތަކެއް ނުވެ ވިދާ ގުގުރައި ގެންފައި ބޯކޮށް ވާރޭ އޮއްސާލައިފިއެވެ. ’އިވެންޓަކީ‘ ’އައުޓް ޑޯ‘ ’އިވެންޓެއް‘ ކަމުން މޫސުން ތަން ނުދީގެން ’އިވެންޓް‘ ފަސްކުރީއެވެ.
****
އެރޭ އެގާރަ ޖަހާ ބޮޑުވި އިރުވެސް ވާރޭ ހުއްޓައި ނުލިއެވެ.ވަކި ދުވަހެއް ނާންގައި ’އިވެންޓް‘ ފަސްކުރުމުން އެއްބަޔަކު ބޭނުންވީ އެރޭ ރިސޯޓުގައި މަޑުކޮށްފައި އަނެއް ދުވަހު މޫސުމަށް ބަލައިލާފައި މާލެ ދާށެވެ.ފުރަތަމަ އަހަރެން ވެސް ހުރީ މަޑުކުރާ ގޮތަށެވެ.މަޑުކުރާ ވާހަކަ ބުނެފައި މަންމައަށް މެސެޖުވެސް ކުރީމެވެ.އެހެނަސް ފަހުން ޚިޔާލު ބަދަލުވެގެން އެރެއިން އެރެޔަށް މާލެ ދާން ދިމާކުރި ގުރޫޕާއި އެކީގައި،ވާރޭ ތުނިކޮށްލި ގަޑީގައި މާލެ ދާން ފުރައިފީމެވެ. ތަންކޮޅެއް ކަނޑު ގަދަކޮށް އުޅޭތީ ކަނޑަށް ބަލި ކުދިންނަށް އެހީވާން އުޅެން ހަދައިގެން އެނބުރި މާލެ ދާ ވާހަކަ ބުނެލަން މަންމައަށް ޚަބަރެއް ވެވޭ ވަރެއް ނުވިއެވެ.
****
މާލޭ ފަސް ނަންބަރު ޖެޓީ އާއި ލޯންޗު ކައިރިކޮށްލިއިރު މާލެއަށް ވެސް ދިޔައީ ބޯކޮށް ވާރޭ ވެހެމުންނެވެ.އަހަންނަށް ޗޮކެއް ކަނޑައިލެވުނެވެ.މޫސުމަކީވެސް ހާދަ ލަފާކޮށްލަން އުނދަގޫ އެއްޗެކޭ ހިތަށް އެރިއެވެ.އެއް ސިކުންތު އަވި ދިނިއްޔާ އަނެއް ދެގަޑި އިރު ކެރި ކަނޑައި ނުލައި ވާރޭ ވެހި ދާނެއެވެ.
****
އަހަރެން އެ ދަތުރަށް ފުރީ މޫސުމީ ބަދަލަކަށް ތައްޔާރުވެގެނެއް ނޫނެވެ.އަހަރެންގެ އަތުގައި ކުޑައެއް ކީއްކުރަން ވާރޭ ކޯޓެއްހާ ހިސާބު ވެސް ނެތެވެ.އަނެއް ކޮޅުން މި ވާރޭ ގަނޑުގައި ޓެކްސީ ގަނޑެއް އަތު ޖެހުމަކީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ.ޓެކްސީއަކަށް އެރިއްޔާ ޝިޓް! އަހަރެންގެ ސައިކަލުގަނޑު ޖެހޭނީ ޕާކިން ޒޯނުގައި ބަހައްޓާފައި ދާށެވެ.ޖެހިގެން އަންނަ ދުވަހު ކަމާ ކަން ފަށައި އެ ސައިކަލުގަނޑު އެތަނުން ނަގަން އަންނަހާ އަހަރެން މުރާއްޔެއް ނޫނެވެ.
****
ވާރޭ ހިސާބަކަށް ތުނިކޮށްލީމައި، ދެ ޚިޔާލެއްގައި ހުރެފައި އަހަރެން ގެންގުޅުނު ދަބަސްގަނޑު ބޮނޑިކޮށްލައިގެން ލޯންޗުން ފައިބައިފީމެވެ.ނަސީބަކުން ސައިކަލުވެސް ޕާކު ކުރެވިފައި ހުރީ މާ ދުރަކު ނޫނެވެ.އަވަސް އަވަހަށް ގޮސް ދަބަސްގަނޑު މަޑި ދޮށަށް ލައިފައި، އަނެއްކާވެސް ވާރޭ ބޯކޮށް ނުލަނީސް ގެއާއި ހަމައަށް ފޯރާތޯ މިސްރާބު ޖެހީމެވެ.
****
ގެއާއި ހަމައަށް ކިރިޔާ ދެވުނީއެވެ.ސައިކަލު ޕާކު ކޮށްލައިފައި ފޭބެންވީ އިރަށް އަނެއްކާވެސް ވާރޭ ބޯކޮށްލައިފިއެވެ. ދުވެފައި ގެއަށް ވަތްއިރު މީހާ ހުރީ ހަމަ ރަނގަޅަށްވެސް ތެމި ފޯވެފައެވެ.އަހަންނަކީ އެހާ ފަސޭހައިން ރޯގާގެ ކަންތައް ލައިގަންނަ މީހެކެވެ.ކިރިޔާ ފިނި ވެލާ އިރަށް އަނގަ ވަރުނުލައި ކިނބިހި އެޅެން ފަށާނެއެވެ.
****
އެޕާޓުމަންޓުގެ ތަޅުދަނޑިއެއް އަހަރެން އަތުގައިވެސް އޮންނާތީ ކޮންމެހެން ބެލް އަޅާކަށް ނުހަދަމެވެ.އަހަރެން ގޮސް ތަޅުދަނޑި ޖަހައި ދޮރު ހުޅުވައިލީ ތަގުދީރު އަހަރެންގެ މޫނުމަތީގައި އަޅައިލަން އުޅޭ ހޫނު ’ތައްޕަޑު’ގެ ކުޑަވެސް ހިލަމެއް ނެތިއެވެ.
****
ދޮރު ހުޅުވައިލި ވަގުތު ފެނުނު މަންޒަރުން އަހަންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. މުޅި ސިޓިން ރޫމް ވަނީ އުއްބައްތީގެ އަލިން ހުޅުދާން ވެފައެވެ.މުށިތައް މަތީގައި އުކާފައި އޮތީ ހުސް ރަތް ފިނިފެންމަލުގެ ފިޔަތަކެވެ.ވެހެމުން ދިޔަ ވާރޭގެ އަޑާއިއެކުވެގެން ފަނޑުކޮށް އަހަރެންގެ ކަންފަތުގައި ޖެހިލި އެ ’ލަދުވެތި‘ އަޑުން އަހަރެންގެ ފިޔަވަޅުތައް ގަނޑުވިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.






Alhe eoh kiyaa hiyy vefa indhah eh. Ninmaalyy😔 waiting for the next episode…