Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

މާރެސް – 4

Yaann Level 1
March 25, 2025 4 Mins Read
2 Comments

އެއްވެސް ޖަވާބެއް ނުލިބުމުން އަހަރެން މިސްރާބެއް ނެތި ހިނގައި ގަތީމެވެ. ކުރީ ރޭ ގޮތަށް މި ދަތުރު ނިންމާނެ މަންޒިލެއް ނެތިއެވެ. ކުއްލިއަކަށް، އުޑުމަތި ބަނަ ވެއްޖެއެވެ. އަހަރެންނާއި ދެކޮޅަށް ގަދަޔަށް ވައި ޖެހެން ފެށުނެވެ. ބިކަ ހާލުގައި އަހަރެން ކޮޅު ކޮޅަށް ޖެހެމުން ހިނގީމެވެ. ވިއްސާރަ ކަނި ކަނިވެސް ޖަހަން ފެށިއެވެ. އަހަރެންގެ ލޮލުން ވެސް ކަރުނަ ފައިބަނީއެވެ. އަހަރެންނަށް ވަކި ހިސާބަކަށް ދެވުނު ތަނާއި މަތިން ހިލަ ވެރޭހެން، ވިއްސާރަ ވެހެން ފެށުނެވެ.

އަހަރެން ގައިގައި އިތުރަށް ހިނގާނެ ވަރަށް ހިތްވަރު ނެތުމުން، އަހަރެން ފާރު ކައިރީ ނިކަމެތި ވެފައިވާ އިންސާނެއް ހެން އިނީމެވެ. އަމިއްލަ ނަފުސާއި ސުވާލުކުރީމެވެ. ‘މި ހުރިހާ ކަމެއްގައި އަހަރެންގެ ކުށަކީ ކޮބާ ހެއްޔެވެ؟ އަހަރެންނަށް ދުވަހަކުވެސް މައެއްގެ ލޯބި ލިބޭނެ ހެއްޔެވެ؟ އަހަރެންގެ ހުވަފެންތައް ދުވަހަކުވެސް ހަގީގަތަކަށް ވާނެ ހެއްޔެވެ؟’.

ކުއްލިއަކަށް، ކަޅުކުލައިގެ ދިގު ހެދުމެއް ލައިިގެން ހުރި އަންހެނަކު އަހަރެންނާއި ދިމާލަށް އައެވެ. އޭނާ ހުރީ އުސް ބޫޓަކަށް އަރައިގެންޏެވެ. އެހެން ބަހަކުން ބުނާނަމަ ‘ހައި ހީލްސް’ އަށް އަރައިގެންޏެވެ. އޭނާ އަހަރެން ކައިރިއަށް އައިސް މަޑުކޮށްލިއެވެ. އިސްޖަހައިގެން އިން އަހަރެން، އޭނާގެ މޫނަށް ބަލައިލީމެވެ. އެއީ ޑރ.މާޔާ އެވެ.

ޑރ.މާޔާ އަހަރެން އޭނާގެ ގެއަށް ގެންދިޔައެވެ. ހީކަރުވާފައި އިން އަހަރެންނަށް ތުވާއްޔެއް ދީފައި ތެތް ފިލުވާލަން ބުންޏެވެ. އަހަރެން ތުވާލި އަތްލައި ގައިގައި އޮޅާލީމެވެ.

“އަޔާން! މި ސައި ތަށި ބޮއެލަބަލަ. އަޅެ، އަޔާން ބުނެބަލަ… ކީއްވެތަ މިއަދު އެތާ މަގުމަތީގައި އިނީ؟” ޑރ.މާޔާ އަހަރެންނަށް ސައިތަށި ދިއްކޮށް ލާފައި، ގޮނޑީގައި އިށީންނަމުން ބުންޏެެވެ.

“މަންމަ… މަންމަ… މަންމަ އަހަރެން ގެއިން… ބޭރަށް ލީ… މަންމަ ދެކޭ ގޮތުގައި… އަހަރެން… އަހަރެންގެ ސަބަބުން ހުރިހާ… މައްސަލަތަކެއްވެސް ޖެހެނީ…” އަހަރެން ހީކަރުވާފައި އިން ވަރުން، ތުރުތުރުލަމުން ބުނީމެވެ.

ޑރ.މާޔާ ފޯނު ނަގައި އަހަރެންގެ މަންމައަށް ގުޅަން މަސައްކަތް ކުރިއެވެ. ނަމަވެސް، މަންމަ ކޮންމެ ފަހަރަކުވެސް ފޯނު ބިޒީ ކޮށްލަނީއެވެ. އަހަރެންނަށް ރޮއެވުނެވެ. ގިސްލެވުނެވެ. ޑރ.މާޔާ އަހަރެން ކައިރީ އަރާމު ކޮށްލުމަށް ބުނެ، ގެއިން ނިކުތެވެ. މި ބޯ ވިއްސާރާގައި ޑރ.މާޔާ ނިކުތީ ކޮން ތާކަށް ދާން ކަމެއް އަހަރެންނަކަށް ނޭނގެއެވެ.

ގަޑިއިރެއް ފަހެވެ. ޑރ.މާޔާ ގެއަށް އައީ އިތުރު މީހަކާއި އެކުއެވެ. ނިދި މޫޑުގައި ހުރުމުން، ފުރަތަމަ ނަޒަރުން އެއީ ކާކުކަން ފާހަގަކުރަން އަހަރެންނަށް ދަތިިވިއެވެ. ލޯ އުނގުޅާލުމަށް ފަހު، އަހަރެން ދެވަނަ ފަހަރަށް އެއީ ކާކު ތޯ އަހަރެން ބަލައިލީމެވެ. އެއީ މާމައެވެ. އަހަރެން ދުވެފައި ގޮސް މާމަގެ ގައިގައި އޮޅުލައިގަތީމެވެ. މަގޭ ދޮންދޫންޏޭ ކިޔާ މާމަވެސް އަހަރެން ގައިގައި ބައްދާލިއެވެ.

“މާޔާ! އަހަރެންގެ މި މާމަ ދަރިފުޅަށް ބޯހިޔަވާހިކަމެއް ނެތް ވަގުތު، ބޯހިޔާވަހިކަން ދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ!” މާމަ ޑރ.މާޔާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.

ޑރ.މާޔާ އާއި ހިނިތުންވުމެއް ބަދަލުކޮށްލައިފައި އަހަރެންނާއި މާމަ ގެއަށް އަންނަން ނުކުތީމެވެ. ނަމަވެސް، ޑރ.މާޔާ މަޑުކުރުމަށް ބުންޏެވެ. އަދި އޭނާގެ ކާރުގައި އަހަރެމެން ގެއަށް ގެންގޮސްދޭނެކަމަށް ބުންޏެވެ. އަހަރެމެން ތިން މީހުން ކާރަށް އަރާ ގެއާ ދިމާލަށް ދިޔައީމެވެ.

ބޭރުގައި ކާރު ޕާކު ކޮށްފައި، އަހަރެމެން ގެއަށް ވަންނަން ދިޔައީމެވެ. ގެއަށް ވަން ތަނާ ‘އޭއި!’ ކިޔާ ވަރަށް ބާރަށް އަންހެނަކު ހަޅޭއްލަވައިގަތެވެ. އަހަރެން އެ މީހަކާއި ދިމާލަށް ބަލައެއް ނުލަމެވެ.

“ކަލޭމެން ދެ މީހުންނަކަށް މި ގެއަށް ވަނުމަށް އެއްވެސް ހައްގެއް ނޯންނާނެ. ނުކުމޭ މި ގެއިން! މަންމަވެސް މި ދެ މީހުންނާއި އެކު ދާން ބޭނުމިއްޔާ ދާން ވީން… އަހަރެންނަށް ވަރިހަމަ އެ ގޮތް ވެސް..” ކާ ގެއިން ނިކުން މަންމަ ބުންޏެވެ.

“ޙަބަރުދާރު! ޙަބަރުދާރު، މީގެ ފަހުން އަޔާން އާއި މާޔާ އާއި ޚިލާފަށް އެންމެ ބަހެއް ބުންޏަސް. އަދި އެއް ވާހަކަ. މީގެ ފަހުން އަހުމަދަށް ފަރުވާ ދޭން މިގެއަށް އަންނާނީ ޑރ.މާޔާ.” އެދުވަހު މާމަވެސް ބަހެއް ބުންޏެވެ.

އެހެން ބުނުމާއެކު މަންމައަށް ލިބުނީ ކުއްލި ސިހުމެކެވެ. މިކަން މަންމައަށް ހަޖަމު ނުވާނެކަން މޫނުމަތީގައި ލިޔެވިފައި އޮތެވެ. ކުނި މޫނު ގަނޑެއް ހަދާ މަންމަ ބަދިގެއަށް ވަނެވެ. އަަހަރެން ދިޔައީ ފެންވަރައިގެން ރީތިވެލާށެވެ.

އަހަރެން ފެންވަރާ ނަލަ ހެދިގެން ނިކުން އިރު، މާމަ އިނީ މަންމަގެ އަތުގައި ބޭސް ހާކާށެވެ. ބަދިގެއަށް ވަން ފަހުން މަންމައަށް ވީ ކިހިނެއްކަން އަހަރެން އަންދާޒާ ކޮށްލީމެވެ. ހޫނު ފެން އެއްޗެއް އުދުން މައްޗަށް އުދާ، އުޅޭނީ ޑރ.މާޔާ އަށް ޖާސޫސް ކުރާށެވެ. އެ މަސައްކަތުގެ ތެރޭ މަންމަގެ އަތް ހޫނު ތެލީގައި ޖެހުނީކަމަށް ވެދާނެއެވެ.

އެވަގުތު ޑރ.މާޔާ އިނީ ބައްޕަގެ ކޮޓަރީގައެވެ. އެދުވަހުވެސް ދެމީހުން ހެވި ހެވިފައި ވާހަކަދައްކާ އަޑު މަންމައަށް އިވުނެވެ. ނަމަވެސް، މަންމަގެ ގާތަށް އެދުވަހު ރުޅިއެއް ނާދެއެވެ. އެދުވަހު ލޮލުން ފޭބީ ކަރުނައެވެ. އަމިއްލަ ފިރިމީހާ އެހެން އަންހެނަކާއި އެކު ހީ ހީފައި މަޖާ ކުރުން ވީ މަންމައަށް ކަމުދިޔަ ކަމަކަށް ނޫނެވެ. އަހަރެން އެއްބަހެވެ. ކޮންމެ އަންހެނެއްގެ ހިތަށްވެސް އަސަރުކުރާނެއެވެ. މާމަގެ އުނގުގައި ބޯ އަޅާލައިގެން އޮވެ ހިތުގައިވާ ހުރިހާ ހިތާމައެއް ބޭރުކުރިއެވެ.

އިރުކޮޅެއް ފަހުން، ޑރ.މާޔާ ބައްޕައާއި އެކު ކޮޓަރިން ނުކުތެވެ. އެންމެ ފުރަތަމަވެސް، ބައްޕަގެ ލޮލުގައި އަޅައިގަތީ މަންމަގެ ލޮލުން ފޭބި ކަރުނަތައްކަން އަހަރެންނަށް އެނގުނެވެ. ގޮނޑިން ތެދުވެ މަންމަ ކައިރިއަށް ދިއުމަށް މަސައްކަތްކުރި ނަމަވެސް، ނުތެދުވެވުނެވެ. ޑރ.މާޔާ ދުއްވާފައި ބައްޕަ އެހިސާބަށް ގެންދިޔައެވެ. މަންމަގެ ކަރުނަތައް ފުހެލަން ބައްޕަ ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. މަންމަގެ ތެމިފައިވާ ލޮލުގައި އަތްޖެއްސުމުގެ ކުރިން މަންމަ ބައްޕަގެ އަތުގައި ހިފައި ދުރަށް ކޮއްޕާލިއެވެ.

“އަހަރެން ބޭނުމެއް ނޫން ތި ދޮގު ޙަމްދަރުދީ އެއް! ތިއެއް ދެންޏާ ދީ މި މާޔާއަށް!” ޑރ.މާޔާ ފެނުމުން މަންމަގެ ހިތަށް އިތުރަށް އަސަރުކުރިން މަންމަގެ ބަހުން އެނގުނެވެ.

“މައިހާ! އަޑުއަހާބަލަ… ނުރޮއި ހުއްޓާ…” ބައްޕަ ބުންޏެވެ.

“ޝަޓް އަޕް! އަހަރެން ބޭނުމެއް ނޫނޭ އަހުމަދުގެ ފަރާތުން އެއްވެސް އެއްޗެއް… ވަރި ފިޔަވައި…” މަންމަ އެހެން ބުނުމުން އެންމެންނަށް ލިބުނީ ސިހުމެކެވެ.

އައި ރުޅީގައި މަންމަ ގޮސް ކޮޓަރި ދޮރު ‘ބަން’ ކިޔާ ލެއްޕިއެވެ. އެންމެން މަންމަގެ ފަަހަތުން ގޮސް ދޮރުގައި ޓަކި ޖަހަން ފެށިއެވެ. ހިތުގައި އޮތް ބިރެއްގެ ސަބަބުންޏެވެ. މިފަހަރު އަނެއްކާ މަންމަ ނުބައި ފިޔަވަޅެއް އަޅާފާނެތީއެވެ. މިއޮތް ހުރިހާ ދުވަހު އަހަރެންނަށް ފެނުނީ ބައްޕަ އާއި މަންމަގެ އަރައިރުންތަކާއި އެކަކު އަނެކަކަށް ބާލާ ރުޅިގަނޑެވެ. ނަމަވެސް، އެދުވަހު ފެނުނީ ޙަމްދަރުދީ އާއި އަޅާލުމެވެ. އެދުވަހު ބައްޕަ ކަރުންތައް ހުސްވަންދެން ކޮޓަރި ދޮރު ކައިރީ އިނދެ ރޮއި ބޭލިއެވެ.

އެދުވަހުގެ ރޭގަނޑެވެ. މަންމަ ކާން ނުކުތެވެ. ބައްޕަވެސް އެރޭ ކާން އިނީ ބޭރުގައެެވެ. ކާމޭޒުމަތީ އިނދެ ބައްޕަ މަންމަ ކައިރިން މަޢާފަށް އެދެން މަސައްކަތް ކުރިއެވެ. ނަމަވެސް، އެރޭ މަންމަ ބައްޕަ އާއި ހަތަރު ކަޅިވެސް ހަމައެއް ނުކުރިއެވެ. މަންމަގެ ހިތުގައި އެޅިފައިވަނީ ވަރުގަދަ ކޫރެކެވެ. ބައްޕަ އަނެއްކާވެސް، މަންމަގެ އަތުގައި ހިފެހެއްޓުމަށް މަސައްކަތް ކުރިއެވެ.

“އަހުމަދު ޕްލީޒް! މި ގަޑިއަކު ނޫން…” މަންމައަށް ކެތްނުވެެގެން ބުންޏެވެ.

“ދެން ކޮންއިރަކުން؟ ކޮންއިރަކުންތަ މައިހާ ބޭނުމީ ވާހަކަ ދައްކަން؟” އުދާސްވެފައި އިން ބައްޕަ ބުންޏެވެ.

“ކޮން ވާހަކައެއްތަ އޮތީ އިތުރަށް ދައްކަން؟ ދޯކާ ދީފައި… ތި އުޅެނީ މިހާރު އަހަރެންނަށް އޮޅުވާލަންތަ؟” ކަރުނަތައް އޮއްސަމުން މަންމަ ބުންޏެވެ.

“މައިހާ! ތި ހީކުރާ ކަހަލަ ކަމެއް އަހަރެންނާއި މާޔާގެ މެދަކު ނެތް… މާދަމާ އަހަރެން މައިހާއަށް ހުރިހާ ވާހަަކައެއް ތެދަށް ކިޔާދޭނަން… އޯކޭ؟” މަންމަ އަތުގައި ލޯބިން ހިފަހައްޓާލާއި ބައްޕަ ބުންޏެވެ.

މަންމަ ބައްޕަގެ ލޮލަށް ބަލައިލިއެވެ. ބައްޕަގެ ހިތުގައި މަންމައަށްޓަކައި އޮތް ލޯބި ފެނިފައި މަންމަ އިށީނެވެ. އެރޭ މަންމަ ހުރިހާ ސާމާނެއް ހިފައިގެން މަންމަ އާއި ބައްޕަގެ ކޮޓަރިއަށް ބަދަލުވިއެވެ. އެރޭ އަހަރެންނަށް ހީވީ އަހަރެންގެ ގެއަށް ވެރިވި ހޫނު މޫސުން ފިނި މޫސުމަށް ބަދަލުވި ހެނެވެ.

(ނުނިމޭ)

 

Share Article

Follow Me Written By

Yaann

Level 1

Other Articles

Previous

އެކްޓަރ (ޕާޓް 2)

Next

ތިޔަ ލޯތްބަށް އެދެވޭތީ… 38

Next
March 25, 2025

ތިޔަ ލޯތްބަށް އެދެވޭތީ… 38

Previews
March 25, 2025

އެކްޓަރ (ޕާޓް 2)

2 Comments!

  1. leeshaa says:
    March 25, 2025 at 9:43 am

    Mi part vx vrh reethi Masha Allah ❤️
    keep it up dear 💗

  2. Your fav bab says:
    March 25, 2025 at 4:51 pm

    Very touching ❤

Comments are closed.



All Right Reserved!