މާރެސް – 3
އަހަރެން ހަސްފަތާލުގެ ގޮނޑިބަރީގައި އިށީނދެލީމެވެ. މާމަ ދިޔައީ އަހަރެންނަށް ކާ އެއްޗެއް ގަންނާށެވެ. މާމަ އައުމުން އަހަރެން އަތް ފައި ދޮވެލައިގެން ކާން އިށީނދެލީމެވެ.
“ވާވް! އަހަރެންގެ ފިރިމީހާ އެއޮތް މަރާއި ހަނގުރާމަ ކުރަނީ… އަދިވެސް މަންމަ ތި އުޅެނީ މިހިރަ ފެންނަ ކުއްޖާއަށް ކާންދެވޭތޯތަ؟” މަންމަގެ ޒުވާބުގަނޑު ފެށުނެވެ.
“ސާބަސް މައިހާއަށް ވާ… އެ ކުއްޖާ އެ އުޅެނީ އަދި މިއަދު ސައިވެސް ނުބޮއެ… ތިއީ ހިތެއް އޮތް އިންސާނެއް ނޫން… ތި ހިތުގެ ބަދަލުގައި އޮތީ ހަމަ ހިލަގަނޑެއް… އަހަރެންނަކަށް ގަބޫލެއްވެސް ނުކުރެވޭ އަހަރެން މީ ތިކަހަލަ ދަރިއެއްގެ މަންމަހެން…” މާމަގެ ރުޅިގަނޑު ކެކި އެރިިއެވެ.
އަހަރެން މާމަގެ އަތުގައި ހިފީމެވެ. އިޝާރާތެއްގެ ގޮތުންނެވެ. ހަސްފަތާލު ތެރޭގައި އެއްވެސް ކަހަލަ އަރައިރުމެއް އަހަރެން ބޭނުމެއް ނުވިިއެވެ. މަންމަވެސް ދިޔައީ ހަސްފަތާލުގެ ކެފޭ އާއި ދިމާލަށެވެ. އަހަރެން މަންމަ ފަހަތުން ދިޔައީމެވެ. ކެފޭ އިންނަނީ އެންމެ ތިރީ ފަންގިފިލާގައި ކަމަށް ވުމުން އަހަރެން ދުރުން ބަލަން ހުރީމެވެ. އެދުވަހު، އަހަރެންނަށް ފެނުނީ ފުރަތަމަ ފަހަރަށް މަންމަ ރޯ މަންޒަރެެވެ. މިއޮތް ހުރިހާ ދުވަހު އަހަރެންނަށް މަންމަ ސިފަކުރެވުނީ ހަރުކަށި އަދި ހިތެއް ނެތް އިންސާނެއްގެ ގޮތުގައެވެ.
އަހަރެން މަންމަ ކައިރިއަށް ދާން ފިޔަވަޅެއް އަޅާލީމެވެ. ނަމަވެސް، ކުއްލިއަކަށް، ފަހަތުން މީހަކު އަހަރެންގެ ނަމުން އަހަރެންނަށް ގޮވާލިއެވެ. އަހަރެންނަށް ކާކުކަންވެސް އެނގުނެވެ. ފަހަތަށް އެނބުރި އަހަރެން ގޮސް މާމަ ގައިގައި ބައްދާލީމެވެ. އަދި މާމަ އަހަރެން ކައިރި އެކޮޅަށް ނުދާން ބުންޏެވެ. ހިތަށް އެތައް މިންވަރަކަށް އަސަރު ކުރިއެވެ. ނަމަވެސް، އަހަރެންނަށްވެސް ސަބަބު އެނގެެއެވެ. ދިޔަ ނަމަ މަންމަ އަހަރެންނާއި މެދު ކަންތައް ކުރާނެ ގޮތް ދަންނަމެވެ.
ގަޑިއިރެއް ފަހެވެ. ޑަކުޓަރު އިމަޖެންސީ ރޫމުން ނިކުތެވެ. މަންމަ ގޮސް، ބައްޕަ ގެ ހާލަތު އެހިއެވެ. އަދިވެސް ސީރިއަސްއެވެ. ޢުއްމީދެއް ނެތެވެ. އެހެން ނަމަވެސް، ޑަކުޓަރުން ދިޔައީ ބައްޕަ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ވަގުތުތަކެއް ފާއިތުވުމަށްފަހު، ކުއްލިއަކަށް، ޑަކުޓަރު ނިކުތެވެ. ބައްޕަގެ ހާލު ރަނގަޅުކަމަށް ވެސް ބުންޏެވެ. ނަމަވެސް، ބައްޕަގެ ފައި މަސައްކަތެއް ނުކުރެއެވެ.
ހަފްތާއެއް ފަހެވެ. ބައްޕަ ހަސްފަތާލުން ދޫކޮށްލާ ދުވަސް އަތުވެއްޖެއެވެ. އަހަރެންނާއި ކޮއްކޮމެން ބައްޕައަށް މަރުހަބާ ކިޔަން ގެ ތައްޔާރު ކުރަމުން ދިޔައީމެވެ. އެ ވަގުތު މަންމަ ކޮޓަރިން ނުކުތެވެ. އަދި ތައްޔާރީތައް ފެނިފައި މާޒިން އާއި މާއިންގެ ތަޢުރީފު ކުރިއެވެ. ނަމަވެސް، މި ހުރިހާ ތައްޔާރީތަކުގެ ޑިޒައިން އާއި ހުރިހާ އެއްޗެއް ނިންމީ އަހަރެންނެވެ. އެކަން މާއިން މަންމަ ގާތުގައި ބުންޏެވެ. މަންމަ އެއްވެސް ބަހެއް ނުބުނެ އަހަރެންނަށް ލޯ އަޅާލާފައި ގެއިން ނުުުކުތެވެ.
ބައްޕަ ގެއަށް އަތުވެއްޖެއެވެ. ގެއަށް ބަހާރު މޫސުން އަތުވެއްޖެހެން ހީވިއެވެ. ޢާއިލާގެ އެންމެން އުފަލުން ފޮޅިގަތެވެ. އެ ދުވަހު ގެއަށް އިތުރު މީހަކުވެސް އަތުވިއެވެ. އެއީ މަންމަގެ އެކުވެރިއެކެވެ. ފިޒިއޮތެރްޕިސްޓެކެވެ.
ޑރ.މާޔާ އަކީ މަންމަގެ ކުޑައިރުގެ އެކުވެރިއެކެވެ. ބައްޕަ ގެއަށް ދޫކޮށްލާ ވާހަކަ ބުނުމުން މަންމަ، ޑރ.މާޔާގެ ފަރާތުން އެހީ ހޯދިއެވެ. އޭނާ އަކީ އަހަރެންނަށް ވަރަށް ހިތްހެޔޮ މީހެކެވެ. މަންމަ އާއި މުޅިން ޚިލާފެވެ. ބައެއް ދުވަސް ދުވަހު އަހަރެންނަށް ޗޮކުލެޓުވެސް ގެނެސްދޭނެއެެވެ. މިކަން މަންމައަށް އެނގުނެވެ. މަންމައަކަށް މިކަމެއް ކަމަކު ނުދިޔައެވެ.
އެއީ ހޮނިހިރު ދުވަހެކެވެ. ފަތިހު ފިންޏަށް ހޭލައިގެން އަހަރެން އިނީ މަދަރުސާގެ ފިލާވަޅުތައް ހަދާށެވެ. އެދުވަހު، ޑރ.މާޔާ އައީ އަހަރެންނަށް ފޮނި ކާ އެއްޗެއް ހިފައިގެންނެވެ. ޑރ.މާޔާ އަހަރެން އަތަށް އެ ތަށި ދިނުމުގެ ކުރިން މަންމަ އެ އެތި އަތްލިއެވެ. އަދި ރުޅި އައިސްގެން އެ އެތި ބިމަށް ޖެހިއެވެ.
“އޭއި! މާޔާ އަހަރެން މި ގެއަށް ގެނައީ މީނަ އަށް ކާ އެއްޗެހި ގެނަސްދޭ މީހެއްގެ ގޮތުގައިތަ؟ ނޫނީ އަހަރެންގެ ފިރިމީހާ ގެ ފިޒިއޮތެރަޕިސްޓެއްގެ ގޮތުގައިތަ؟” މޫނު ރަތްކޮށްގެން ހުރި، އަހަރެންގެ މަންމަ އެހިއެވެ.
ޑރ.މާޔާ އެއްވެސް ބަހެއް ނުބުނެ ބައްޕަގެ ކޮޓަރި އާއި ދިމާލަށް ދިޔައެވެ. އިރުކޮޮޅެއް ފަހެވެ. މަންމަ، މަންމަގެ ކޮފީ ތަށި ހިފައިގެން ބައްޕަގެ މަސައްކަތް ބަލައިލަން ދިޔައެވެ. އެވަގުތު، ބައްޕަ އާއި ޑރ.މާޔާ ތިބީ ވާހަކައިގައެވެ. ދެ މީހުން ހެވެނީއެވެ. މަންމަގެ އަތުން ޖޯޑު ވެއްޓުނެވެ. އަލިފާން ގަނޑެއްހެން މޫނު ކެކި އުތުުރެނީއެވެ.
“މާޔާ! ކިތައް ފަހަރު އަހަރެން ހަނދާން ކޮށްދޭންވީ މާޔާ މިގެއަށް ގެނައި ސަބަބު؟ ދެން… ދެން އިތުރަކަށް ހަނދާނެއް ނުކޮށްދޭނަން… ޔޫ އަރ ފަޔަރޑް… ގެޓް އައުޓް… ރައިޓް ނައު…” މަންމަ ހަޅޭއްލަވަމުން ބުންޏެވެ.
ޑރ.މާޔާ، އޭނާގެ ސާމާނު ހިފައިގެން ގެއިން ނުކުމެގެން ދިޔައެވެ. ބައްޕަގެ ދުލުން އެންމެ ބަހެއްވެސް ބޭރެއް ނުވެއެވެ. ނަމަވެސް، މަންމަ ބައްޕަ އާއި ދިމާލަށް އެތައް ފަހަރު ބަދުބަސް ބުންޏެވެ. އަހަރެންގެ ބައްޕަ ހިތްވަރުގަދައެވެ. އެއީ ކެތްތެރިއެކެވެ. އެހެން ފިރިހެނެއް ނަމަ، މިހާރު މަންމަ ހުންނާނީ މިގެއިން ބޭރުގައެވެ.
އޭގެ އަނެއް ދުވަހެވެ. އާ ތެރަޕިސްޓެއް އައެވެ. މިފަހަރު ފިރިހެނެކެވެ. ނަމަވެސް، ބައްޕަ އޭނާ އާއިއެކު މަސައްްކަތް ކުރުމަށް އެއްބަހެއް ނުވިއެވެ.
“ހާން… އަހުމަދު ބޭނުންވަނީ އެ ލަދުކުޑަ މާޔާ އެއްނު… އަހަރެންނަކަށް ނޭނގެ އޭނަ ތިހުރީ ކޮންކަހަލަ ޖާދުލެއް ކަމެއް ހަދާފަ… ބަލަ އަހަރުމެންގެ ކައިވެންޏަށް މިހާރު ބާރަ އަހަރުވަނީ… ބާރަ އަހަރުގެ ކައިވެނި ދެ މަސް ތެރޭ އަހުމަދު ތި ހަނދާން ނައްތާލީ… އަހަރެންނަކަށް ގަބޫލެއް ނުކުރެވޭ… އަހަރެންގެ ފިރިމީހާ އަހަރެންނަށް އެ ދިން ދޯކާއެއް ގަބޫލެއް ނުކުރެވޭ… ކީއްކުރަންތަ ވަކި މާޔާ ގެންނަނީ؟ މިހުރީ ވެސް ޑަކުޓަރެއް… މީނައަށް ވެސް އަހުމަދަށް ފަރުވާ ދެވޭނެ އެއްނު… ވައި މާޔާ؟” މަންމަ ހަޅޭއްލަވަމުން ބުންޏެވެ.
“މައިހާ! އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ… އަހަރެންގެ ހިތުގައި ތަން އޮތީ ހަމައެކަނި މައިހާއަށް… އަހަރެން ހުވަފެނުގައިވެސް އެހެން އަންހެނެއް މަތިން ނުވިސްނާނަން… އަހަރެން މައިހާ ދެކެ ވަރަށް ބޮޑަށް ލޯބިވޭ… އެކަމަކު ޕްލީޒް… އަހަރެންގެ ފަރުވާއަށް ޑރ.މާޔާ ގެނަސްދީ…” ބައްޕަ ބުންޏެވެ.
މަންމަ އަތްދަބަސްނަގައި، ގެއިން ނިކުތެވެ. އަހަރެން އިނީ އެ ވަގުތު ކާށެވެ. ކުއްލިއަަކަށް، ކޮންމެވެސް މީހަކު ގޭގެ ރަނގަބީލު އެޅިއެވެ. ގީތާ ގޮސް ދޮރު ހުޅުވިއެވެ. ޑރ.މާޔާ އައުމުން އަހަރެމެން އެންމެން ތިބީ ވަރަށް އުފަލުންނެވެ. މިއަދުވެސް އައީ ކޮންމެވެސް ހަދިޔަލެއް ހިފައިގެންޏެވެ.
“މާޔާ! މި ގޭގައި ކީއްތިކުރަނީ؟” ކޮޓަރިން ޟުހާ ނަމާދުކޮށްގެން ނިކުން މާމަ އެހިއެވެ.
“ދައްތާ! އަހަރެން މިއަދު މި އައީ އަހުމަދުގެ ޑަކުޓަރުގެ ގޮތުގައި އެއް ނޫން… އޭނާގެ އެކުވެރިއެއްގެ ގޮތުގައި… އަޔާން، މާއިން އަދު މާޒިންގެ އެކުވެރިއެއްގެ ގޮތުގައި…” ޑރ.މާޔާ ގެއަށް ވަންނަމުން ބުންޏެވެ.
“އެކުވެރިއެއް؟ ފައްކާ އިނގޭ! މި ބުނީ މާޔާގެ ބަހަނާތައް ވަރަށް ފައްކަލޭ!” ގޭގެ ދޮރުމަތީގައި ހުރި އަހަރެންގެ މަންމަ ބުންޏެވެ.
ގީތާ އަހަރެމެން ކޮޓަރިއަށް ވެއްދިއެވެ. ނަމަވެސް، އަހަރެން ހުރީ ކޮޓަރީގައި ހުރެގެންވެސް އެމަންޒަރު ބަލާށެވެ.
“ކީއްކުރަންތަ މާ ފާޑު ފާޑުގެ ބަހަނާ ތި ދައްކަނީ؟ ސާފު ސީދާ ބަހުން ބުނަންވީނު ތިއައީ ތި ޖޫލިއެޓް ރޯމިއޯ ހޯދާށޭ… ތި ލައިލާގެ މަޖްނޫ ހޯދަށޭ… ތި ހީރްގެ ރާންޖާ ހޯދާށޭ… ރަނގަޅަކަށް ނޫންތަ މި ބުނީ؟ މާޔާގެ އާޝިގު ހޯދާކަށް ނޫންތަ ތިއައީ؟… އަމިއްލަ މީހާގެ ދިރިއުޅުން މިހާރު ތި ބަދަލު ކޮށްލީ ބޮޑު ކަސޯޓީ އަކަށްނު… ތިއީ ޕްރޭނާ… އަހުމަދަކީ އަނުރާގް… އަހަރެން މިއީ ކޮމޯލިކާ… ރަނގަޅަކަށް ނޫންތަ މި ބުނީ؟ ތި އުޅެނީ އަހަރެން ނުބައި މީހާއަށް ހަދާ، އަހަރެންގެ އަހުމަދު އަހަރެންނާއި ދުރު ކުރާކަށްނު… އެކަމަކު އަހަރެން އެހެން ވިޔަކަ ނުދޭނަން… ބާރަ އަހަރުވެއްޖެ އަހަރެމެންގެ ކައިވެންޏަށް… މި ކައިވެނި ރޫޅުނަކަ ނުދޭނަން… އަަހަރެން އަހުމަދު ދެކެ އިންތިހާއަށް ލޯބިވޭ… އަހަރެންނަށް ޔަގީން އަހުމަދުވެސް އަހަރެން ދެކެ އިންތިހާއަށް ލޯބިވާކަން… އެކަމަކު ކަލޭ ތި އުޅެނީ މި ލޯތްބަށް ނަފުރަތުގެ ދަރު އަޅާ ހުޅުގަނޑު ރޯ ކުރަން ދޯ؟” މަންމަ މޫނު ހަދައި ޑރ.މާޔާ އާއި ދިމާލަށް ބުންޏެވެ.
“މައިހާ! އެހެންނެއް ނޫނޭ! އަހަރެން އަހުމަދު ދެކެ ލޯތްބެއް ނުވޭ!” ޑރ.މާޔާ ބުންޏެވެ.
“ދޮގު! ތިއީ ހުސްވެސް ދޮގު! ކީކޭތަ ހީކޮށްގެން ތި ހުރީ؟ އަހަރެންގެ ފަހަތުގައި ތި ހުރިހާ ސަކަރާތެއް ޖަހާ، މާޔާ ހީކުރީ އަހަރެންނާ އަހަރެންގެ ފިރިމީހާ އާއި ދުރުކުރެވޭނެއޭ ތަ؟ މީގެ ޖަވާބު އަހަރެން ދޭނަން… ނޫން! އަހުމަދަކީ ހަމައެކަނި އަހަރެންގެ ހައްގެއް…” މަންމަ ހަޅޭއްލަވަން ފެށިއެވެ.
މާޔާ އަނބުރާ ގެއަށް ދިޔައެވެ. މަންމަގެ ހިތް ފަޅައިގެން ދިިޔައެވެ. މާމަ، މަންމަގެ ގައިގައި ބައްދާލިއެވެ. ކުއްލިއަކަށް، މަންމަ ކަރުނަތައް ފުހެލައި މަންމަގެ ކޮޓަރިއަށް ދިޔައެވެ. ބައްޕަ އަކާއި ވާހަަކަ އެއްވެސް ނުދެއްކިއެވެ. މަންމަގެ ސާމާނުތައް ހިފައިގެން، މަންމަ މެހުމާނުންގެ ކޮޓަރިއަށް ބަދަލުވިއެވެ. ހަފުތާއެއް ވަންދެން، މަންމަ އާއި ބައްޕަ އެގޮތަށް އުޅުނެވެ. ބައްޕައަށް ފަރުވާއެއްވެސް ނުލިބެއެވެ. މަންމަވެސް އޮފީހުން ޗުއްޓީ ނެގިއެވެ. މަންމަ ދިޔައީ ނަފްސާނީ ގޮތުން ބަލިކަށި ވަމުންނެވެ. ނިދުމަށް ވެސް ބޭނުންކުރީ ނިދާ ބޭހެވެ.
އެއް ދުވަހުގެ ފަތިހެވެ. މާމަ އުޅުނީ ބަލިކަމުންނެވެ. ގީތާ ހުރީ ޗުއްޓީގައެވެ. މަންމަ ނާސްތާ ތައްޔާރު ކުރިއެވެ. އެއަށްފަހު، އަހަރެންނާއި މާމަ އާއި ކޮއްކޮމެންނަށް ކާން ގޮވިއެވެ.
“ދަރިފުޅާ! އަހުމަދަށް އޭނާގެ ކޮޓަރިއަށް ކާ އެއްޗެހި ގެންގޮސްދޭން ވީ އެއްނު؟” މާމަ އެހިއެވެ.
އެއްވެސް ބަހެއް ނުބުނެ، މަންމަ ކާ އެއްޗެހި ހިފައިގެން ބައްޕަގެ ކޮޓަރިއަށް ދިޔައެވެ. އެނދު ކައިރި ހުރި ކުޑަ މޭޒުމަތީ ކާ އެއްޗެހި ބެހެއްޓުމަށް ފަހު މަންމަ ދުވެފައި އައިސް މަންމަ އުޅެމުުންދިޔަ ކޮޓަރިއަށް ވަނެވެ. ތިން ގަޑިއިރު ވަންދެން ކޮޓަރި ތަޅު ލައިގެން މަންމަ ރޯން އިނެވެ. އެންމެފަހުން، މާމަ މަންމަގެ ކޮޓަރިއަށް ދިޔައެވެ.
“މައިހާ! ތިހެން ނުހަދާ! އަމިއްލަ ނަފްސަށް ތި ވަރުގެ އަނިޔާއެއް ނުދީ… މައިހާ ބަލަން ޖެހޭ ތިން ކުދިން އެބަ ތިބި…” މާމަ ރޯލަމުން ބުންޏެވެ.
“ތިނެއް ނޫން! އަހަރެންގެ ތިބޭނީ ދެ ކުދިން… އަހަރެން އެ ދެ ކުދިން އަހަރެންނަށް ވީ އެންމެ ރަނގަޅަކަށް ބަލާނަން… މި ގޭގަ އެ އުޅޭ ތިން ވަނަ ކުއްޖަކީ އަހަރެންގެ ފިރިމީހާ، އޭނާގެ މޮޅުކަން ސާބިތުކޮށްދޭން މި ގޭގައި ބަހައްޓާފައި ހުރި ކުއްޖެއް… ކޮބައިތަ އެ ކުއްޖާ ގަނޑު؟” ހަމައިން ނެއްޓިފައި ހުރެ، މަންމަ ބުންޏެވެ.
ކުއްލިއަކަށް އެ ކޮޓަރީގެ ދޮރު ހުޅުވުނެވެ. ހެދުމުގެ އަތުކުރިން ކަރުނަތައް ފުހެމުން، މަންމަ އަހަރެންނާއި ދިމާލަށް އައެވެ. އަދި އަހަރެންގެ އަތުގައި ހިފައި އަހަރެން ދަމާ، އަހަރެން ގޭގެ ދޮރާ ހަމައަށް ގެންދިޔައެވެ. އެވަގުތު، އަހަރެން ދިޔައީ ދޫކޮށްލުމަށް އާދޭސް ކުރަމުންނެވެ. މާމަވެސް ދިޔައީ މަންމައަށް ވިސްނައި ދެމުންނެވެ. ނަމަވެސް، އެ ދުވަހު މަންމަ އެކެއްގެ ބަސްވެސް އަޑެއް ނޭހިއެވެ. އަހަރެން ގެއިން ބޭރުކޮށްލިއެވެ. އެއްވެސް ބަހެއް ނުބުނެ ގޭގެ ދޮރުވެސް ބަންދުކުރިއެވެ. އަހަރެން މަގުމައްޗަށް ވެއްޓިފައި އޮތީ ބިކާރި ހާލުގައެވެ. އަހަރެން ތެދުވެ ގޭގެ ދޮރާށީގައި ޖަހަން ފެށީމެވެ. އަހަރެން ގެއަށް ވެއްދުމަށް އެދި އާދޭސް ކުރީމެވެ. އަހަރެންގެ ކަރުން ލޭ އަންނަ ވަރަށް އަހަރެން ގޮވީމެވެ. އެވަރަށް ރުއީމެވެ. ނަމަވެސް، އެއްވެސް ޖަވާބެއް ނުލިބުނެވެ.
(ނުނިމޭ)
2 Comments!
Comments are closed.

yaann mi part vx vrh reethi Masha Allah ❤️❤️❤️
hama rovihjje mi bai kiyaalaafa 😭
keep it up darl ❤️
lyssm dhoonee 💗
I rlly appreciate the love and support….
Thank u soooo much