ހިތި ނަތީޖާ (1 ވަނަ ބައި)
އެއީ ހިނގުމުގައި ކޮރުކަމެއް ހުންނަ ކުއްޖެކެވެ. އޭނާގެ އެކޮރުކަން އަހަންނަށްވީ މަޖާކަމަކަށެވެ. ބައެއް ފަހަރު އެކުއްޖާއާއި މަގުމަތީން ދިމާވުމުން އޭނާ ހިނގާގޮތަށް އަހަރެންވެސް ހިނގާލަމެވެ. އޭނާގެ ކުރިމަތީގައެވެ. އެހުރިހާ ފަހަރަކުވެސް އެކުއްޖާ އެއްވެސް އެއްޗެއް ނުބުނެ އިސްދަށަށް ޖަހައިގެން ދާނެއެވެ.
އެއްދުވަހެއްގެ ހެނދުނެވެ. އަހަރެންގެ ދެތިން ރައްޓެއްސަކާއިއެކު މަގުމަތީން ދަނިކޮށް އޭނައާއި ދިމާވިއެވެ. މަލާމަތުގެ ރާގަކަށް ހީނލުމަށްފަހު އަހަރެން، އަހަރެންގެ އެކުވެރިންނަށް އޭނާ ދައްކާލާފައި ބުނީމެވެ. “އޭ ބަލާބަލަ! މިހިރަ އަންނަނީ އެއްކަލަ ކޮރުބެ! ކޮރުބެ ކޮންތާކަށް ތިޔަ ދަނީ؟” އެހެން ބުނެފައި އަހަރެން އޭނާއަށް ޖެއްސުމަށް އޭނާ ހިނގާގޮތް ދައްކަމުން، އޭނައަށް ދިމާކޮށް ހީނ ހެދީމެވެ. މިފަހަރުވެސް އެކުއްޖާ އެއްވެސް އެއްޗެއް ނުބުނެ އިސްދަށަށް ޖަހައިގެން ހުރެ ދިޔައީއެވެ. އަހަންނާއިއެކު ތިބި އަހަރެންގެ ރައްޓެހިންވެސް އަހަންނާއި އެއްބައިވެ އޭނާއަށް އެހެން ގޮވަމުން، އޭނާ ފަހަތުން ވަކި ހިސާބަކަށް ދިޔައީމެވެ.
ފަހުން ފަހުން އައިސް އެހެން ކުދިންވެސް ހަމަ އެގޮތަށް އެކުއްޖާއަށް ޖެއްސުންކޮށް ފާޑުފާޑުގެ ނަމުންގޮވާކަން އަހަންނަށް ވަނީ އެނގިފައެވެ. ނަމަވެސް އެކަމާ އަހަރެން އެހާ ސަމާލުކަމެއް ނުދެމެވެ. އޭނާ ކޮރުވުން އެއީ އަހަރެންގެ މައްސަލައެއް ހެއްޔެވެ؟ ކޮރު މީހަކަށް އެއީ ކޮރު މީހެކޭ ބުނުން އެއީ މައްސަލައެއް ހެއްޔެވެ؟ ރީތިކޮށް ހިނގާނަމަ އެއްޗެއް ނުބުނާނެއެއް ނޫންހެއްޔެވެ؟ އެހެން ނޫނަސް އަހަރެން މިކަންމިކުރަނީ މަޖަލަކަށެވެ. އަހަރެންގެ ބައެއް އެކުވެރިން އަހަރެންގެ މިޢަމަލު ކުއްވެރިކޮށް އަފަރެން ހުއްޓުވަން މަސައްކަތް ކުރާތީ އެމީހުންނަށް ދެނީ އެޖަވާބެވެ.
އެއްދުވަހަކު އަހަރެން އޭނާގެ ކުރިމައްޗަށް އަރާފައި އޭނާ ހުއްޓުވީމެވެ. “ކޮރުބެ މަށާ ރުޅީތަ؟ ކީއްވެތަ އަބަދު އެއްޗެއް ނުބުނެ ދަނީ؟ މަ ކީއްކޮށް ދިނިއްޔާތަ ވާހަކަ ދައްކާނީ؟ އަސާގަނޑެއް ދީފިއްޔާމު އަނގައިން ބުނާނަންތަ؟” އެހެން ބުނެފައި އަހަރެންގެ ކައިރީގައި ހުރި ކުއްޖާ ލައްވައި އެތާ ކައިރީގައި ހުރި ގަހެއް ދޮށުން ދަރުގަނޑެއް ގެނެސް، އޭނާގެ އަތަށް ދިއްކޮށްލީމެވެ. “އަންން! މިއޮތީ އަސާގަނޑެއް! މި ބޭނުން ކުރާގޮތް އެނގޭތަ އަނެއްކާ؟ ޑެމޯއެއް ދައްކާލަންވީ ދޯ” އެހެން ބުނަމުން އަހަރެން މަޖާ ގޮތަކަށް ޑެމޯ ދައްކާލީމެވެ. އަދި އެ ދަރުގަނޑު އެކުއްޖާގެ އަތަށް ލައިދިނީމެވެ. އޭނާ ވަގުތުން ދަނޑިގަނޑު ހޫރައިލިއެވެ. އަދި ދެލޯ ފެންކަޅިވެފައިވާ ޙާލު އެއްވެސް އެއްޗެއް ނުބުނެ ދާން ހިނގައިގަތެވެ. އަނެއްކާވެސް އަހަރެން އޭނާ މަޑުކުރުވީމެވެ.
“އައްދެ! ރޮނީތަ؟ މީހަކު އަދި މިތާ ރޯވަރު ކަމެއް ނުކުރެއެއްނު.. ހާދަ ފިއްބަޑިއޭދޯ” ލާނެތް ގޮތަކަށް ހީލަމުން އަހަރެން ބުނީމެވެ. އޭރުވެސް އަހަރެންގެ ހަރަކާތްތައް ބަލަންތިބި އަހަރެންގެ ރައްޓެހިން ހޭން ތިއްބެވެ. “ޗިލް ބޮރޯ! އެމް ހެވިން ފަންއޭ!” އަހަރެންގެ އެމަލާމާތުގެ ތޫނު ވިހަ ބަސްތަކުން އެކުއްޖާގެ ހިތް ފުނޑުފުނޑުވަމުން ދާނެކަން އަހަންނަށް އެދުވަހު ނުވިސްނުނެވެ.
” އެއްވެސް.. މަޖަލެއް ނޫން!” އަޅައަޅައިގަންނަމުން އެކުއްޖާ ވާހަކަދައްކަން ފެށިއެވެ. އިސާހިތަކު އޭނާގެ ލޮލުގައި ހިފެހެއްޓިފައި ހުރި ކަރުނަތައް ހޯސްލާފައި އޭނާގެ ކޯތާފަތް މައްޗަށް އޮހިގަތެވެ. “އަހަރެން ނޫޙްއަށް… ކުރީ ..ކޮ..ކޮން އުނދަގުލެއް؟ ކޮ.. ކޮން .. ދެރައެއް ދެވިފައި އޮތީތަ؟..ޕްލީޒް.. އާދޭސްކޮށްފައި ބުނަން.. އަހަރެން… އަރަރެންގެ އެކަނި.. ޙާލަށް..ދޫ… ދޫކޮށްލާ! ލި..ލީވް..ލީވްމީ އެލޯން! އަހަންނަށް އެއްވެސް މަޖަލެއް ނޫން!” އެވަރުންވެސް އަހަރެންގެ ހިލަ ހިތަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. “ހެހެ! ރާއިފް ބޮރޯ ބަލާބަ! މި ކޮރު ސޮރަށް މަ ނަންވެސް އެނގޭ! އެކަމަކު މަށަކަން މީނާގެ ނަން ނުވެސް އެނގޭ! ކަލެއަށް އެނގޭތަ މިކޮރު ސޮރަށް ކިޔާ ނަން؟” ކައިރީގައި ހުރި ރާއިފްގެ ގައިގައި ކޮއްޓާލުމަށްފަހު އަހަރެން އަހާލީމެވެ. ރާއިފް އޭނާގެ ބޯ ކަހަންފެށިއެވެ. “ބްރޯ! މަށަށްވެސް ނޭނގެޔޭ މީނާގެ ނަމެއް.. ވަރަށް ފަހުން މިރަށަށް އަރައިގެން އުޅޭ ފުރޭތައެއް މީ..” ރާއިފް ބުންޏެވެ.
“އޭ! ކޮރުބެއަށް ކިހިނެއް އަހަރެންގެ ނަން އެނގުނީ؟ ދެން ކޮރުބެ ކޮރުބެގެ ނަން ބުނަން ވެއްޖެ އެއްނު ތިހާ ބޭބީ ނުވެދޯ.. ދެން ނުރޮއެ ހުއްޓާލަބަލަ.. މަ އަނިޔާއެއްވެސް ކުރީކީ ނޫނޭ ރޯކަށް.. ދެން ބުނެބަލަ.. ކޮން ނަމެއްތަ ކިޔަނީ؟” އަހަރެން އަހާލީމެވެ.
“ނޫޙް ހީކުރީ.. އަނިޔާ ކުރެވޭނީ އަތުން ފައިން އެކަނި ކަމަށްތަ؟ ބަހުގެ ހަމަލާއަކީ ކިހާވަރެއްގެ އެއްޗެއްކަން އަދި ނޫޙްއަށް ނޭނގެނީ.. އެއީ ކިހާވަރެއްގެ އެއްޗެއްކަން އެނގޭނެ ދުވަހެއް އަދި އަންނާނެ… އެދުވަހަކުން ނޫހްއަށްވެސް އެނގޭނެ” ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފުހުލުމައްފަހު ކުޑަކޮށް ހަމައަކަށް އެޅެމުން އޭނާ ބުންޏެވެ.
“ހެހެ.. ތީކޮން ވާހަކައެއް މިހާރު؟ ބަހުގެ ޙަމަލާ އެހާ ނުރައްކާތެރިވާން މިއީ ޓިކްޓޮކެއް ނޫނޭ.. މީހަކު އިނގިލި ދިއްކޮށްލާއިރަށް މަރުވާކަށް! ދެން އެހެންވިއްޔާ މިހާރު މަ އަނގައިން ބަޑި މިޖަހަނީ.. ދެން ކަލޭ މަރުވޭ! ޓިޗޫން ޓިޗޫން! ނަންވެސް ބުނީކީ ނޫނޭ! ފޮނި މީހެއް! ބަހުގެ ޙަމަލާޔޯ” އެކުއްޖާ ނަން ނުބުނެ އެހެން ވާހަކަތައް ދައްކަން ފެށުމުން މަޖާކުރާ މޫޑް އެއްކޮން ފިލައިގެން ގޮސްފިއެވެ. ފޫހިވެފައި ހުރެ އަހަރެން ރާއިފްއާއެކީ ދާން ހިގައިގަތީމެވެ.
އެކޮރު ކުއްޖާއާއި ދިމާ ނުވާތާ މިހާރު ހަފްތާއެއް ވަރު ވަނީއެވެ. އަހަންނަށް އެނގިފައި އޮތް ގޮތުގައި އޭނާ އަހަރެން ފެންނައިރަށް މިހާރު ފިލަނީއެވެ. މިދުވަސްކޮޅު އަހަންނަށް ރަނގަޅީވެސް އޭނާއާއި ދިމާ ނުވިއްޔާއެވެ. މަންމަ ބަލިކޮށް އުޅޭތީ މަޖާކޮށް ޖެއްސުންކުރާ މޫޑްނެތީއެވެ.
ދުވަސްކޮޅެއް ފަހުން އަހަރެން ބޭބެއާއިއެކު މާލެއަށް ޖައްސާލީމެވެ. އަދި އަލަށްވެސް މާލެއަށް ނުދާތީ، އަހަރެން ދާން ބޭނުންވީއެވެ. ނަމަވެސް އަހަރެން ހީކުރިގޮތާއި ޚިލާފަށް މާލެވީ ފޫހި ތަނަކަށެވެ. އެހަފްތާ ނުނިމިގެން އަހަރެން ހުރީ މޮޔަވާން ކައިރިވެފައެވެ. ބޭބެއަށް އަހަންނާއި އެކު ތާކަށް ދާން ވަގުތެއް ނުވެއެވެ. އެކަނި ބޭރަށް ދާކަށް އަހަރެން ބޭނުމެއް ނޫނެވެ. ފާޑުފާޑުގެ ނުރައްކާތެރި މީހުން އުޅޭތީއެވެ. މާލެ ތެރެއަށް ގެއްލިދާނެ ކަމުގެ ބިރުވެސް އޮތީމައެވެ. ދޭތެރެއަކުން އަހަރެން ރާއިފަށް ގުޅައި މެސެޖުކޮށް ހަދަމެވެ. އަދި ބައެއްފަހަރު އޭނާއާއިއެކު ޕަބްޖީވެސް ކުޅެމެވެ. މިހެން އުޅުމުގެ ތެރޭގައި ދެކެވުނު ވާހަކައެއްގެ ތެރެއިން އަހަރެން އެއްކަލަ ކުއްޖާ ކޮބައިހޭ އަހާލީމެވެ. “އޯ! އޭނަ ދޯ؟ މަ އަދި ހަނދާންނެތިފައޭ މިހުރީ ނޫހް ގަތުގައި ބުނަން. މަށަށް އޭނަގެ ނަން އެނގިއްޖެ ކޮންމެވެސް ވަރަކަށް.. ސުފްޔާން މިހާރު ކިޔަނީ.. ނަން ބަދަލުކޮށްފަޔޯ އެއީ.. ކުރިން ކިޔާފައި އިން ނަން މަ ހަނދާން ނެތިގެން މިއުޅެނީ.. އެހާ އާއްމު ނަމެއް ނޫން ވީމަދޯ!” ރާއިފް އެހެން ބުނުމުން އަހަރެން ބުނީމެވެ. “އޭނައާއި ދިމާވޭތަ؟ ވަރަށް މިސް ކޮންމެއަކަސް.. ހެހެ.. އޭނަ މަޑުން ހުންނާތީ ހަމަ ޖެއްސުންކޮށްލާ ހިތްވަނީ”
“ހެހެ.. އޭނައާއި މިހާރު ވަރަށް ދިމާ ނުވޭ! އެކަމަކު އެހެން އުޅޭއިރު ފެނޭ އެހެން ކުދިންވެސް އޭނައަށް ޖެއްސުން ކުރާތަން ދޯ! މަގުމަތިން ދާއިރު ކޮރުބެއޭ ކިޔާ ގޮވާ، ކުދި ގާ ކޯކޮޅު އުކާ ދެން ނޭނގެ.. މަ އަޅައެއް ނުލަން.. މަށާ ބެހޭކަމެއް ނޫން ވިއްޔާ ދޯ! ބޮރޯ ވެސް ނެތީމަ އަސްލު.” ހީނލަމުން ރާއިފް ބުންޏެވެ.
“އެހެންދޯ! އެހެންނޭ ވާނީ މާ ފޮނިވެގެން އުޅެންޏާ! މަ މިހުރީ އޭނަޔާ ވަރަށް ދިމާކޮށްލާ ހިތުން.. ރަށަށް ގޮސްފަ ދެން..” އެހެން ބުނެފައި އަހަރެމެން ގޭމައިގެން ކުރިއަށް ދިޔައީމެވެ.
އެޙަފްތާ ނިމުމުން އަހަރެން ބޭބެއާއޮއެކު ރަށަށް ދިޔައީމެވެ. މަލެ އެއީވާ ހާދަ ފޫހި ތަނެކެވެ. އަހަރެން ދުނިޔެއިން މޮޔަނުވެ ހުރިކަން ރަނގަޅެވެ. ރަށަށް ގޮސްފައި އަހަރެން ފުރަތަމެވެސް ބޭނުންވީ ރާއިފަށް ސަޕްރައިޒެއް ދޭށެވެ. ރާއިފަށްވީ ހަދިޔާ ހިފައިގެން އަހަރެން އެގެއަށް ދިޔަ މަގުމަތީގައި ސުފްޔާން އާއި ދިމާވިއެވެ. އަހަރެން ހަމަ ފެނުމާއި އެކު، ބިރެއް ފެނިގެން މީހަކު ހުއްޓޭހެން ހުއްޓިއްޖެއެވެ. ކުރިއަށް ފިޔަވަޅެއްވެސް އަޅަން ނޭނގިފައި ހުރި ކަހަލައެވެ. ސުފްޔާންއަށް ވީ ގޮތުން އަހަރެންގެ ގާތަށް ވަރަށް ހިނިއައެވެ.
“ހެހެ! އައްދެ! ހާދަ ބިރެއް ތިގަތީ މަ ފެނިފަ؟ މަމީ އަރައިކައި ފުރޭތައެއްތަ؟ އެކަމަކު ހާދަ ޒަމާނެއް ކޮށްލާފައޭ ދޯ މި ދިމާވީ.. މަފެނުނީމަ ކަލޯ ފިލަނީޔޯ ގައިމު.. މިއަދު ނުފިލުނީ ދޯ! މަ ބުނީ..” އަހަރެން ވަހަކަ ދައްކަ ދައްކަ ހުއްޓައި ސުފްޔާން ދާން ހިނގައިގަތެވެ. “އޭތް! އޭތް މަޑުކޮށްބަލަ! ތީ ވަރަށް ހަޑި ގޮތެއް.. މީހަކު ވާހަކަ ދައްކަ ދައްކާ ހުއްޓާ ނުވާނެ ދާކަށް.. މިހާރު ބިރު ކެނޑުނީތަ؟” އަހަރެން އޭނާގެ ކޮނޑުގައި އަތްލަމުން މަޑުކުރުވީމެވެ. ސުފްޔާންގެ ކޮނޑުން އަހަރެންގެ އަތް ފޮޅުވާލިއެވެ. ” އަހަރެން ދާން ވެއްޖެ.. ލަސްވަނީ..!”
ސުފްޔާން އެހެން ބުނުމުން އަހަރެންގެ ގާތަށް ފާޑަކަށް ހިނިއައެވެ. “ހެހެ.. ލަސްވަނީއޭ؟ ކޮރުބެ ކިތަންމެ އަވަހަށް ދިޔަސް ލަސްވެފައި ކަންނޭނގެ ހުންނާނީ.. އޯހް! އަދި ހަނދާންނެތިފައޭ މިހުރީ.. އަހަރެންގެ ބަހުގެ ހަމަލާ އެހާ ވަރުގަދަ ނޫނީ ކަންނޭނގެ ދޯ! އަދުވެސް ކަލޭ ދުނިޔޭގައި އެބަހުރި.. މަރެއް ނުވެ ގައިމު!” ބުނެވުނީ ކިހާވަރެއްގެ އެއްޗެއްކަން ނޭނގޭ ޙާލު އަހަރެން އަނެއްކާވެސް ކުރީ ފަހަރު ގޮތަށް އަތުގެ އިޝާރާތުން ބަޑި ޖަހާގޮތަށް އިޝާރާތް ކޮށްލީމެވެ. “ތިޗޫން! ޓިޗޫން! މިފަހަރު މިދިނީ ތަންކޮޅެއް ވަރުގަދަ ހަމަލާއެއް! މަށަން ހީވަނީ ކަލޯ މަރުވެފަ އޮއްވާހެން ދެން ފެންނާނީ ހިހިހި” ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ. އަހަރެންގެ ވާހަކަ އެހިސާބަށް ދިޔަތަނާ ކައިރި ފިހާރައަކުން ބޭބެ ނިކުތްތަން އަހަންނަށް ފެނިއްޖެއެވެ. ބޭބެއަށް ފެންނަން ވާއިރަށް އަހަރެން އަވަސް އަވަހަށް ރާއިފްގެ ގެއަށް ދާން ހިނގައިގަތީމެވެ.
އޭގެ ދެތިން ދުވަސްފަހެވެ. އަހަރެން ފިހާރައަކަށް ދާން ދިޔަ މަގުމަތީގައި ފެނުނު މަންޒަރަކުން ހީވީ އަހަރެންގެ ފައި ދަށުން ބިންގަނޑު ކަނޑައިގެން ދިޔަ ހެންނެވެ. ގުޑިލަންވެސް ނޭނގިފައި އަހަންނަށް އެދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. މުޅި އެހިސާބުގައި ގުގުމާލެވިފައިވަނީ އެމްބިއުލާންސްގެ ސައިރިންގެ އަޑާއި މައެއްގެ ވޭނީ ރުއިމުގެ އަޑެވެ. މަގޭ ދަރިފުޅާއޭ ގޮވަމުން އެމަންމަ ގިސްލާ ރޮމުން ދިޔައެވެ. އާއެކެވެ. އެއީ ދެވެނަ ދެކުއްޖެއް ނޫނެވެ. އަހަރެން މަޖަލަކަށް ޖެއްސުންކޮށް އުނދަގޫކުރަމުން ދިޔަ ކުއްޖާއެވެ. އޭނާގެ ޚަބަރު ހުސްވެފައިވާ ހަށިގަނޑު އެގޭދޮށުން ނެރެގެން އެމްބިއުލާންސްއަށް އެލީ އަހަރެންގެ ދެލޯ ކުރިމަތީގައެވެ. އޭރު އެގޭ ދޮށަށް ދިމަ ދިމާލުން މީހުން އެއްވަމުން ދިޔައެވެ. އަހަރެން ސިއްސައިގެން ދިޔައީ މަންމަ އަހަންނަށް ގޮވައިލުމުންނެވެ. މަންމަގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހާސްކަމާއި ނުތަނަވަސްކަމެވެ.
“ދަރިފުޅާ! ދެންވެސް ތިހެން ނުހުރެ ހިނގާ ހޮސްޕިޓަލަށް! ޒަމީރާއްތަ މެންނާއެކީ!”
ސުވާލުގެ ނަޒަރަކުން އަހަރެން މަންމައަށް ބަލައިލަމުން އަހާލީމެވެ. “ކޮން ޒަމީރާއްތައެއް؟”
މަންމަ އަހަރެންގެ އަތުގައި ހިފާލައިފައި ބުންޏެވެ. “ދަރިފުޅަށްވެސް ނޭނގުނު ދޯ.. އެދައްތަ މޫނު އަޅާފަ ހުރީމަ؟ މަންމަ މިދަނީ އަވަހަށް.. ދަރިފުޅުވެސް އާދޭ.. އެއީ އެއްކަލަ ނަޒާލްގެ މަންމައޭ.. ދެންމެ އެގެންދިޔައީ ނަޒާލް…”
މަންމަގެ އެޖަވާބު އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. އަހަންނަށް ހީވީ މީހަކު އައިސް ވަރުގަދަ އެއްޗަކުން އަހަރެންގެ ބޮލުގައި ޖެހިހެންނެވެ. ދެފައިން ވަރު ދޫވެގެން ހުރި ތަނަށް ތިރިވެވުނެވެ. ނޭވާ ހާސްވެ ހެޔައް ގޮތްވާހެންވެސް ހީވާންފެށިއެވެ. އިސާހިތަކު އެއްވެސް ހިފެހެއްޓުމެއްނެތި އަހަރެންގެ ލޮލުން ކަރުނަތައް އޮހިގަތެވެ. “ނަ… ނަޒާލްތަ އެއީ؟..”
{ނުނިމޭ}
މިވާހަކައަކީ މިސައިޓަށް އަޅުގަނޑު ދެވަނައަށް ލިޔާ ވާހަކައެވެ. މިއީ ތަންކޮޅެއް ކުރިން ސޯޝަލް މީޑިއާރއަށް {ޓިކްޓޮކަށް} ޝެއާރކޮށްލި ވާހަކައެކެވެ. ނަމަވެސް މިފަހަރު މިގެނެސްދިނީ ތަފާތު ނަމެއްގައި އެކި ބަދަލު ގެނެސްގެންނެވެ. ހުރިހާ ކިޔުންތެރިންނަށްވެސް މިވާހަކަ ކަމުދާނެކަމަށް އުއްމީދުކުރަމެވެ.
4 Comments!
Comments are closed.


Nice he needs to learn the consequences of his own actions
Yes!? Yes!!
Masha Allah mi part vx vrh reethi
When’s next part??
Jazakillah khairan!! Aalerr! ❤️
In shA Allah, mondayge kurin next part submit kureveythw mi balanii .. 🌸