Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައުފެއްދުންތެރި ލިޔުން

ޔަނާ

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
March 22, 2025 7 Mins Read
2 Comments

(މިއީ 2018 ވަނަ އަހަރު އަޅުގަނޑު ލިޔެފައިވާ ވާހަކައެކެވެ.)

ފިނިފިނި ރޭގަނޑެއްގެ ހަމަހިމޭން ވަގުތެވެ. ނިދީގެ މީރުކަމަށް އެދިއެދި އަހަރެން އެނދުމަތީގައި ދެކައިރިއަށް ފުރޮޅިލަފުރޮޅިލާ އޮތީމެވެ. އެހެނަސް ހިތަށް ލިބިފައިވާ ނުތަނަވަސް ކަމާއި ބިރެއްގެ ސަބަބުން އަހަރެން ނިދިން މަޙުރޫމްވިއެވެ.

ތުއްތު ޢުމުރުގައި މައިންބަފައިން ވަކިވުމަށް ފަހު ފާއިތުވެދިޔަ ކޮންމެ ދުވަހަކީ ވެސް އަހަންނަށް ވޭންދެނިވި ދުވަސްތަކެކެވެ. ބައްޕަ ގާތުން ވަރިވުމަށް ފަހު މަންމަ، ބައްޕައާއި އަހަރެން މުޅިން ވަކިކުރުވިއެވެ. އޭގެ ފަހުން ފާއިތުވި ތޭރަ އަހަރުގެ މުއްދަތުގައި އަހަރެން ލޮލުގެ ކޮޅަށްވެސް ބައްޕައެއް ނުދެކެމެވެ.

ދުވަސްކޮޅަކު ހުސްހަށިބަޔަށް ހުރުމަށް ފަހު، މަންމަ ވެސް ރަށަށް އަރާ ހުރި ބީރައްޓެއްސަކާ އިނދެގެން، އަހަރެން ވެސް ގޮވައިގެން އޭނާގެ ރަށަށް ބަދަލުވެއްޖެއެވެ. ފުރަތަމަ ކޮޅު ދޮންބައްޕަ ވެސް އަހަންނާ ދޭތެރޭ ރަނގަޅަށް ކަންތައް ކުރިއެވެ. އެހެނަސް ދުވަސްކޮޅެއް ފަހުން ޙަޤީޤީ ކުލަ ދައްކައިލައިފިއެވެ. ދޮންބައްޕަ މަތި އޮމާން ކުރާވަރުން މަންމައަކަށް ތަނެއް ދޮރެއް ވަތްކެއްނުވެއެވެ. މަންމަ މަރަން ބުނެ ދޮންބައްޕަ ބިރު ދައްކާވަރުން އަހަންނަށް މަންމަ ގާތުގައި އެއްވެސް ވާހަކައެއް ބުނާކަށް ނުކެރެއެވެ. އޭރު އަހަރެން ޅަކަމުން މީހަކު ކިޔާހާ އެއްޗެއް ޤަބޫލުކުރެވެއެވެ. އަހަރެންގެ ޅަކަމުގެ ފައިދާ ދޮންބައްޕަ ކިތަންމެ ރަނގަޅަކަށް ވެސް ނެގިއެވެ. އަނިޔާވެރި ޝިކާރަވެރިއެއްގެ އަމާޒުފަތްގަނޑަކަށްވެ އަހަރެން ނިމިދާއިރު ވެސް މަންމަގެ ޙާލަށް ވިސްނައިލައިފައި އަހަރެންގެ ދޫ ބަންދުވަނީއެވެ.

ދޮރުގެ ތަޅުގައި ހިފާލި އަޑަށް އަހަރެން ދިޔައީ ކޮޅަށް ޖެހިގެންނެވެ. އިސާހިތަކު މުޅި މީހާ ދާހިތްލާ ފޯވެއްޖެއެވެ. ތުރުތުރުއަޅަން ފަށައިފިއެވެ. ދެން އިވުނީ ތަޅުދަނޑި ޖަހާފައި ދޮރުހުޅުވި އަޑެވެ. ” ކިތައް ފަހަރުތަ ކަލޭ ކައިރީ ބުނަން ޖެހޭނީ ދޮރު ތަޅުނުލާން..!” މަޑުން ބުންޏަސް ހަރުކަށި ރުޅިވެރި އަޑެކެވެ. އަހަރެންގެ ދޫ ޙަރަކާތެއް ނުކުރިއެވެ. ބިރުން ގޮސް ނޭވާ އުފުރޭހެން ހީވިއެވެ. ދެން ފެނުނީ ސިންގާއެއް އޭގެ ޝިކާރަ މައްޗަށް ޖެހިގަންނަހެން އޭނާ އަހަރެންގެ ގައިމައްޗަށް ޖެހިގަތްތަނެވެ. އަހަރެން ހަޅޭއްލަވައިގަތުމުގެ ކުރިން ހުށިޔާރުކަމާއިއެކު އޭނާ އަހަރެންގެ އަނގަ ބަންދު ކުރިއެވެ. އަޑުގަދަ ނުކުރަން އަމުރުކުރަމުން، އާދައިގެ މަތިން އެދުން ފުއްދުމުގައި އޭނާ މަޝްޣޫލުވެގަތެވެ. އަހަރެންގެ ދެ ލޮލުން ހޫނު ކަރުނަތައް ހޯސްލާފައި އޮހިގަތެވެ. އަހަރެން ފަދަ އާރެއް ބާރެއް ނެތް ނިކަމެތި އަންހެން ކުއްޖަކަށް އެ ކަހަލަ ބިޔަ ފިރިހެނެއްގެ ކުރިމަތީގައި ދެއްކޭނީ ކޮން ބާރެއް ހެއްޔެވެ؟ އާއެކެވެ. އަހަރެންގެ ޢިއްފަތް ފޭރިގަނެވިގެން ދިޔަތާ ކިތަންމެ ދުވަހެކެވެ.

” ޔަނާ.. ޔަނާ.. އަދިވެސް ނުހޭލަނީތަ؟ ތިދެން ބޮޑެތިވެފައި ތިބޭ އަންހެން ކުދިން އުޅޭ ގޮތްތަ؟.. މިހާރު އެއޮތްގެން ނުވައެއް ޖަހަނީއޭ.” މަންމަ އައިސް ދޮރުގައި ޓަކިދޭން ފެށި އަޑަށް އަހަންނަށް ލޯ ހުޅުވާލެވުނެވެ. ވަރަށް ވަރުބަލިކަން އިޙްސާސްވިއެވެ. އޮވެވުނު ގޮތް ފެނިފައި ވަރަށް ލަދުގަނެ ދެރަވެސްވިއެވެ.

” ރޭގަނޑު ހަތަރުދަމު ނުނިދާ ހޭލާ އިނދެގެން ގަންނަ ގަނޑެއް ނަހުދާ ބަލައެއްނުލާވިއްޔާ… އެހެރީ އެންމެ ފާޑުފާޑަށް ތެޅޭ ޢުމުރަށް އަޅާފައި..” މަންމަގެ ވާހަކައާ ވިއްދައިފައި ދޮންބައްޕަ ބުނެލި އެއްޗަކުން އަހަރެންގެ ލޭ ކެކިގަތެވެ. ކިތަންމެ އެއްޗެއް ކިޔަން ބޭނުންވިޔަސް އެ ބަސްތައް ވީ އަހަރެންގެ ހިތުގައެވެ.

ދުލާ ހަމައަކަށް ދުވަހަކު ވެސް ނުގެނެވުނެވެ. އަހަންނަށް އިޚްތިޔާރުކުރެވެނީ ހަމަހިމޭންކަމެވެ.

އަހަރެން އަބަދުވެސް ބޭނުންވަނީ ދޮންބައްޕަގެ ލޮލަށް ނުފެންނަ ހިސާބު ދުރުގައި އުޅޭށެވެ. ހެނދުނު ސައިބޯލައިގެން ގެއިން ނުކުންނަ ގޮތަށް ޒަރޫރީ ބޭނުމެއް ފުއްދުމަށްޓަކައި މެނުވީ އަހަރެން ގެޔަކަށް ނުވަންނަމެވެ. އަހަރެންގެ މި ދިރިއުޅުން މަންމަ ސިފަކުރީ ވަރަށް ވިޔާނުދާ ދިރިއުޅުމެއްގެ ގޮތުގައެވެ. ކުށްވެރި ކުރީ އަހަންނެވެ. އަހަރެންގެ ދިރިއުޅުން މިގޮތަށް ބައްޓަންވީ ކީއްވެގެންތޯ ކާކުގެ އިހުމާލަކުންތޯއެއް ބަލާލުމެއްނެތެވެ. އާއެކެވެ. ތެދަށް ބުނާނަމަ ދިރިއުޅުމުގެ މާ ގިނަ ކަންތައްތަކެއް އަހަންނަކަށް ދަސްވެފައެއްނެތެވެ. އެހެނަސް ދިރިއުޅުމަށްޓަކައި އަހަރެން މިކުރާ ހަނގުރާމަ ދެނެހުރީ ފަހެ ކާކުހެއްޔެވެ؟ އަހަރެންގެ ދިރިއުޅުމުގެ ޙަޤީޤަތް ނޭނގި ޚުދް އަހަރެންގެ މަންމައަށް ވެސް މި ދިރިއުޅުން އިންސާފުކުރުމުގެ ޙައްޤެއް ނޯންނާނެއެވެ. މަންމަ އެ ހުރީ ދޮންބައްޕަގެ ލޯބީގައި ކަނު ބަނދެވިފައެވެ. އެ އިންޒާރުތައް މަތިން ހިތަށް އަރުވާލިޔަސް ބިރުން ވިރޭވަރުވެއެވެ. ޙަޤީޤަތް ދުނިޔެއަށް ފާޅުކުރާހާ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. ހިތްވަރު ދޭނޭ މީހަކުވެސް ކުޑަމިނުން ނެތެވެ. އަހަރެންގެ އާޢިލާގެ އިތުރު މީހަކުވެސް، އެންމެ ދެރަވެގެން ރަޙުމަތްތެރިއަކު ވެސް އަހަރެންގެ ނެތެވެ. އަހަންނަކީ އެކަނިވެރިޔަކީމެވެ. މީހުންނާ ގުޅުން އުފައްދަން އަހަރެން ބިރުގަނެއެވެ. ފައިދާ ނަގާނީ ކޮން އިރަކު ކޮންފަދަ ގޮތަކަށް ކަމެއް އަހަންނަށް ނޭނގޭތީއެވެ. މި ދުނިޔެ މަތީގައި އަހަރެން އިތުބާރުކުރާ ހަމަ އެކަކު ވެސް ނެތެވެ.

” ހަތަރުދަމު ގެޔަށް ނުވަދެ ކޮންތާކު އުޅެފައި ތިއައީ؟ ގަޑިން ވީވަރެއް އެނގޭތަ ޔަނާ..؟ އިރުއޮއްސިގެން ދިޔައީއޭ އެޔޮއް… ތިޔަ އުޅުން ދޫކުރާނީ ކޮން ދުވަހަކުންތަ؟ ޔަނާއަށް މިގެއިން ކޮން ކަމެއް އުނިވަނީތަ.. އޭނ..؟” ގެއަށް އައިސް ވަންތަނުން މަންމައާ ކުރިމަތިލާން ޖެހުނެވެ. ” ބޯހާސްވޭ މަންމާ..” އަހަރެން ބެލީ ރެކެވޭތޯއެވެ. އެކަން ކާމިޔާބުވީ ދޮންބައްޕަ އެތަނަށް އައުމުންނެވެ. މަންމަ ސަމާލުކަން ދިނީ އޭނާއަށެވެ. އޭރު ބުޅާ މަސްގަނޑަށް ބަލާ ބީދައިން ދޮންބައްޕަ އަހަންނާ ދިމާއަށް ބަލަހައްޓައިގެން ނުލަފާ ހިންޏެއް އައިސްފައި ހުއްޓެވެ.                                    ދަންވެ ފައިހިލަވަޅު އޮބުމުން، އާދައިގެ މަތިން މިރޭ ވެސް އެ ގޯނާތަކާ އަހަންނަށް ކުރިމަތިލާންޖެހުނެވެ. އަހަރެންގެ ރުއިމާއި އާދޭސްތަކަށް ބީރު ކަންފަތެއް ދެމުން ދޮންބައްޕަ އަހަރެންގެ ޒުވާންކަމުގެ މީރުކަން ލިބިގަންނަމުން ދިޔައީ އެއްވެސް ޖެހިލުމެއް ނެތިއެވެ. ރަޙުމެއް ކުލުނެއް ނެތިއެވެ. އެވަރުން ނުވެގެން އަހަންނަށް އިތުރު އެތައް އަނިޔާއެއް ކުރިއެވެ. މިންޖުވެވޭތޯ އަހަރެން އެތައް މަސައްކަތެއް ކުރީމެވެ. ނަމަވެސް އެ ބާރުގަދަ އަތުތެރެއިން ސަލާމަތްވުމަކީ އަހަންނަށް ކުޅަދާނަ ކަމަކަށް ނުވިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަހަރެން ބަލިވާން ފަށައިފިއެވެ. މާބޮޑަށް ވަރުބަލިވެ، ބޯ އަނބުރާ ހޮޑުލެވެންވެސް ފަށައިފިއެވެ. ފުރަތަމަ އަހަންނަށްވީ ޝައްކެވެ. ޝައްކު ޔަޤީނަށް ބަދަލުވީ އަހަރެން ބަރާބަރަށް މަހުންމަހަށް ޕީރިއަޑް ވަމުން އައިސް އައިސްފައި، ކުއްލިއަކަށް ޕީރިއަޑް ތާރީޚް ފަހަނައަޅާ ދިޔުމުންނެވެ. ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުނީއެވެ. އަހަރެން ހަދާނެ ގޮތް ހުސްވިއެވެ. މަންމައަށް ސިއްރު ކުރަން ވަރަށް މަސައްކަތް ކުރީމެވެ. އެހެނަސް މަންމައަށް ފަޅާއަރާކަށް މާގިނަ ދުވަހެއް ނުނެގިއެވެ. އައި ރުޅިއާއި ވީ ދެރައިން، މަންމަ އަހަންނަށް ވަރަށް އެއްޗެހި ގޮވިއެވެ. އެހެނަސް މަންމައާ ދެކޮޅަށް އެއްޗެއް ބުނާހާ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. ދޮންބައްޕަ ވެސް ކީ އަހަރެން ގެޔަށް ނުވަދެ ތެޅިތެޅިފައި ކޮންމެވެސް ފިރިހެނަކާއެކީ ގަނޑެއް ގަތީކަމަށެވެ.                           ރަށުތެރެއަށް މި ވާހަކަ ފެތުރޭކަށް މާ ގިނަ ދުވަހެއް ނުނެގިއެވެ. އަހަންނާއި ދިމާއަށް މީހުން ކިޔާ އެއްޗެހިން ބޭރުތެރެއަށް ނުކުމެ އުޅެން އުނދަގޫވާން ފެށުމުން އަހަރެން ބޭރުތެރެއަށް ނުކުތުން މުޅިން ހުއްޓާލީމެވެ. އެހެނަސް އެ ކަމުގެ ފައިދާ ވެސް ދޮންބައްޕަ ނަގަން ފެށިއެވެ. މަންމަ ލޯމަތިން ގެއްލޭއިރަށް އަހަންނާ ބެހެއެވެ. އެތައް އިންޒާރެއް ދެއެވެ. އެކަމަކު އޭނާގެ ހިޔަޅު ބުއްދި ބޭނުންކޮށްގެން މަތި އޮމާންކޮށްލާ ގޮތް ވަރަށް ވެސް މޮޅެވެ. މަންމައަށް ކުޑަ ވެސް ޝައްކެއް ވިޔަކަ ނުދެއެވެ. އަމިއްލަ އަންހެންދަރީގެ ޢިއްފަތް ވެއްޔާ މޮޑެވި ދާތަން ބަލަން އެއްވެސް މަޔަކު މަޑަކުން ނުހުންނާނެއެވެ. އެހެނަސް ދޮންބައްޕަ، މަންމައަށް ކަމެއް ކޮށްފާނެތީ އަހަންނަށް ފަސްޖެހެވެނީއެވެ. މަންމަގެ ފުރާނަ އަހަންނަށް މާ މުހިންމެވެ. މަންމައަށްޓަކައި ކޮންމެފަދަ ޤުރުބާނީއެއް ވާން ޖެހުނަސް އަހަރެން މިހުރީ ތައްޔާރަށެވެ.                              ލިބެމުން ދިޔަ އަނިޔާތަކާއި ގޯނާތަކަށް ހުއްޓުމެއް ނައެވެ. އަހަރެންގެ ބަނޑު ބޮޑުވަމުން އައެވެ. މީހާ ބަރުހެލިވެ ވަރުދެރަވާން ފެށިއެވެ. އެ ޙާލުގައި ވެސް އެހީއަކަށް އެދި އަހަރެން އާދޭހެއް ނުކުރަމެވެ. ލިބެމުން ދިޔަ ވޭންތަކަށް ކެތްކޮށްލައިގެން އުޅުނީއެވެ.

ދުވަސްވާން ފެށިވަރަކަށް މަންމަގެ ފަރާތުން ވަރަށް ތަފާތުކަން އަހަންނަށް ފާހަގަކުރެވެން ފެށިއެވެ. މިލާފައިވާ މޫނާއި ވަޅުވަދެފައިވާ ދެލޮލެވެ. ނުހިކޭ ކަރުނަތައް ވެސް މަންމައަށް އަހަންނަކަށް ސިއްރެއް ނުކުރެވުނެވެ. އެހެނަސް ސުވާލު ކުރިޔަސް އެދެވޭ ޖަވާބެއް މަންމަގެ ފަރާތުންނެއް ނުލިބުނެވެ. މާ ގިނައިން ވާހަކަ ނުދެއްކިޔަސް މަންމަ އަހަންނާ ވަރަށް އަޅާލައެވެ. މޮޅީގެ ސާލު އޮޅައިގެން ރެޔާ ދުވާލު އަހަންނަށް ޚިދުމަތް ކޮށްދީ، އަހަރެން ގޮވައިގެން ހަސްފަތާލަށް ގޮސް ވެސް ހަދަނީ މަންމައެވެ. ގާތުން ދުރަށް ނުދެއެވެ. ގިނަ ރޭރޭ ނިދަނީ ވެސް އަހަރެންގެ ގާތުގައެވެ. ދޮންބައްޕަގެ ގޯނާއިން އަހަންނަށް ލުޔެއް ލިބުނެވެ. ރޭގަނޑުގެ ހަމަ ނިދި ލިބެންފެށީ ދެނެވެ. އޭނާގެ އަލިފާން ނަޒަރުތަކުން އެ ކަމާމެދު ނުރުހުންތެރިވެފައިވާވަރު އަންގައިދިނެވެ. ގޭތެރެގެ މަސްލަޙަތު ގޯސްވާން ފެށީ އެ ހިސާބުންނެވެ. މަންމައާއި ދޮންބައްޕަ އެއްތަން ވެއްޖެއްޔާ ކަމަކީ ޒުވާބުކުރުމެވެ. މަންމަ އަހަރެން ފެންނަ ފަށުގައި ހުރިއްޔާ ދޮންބައްޕަ ކޮންމެ ވެސް އެއްޗެކޭ ކިޔާފައި ފަށާނެއެވެ. ވާނުވާ އަހަންނަށް އެނގެއެވެ. އަހަރެންގެ ގަޔަށް ބޮލަށް ނޭރޭތީ އެ ނުލަފާ ފިރިހެނާގެ އެދުން ނުފުއްދިގެން އެކަމުގެ ރުޅިގަނޑު މަންމައަށް ބާލަނީއެވެ.                            ” ދަރިފުޅާ ޔަނާ… މަންމައަށް މާފު ކުރާތި..” އާދައިގެ މަތިން އަހަރެންގެ ޚިދުމަތުގައި ގާތުގައި،މަންމަ އިނެވެ. އޭރު އަހަރެން އޮތީ ވަރުބަލިކަމުން އޮށޯވެލައިގެންނެވެ. ” މަންމައަށް މާފު ކުރަން ޖެހޭވަރު ކަމެއް މަންމަ ނުކުރަމެއްނު ” ޙައިރާންކަމާއެކު މަންމައާ ހަތަރު ކަޅި ހަމަކޮށްލަމުން އަހަރެން ބުނެލީމެވެ. އެ ދެ ލޮލުގައިވި ވޭނީ އަސަރުތައް ވަރަށް ރީތިކޮށް އަހަންނަށް ފާހަގަވިއެވެ. ” މަންމައަށް ހުރިހައި ކަމެއް ވެސް އެނގިއްޖެ.. ހުރިހާ މަންޒަރެއް ވެސް ފެނިއްޖެ..” މަންމައަށް ހަމަ ރަނގަޅަށް ވެސް ރޮވުނެވެ. ” ކީކޭ މަންމާ..؟!” ލިބުނު ސިހުމުގައި އަހަންނަށް ތެދުވެވުނެވެ. ” އާނ.. ހުރިހާ ކަމެއް ވެސް އެނގިއްޖެ… އަޅެ ދަރިފުޅު ކީއްވެތަ މަންމަ ކައިރީ ނުބުނީ..؟” އަހަރެންގެ ދެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން، ރޮމުން މަންމަ ބުންޏެވެ. އަހަރެންގެ ދޫ ތަޅުލެވުނު ކަހަލައެވެ. ގަބުވެފައި މަންމައާ ދިމާއަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ” އަހަންނަށް ދަރިފުޅު އެ ނުލަފާ މީހާގެ ފަރާތުން ސަލާމަތެއް ނުކޮށްދެވުނު. ދަރިފުޅު ގެނެސް މި އެއްލާލެވުނީ ނުލަފާ ފުރޭތައެއްގެ ހާއްޔަކަށް ކަމެއް ރެއަކައެއް ނުލި… އަހަރެން މީ ކޮންކަހަލަ މަންމައެއް… އަހަރެންގެ އަމިއްލަ އެދުން ބޮޑުކަމުން ޝަހުދު ކަހަލަ ރަނގަޅު ފިރިހެނަކު ދޫކޮށްފަ އަހަރެންގެ ހިތް އެދޭ ކަހަލަ ރީތި ފިރިހެނަކާ އިނީ.. ޔަނާގެ މުސްތަޤުބަލާ މެދު ނުވިސްނާ އަހަރެން ޔަނާގެ ބައްޕައާ ޔަނާ ވަކިކުރީ.. ޝަހުދު އާދޭސްކުރި… ޔަނާއަށްޓަކައި ނަމަވެސް ގުޅުން ކުރިއަށް ގެންދަން.. މިއަދު އަހަރެން ޝަހުދުގެ ފައިބުޑަށް ވެއްޓެން ޖެހުނަސް އޭނާ އެ ހުރީ ލޮލުން ބޮލުން އަހަރެން ޤަބޫލުކުރާ ގޮތަށް… އެ ކަހަލަ ރަނގަޅު ބައްޕައެއް އަދި ފިރިއެއް ވެސް ނުލިބޭނެ.. ދަރިފުޅާ ބައްދަލު ކުރަން އެ ބައްޕަ ކިތަންމެ ވަރަކަށް ވެސް ބޭނުންވި.. އެ ކަމަކު އަހަރެން އެކަމަށް ވެސް ހުރަސްއެޅީ… ދަރިފުޅު ބައްޕަ އެންމެ ބޭނުންވީ ދުވަހު ބައްޕައާ ވެސް ވަކިކުރީ… އަހަންނާ ހެދި ޔަނާގެ ދިރިއުޅުން މި ހަލާކުވީ.. މި ކަމުގައި ޒިންމާ ވާން ޖެހޭނީ އަހަރެން… އަހަރެންގެ ހިތް ޒުވާން ކަމުން އަހަންނަށް ޔަނާއަށް ވުރެ މުހިންމުވީ އަހަރެންގެ އުފާ… ކަނު އަނދިރީގައި އަހަރެން ބަހައްޓައިގެން އެ ނުލަފާ މީހާ އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިއިރު ވެސް އަހަންނަކަށް ރެއަކައެއް ނުލި.. އެރޭ ޔަނާގެ ކޮޓަރިދޮރު ހުޅުވައި ނުލެވުނުނަމަ އަދިވެސް އަހަރެން ހުންނާނީ އަނދިރީގައި… އެ ރޭން އެ ރެޔަށް އެ ކަންތައް ހުއްޓުވަން މަންމަ ބޭނުންވި.. އެކަމަކު.. ޔަނާ… މަންމަ އަށް މާފުކުރޭ..”

މަންމަގެ ވާހަކަތައް އިވިފައި އަހަރެން ގަނޑުވި ކަހަލައެވެ. ހިތަށް ވަރަށް ތަދުވިއެވެ. ހިފަހައްޓައިގެން ހުރި ކަރުނަތައް އިސާހިތަކު އޮހިގެންފިއެވެ. ” އަހަރެން ބިރުގަނޭ..” އަހަންނަށް ބުނެވުނީ އެހެންނެވެ.

“ދަރިފުޅު ދެން ބިރުގަންނާކަށް ނުޖެހޭނެ… މި ކަންތައް ނިމޭނީ އެންމެ ރަނގަޅަށް…” މަންމަ ބަލައިލީ ގަޑިއަށެވެ. ދެން ފޯނުން ނަންބަރަކަށް ޑައިލްކޮށްލިއެވެ. މަންމަ ފޯނު ހިފައިގެން ބޭރަށް ނުކުތުމުން މަންމަ ގުޅީ ކާކަށް ކަމެއް އަހަންނަކަށް ނޭނގުނެވެ. އެހެން އޮއްވާ އަހަންނަށް ނިދުނީއެވެ.                            އަހަންނަށް ހޭލެވުނީ ބީހުންތަކެއްގެ އިޙްސާސް ވާން ފެށުމުންނެވެ. އަހަންނަށް ތެޅިގަނެވުނެވެ. މަންމަ ކޮބާތޯ ކޮޓަރިތެރެއަށް ނަޒަރު ހިންގާލެވުނެވެ. ” މަޑުން އޮވޭ..” އަހަރެން އޮތީ ގުޑި ނުލެވޭވަރަށް ހައްޔަރުވެފައެވެ. އޭނާ އަހަރެންގެ ފޭރާން ގަޔާ ވަކި ކުރުވިއެވެ. އަދި ސިންގާއެއް ފަދައިން އަހަރެންގެ ގައިމައްޗަށް ޖެހިގަތެވެ.                                           ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވުނު އަޑާއިއެކު ދޮންބައްޕަ ސިހިފައި އަހަރެންގެ ގައިން ދޫކޮށްލިއެވެ. ބިރުން ގޮސް އޭރު އަހަންނަށް މައިނޭވާލެވެއެވެ. “ފުދިއްޖެ ފާއިޒް! ކަލޭގެ ތި މުޑުދާރު ކުޅިގަނޑު މިހިސާބުން ނިމުނީ ” މަންމަގެ ހަޅޭކުގެ އަޑާއިއެކު ކޮޓަރިތެރެއަށް ވައްދާލީ ފުލުހުންނެވެ. އޭރު ދޮންބައްޕަ އޮތީ ބަރަހަނާ ޙާލުގައެވެ.. ” ކަލޭ މަގޭ ދަރިފުޅުގެ ޢިއްފަތް ފޭރިގެންފައި ސަލާމަތް ވާނެ ހެން ހީވަނީތަ.. އޭނާ ހައްޔަރުކުރޭ” މަންމަ ރުޅިވެރިކަމާއި އެކު ހަޅޭއްލަވައިގަތެވެ. އަދި އަވަސް އަވަހަށް އައިސް އަހަރެން ނިވާކޮށްދިނެވެ. ފުލުހުން އައިސް ބިޑި އެޅުވިއިރު ދޮންބައްޕަ އަނގަ ޗޭވެފައި ،ލަދުން އިސްޖެހި ސަހަރޯ ހީވެފައި ހުއްޓެވެ. އޮރިޔާން ޙާލުގައި ‘ރެޑް ހޭންޑެޑް’ ކޮށް އަތުލައިގެންފާނެކަމާމެދު ހީވެސް ކުރެވިފައި ނެތުމުންނެވެ. އަމިއްލަ މީހާގެ އަގު ވެއްޓި ދިޔައީކަން އިޙްސާސްވުމުން ދުނިޔޭގެ ލޯތަކާއި ކުރިމަތިލާން ފަސްޖެހިފައެވެ.

ތުރުތުރު އަޅަމުންދިޔަ ޙާލު އަހަންނަށް މަންމަގެ ގައިގައި އޮޅުލައިގަނެވުނީ ތުއްތު ކުއްޖަކު މަންމަގެ ޙިމާޔަތަށް އެދިގެން އަތުތެރެއަށް ވަންނަ ބީދައިންނެވެ. ” ޔަނާ މަންމައަށް މާފުކުރޭ..” އަހަރެން މެޔާލާ ބޮނޑިކޮށްލައިގެން އިނދެ މަންމަ ތަކުރާރުކޮށްލިއެވެ.                                    ދޮންބައްޕައަށް ޙުކުމްކުރެވި، ޖަލަށް ލުމުން އަހަރެން މަންމައާއެކު މަންމަގެ ރަށަށް އެނބުރި ދިޔައީމެވެ. އޭރު އަހަރެންގެ ބަނޑަށް އަށް މަސް ވަނީއެވެ. އެތަކެއް ހިތި އަހަރުތަކެއް ބީރައްޓެހި ރަށެއްގައި ވެއަތު ކުރުމަށް ފަހު އެނބުރި އައިސް އަމިއްލަ ރަށުގެ ފަސްގަނޑުގައި ފައިތިލަ ޖެހުމުން އެ ލިބުނު ހިތްހަމަޖެހުމާއި އުފާވެރިކަން ގަލަމަކުން ބަޔާންކޮށްދޭކަށް އަހަންނަކަށް ފަސޭހައެއް ނޫނެވެ.        ބޮޑު ބަނޑަކާއެކު ބަރުހެލި ހިނގުމެއްގައި އަހަރެން ފެނުނު ރަށުގެ ކުދިބޮޑު އެންމެން ސުވާލުގެ ނަޒަރުތައް އަހަންނަށް ސީދާ ކުރަމުން ދިޔައެވެ. އެހެނަސް ތުންތުންމަތިން ޚަބަރު ފެތުރިގޮސް ކަންވީގޮތް އޮޅުން ފިލުމުން ރަށު އެންމެންގެ ހަމްދަރުދީ އަހަންނަށް ލިބުނެވެ.                        ރަށަށް ބަދަލުވިތާ އެއް މަސް ފަހުން އަހަރެންގެ ބަނޑުން ލޯބިލޯބި އަންހެން ކުއްޖަކު އުފަންވިއެވެ. އެ ދަރިފުޅު ވިހޭ ވަގުތުއްސުރެ ޖާނާ މާލުން ޤުރުބާން ވެގެން ވެސް އެ ދަރިފުޅު ޙިމާޔަތް ކުރަން އަހަރެން ޢަޒުމް ކަނޑައެޅީމެވެ. އަހަރެންގެ ދިރިއުޅުމަށް އެޅުނު ފަދަ ކަޅު އަނދިރި ހިޔަންޏެއް އެޅުނަ ނުދިނުމަށް ވެސް މެއެވެ.

” ޔަނާ..” ދާދި ގާތުން ފިރިހެނެއްގެ އަޑު އިވިގެން ސިހިފައި، އަހަންނަށް އަތު ތެރޭ އޮތް ތުއްތު ދަރިފުޅު މެއާލާ ބޮނޑިކޮށްލެވުނެވެ. ” ދަރިފުޅާ މީ ބައްޕައޭ..” ޙައިރާންކަމާއެކު، އަހަންނަށް އެ ފިރިހެން މީހާގެ މޫނަށް ރަނގަޅަށް ބަލާލެވުނީ ދެނެވެ. އަހަރުތަކެއް ފަހުން ބައްޕަ ފެނުނު އިރުވެސް މާބޮޑު ތަފާތެއް އައިސްފައެއް ނެތެވެ. ކުޑަކޮށް ރޫޖެހިފައިވިޔަސް އަބަދުވެސް ފެންނަ ތާޒާ ހިނިތުންވެފައިވާ މޫނެވެ. ލޯބިން ފުރިފައިވާ ދެލޮލެވެ. ބޮލުގެ ބައެއް އިސްތަށި ހުދުވެފައިވިޔަސް ފެންނަ ފެނުމަށް އަދިވެސް ދިހުންކުލަ އަރައެވެ.                             ” ބައްޕަ އެ އައީ ދާގޮތަކަށް ނޫން..” ބައްޕަގެ ފަސްފަހަތުން މަންމަގެ އަޑުއިވުނެވެ. އަހަންނަށް ނިތަށް ރޫއަރުވާލެވުނެވެ.” ތެދެއް ދަރިފުޅާ..” އަހަރެންގެ މޫނުމައްޗަށް އެރި ކުލަވަރު ފެނިފައި ބައްޕަ ވެސް މަންމައާ ދިމާއަށް ބަލައިލައިފައި ހިނިތުންވެލަމުން ބުންޏެވެ. އަދި އަހަންނާ ގާތަށް ކުޑަކޮށް ލެފިލައިފައި ކުޑަ މީހާ ނަގައި އުރާލިއެވެ. މަންމަ ވެސް ގާތްވެލައި ކުޑަ މީހާއާ ލޯބިކުރަން ފެށިއެވެ. މިއަށް ވުރެ އުފާވެރި މަންޒަރެއް މިއިން ދުވަހަކު އަހަންނަކަށް ފެނިފައެއް ނެތެވެ. ޢާއިލާއެއް އަލުން ބަލުން އާރާސްތު ވުމުން އެ ލިބޭ ފަދަ އިތުރު ހިތްހަމަޖެހުމެއް ވެސް ނެތެވެ. އުފަލުންގޮސް އަހަންނަށް ރޮވުނެވެ. ހުރިހައި އުފަލަކާއި ހިތްހަމަޖެހުމެއް އަހަންނަށް މިލްކުވީ ކަހަލައެވެ.

ނިމުނީ

 

 

 

 

 

 

 

 

 

 

 

 

 

 

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ހިމޭން ލޯބި

Next

ހިތް ބޭނުމޭ ދުލުން 13

Next
March 22, 2025

ހިތް ބޭނުމޭ ދުލުން 13

Previews
March 22, 2025

ހިމޭން ލޯބި

2 Comments!

  1. ali says:
    March 22, 2025 at 5:07 pm

    salhi

    1. Lamtty Lamhaaa says:
      March 22, 2025 at 6:14 pm

      Thank you 😊

Comments are closed.



All Right Reserved!