Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައުފެއްދުންތެރި ލިޔުންލޯބި

ހިމޭން ލޯބި

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
March 22, 2025 7 Mins Read
3 Comments
(މިއީ 2018 ވަނަ އަހަރު އަޅުގަނޑު ލިޔެފައިވާ ވާހަކައެކެވެ.)
އަހަރެންނާއެކު އޮފީހުގައި މަސައްކަތްކުރާ  ރަޙުމަތްތެރިއެއްގެ އުފަންދުވަސް ފާހަގަކުރުމަށްޓަކައި ބޭއްވި ޕާޓީ ނިންމާލުމަށްފަހު ގެއަށް ދިއުމަށް މިސްރާބު ޖެހުނުއިރު ބާރަ ޖަހަނީއެވެ. އެކުވެރި ޒައިދާނާއެކުގައި ދެވޭގޮތް ނުވުމުން އަހަރެން ޕާޓީއަށް ދިޔައީ އެކަނިމާއެކަނި ފައިމަގުގައެވެ. އަހަރެންގެ މާ ގިނަ އެކުވެރިންނެއް ނުތިބެއެވެ. ސަބަބެއްނެތިއެއް ވެސް ނޫނެވެ. އަހަންނަކީ އެކަނިވެރިކަމާއި ހަމަހިމޭންކަމަށް ލޯބިކުރާ މިޒާޖެއްގެ ވެރިއެކެވެ. އެހެންކަމުން އަހަންނަށް ގެއަށް ދާން ޖެހުނީ ވެސް އެކަންޏެވެ.
އިސްދަށަށްޖަހައިގެން މަޑުމަޑުން މަގުގެ އެއްކައިރިން ހިނގާފައި އަހަރެން ދިޔައިރު އެ މަންޒަރު ފެންނަ މީހަކަށް ވެސް އަހަރެންގެ އެކަނިވެރިކަން އިހުސާސްކުރެވޭނެއެވެ. ސްވެޓަރުގެ ދެޖީބަށް އަތް ޖަހާލައިގެން އަހަރެން ހުރިއިރު މާޙައުލުގައި ހިފައިފައިވާ އާދަޔާޚިލާފު ފިނިކަމުގެ ސަބަބުން އަހަރެންގެ ގައިން ހުރީ ހީބިހި ނަގައިފައެވެ. އޭރު ވާރޭ ވެހެން އުޅޭކަމުގެ ސިގުނަލްތައް ދެމުން ބޫން އަޅުވާފައި ވައިޖެހެމުން ދިޔައެވެ. އަހަރެން ތަންކޮޅެއް ބާރަށް ހިނގައިގަތީމެވެ. އަވަހަށް ގެޔާއި ހަމައަށް ފޯރާތޯއެވެ. ނަމަވެސް ވިދައި ގުގުރައިގަތުމަށްފަހު ބޮޑުތިކި ވާރޭ އޮއްސައިގަތީ އެހެން މިހިނަކުން ނޫނެވެ. ނުތެމެންވެގެން އަހަރެން ބެލީ އެންމެ ކައިރިއަށް ހުރި ގެއެއްގެ އަސްކެނިދޮށުން ހިޔާވަހިކަމެއް ހޯދޭތޯއެވެ. ނަމަވެސް ނުތެމި ސަލާމަތެއް ނުވިއެވެ. ގެއެއްގެ އަސްކެނިދޮށަށް ވަދެވޭވަރުވީއިރު އަހަރެން ހަމަ ރަނގަޅަށް ވެސް ތެމިފޯވެއްޖެއެވެ.
އެ އަސްކެނި ދޮށުގައި އެހެންމީހަކު ހުރިކަމެއް އަހަރެންނަކަށް ނޭނގެއެވެ. ދެވަނަ ސިކުންތު ވާރެޔާތެމި ފޯވެގެން އިން އެ އަންހެން ކުއްޖާ ފެނިފައި އަހަރެންނަށް މަޑުޖެހިލެވުނެވެ. އަހަރެންނަށް ބަލައިލެވުނީ އެ އަންހެންކުއްޖާ ވެސް އިސްއުފުލައިލި ވަގުތުގައި ކަމަށްވުމުން ދެމީހުންގެ ހަތަރުކަޅި ބައްދަލުވާ ގޮތްވިއެވެ. އަހަރެންނަށް ފެނުނީ ކަރުނައިން ބަންޑުން ވަމުން ދިޔަ ރީތި ދެލޮލެވެ. ހަނދެއްފަދަ އަލި މޫނެކެވެ. އެއީ ހަމަ ރީތިކަން ހުސްކޮށްލާފައި ހުރި ޖިންސުއްލަތީފެކެވެ. އަހަރެންނަށް ޝަޢުޤުވެރިވެވުނީ ކީއްވެގެން ކަމެއް ޚުދް އަހަރެންނަކަށް ވެސް ނޭނގުނެވެ. އެހެންޏާ ވެސް އަހަންނަށް ކިތަންމެހާ ވެސް ރީތި ކުދިންނާއި ދިމާވެއެވެ. ނަމަވެސް ކުރެވޭ އިހުސާސް ތަފާތެވެ. ފުރަތަމަ ނަޒަރުން ވެސް އަހަރެންގެ މި ޒުވާން ހިތަށް ގޮތެއްވެލައިފިއެވެ. އުމުރުދުވަހު ވެސް އަންހެން ކުއްޖަކު ފެނިގެން މިފަދަ އިހުސާސެއް ކުރެވިފައެއް ނެތެވެ.
އެކުވެރިން ކިޔާގޮތުންނަމަ އަހަންނަކީ ‘ޝައި ބޯއީ’ އެކެވެ. ސަބަބަކީ އަހަރެން ކުއްޖަކާ ރައްޓެހިނުވެ ހުންނާތީއެވެ. އަންހެން ކުއްޖަކާ ކުރިމަތި ވެސް ނުލާތީއެވެ. ‘ފޮރއެވާރ ސިންގަލް’ ޓެގު އަޅުވައިގެން ހުންނާށޭ ކިޔާ ދިމާކުރަނީ ވެސް އަހަރެންނަށް ހިތްވަރު ދިނުމުގެ ގޮތުންކަން އަހަންނަށް އެނގެއެވެ. ނަމަވެސް އެއިން ކަމަކާ އަހަރެން އަޅައެއްނުލަމެވެ.
އަންހެން ކުއްޖާ އިސްއޮބައިލިފަހުން ވެސް އަހަރެންނަށް އިރުއިރުކޮޅާ ބަލާލެވެއެވެ. އޭނާ އަހަރެންގެ ހިތާއި އެ ކުޅެލީ ހުއްދައެއް ވެސް ނެތިއެވެ. އެ ކުއްޖާގެ ލުއިލުއި ހަރަކާތްތަކުން ވެސް އަހަރެންގެ ހިތަށް ހަމަޖެހުން ގެނުވިއެވެ. އެ ވަގުތުތައް ދިގުލައިގެން ދިޔުމަށް އަހަރެންގެ ހިތް އެދެންފެށިއެވެ. ނަސީބަކުން ވާރޭ ވެސް ތުނިކޮށްލާކަށް ހިތަކަށްނާރައެވެ. ކޮޅިގަނޑެއް ލައިގަންނަނީ ތޯއްޗެކެވެ.
އެ ކުއްޖާއާ އަނގައިން ބުނެލުމުގެ ޝަޢުޤުވެރިކަން ވެސް އުފެދިއްޖެއެވެ. ނަމަވެސް އަހަރެންގެ ލަދުވެތިކަން އެކަމަށް ހުރަސް އެޅިއެވެ. އެ ކުއްޖާގެ ދެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހެމުން ދިޔައިރު އަހަރެން ކިތަންމެ ސުވާލެއް ކުރަން ބޭނުންވިއެވެ. އެހެނަސް އެ ހިތްވަރެއް ނުލިބުނެވެ. އަހަރެން މާ ވަރަކަށް ބަލާތީ އޭނާ ވެސް ބަލަހައްޓައިގެން ހުއްޓެވެ. ދެތިން ފަހަރަކު އެއްޗެކޭ ބުނަން އަނގަ ހުޅުވައިލިހެން ވެސް ހީވެއެވެ. ފަސްޖެހުނީ އަހަރެން އިސްވެ އެއްޗެއް ނުބުނީމާ ކަންނޭނގެއެވެ. ލަދު އެއްފަރާތްކޮށްލާފައި އަހަރެން އެކަނި މިހާލަސްވީމަ ބޭރުގައި ކުރަނީ ކީއްތޯ އަހައިލީމެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. އަޑު ނީވުނީކަމަށް ހިތާ ސުވާލު ތަކުރާރުކޮށްލީމެވެ. ނަމަވެސް ޖަވާބެއް ނުދީ އެ ކުއްޖާ ބަލަހައްޓައިގެން ހުއްޓެވެ. އަހަރެން ރަކިވިއެވެ. އިސްއޮބާލަން އުޅެނިކޮށް އަނެއްކާ ވެސް އޭނާ އެއްޗެކޭ ބުނަން އަނގަ ހުޅުވައިލިތަން ފެނިގެން އަހަރެން ނަޒަރު ސީދާކޮށްލައިފީމެވެ. ނަމަވެސް ދެން ވެސް އޭނާއަށް އެއްޗެކޭ ބުނެވޭވަރެއް ނުވިއެވެ. ބަދަލުގައި އެ ކުއްޖާގެ
ލޮލުން ފައިބަމުން ދިޔަ ކަރުނަތައްވީ އިތުރެވެ. ވީ ގޮތެއް އަހަންނަކަށް ނޭނގުނެވެ.”އޭތް….ކިހިނެއްވީ އަނެއްކާ؟” އަހަރެން ކަންބޮޑުވިއެވެ. އަހަރެންގެ އަޑު އެހުމެއްނެތި މޫނުމަތީގައި ދެ އަތް އަޅައިގެން ބޯވާރޭގެތެރެއަށް ނުކުމެގެން އެކުއްޖާ ދުއްވައިގަނެއްޖެއެވެ. އަހަރެން ގޮވަމުން ފަހަތުން ވާރޭގެ ތެރެއަށް ނުކުތީމެވެ. ނަމަވެސް އޭނާގެ ފަހަތުން ދާން އަހަރެން ޖެހިލުންވިއެވެ. އެހެންކަމުން އޭނާ ގޮސް އޮބާލަންދެން އަހަރެން ބަލަހައްޓައިގެން ހުރީމެވެ.
އަހަރެންނަށް ގެއަށް ދެވުނު އިރު އެކެއް ޖަހާ ބޮޑުވެއްޖެއެވެ. ގެއަށް ގޮސް ވެސް އަހަންނަށް ހުރެވުނީ ފާޑަކަށް ހުއްޓުން އަރާފައެވެ. ސިކުނޑީގައި އެ ގޮތް ނޭނގޭ އަންހެން ކުއްޖާގެ ޚިޔާލުތައް ނޫނީ ދައުރެއް ނުވެއެވެ. އެންމެ ފަހަރަކު ފެނިލުމުން ވެސް އެ ކުއްޖާ ޖެހި ތީރުގެ އަމާޒުފަތްގަނޑަކަށް އަހަރެންގެ ހިތްވެނިމިއްޖެއެވެ.
ޖެހިގެންއައި ދުވަހު އޮފީހަށް ގޮސް ޒައިދާނާ ދިމާކޮށްފައި އަހަރެން އެ ވާހަކަ ކިޔައިދީފީމެވެ.ޒ ައިދާނު ވަރަށް ހިނިއައިސްފައި އަހަރެން ފިރިހެނަކަށް ވީ ދޯއޭ ކިޔާ ދިމާކުރަން ފަށައިފިއެވެ. ނަމަވެސް އަހަރެންގެ މޫނުމަތީގައިވާ ސީރިއަސް ކުލަވަރު ފެނުމުން އޭނާ ވެސް ސީރިއަސްވެލާފައި އެ ކުއްޖަކު އޭނާއަށް ދައްކައިލުމަށް އެދުނެވެ. އަހަރެން އެ ކަމަށްޓަކައި ކުޑަ މަސައްކަތެއްކޮށްލަން ޖެހޭނެކަމަށް ބުނުމުން އޭނާ އޯކޭއޭ ބުނެފައި އަނެއްކާ ވެސް މަސައްކަތައިގެން މަޝްޣޫލުވެއްޖެއެވެ.
އޮފީސް ނިންމާލާފައި ޒައިދާނުގެ އެދުމަށް އޭނާއާއެކު އަހަރެން އެކުއްޖާ ފެނުނު ހިސާބުގަނޑަށް ދިޔައީމެވެ.”ސީދާ ނޭނގޭ އެ ކުއްޖާ އުޅޭ ތަނޭ ކިޔާފައި ދައްކާކަށް… މިހާކަށް ހިސާބުން ފެނުނީ… އެކަމަކު އަހަރެން ދުވަހަކުވ ެސް އެކުއްޖަކު ނުދެކެން ކުރިއަކުން.. މިހާ ބޮޑު ރަށެއް ވީމަ ހުރިހާ އެންމެނެއް ނުވެސް އެނގޭނެދޯ…”ވަރަށް ދުއްވުނު ފަހުން އަހަރެން ބުނެލީމެވެ.”ތިބުނާ މަންޖެއެއް ފެންނަވަރެއް ނުވިއެއްނު ޔާއިނޫ… އަޅެ ރޭގަ ޔާއިން ހުރީ ހަމަ ހޭގައިތަ؟ އަނެއްކާ އެއީ ޖިންނިއެއް ނޫންބާ؟ ބުނީމެއްނު އަނގައިން ވެސް ނުބުންޏޭ…”ޒައިދާނު ވަރުގަދަ ހިނިގަނޑަކާއެކު ބުނެލިއެވެ.”އެއްކަލަ ޒާދު! އަހަންނަށް ފެނުނީމަދޯ އަހަރެން މި ވާހަކަ މިދައްކަނީ.. މަގޭ ދެލޯ މަށަކަށް ދޮގެއް ނުހަދާނެއްނު… ދެން ހަމަ ރޭގަނޑު އަންހެން ކުއްޖަކު ފެންނައިރަކަށް ޖިންނިއެއް ކަމަށް ނިންމަން ޖެހޭތަ؟ “އަހަރެން ރައްދުގައި ބުނެލީމެވެ. ޒައިދާނު ޖިންނި އަވަލެވީއޭ ކިޔައިގެން އެވަރުން ވެސް ދިމާފަށެއްކޮށްލިއެވެ.
އެނބުރި ގެއަށް ދިޔަ މަގުމަތީގައި އަހަރެންނަށް އަނެއްކާ ވެސް އެ ޕަރީއެއްފަދަ އަންހެން ކުއްޖާ ފެނިއްޖެއެވެ. އަހަރެން ސައިކަލު މަޑުކުރުމުން ޒައިދާނު ވެސް ދުވެލި މަޑުކޮށްލާފައި ކީއްވީހޭ އަހާލައިފިއެވެ. އަހަރެންގެ އަތުގެ އިޝާރާތުން މަގުގެ ކަނާތްފަޅިން ހިނގާލާފައި އައި އަންހެން ކުއްޖާ ދައްކާލީމެވެ.”ޝައިހާތަ؟” ޒައިދާނުގެ މޫނުމަތި ހައިރާންމާކުތަކުން ފުރުނެވެ.”ޝައިހާތަ ކިޔަނީ އޭނައަށް… ޒާދު އޭނަ ދަންނަންތަ..؟ “ޖަވާބު ދިނުމުގެ ބަދަލުގައި އަހަރެން ވެސް ސުވާލުކޮށްލީމެވެ.”އޭ ޔާއިން… ކައެ ހަނދާން ނައްތާލާ… “ޒައިދާން ބޯ ހޫރާލާފައި ސައިކަލުގެ ދުވެލި ބާރުކޮށްލައިފިއެވެ. އަހަރެންގެ ސިކުނޑީގައި ސުވާލުތައް ފުނިޖެހުނެވެ. “ޒާދު… ކޮބާތަ މައްސަލައަކީ…؟ ޒާދު ދަންނަންތަ އެ ކުއްޖާ..؟ އަހަންނަށް ސާފުކޮށް ކިޔާދީބަލަ… “އަހަރެން ގޮސް ޒައިދާނާ އެއްވަރުކޮށްފައި އާދޭހުގެ ރާގެއްގައި ބުނެލީމެވެ. “ޔާއިން… އެއީ ވާހަކަ ނުދެއްކޭ މަންމަން ކުއްޖެއް.. އެހެންނޫނަސް އެއީ މީހެއްގެ ޙައްޤެއް… އެނގެއެއްނު އަހަރެމެން އޮފީހުގައި އުޅޭ އުޝާމް… އެއީ އޭނަގެ ގާރލްފްރެންޑް ޝައިހާ… ހަނދާންވޭތަ އުޝާމްގެ ޝައި….އެއީ އޭނައޭ…. “ޒައިދާނު އަހަންނަށް އޮޅުންފިލުވައިދިނެވެ. “އޭނ!”އަހަރެންގެ ދެލޮލުން ތަރި ބުރައިގެން ދިޔައެވެ. ދުނިޔެ އެނބުރިގަތްހެން ހީވިއެވެ. ހީވީ މީހަކު ހިތުގައި ހިފާ ބާރުކޮށްލިހެންނެވެ. “އުޝާމް! އެއީތަ އޭނަ އެ ކިޔާ ޝައީއަކީ…؟! “އަހަރެންނަށް ހިންދިރުވާލެވުނީ ލިބުނި ޝޮކިން ޚަބަރުން ޤަބޫލުކުރަން ދަތިވެގެންނެވެ. “އާނ.. އެއީ ޝައީއަކީ.. ދެން ޤަބޫލުކުރޭ.. “ޒައިދާން އަނެއްކާ ވެސް ސައިކަލު މަޑުކޮށްފިއެވެ. އަހަރެން ހަމަޖައްސާލަން ކަންނޭނގެއެވެ. އަހަރެން ވެސް އެއްކައިރިއަކަށް ޖެހިލާފައި ސައިކަލު މަޑުކޮށްލީމެވެ. “ރޭގަ އުޝާމް ގުޅިއޭ އަހަރެންނަށް…. ޝައި ގެއްލިގެންނޯ ކިޔާފަ…މަ ބުނިން ފައިޒާނު ބާތުޑޭ ޕާޓީއަށް މަ ނުދަމޭ.. އޭނަ ބުނީ އޭނަ ދިޔައީ ޝައި ގޮވައިގެންނޯ… އޭނަ ސަމާސާއެއްކޮށްލީމަ ހިތްހަމަނުޖެހިގެން ޕާޓީ ނިންމާލަން
އުޅުން ގަޑީގައި ވަންތަނެއް ނޭނގުނީއޯ.. ވަރަށް ހާސް ވެފަ އޭނަ ހުރީ… ދެން ފަހުން ބުނި ވަރަށް ބޯކޮށް ވާރޭ ވެހެން ފެށީމާ ޝައި ހޯދަން ނުކުމެ އުޅެނިކޮށް އޭނަ އައީ ވާރެޔާތެމި ފޯވެގެންނޯ… “ޒައިދާން ކިޔައިދިނެވެ. “ޒާދު… އަހަރެން ވަރަށް ކަޑަވެއްޖެ.. މިހެން ޝައިހާއާމެދު ދެކެވޭތީ.. މިބުނީ.. ތެދަށް ބުނަންޏާ… ވަރަށްވަރަށް ގަޔާވެވިއްޖެ… ޒާދުވީމަ މިވާހަކަ މިބުނީ ވެސް… އަހަރެންނަށް ހަމަ އަސްލު ޝައިހާދެކެ ލޯބިވެވިއްޖެ… ޤަބޫލުކުރަން ބޭނުންނުވިޔަސް….އަހަރެން ދެން ކިހިނެއް ހަދާނީ..؟” އަހަރެންގެ އަރު ބެދޭގޮތްވިއެވެ. “ޔާއިނަށް ޖެހޭނީ ހަމަ ހަނދާން ނައްތާލަން… ރައްޓެހިވެގެން އުޅޭ ދެމީހެއްގެ ދޭތެރެއަށް ވަނުމަކީ ފަހަރެއްގައި ވެސް ރަނގަޅު ކަމެއް ނޫން… އެއީ އުޝާމްގެ މީހެއް… “ޒައިދާން އަހަންނަށް ވިސްނައިދިނުމުގެގޮތުން ބުނެލިއެވެ. “ޒާދު…ފަހަރެއްގައި ވެސް އަހަރެން އެ ދޭތެރެއަކަށް ނުވަންނާނަން… މިއޮއް ހުރިހާ ދުވަހު ވެސް ބިޓެއް ނުނަގާ ހަމަ ހުހަށް މި ހުރީ… އެހެންވީމަ ހަމަ ދެން ވެސް ހުރެވޭނެ… އެކަމަކު ކީއްވެތަ އަހަންނަށް އެހާ ފަސޭހައިން ޝައިހާދެކެ ލޯބިވެވެންވީ؟… ފުރަތަމަ ނަޒަރުން ލޯބިވެވިދާނެތަ އަޅެ…؟” އަހަރެންގެ ހިތް ފަޅައިގެން ދިޔަކަހަލައެވެ.”ތިވެސް ދެން ފާޑެއްގެ ލޯތްބެއްދޯ… ފުރަތަމަ ފަހަރު ތިހެން ހިތިކޮށް ގޮސްދާނެ.. އަދި ދުނިޔޭން އަންހެނުން ހުސްވީއެއްނޫނޭ ކޮއެފުޅާ… ދެން ޔާއިން ކަހަލަ ސްމާޓް ގޮލައަކަށް ސަޅި ބިޓެއްނުވެ ހުންނާނެތަ އަޅެ…؟ “ޒައިދާން އަހަރެންގެ ބުރަކަށީގައި ޖަހާލަމުން ހިތްވަރުދިނުމުގެ ގޮތުން ބުނެލިއެވެ.
ސައިކަލް ސްޓާޓްކޮށްލާފައި އަހަރެންނަށް ފަހަތް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. ހައިރާންވީ ޝައިހާ ހުއްޓި ބަލަހައްޓައިގެން ހުރި ތަން ފެނުނީމައެވެ. އަހަރެންނަށް އިހުސާސް ކުރެވުނީ ތޫނު ތަދެކެވެ. ލޯބި ކުރިމަތީގައިހުރެމެ އޭގެ އުފަލެއް ނުލިބި އަހަންނަށް ފުރަގަސްދީ ދާން ޖެހިފައިވާތީއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ޝައިހާ ދުށުމަށްޓަކައި އަހަރެންގެ ދެ ލޯ ބޭޤަރާރުވަމުންދިޔައެވެ. އޭނާ ފެނުނު ހިސާބުގަނޑަށް ކޮންމެ ދުވަހަކު ބުރެއް ޖަހާލުމުގެ ބަހަނާގައި ދެވޭ އަދަދު ވެސް ނޭނގެއެވެ. ހިތުގައި އުފެދިފައިވާ އިހުސާސްތަކުގެ މައްޗަށް ބާރު ފޯރުވުމަކީ ވޭނެއްކަހަލަ ކަމެއްކަން އަހަންނަށް މިހާރު ޤަބޫލުކުރެވެއެވެ. ލޯބިވެވުނީމާ މީހުން އުޅޭނެ ހާލު މިހާރު ހިތަށް ވަޒަންކުރެވެއެވެ.
“އޭ… އުޝާމް އޮފީހަކަށް ނާދޭތަ މިއަދު؟ “އުޝާމް ނެތުމުގެ ފަޅުކަން އަހަރެންނަށް ވެސް އިހުސާސް ކުރެވުނީ އެހެންޏާ އިވޭހެން އޭނާގެ މަޖާ ހިނިގަނޑެއްގެ އަޑު ވެސް އިވިނުލާތީއެވެ. “ހެހެހެހެހެހެ….. އޭނަ މިހާރު ހުރީ ޗުއްޓީގަ…. އޭ ކިހިނެއްވީ؟… ޖޭވީތަ؟ އޭނަ ޝައިހާގާތުގައި ހުރެދާނޭ ހީވީމަ…” ޒައިދާނު ގަޞްދުގައި ޖެއްސުމަށް ބުނެލިއެވެ.”އޭ ދޭން މަޖަލެއް ނޫން… އެވާހަކަ ނުދައްކާ…” އަހަރެން ހިތްހަމަ ނުޖެހުނީ ޒައިދާނު ވެސް އަހަރެންގެ އިޙްސާސްތަކަށް ޖޯކު ޖެހީމައެވެ.
“ހައި ގައިޒް…” މަސައްކަތުގައި ހުރިހާ މުވައްޒަފުން އަވަދިނެތި އުޅެމުން ދަނިކޮށް އޮފީހަށް އައިސް އެ ވަނީ އުޝާމެވެ. ކަޅުކުލައިގެ ގަމީހަކާއި ކަނޑުނޫ ކުލައިގެ ޖިންސްގައި އޭނާ ނުހަނު ސްމާޓެވެ. އެތައް އަންހެން ކުދިންނެއް ހަސަދަވެރިކުރުވަމުން އުޝާމްގެ ފަހަތުން އެ ވަނީ ޝައިހާ ނޫން ދެވަނަ ކުއްޖެއް ނޫނެވެ. ރަތްކުލައިގެ ހެދުމުގައި އޭނާގެ ސޫރަ ފެންނަނީ ކުރިއަށްވުރެ ވެސް ފުރިހަމަކޮށެވެ. އެހާމެ ސާދާއެވެ. އަހަރެންނަށް ގަނޑުވެފައިކަހަލަ ގޮތަކަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
ޝައިހާ އުޝާމްގެ އަތުގައި ހިފާލިއިރު ރަކިވެގެން އެ ލޯބި ކޯތާފަތަށް ފިނިފެންމާ ކުލަ ފާއްދާލައިފިއެވެ. އުޝާމާ އެހާ ގައިގޯޅިކޮށް ހުރީމަ އަހަރެންނަށް ހަސަދަވެރިވެވުނެވެ. އަހަރެންގެ ނުކިޔަމަންތެރި ބަސްނާހާ ހިތް ބުނަނީ އުޝާމްގެ މަޤާމް ލިބެން ޖެހޭނީ އަހަރެންނަށް ކަމުގައެވެ. އަހަރެންގެ މޫނުގެ ކުލަ އޮއްސުނެވެ. ފެންކަޅިވާގޮތްވިއެވެ.
“ގައިޒް… މީ ޝައިހާ.. އަހަރެންގެ ވާންއުޅޭ އަނބިމީހާ.. މިއަދު އަހަރެމެން މެރީ ކުރަނީ.. ހިތަށްއެރީ ދަޢުވަތު ކާޑު ފޮނުވުމަށްވުރެ ޕާރސަނަލީ މިހެން ބުނެލަން މާ ރަނގަޅުވާނޭ.. މިރޭ އަށަކުން ފެށިގެން އަހަރެމެން ގޭގައި އޮންނާނެ ކުޑަ ޕާޓީއެއް… އެންމެން ވެސް އަންނަންވާނެ އިނގޭ…” އުޝާމް އޭނާގެ ހިތްތަކާކުޅެލާފަދަ ރީތި ހިނިތުންވުން ވެރިކޮށްލައިގެން ހުރެ އިޢުލާންކޮށްލިއެވެ. އިސާހިތަކު ތަރުޙީބުގެ އަތްތިލަބަޑިތަކާއެކު މުޅި މާޙައުލު ގުގުމައިލީ ތަހުނިޔާގެ ބަސްތަކުންނެވެ. ސަޕްރައިޒް ވަރަށް ކަމުދެޔޭ ކިޔާ އުޝާމްގެ ބައެއް ރަޙުމަތްތެރިން ވަރަށް ދިމާ ވެސް ކުރިއެވެ. ހުރިހާ އެންމެން ވެސް އެ ރީތި ޖޯޑާއި ސަލާމްކުރަން އަވަސްވެގަތެވެ. އަހަރެން ވެސް އުޝާމާ ސަލާމްކޮށްލުމަށްފަހު މަރުޙަބާއޭ ބުނެލީމެވެ. ޝައިހާގެ މޫނަށް ވެސް ބަލާލުމެއްނެތި އޭނާއާ ވެސް ސަލާމް ކޮށްލާފައި އަހަރެން ދުރަށް ޖެހިލީމެވެ. އޭރު އަހަރެންގެ އެތެރެ ހަށީގައި ވަނީ ވަރުގަދަ ހައިޖާނެއް އުފެދިފައެވެ. ބޭއިޚްތިޔާރުގައި ޝައިހާއާ ދިމާއަށް ބަލާލެވުނުއިރު އޭނާ ވެސް ހުރީ އަހަރެންނަށް ބަލާށެވެ. އެ މޫނުމަތިން ފާޅުވަމުންދިޔަ އަސަރުތައް ޚުދް އަހަރެންނަކަށް ވެސް ބުނެދޭކަށް ނޭނގޭނެއެވެ. އަލްވަދާޢު ކިޔާފައި އެ ދެމީހުން އަތުގުޅުވާލައިގެން ނުކުމެގެން ދިޔައިރު ވެސް އަހަރެންނަށް ހުރެވުނީ ހުއްޓުން އަރާފައެވެ. “ހަނދާން ނައްތާލާ ޑޫޑް..” ޒައިދާނު އަހަރެންގެ ބުރަކަށީގައި އެތިފަހަރެއް އަޅައިލަމުން ހިތްވަރުދޭ ރާގެއްގައި ބުނެލިއެވެ.
އޮފީސް ނިންމާލާފައި ގެއަށް ގޮސް އަހަރެންނަށް އޮވެވުނީ ޝައިހާއާމެދު ފިކުރުކުރާށެވެ. ފެންވަރާ ހިތެއް ނުވިއެވެ. މަންމަ ސައިބޯންދާން ގޮވުމުން ވެސް ދާހިތެއް ނުވިއެވެ. ޒައިދާން ގުޅަން ފެށުމުން ފޯނު ނަގާހިތް ނުވެ އޮވެފައި ވެސް ނެގީ ކުޑަކޮށް ވެސް އެ ޚިޔާލާއި ދުރަށް ދެވޭތޯއެވެ.
“ހުމް…ކީކޭ؟” އަހަރެން ވަރަށް ފޫހިވެފައި އަހާލީމެވެ. ” އޭ ޔާއިނު.. ދެން ތިހެން އޮވެގެން ކަމަކު ނުދާނެއެންނު… މިރޭ ޕާޓީއަށް ދާންވާއިރަށް ޖެހޭނެއެންނު ކޮންމެވެސްކަހަލަ ރަނގަޅު ހަދިޔާއެއް ތައްޔާރުކޮށްލަން.. އާދެބަލަ ކަމުދާ އެއްޗެއް ފެނޭތޯ ބޭރަށް ޖެހިލަން..” ޒައިދާނު ބުނެލިއެވެ. “އާނ…މަޑުކުރޭ..އިރުކޮޅަކުން އެބަދަން…” އަހަރެން އަވަހަށް ފޯނު ބޭއްވީމެވެ.
އަވަސްގޮތަކަށް ފެންވަރާލާ ހަދާލައިގެން ނުކުމެވުނުއިރު ލަސްވެގެން އޭރު ޒައިދާނު ހުރީ އަހަރެން ހޯދަން އައިހެވެ.”ސާބަސް… ދެން އެހާ ތަތްވާކަށް މަމީ އަންހެނެއް ނޫނޭ..” ޒައިދާނު ގަޑި ބަލާވަރުން ބޮލަށް އުނދަގޫ ވެގެން އަހަރެން ބުނެލީމެވެ.
މަންމައާހުރެ ސައި ނުބޮއެ ސަލާމަތް ނުވެގެން ޒައިދާނާއި ދެމީހުން ކުޑަގޮތެއް ހަދާލައިގެން ނުކުމެވުނުއިރު ފަހެއް ޖަހަން އުޅެއެވެ. ކަމުދާއެއްޗެއް ފެނޭތޯ އަހަރެމެން ވަރަކަށް ދުއްވައިގެން އަހަންނަށް އެންމެ ކަމުދާ އެއްޗަކަށް ފެނުނީ ‘އައި ވިލް އޯލްވޭޒް ރިމެމްބަރ ޔޫ’ މިހެން ޖަހާފައިވާ ވަރަށް ރީތި މަގެކެވެ. އަހަރެން އެ ޕެކް ކުރުވީމެވެ. ޒައިދާނަށް ކަމުދިޔައީ ވަރަށް ރީތި ފަރުމާއެއް ކޮށްފައި ހުރި މުށި ވާސްއެކެވެ.
އަހަރެމެން ވަކިވީ ޕާޓީއަށް ރެޑީ ވާން ދާންވެގެންނެވެ. ގެއަށް ގޮސް ފެންވަރާހަދާލައިގެން އަހަރެން ލީ ކަނޑު ނޫ ކުލައިގެ ގަމީހަކާއި ކަޅު ޖިންސެކެވެ. އިސްތަށިގަނޑުގައި ޖެލް ކޮޅެއްލައި ރީތި ގޮތެއް ހަދާލައިފައި ސެންޓު ޖަހައިލީމެވެ. ޕާރސަލް ހިފައިގެން އަހަރެން ނުކުތްއިރު ސިޓިން ރޫމްގައި ޒައިދާނާއި އިމާދު އަހަރެންގެ އިންތިޒާރުގައި ހުއްޓެވެ. “އޭ ޑޫޑް.. ހާދަ ސްމާޓޭ ދޯ.. ދެން ދުވަސްކޮޅަކުން މީނަ ވެސް ގެއްލިދާނެ ކަންނޭނގެ.. ދޯ ޒާދު؟ އެވަރަށް ޒައިނާމެން މީނަ ފަހަތުން އުޅޭއިރު ވެސް އެއިން ކުއްޖަކަށް މީނަ ސެޓް ނުވިޔޭ.. ފޮނި ފިރިހެނާ.. އަސްލު ވެސް ވަރަށް ސަޅި އިނގޭ މޭން..” އިމާދު
ހީވަނީ އެހެން ފަދަކަމެއްހެންނެވެ. ނަމަވެސް އަހަރެން އެއްޗެކޭ ނުބުނީ މޫޑް ޚަރާބުވެފައި ހުރިވަރުންނެވެ. އެކަން ފާހަގަ ކުރެވުނި ކަންނޭނގެއެވެ. އިމާދާ ވިއްދައި ޒައިދާނު އެކައްޗެކޭ ވެސް ނުބުންޏެވެ.
އުޝާމްމެންގޭ ގޯތިތެރެ ވަނީ އެތައް ހާސް ކުލަބޮކިތަކުން ދިއްލާ އަޅާފައެވެ. ޕާޓީ ތެރެއަށް ވަދެގެން ދިޔައިރު އެ ތަނުގެ ޒީނަތްތެރިކަމަށް އަހަރެންނަށް ހިތާހިތުން ތަޢުރީފު ކުރެވުނެވެ. ޚާއްޞަކޮށް ވަންނަ ދޮރާ ދިމާލުގައި ‘އުޝާމް ވެޑްސް ޝައި’ ޖަހާފައި ހަރުކޮށްފައި ހުރި ނިވި ދިއްލޭ ބޯޑު އަހަރެންގެ ލޮލުގައި އަޅައިގަތެވެ.
ޢުޝާމާއި ޝައިހާގެ ރީތިކަމަށް އެންމެންގެ ދުލުން ތަޢުރީފުގެ ބަސްތައް އޮހެމުން ދިޔައެވެ. އެ ދެމީހުން ހީވަނީ އެކަކު އަނެކަކަށްޓަކައި ހައްދަވާފައިވާހެންނެވެ. ޝައިހާ ހުރީ އޭނާގެ ރީތި ބްލީޗް ދަތްތައް ދައްކާލައިގެން ނުލާހިކު އުފާވެރި ހިނިތުންވުމެއްގައެވެ. ރަތްކުލައިގެ މޭކަޕް އެ މޫނާއި ނުހަނު ގުޅެއެވެ. އޭނާގެ ދިގު އިސްތަށިގަނޑު ރީތި ހުޅިއަކުން ހައްޔަރުކޮށްލާފައިވާއިރު ގަޔަށް ހިފާފައިވާ ހުދުކުލައިގެ މެކްސީގައި ފެންނަލެއް ވަރަށް ވެސް ފުރިހަމައެވެ. އުޝާމް ހުރީ ޝައިހާގެ އަތުގައި ހިފާލައިގެން ހެވި ދިއްލިފައެވެ. ހުދުކުލައިގެ ޓަކްސީޑޯއާއި ކަޅު ފަޓުލޫނުގައި ހުރިއިރު މޮޑެލްއަކަށް ދޫނުކުރާނެއެވެ. އެތައް އަންހެން ކުދިންތަކެއްގެ ކަޅި އޭނާއަށް ހުއްޓިފައިވެއެވެ.
ސަލާމް ކުރަންވެގެން އެ މީހުންގެ ގާތަށް އަހަރެމެން ދިޔައީމެވެ. އަހަރެން ފެނުމުން ޝައިހާގެ ތުންފަތުގައި ކުޅެލަކުޅެލާ ހުރި ހިނިތުންވުން ފަނޑުވިއެވެ. އުޝާމާ ސަލާމްކޮށްލުމަށްފަހު އަހަރެން ޝައިހާއާ ސަލާމްކޮށްލަން އަތްދިއްކޮށްލިތަނާ ފިނިވެއްޖެއެވެ. އަހަރެން އެ މަޑުމަޑު އަތްތިލާގައި ހިފާލަމުން ހިތި ހިނިތުންވުމެއް ހަދިޔާކޮށްލީމެވެ. އަހަރެން އެ އަތުން ދޫކޮށްލާހިތެއް ނުވިއެވެ. އަހަރެންނަށް ޝައިހާގެ އަތުގައި ހިފިފައިހުރީ ތަންކޮޅެއް ބާރަށްކަން އިހުސާސްވީ ޝައިހާ އޭނާގެ ތުންފަތުގައި ދައިގެންފައި، އަތް ކުޑަކޮށް ދަމައިލުމުންނެވެ. އެ ދެލޮލަށް ފެން ޖަމާވި މަންޒަރު އަހަރެން ދުށީމެވެ. ވަރަށް އަސަރާއެކު އޭނާ އަހަރެންގެ ދެ ލޮލަށް ބަލަން ހުއްޓެވެ. “އޮހ… ކޮންގްރާ…” އަހަރެން އަވަސްއަވަހަށް ޕާރސަލް ޝައިހާއަށް ދިއްކޮށްލީމެވެ. އޭރު ވެސް އަހަރެންގެ މޫނުން ޝައިހާގެ ނަޒަރު ވަކިކޮށްނުލައެވެ. “އޭ ޔާއިން… ކަލޭ މޮޔަނުވޭ… އެއީ މިހާރު އުޝާމްގެ މިލްކެއް.. ކަލެއަކަށް ތިޔަފަދަ ނަޒަރަކުން ޝައިހާއާ ދިމާއަށް ބަލާލުމުގެ ޙައްޤު ވެސް ނޯންނާނެ… ހަނދާން ނައްތާލާ..!” އަހަރެން އަމިއްލަ ނަފްސަށް އަޑުލީމެވެ. ހިތްމަތީ އަތްއަޅައި ބާރުކޮށްގެން ހުރިއިރު މިހިތް ރޮމުން ދިޔަވަރު އެހެން މީހަކަށް އިހުސާސެއް ނުކުރެވޭނެއެވެ.
ކޭކުފެޅުމުގެ ރަސްމިއްޔާތަށް ފަހު އަހަރެމެން އޮފީސް ހުރިހާ މުވައްޒަފުންނާއި އުޝާމްގެ ދެމަފިރިންގެ ފޮޓޯ ސެޝަނެއް އޮތެވެ. އަހަރެން ބައިވެރިނުވެ ގެއަށް ދާން އުޅުމުން އަހަރެން ހުއްޓުވީ ޒައިދާނެވެ. އަހަރެން ހުރީ ހިތްދަތިވެ ރޮވޭގޮތްވެފައެވެ. ހައިރާންވީ ޝައިހާ ވެސް އުފާވެރި މޫޑް ގެއްލި މިލާފައި ހުރީމައެވެ. އޭނާ އުފާ ނުވަނީބާވައެވެ؟ އިރުއިރުކޮޅާ އުޝާމް ޝައިހާ ގާތަށް އަންނައިރު ވެސް ޝައިހާ ހުންނަނީ އުނދަގޫވެފައި ކަހަލަ ގޮތަކަށެވެ.
ފޮޓޯ ސެޝަނަށްފަހު އުޝާމް ޝައިހާ ގޮވައިގެން ލަންކާއަށް ފުރަން އުޅޭ ވާހަކަ އިޢުލާން ކުރުމުން އެންމެން އެ ދެމީހުންނާ ވަދާޢުގެ ސަލާމް ކުރަން ފަށައިފިއެވެ. ފުނޑުފުޑުވެފައިވާ ހިތާއެކު އަހަރެން ވެސް ވަދާޢުގެ ސަލާމްކުރުމަށް ޝައިހާގެ އަތުގައި ހިފާލާފައި އޭނާއާ ހަތަރުކަޅި ހަމަކޮށްލީމެވެ. އެ ދެ ލޮލުން އަހަރެންނަށް ލޯބީގެ ވިދުވަރެއް ފެނިލިއެވެ. ފުރަތަމަ ފަހަރަށް އެ ބެލުމުގައި ޚާއްޞަ ގޮތެއް ހުރިކަން އަހަރެންނަށް ފާހަގަކުރެވުނެވެ. އަހަރެން ހިތާހިތުން ކިތަންމެ ފަހަރަކު ކަލާ ދެކެ ލޯބިވަމޭ ބުނެލީމެވެ. ނަމަވެސް އެ ބަސްތައް ވީ އަހަރެންގެ ހިތުގައެވެ. އަބަދަށްޓަކައި ހިމޭން ވެފައެވެ.
(ނިމުނީ)

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

.އެހެނަސް އަހަރެން ލޯބިވީމެވެ

Next

ޔަނާ

Next
March 22, 2025

ޔަނާ

Previews
March 22, 2025

.އެހެނަސް އަހަރެން ލޯބިވީމެވެ

3 Comments!

  1. ކިއުންތެރިއެއް says:
    March 23, 2025 at 3:23 pm

    ވަރަށް ރީތި ވާހަކައެއް. އިބާރަތްކޮށްފައިވާ ގޮތާއި ޑައިލޮގު ގެނެސްދީފައި ހުރި ގޮތް ވެސް ވަރަށް ކަމުދިޔަ

    1. Lamtty Lamhaaa says:
      March 23, 2025 at 3:56 pm

      Thank you 😊

    2. Anonymous says:
      March 24, 2025 at 1:59 pm

      So sad yaain ah
      I thought at the end something would happen to ushaam and yaain would get his loabi
      Anyways vrh reethi story

Comments are closed.



All Right Reserved!