މާރެސް – 2
ކުއްލިއަކަށް އަހަރެންނަށް ހޭލެވުނީ އެއްޗެއް ވެއްޓޭ އަޑަށެވެ. އަހަރެން ގައިގެ މަތީގައި އޮތް ރަޖާގަނޑު އެއްލައިލައި، އެނދުން ތެދުވެ މަޑު މަޑުން ދޮރާއި ދިމާލަށް ޖެހެލީމެވެ. އެވަގުތު އަހަރެންނަށް ފެނުނީ އަހަރެން ދުވަހަކުވެސް ބަލަން ބޭނުންވާނެ ކަހަލަ މަންޒަރެއް ނޫނެވެ. އަހަރެންގެ މައިންބަފައިން އެކަކު އަނެކަަކާއި ޒުވާބުކުރާ މަންޒަރެވެ. އަހަރެންގެ ފައިގެ އަޑިން ބިންގަނޑު ދަމައިގަންފިހެން ހީވިއެވެ. ހިތުގައި އެޅުނީ ވަރުގަދަ ލަކުނެކެވެ. އަހަރެންގެ ސަބަބުން މިއަދު އަހަރެންގެ ޢާއިލާގެ ތެރޭގައި ވަނީ ހަމަނުޖެހުންތަކެއް އުފެދިފައެވެ.
ދޮރު ހުޅުވާލާފައި އަހަރެން ފެންޑާ ތެރެއަށް ހިނގައިގަތީމެވެ. މުޅި ފެންޑާ ތެރެއަށް ވެރިވީ ހަމަހިމޭންކަމެވެ. އަހަރެންގެ މަންމަ އާއި ބައްޕަ އެކަކު އަނެކަކަށް މޫނު ހަދާލައިފައި ދިޔައެވެ. ކުއްލިއަކަށް، މާމައަށް ރޮއެވިގަތެވެ.
“މާމާ! ހުއްޓާލާ… މާމަ އަބަދުވެސް ބުނަމެއްނު ކޮންމެވެސް ދުވަހަކުން، ހުރިހާ ކަމެއް ރަނގަޅު ވާނެއޭ.” އަހަރެން، ސޯފާ ކައިރި ހުރި ކުޑަ މޭޒުމަތީގައި ބެހެއްޓިފައި ހުރި ޓިޝޫ ފޮށިން ޓިޝޫ ނަގައި މާމަގެ ކަރުނަތައް ފުހެލަމުން ބުނީމެވެ.
އޭގެ އަނެއް ދުވަހެވެ. ބަންދު ދުވަހަކަށްވުމުން، އަހަރެންނަށް ހޭލެެވުނީ ގަޑިން ނުވައެއް ޖެހިއިރުއެވެ. ގޭތެރެ އޮތީ ފަޅުކޮށެވެ. ގޭގައި އުޅެނީ ހަމައެކަނި މަސައްކަތް ކުރާ ގީތާއެވެ. އަހަރެން، ބައްޕަމެން ކޮބައިތޯ ސުވާލުކުރީމެވެ.
“ބޮޑު ދައްތަ ވެއްޓެނީ… ބޭބެ ބޮޑު ދައްތަ ގޮވައިގެން ހޮސްޕިޓަލު ދަނީ…” ބަދިގެ ތެރޭ ކައްކަން ހުރި ގީތާ އެހެން ބުނުމުން، އަހަރެންނަށް ލިބުނީ ކުއްލި ސިހުމެކެވެ.
ގީތާގެ ފޯނަކު ޗާޖެއް ނެތެވެ. އަހަރެން އަތަކު ފޯނެއް ނޯވެއެވެ. ބައްޕަ އާއި ގުޅޭނެ ގޮތެއް ނުވިއެވެ. އަހަރެން ކޮޓަރިއަށް ގޮސް އެކަނި މާމަ އާ މެދު ވިސްނަން އިނީމެވެ. ކޮންމެ ފަހަރަކުވެސް އަހަރެންނަށް ހީވަނީ މިއީ އަހަރެންގެ ސަބަބުން ވާ ކަމެއް ހެނެވެ. އަހަރެން އެނދުމަތީ އޮށޯވެލުމާއިއެކު ގޭގެ ރަނގަބީލު ޖަހާ އަދު އިވުނެވެ. ބައްޕަކަމަށް ވެދާނެތީ، އަހަރެން ބާރު ބާރަށް ދުވެފައި ގޮސް ދޮރު ހުޅުވީމެވެ. އަހަރެންނަށް ލިބުނީ ކުއްލި ސިހުމެކެވެ. މާމަގެ ބޮލުގައި ވަނީ ބެންޑޭޖެއް އަޅާފައައެވެ. ހުރިހާ އެންމެން އެތެރެއަށް ވަނެވެ. މާމަވެސް ބޮލަށް އެނބުރުން އަރާފައި ހުރި ވަރުން ސޯފައިގައި އޮށޯވެލިއެވެ.
“މާމާ! މާމައަށް ކިހިނެތް ވީ؟” އަހަރެން އޮޅުން ބޮޅުމެއްގެ ތެރޭގައި އިންދެފައި އެހީމެވެ.
“މާމައަށް މާ ބޮޑު ގޮތެއް ނުވޭ. މާމަ މިތަނަށް ކައްސާލައިގެން ވެއްޓުނީ. ދަރިފުޅު ދޭ އަވަހަށް ފެންވަރާލަން. އޭރުންނެއްނު ސައިބޮއެވޭނީ.” މާމަ އަހަރެންގެ ބޮލުގައި ފިރުމާލާފައި ބުންޏެވެ.
އަހަރެން ފެންވަރާ ނަލަ ހެދިލައިގެން އައީމެވެ. އެވަގުތު އެންމެން ތިބީ ސައިބޯށެވެ. އަހަރެންވެސް ސައިބޯން އެރީމެވެ. އަހަރެން ސައިތަށްޓެއް ބޭނުންވުމުން، އަމިއްލައަށް ސައިތަށްޓެއް އަޅަން މަސައްކަތް ކުރީމެވެ. އަހަރެންގެ އަތަށް ހޫނު ސައިިފޮދެއް ވެރުމުން އަހަރެން އަތުން ޖޯޑު ދޫވެ، ޖޯޑު ތަޅައިގެން ދިޔައެވެ.
“ސާބަސް! އޭ ބަލަ މިހުރި ފެންނަ ކުއްޖާ! އަމިއްލަ އަތުން ކަމެއް ނުކުރެވެންޏާ ކަމެއް ނުކުރާނީ. އަހަންނަށް ކޮންމެހެން އިތުރު އުނދަގޫތަކެއް ޖައްސަން އުޅޭނި ކަމެއް ނެތް.” މަންމަ އަހަރެންނާއި ދިމާލަށް އެހެން ބުނުމާއިއެކު މަންމަގެ އަތް ވެސް އުފުލުނެވެ.
ނަމަވެސް، ބައްޕަ އަހަރެން ހިމާޔަތްކޮށް، މަންމަގެ އަތުގައި ހިފައި ކޮޓަރިއަށް ގެންދިޔައެވެ. އަނެއްކާވެސް އަރައިރުމެކެވެ. މަންމަ އާއި ބައްޕަގެ ދެބަސްވުންތަކުގެ ސަބަބުން މިހާރު އަހަރެންގެ ކޮއްކޮމެންނަށްވެސް އަސަރުކުރަން ފަށައިފިއެވެ. ކޮއްކޮމެންވެސް ބޭނުންވާ ކަމެއް ނުވެއްޖެނަމަ، ހަޅޭއްލަވައި މުޅި ތަން ކުޑަކުރާނެއެވެ. މިކަމުގެ ހުރިހާވެސް އަސްލަކީ އަހަރެންނެވެ.
އެއީ އެ ދުވަހުގެ ރޭގަނޑެވެ. ހަނދުވަރު ވަނީ އަލިބައްތިއެއް ފަދައިން ދިއްލައިލާފައެވެ. ތަރިތައްވެސް ބަބުޅާ ވިދަނީއެވެ. ހުރިހާ އެންމެންވެސް ރޭގަނޑުގެ ކެއުން ނިިންމައިގެން ކޮޓަރިއަށް ވަދެ، ނިދަން އޮތެވެ. އަހަރެން އަވަސްވެގަތީ ކުޑަ ދަބަހަކަށް އަހަރެންގެ ސާމާނުތައް އަޅާށެވެ. އަލަމާރި ހުޅުވާލައި، އަހަރެން އަންނައުނާއި ސާމާނު ނެގީމެވެ. އަހަރެންގެ އަތުގައި ފްރޭމްކޮށްފައި އޮތް ފޮޓޮލެއް ޖެހުނެވެ. އަހަރެންނަށް ސިފަކޮށްދޭންވެސް ނޭނގޭ ފަދަ ތަސްވީރެކެވެ. މަންމަގެ އުނގުގައި އޮތީ ކުޑަކުޑަ އަހަރެންނެވެ. އެ މަންމަ ލޯބިން އަހަރެންްގެ ގައިގައި ބައްދާވެސް ހެދިއެވެ. އެވަގުތު، އަހަރެންގެ ލޯ ކަރުނައިން ތެމުނެވެ. ހިތުގައިވާ ޢުއްމީދުތައް އާވިއެވެ، މި އިންތިޒާރަށް ނިމުމެއް އަންނާނީ ކޮންދުވަހަކުން ބާވައޭ ހީވިއެވެ. އެ މަންމަގެ އަތުން އަހަރެންގެ ގައިގައި ފިރުމާލާނީ ކޮންދުވަހަކުން ބާވައޭ ހީވިއެވެ.
ހުރިހާ ސާމާނެއް އަޅާ ނިމުމުން އަހަރެން މަޑުމަޑުން ވަގުކަލޭގެހެން ގޭގެ ދޮރާށްޓާއި ދިމާލަށް މިސްރާބު ޖެހީމެވެ. އެވަގުތު ގަޑިން މެންދަމު ބާރަ ޖެހީއެވެ. އަހަރެންގެ މަންމަ އާއި ބައްޕަގެ މައްސަލަތައް ހައްލުވީއެވެ. އަހަރެން އަވަސް ހިނގުމެއްގައި ދެކުނާއި ދިމާލަށް ހިނގައިގަތީމެވެ. އެކަމަކުވެސް ދާންވީ ދިމާލެއް ނޭނގެއެވެ. މި ދަތުރުގެ ފަހު މަންޒިލެއް ނެތެވެ. ނަމަވެސް، އަހަރެން މަސައްކަތްކުރީ އަހަރެންގެ ގެއާއި ވީހާވެސް ދުރަށް ދެވޭތޯއެވެ. އެރޭގެ ދަތުރުގައި އަހަރެންގެ ފަހު މަންޒިލަކަށް ވެގެން ދިޔައީ ބާޒާރެވެ. ބާޒާރުކައިރީ އަހަރެން ފޮށިގަނޑެއް އަޅައިލައިގެން ނިދީމެެވެ. އަހަރެންނެކޭ ބިކާރި ވެފައިވާ މީހެކޭ އެއްފަދައެވެ. ރީތި ސާފު ހަނދުވަރެއްގެ ދަށުގައި އޮވެ އަހަރެންގެ ލޯ މެރުނެވެ.
އިރު އެރުމާއިއެކު، އަހަރެންނަށް ހޭލެވިއްޖެއެވެ. އަހަރެން އޮތީ ބާޒާރު ކައިރިއަކު ނޫނެވެ. އަހަރެން އޮތް ތަން ވަނީ މުޅިން އެއްކޮށް ބަދަލުވެފައެވެ. އަހަރެންނަށް އޮވެވުނީ އަރާމު ސޯފާއެއްގައެވެ. ހަތަރު ފަރާތް ވަނީ ފާރަކުން ބެދިފައެވެ. އަހަރެންގެ ކައިރީގައި ނޫ ކުލައިގެ ޔުނީފޯރމެއް ލައިގެން ހުރި ފިރިހެނަކާއި އަންހެނެއް ހުއްޓެވެ. އަހަރެންނަށް ލޯ އުނގުޅާލި ވަގުތު އެނގުނީ އެއީ ފުލުހުން ކަމެވެ.
“ކޮއްކޯ! ކޮން ނަމެއް ކިޔަނީ؟” ގޮނޑީގައި އިން އަންހެން ފުލުހެއް ބުންޏެވެ.
“އަޔާން. އަޔާން އަހްމަދް.” އަހަރެން ތުރުތުރުލަމުން ބުނީމެވެ.
ކުއްލިއަކަށް، އަހަރެން އޮތް ކޮޓަރީގެ ދޮރު ހުޅުވުނެވެ. ކޮޓަރީގެ ދޮރުމަތީ ހުރީ އަހަރެންގެ ބައްޕައެވެ. ބައްޕަ ދުވެފައި އައިސް އަހަރެންގެ ގައިގައި އޮޅުލައިގަތެވެ.
“ދަރިފުޅާ! ބައްޕަ ދޫކޮށް ކޮންތާކަށްތަ ތި ދިޔަައީ؟” ބައްޕަގެ ލޯ ތެމުމުން، ބައްޕަ އަހާލިއެވެ.
“ބައްޕާ! އަޅުގަނޑަށް އެނގޭ. ގޭތެރޭގައި ޖެހޭ ހުރިހާ މައްސަލަތަކެއްގެ އަސްލަކީ އަޅުގަނޑެއްނު… އެހެންވެ… އަޅުގަނޑު ދިޔައީމަ މައްސަލައެއްވެސް ނުޖެހޭނެ އެއްނު…” އަހަރެންގެ ލޯ ތެމި ފޯވިއެވެ.
އަހަރެން އިރުކޮޅެއް ވަންދެން ބޭރުގައި މަޑުކޮށްގެން އިނީމެވެ. ބައްޕަ ނުކުތުމުން، އަހަރެން ބައްޕަ އާއިއެކު ގެއަށް ދާން ނުކުތީމެވެ. މަގުމަތި ވަނީ ކާރާއި ސައިކަލުން ފުރިފައެވެ. ބައްޕަ އަހަރެންގެ އަތުގައި ހިފައިގެން އެތާ ކައިރީގައި އޮތް މައިޒާނަކަށް ގެންދިޔައެވެ. ވަށައިގެންވަނީ ފެހިކަން ގަދަ ގަސްގަހެވެ. އެކި ކުލައިގެ ކޮކާލާއި ސޫފިތައް އުދުހި ފޯރި ނަގަނީއެވެ. ކުލަކުލައިގެ މާ ބަގީޗާ ތެރޭ ދޫނި ތަކުގެ މިއުޒިކީ އަަޑުތަކަށް ނަށާ ހަދަނީއެވެ. ވަށައިގެން ވަނީ ލަކުޑިން ހަދާފައިވާ ގޮނޑިތަކާއި އުނދޯލިތައް ފަދަ އެއްޗިއްސެވެ.
“ދަރިފުޅާ! މިތާ އިށީނދެބަލަ. ދަރިފުޅު ކީއްވެތަ ގެ ދޫކޮށް ދިޔައީ؟” ބައްޕަ، އަހަރެންގެ ގައިގައި ފިރުމާލަމުން ބުންޏެވެ.
“ބައްޕާ! އަޅުގަނޑު… އަޅުގަނޑަކީ ބަލި ކުއްޖެއް… އެހެން ކުދިން ގޮތަށް، ދުވެ މަޖާކޮށެއް ނޫޅެވޭ… ބައެއް ފަހަރު ހީވޭ އަޅުގަނޑުގެ އަތުގައި މި އޮތީ ކަސްތަޅު އަޅުވާފަ ހެންވެސް… އެހެން ނޫނަސް، މަންމަ އަޅުގަނޑުދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވޭ… މަންމަގެ ފަރާތުން ރަހުމާއި ކުލުނެއް ނުލިބޭ… އަޅާލުމެއް ނުލިބޭ… ލިބުނު ހާވެސް އެއްޗަކީ ނަފުރަތު… އަޅުގަނޑުގެ ނަސީބުގައި ލިޔެފައި އޮތީ މަންމަގެ ރުޅިވެރިކަމާއި ބަދުބަސްތައް… ދެން، ބޮޑުވެގެން ވަކި އަޅުގަނޑަށް ކީތްތަ ކުރެވޭނީ؟… އަޅުގަނޑު ވާނީ ބޮޑުވެގެން ބައްޕައަށް ބޮޑު ބުރައަކަށް… ގިނަ މީހުން ބުނަނީ އަޅުގަނޑަކަށް އަމިއްލަ ފައި މައްޗަަކަށެއް ނުތެދު ވެވޭނެޔޯ… އެކަމަކު، އަޅުގަނޑުގެވެސް ހުވަފެންތަކެއް ވޭ… ބައްޕަ… ބައްޕަ ބުނެބަލަ… އަޅުގަނޑު ކިހިނެތްތަ ހަދަންވީ؟” އަހަރެންނަށް ގިސްލަގިސްލާފައި ބުނެވުނެވެ.
“ދަރިފުޅު ހިތްވަރު ކުރަންވީ… މީހުން އެއްޗެހި ކިޔާނެ… ނުކިޔާ ގޮތަކަށް އެކަކަށްވެސް ނޫޅެވޭނެ… ބައްޕައަކަށް ނޭނގޭ ދަރިފުޅަށް އެއްވެސް ކަމެއް ނުވާންވީ ސަބަބެއް… ދަރިފުޅު ހިތްވަރު ކޮށްފިއްޔާ ހުރިހާ ކަމެއްވެސް ވާނެ…” ބައްޕަ އަހަރެންގެ ދެކޮނޑުގައި ފިރުމާލަމުން ބުންޏެވެ.
އެދުވަހު، އަހަރެންނަށް ލިބުނީ އިތުރު ހިތްވަރެކެވެ. ޢުއްމީދު އާވިއެވެ. ފަނާ ވެފައިވާ އަހަރެންގެ ދުނިޔެ ރޯޝަންވިއެވެ. އިހުސާސްވެގެން ދިޔައީ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރުސަތެއް އޮތް ހެނެވެ. އަހަރެން އުފަލުން ބައްޕަ ގައިގައި އޮޅުލައިގަތީމެެވެ. އެއަށްފަހު، އަހަރެންނާއި ބައްޕަ ނިކުތީ އެ މައިޒާނުން ގެއަށް ދާށެވެ. މުޅި މަގުމަތި ވަނީ އާދައިގެ މަތިން ކާރުތަކާއި ސައިކަލުތަކުން ފުރި ތޮއްޖެހިފައެވެ.
ބައްޕަ އަވަސްވެގަތީ މަގު ހުރަސް ކުރުމަށެވެ. ނަމަވެސް، އަހަރެން ހުރީ ކާރުތަކާއި ސައިކަލުތަކުގެ އަޑުން އުނދަގޫވެފައެެވެ. ބައްޕަގެ އަތުން އަހަރެންގެ އަތް ދޫވިއެވެ. ބައްޕައަށް މަގުގެ މެދާއި ހަމައަށް އެރުމުން އެކަން އެނގުމުން އަހަރެންނަށް ގޮވިއެވެ. މަގުގެ ދެކޮޅުން އިވެނީ ކާރުތަކާއި ސައިކަލުތަކުގެ އަޑެވެ. ކުއްލިއަކަށް، ހަމައިން ނެއްޓިފައިވާ ރޭސްކާރެއް ބައްޕަ އާ ދިމާލަށް އެބަ އައެވެ.
އަހަރެންގެ ލޯ މެރުނެވެ. ދެން ބަލައިލިއިރު، މުޅި ތަން އޮތީ ލެއިން ފުރިފައެވެ. އަހަރެން ހުރީ ތުރުތުރުލައެވެ. ހިތަށް ވެރިވީ ނާމާން ކަމެކެވެ. ހީވީ އަހަރެންގެ ދުނިޔެ އެއްކޮށް ނިމިގެން ދިޔަ ހެނެވެ. އަހަރެން ބާރުބާރަށް ބައްޕަ އޮތް ދިމާލަށް ދުއްވައި ގަތީމެވެ. ކާރުގެ ކުރީކޮޅު އޮތީ އެއްކޮށް ފުނޑު ފުނޑު ވެފައެވެ. ކާރުގައި އިން ދެ މީހުންގެވެސް ހެއެއް ނެތެވެ. އިރުކޮޅަކުން އެމްބިއުލާންސް އައިސް ބައްޕަ އެރުވިއެވެ. ފުނޑު ފުނޑުވެފައި ވާ ހިތަކާއިއެކު އަހަރެންވެސް އެރީމެވެ. އަހަރެންނަށް ބައްޕަ ފާހަގަ ކުރަންވެސް އުނދަގޫ ވިއެވެ.
ހަސްފަތާލަށް އާދެވުމުން ބައްޕަ ގެންދިޔައީ އިމަޖެންސީ ރޫމަށެވެ. އަހަރެންވެސް ބައްޕަ ފަހަތުން ދުވަމުން ދުވަމުން ދިޔައީމެވެ. ވަކި ހިސާބަކަށް ދެވުނު ތަނާއި އަަހަރެންގެ ފައި ކައްސާލައިގެން ވެއްޓުނެވެ. އަހަރެން ކުރިމައްޗަށް ބަލައިލިއިރު ބައްޕަ ވައްދައިފިއެވެ. އަހަރެން ރޮމުން ރޮމުން ތެދުވެ، ގައި ފޮޅާލީމެވެ. އަހަރެން އެނބުރި ފަހަތަށް ބަލައިލީމެވެ. އަހަރެންގެ މަންމަ އާއި މާމަ ކުދި ކުދި ވެފައިވާ ހިތަކާއިއެކު ރޮމުން ރޮމުން އައެވެ. މާމަ އަހަރެން ކައިރީ ބައްޕަ ވީ ތަން އެހިއެވެ. އަހަރެންގެ ދުލުން އެއްވެސް ބަހެއް ބޭރެއްނުވިއެވެ. އަތް އުފުލާލައި އަހަރެން އިމަޖެންސީ ރޫމާއި ދިމާލަށް އިޝާރަތް ކުރީމެވެ.
“އަޔާން!! މި ހުރިހާ ކަމެއް ވެސް މި ވަނީ އަޔާން އަކާއި ހެދި… ރޭގައި ގެ ދޫކޮށް ނުދިޔަ ނަމަ މިހެންނެއް ނުވާނެ…” މަންމަގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.
“މައިހާ! އަޔާން ގެ ދޫކޮށް ދިޔައީ މައިހާ އަކާއި ހެދި… އެހެންވީމާ، މީގައި މައްސަލައަކީ މައިހާ…” މާމަ އަހަރެން ދިފާޢު ކުރަމުން ބުންޏެވެ.
މަންމ، މާމައަށް މޫނު ހަދާލާފައި ދުރަށް ދިޔައެވެ. އަހަރެން މާމަ ގައިގައި ބައްދާލީމެވެ. އަހަރެންނަށް މާމަ ކައިރިން މަޢާފަށް އެދެވުނެވެ. ގިސްލަ ގިސްލާފައި ރޮއެވެން ފެށުނެވެ.
2 Comments!
Comments are closed.

yaann mi part vx vrh reethi Masha Allah ❤️
keep it up dhoonee 💗
Thanks u sooo much….