Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

އާއިލާ (ޕާޓް 1)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
March 20, 2025 3 Mins Read
4 Comments

އަހަރެން އުފަންވީ ވަރަށް އާދައިގެ އާއިލާއަކަށެވެ. ދެމަފިރިއަކަށް ލިބުނު ދެކުދިންގެ ތެރެއިން އަހަންނަކީ ދޮށީ ކުއްޖާއެވެ.އަހަރެންގެ ބައްޕައަކީ ވަންނާނެ އަމިއްލަ ގެދޮރެއް ހުރި މީހެއް ނޫނެވެ . އެހެންކަމުން އަހަރެމެން ދިރިއުޅެމުން ދިޔައީ އަހަރެންގެ މަންމަ ފަރާތު މާމަގެ ގޭގައެވެ. އެގެއަކީ އަހަރެމެންގެ އާއިލާ ވެސް ހިމަނައިގެން ބޮޑުބޭބޭގެ އާއިލާ ވެސް ދިރިއުޅެމުންދާ ގެކަމުން، ދޭތެރެއަކުން ކޫސަނި މައްސަލަތައްވެސް ޖެހެ އެވެ.
އަހަރެންގެ ބޮޑުބޭބެ އަކީ އަހަރެންގެ މަންމައާއި ބައްޕަދެކެ ވަރަށް ރުޅި އަރާ މީހެކެވެ. ކުޑައިރު ތަންދޮރު އޮޅުން ނުފިލިއެއްކަމަކު،ބޮޑުވަމުން އައި ވަރަކަށް ގޭތެރޭގެ ކަންތައްތައް ހުންނަ ގޮތާއިމެދު ލޯ ހުޅުވެމުން އައެވެ. އަހަން ބޭނުންނުވާ އެތައް ވާހަކަތަކެއް އަޑު އިވެމުންދިޔައެވެ.
ބޮޑުބޭބޭގެ އަންހެނުން އަހަރެންގެ މަންމައަށް ނުލާހިކު ޖެއްސުން ކުރެއެވެ. އެމީހުންގެ ދަރިންގެ ކުޅޭ އެއްޗެހި ހަލާކު ކުރަނީއޭ ކިޔާ އަހަރެންގެ ހަގަށް ހުންނަ ކޮއްކޮއާއި ދިމާލަށް އެއްޗެހި ކިޔާތީ ކިތަންމެ ދުވަހަކު އަޑު އެހީމެވެ. އެހެނަސް އަހަންނަކީ މީހުންނާއި ދިމާލަށް އެއްޗެހި ބުނެ އުޅޭ ކަހަލަ މިޒާޖެއްގެ ކުއްޖެއް ނޫނެވެ. އެވާހަކަތައް ގޮސް މަންމަ ނުވަތަ ބައްޕަ ގާތަކުވެސް ނުދައްކަމެވެ.ނަމަވެސް އެއީ އަހަންނަށް ކުރެވުނު މޮޔަކަމެއްކަން މިއަދު އަހަރެން ގަބޫލު ކުރަމެވެ.
އަހަންނާއި އަހަރެންގެ ކޮއްކޮ ބޮޑުވަމުން އައީ ބޮޑުބޭބެގެ ކުދިންގެ ހަނގާކުރުމުގެ ޝިކާރައަކަށްވެގެންނެވެ.އަހަރެމެންގެ ދިފާޢުގައި މަންމަމެން އެއްޗެއް ބުނާ ދުވަހަކުވިއްޔާ ތަންގަނޑު އެންމެން އެއްވާހާ ބާރަށް ބޮޑުބޭބޭގެ ދެމަފިރިން އަހަރެމެންގެ މައިންބަފައިންނާއި ޒުވާބުކުރެއެވެ. އެކަންވީ އަހަރެން ވަރަށް ލަދުގަންނަ ކަމަކަށެވެ.
އަހަރުތައް ފާއިތުވެ ގޮސް، ފުރާވަރު އުމުރަށް އެޅި ހިސާބުން އަހަރެންގެ ހަށިގަނޑަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައެވެ. ލާން ގެންގުޅުނު ހެދުންތައް ބާރުވެ، ބަދަލުކުރަން މަޖުބޫރުވިއެވެ. ހަށިގަނޑު ގެ ވަނާތައް ފާޅުވާ ތީ އަހަރެން ބޭނުންވީ ގަޔަށް ދޫކޮށް ހެދުން އަޅައި ބުރުގާވެސް އަޅާށެވެ. އެހެނަސް އޭރު ބައްޕަގެ ވަޒީފާ ގެއްލިފައި ހުރުމުން އަހަރެމެންގެ އާއިލާ ތިބީ މާލީ ގޮތުން ހާލުގައި ޖެހިފައެވެ.ކުއްލިއަކަށް އަހަރެންގެ މުޅި ‘ވާރޑްރޯބް’ ބަދަލުކޮށްލެވޭނޭ ފަދަ ފެންވަރެއް ނެތެވެ. އެހެންކަމުން މަންމަ އަހަރެން ގާތުގައި އަދި ކުޑަ ދުވަސްކޮޅަކު މަޑުކޮށްލައި ދިނުމަށް އެދުމުން ޝަކުވާއެއްނެތިި އެގޮތް ގަބޫލު ކުރީމެވެ.
އާއިލާގެ ޚަރަދުތައް ބެލެހެއްޓުމުގެ ގޮތުން މަންމައާއި ބައްޕަ އެކި އެކި މަސައްކަތް ކުރަންފެށިއެވެ.އަހަންނާއި ކޮއްކޮ ވެސް އަހަރުމެންނަށް ވީވަރަކުން އެހީތެރިވެދެމެވެ.އެހެނަސް އެދެމީހުން އަަބަދުވެސް ބާރުއަޅަނީ ކިޔެވުމަށް ސަމާލުކަން ދިނުމަށެވެ.
ނަސީބު އަތުގައި ހިފާކަށް މާގިނަ ދުވަހެއް ނުނެގިއެވެ.ބައްޕައަށް ރިސޯޓަކުން ވަޒީފާ ލިބި، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަހަރެމެންގެ ދިރިއުޅުމަށް ކުރިއެރުން ލިބިގެންދިޔައެވެ.އެހެނަސް ބައްޕަ ފުރައިގެން ދިޔަ ފަހުން ބޮޑުބޭބޭމެންގެ ފިއްތުންތައް ދެގުނަ އިތުރުވެގެން ދިޔައެވެ. ޚާއްސަކޮށް ބޮޑުބޭބެ އަހަންނާއި ދިމާލަށް ބަލައިލާ ގޮތާއި ބުނެލާ ބަސްތަކުން އަހަރެން ހުންނަނީ ފާޑަކަށް ހިތްބިރުގަނެފައެވެ. މާ ނޫންކަމަށް ހަދާފައި ގައިގައި އަތްލާންވެސް އުޅެނީއެވެ.އަހަންނަށްވެސް ބޮޑުބޭބޭގެ ނިޔަތް ރަނގަޅު ނޫންކަން އެނގުނެވެ.މަންމަ ގާތުގައި އެފަދަ ވާހަކައެއް ދައްކަން އަހަރެން ޖެހިލުންވިއެވެ.އެހެނަސް އަވަހަށް ބުރުގާ އަޅަން ބޭނުންވާކަން މަންމައަށް އެންގީމެވެ.
މަންމަ އަހަރެންގެ އެ އެދުން ފުރިހަމަ ކޮށްދިނެވެ.ގަޔަށް ދޫ އަބާޔާއާއިއެކު އަހަރެން އަޅަން ފެށީ ތިން މުށް ބުރުގާއެވެ. އަހަރެންނަށް އައި އެ ބަދަލާއިއެކު ބޮޑުބޭބެގެ މޫނުމަތިން ފާޅުވާންފެށީ ނުރުހުންތެރިކަމެވެ.ބޮޑުބޭބޭގެ ކުދިންވެސް އަހަންނަށް ‘މާލީ’ ގެ ނަމުން ނަން ހަރު ކުރިއެވެ. ބޮޑުބޭބޭގެ އަންހެނުން ވެސް އަހަންނަށް ކުރީ މަލާމާތެވެ.ނަމަވެސް ޢައުރަ ނިވާ ކުރެވުމުން އެ ލިބުނު ހިތްހަމަޖެހުން އެކަމުން ވީ ދެރަައާއި ނުބައްދަލެވެ.

ބޮޑުބޭބޭ އެގޮތަށް އުޅެން ފެށި ފަހުން އަހަރެންނަށް ފެންނަ ހިސާބު ގައި ކޮއްކޮ ބަހައްޓަން އަހަރެން ޚާއްސަ ސަމާލުކަމެއް ދެމެވެ. ކޮންމެ ޙާލެއްގައި ވެސް އެ ކޮއްކޮ ހިމާޔަތްކުރަން އަހަރެން ބޭނުންވި އެވެ.

އަހަރެމެން ދެބެއިންގެ ތަޢުލީމަށް މަންމައާއި ބައްޕަ ނުހަނު އަހަމިއްޔަތުކަން ދެއެވެ.ޓިއުޝަން ކުލާސްތަކަށް ފޮނުވައެވެ.ފަތިހު ތެދުވެ ފިލާވަޅުތައް ދަސްކުރުމަށް ބާރު އަޅައެވެ. ނަތީޖާއެއްގެ ގޮތުން އަހަރުމެން ދެބެއިންނަކީވެސް ކިޔެވުމަށް ވަރަށް މޮޅު ދެ ކުދިންނެވެ.ނަމަވެސް އަހަރެމެންނާއި ޚިލާފަށް ބޮޑުބޭބޭގެ ކުދިންނަކީ ކިޔެވުމަށް އެއްވެސް ސަމާލުކަމެއް ދޭ ބައެއް ނޫނެވެ. އަހަރުމެން ރަނގަޅު ނަތީޖާ ގެންނާތީ ބޮޑުބޭބެގެ އަންހެނުން ހުންނަނީ އެކަމާވެސް މޭ ބޮޑުކޮށްފައެވެ.’ ނުފޯރާ ފޮތިން ފޫގަޅައިގެން’ އަހަރުމެންނަށް ޚަރަދުކުރަނީއޭ ކިޔައިގެން ވިހަ ބަސްތަކުން މަންމައަށް ޙަމަލާ ދެއެވެ. އެހެންނަމަވެސް އަހަރެންގެ މަންމައަކީ އެކަހަލަ ބަސްތަކަށް ގުޑާ ވަރަށްވުރެ މާ ކެތްތެރި އަންހެނެކެވެ.

މަންމައަށް ސިއްޙީ މަރުކަޒުގެ މަސައްކަތު ބައިން ވަޒީފާ ލިބިގެން ޑިއުޓީއަށް ނުކުންނަން ފެށިއެވެ.އެކަމާއި އަހަރެން އިންތިހާއަށް ހާސް ވިއެވެ.އެކަމަކު ހަމަ ހިލާ މަންމަ ގާތުގައި އެވާހަކަ ދައްކާކަށް ނުކެރުނެވެ.ޝިފްޓު ޑިއުޓީކަމުން ބައެއް ހަފްތާ ތަކުގައި މަންމަ ދާން ޖެހެނީ ދަންވަރު ޑިއުޓީއަށެވެ. އެ ރޭރޭ އަހަންނަށް އެންމެ ލޮލު ފިޔަ އެއްވެސް ނުޖެހެއެވެ.މީހާ ހުންނަނީ ‘އެލާޓުގައެވެ.’ބިރުން ސިހި ސިހިއެވެ. ކޮޓަރި ތަޅުލާފައި ހުއްޓަސް ހިތަށް ހަމަޖެހުމެއް ނުލިބެނީއެވެ.ކޮޓަރި ހުރީ ތަޅުލެވިފައިތޯ ޗެކު ކުރެވޭ ވަރެއްގެ ޢަދަދުވެސް އަހަންނަކަށް ނޭނގެއެވެ.

މަންމަ ދަންވަރު ޑިއުޓީއަށް ނުކުތް ރެއެކެވެ.މަންމަ ދިޔަ ފަހުން ވެސް ފަސް ވަރަކަށް ފަހަރު ދޮރު ހުރީ ރަނގަޅަށް ވެސް ތަޅުލެވިފައިތޯ އަހަރެން ޗެކު ކުރީމެވެ.މަންމަމެން އަހަންނަށް ފޯނެއް ދޭން ނިންމާފައި އޮތީ ކިޔަވާ ނިމުނީމައި ކަމަށްވާތީ ކަމެއް ދަމެއް ބޮޑުވެގެން ގުޅާލާކަށްވެސް އަހަރެން އަތަކު ފޯނެއްވެސް އޮތީކީ ނޫނެވެ.

ނިންޖަށް ބަލިވެފައި އޮތް ވަރުން އަހަރެން ނިދިޖެހިލާގޮތްވިއެވެ.ދިހަވަރަކަށް މިނެޓު ވެސް ވީ ކަމެއް ނޭނގެއެވެ.އަހަންނަށް ސިހިފައި ހޭލެވުނީ ކޮޓަރީގެ ތަޅުގައި މީހަކު ތަޅުދަނޑި ޖަހައިގެން ހުޅުވަން މަސައްކަތް ކުރާ އަޑަށެވެ. ފުރަތަމަ ހިކުރެވުނީ މަންމަ ޑިއުޓީ ނިންމާފައި އައީ ކަމަށެވެ.އެހެނަސް ފާރުގައި ހުރި ގަޑި ފެނިފައި އަހަރެންގެ މޭގަނޑު ހީވީ އަނގަޔަށް އައިހެންނެވެ. (ނުނިމޭ)

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ވާ ލޯބި އެގޭނަމަ(3)

Next

އާއެކޭ ލޯބިވޭ ފަސްވަނަބައި (އެ ޒުވާނާއާ ބައްދަލުވެއްޖޭ)

Next
March 20, 2025

އާއެކޭ ލޯބިވޭ ފަސްވަނަބައި (އެ ޒުވާނާއާ ބައްދަލުވެއްޖޭ)

Previews
March 20, 2025

ވާ ލޯބި އެގޭނަމަ(3)

4 Comments!

  1. Aalerrr says:
    March 20, 2025 at 2:20 pm

    Masha Allah mi part vx vrh reethi ❤️💯
    When’s next part??

    1. Lamtty Lamhaaa says:
      March 20, 2025 at 5:57 pm

      Thank you ❤️ means a lot!
      Second part already submitted 😊

  2. Blackshadow eddie says:
    March 21, 2025 at 5:29 am

    Masha allah mi vaahaka v salhi 🥰

    1. Lamtty Lamhaaa says:
      March 21, 2025 at 11:37 am

      Thank you ❤️

Comments are closed.



All Right Reserved!