މާރެސް – 1
އަހަރެންގެ ނަމަކީ އަޔާންއެވެ. ޢުމުރުން 30 އަހަރެވެ. މިއަދު، އަހަރެން މިހުރީ އަހަރެންގެ އަނބިމީހާ އާއި އަނބިދަރިން ގޮވައިގެން މެލޭޝިއާގައި ނާރިއްޔާތު ކިޔަވާށެވެ.
މީގެ 30 އަހަރު ކުރިން، ބ.ތުޅާދޫ ޗަނބޭލީގެ އަހުމަދު ޔޫސުފް އާއި، ބ.ތުޅާދޫ ދޭލިޔާމާގެ މައިހާ ޢަބްދުލްޣަފޫރު އަށް ކުޑަ ކުޑަ ލޯބި ލޯބި ފިރިހެން ކުއްޖަކު ލިބުނެވެ. އެއީ އަހަރެންނެވެ. އަޔާން އަހުމަދު އެވެ.
ބައްޕަ އަހަރެންނަށް މި ވާހަކަ ވަރަށް ރީތިކޮށް ކިޔައިދިނެވެ. އެއީ އުޑުމަތި ސާފު ރެއެކެވެ. މަންމަ އޮތީ އިމަޖެންސީ ރޫމްގައި ހޭނައްތާލާފައެެވެ. ބައްޕަ ހުރީ އެ ރޫމް ބޭރުގައި ކެތްމަދުވެ، ދެކޮޅަަށް ދެކޮޅަށް ހިނގާލައެވެ. މާމަމެންނާއި ޢާއިލާގެ އެހެން މެންބަރުންވެސް ތިއްބެވެ. ކުއްލިއަކަށް ޑަކުޓަރު އެމަޖެންސީ ރޫމުން ނިކުމެ ބައްޕައަށް އުފާވެރި ޚަބަރެއް ދިނެވެ. އެއީ އަހަރެން މި ދުނިޔެއަށް އައި ކަމުގެ ޚަބަރެވެ. އަހަރެންގެ މައިންބަފައިންގެ ކުޑަ ކުޑަ ދުނިޔެއަށް އުޖާލާކަމެއް ލިބިގެން ދިޔައެވެ. ހުރިހާ އެންމެން ވެސް ތިބީ ވަރަށް އުފަލުންނެވެ. ފޯނު ކޯލަކަށް ފަހު ފޯނު ކޯލެއް ލިބެމުން ދިޔައެވެ. ނަމަވެސް، އެއީ އުފާވެރިކަން ވީ ވަގުތީ އުފަލަކަށެވެ. އެއަށް ފަހު ޑަކުޓަރު ދިން ޚަބަރު ވެގެން ދިޔައީ ބައްޕަމެންނަށް ކެތްވާވަރުގެ ޚަބަރަކަށް ނޫނެވެ.
އަހަރެން މި ދުނިޔެއަށް އުފަންވެފައިވަނީ ސިސްޓިކް ފައިބްރޯސިސް (65 ރޯޒަސް) ނަމަކަށް ކިޔާ ބައްޔަކާއި އެކުގައެވެ. މިއީ ވާރުތަބައްޔެކެވެ. އަހަރެންގެ ފުއްޕާމޭ މައްސަލަ އާއި، ހަޖަމީ ނިޒާމު މައްސަލަތައް ހުރެއެވެ. މީގެ އިތުރުން އެހެން ގުނަވަންތަކަށް ވެސް ވަނީ މި ބަލީގެ އަސަރު ކޮށްފައެވެ. ޑަކުޓަރުންވެސް ވަނީ އަހަރެން ދުނިޔޭގާއި ހުރުމާއިމެދު ޢުއްމީދު ކަނޑާލާފައެވެ. ނަމަވެސް، އަހަރެންގެ ބައްޕަ ޢުއްމީދެއް ނުކަނޑާލައެވެ. ބައްޕަ ހިތްވަރުކޮށްގެން އަހަރެންނަށްވެސް ހިތްވަރުދިނެވެ.
ހަސްފަތާލުން ގެއަށް އައުމުން މަންމަ ބައްޕައާ ސުވާލުކުރަން ފެށިއެވެ. އަހަރެން އެހެން ކުދީންނާއި ތަފާތުވުމުންނެވެ. އެއްވެސް އިތުރު ގޮތެއް ނެތުމުން ބައްޕަ މަންމައަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. މަންމަގެ ހިތް ކުދި ކުދި ވެގެން ދިޔައެވެ. އެ ހަގީގަތް ވެގެން ދިޔައީ މަންމައަށް ގަބޫލުކުރެވޭ ފަދަ ހަގީގަތަކަށް ނޫނެވެ. މަންމަގެ ހިތުގައި އަހަރެންނާއި މެދު ނަފުރަތު އުފެދެން ފެށިއެވެ. ނަމަވެސް މީގައި އަހަރެންގެ ކުށަކީ ކޮބައިތޯ؟
10 އަހަރު އެގޮތަށް ފާއިތުވިއެވެ. އަހަރެންގެ ހިތް އެ އިރުވެސް ހުރީ މަންމަގެ ލޯތްބަށް އެދިއެދިއެވެ. ނަމަވެސް، އެ އެއް އަހަރެންނަކަށް ހާސިލުވާ ގޮތެއް ނުވިއެވެ. ނަމަވެސް އަހަރެންގެ ދެ ކޮއްކޮ، މާއިން އާއި މާޒިން އަށް މަންމަގެ ލޯބި ލިބިގެން ދިޔައެވެ. ކޮންމެ ރެއަކުވެސް އަހަރެން ނިދަން އޮތުމުގެ ކުރިން އަމިއްލަ ނަފްސާއި ސުވާލުކުރަމެވެ. ‘އަހަރެން ކޮން ކުށެއް ކޮށްގެން ބާވައޭ، އަހަރެންނަށް މައެއްގެ ލޯބި ނުލިބެނީ’ މި ސުވާލެވެ.
މަދަރުސާގައި ހިނގާ އެއްވެސް ކަހަލަ ހެލިފެލިވެ އުޅޭ ކުޅިވަރެއްގައި އެއް އަހަރެންނަކަށް ބައިވެރިއެއް ނުވެވެއެވެ. މޫދު ހަރަކާތްތަކުގައި ވެސް އަހަރެންނަކަށް ބައިވެރިއެއް ނުވެވެއެވެ. އަހަރެންނަށް ބޮނީ ވެސް ތާފަނާ ފެނެެވެ. އަހަރެންގެ ދިރިއުޅުން އެހެން ކުދީންގެ ދިރިއުުޅުމާއި ވަރަށް ތަފާތެވެ. އެހެން ކުދީންނަށް ލިބިފައިވާ މިނިވަންކަން އަހަރެންގެއެއް ނޯވެއެވެ.
އަހަރެންގެ ބައްޕަ އާއި މަންމަ، ދެ މީހުން ވެސް މަސައްކަތް ކުރަމުން ދިޔައީ އޮފީހެއްގައެވެ. އަހަރެންނާއި ކޮއްކޮމެން ބެލީ މަންމަ މާމައެވެ. އަދި ގޭގެ މަސައްކަތްތައް ކުރަން ގީތާ ނަމަކަށް ކިޔާ އިންޑިއާ މީހެއްވެސް ގެނައެވެ.
އަހަރެންގެ ދުނިޔެ މިހާ ވެސް ކުޑައެވެ. އެކުވެރިއަކަށްވެސް ހުރީ އެންމެ ކުއްޖެކެވެ. އެއީ ޖުނައިދު އެވެ. އަހަރެންގެ އެހެން އެއްވެސް އެކުވެރިއަކު ދެނެއް ނުހުރެއެވެ.
މިއީ އެއްދުވަހުގެ ވާހަކައެވެ. ފަތިހު ފިންޏަށް ހޭލައިގެން އަހަރެން ފެންވަރާ ހެދީމެވެ. މަދަރުސާއަށް ދާން ވަގުތު އޮތުމުން އަހަރެން، އަހަރެންގެ ގޭގައި ހުރި ކުޑަ ކުޑަ ކުތުބުޚާނާއިން ފޮތެއް ނަގައިގެން ކިޔާލަން އިނީމެވެ. އޭގައި ހުރީ ހުސް ސައިންޓިފިކް ވާހަކަތަކެވެ. އަހަރެންނަށް އެ ފޮތް ކިޔަން އިނދެވުނީ ވަރަށް ގަޔާވެގެންނެވެ. ކުއްލިއަކަށް، މަންމަ މާއިން އަށާއި މާޒިން އަށް ގޮވާ އަޑު އިވުނެވެ. ކޮޓަރި ތަަކާއި ދިމާލަށް ބަލައިލި ގަޑީގައި މަންމަ ހުރީ މާއިންގެ ކޮޓަރީގެ ދޮރުމަތީގައެވެ. އަހަރެން ބާރު ބާރަށް ގޮސް މަންމަ ގައިގައި އޮޅުލައިގަތީމެވެ. ނަމަވެސް، އަހަރެންނަށް އަނބުރާ ލިބުނީ ލޯތްބެއް ނޫނެވެ. ލިބުނީ ނަފުރަތެވެ. މަންމަ އަހަރެން ދުރަށް ކޮއްޕާލިއެވެ. އަހަރެންނާއި ދިމާލަށް އެއްވެސް ބަހެއް ނުބުނެ، މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ.
އިސާހިތަކު ތަދުވި ވަރުން އަހަރެންނަށް ރޮއި ގަނެވުނެވެ. ނަމަވެސް، މަންމަ އަހަރެންނާއި މޫނު އަނބުރާލިއެވެ. ބައްޕައާއި މާމައަށް އަޑު އިވުމުން ބާރު ބާރަށް ދުވެގަނެފައި އައެވެ.
“މަންމާ! އަހަރެންގެ ކޮޓަރީގެ އަލަމާރީގެ ދަމާލާ ވަތްގަނޑުގައި އިންނާނެ ފަސްޓް އެއިޑް ބޮކްސް އެއް. ދޭބަ އެ އެތި ހިފައިގެން އަންނަން.” ބައްޕަ އަވަސް ރާގެއްގައި ބުންޏެވެ.
މާމަ ފަސްޓް އެއިޑް ބޮކްސް ހިފައިގެން އައުމުން، ބައްޕަ އަހަރެންނަށް ފަރުވާ ދިނެވެ. މާމަގެ މޫނުމަތިން، މަންމަ ދެކެ ހިތް ހަމަނުޖެހިފައިވާ މިންވަރު އިނގެއެވެ. ނަމަވެސް، އަހަރެންނާއި ކޮއްކޮމެން އެތާ ހުރުމުން، މާމަ މަންމައާއި ދިމާލަށް އެއްވެސް އެއްޗެއް ނުބުނެއެވެ.
މަދަރުސާއަށް ދާ ގަޑި ޖެހުމުން، އަހަރެން ބައްޕަ އާއިއެކު ކާރުގައި މަދަރުސާ އަށް ދިޔައީމެވެ. ކާރު ތެރޭގައި ބައްޕަ އެއްވެސް ވަރަކަށް މަންމަ އާއި ވާހަކަ އެއްވެސް ނުދައްކައެވެ. ކުރެވުނު ކަމެއްގެ ސަބަބުން މަންމަވެސް އިނީ ކުޑަދޮރާއި ފަރާތަށް މޫނު ލައިގެންނެވެ. އެހެން ދުވަސް ދުވަހާއި ޚިލާފަށް ކާރުގައި ވަނީ ހަމަހިމޭންކަމެވެ. ހިނިތުންވުމާއި އުފާވެރިކަން ވަނީ ގެއްލިފައެވެ.
މަދަރުސާއަށް ދެވުމުން އަހަރެން ކާރުން ފައިބައި ކުލާހާއި ދިމާލަށް ހިނގައިގަތީމެވެ. އަހަރެންގެ ފަހަތުން ކުއްޖަކު އަންނަހެން ހީވިއެވެ. ނަމަވެސް، އަހަރެން ފަސް ޖެހުމެއް ނެތި ހިނގީމެވެ. ކުއްލިއަކަށް އަހަރެންގެ ކޮނޑަށް އަތްވައްޓާލައި ކުއްޖަކު އަހަރެންނާއި އެއްހަމަ ކުރިއެވެ. އަހަރެން ކައިރީގައި ޖުނައިދު ހުރިތަން ފެނުމުން އަހަރެންގެ މޫނަށް އުފާވެރިކަމުގެ ކުލަވަރެއް އައެވެ.
“އަޔާން! ހާދަ ފަނި މޫނެއްގަ… މިއަދު ހަމަ ގޮވާ ވެސް ނުލާނަންތަ؟” ޖުނައިދު ބުންޏެވެ.
ނަމަވެސް، މިއަދު އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ ކުލާހަށް ހިނގައިގަތީމެވެ. ޖުނައިދު އަހަރެން ފަހަތުން ބާރު ހިނގުމެއްގައި އައެވެ. ކުލާހަށް ވަދެ ގޮނޑީގައި އިށީންދެލުމަށްފަހު، އަހަރެން ފުން ނޭވާއެއް ލައި، ފެންފޮދެއް ބޮއެލީމެވެ. ޖުނައިދު ހުއްޓާ ނުލައި ކިހިނެއްތޯ ވީ އަހަމުން ދިޔައެވެ.
“ހަމަޖެހިބަލަ!” އަހަރެންނަށް ތަންކޮޅެއް ބާރަށް ހަޅޭއްލަވައިގަނެވުނެވެ.
ލޮލުން ފޭބި ކަރުނަތައް ދައްކާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެހެންކަމުން، އަހަރެން މޫނުމަތީގައި އަތް އަޅާލީމެވެ. އިރުކޮޅަކު ހަމަޖެހިލައިގެން އިނީމެވެ. އަހަރެންގެ ވާހަކަ ނުފެށެނީސް ރަނގަބީލު ޖަހައިފިއެވެ. މުދައްރިސް ކުލާހަށް ދުރުވެ ސަލާމް ބަލައިގަނެ، ހުރިހާ ކުދިން މަސައްކަތައިގެން ކުރިއަށް ދިޔައެވެ.
ހަތަރު ގަޑި ނިމިއްޖެއެވެ. އިންޓަރވަލް ގަޑިއަށް އަހަރެން ކުލާހުން ބޭރަށް ނުކުމެ ބެންޗެއްގައި ޖައްސާލީމެވެ. އަހަރެން މާޔޫސްކަން މަތީގައިި އިނދެ ޖުނައިދުއަށް ފަތިހު ވީ ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. ޖުނައިދު އާއި އޭނާގެ މައިންބަފައިންނަކީ އަހަރެންގެ މަންމަގެ ހަގީގަތް އެނގޭ ހަމައެކަނި މީހުންނެވެ. އެހެން މީހުން ދެކޭގޮތުގައި އަހަރެންގެ ޢާއިލާއަކީ އުފަލުގައި ދިރިއުޅޭ ޢާއިލާއެކެވެ.
އެ ދުވަހު ވީ ކަންތައް ކިޔައިދިނުމުން ޖުނައިދު އަހަރެންނަށް އިތުރަށް ހިތްވަރުލައިދިނެވެ. އަދި އަހަރެންގެ މަންމަ، ކޮންމެވެސް ދުވަހަކުން އަހަރެންނަށް ލޯބި ދޭނެކަން ބުނެދިނެވެ.
މަދަރުސާއިން ގެއަށް އައިއިރު އަހަރެން ހުރީ ވަރުބަލި ވެފައެވެ. އަހަރެން ބޭނުންވީ މާމަ ކައިރިއަށް ގޮސް، މާމަގެ ވާހަަކައެއް އަޑުއަހާލައި ނިދާލުމަށެވެ. ނަމަވެސް، އަހަރެން މާމަގެ ކޮޓަރީގެ ދޮރާއި ހަމަކުރި ތަނާއި މާމަ ކޮންމެވެސް މީހަކާއި ދިމާލަށް ހަޅޭއްލަވައި އަޑު އިވެއެެވެ. އަހަރެން ހުރިތަނުގައި ހުރެ މަޑުކޮށްލީމެވެ. އެ ވަގުތު އަހަރެންނަށް އެނގުނީ މާމަ ހަޅޭއްލަވަނީ މަންމައާއި ދިމާލަށް ކަމެވެ. ދެމީހުން ދެމީހުުންނަށް ޒުވާބުގެ ތީރުތައް ފޮނުވަން ފެށިއެވެ.
“މައިހާ! މިއަދު މައިހާ، އަޔާން އާއިމެދު ކަންތައް ތިކުރީ އެއްވެސް މަޔަކު ކަންތައް ކުރާނެ ގޮތަކަށް ނޫން. ބަލަ ތިއީ އެކުއްޖާގެ މަންމައޭ. 10 އަހަރު ވެގެން ދިޔައީ… އަދިވެސް އޭނަ އެހުރީ މައެއްގެ ލޯތްބަށް ތެޅި ތެޅި. ތިއީ ތަ އަހަރެން އުޅެން ދަސްކޮށްދިން ގޮތަކީ؟” މާމަ ރަތް މޫނެއްގައި މަންމައާއި ދިމާލަށް ބުންޏެވެ.
“މަންމާ ހެޔޮނުވާނެ! އެއީ އަހަރެންގެ ދަރިއެއް ނޫނޭ. އަހަރެންގެ ތިބޭނީ އެންމެ ދެ ކުދިން. މަންމަ ކޮންމެހެން އަހަރެންނަށް އުޅެންވީ ގޮތް ކިޔައިދޭނި ކަމެއް ނެތް. އަހަރެން މައެއްގެ ޒިންމާ ބަރާބަރަށް އެބަ އަދާކުރަން.” މަންމަ ޖަވާބުދާރީވިއެވެ.
“ބަލަ އެކުއްޖާ ގެނައީ ގޮނޑަކުންތަ؟ ނޫން! އަޔާންވެސް ދުނިޔެއަށް އައީ މައިހާގެ ބަނޑުން. ހަމަ މާއިން އާއި މާޒިން ގޮތަށް! މަންމަ އާދޭސްކޮށްފައި މި ބުނަނީ… ހެޔޮނުވާނެ އަޔާންއަށް އެެހެން ނުހަދާ.” މާމަ މާޔޫސް ވެލައިފައި މަންމަ ގައިގައި ފިރުމާލަމުން ބުންޏެވެ.
މަންމަ އެބަހަށް ޖަވާބުދާރީ ނުވެ، ކޮޓަރިން ނުކުތެވެ. މަންމަ ޖެހުނީ އަހަރެން ކުރިމައްޗަށެވެ. މޫނު އެއްފަރާތަކަށް އަނބުރާލިއެވެ. އަދި ގައިގައި ހުރި ބާރެއް ލައި ހިނގައިގަތެވެ.
މަންމަ ދިޔުމާއިއެކު އަހަރެން މާމަގެ ކޮޓަރިއަށް ވަނީމެވެ. ދިޔަ ގޮތަށްގޮސް، އަހަރެން މާމަގެ އުނގުމަތީގައި ބޯ އަޅާާލީމެވެ. އަދި އަހަރެންނަށް ރޮއެވެން ފެށުނެވެ.
“މާމާ! މަންމަ ދުވަހަކުވެސް އަހަރެންގެ ހިއްސާގައި އޮތް ލޯތްބެއް ނުދޭނެތަ؟” އަހަރެން ކަރުނަތައް ފުހެލަމުން އެހީމެވެ.
“ނޫން ދަރިފުޅާ! ދަރިފުޅު މަންމަ، ދަރިފުޅު ދެކެ ވަރަށް ލޯބިވޭ… އެކަމަކު، އަދި އެކަން ނުދައްކަނީ.” މާމަވެސް ގިސްލަމުން ބުންޏެވެ.
“މާމާ! އެ ކީއްވެތަ މަންމަ އެހެން އެ ހަދަނީ؟” މާމަ ކައިރީ އަހަރެން އެހީމެވެ.
މާމަ އަތަކުވެސް އޭގެ ޖަވާބެއް ނެތެވެ. އަހަރެންގެ ހިތާމަ ކުޑަކުރުމަށްޓަކައި މާމަ އަހަރެން ބޮލުގައި ފިރުމާ ހެދިއެެވެ. އިރުކޮޅަކު މާމަގެ އުނގުގައި ބޯ އަޅާލުމަށްފަހު، އެނދުގައި އޮވެ އަހަރެންގެ ލޯ މެރުނެވެ.
********************
(ނުނިމޭ)
4 Comments!
Comments are closed.

yaann vrh reethi mi part Masha Allah 💗💗💗
hama rovihjje mi bai kiyaalaafa…
lysssm 💗
Thank u for the love and support
Trailer v reethi masha allah
Curiously waiting for next part
Keep it up
Thanks…
Insha Allah, next part will be released soon