Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހާސިލްވުމަށް އެދެނީ 1

Mysterious Woman Level 310 Stories100 Comments
March 18, 2025 6 Mins Read
4 Comments

“ފެރާރޯ” ދޯނިން ފޭބި ރީޝަމް އަތުން ފޮށި ދަމަމުން ހިޔަލުގައި މަޑުކޮށްލީ ދެކޮޅު ބަލާލަމުންނެވެ. ރަތްދަކަ އަވީގައި ހުރުމަށްވުރެ ހިޔަލުގައި ހުރުން މާ ރަނގަޅުވާނެވިއްޔާއެވެ. މަންމަ އެ ބުނި ބޮޑުދައިތަގެ ފިރިމީހާ ވެސް އަދި ނާދެއެވެ. އަޔަސް އޭނާ ވަކިކުރަން އެނގޭނެ ހެއްޔެވެ؟ ރީޝަމް އެގޮތުގައި ހުރެ މާލޭގެ މަގުތަކަށް ނަޒަރު ހިންގާލިއެވެ. އަސްތާ! މިއީ އުޅެން ހެޔޮވާވަރުގެ ތަނެއް ހެއްޔެވެ؟ އަހަރެން މި މާލޭގައި ދޭ ކީއްކުރަން ތިން ހަތަރު އަހަރު ވެސް ހޭދަކުރާނީ ކިހިނެއް ހެއްޔެވެ؟ ކާރޫބާރޫތަކުން މަގުތައް މިވަނީ ފުރި ބާރުވެފައެވެ. ހިނގާލާނެ ތަންކޮޅެއް ވެސް ލިބެނީ ހާލަކުން ފަހަރަކުއެވެ. ބަރުގޮނުގެ އަޑުތަކުން ކަންފަތް ބައްވެދާނެއެވެ. ނަމަވެސް މަތީ ތަޢުލީމު ހާސިލުކުރަން މި ނޫންތަނަކަށް ނުދެވޭނެ ވިއްޔާއެވެ.

މިފަދަ ޚިޔާލުތަކެއްގައި ހުރި ރީޝަމް ސިއްސައިގެން ދިޔައީ ކުރި މައްޗަށް ހުއްޓާލި ޓެކްސީ ފެނިފައެވެ. އެއިން ފޭބީ މުސްކުޅި ބޭބެއެކެވެ. ޔަޤީނުން ވެސް ފަންސާހުން ތިރިއެއްނުވާނެއެވެ. “އަނހާ، ރީޝަމް ދޯ މީ…މީ ބޮޑުދައިތަގެ ފިރިމީހާ ހަސަންކޮބެ އިނގޭ…..ދަރިފުޅު ވަރަށް އިރުވެއްޖެ ދޯ މިތާ ހުންނަތާ…ހިނގާ އަވަހަށް ގެއާ ދިމާލަށް ދަމާ…” ދުފާ ރަތްކޮށްގެން ހުރި ހަސަންކޮބެ ވާހަކަދެއްކިއެވެ. ރީޝަމް މާބޮޑު އެއްޗެއް ނުބުނި ނަމަވެސް ހަސަންކޮބެގެ އެ ގާތްކަމުން ކޮންމެ ވެސް ވަރަކަށް ހިތަށް ލުއި ކަމެއް އިހުސާސުވިއެވެ.

ޓެކްސީ އިން ފޭބި ރީޝަމް ކުރިމަތިން ފެންނަ ވީރާނާވެފައިވާ ގެއަށް ނަޒަރު ހިންގާލިއެވެ. ހަސަންކޮބެގެ ފަހަތުން ހިމަ ގޯޅިގަޑުގެ ތެރެއިން ހިނގާފައި ގޮސް މަޑު މުށި ކުލައިގެ  ދޮރުން އެތެރެއަށް ވަދެއްޖެއެވެ. “އަނހާ ދަރިފުޅާ ރީޝަމް….ދަރިފުޅު ހާދަ ބޮޑުވެއްޖޭ ދޯ މިހާރު….މަންމަ ކިހިނެއް ތަ؟” ރީޝަމްގެ ބޮޑުދައިތަ ފަރީޝާ ވާހަކަދެއްކި އަޑަށް ވަށައިގެން ތަންތަން ބަލަމުންދިޔަ ރީޝަމްގެ ސަމާލުކަން އެ ދިމާއަށް ހުއްޓިއްޖެއެވެ. “މަންމަ އިރާދަކުރެއްވީތީ ރަނގަޅު” ލަދުން ހުރެ ރީޝަމް ޖަވާބުދިނެވެ. “ދަރިފުޅާ ރީމް ދޭބަލަ ރީޝަމްއަށް ފެންތައްޓެއް ގެނެސްދޭން” އެވަގުތު ކޮޓަރިއަކުން ނިކުތް ރީމްއަށް މުޚާތަބުކޮށް ފަރީޝާ ބުނެލިއެވެ. “މަންމައަށް އެނގޭނެ އަހަންނަށް ނޭނގޭނެކަން ތައްޓަކަށް ފެން ވެސް އަޅާކަށް” ރީމް ރުޅި މޫނު ހަދާލާފައި ރީޝަމްއަށް ކަޅި އަޅާފައި އެހެން ބުނެ ނުކުމެގެން ހިނގައްޖެއެވެ.

ރީޝަމް އިނީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. މީހަކަށް ފެންތައްޓެއް އަޅަން ވެސް ނޭނގެއޭ ބުނުމުން ވާނީ އެހެން ނޫން ހެއްޔެވެ؟ މިވަރުން މިގޭގައި އުޅެވޭނެ ހެއްޔެވެ؟ ބޮޑުދައިތަ އާއި ހަސަންކޮބެ ކިތައްމެ ރަނގަޅަކަސް އެއުޅޭ ފޮނި ބޮޑާ ރީމްގެ ގޮތް އެވަގުތު ކޮޅު ވެސް އޭނާއަށް އެނގިއްޖެއެވެ. “އަޅާނުލާ އެއީ އޭނާގެ ވައްތަރު….އަން..މި ޖޫސްތަށި ބޯލާ” ރީޝަމްއަށް ޖޫސްތައްޓެއް ދިއްކޮށްލި ހިމަތޮޅި އަންހެން ކުއްޖާއަށް އޭނާ ބަލާލިއެވެ. ހިތްހެޔޮ ހިނިތުންވުމެއް ވެރިކުރުވައިގެން ހުރި ވަރަށް ސާދާ ކުއްޖެކެވެ. “ދަރިފުޅާ މީ ދައްތަގެ ދޮށީ ފިރިހެން ދަރިފުޅުގެ އަންހެނުން ސީމާ….ދެން ހިނގާ ދޯ ދަރިފުޅުގެ ކޮޓަރިއަށް އަރާމުކޮށްލަން” މިހެން ބުނެ ރީޝަމްގެ އަތުގައި ހިފައިގެން ރީމް ނުކުތް ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރިއަށް ވަނެވެ. ރަނގަޅަށް އަރާމްކޮށްލަން ބުނެ ރީޝަމްގެ ބުރަކަށީގައި ފިރުމާލާފައި ފަރީޝާ ނުކުމެގެން ހިނގައްޖެއެވެ.

“އާރގގގގ…މިގޭގެ އެހެން މީހުން ހާދަ ރަނގަޅޭ…..އެއުޅޭ ރީމް އަށް ޖެހޭނެ ސަމާލުވާން…..ހީވަނީ ވިހަގަދަ ހަރުފައެއްހެން……އޯހް…މަގޭ ބެސްޓީއަށް ނުވެސް އެނގޭނެ މަ މާލެއަށް އައިކަމެއް ވެސް…..ނުބުނެ އައިމަ ނޮޅާ ކައި ވެސް ލާފާނެ…..” އަވަސް އަވަހަށް ޖީބުން ފޯނު ނަގަމުން ނުހާގެ ނަމްބަރަށް ގުޅާލިއެވެ.

އިސްތިރިކުރަން ހުރި ނުހާ އަވަސް އަވަހަށް ފޯނު ނެގީ ގުޅަނީ އޭނާގެ އެންމެ ގާތް ދެ އެކުވެރިންގެ ތެރެއިން އެކެއްގެ ކޯލަކަށްވާތިއެވެ. ފޯނު ނަގާ ކަންފަތާއި ކޮނޑާ ދެމެދަށް ފޯނުލަމުން ވާހަކަދައްކަންފެށިއެވެ.

“ހަލޯ ރީ…..ކިހިނެއްވީ ހާދަ ނުގަޑިއެއްގައި ގުޅާލީ….މަ ހީކުރީ މަ މަތިން ހަނދާންނެތިގެން ކަމަށް އިއްޔެ ވެސް ޚަބަރެއް ނުވީ…” އެއްފައްޗަކަށް ނުހާގެ ހިތުގައި ހުރި ޝަކުވާތައް ބަންޑުންކޮށްލިއެވެ. އެކޮޅުން ހީގަތް އަޑު އިވުނެވެ.

“ސާބަހޭ….ހެޔޮ ހިތުން ގުޅާލީމަ ވެސް ޝަކުވާ ވިއްޔާ ތި ކޮށްލީ…..ތިއެއް ނޫނޭ….ގެސް ވަޓް؟” ރީޝަމްގެ އަޑުގައި އެހެންޏާ ނުހުންނަފަދަ ޖޯޝަކާ ފޯރިއެއް މިއަދު އެބަހުއްޓެވެ. ވާނީ ވެސް އެހެންތާއެވެ. ގާތް އެކުވެރިޔާއަށް ނޭނގި އެއްފަސްގަނޑަކަށް އާދެވުމުން ހުރީ ވެސް އުފަލުން ދަތްކޮޅު އަތަށް ލައިގެން ވިއްޔާއެވެ.

“ދެން ގެސްކުރަން ކޯއްޗެއްތަ ގެސް ކުރަންވީ….އަހަރެން އާދޭސްކޮށް ކޮށް ވެސް ރީ މިކޮޅަށް ބޯ ކޮޅު ވެސް ނުލާކަށްނު ތިއުޅެނީ…އެއުޅޭ ސަންފަ ވެސް ބޭރު މީހަކަށް ވެގެން އަހަރުން މަތިން ހަނދާން ވެސް ނެތުނީ ތޯއްޗެ…..އެ ލަންޑަނަކަށް ތޯ އަންޑަނަކަށް ގޮސް ބަޚަބަރު…” ނުހާ އަނެއްކާ ވެސް ކޮށްލީ ޝަކުވާއެވެ. އަނެއްކޮޅުން ރީޝަމް ހުރީ ފޯނު ކަންފަތާ ދުރުކޮށްގެން އަނގަޔަށް ފާޑެއްގެ ވައްތަރެއް ޖައްސައިގެންނެވެ. އާ އެހެންޏާ ބޭރުން ދާ މީހަކަށް ވެސް ނުހާގެ ތޫލި އަޑު އިވޭނެ ވިއްޔާއެވެ. އެވަރަށް ބާރަށް ނުބުންޏަސް މަގޭ ކަންފަތް ސަލާމަތުން އެބަހުރި ވިއްޔާއެވެ.

“މަށާ ދިމާލަށް ތި ފަތިވަރުތައް ނުގޮވާ އެ ސަންފައަށް ގުޅާފައި ކިޔާބަލަ…..ދެން ނޫ ފަކީރު މަ ކައިރީ އާދޭސްކުރިމާ ދެން ޖެހޭނީ މަގޭ ރަށް ދޫކޮށް ހަލަބޮލި މާލެއަށް އަންނާކަށްނުން….” ރީޝަމް އެ ބުނި އެއްޗަކުން އިސްތިރިކުރަން ހުރި ނުހާ ހުރި ތަނަށް ގަނޑުވީ ތޯއްޗެކެވެ. ހެދުން މަތީގައި އިސްތިރިކުރަން ޖެއްސިގޮތަށް އޭގެ މަތިން ހަނދާން ވެސް ނެތެވެ. “އޭ ސަމާސާ ކުރަނީ ތަ؟….ރީ ހަމަ އަސްލަށް ވެސް އައީ ތަ؟..” ނުހާގެ އަޑުގައި އުފާވެރިކަން އެކުލެވިފައިވެއެވެ.

“އާއެކޭ މަ ކީއްކުރަންތަ ސަމާސާކުރަންވީ މި ކަހަލަ ވަގުތެއްގައި…..އަހަރެން މި ހުރީ މަގޭ މަންމަ ފަރާތު ބޮޑުދައިތަގެ ގޭގައި….” ރީޝަމް ބުނެލިއެވެ. “އޯހް…ސަޅި….އޭ……..އޯހް ޝިޓް ޝިޓް….މަގޭ ޒިންދަޤީ ބަރުބާދު….އެއްކޮޅުން އުފަލެއް ލިބުމުން އަނެއްކޮޅުން ޒިންދަޤީ ޚަތަމް….މަގޭ ދޮންމަންމަ އެންމެ ފަހުން ގަތް އަގުބޮޑު ހެދުން މި ވިރުވާލެވުނީ….އޭ ފަހުން ގުޅާ ނަން…އެނގޭ” ނުހާ އަވަސް އަވަހަށް ފޯނު ކަނޑާލިއެވެ. އަނެއް ކޮޅުން ރީޝަމް އެއްޗެކޭ ބުނަންވާއިރަށް ނުހާ ފޯނު ކަނޑާލީމާ ހުރީ ވެސް ވައްތަރެއް ޖައްސައިގެންނެވެ.

ހެދުމުގެ ވިރިފައިވާ ބޮޑު ލޯވަޅު ފެނުމުން ވެސް ދުވަސް ދިޔައީ އޭ ހިތަށް އެރިއެވެ. ސަހަރޯ ހީވެއްޖެއެވެ. ދެން ކުރާނެ ކަމެއްނެތެވެ. ބައްޕަ ވެސް ރަށުގައި ހުރީކީ ނޫން ވިއްޔާއެވެ. ހެދުމުގެ ވިރިފައިވާ ބޮޑު ލޯވަޅަށް ބަލަން ހުރި ނުހާގެ ލޯ މުދުނަށް އަރައިގެން ދިޔައީ އެ ލޯވަޅުގެ އަނެއްކޮޅުން ފެންނަމުންދިޔަ ރުޅިވެރި މޫނު ފެނުމުންނެވެ. ހީވަނީ ހަމަ ރަތް ޓޮމާޓޯއެއްހެންނެވެ. ދެ އުކުޅުގައި އަތް ވިދެލައިގެން ހުރި އިރު ނުހާ އެހުރިތަނުން ވަޅުގަނޑަކަށް ވައްޓާލަފާނެހެން ހީވެއެވެ. މީހާއަށް ބަރުހެލިކަމާއިއެކު ނުހިނގޭ އިރު ވެސް ހިނގުނު ގޮތަކަށް ހިނގަމުން އައިސް ނުހާގެ އަތުން ހެދުން ޖަހައިގަނެއްޖެއެވެ.

“ކަލޭ ކޯއްޗެކޭ ހިތަށް އަރައިގެން މަގޭ އެއޮށް އަގުބޮޑުކޮށް ގަތް ހެދުން ވިރުވާލީ….ކަލޭ އަތަށް މީތި އިސްތިރިކުރަންދިނީ މި ހެދުން ވިރުވާލަން ތަ އައި….ހުރެބަލަ ނިކަން ހެދުން ވިރުވާލީތީ ވެސް މިއަދުގެ ކެއުން ކަލެއަށް މަނާ…” ނުހާގެ ދޮންމަންމަ ފައުޒިއްޔާ ހެދުން ހިފައިގެން ދިޔުމުން ނުހާ މޫނަށް ވައްތަރެއް ޖައްސާލިއެވެ. އެ ހެދުން ވިރުނިކީއޭ ކިޔާފަ އެވަރުވާންޖެހޭ ހެއްޔެވެ؟ އެ ހެދުން ދައްތައަށް ލެވޭނީކީ ވެސް ނޫނެވެ. އަދި ވެސް ތަންތަނުން ޕިއްޒާ އާއި ސަބްމެރިން، ބާރގާފަދަ ކެއުންތައް ކައިގެން ގޭގައި ހަތަރުދަމު އޮންނަ މީހަކު ދެން ފަލަ ވާނީ ވެސް އެވަރަކަށްތާއެވެ. މުސްކުޅިވިޔަސް އަދި ވެސް އުޅެންވަނީ އެންމެ ފަހުގެ ކުދިން އުޅޭ ގޮތަށްވިއްޔާއެވެ. ދެން މި ޖެހުނީ މިއަދުގެ ހަތަރުދަމު ބަނޑަށް ހުންނަންށެވެ.

“ސްކައި ކާސަލް” ގޭތެރެއިން އިވެނީ ލަވަޖަހާ އަޑެވެ. ހީވާ ގޮތުގައި ކަރޯކޭ ޖައްސަނީއެވެ. މި ޒަމާނުގައި އެއީ މަޝްހޫރު ކަމެއްވިއްޔާއެވެ. ހައިކަލް އާއި އަމާން ދެ މީހުން ވާދައަށް ލަވަ ކިޔަނީ ކާކަށްތޯ ރީތިކޮށް ލަވަ ކިޔެނީ ބަލަންވެގެންނެވެ. ހީވަނީ ލަވަ މުބާރާތެއްގައި ބައިވެރިވެގެން ވާދައަށް ލަވަ ކިޔަމުންދާހެންނެވެ. އެހެނަސް ހައިރާންވާންޖެހޭ ކަމަކީ އެ ދެމީހުންނަކީ ވެސް އެހާމެ ރީތިކޮށް ލަވަ ކިޔާ ދެ ކުދިން ކަމެވެ.

“އޭ ހައިކު…..ނައިއްޓެގެ ޚަބަރެއް ބަލައިފިންތަ؟….އެޔެއްނުން އަހަރުމެންގެ ސިންގާ އޮފް ދަ މޭން އަކީ….” އަމާން އިނދެފައި އަހާލިއެވެ. “ކަލެއަށް ހަމަ އެނގޭނެ އޭނާ ނާންނާނެކަން…އަދި އަމުދުން ލަވަ ކިޔަންޏާ ވައި ވެސް ނޭޅޭނެ…ބްރޯ އޭނާ އަންނަންވީ އިރަކުން އަންނާނެ ލީވް ހިމް މޭން…..” ހައިކަލް ސީރިޔަސް ކަމާއިއެކު ބުނެލިއެވެ. އަމާން ވެސް އިތުރު އެއްޗެއް އެކަމާ ގުޅިގެން ނުބުނީ އެއީ ހުސް ތެދުކަމަށްވާތީއެވެ.

ހައިކަލް އާއި ނައިލްގެ ދެމެދުގައި އޮންނަނީ އަމާން އާއި ހައިކަލް އާއި ދެމެދު އޮންނަ ގުޅުމަށް ވުރެ ވެސް ގާތް ގުޅުމެކެވެ. އަމާންއަށް ނޭނގޭ އެތައް ކަމެއް ނައިލްއަށް ހައިކަލް އާއި ހިއްސާކުރެވެއެވެ. އެއީ އެ ދެ މީހުންގެ ވެސް އާއިލާގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ. ނައިލް އާއިއެކު ނައިލްގެ ގެއަށް ހައިކަލް ދާ ކޮންމެ ފަހަރަކު އެ ގެއަކީ އޭނާއަށް ބީރައްޓެހި ތަނެއް ނޫނެވެ. ހަމައެގޮތަށް ނައިލްއަށް ވެސްމެއެވެ.

“ބްރޯ އަހަރުމެންނަށް މިހެން މަޖާކޮށްލަން ލިބޭނީ މާދަން އެކަނި ދޯ؟….ދެން ފެށޭނީ ކިޔެވުން ވިއްޔާ…” ހައިކަލް ބުނެލިއެވެ. މިވަގުތު އެ ދެމީހުން ތިބީ ލަވަ ކިޔާ ނިމުމުން ކުރާނެ ކަމެއް ނެތިގެން ތޯއްޗެކެވެ. ފެށީ ކިޔެވުމުގެ ވާހަކަ ވިއްޔާއެވެ. “އާ ބްރޯ……މީ ހަމަ ނޯމަލް ކަމެއްނުން…..ބްރޯ އަހަރުންގެ ފަހު އަހަރެއްނުން މީ….ފަހު އަހަރުގަ ޖެހޭނެ މެމޮރިސްތައް ރައްކާކުރަން…” އަމާން ބުނެލިއެވެ.

“ބްރޯ….ހިނގާ ނައްޓާލަމާ…މަ އެއާޕޯޓަށް ދާންޖެހޭ…މަގޭ ކޮއްކޮ އަންނާނެ މިއަދު…..އޭނާ އަންނަތަނުން މަ ފެންނަން ނެތިއްޔާ މަ ފަކީރު ވަޅެއް ކޮނެފައި އަޑިއަށް ލާން ވެސް އޭނާ ފަހެއް ނުޖެހޭނެ….” ހައިކަލް ދެއްކި ވާހަކައަކުން އަމާން ކައިރިއަށް އައީ ނުލަފާ ހިނިގަނޑެކެވެ. “ކަލޭ ކޮއްކޮ އަކީ ފުރޭތައެއް ތަ؟…..އެހެންޏާ މަ ބޭނުން ތި ކުއްޖަކު ބަލައިލަން…” އަމާން ބުނެލިއެވެ. “ކަލޭ ކެތްލަވާބަލަ…އޭނާ ފެންނާނޭ އަހަރުން ދާ ކޮލެޖުން….ސީ އެޗް އެސް ސީގެ ގޭޓުން ވަދެގެންދާއިރު އަހަރުންގެ އިސްތިޤުބާލުގައި ކަލޭ އާއި ނައިލް ހުންނާތި..” ހައިކަލް އެއްމިޔަކަނުން ހީލާފައި އެހެން ބުނެ ކާރަށް އަރާ ފުލް ސްޕީޑުގައި ދުއްވާލީ އެއާޕޯޓަށް ގަޑިއަށް ދެވޭތޯއެވެ. އެއިރު އަމާން އަނގައަށް ވައްތަރެއް ޖައްސަމުން ގޮސް އޭނާގެ ކާރަށް އަރާ ދުއްވާލީ ކޮންމެ ވެސް އަންހެން ކުއްޖަކަށް ގުޅާ މައްލަވަކުރަމުންނެވެ.

އެރައިވަލް ގޭޓިން ނިކުތް ފަތްމިނި ކަމަނާއަށް ގިނަބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ހުދު ދޮން ކަމެއް ލިބިފައިވާ ހޫރެއްފަދަ ހޫރައިންއަށް ހުއްޓޭ ލޯތަކުން ސަލާމަތްވުމަށް ހުރީ ކެތްމަދުވެފައެވެ. ދެ ފަރާތުގައި އޭނާގެ މަންމަ އާއި ބައްޕަ ތިއްބެވެ. ކިތައްމެ އާދައިގެކޮށް ފެނުނަސް އެއީ މަޝްހޫރު ވިޔަފާރިވެރިޔާ ހާރޫން އާއި އޭނާގެ އަންހެނުން ޝެހެނާޒުކަން އޭނާ ދަންނަ ބަޔަކަށް ވެއްޖެއްޔާ އެނގޭނެއެވެ. އަދި އެ ދެމީހުންގެ މެދުން ހިނގާފައި އަންނަ ކަޅު ލެދާ ހޫޑީއަކާއިއެކު ކަޅު ޓްރެކް ސޫޓެއްގައި ކަޅު ކެޝުއަލް ބޫޓަކަށް އަރައިގެން ބޮލުގައި ކަޅު ތޮތްޕަކާއި ލޮލުގައި ކަޅު ރޭބަން އަވި އައިނެއް އަޅައިގެން ލޮލީޕޯޕެއް ބޮމުން އަންނަ އަންހެން ކުއްޖާ އަކީ އެ ދެމީހުންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅުކަން އެނގޭނެތާއެވެ.

ފޮށި ތަކާއި އެއްޗެހި ހިފައިގެން ނުކުންނަ މީހުންގެ ތެރެއިން އޭނާގެ ލޯބިވާ ކޮއްކޮ ފެނޭތޯ ކޮޅުކޮޅު ބަލަމުން ހައިކަލް އުޅެއެވެ. އަތުގައި ބޮޑު ސިންގާ މާ ބޮޑިއަކާއި ބޮޑު ބެއާ އެއް ވެސް އޮތެވެ. ގިނަ ލޯތަކެއް އޭނާއަށް އަމާޒުވެފައި ވުމުން ވެސް އެއަކުން ރެކެން ވެސް އުޅޭހެން ހިޔެއްނުވެއެވެ. ހީވާ ގޮތުގައި މިއީ އާ ކަމެއް ނޫނެވެ. ދެން ހައިކަލް އަކީ އޭނާގެ ބައްޕަގެ ތަތްގަނޑެއް ވިއްޔާއެވެ. ބައްޕަ ހާރޫން އާއި ވައްތަރު ވާހަކަ އޭނާ ދަންނަ ބަޔަކު ވިއްޔާ ބުނާނެއެވެ. މަޝްހޫރު ވިޔަފާރިވެރިޔާ ހާރޫންގެ ‘ހޭންޑްސަމް’ ދަރިފުޅު ހައިކަލް ނޭނގޭ ބަޔަކު މުޅި މި މާލޭގައި ވެސް ނޫޅޭނެއެވެ.

އިންތިޒާރަކަށް ފަހު ފެންނަން ބޭނުންވި ފަރާތް ފެނިއްޖެއެވެ. އޭނާގެ މަންމަ އާއި ބައްޕަ ވެސް އަންނަ ކަމެއް ކުރިއަކުން ނޭނގެއެވެ. ހީކުރީ އަންނާނީ ކޮއްކޮ ހޫރައިން އެކަނި ކަމަށްށެވެ. “އައްސަލާމްޢަލައިކުމް މަންމާ، ބައްޕާ” އެންމެ ފުރަތަމަ ވެސް ޝެހެނާޒާއި ހާރޫން ގައިގައި ބައްދާލާފައި ކަރާކަރު ޖައްސާ ސަލާމް ކުރިއެވެ. “މަންމަގެ ޕްރިންސް….ދަރިފުޅު ހިކިއްޖެހެން ހީވަނީ” ލޮލުން އުފާވެރިކަމުގެ ކަރުނަތަށް ބާލަމުން ޝެހެނާޒު ބުނެލިއެވެ. “ދެން ބައްޕާ ބަލާބަލަ އަޅުގަނޑު ފެނުނީމަ ވެސް މަންމަ ރޮނީ ފެންނަން ނެތީމަ ވެސް މަންމަ ރޮނީ..” ހައިކަލް ޅަކުއްޖެއްހެން ޝަކުވާ ކޮށްލިއެވެ. “ދަރިފުޅަށް ވެސް މަންމަގެ ގޮތް އެނގެއެއްނުން…” ހާރޫން ޖަހާލީ ހިނިގަނޑެކެވެ.

“ކޮބައިތަ މަގޭ ހޫރު ކަމަނާ….މަންމާ…އަނެއްކާ މަތިންދާ ބޯޓުގައި ހޫރު ބައިންދާފަތަ ބައްޕަމެން ތި އައީ…..” ފަރާތް ފަރާތް ބަލަމުން އަޑަށް ކަންބޮޑުވުން ގެންނަމުން ހައިކަލް ބުނެލިއެވެ. އެއިރު މަންޒަރު ބަލަން ޝެހެނާޒާއި ހާރޫން ތިބީ ދެ ކުދިންގެ އަރާރުންވުން ބަލާހިތުން ތޯއްޗެކެވެ. “ދެން ދޮންބެގަނޑާ ވަރަށް ފޫހިވޭ……..ހަމަ ފެންނަ ކަމަށް ވެސް ހަދާ ނުލާ އެބަ ހުއްޓެއްނުން….” ހޫރައިން ޅަ ގޮތަކަށް ޝަކުވާ ކޮށްލީ ކުނި މޫނު ހަދައިގެން ހުރި ކަމަށް ވިޔަސް ހިތުން ހުރީ ވަރަށް އުފަލުންނެވެ.

“އަހާ…މަގޭ ކުޑަ ކޮއްކޮ އެބަ ހުރިން ދޯ؟…ނޭނގޭނެ އެއްނުން…ދެން ތި ހުރި ގޮތް ކަމަކު ނުދޭ…ތި މޫނަށް ސްމައިލީ ފޭސް ގެނެސްބަލަ…އަން މި އޮތީ ދޮންބެ ކޮއްކޮއަށް ގެނައި މާ ބޮނޑިއަކާއި ބެއާ އެއް ވެސް….” އަނެއްކާ ވެސް މި ވަދެވުނީ ރުޅީގެ ޝިކާރައަށް ކަމެއް ނޭނގި ހައިކަލް ހުރީ ހޫރައިންގެ ރުޅި ފިނިވީ ކަމަށް ހިތާއެވެ. އެއިރު ހާރޫންމެންގެ ދެ ލޯ ހުރީ ބޮޑު ކާއްޓަކަށް ހަދައިގެން ހައިކަލްއަށް ބަލަންށެވެ. “ސީރިޔަސްލީ ދޮންބޭ….އެމް އައި އަ ކިޑް….ފްލާވާޒް އާރ އޯކޭ ބަޓް އަ ބެއާ؟؟…” އަނގައަށް ލޮލީޕޯޕު ޖަހައިގެން ވާހަކަދެއްކި އިރު ހަމަ ހީވަނީ ތުއްތު ތުއްތު ބަބާ އެއްހެންނެވެ. “އެއިންޓް ޔޫ؟…މިހާރު ވެސް ތި ހުރީ އަނގައަށް ލޮލީޕޯޕެއް ލައިގެން އެ ބޯލަ ބޯލާ…” ހައިކަލް ހޫރައިން ރުޅި އަރުވަން ފައިވިއްދާލާފައި ހުރި ފަދައެވެ. މި ދެ މީހުންގެ ކޯޅުން ނުހުއްޓޭނެހެން ހީވާތީ އެންމެ ފަހުން ޝެހެނާޒު ދެ މީހުންގެ އަތުގައި ހިފައިގެން ދެ ފަރާތުގައި ބަހައްޓައިގެން ކުރިއަށް ހިނގައިގަތީ ކާރަށް އަރަންށެވެ.

ގޭތެރެއަށް ވަދެގެން ފިރިހެންވަންތަ ހިނގުމުގައި އަންނަ ނޫރާގެ ފިރިހެން ދަރިފުޅަށް ބަލަން އިނީ ހިނިތުންވެލާފައެވެ. ނައިލްގެ މޫނަށް ބަލަން ކުޅަދާނަ ނުވާވަރަށް އެ މޫނުމަތީގައި ވަނީ ސީރިޔަސް ކަމެވެ. ތަރުޖަމާކުރަން ނޭނގޭ ފަދަ ފުސްކަމެއް އެ މޫނުގައިވެއެވެ. އަބަދުވެސް ހުންނަނި ދެ ބުމަ ގޮށް ޖަހައިގެންނެވެ. މީހަކާ ވާހަކަދައްކަނީ ހިތަށް އެރިއްޔާއެވެ. ގިނަ ފަހަރު ކަމަކަށް ބޭނުންވިޔަސް އިޝާރާތުން ނޫނީ ވާހަކަނުދައްކައެވެ. ނަމަވެސް ހައިކަލް އާއި އަމާން އާއި ޖެހިއްޖެއްޔާ ކޮންމެ ވެސް ވަރަކަށް ވާހަކަދައްކާތީ ނޫރާމެންގެ ހިތަށް ލުއި ކަމެއް ލިބެއެވެ.

ނައިލް އަކީ ހާރޫންގެ ބިޒްނަސް ޕާރޓުނާ ނާޝިދު އާއި ނޫރާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. ދެން ހުންނަނީ ދޮށްޓަށް ދެ އަންހެން ކުދިންނެވެ. އެ ދެ ކުދިން ވެސް މީހުންނާ އިނދެގެން އުޅެނީ ވަކިންނެވެ. ނަމަވެސް ދޮށީ ދަރިފުޅު ނަހުޝާ އާއި ފިރިމީހާ ލާމިއު އާއި އެކު އެ ދެ މީހުންގެ ދަރިފުޅު ލުޔޫން ވެސް ދާދި ފަހުން ވަނީ އެ ގެއަށް ބަދަލުވެފައެވެ.

“ދަރިފުޅާ ނައިލް…އާދޭ ސައިބޯން…” ވަރަށް ލޯބިން ނޫރާ ނައިލްއަށް ގޮވާލިއެވެ. ބަސް އަހާ ކުޑަކުއްޖަކު ފަދައިން ނައިލް ގޮސް މޭޒުގެ ކޮޅުގައި ނާޝިދުގެ ކުރިމައްޗަށްވާ ގޮތަށް އިށީނެވެ. “ދަރިފުޅާ ހާރޫން އަންކަލް މެން އައިސް އެބަ އުޅެ އެއްނުން…ހައިކަލް ނުބުނޭތަ ދަރިފުޅު ކައިރީ….ބައްޕަ ހީކުރީ ދަރިފުޅު ވެސް ދާނީ އެއާޕޯޓަށް ކަމަށް….” ނާޝިދު އަހާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ލޯބިވިއަސް ދޫކޮއްލާނަން

Next

ވާ ލޯބި އެގޭނަމަ…(2)

Next
March 18, 2025

ވާ ލޯބި އެގޭނަމަ…(2)

Previews
March 18, 2025

ލޯބިވިއަސް ދޫކޮއްލާނަން

4 Comments!

  1. cutie girl says:
    March 19, 2025 at 6:08 am

    mi part ves v reethi masha allah
    curiously waiting for next part
    keep it up

    1. Mysterious Woman says:
      March 20, 2025 at 3:53 pm

      Thanks so much 😊

  2. eri says:
    March 19, 2025 at 10:05 pm

    nice start that reem be using weaponized incompetence at its finest but this ai generated images kinda gets me everytime

    1. Mysterious Woman says:
      March 20, 2025 at 3:54 pm

      Ooohh ehentha hehe… anyways thanks 😊

Comments are closed.

Next Episodeހާސިލްވުމަށް އެދެނީ 2←


All Right Reserved!