Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިމާޔަތެއް ނެތިފާ 2

Naashhh Level 1
February 20, 2025 4 Mins Read
3 Comments

” އިންސާފު ހޯދާ.. ދަރިފުޅާ…” މަންމަގެ ހަށިގަނޑުގެ ހޫނުކަން އިހްސާސްވީ ހިނދު ހިކިފައިވި ދެތުންފަތުގެ ތެރެއިން ބޭރުކޮށްލި ލަފުޒުތައް އަހަރެންގެ ކަންފަތަށް ވިރުވާއަޅާލެވުނީ މަޑު އާހެއްފަދައިންނެވެ.

*********

” މަލަކް… މަލަކް..ދަރިފުޅާ……….” ދުރުދުރުން އިވެމުންދިޔަ ލޮބުވެތި އަޑުން ނިދީގެ ފޮނިމީރުކަން ނަގާލެވި އުދާސްވެފައިވާ އަހަރެންގެ މޫނުމަތި ދަލުން ފޯވާން ސިކުންތުކޮޅެއްވެސް ނުނެގިއެވެ. ހިނދެއް ހިނދަކަށް މަޑުވަމުން ގޮސް އެކީހެން އެއަޑު ކެނޑިގެންދިޔައެވެ. އުނދަގޫކަމާއެކު ހުޅުވާލެވުނު ދެލޮލުގެ ތެރެއިން ފެނިގެން ދިޔަ ހުސްކަން އެކަނިވެސް އެ ހިތުގެ ރިހުން ބުނެދިންފަދައެވެ. އަވަސް އަވަހަށް ހަރަކާތްކޮށްލެވުނު އަތުގެ އެހީގައި ސައިޑްކަބަޑު މަތީގައި އޮތް އެންމެ ފަހުގެ ފޯނު ނަގާ ނަމްބަރަކަށް ޑައިލްކޮށްލީމެވެ. އެކޮޅުން ހެލޯބުނުމާއެކު މިނިޓެއްވެސް ލަސްކުރުމެއްނެތި ” ރަނގަޅުތޯ؟ ” އަހާލެވުނީ ބިރުގައިންފާވާ ފަދަ އަޑަކުންނެވެ. އެއާއެކު ލިބުނު ޖަވާބުން ފުންނޭވާއެއް ދޫކޮށްލެވުނެވެ. ނަފްސުގެ ހަމަޖެހުން އެނބުރި އައިފަދައެވެ. އެހެނަސް ހިތުގެ ކޮންމެސް ހިސާބެއްގައި ބިރުވެރިކަންވިއެވެ. އަރާމުތަންމަތި ދޫކޮށް ކުޑަދޮރުކައިރިއަށް އަހަންނަށް ޖެހިލެވުނީ ދެން ނުނިދޭނެކަން ޔަގީންވާތިއެވެ. ނިދުމަކީ އަހަންނަށް ވޭނެއް ފަދައެވެ. ފަރުދާ ކަހާލުމަށްފަހު ބޭރުގައިވި ފަނޑުއަލިކަމުގެ ތެރެއަށް އަހަންނަށް ލޯހިންގާލެވުނެވެ. ގަދަވަޔާއެކު ބޯކުރަމުން ދިޔަ ވާރޭގެ ތެރެއަށް ބަލަހައްޓައިގެން ހުރެވުނީ ޝައުގުވެރިކަން ނެތްފަދަ ގޮތަކަށެވެ. ބޭރުގަވި ތޫފާނުގެ މައްޗަށް ހިތުތެރޭ ފަރުދާކުރެވިފައިވި ތޫފާނުގެ އަސަރު ކުރި ހޯދިފަދައެވެ. ހިތާއި ސިކުނޑީގައިވި ހައިޖާނުގެ ހަނގުރާމައަށް ކެތްނުވެ މަރާލެވުނު ދެލޮލުގެ ތެރެއިން އަހަރެންގެ ނަފްސު ބީއްސާލީ އެ ބިރުވެރި ވަގުތުތަކުގެ ތެރެއަށެވެ.

އޭރު އަހަރެންގެ އުމުރުން އެންމެ ދިހަ އަހަރެވެ. ކެންސަރު ބަލީގައި އަހަރެންގެ ލޯބިވާ ބައްޕަ މި ދުނިޔެއާ އަލްވަދާޢުކީ އަހަރެންގެ ލޯކުރިމަތީގައެވެ. ވޭނުގައި އެ ބައްޕަ ތެޅުނު ތެޅުން އަދިވެސް އަހަންނަށްފެންނަ ކަހަލައެވެ. އެހާ ތަނަވަސްކަން ނެތުމުން އަހަރެމެން އުޅެމުން ދިޔައީ ބައްޕަގެ މާމަގެ މުސްކުޅި ގޯތީގައެވެ. އެހެނަސް ބައްޕަ ނިޔާވުމާއެކު މަންމަގެ އާއިލާ ގާތަށް ދާންޖެހުނީ މަންމައާއި އެއްބަނޑު އެއްބަފާ ބޭބެ އަދި އަހަރެންގެ ބޮޑުބޭބެ އެކަމަށް އެދުމުންނެވެ. އެހެނަސް ، އާހް…. ފައިމިއެޅުނީ އަހަރެންގެ ދިރިއުޅުމުގެ ހަމަޖެހުން ނަގާލާނެ ހުރަގެއެއްގެ އޮޅިގަނޑުގައިކަން ކުރިން އެނގުންނަމަ ކޮންފަދަ ހެއްޔެވެ؟

އަމާންކަމާއެކު ބޮޑުބޭބެގެ ގޭގައި އަހަރެން ހޭދަކުރަމުން ދިޔަ ދުވަސްތަކަށް ނިމުންއައީ އަހަރެންގެ އުމުރުން އެގާރަ އަހަރު ވީދުވަހުއެވެ. އައު ދިރިއުޅުމަށް ހޭނެން ފަށާފައިވި އަހަރެންގެ ނަފްސު އެތައްހާސް މަރަކުން މަރުވިފަދައެވެ. ހެޔޮކަމުގެ ފަހަތުގައި ފޮރުވިފައިވި ބޮޑުބޭބެގެ މުޑުދާރު ސިފަ އަހަރެންގެ ކުރިމަތީ ހާމަވެގެން ދިޔައެވެ. އާއެކެވެ. އަހަންނަށް ގޯނާ ލިބެން ފެށީ އަހަރެން ރައްކާތެރިކުރަން ހުރި މީހާގެ ފުށުންނެވެ. ހަމަކޮންމެ ރެއަކުއެވެ. އެންމެ ރެއެއްވެސް ވައްޓާލުމެއްނެތިއެވެ. އަހަރެންގެ މިޒާޖަށް އައި ބަދަލާއެކު މަންމައަށް ވެސް އަހަންނަށް ލިބެމުންދިޔަ އަނިޔާތައް އެނގެން ގިނަ ދުވަހެއް ނުނެގިއެވެ. ބޮޑުބޭބެ ވެސް އެކަން ފޮރުވާކަށް މަސައްކަތެއް ނުކުރިއެވެ. އޭގެ ބަދަލުގައި އަހަންނާއި އަހަރެންގެ މަންމައަށް ކުރިމަތިލާން ޖެހުނީ ބޮޑުބޭބެގެ އިންޒާރުގެ ބަސްތަކާއެވެ. ޗުއްޕުވެސް ބުނަން ނުކެރިފައި ދެމައިން ތިބީ އަމިއްލަ ސަލަމާތަށް ކުރެވޭނެ އެއްވެސް ކަމެއް ނެތްކަން ޔަގީންވާ ހާލުގައެވެ. ބޮޑުބޭބެ އަކީ ރަށުގައި ނަން ހިނގާ ވިޔަފާރިވެރިޔާ ޖައުފަރުގެ އެއްއަތެވެ. އެންމެންގެ ތެރޭ ހިތްހެޔޮކަމާ ދީލަތިކަމުގެ މިސާލަކަށް އެވަރެއް ނެތެވެ. ދެންފަހެ އަހަރުމެންގެ ވާހަކަ ގަބޫލު ކުރާނީވެސް ކާކުހެއްޔެވެ. ސަބަބަކީ އަހަރެންގެ ލޯބިވާ ބައްޕައެވެ. މަންމަ ބައްޕަ އާއި އިނީ އާއިލާގެ ނުރުހުމުގައި ކަމަށްވުމެވެ. މި ސަބަބާހުރެ ރަށު މީހުން މަންމަ އާއިމެދު ދެކޭ ގޮތް ވެސް ވަނީ ބަދަލުވެފައެވެ. އަދި އެ ދެމެދަށް މަންމަގެ މައިންބަފައިން ކާރު އެކްސިޑެންޓެއްގައި ދުނިޔޭ ދޫކުރުމުގެ އިލްޒާމްވެސް އެޅުވީ އެ ނިކަމެތި މައިމީހާގެ ބޮލުގައެވެ. ނުކިޔަމަންތެރި ނުލަފާ ދަރިއެއްގެ ގޮތުގައި އެމީހުން މަންމަ ލޭބަލް ކުރިއެވެ. ކުރިމަތިލާން ޖެހިފައިވި އަނިޔާވެރިކަން ގޭގެ ހަތަރުފާރުގެ ތެރޭގައި ކަޝްފުކުރެވިގެން ދިޔައީ މިސަބަބާހުރެއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ވޭނާކެކުޅުމުގެ ތެރޭގައި އަހަރެން ޣަރަގުވާހާލުގައެވެ. ލިބެމުން ދިޔަ އަނިޔާގެތެރެއަށް އިތުރު އަތެއް މެހިގެން ދިޔައީ ގަދަބާރުން މަޖުބޫރުކުރުވައިގެން ކުރެވުނު އަހަރެންގެ މަންމަގެ ކައިވެންޏެވެ. އަމިއްލަ ބޭބެގެ ދެއަތުން ރޮއެރޮއެ އިން ހާލު ޖައުފަރުގެ އަންބަކަށް އެ ނިކަމެތި މައިމީހާ ހަދައިފިއެވެ. އާއެކެވެ. އަހަންނަށް ދޮން ބައްޕަ އެއް ލިބުނީއެވެ. ލިބެމުން ދިޔަ އަނިޔާދެގުނަ ވީއެވެ. އަހަރެންގެ ގައިގައި ދެން ވަކި އަޅަން ފެށީ އެ ދެއަތުންނެވެ.

އުމުރުން ސޯޅަ އަހަރުވީއިރު އަހަންނަކީ ފުރާފުރިހަމަވެފައިވާ އަންހެނަކީމެވެ. ބައްޕަ އާއި މަންމގެ ރީތިކަން އަހަންނަށް ލިބިފައިވިއެވެ. ޒުވާން ފޮނިފޮނި ބަހުން ބުނާނަމަ ފަންމިއްޔެކެވެ. ރޭގަނޑެއް ފަދަ ފަންއިސްތަށިގަނޑު އުނަގަނޑަށްވުރެ ތިރިއަށް ދިގު ކުރެވިފައިވީއިރު ލިބިފައިވަނީ ބައްޓަން ރީތި ބަނިޔާދަން ހަށިގަނޑެކެވެ. ބޯދިގު އެސްފިޔަތަކުގެ ހިޔަލުގައިވި ބޯކިރުކޮޅެއްފަދަ ދެލޮލުގެ ތެރެއިން ޖާގަ ހޯދާފައިވާ މަޑުމުށިކުލައިގެ ކަޅިރަވައިގެ ސިހުރުގައި ނުޖެހޭނެ ޒުވާން ހިތެއް ނުޥާނެކަންގައިމެވެ. އެހެނަސް އަހަރެންގެ މި ރީތިކަން އަހަންނަށް ހުރި އަޒާބެއް ފަދައެވެ. ގެއިން ނުކުންނަނީ ސްކޫލަށް ދިޔުމަށް އެކަނިކަމުގައި ވީނަމަވެސް އަހަރެންގެ ހަށިގަނޑަށް ލޯނާޅާ އެކަކު ވެސް ނޫޅެއެވެ. ނަތީޖާއެއްގެ ގޮތުން ބޮޑުބެއާއި ދޮން ބައްޕަގެ އެހީގައި އެ އުމުރުގެ އެތައް ފިރިހެނެއްގެ އަނިޔާ އާއި އަހަރެން ކުރިމަތި ލާންޖެހުނެވެ. އަހަރެންގެ ހަށިގަނޑުގައި ނުރިއްސާ އެންމެ ތަންކޮޅެއްވެސް ނެތެވެ. އެހެނަސް ކިޔެވުމައިގެން ކުރިއަށް ދިޔައީ ހިތްވަރާއެކުގައެވެ. ލޯބިވާ މަންމަ އާއި ބައްޕައަށްޓަކައެވެ. ބައްޕަ ދުނިޔޭގައި ނެތްނަމަވެސް އަހަރެން ކިޔަވައިގެން މޮޅު ކުއްޖަކަށްވުމަކީ އެ ބައްޕަގެ އުންމީދެކެވެ. އަހަންނަކީ އެ ދެމީހުންގެ ލޮލުގެ ފިނިކަމެވެ. ފުރާނައެވެ. ކުރިމަގު އަލިކުރާނެ މައިވޮށެވެ. އަހަރެންގެ ހިތްވަރުން ގްރޭޑް ދިހައެއް ނިންމާލީ އެއްމެ މަތީ ދަރަޖައިގައި ނޫން ނަމަވެސް ހުރިހާ މާއްދާއަކުން ވެސް ފާސްވެގެންނެވެ. މަންމަގެ ދެލޮލުން އެދުވަހު ފެނުނު އުފާވެރިކަން އަދިވެސް އަހަރެންގެ ހިތުގެ އެންމެ ހިމަނާރާ ކުޅެލައެވެ. ދުވަސްތަކަކަށްފަހު އެ މަންމަގެ ތުންފަތްމަތިން ހިނިތުންވުމެއްވެސް އަހަންނަށް ފެނުނީ އެދުވަހުއެވެ.

ރެއަކީ ހުކުރުވިލޭރެއެވެ. މަންމަ އެކަނި ގޭގައި އުޅޭ ވަގުތެއްކަމުން ގޭގެ ސިޓިންރޫމުގައި އަހަރެން އިނީ މަންމައާއެކު އަށެއްގެ ހަބަރުބެލުމަށެވެ. ކުއްލިއަކަށް ހުޅުވުނު ގޭގެ ދޮރާއެކު އަހަންނާ މަންމަގެ ނަޒަރު އެކީހެން އެދިމާލަށް ދަތުރުކޮށްލިއެވެ. އެއާއެކު ފެނުނު މަންޒަރުން އަހަރެންގެ ހަށިގަނޑަށް ހަރުކަށިކަމެއް ވެރިވެގެން ދިޔައެވެ. ބޮޑުބޭބެ އާއި ދޮން ބައްޕަ އާއެކު އެތެރެއަށް ވަދެގެން އައި މުސްކުޅި ފިރިހެނަކީ މިރެއަށް އަހަންނަށް އައި ހަމަލާކަން ޔަގީނެވެ. ލޯމަރާލެވުނީ ހިތުގައި އެޅިވޭނަނަށް ކެތްނުވެގެންނެވެ. ބިރުވެރިކަން އަހަރެންގެ ވަށާލިއެވެ.

” ލާހިކެއްނޫން މިރޭ އެއްކަމެއް ވެސް މަގޭ ދަރިއަށް ކުރާކަށް.. ދަރިފުޅާ ދޭ ކޮޓަރިއަށް ގޮސް ތަންޑުއަޅުވާ!!” ހަރުއަޑުން މަންމަ ބުނެލި ގޮތުން އަހަންނަށް ސިހުން ލިބުނެވެ. މި ނޫނަސް އަހަރެންގެ ރަށްކަލަށް އެ މަންމަ ތެދުވިއެވެ. އެހެނަސް މިރޭ ތފާތެވެ. އަޑުވެސް ބާރުވެފައި ހަރުކައްޓެވެ. ބުނާ ކަހަލައެވެ. މިރޭ ތިމަންނާގެ ދަރީގެ ގަޔަށް އަތްފޯރުވަން ޖެހޭނީ އަހަރެންގެ ފުރާނަ ނެތް މަސްގަނޑުގެ މަތިންނެވެ. ހޭވެރިކަންވީ އަހަރެންގެ ބުރަކަށީގައި އަޅާ ކޮޓަރީގެ ދޮރާ ދިމާލަށް މަންމަ އަހަރެން ކޮށްޕާލުމުންނެވެ. އެއިރު އަހަރެންނާ ދިމާލަށް ތިން ފިރިހެނުން އަންނާތީ ފެނުނެވެ. ފަޔަށް ލެވުނުހާ ބާރެއްލަމުން ގޮސް ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަޅުލީމެވެ. އެހެނަސް ވަންނާނެއެވެ. ކޮޓަރީގެ ތެރެއިން ތަޅުލެވުނު ކަމަށްވިޔަސް ތަޅުދަނޑި އޮންނަނީ ބޮޑުބޭބެގެ އަތުގައެވެ. އަހަންނަށް ނެނގުނު ކަމަކީ އެ ރޭ އެ ތަޅުދަނޑި އޮތީ މަންމަގެ އަތުގައި ކަމެވެ. އެރޭ މަންމަ ހުރީ ކޮންމެވެސް އެއްކޮޅެއްގައި މިކަން ޖައްސަން ހިތުލައިގެންކަމެވެ.

ކުއްލިއަކަށް ތަޅައިގެން ދިޔަ ބިއްލޫރިތަކާއެކު އިވުނު އަޑުފަށްގަނޑުން ކޮޓަރީގެ އެއްކަނެއްގައި އިން އަހަރެންގެ ހަތަރެސްފައިކޮޅަށް ޖެހިގެން ދިޔައެވެ. އެއާއިންވެގެން އިވުނު މަންމަގެ ހަޅޭކުގެ އަޑުން ކޮޓަރީގެ ދޮރާ ދިމާލަށް އަހަރެންގެ ދެފައި ހަރަކާތްކުރީ އޭގެ އެންމެ އަވަސްމިނުގައެވެ. ހުޅުވާލެވުނު ދޮރާއެކު ފެނުނު މަންޒަރުން އަހަރެންނަށް މަންމައާއި ދިމާލަށް ދުއްވައިގަނެވުނެވެ.

” އާހް…” މެޔަށް އެރި ތޫނު ތަދާއެކު އުނދަގޫގޮތަކަށް އަހަންނަށް ކުކުރާލެވުނެވެ. މޭގައި އަތް ޖައްސާލައިގެން ހިނދުކޮޅަކަށް ހުރުމަށްފަހު ފުންނޭވާއެއްލާ މީހާ ހަމަޖެހިލީމެވެ. އިތުރަށް އެ ހަނދާން އާކުރާނެ ހިތްވަރެއް އަހަރެންގެ ހިތާ ސިކުނޑީއަކު ނެތެވެ. ހަށިގަނޑުން ވަރުދޫވިފަދައެވެ. ވެހެމުން ދިޔަ ވާރޭގެ ތެރެއަށް އަނެއްކާވެސް ނަޒަރު ހިންގާލެވުނީ ހިޔާލުތަކުން އެއްފަރާވެލުމަށްޓަކައެވެ. އެއާކު ވާރޭގެ އާޑާ އެކުވެގެން ދުރު ދުރުން އިވެމުން ދިޔަ ފަތިސް ނަމާދު ބަންގީގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. އެއާއެކު ނަމާދު ކުރުމަށްޓަކައި ތައްޔާރުވުމަށް ދާން އެނބުރުނު އަހަރެންގެ ސަމާލުކަން އަތުލީ ފޯނުގެ ރިންގުގެ އަޑެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ފޯނު ނެގިއިރު ގުޅަމުން ދިޔައީ އޮފީސް ނަމްބަރަކުންނެވެ. ދެހިޔާލެއްގައި ހުރެފައި ފޯނަށް ޖަވާބުދިނީ މިގަޑީގައި ވީ ކިހިނެއްބާއޭ ހިތަށް އަރާ ހާލުގައެވެ.

” މޭމް ހެނދުނު ހަތެއް ޖަހާއިރު އޮފީހަށް އައިސްދިނުމަށް ބޮސް ބުނުއްވައިފި. މިސްޓާ އިޔާޒްގެ އަންހެން ދަރިފުޅު ރަހީނުކުރި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި. ކޯޓުގެ މަރުހަލާތަކުގައި އެ ބޭފުޅާ ބޭނުންވަނީ އެންމެ މަތީ ފަންތީގެ ކަމަށް ގާބިލް ލޯޔަރެއް! ” އޯކޭ އޭ ބުނެ ފޯނު ކަނޑާލީމެވެ. ބޯހާސްވާ ގޮތްވިއެވެ. އަނެއްކާވެސް އިންސާފު ލިބެންޖެހޭނޭ ފަދަ ހާލަތެކެވެ. މަގްބޫލު ވިޔަފާރިވެރިއެއްގެ ދަރިއެއްކަމުން އަމާޒުވާނެ ލޯތައް ގިނަވާނެކަން ޔަގީނެވެ. ކަޝްފުވެގެން ދާނީ ނިކަމެތި މީހާއަށް ލިބުނު އަނިޔާވެރިކަމެވެ.

( ނުނިމޭ )

Share Article

Follow Me Written By

Naashhh

Level 1

Other Articles

Previous

15062019 ޕާރޓް 04

Next

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ.. ( 4-1 )

Next
February 20, 2025

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ.. ( 4-1 )

Previews
February 20, 2025

15062019 ޕާރޓް 04

3 Comments!

  1. cutie girl says:
    February 20, 2025 at 1:41 pm

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    i appreciate your hard work

  2. Ghost girl 👻 says:
    February 20, 2025 at 1:53 pm

    Masha Allah 😍 vrh reethi mi part ves ☺️when’s next curiously waiting for the next part🫶🏻keep it up vrh reethi vaane hn heevey🥰 mi story sifakurunthah ves vrh reethi 🥰🥰🫶🏻🫶🏻

  3. GIIRRLL says:
    February 20, 2025 at 2:11 pm

    Mashallah varah varah reethi
    Ibaaraaai kurunthah vx ehaa furihama
    Keep it up Naashhh ☺️

Comments are closed.



All Right Reserved!