“ދެން ޔަލް ވެސް ދޯ.. މީހަކު ދެކެ ލައިކް ވިޔަސް އެވަރު ކުރާކަށް ނުވާނެ އެއްނު.. އެގޮތަށް ފިރިހެނަކު ފަހަތުން ދުވެ އާދޭސް ކުރުމަކީ ރީތި ގޮތެއް ވެސް ނޫނެއްނު.. ދެން އޭނަ ޔަލް ރިޖެކްޓް ކޮށްލީމަ އެހިސާބުން އެ ނިމުނީއޭ.. އަނެއްކާ ޔަލް އަކީ ނުލާހިކު ރީތި ނުލާހިކު ސްމާޓް ކުއްޖެއް.. ޔަލް ކަހަލަ ކުއްޖަކު ބޭނުން ނުވާނީ ކާކުތަ..؟ އަދި އެޔަށްވުރެ މާ ރަނގަޅު ކުއްޖަކު ޔަލްއަށް ލިބޭނޭ.. އެހެންނޫނަސް އެހައި އަވަހަށް ސިނގު ރުޅި އަންނަ މީހުންނާ ރައްޓެހިވާ އެއްޗެއް ނޫން.. އަޅާނުލާބަ.. ޔަލްއަށް އަދި މާ ރަނގަޅު މީހަކުވެސް ލިބޭނެ..” ޔަލީންގެ ކޮނޑުގައި ފިރުމައިލަމުން، އާރާ ބުނެލީ ޔަލީނަށް ވިސްނައިދޭ ރާގެއްގައެވެ. ޔަލީންވެސް އާރާގެ ވާހަޖައާއި އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ. ނޭފަތް ދަމައިލަމުން، އާރާގެ ކޮނޑުގައި ޔަލީން މޫނު ފޮރުވައިލީ، ދެން އެގޮތަށް ޝަޔާމަށް އެއްވެސް އުނދަގުކެއް ނުކުރަން ނިންމަމުންނެވެ. މިހާތަނަށް އޭނާއަށް ވެސް ކަންތައް ކުރެވުނީ އެންމެ ރަނގަޅަށް ނޫން ކަން އާރާ ވިސްނައިދިނީތީ، އަމިއްލަ ކުށް ވެސް ޤަބޫލު ކުރަމުން، ޔަލީން އޭނާގެ މޯޅިވެފައިވާ ހިތް ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ދިޔައެވެ. ޝަޔާމްގެ ނަން އެ ހިތުން ފިލުވައިލުމަށް ޔަލީން އެވަގުތު ޢަޒުމް ކަނޑައެޅިއެވެ.
*** ** ***
އެދުވަހުގެ ޑިޔުޓީ ނިންމައިލާފައި ޝަޔާމަށް ގެއަށް އާދެވުނު އިރު ހުރީ އެގާރަ ވެސް ޖަހާފައެވެ. ގެއަށް ގޮސް ބައްޕަގެ ކޮޓަރި ބަލައިލާފައި، ބައްޕަ ނިދާފައި އޮތުމުން މަޑުމަޑުން ދޮރު ލައްޕައިލިއެވެ. އެއަށްފަހު ކޮޓަރިއަށް ގޮސް ފެންވަރައި ތާޒާވެލައިގެން ނުކުމެ، ނިދަން ލާ ސްވެޓްޕޭންޓެއް އެކަނި ލުމަށް ފަހު، ކޮޓަރިން ނުކުމެ ބަދިގެއަށް މިސްރާބު ޖެހީ ހައިވެފައި ހުރިލެއް ބޮޑުކަމުންނެވެ. މޭޒު ކައިރީގައި އިށީނދެ، ތައްޓަށް ބަތް އެޅުމަށް ފަހު ކާން ދިމާކޮށްލި ވަގުތު ކުއްލިއަކަށް ޝަޔާމްގެ ހަރަކާތްތައް މަޑުޖެހުނީ މިއަދު ހަވީރު ޔަލީންއާއި ދެމެދު ހިނގި ހާދިސާގެ މަތިން ހަނދާން ވުމުންނެވެ. ދާދި ދެންމެއަކު ބަނޑުހައިވެގެން ގޮސް ހަލާކުވާން ކައިރި ވެފައި ހުރި ޝަޔާމްގެ ހައިކަން ފިލައިގެން ދިޔަ ގޮތެއް ވެސް ނޭނގުނެވެ. ދެތިން ސަމުސާ ކައިލުމަށްފަހު، އަރުތެރެ ވެދޭހެން ހީވުމުން، ތަށި ދުރަށް ޖައްސައިލާފައި ޝަޔާމް ގޮސް ކޮޓަރިއަށް ވަދެ، އެނދުމައްޗަށް ވެއްޓިގަތެވެ.
އެނދުމަތީގައި އުއްޑުން އޮށޯވެގެން، އެއް އަތް ނިތްމަތީގައި ބާއްވާލައިގެން އޮތް އިރު ޝަޔާމްގެ ސިކުނޑީގައި އަދިވެސް ވީ މިއަދު ހަވީރު ވީ ކަންތަކެވެ. ޔަލީން އުޅޭ ގޮތުން ކިތަންމެ ފޫހިވިޔަސް، އަދި ޔަލީނަށް ކިތަންމެ ނަފްރަތު ކުރި ކަމުގައި ވީ ނަމަވެސް، އެގޮތަށް ޔަލީންއާ ވާހަކަ ދައްކައިގެން ނުވާނެ ކަމުގައި ޝަޔާމްގެ ޟަމީރު އޭނާއަށް ވިސްނައިދިނެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ނަމަވެސް މިއަދު ޔަލީންގެ ލޮލުން ފެނުނު އަސަރުތަކުން ޝަޔާމްގެ ހިތަށް ފުން އަސަރުތަކެއް ކޮށްފިއެވެ. ކީއްވެ ކަމެއް ނޭނގުނެވެ. އެ ކަރުނަވީ ދެލޯ ސިފަވާ ކޮންމެ ފަހަރަކު އޭނާގެ ހިތް ގެންބިގެންދާ ކަހަލަ އިހުސާސެއް ކުރެވެމުން ދިޔައެވެ.
ވިސްނަން އޮވެއޮވެފައި ޝަޔާމް ތެދުވެ، ހެޑްބޯޑު މަތީގައި އޮތް ފޯނު ނެގިއެވެ. އަދި ފުން ނޭވާއެއް ލަމުން އިންސްޓަގްރާމަށް ވަދެ ޑީއެމް ލިސްޓުގެ ސަރޗް ބާރގައި ޔަލީންގެ ނަން ޖަހައިލިއެވެ. ބްލޮކް ކޮށްފައި އޮތް އެ އައިޑީ އަންބްލޮކް ކޮށްލުމަށް ފަހު، ސޮރީއޭ ލިޔެލާފައި، ޝަޔާމަށް މަޑުޖެހިލެވުނެވެ. މީގެ ކުރިން ދުވަހަކު ޔަލީން ކުރި މެސެޖަކަށް ރިޕްލައި ކޮށްފައި ނުވާތަން ފެނުމާއެކު އެކަން ކުރަން ޝަޔާމްއަށް އުނދަގޫވިއެވެ. ހަދާން ގޮތެއް ނޭނގިފައި އޮވެ، ފޫހިކަމުގެ އަޑެއް އަނގައިން ލައްވައިލުމަށް ފަހު ޝަޔާމް ފޯނު އެނދުމައްޗަށް އެއްލައިލިއެވެ. އިސްތަށިގަނޑުގެ ތެރޭގައި އިނގިލިތައް ހިންގައިލަމުން އޭނާ ދެލޯ މަރައިލީ، މިކަމުގެ ކުށްވެރިވާން ޖެހޭނީ ހަމައެކަނި އޭނާ ނޫންކަން އަމިއްލަ ހިތަށް ވިސްނައިދޭން މަސައްކަތް ކުރަމުންނެވެ.
*** ** ***
ދުވަސްތައް ފާއިތުވަމުން ދިޔައީ އެސްފިޔައެއް ޖަހައިލާހައި ހަލުވިމިނުގައެވެ. އެއްބައި ހިތްތަކަށާް އުފާވެރިކަން، އަދި އަނެއްބައި ހިތްތަކަށް މޮޅިވެރިކަން ގިނަވަމުންނެވެ. ރިއާންއާއި އަޒަލްގެ ގުޅުމަށް މިހާރު ހަމަސް ވެފައިވާ އިރު، އެދެމެދުގައި މައްސަލައެއް ނުޖެހޭ ދުވަހެއް މަދުވާނެއެވެ. ރިއާން ދެކެ އިންތިހާއަށް ލޯބިވާތީ އޭނާ ކުރާ ހުރިހާ ކަމަކަށް ކެތްކޮށްލައިގެން އަޒަލް ހުންނަ އިރު، އެ މަންޒަރު ބަލަން ޔައިލް ހުންނަނީ ގޮތްހުސްވެފައެވެ. ކިތަންމެ ދުވަހަކު އަޒަލް ގާތު ރިއާންއާ ދުރުވުމަށް ނަސޭހަތްތެރިވީ ނަމަވެސް، އެކަމަށް މާ ބޮޑު ސަމާލުކަމެއް އަޒަލްއެއް ނުދެއެވެ. މިކަމާއި ހުރެ އަޒަލްއާއި ޔައިލްގެ އެކުވެރިކަން ވެސް ދިޔައީ ދުވަހަކަށްވުރެ ދުވަހެއް ހީނަރު ވަމުންނެވެ.
ޔަލީންއާއި ޝަޔާމްގެ ޙަޔާތް ވެސް ވޭތުވަމުން ދިޔައީ އެފަދަ ގޮތަކަށެވެ. އެދެމެދުގައި ބޯމިން ނޭނގޭ ފާރެއް ލެވިފައި ވީ އިރު، ޔަލީން ކިތަންމެ މަސައްކަތް ކުރި ނަމަވެސް އެ ހިތުން ޝަޔާމް ތަސްވީރު ފުހެލުމުގައި ކާމިޔާބެއް ނުވެއެވެ. ޝަޔާމްއަށް ޔަލީންގެ ޚަބަރެއް ނުވާތާ ދެމަހެއްހާ ދުވަސް ވެގެން ދިޔަ އިރު، އެކަމުގެ ސަބަބުން ނޭނގޭ އުނދަގޫތަކެއް ހިތަށް ވަމުން ދިޔަ ނަމަވެސް، އޭނާ ހުރީ ހިތުގެ އެދުމަށް އިޖާބަ ނުދިނުމަށް ހިތުއަޅައިގެން ކަހަލައެވެ.
ޒައުލްއާއި އާރާގެ ގުޅުން ކުރިޔަށްވުރެ ރަނގަޅުވެ، ކުރިއެކޭ އެއްފަދައިން ވާހަކަ ދައްކައި އުޅެން ފެށި ނަމަވެސް، ދެ ހިތުގެ އެދުން އަދިވެސް ވަނީ އެކަކު އަނެކަކަށް ފަރުދާ ކޮށްފައެވެ. އެހެނަސް ޔަލީންގެ ވާހަކަތަކުންނާއި އާރާގެ ޢަމަލުތައް ހުންނަ ގޮތުން ޒައުލްއަށް އާރާގެ ހިތުގައި ވެސް އޭނާއާއި މެދުގައި އިހުސާސްތަކެއް އުފެދިފައިވާހެން ހީވާން ފަށައިފިއެވެ. މި ހުރިހާ ދުވަހަކު އާރާ ހާސިލްކުރުމުގައި ހުރި ހުރަސްތައް ގިރާކުރުމަށް ފަހު، އެ ލޯބި ހާސިލް ކުރުމަށް ޓަކައި ޒައުލް މިއަދު ހުރީ އަތުކުރި އޮޅާލައިގެންނެވެ.
*** ** ***
“ހޫމް ދެން ތި ދައްކަން އުޅޭ ވާހަކައެއް ފަށާބަލަ..” ޒައުލްއާއި ޔަލީން ތިބީ ރެސްޓޯރެންޓެއްގައެވެ. ދެމީހުންގެ ކުރިމަތީގައި ވެސް އާވި އަރައަރާ ހުރި ދެ ކޮފީތަށި ހުރި އިރު، ޔަލީން އިންތިޒާރު ކުރަމުންް ދިޔައީ ޒައުލް ބުނަން އުޅޭ ބޮޑު ވާހަކަ ބުނާނެ އިރަކަށެވެ.
“އަހަރެން.. އަހަރެން.. ޔަލް.. އަހަންނަކަށް ނޭނގެ މި ވާހަކަ ބުނާނެ ގޮތެއް ވެސް އަސްލު.. އެކަމަކު.. އެކަމަކު އަހަންނަށް ހީވަނީ.. ނޫން.. އަހަންނަށް ޔަގީން.. އަހަންނަށް-” ޒައުލް ވާހަކަ ފުރިހަމަ ނުކުރެވެނީސް ޔަލީން ވާހަކަ ދައްކަން ފެށިއެވެ.
“އާރޫ ދެކެ ލޯބި ވެވިއްޖެ.. ދޯ..؟” އެއްމިޔަކަނިން ހިނިތުންވެލަމުން ޔަލީން ބުނި ނަމަވެސް އެކަމާ ޒައުލް ހައިރާން ނުވީ، އެއީ ޔަލީނަށް މާ ކުރިން ވެސް އެ ހިތުގައި އޮތް އެއްޗެއް އެނގޭ ކަން އެނގޭތީއެވެ.
“ހޫމް.. ދެން އެކަމް.. ހާދަ ވިއަރޑްއޭ.. އަހަރުމެންނަކީ ކަޒިންސްއޭ.. އެހެންވީމަ އަހަރުމެން ގުޅުނީމަ އަހަރުމެންގެ ފެމިލީ ކީކޭތަ ބުނާނީ..؟ ދެން އަދި މީހުން ކިޔާނީ ކީކޭތަ؟ އެންމެން ވެސް ދާނީ ސިއްސައިގެން ކަންނޭނގެ.. އަހަރެން.. އަހަންނަކަށް ނުކެރޭ..” ޒައުލް އިސްޖަހައިލީ އިތުރަށް އެ ވާހަކަ ކުރިޔަށް ގެންދާނޭ ގޮތެއް ނުވިސްނުމުންނެވެ.
“އާރޫގެ ލޯބި ހޯދުން ތި ހުރިހާ ކަމަކަށް ވުރެ ޒައުލްއަށް މުހިއްމު ނޫނީތަ..؟ އާރޫގެ ލޯތްބަށްވުރެ އެހެން މީހުން ތި ގުޅުމާ ދޭތެރޭ ދެކޭނެ ގޮތްތަ ޒައުލްއަށް މުހިއްމީ..؟” ޔަލީންގެ ސުވާލުން ޒައުލް އަވަސްއަވަހަށް ދެފަރާތަށް ބޯ ހޫރުވައިލިއެވެ.
“އެހެންވީރު ތިހުރިހާ ކަމަކާ ދޭތެރޭގައި ނުވިސްނާ އަވަހަށް އާރޫއަށް ލޯބި ހުށައަޅާ.. ލޯބިވާ ވާހަކަ ބުނޭ.. ތި ހުރިހާ ކަމަކާ ޑީލް ކުރާނީ އާރޫގެ އާނބަސް ލިބުނީމަ.. ދެން ދިމާވާ ކޮންމެ ހުރަހެއް ވެސް ގިރާކުރާނީ ދެމީހުން އެކީގަ.. އަހަންނަށް އެނގޭ އާރޫ ނުބުނަން އުޅުނަސް އާރޫ ވެސް ޒައުލް ދެކެ ލޯބި ވާކަން.. އެހެންވީމަ ލަސްނުކޮށް އަވަހަށް އާރޫއަށް ކޮންފެސް ކުރޭ..” ޔަލީން ބެލީ ޒައުލްއަށް ވިސްނައިދެވޭތޯއެވެ.
“އެކަމް.. ޔަލް.. އަހަރެންގެ ހުރިހާ ކަމެއް ވެސް އެންމެ ބޮޑަށް އެނގޭނީ ޔަލްއަށާ އާރޫއަށާ.. އާރޫއަށް އެނގޭނެ އަހަންނަކީ ކުރީގަ ފަހަރަކު އަންހެން ކުއްޖެއްގެ ފަހަތުން ދުވާ މީހެއްކަން.. ނަމާދެއް ކުރާ މީހެއް ނޫން.. ކިޔަވަން އުޅޭ މީހެއް ނޫން.. އަމިއްލަ މަސައްކަތެއް ކުރާ މީހެއް ނޫން.. އަހަރެން ކަހަލަ ޒިންމާދާރު ނޫން މީހަކާ އެކީ އާރޫ އުޅެން ބޭނުން ވާނެތަ..؟” ޒައުލްގެ އަޑުގައިވީ މޮޅިވެރިކަން ޔަލީނަށް ފާހަގަ ވިއެވެ.
“ޒައުލް ތި ދައްކަނީ މާ ކުރީގެ ވާހަކައެއްނު.. އަހަންނަށާ އާރޫއަށާ އަދި ދޮންބެމެން އެންމެންނަށް ވެސް އެނގޭ ޒައުލް ވަރަށް ޗޭންޖެ ވެއްޖެ ކަން.. މިހާރު ޒައުލް ދޮންބެއާ އެކީ މިސްކިތަށް ވެސް ދަމެއްނު.. ޔަލްގެ ބައްޕަގެ ކޮމްޕެނީގަ މަސައްކަތް ވެސް ކުރަމެއްނު.. އަނެއްކާ ޒައުލްގެ ސްޓަޑީޒް ވެސް އެހައި އިމްޕރޫވް ވެއްޖެ.. އެކަކަށް ނޭނގުނަސް އަހަންނަށް މާ ކުރިން ވެސް އެނގޭ ޒައުލް ތިހާ ވަރަކުން ޗޭންޖްވީ އާރޫއަށް ޓަކައި ކަން.. އާރޫގެ ރުހުން ހޯދަން ކަން.. ސޯ ޕްލީޒް.. ތި ހުރިހާ ނެގެޓިވް ޚިޔާލުތަކެއް ދޫކޮށްލާ.. މިހާރު އާރޫ ޒައުލްއަށް ނޫނެކޭ ބުނަންވީ އެއްވެސް ސަބަބެއް ނެތް..” ޒައުލްގެ އަތް މަތީގައި ދެއަތް ބާއްވައިލަމުން ޔަލީން ބުނެލީ ޒައުލްއަށް ވިސްނައިދޭ ރާގެއްގައެވެ.
“ތެންކްސް ޔަލީން.. އަސްލުގަ ވެސް.. ތި ވާހަކައިން އަހަންނަށް އިތުރު ހިތްވަރެއް ލިބިއްޖެ އާރޫއަށް ކޮންފެސް ކުރަން.. ޔަލްއާ ނުލައި އަހަރެން ކޮން ކަމެއް ކުރާނީ..؟ ކިހިނެއް ދުނިޔޭގަ ވެސް އުޅޭނީ..؟ ވަރަށް ލޯބިވޭ..” ޔަލީން ރުއްސާ ކަހަލަ ރާގެއްގައި ޒައުލް އެހެން ބުނުމުން ޔަލީން ގާތަށް ހިނި އައެވެ.
“ދެން ހަމަ ކަމެއް ކޮށްދޭ އިރަށް އެވީ ގޯނި ފުލަށް ލާން.. ތީ ބޮޑު ޖޯކެއް ހަމަ..” ޔަލީންގެ ހުނުން ވީ އިތުރެވެ.
“ނޫނޭ ދެން މިފަހަރު ހަމަ ސީރިއަސްކޮށް.. ޔަލް ތީ އަހަރެންގެ ދައްތައެއް ކަހަލަ މީހެއް ހަމަ.. ދިމާވާ ކޮންމެ ކަމެއްގަ ވެސް ތިގޮތަށް އަހަންނަށް ހެލްޕެ ވެދޭތީ އަހަރެން ވަރަށް އުފާވޭ.. ދެން ހަމަ އަހަރެން ލޯބިވެޔޭ ބުނީމަ އޭގެ ޖަވާބެއް ދިނިއްޔާ ކީއްތަ ވާނީ..؟ އަހަރެން އަސްލުވެސް ޔަލް ދެކެ ވަރަށް ލޯބިވޭ..” ޒައުލް މިފަހަރު ބުނެލީ ސީރިއަސްކަމާ އެކުގައެވެ.
“އަޅޭ.. ޔަލް ވެސް ވަރަށް ލޯބިވޭ ޒައުލް ދެކެ..” ޒައުލްގެ އަތުތެރެއިން އެއް އަތް ނެގުމަށް ފަހު، ޒައުލްގެ ކޮލުގައި ހިފައިލަމުން ޔަލީން ބުނެލީ ހިތުގެ އަޑިންނެވެ. ޒައުލްއަކީ ހަގީގަތުގައި ވެސް އޭނާއަށް ނުލިބުނު ކޮއްކޮއެއްގެ މަގާމު ފުރައިލަދިން ފަރާތެވެ. ޒައުލްއާއި އާރާ އަވަހަށް ގުޅުން ވެގެން ދާނީ ޔަލީނަށް ލިބޭނޭ ވަރަށް ބޮޑު އުފަލަކަށެވެ.
އެކުވެރި ދެކުއްޖަކާ އެކު ގާޑެން ރެސްޓޯރެން ތެރެޔަށް ވަން އާރާގެ ނަޒަރު ފުރަތަމަވެސް ހުއްޓުނީ ރެސްޓޯރެންޓުގެ ކަނެއްގައި ތިބި ޔަލީންއަށާއި ޒައުލްއަށެވެ. މޭޒުމަތީގައި ގުޅުވައިލެވިފައި އޮތް އެދެމީހުންގެ ދެއަތް ފެނުމާއެކު އާރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
“ދެން ހަމަ އަހަރެން ލޯބިވެޔޭ ބުނީމަ އޭގެ ޖަވާބެއް ދިނިއްޔާ ކީއްތަ ވާނީ..؟ އަހަރެން އަސްލުވެސް ޔަލް ދެކެ ވަރަށް ލޯބިވޭ..”
“އަޅޭ.. ޔަލް ވެސް ވަރަށް ލޯބިވޭ ޒައުލް ދެކެ..”
އިވިގެން ދިޔަ އަޑާއި މެދުގައި ޝައްކު އުފެދިފައި ހުރި އާރާއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. މެޔާ ދިމާލުން ހިތުގައި އަތް އަޅައިލެވުނީ ނޭނގޭ ފަދަ ތަދެއް އެ ހިތަށް އިހުސާސް ކުރެވެމުން ދިޔައީތީއެވެ. ދެލޮލަށް ބޮނޑިވެގަތް ކަރުނަތައް، އެސްފިޔަތައް ފޫއަޅުވައިލާފައި ކޯތާފަތް މައްޗަށް ފައިބަގަތީ އެއްވެސް އެންގުމަކައި ނުލައި، ހަމަ ކުއްލިއަކަށެވެ. ބާރަށް ރޮވިދާނެތީ އަނގަމަތީގައި އަތް އަޅައިލަމުން، އާރާ ރެސްޓޯރެންޓުން ނުކުމެ ދުއްވައިގަތީ އޭނާގެ އެކުވެރިން ގޮވަގޮވާ ތިއްބައެވެ.
އާރާ ދިޔަ ގޮތަށް ގޮސް މަގުމަތިން ދިޔަ ޓެކްސީއެއް ހުއްޓުވާފައި އެޔަށް އެރިއެވެ. ދާންވީ އެޑްރެސް ބުނުމުން ޑްރައިވަރު ދަތުރު ފެށުމާއެކު އާރާ އޭނާގެ ދެއަތުން މޫނު ފޮރުވައިލީ، ނުރޯން އޭނާއަށް ކުރެވުނު ހިތްވަރެއް ކުރަމުންނެވެ. ދިހަވަރަކަށް މިނެޓު ތެރޭގައި ގެޔަށް އާދެވުމުން އާރާ ޓެކްސީއަށް ލާރި ދައްކާފައި ގޮސް ގެޔަށް ވަނީ ހަލުވި ފިޔަވަޅުތަކެއްގައެވެ. ސޯފާގައި ފޯނެއްގައި އިން އަޒަލްއަށް ބަލައިލުމެއްވެސް ނެތި، އާރާ އަވަސްއަވަހަށް އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. އާރާއަށް ކެތްވީ އެހިސާބަށެވެ. އަޑުންއަޑު ނަގައި ރޮއެގަނެވުނު އިރު ދެކަކޫ މައްޗަށް ތިރިވެވުނީ ދެފައިން ވާގިދޫވާހެން ހީވުމުންނެވެ. މެޔާ ދިމާލުން އިހުސާސް ކުރެވެން ފެށި ދިލަ ރިހުމާއެކު، އެދިމާލުން މޭގައި އަތް އަޅައިލައިގެން އިނދެ، އާރާ ރޮމުން ދިޔަ ގޮތުން އެންމެ ހަރު ހިލަ ހިތްތައް ވެސް ވިރުވައިލާނޭކަން ގައިމެވެ.
“ޔަލް.. ޒައުލް.. ކީއްވެ.. ކީއްވެތަ..؟” އާރާގެ ހިތް ވަނީ އެދެމީހުންނާއި މެދު ޝަކުވާއިން ފުރިފައެވެ. ހީވެސް ނުކޮށް ހުއްޓާ، އެންމެ ބޮޑު ދެރައެއް އޭނާއަށް މި ލިބުނީ އޭނާގެ އެންމެ ގާތް ދެމީހުންގެ ފަރާތުންނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އާރާއަށް ވިސްނައިލެވުނެވެ. އެދެމީހުންނަށް ނަފްރަތު ކުރުމުގެ ހައްގެއް އާރާއަށް ލިބިގެން ވޭހެއްޔެވެ؟ ޔަލީން އެތައް ފަހަރަކު އާރާ ގާތު ޒައުލް ދެކެ ލޯބިވޭތޯ އެހީ މިހެންވެތާއެވެ. އެދުވަހު އާރާއަށް ޔަލީންގެ ސުވާލަށް ތެދަށް ޖަވާބު ދެވުނުނަމައެވެ. އެހިތުގައި ޒައުލްއަށް ދެވިފައިވީ މަޤާމް ދުލާ ހަމައަށް ގެނެވުނު ނަމައެވެ. އޭރުން އޭނާއަށް މި ދުވަސް ދެކޭކަށް ނުޖެހުނީހެވެ. ނަމަވެސް…
ނަމަވެސް، މިއަދު އެކަމާއި ދޭތެރޭގައި އާރާ ކުރާނީ ކީއްހެއްޔެވެ؟ އާރާއަށް ވަކި ކުރެވޭނީ ވެސް ކީއްހެއްޔެވެ؟ މުޅި ޢުމުރު ދުވަހު ޔަލީންއާއި ޒައުލްގެ ލޯބީގެ ޙަޔާތް ދެކެން ހުންނަން އޭނާއަކަށް ކެތެއް ނުވާނެއެވެ. އެހެންނަމަވެސް އެދެމީހުންގެ އުފަލަށް ހުރަސް އެޅޭ ފަދަ ކަމެއް ކުރާކަށް ވެސް އާރާއަކަށް ލާހިކެއް ނޫނެވެ. އޭނާ ޒައުލް ދެކެ އިންތިހާއަށް ލޯބިވެއެވެ. ޔަލީން ދެކެ އަދި ވަރަށް ލޯބިވެއެވެ. އެހައި ލޯބިވާ ދެމީހުންގެ ޙަޔާތް ބަރުބާދުކޮށްލާހައި، އާރާގެ ހިތް ހަރެއް ނޫނެވެ. އެދެމީހުން ގުޅުނީ އާރާއަށް ދެރައެއް ދީފަކައި ނޫނެވެ. ޔަލީން އެތައް ފަހަރަކު އާރާ ގާތު ޒައުލް ދެކެ ލޯބިވޭތޯ އެއްސެވެ. އެކަމަށް އިންކާރު ކުރީ ޚުދު އާރާ އަމިއްލައަށެވެ. ކުރިން އެދެމީހުންގެ މެދުގައި އެފަދަ ގުޅުމެއް އޮވެދާނެ ކަމަށް ޝައްކު ވެސް ކުރެވިފައި ނެތުމުން އާރާއަށް އަމިއްލަ ނަފްސަށް މަލާމަތް ކޮށްލެވުނެވެ. އިޚްތިޔާރަކައި ނުލައި އަމިއްލަ ނަފްސު ޔަލީނާ އަޅައިކިޔައިލެވުނެވެ.
ޔަލީނަކީ ރީތި ކުއްޖެކެވެ. ރަނގަޅު ކުއްޖެކެވެ. އެހައިމެ ކެރޭ، ހިތްވަރު ގަދަ ކުއްޖެކެވެ. ޔަލީންގެ އާދަޔާޚިލާފު ހުދު ދޮންކަމާ މުށިކުލައިގެ ބުޅި، ދިގު އިސްތަށިގަނޑަކީ ޔަލީންގެ އެންމެ ޚާއްސަ އެއް ކަމެވެ. އާރާ އަކީ އޭގެ ދިމާ އިދިކޮޅެވެ. ހަމުގެ ކުލަ އަނދިރި، އެއްވެސް ބުޅިއެއް ނެތް ފަން އިސްތަށިގަނޑު އަޅައިގަންނާނީ ވަކި ކާކުގެ ލޮލެއްގައި ހެއްޔެވެ؟ މީހަކާ އަނގައިން ބުނަން ވެސް ނުކެރިފައި އިންނަ ކުއްޖަކު ދެކެ ޒައުލް ކަހަލަ މީހަކު ލޯބިވުމަކީ އެކަށީގެންވާ ކަމެއް ވެސް ނޫނެވެ. އަނެއްކޮޅުން ޒައުލް އަކީ އޭނާގެ ދެބެންގެ ދެދަރި ކުއްޖެކެވެ. އެހެން ހިތަށް އެރުމާއެކު އާރާއަށް އަތް މުއްކަވައިލެވުނީ ހިތަށްވީ އުނދަގުލުންނެވެ. ދުވަހެއްގެ ކޮޅުން ވެސް އޭނާ ދެކެ ޒައުލް ލޯބިވެދާނެ ކަމަށް ހީކުރެވިފައި ވުމަކީ މޮޔަ ކަމެއްކަން ވިސްނުނީ މާ ފަހުންނޭ އޭނާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ދުވަހަކުވެސް އޭނާއަށް ޒައުލްއަށްވެސް އަދި ޔަލީނަށް ވެސް ނަފްރަތެއް ނުކުރެވޭނެއެވެ. އެއަށްވުރެ ބޮޑަށް އާރާ އެ ދެމީހުން ދެކެވެސް ލޯބިވެއެވެ.
އެކަހަލަ ޚިޔާލުގައި އިނދެއިނދެ، ލޮލުން ކަރުނަ ބޭލުނު ޢަދަދުވެސް އާރާއަކަށް ނޭނގުނެވެ. ގައިން ވަރު ދޫވެގެން މުށިތަކުގެ މަތީގައި ދެމުނު އިރުވެސް އެ ކޯތާފަތް މަތިން ކަރުނައިގެ އަސަރު ހުސް ނުވެއެވެ. ރުއިން ހުއްޓިފައިވީ ނަމަވެސް އަދިވެސް އިރުއިރުކޮޅާ ގިސްލަމުން ދިޔަ އާރާގެ ރަތްވެ، ދުޅަވެފައިވީ ދެލޯ މެރިގެން ދިޔައީ އިތުރަށް އެ ވޭނަށް ކެތް ކުރާނެހާ ހިތްވަރު އެ ނާޒުކު ހިތުގައި ނެތިގެން ހެން ހީވެއެވެ.
*** ** ***
ބެލް އަޅައިލި އަޑަށް ބަދިގޭގައި ހުރި ޒާރާ އަތްދޮވެލައިގެން ގޮސް ދޮރު ހުޅުވައިލިއެވެ. އެވަގުތު ޔައިލް ފެނުމުން ދަތްތައް ފެންނަ ވަރަށް ޒާރާ ހީލި އިރު، ޔައިލް ގާތު އަވަހަށް ވަންނާށޭ ބުނެލިއެވެ.
“ޔައިލް މިހާރު ޒާއްތަމެންނާ ހާދަ ރުޅިއޭ ދޯ.. ކުރިން ކޮނެމް ދުވަހަކުހެން މިގެޔަށް ވަންނަ ކުއްޖާ މިހާރު ދައްކައިލަނީ ވެސް ހުދު ކާޅެއް ދައްކައިލާ ހެން..” ޒާރާގެ ޝަކުވާތަކައި ކުރިމަތިލާން ޖެހޭނެކަން މާ ކުރިން ވެސް އޭނާއަށް އެނގެއެވެ.
“ނޫނޭ ޒާއްތާ ދެން އެހެންނެއް ނޫން.. ހަމަ ބިޒީ ކަމުން ނާދެވެނީ.. ކޮބާތަ އަޒް..؟” ޔައިލް އެހެން އަހައިލި ވަގުތަކީ އަފާންވެސް ތިރިޔަށް ފޭބި ވަގުތެވެ. ޔައިލް ފެނުމާއެކު އަފާން ވެސް ފެށީ ޝަކުވާ ކުރާށެވެ.
“ސުބުހާނަﷲ ދަރިފުޅާ މަގުއޮޅުނީތަ..؟ އާނ އެހެންޏަ.. ދުވަސްގަނޑެއް ވެއްޖެ ވިއްޔަ ނުފެންނަތާ..” ސަމާސާ ރާގެއްގައި އަފާން އެއެއްސެވެ.
“ދެން އަފާންބެއާ ޒާއްތަގެ ޝަކުވާތައް ހުސްނުވާނެ.. މި އައީ އެއްނު..” ހިނިގަޑެއް ޖަހައިލަމުން ޔައިލް ބުނެލިއެވެ.
“ޔައިލް ދަރިފުޅު ހިނގާ ސައިބޯން.. ނަސީބަކުން މިއަދު ހެދުނީ ވެސް ޔައިލްއަށް އެންމެ މީރު ކީމިޔާއާ ފޮނި ބޯކިބާ..” ޔައިލްގެ ބުރަކަށީގައި ފިރުމައިލަމުން ޒާރާ އެހައި ލޯތްބާއެކު އެދުމުން ޔައިލްއަށް އިންކާރު ކުރާކަށް ނުކެރުނެވެ. އަފާންއާއި އެކީ ގޮސް މޭޒުދޮށުގައި އިށީނުމާއެކު ޒާރާ ދެ ސައިތަށި ގެނެސްދިނެވެ.
“ޒާއްތަ ވެސް ވާނެ ޔައިލްއާ އެކީ ސައިބޯން މިއަދު..” ޔައިލް އެހެން ބުނުމުން ލުއި ހުނުމަކާއެކު ޒާރާ ވެސް އިށީނެވެ.
“ޔައިލް އައި ގަޑީގަ އަޒް ވެސް ނޫޅޭ ދޯ ގެޔަކު.. ރައްޓެހި ކުއްޖަކާ އެކީ ބޭރަށް ދާށޭ ކިޔާފަ ހަތަރެއް ޖެހި އިރު ނުކުތް ގޮތަށް އަދި ނާދޭ..” ޒާރާ އެހެން ބުނުމުން ޔައިލްއަށް ވަގުތުން އަޒަލް ދިޔައީ ކާކާ އެކީކަން ވިސްނުނެވެ.
“އަޅެ ޒާއަށް ހިޔެއް ނުވޭތަ އަޒް މިހާރަކަށް އައިސް މާ ގިނައިން ބޭރަށް ދާ ހެނެއް.. ކުރިން ޔައިލްއާ އެކީ ނޫނީ މި އާރާއާ ޔަލީންއާ ޒައުލްމެންގެ ގްރޫޕުގަނޑާ އެކީ ނޫނީ ބޭރަށް ނުދާ ކުއްޖެއް އޭނައަކީ.. އަނެއްކާ ރޭގަނޑު ބޭރަށް ދާ ރޭރޭ ގެއަށް އަންނަނީ އެހައި ލަހުން.. މިހާރު ލޯވ ފަރމަށް ވެސް ދަނީ އެހައި މަދުން.. ރަނގަޅަށް ކަނީކީ ނޫން، އަހަރެމެންނާއެކީ ހޭދަކޮށްލާނެ ވަގުތެއް އޮންނަނީކީ ނޫން.. އޭނައަށް ކަމެއް ވެފަ ހުރިހެން ޒާއަކަށް ހިޔެއް ނުވޭތަ ހަމަ..؟” އަފާންގެ ވާހަކައިން ޔައިލްއަށް އިސްޖަހައިލެވުނީ ދެން އެ ސުވާލުތައް ކުރިމަތިވާނީ އޭނާއަށް ކަން އެނގުމުންނެވެ.
“ނޫނޭ.. ހަމަ ރަނގަޅަށް އަފާން ތި ބުނީ.. އެކަމަކު.. ދެން އެވަރު ކުދިން ރައްޓެހިންނާ އެކީ ބޭރަށް ވެސް ދާނެއެއްނު.. އަޒް އަކީ ވެސް މިހާރު ކުޑަ ކުއްޖެއް ނޫނިއްޔަ.. އަފާން އަބަދު އޭނަ ޅަކޮށްގެން ގެންގުޅުނަސް އޭނަ ވެސް ފިޔަ ފެޅީމަ އުދުއްސައިގަންނާނޭ އަހަރެން އަބަދިވެސް ބުނަމެއްނު..” ޒާރާ އަފާންގެ ވާހަކައަށް ރައްދު ދިން ނަމަވެސް، ޚުދު އޭނާއަށް ވެސް އަޒަލްއަށް ބަދަލުތަކެއް އައިސްކަން އެނގެއެވެ.
“ޔައިލް.. ދަރިފުޅާ.. އަޒް މިހާރު ޔައިލްއާ އެކީ ތަނަކަށް ދާ ތަނެއް ވެސް ނުފެނޭ.. އަނެއްކާ މިހާރު އޮފީހަށް ދާން ގިނަ ދުވަސްދުވަހުވެސް ބަލައި އަންނަނީ ރައްޓެހި ކުއްޖެކޭ އަޒް ބުނީ.. އަނެއްކާ ދަރިފުޅާ އަޒްއާ ދެމެދު ކަމެއް ހިނގީތަ..؟” އަފާން އެހެން އަހައިލުމުން ޔައިލްއަށް ހިންދިރުވައިލެވުނެވެ.
“ނޫން އަފާންބޭ.. އަޒް ވެސް ޔައިލް ވެސް ހަމަ ބިޒީކަމުން މިހާރު ކުރިން އުޅޭހެން ނޫޅެވެނީ.. އަނެއްހެން އެެއްވެސް ކަމެއް ނުވޭ..” އޭނާގެ ދެވަނަ މައިންބަފައިންގެ ގޮތުގައި ދެކެމުން އައި އަފާންއާއި ޒާރާއަށް ދޮގު ހަދަން ޖެހުމުން ޔައިލް ނުހަނު ދެރަވިއެވެ. އެހެންނަމަވެސް މިއަދު އޭނާއަށް އެނޫން ގޮތެއް ނެތީއެވެ.
“ޔައިލް އަފާންބެއަށް ދޮގު ނުހަދައްޗޭ އިނގޭ.. ތެދަށް ބުނާތި.. އަޒްއަށް ކަމެއް ވިޔަސް އެންމެ ރަނގަޅަށް އެނގޭނީ ޔައިލްއަށް.. އަޒަލް މަނާކޮށްފަ އޮތީއޭ ކިޔާފަ ނުބުނެ ނުހުންނައްޗޭ.. މައިންބަފައިންނަށް ދޮގު ހެދުމާ އެމީހުންނަށް އޮޅުވާލައިގެން ސިއްރުން ކަންތައް ކުރުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫން..” އަފާންގެ ވާހަކައިން ޔައިލްގެ މމޭ ތެޅިގަތީ މިއަދު ސަލާމަތް ނުވެވޭނެޔޭ ހިތަށް އަރާފައެވެ.
“ތެދެއް ޔައިލް.. ދޮގު ނުހަދަ އަވަހަށް ބުނޭ.. އެހެންނޫނީ ސިއްރު ކޮށްގެން ހުއްޓާ ފަހުން އަޒްއަށް ލިބޭ ހިތާމަ މާ ބޮޑުވެދާނެ..” ޒާރާ ވެސް ޔައިލް ކުރެން އެދުމުން ޔައިލްއަށް ކެތެއް ނުވިއެވެ.
“އެއީ.. އަޒް މިހާރު.. އަޒް.. އުޅެނީ-”
“ކޮން ވާހަކައެއްގަ ތަ އެންމެން..؟ އަޒް ނުލައި ސައިބޮނީތަ..؟” ޔައިލްގެ ވާހަކަ ފުރިހަމަ ކުރެވުމުގެ ކުރިން އަޒަލްއަށް އެތަނަށް އާދެވުނުކަމީ ކާކުގެ ނަސީބެއް ކަމެއް ނޭނގުނެވެ. އަޒަލް އައިސް މޭޒު ދޮށުގައި އިށީންނަމުން ޔައިލްއަށް ބަލައިލާފައި، މަޑުމަޑުން ބޯ ހޫރުވައިލި އިރު، އެ ދެލޮލުގައި ބިރާއި، އާދޭހުގެ އަސަރުތައް ވިއެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Yeyyyyyyyyyyyyy me the first one vrhhh vrhh reethi Masha Allah 😍😍🔥 this is the best hama.. hama vrh habeys 🥰🥰👏🏻😘 your doin great job my Naya Darla ❤️
Curiously waiting for the next part 🫶🏻🥰 keep it up when’s next???????
Vv reethi
When next???
mi part ves v reethi masha allah
curiously waiting for next part
keep it up
azal and yail gulhuvachey
aara and zaul ves
shayaam and yaleen ves
they all are made for each other
fainally shayaam ah yaleen dheke loabi vevuni
i appreciate your hard work
your my fav author
when next
love you naayoo
Maashaa Allah mi part vx varah varah reethi….
Alhey zaul and aaraa dhuru nukurahcheyy….
Yail and azal vx…..
Can’t wait for next….
When next????
What dhen yail buneba dho.aslu muhimmu dho bunun zaa and afaan kairy.
Thadhah bunanyaa aara and zaul ge bai varah sad but dhen kuda koh majaa ingey.alhey aara enme nubai koh dho maana negy.but rifoo ah vx negeny ehen kanneynge
Koba kobaa rifoo ah heevi ey shayam ge hithah goi thakeh vaaney.
Varah varah Reethi ingey mi episode vx.
Kon irakun next kiyaalan libeynee.
Curiously waiting for the next part
Love you ❤️
Aaruu don’t think like that, it’s okey it can be more rom if neyngi confess kohfiyya dhw..
Go for it boyy…
Neither do I like riaan and azal, break them apart soon and I want yail and azz together…
I see what’s going on shayaam is falling for yal, as long as he don’t hurt her its fine…
It was firee.. Whenn nextt