ހަސަދަ
=އަމާޒު=
” މަރުޙަބާ!” ހެނދުނު ހޭލިއިރު އެންމެ ފުރަތަމަވެސް އަޅައިގަތީ އެ ޖުމްލައިގައެވެ.
އަހަރެން ހިތަށް އެރިއެވެ. އެއީ ކޮން މަރުޙަބާ އެއް ހެއްޔެވެ؟ އަހަންނަށް ވީ ކީއްހެއްޔެވެ؟ ލިބުނީ ކޮން އެއްޗެއް ބާވައެވެ. ދެން ބަލާލެވުނީ މެސެޖު ފޮނުވާފައި މީހާގެ ނަންބަރަށެވެ. އެއީ ޖަނާހު އެވެ. އަހަރެންގެ ކުޑައިރުގެ ރައްޓެއްސެކެވެ. ކިޔެވީ އެއް ކުލާހަކުންނެވެ. އެހާ މަޖާވެސް ވާނެއެވެ. އަހަރެންގެ ކުލާސް ރައްޓެހިންގެ ތެރެއިން މިއަދާއި ހަމަޔަށް ބަދަލު ނުވެ ހުރި ހަމައެކަނި މީހަކީ ޖަނާޙުއެވެ. ދެން ތިބި މީހުން ވީ ދުނިޔެއެއް، އުޅޭ ޙާލެއް އަހަންނަކަށް ނޭނގެއެވެ. ބަލާކަށް ބޭނުމެއްވެސް ނޫނެވެ. އަހަންނަކީ މީހުންގެ ކަންތައްތަކާއި ބެހޭ މީހެއް ނޫނެވެ. މީހުންގެ ވާހަކަ ހިފައިގެން ދުވާ މީހެއް ނޫނެވެ. ބައެއް އެހެން މީހުންނާއި ޚިލާފަށް އަހަރެންގެ ޙަޔާތުގެ ފަލްސަފާ ތަފާތު ވާނެއެވެ. މީހުން ނެތްތަނެއްގައި، އެމީހުންގެ ވާހަކައެއް ނުދައްކާނަމެވެ. މީހުންގެ މަސްކަމުން ނުދުވާނަމެވެ. ނަމާދުކޮށް ނިންމާލާގޮތަށް، ބައެއް މީހުންހެން ހޮޓާހޮޓަލަށްވަދެ، މީހުންނާއި މެދު ޙަޤީޤަތެއްނެތް ވާހަކަ ދައްކާ، ބުހުތާން ދޮގު ހެދުމަކީ މިޒަމާނުގެ ފެޝަނެކެވެ. ހީވާގޮތުން ނަމާދުން ލިބުނު ޘަވާބުގެ ބަރަކާތްމަތީންވެސް އެމީހުން ހަނދާން ނެތެނީކަން ނޭނގެއެވެ. ދެންވާނީވެސް އެހެން ތާއެވެ. ޘަޤާފަތުގައި، އާދަކާދައިގައި، ގިނަ މީހުންގެ ކަށީގައި ހިފާފައި ހުންނަ ކަންކަން ފަސޭހައިން ފިލުވައެއް ނުލެވޭނެއެވެ. ބައެއް މީހުންގެ ހޮބީ އަކީވެސް އެއީއެވެ. މީހުން ނެތް ތާނގައި އެމީހުންގެ ވާހަކަ ދެއްކުމެވެ. މީހުންނާއި މެދު ދޮގު ތުހުމަތު އަޅުވާ، ޙަޤީޤަތް ނެތް ވާހަކަ ފެތުރުމެވެ. ހީވާ، ގޮތުން އެގޮތަށް އުޅޭ މީހުންގެ ހިތަށް އެކަމުން އުފާވެރިކަމާއި ތަޞައްލީއެއް ލިބެނީ ކަން ނޭނގެއެވެ. އަހަރެން ދެކެނީ އެހެން ގޮތަކަށެވެ. އެއީ ބަލި މީހުންނެވެ. ރޫޙާނީ ހުސްކަމެއްގެ ތެރޭގައިވާ ބަލިމީހުންނެވެ. ޑޮކްޓަރީ ބޭހުން އެ ބަލި ރަނގަޅެއް ނުވާއެވެ. އެއަށް އެހެން ނަމެއް ދޭނަމަ، އެއީ ޙަސަދައެވެ. ތިމާއަށް ނުލިބޭ މޮޅެއް، ކާމިޔާބީއެއް އެހެން މީހަކަށް ނުވަތަ ބަޔަކަށް ލިބެން ނޭނދޭ މީހުންނެވެ. އެއީ ވަރަށް ނުރައްކާތެރި ބަޔެކެވެ. އަހަރެންގެ ޙަޔާތުގެ ހަވާސާއިންވެސް އެފަދަ މީހުންނަށް އަހަރެން ޖާގައެއް ނުދެމެވެ. އެކަހަލަ ބައެއް، ތަފާތު މީހުންނާއި އަހަންނާއި ވެސް ދިމާވެފައި އެބަހުއްޓެވެ.
” ޝުކުރިއްޔާ” އަހަރެން މެސެޖްގެ ޖަވާބު ފޮނުވާ ލިތަނާހެއް ޖަނާޙު ގުޅިއެވެ.
” ކުންފުނީގެ ސީ.އީ.އޯ އަކަށް ލުޖައިން ހަމަޖެހުނީމަ އަސްލު މަރުޙަބާ މިކިއީ. ނާންގާތަ އަދި؟” ވަރަށް އުފަލުންހުރެ ޖަނާހު ވާހަކަ ދައްކަން ފެށިއެވެ.
” އަދި ނޭނގޭ. ނުވެސް ބަލަން. އަހަންނަށް ލިބެންވާ އެއްޗެއް ލިބޭނެ. ލިބެން ނެތް އެއްޗެއް ނާންނާނެ ދުނިޔޭގެ އެންމެން އެ އެއްޗެއް އަހަންނަށް ދޭން ތެޅި ފޮޅުނަސް.” އަހަރެން މަޑުމަޑުން ބުނެލީމެވެ.
” އެއް ކަލަ ފިލޯސަފަރު. އުފާ ކޮށްބަލަ. ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނީގެ ސީ.އީ.އޯ އަކީ ތިއޭ މިއަދު. މަދުތަ އެވަރު؟” ޖަނާޙު ސުވާލު ކޮށްލިއެވެ.
” މަދެއްނޫން ގިނައެއްވެސް ނޫން.” އަހަރެން ބުނީމެވެ.
” ކޮން އިރަކުން އޮފީހަށް ނިކުންނަނީ.” ޖަނާޙުގެ ވާހަކައިން މާދަމާވެސް އަހަރެން އޮފީހަށް ނިކުންނަށް ބޭނުންވާކަން އަހަންނަށް އެނގުނެވެ.
” ރަސްމީކޮށް އެންގީމަ ނިކުންނާނަން.” އަހަރެން ބުނީމެވެ.
” ވަރަށް އަވަހަށް ރަސްމީކޮށް އަންގާނެ. ރަނގަޅު ތާކުން ކާންދޭންވާނެ” ހެމުން ހެމުން ޖަނާޙު ބުނެލިއެވެ.
” އޯކޭ.” އެހެން ބުނުމަށްފަހު، އަހަރެން ފޯން ބޭއްވީމެވެ.
އަހަރެން ގެއިން ބޭރަށް ނިކުތީ އިރުކޮޅެއް ފަހުންނެވެ. ދެން ޓެކްސީ އަކަށް އަރައިގެން އަހަރެން ދިޔައީ ޕިރަމިޑަށެވެ. ކޮސްޓާ ކޮފީއަށް ގޮސް، ކޮފީއެއް ނަގައިގެން ހުއްޓާ ފޯން ރިންގްވާން ފެށިއެވެ. އަހަރެން އަޅައެއް ނުލަމެވެ. އަހަރެން ކޮފީ ބޯން އަންނަނީ އެކަނި މާއެކަންޏެވެ. ސަބަބެއްވެސް އޮވެގެންނެވެ. ކޮފީއަށް ގިނަ މީހުން ގެނައުމުން، ގިނަ ފަހަރަށް ދައްކަނީ މަޢުޟޫން ބޭރު ވާހަކައެވެ. ހަރުދަނާ ވާހައެއް ދައްކާ މަދު މީހަކާއި ނޫނީ އަހަންނަށް ދިމާލެއް ނުވިއެވެ. އެހެންވެ، އެކަނި މާއެކަނި، ކޮފީ އެއް ނަގައިގެން އަހަރެންގެ އަމިއްލަ ޙަޔާތާއި މެދު ވިސްނާލުން އަހަންނަށް މާ ރަނގަޅަށެވެ. އަނެއްކާވެސް ފޯން ރިންގް ވާން ފެށިއެވެ. އަހަރެން އަޅައެއް ނުލަމެވެ. ދެން އައީ މެސެޖެކެވެ.
” މާދަމާ ރޭ ގްރެޖްއޭޝަން. އަންނާނަން ދޯ؟” ކައުޘަރުގެ މެސެޖުގައިވަނީ އެހެންނެވެ.
” ޔަޤީނެއްނު. ތިކަން މިސްކޮށްނުލާނެއްނު އެހެން ހުރިހާ ކަމެއް މިސްކޮށްލިޔަސް.” ކައުޘަރުގެ މެސެޖަށް ވަގުތުން ޖަވާބު ދިނީމެވެ. ޖަވާބު ދިންތަނާހެން ކައުޘަރު އަހަންނަށް ގުޅާލިއެވެ.
” ކީއްވެތަ ފޯން ނުނަގަނީ.” ކައުޘަރު ޝަކުވާ ކުރިއެވެ.
” ލޯބި ވާލެއް ބޮޑުކަމުން.” ލާނެތް ހިނިތުންވުމަކާއި އެކު އަހަރެން ބުނީމެވެ.
” އިނގޭ ތިކަން. ދެން މަންމަ ބުނި ކައިވެނި އަވަސް ކުރަން. ކިހިނެއްތަ ދެން ހަދާނީ؟” ތުއި ރާގަކަށް ކައުޘަރު ސުވާލުކޮށްލިއެވެ. ” ހިނގާ މާދަމާ އިންނަމާ. އޭރަށް މަންމަ އުފާވާނެއްނު.” އަހަރެން ސަމާސާކޮށްލީމެވެ.
” މިހާރު އިންނަންވީނު. ފޯނުން. އޮންލައިންކޮށްވެސް އިނދެވޭނެއްނު. އަހަރެން ކިޔާދޭނަން ޚުތުބާ. ދެން ލުޖައިން ކިޔާ އަނބި ޤަބޫލުކޮށްފިން. އަހަރެން ބުނާނަށް ފިރި ޤަބޫލުކޮށްފިން. ސޯ ކައިވެނި ކޮށް ނިމުނީ.” ޖުމްލައިގެ ފަހު ބަހަށް ދަމާލަމުން ހެމުން ހެމުން ކައުޘަރު ބުނެލިއެވެ.
” އަސްލުވެސްދޯ. ހުރިހާ ކަމެއް އޮންލައިންވާ ދުވަސްވަރެއްގައި ހަމަ ތިގޮތް ރަނގަޅު. އެއީ ދޯ ތަރައްޤީ އަކީ.” އަހަރެންވެސް ސަމާސާކޮށްލީމެވެ.
” ނޫނެކޭ. ދެން ތަންކޮޅެއް ސީރިއަސް ވެބަލަ. ހިނގާ ތާރީޚެއް ކަނޑައަޅަމާ.” ކައުޘަރު ސީރިއަސްކޮށް ވާހަކަ ދައްކަން ފެށިއެވެ.
” މާރޗް 29 ނުވަތަ 30 ކިހިނެއްވާނެ.” އަހަރެން ބުނީމެވެ.
” އޯކޭ. ފައިނަލް. މާދަމާރޭ ގްރެޖުއޭޝަން ހަފްލާއަށް އަންނާތި. އަދި އެއް ވާހަކަ. މަރުޙަބާ އިނގޭ.” ކައުޘަރު އެހެން ބުނުމުން އަހަރެންގެ ހިތުގައި ޖެހުނީ ސުވާލުމާރކެކެވެ.
” ކިހިނެއްތަ އެނގުނީ؟” އަހަރެން އަނހާލީމެވެ.
” ދިވެހިރާއްޖޭގައި ހިނގާ ކިތައްމެ ކުޑަކަމެއްވެސް ސިއްރުވޭތަ؟ މުޅި ދުނިޔޭގަ އެންމެ އަނގަގަދަ ކޫސަނި ވާހަކަ ދައްކާ މީހުން އުޅޭތަނެއްނު އެއީ އަހަރުމެން ޤައުމު. ލުޖައިން ދޭ މާލެ. ގޮސް ޖޮބާއި ޙަވާލުވޭ. އަހަރެން ގްރެޖުއޭޝަން ނިމުނީމަ މިކޮޅުގަ ޖޮބުގަ އުޅޭނީ. އަހަރެން އެހާ ގަޔާވާ ތަނެއްނޫން ރާއްޖޭގައި މަސައްކަތްކުރުން. ކުރިން ކިޔާދިނިންދޯ އެއީ ކީއްވެގެންކަން. އިހަށް ފޯން ބާއްވަނީ. މާދަމާ ރޭ އަންނާތި.” އެހެން ބުނުމަށްފަހު ކައުޘަރު ފޯން ބޭއްވިއެވެ.
ކައުޘަރަކީ ޢާއިލާއެއްގެ ހުރި ހަގު އަންހެން ކުއްޖާއެވެ. އެންމެ ކުޑައިރުއްސުރެ ކިޔެވުމަށް މަރުދޭނެއެވެ. ކިޔެވުމުގެ އިތުރުން ހުރިހާ އިތުރު ޙަރަކާތްތަކެއްގައި ބައިވެރިވާނެއެވެ. ވަރަށް ކުޑައިރު މާލެ އައިސް އަމީނިއްޔާ ސުކޫލަށްވަދެ، ސްކޫލު ދައުރު ނިންމާލީ އަމީނިއްޔާ ސްކޫލުގެ ކެޕްޓަންގެ މަޤާމުގެ އިތުރުން ޓޮޕްޓެންގައިވެސް ހިމެނިގެންނެވެ. އެއަށްފަހު ރާއްޖޭން ބޭރަށް ބަދަލުވި ގޮތަށް، މުޅިންވެސް އުޅެނީ ކިޔެވުމާއިގެންނެވެ. މާދަމާ ރެޔަކީ ކައުޘަރުގެ ޙަޔާތުގައި އަންނާނެ އެންމެ އުފާވެރި ރެއެވެ. ޑޮކްޓަރީ ދާއިރާއިން ޕީ.އެޗް.ޑީގެ ސަނަދު އަތަށް އަރާނެ ރޭ ކަމަށްވާތީއެވެ. ކައުޘަރުގެ ޙާއްޞަ ދާއިރާއަކީ ގުނަވަންތައް ބަދަލު ކުރުމުގެ ދާއިރާއެވެ. އެގޮތުން ކައުޘަރަކީ ރާއްޖޭގައި އެދާއިރާއިން އެންމެ ފުރަތަމަ ފީ.އެޗް.ޑީ ޙާޞީލުކުރާ އަންހެން ޑޮކްޓަރެވެ. ކައުޘަރުގެ ޙަޔާތުގައި އަންނަ އެފަދަ އުފާވެރި ހަފްލާއެއްގައި އަހަރެން ބައިވެރިވުން މަޖުބޫރުވާނެއެވެ. އަހަންނާއި ކައުޘަރާއި ރައްޓެހިވެގެން އުޅޭތާ މިހާރު ތިން ވަރަކަށް އަހަރު ވަނީއެވެ. ވީއިރު، އެކަކަށް ލިބޭ އުފަލުގައި އަނެކަކު ބައިވެރިވުމާއި، ހިތަމާތަކާއި ދިމާވާ ބޮޑެތި ކަންތައްތައް ހިއްސާކުރުމަކީ، ދުނިޔޭގެ ކޮންމެ ހިސާބެއްގައި ތިއްބަސް އަހަރެމެން ދެމީހުން ކުރާ ކަމެކެވެ. ފަސް ދުވަހަށް މެލޭޝިޔާއަށްވެސް އަހަރެން އައުމުގެ އެންމެ ބޮޑު ބޭނުމަކީ ކައުޘަރުގެ ގްރެޖުއޭޝަންގައި ބައިވެރިވުމެވެ. އަނެއްކޮޅުން ދެރައެއް ނޫންތާއެވެ. އަހަރެން އެހާ ބޭނުންނުވިޔަސް، މާލެ ދާއިރަށް އަހަރެން ނިކުންނާން ޖެހޭނީވެސް ހިތްހަމަޖެހޭ ކަހަލަ ރަނގަޅު ވަޒީފާއަކަށެވެ. އަހަރެންގެ އެހާ ބޮޑަށް އެކަމާއި ނޫޅުނަސް، ބަޔަކު މީހުންނަށް އަހަރެންގެ ޚިދުމަތް ބޭނުންޖެހުމުން، އެކަމަށް ނޫނެކޭ ބުނާކަށް އަހަރެން އަދި ބޭނުމެއް ނެތެވެ.
” އައްސަލާމު ޢަލައިކުމް. އަޅުގަނޑަކީ ނޫރާ. ލުޖައިން ދެއްތޯ؟ ވަޒީފާ ހަމަޖެހިއްޖެ. ކޮން ދުވަހަކުންތޯ އޮފީހަށް ޙާޟިރުވެވޭނީ؟” މަޑުމައިތިރި ކަމާއެކު ނޫރާ ސުވާލުކޮށްލިއެވެ.
” ދެން އަންނަ ހަފްތާގައި. މިހާރު ރާއްޖޭން ބޭރުގައި.” ކުރު ޖުމުލައަކުން އަހަރެން ޖަވާބު ދިނީމެވެ.
” އާދެ. އޯކޭ. ނުކުންނަ ދުވަހު އަޅުގަނޑަށް ގުޅާލަދެއްވަވާތި!” އެހެން ބުނުމަށް ފަހު ނޫރާ ފޯން ކަނޑާލިއެވެ.
ފޯން ބޭއްވި ތަނާހެން އަހަރެންގެ ކުރިމަތީ ހުރި ގޮނޑީގައި އައިސް މީހަކު އިށީނެވެ. އަހަރެން ބަލާލީމެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ.
” ކީއްކުރަނީ މެލޭޝިޔާގައި؟” އަހަންނަށް ފުރަމަވެސް ބުނެލެވުނީ އެހެންނެވެ.
One Comment
Comments are closed.


Woooowwww salhi I really love this story 😍 🔥 masha Allah 😍 curiously waiting for the next part keep it up when’s next?