
ައަނދިރިޔާނުލާ
ނިމުން
އަސްފާން ހުރީ ވަގުތަކަށް ބަލަބަލަ ކަހަލައެވެ.
އަސްފާންގެ ފަރާތުން ލިބެމުންދިޔަ ލޯބީގެ އިސްގީ މަސްތީ ފިރުމުން ތަކުގެ ސަބަބުން ، ހަށިގަނޑަށް ލިބެމުންދިޔަ އުފަލާއި ހިތްހަމަޖެހުމުގެ އަވާގައިޖެހި، އެކަމަށްއެދި ގެއްލިފައިހުރި ބިސާރާއަށް ވަގުތުތައް ހޭދަވަމުންދިޔަގޮތެއް ޢަމަލުކުރެވެމުންދިޔަގޮތެއް ވެސް ނޭނގޭ ކަހަލައެވެ.
މިސްކިތުތާޅަފިލީން ރަށުތެރެއަށް ފެތުރިގެންދިޔަ އިސާނަމާދު ބަންގީގެ ބާރުއަޑާއި އެކުހެން ބިސާރާ ސިއްސައިގެން ދިޔައެވެ. އެއާއެކުހެން މުޅިތަނަށް ފެތުރިގެން ދިޔަ ދުންގަނޑުގެ ތެރޭން އުފެދުނު އަލިފާންގަނޑާ އެކުވެގެން އަސްފާން މައްޗަށް އަރައިގެން ގޮސް ޖައްވުގެތެރެއަށް ގެއްލިއްޖެއެވެ.
ފެނުނުމަންޒަރުގެސަބަބުން ގަތްބިރާއި ލިބުނުސިހުމުގައި ހިތަށްކެތްނުވެގެން މަންމާ ކިޔައި ރޮއިގަތުމާ އެކުހެން ބިސާރާގެ ޚަބަރު ހުސްވެގެން ވަޅުކައިރިއަށް ވެއްޓިއްޖެއެވެ.
ގޭތެރޭގައިތިބި ނަޒްމީނާ އާއި ނަބީލާއަށް ބިސާރާގެ ވޭނުންފުރިގެންވީ ބާރުރުއިމުގެއަޑު އިވިފައި ލިބުނު ސިހުމާއެކުހެން ކަންބޮޑުވެސް ވިއެވެ.
ގިފިލީގެ ދޮރާދިމާއަށް ދުއްވައިގަނެވުނީ ދެމީހުނަށްއެކުގައި ކަހަލަގޮތަކަށެވެ. އެހެނަސް ގިފިލިހުރީ އެތެރެއިންތަޅުލާފައި ކަމަށްވާތީ އެކަކަށްވެސް އެތެރެއަށްވަދެވޭގޮތެއް ނުވިއެވެ. ދޮރުފަތުގައިތަޅަމުން ބިސާރާއަށްގޮވިނަމަވެސް ގިފިލިތެރޭން އެއްވެސް ޚަބަރެއް ނުވުން ވެގެންދިޔައީ،ނަޒްމީނާމެންގެ ހާސްކަމާއިކަންބޮޑުވުން އިތުރުވެގެންދިޔަ ކަމަކަށެވެ.
ހާސްވެ ކަންބޮޑުވެ ހަދާނެގޮތްހުސްވެ ހަތަރުއުދަރެސް ފެނުޖެހިފައިވާ ފަދައަކުންހުރި ނަޒްމީނާ ވަށައިގެންހޯދާލިވަގުތު، އެތާކައިރީހުރި ހަރުގަނޑެއް ފެނިއްޖެއެވެ.
” ދަރިފުޅާ ނަބީލާ !އެހެރެ ހަރުގަނޑު ގެނެސްގެން ފާރުމަތިން އަރައި އެތެރެބަލާލަބަލަ. ” ނަބީލާއަށް ހަރުގަނޑުދައްކަމުން ނަޒްމީނާ ވާހަކަ ދެއްކިއިރު ނަޒްމީނާގެ އަޑުންވެސް ފާޅުވަމުންދަނީ ނުތަނަވަސްކަމުގެ އަސަރުތަކެވެ.
އުމުރުން ފަނަރަވަރަކަށްއަހަރުގެ ނަބީލާއަކީ ހިމަތޮޅި ލޫޅާފަތި ނުހަނު ހަރަކާތްތެރި ކުއްޖެކެވެ. ނަޒްމީނާ އެހެންބުނުމާއެކުހެން ނަބީލާ ގޮސް ހަރުގަނޑުހިފައިގެން އައިސް ފާރުގައިލައްގާލިއެވެ. ހަމައެހެންމެ ވަރަށްއަވަހަށްހަރުގަނޑަށް އަރައިގިފިލިތެރެއަށް ނަޒަރު ހިންގާލިއެވެ.
ގިފިލިތެރޭން ފެނުނުމަންޒަރުގެ ސަބަބުން ނަބީލާއަށް ރޮވޭގޮތްވިއެވެ.
” މަންމާ! ގިފިލީވަޅުކައިރިއަށް ވެއްޓިފައި ދައްތައޮތީ. ” ނަޒްމީނާއަށް ބަލާލަމުން ނަބީލާ އެހެން ބުނިއިރު އޭނާގެއަޑުގައި ކޮންމެވެސް ވަރެއްގެ ތުރުތުރުލުމެއް އެކުލެވެމުން ދިޔައެވެ.
ނަބީލާގެ އެޖުމްލައިގެސަބަބުން ނަޒްމީނާގެހާލަތު ކުރިޔަށްވުރެ ގޯސްވެގެން ދިޔައެވެ.
” އަސްތާ މަގޭދަރި! … ކިހިނެއްވީބާ ؟ ދަރިފުޅާ އަވަސްގޮތަކުން ގިފިއްޔަށްވަދެ ދޮރުހުޅުވާ. ” ނަބީލާއާއި ދިމާއަށް ބަލަހައްޓައިގެންހުރެ ވާހަކަދެއްކިއިރު ނަޒްމީނާގެ ދެލޮލުންވެސް ކަރުނަ ހިލިއްޖެއެވެ.
ވަރަށް އަވަސް އަދި ހަލުވިހަރަކާތް ތަކަކާއި އެކުގައި ފާރުމަތިންލާފައި ނަބީލާ ގިފިލިތެރެއަށް ވަނެވެ. އަދި އަވަސް އަވަހަށް ދޮރުހުޅުވާލިއެވެ.
ނަބީލާއާއި ނަޒްމީނާ ދުވެފައި ކަހަލަގޮތަކަށްގޮސް ބަލާލިއިރު ބިސާރާ އޮތީ ހޭނެތިފައެވެ. ހަމައެހެންމެ ކޮންމެވެސްތަނެއްގައި ޖެހުމުގެސަބަބުން އޭނާގެނިތްކުރިން ހަންމަށައިގެން ގޮސް ލޭފައިބަމުން ދިޔައިރު، އަންގައިން ފޮނު ބޭރުވަމުން ދިޔައެވެ.
ބިސާރާއޮތްހާލު ފެނުމާއެކުހެން ނަޒްމީނާއާއި ނަބީލާއަށް ރޮވިއްޖެއެވެ.
ނަބީލާގެ އޭނާގެކެތްތެރިކަމާއި ވިސްނުންތެރިކަން ކުރިޔަށްނެރެ، ބުރަމަސައްކަތުން ބިސާރާކޮޅަށްނަގާ ހެދުންލައްވައި ހަށިގަނޑު ރަނގަޅަށްނިވާކޮށްލިއެވެ.ނަބީލާ އާއި ނަޒްމީނާ ހިފަހައްޓައިގެން ބިސާރާ ގެންގޮސް ގޭތެރޭ އެނދެއްގައި ބާއްވާ އަވަސްފަރުވާ ދެމުން ހޭއެރުވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ.
ކުރިންފެނުނު ކަންތައްތަކުގެއިތުރުން މިހާރު ބިސާރާ ވަނީ ހުންއައިސް ރަތްވެފައިވާފަދައަކުންނެވެ. ހަމައެހެންމެ އަނގައިންފޮނުއައުން އިތުރުވަމުން މުޅިހަށިގަނޑަށް ތުރުތުރެއް އަންނަމުން ދިޔައެވެ.
” ދަރިފުޅާ! އަވަހަށްދޭ ސިއްޙީއެހީތެރިޔާ ގޮވައިގެން އަންނާން. ” ރޮވިފައިހުރި ނަޒްމީނާ، ނަބީލާއަށްބަލާލަމުން މަޑުމަޑުންބުންޏެވެ. ނަޒްމީނާ އެހެންބުނުމާއި އެކުހެން ނަބީލާ ހިނގައްޖެއެވެ.
ސިއްހީއެހީތެރިޔާ ބާސިތު އާއި ނަބީލާ އައިސް ގެއަށްވަތްއިރު ވެސް ނަޒްމީނާ މަސައްކަތް ކުރަމުންދިޔައީ ބިސާރާ ހޭއެރުވޭތޯއެވެ. އޭރު ބިސާރާގެނިތްކުރިން އެއްފަރާތުގައި މަލަންގަނޑެއް އަޅާފައިވެއެވެ.
ނަބީލާ އާއި ނަޒްމީނާގެ ފަރާތުން ލިބުނުއެހީގައި ބާސިތު މަސައްކަތް ފެށިތާ ފަސްވަރަކަށް މިނިޓް ތެރޭގައި ބިސާރާ ހޭއަރައިފިއެވެ.
” މަންމާ …….. ” ހޭއެރުމާއެކުހެން ނަޒްމީނާއަށް ބަލާލަމުން އެހީއަކަށް އެދޭފަދައަކުން މަޑުމަޑުން ބިސާރާ ގޮވާލިއެވެ.
ބިސާރާގެ އެބަލާލުމާއި އެގޮވާލުމުގެ ސަބަބުން ނަޒްމީނާއަށް ކޮންމެ ވެސްވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ.
ނަޒްމީނާ އައިސް ބިސާރާގެ މަގަތުން އިށީނުމާ އެކުހެން ފުންމައިގެން ކަހަލަގޮތަކަށް ތެދުވެ ނަޒްމީނާގެ ގައިގައި ބައްދާލަމުން ބިސާރާ ރޯންފެށިއެވެ.
ނަޒްމީނާ ދެމުންދިޔަ ނަސޭހަތާއި ހިތްވަރުގެސަބަބުން ބިސާރާ ކޮންމެ ވެސްވަރަކަށް ހަމައަކަށް އެޅުނެވެ.
ނަޒްމީނާގެ ސުވާލުތަކަށް ޖަވާބުދިނުމުގެ ގޮތުން ބިސާރާ ދެއްކިވާހަކަތަކުގެ ސަބަބުން ތިންމީހުނަށް ވެސް ލިބުނީ ހައިރާންކަމެވެ. ހަމައެއާއެކުހެން ހާސް ވުމާއި ކަންބޮޑުވުން އުފެދި ނުތަނަވަސްކަން ވަށާލިއެވެ.
އަނެއްކާވެސް ބިސާރާގެ ޚަބަރުހުސްވެއްޖެއެވެ. ނަޒްމީނާ އަވަސްއަވަހަށް އަނެއްކާވެސް ބިސާރާ އެނދުމަތީގައި ބޭއްވިއެވެ. އެނދުމަތީގައި ބިސާރާ ބާއްވާލުމަށްފަހު ބާސިތުއާ ދިމާއަށް ބަލާލިއިރު ނަޒްމީނާގެ ދެލޮލުން ކަރުނަ ހިލިއްޖެއެވެ. ޚަބަރުހުސްވެ ހަރަކާތްހުއްޓިފައިވާ ބިސާރާއާ ދިމާއަށް ބަލަހައްޓައިގެން ތިބިއިރު ތިންމީހުން ވެސް ވިސްނަމުންދިޔައީ ދެން ކަންތައްކުރާނެ ގޮތަކާއި މެދުގައެވެ.
ކުއްލިއަކަށް ކަހަލަގޮތަކަށް ބިސާރާގެ ކުރިމައްޗަށް އަނދިރިކަން ވެރިވިއެވެ. ހަމައެހެންމެ މަދު ސިކުންތުކޮޅެއް ތެރޭގައި އެއަނދިރިކަމުގެ ތެރޭން އަލިރޮނގެއް ފަދައިން މަގެއްފާޅުވިއެވެ.
އަވަސްއަވަހަށް ބިސާރާ ބަލާލިއިރު ،ބިސާރާއަށް ދަޢުވަތުދީ ދެއަތް ފުޅާކޮށްލައިގެން މަގުގެ އަނެއްކޮޅުގައި އަސްފާން ހުއްޓެވެ. އޭރު އަސްފާންގެ މޫނުމަތީން ފާޅުވަމުންދަނީ އުފަލާއި ހިތްހަމަޖެހުމުގެ އަސަރު ތަކެވެ. ހިނިތުންވުމުގެ ކުލަވަރެވެ.
ކުއްލިއަކަށް ކަހަލަގޮތަކަށް ބިސާރާ އެންދުން ފައިބާގެން ގިފިއްޔާއި ދިމާއަށް ދުއްވައިގަތެވެ. އޭރު ބާސިތުހުރީ އެފަދަކަމަކަށް ވިސްނައިގެން ކަމަށްވާތީ ހަމަ ވަގުތުން ބިސާރާގެ ގައިގަ ހިފަހައްޓާ އެނދުމަތީގައި ބޭއްވި އެވެ. ބިސާރާ މަސައްކަތް ކުރަމުންދިޔައީ ބާސިތުގެ އަތްދަށުން ސަލާމާތްވެގެން ދާށެވެ.
ފެންނަމުންދިޔަ ކަންތައްތަކުގެ ސަބަބުން ނަޒްމީނާ އާއި ނަބީލާ ތިބީ ބިރުން ތުރުތުރުއަޅާފަދަ ހާލެއްގައެވެ. ދެމީހުންގެ ލޮލުން ކަރުނަ އޮހޮރެމުން ދިޔައިރު ނަބީލާ ހުރީ ނަޒްމީނާގެ އަތުގައި ހިފަހައްޓާލައިގެން ނެވެ.
” މީނާގެ ހާލަތު އެހާރަނގަޅެއް ނޫން …. އަވަހަށް ގޮސް އާދޭ ދެތިން ފިރިހެނުންނާއި އަލިތަކުރު ގޮވައިގެން. ” ނަޒްމީނާއާއި ނަބީލާއަށް ބަލާލަމުން ބާސިތު ވާހަކަދެއްކިއިރު އޭނާގެއަޑާއި ހަރަކާތުން އަދި މޫނުމަތިން ވެސް ފާޅުވަމުންދަނީ ނުތަނަވަސްކަމާއި ކަންބޮޑުވުމުގެ އަސަރުތަކެވެ.
ގެއިން ބޭރަށް ނުކުންނާން ނަޒްމީނާ ދުއްވައިގަތުމާ އެކުހެން ނަބީލާ ވެސް އޭނާގެ ފަހަތުން ދުއްވައިގަތެވެ.
ހަސަނާ ކާސިމާ ދޮންފުތާ ޖާބިރު އައިސް އެގެއަށް ވަތްއިރު ވެސް ބާސިތު އުޅެނީ ބިސާރާ މައިތިރި ނުކުރެވިގެންނެވެ. އޭރު ބިސާރާ މަސައްކަތް ކުރަމުން ދިޔައީ ބާސިތުގެ އަތްފޮޅުވާލާފައި ދާށެވެ. ހަމަ އެހެންމެ އެޢަމަލުތަކުގެ އިތުރުން އޭނާގެގައިން ދޫކޮށްލުމަށް ބާސިތަށް އަމުރުކޮށް އިންޒާރުވެސް ދެމުން ދިޔައެވެ.
ބިސާރާ މައިތިރިކުރާން އުޅުނުއުޅުމުގައި ބާސިތުގެ މޫނަށް ކޮންމެވެސް ވަރަކަށް އަނިޔާވެފައި ވެސް ހުއްޓެވެ.
ކޮޓަރިއަށް ވަދެގެންއައި ހަތަރުމީހުންނާއި ބާސިތު އެކުވެގެން ބިސާރާ މައިތިރިކުރެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ.
ރޮވިފައިތިބި ނަޒްމީނާ އާ ނަބީލާގެ ފަހަތުން ކަހަލަގޮތަކަށް އަލިތަކުރު އައިސް އެކޮޓަރިއަށް ވަނެވެ.
އަލިތަކުރު އައިގޮތަށް އައިސް ބިސާރާގެ މަގަތުން އިށީންދެ ކޮންމެވެސް އެއްޗެއް ކިޔަވަމުން ދެތިންފަހަރަކުބިސާރާގެ ބޮލުގައި ފިރުމާލިއެވެ. ހަމައެހެންމެ އަލިތަކުރުގެ ކިޔެވެލި ދިގުވަމުންދިޔަވަރަކަށް ބިސާރާގެ ހަރަކާތްތައްމަޑުވަމުން ހަމަހިމޭން ވަމުން ދިޔައެވެ.
އަލިތަކުރުގެ އިރުޝާދުގެދަށުން ބިސާރާއަށް ފަރުވާކުރުމުގެ މަސައްކަތް ފެށިއްޖެއެވެ.
ނަޒްމީނާ އާއި ނަބީލާ ގޮވައިގެން ބާސިތު ހުރީ ފެންޑާތެރޭގައެވެ.
ޚަބަރު ހުސްވެފައިވާ މީހަކުފަދައިން އެއްވެސް ހަރަކާތެއް ނެތި ބިސާރާ އޮތެވެ. ބިސާރާގެ އޮތް އެނދުގެ ބޯލާކޮޅުގަ އަލިތަކުރު ހުރިއިރު އެނދުގެ ދެފަރާތުގަ ހުރި ދެގޮނޑީގައި ތިބެގެން ދޮންފުތާއި ޖާބިރު އަޑުހަރުކޮށް ޤުރުއާން ކިޔަވަމުން ގެންދިޔައެވެ. އޭރު އެތަނުގައި އެހަތަރުމީހުންފިޔަވާ އެހެންމީހަކުނެތެވެ. އަލިތަކުރު ވެސް ސިއްރުސިއްރުން ކޮންމެވެސް އެއްޗެއް ކިޔަވަމުން ގެންދިޔައެވެ.
” މަންމާ ! … އަހަރެން ސަލާމަތްކުރޭ … އޭނާ އެއަންނަނީ އަހަރެން މަރާލާން. ” އެނދުން ތެދުވާން މަސައްކަތް ކުރަމުން ބިސާރާ ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ. އެއާއެކުހެން އަލިތަކުރު އޭނާގެ ކިޔެވެލި ބާރުކޮށްލިއެވެ. އަދި އަވަސްއަވަހަށް ބިސާރާގެ އަތުގައި ހިފަހައްޓާ އެނދުގައި ބޭއްވިއެވެ.
ކޮޓަރީގެ ދޮރާއިދިމާއަށް ހިނގައިގަންނަމުން އަލިތަކުރު ކޮށްލިހަރަކާތާއި އެކުހެން ދޮންފުތާއި ޖާބިރު ކިޔެވުމުގެއަޑު ބާރުކޮށްލިއެވެ. އަލިތަކުރު ވަރަށްފަރުވާ ތެރިކަމާއެކުގައި އަތަށް ފެންފޮދެއްއަޅާލުމަށްފަހު ދޮރާދިމާއަށް އުކާލިއެވެ. އެއާއެކުހެން ބޮޑުފިރިހެނެއްގެ ވޭނުންފުރިގެންވީ ބާރު ރުއިމުގެއަޑާއެކު ކަހަލަގޮތަކަށް ދޮރުކައިރިން އަލިފާންކޮޅެއް އުފެދުނެވެ.
” އޭނާގެގައިގަ ރޯވެއްޖެ … އަންދާން ވެސް ފަށައިފި. އެކަމަކު ވެސް އޭނާ އުޅެނީ އަހަރެންނާއިދިމާއަށް އަންނާން …….. އަހަރެން މަރާލާނަމޭ ވެސް އެބަކިޔާ. ” އެއްވެސް ހަރަކާތެއްނުކޮށް މައްޗަށް ބަލަހައްޓައިގެން އޮތްގޮތަށްއޮވެ ބިސާރާ ވާހަކަ ދެއްކިއެވެ.
އަލިތަކުރުގެ އިސާރާތާއެކުހެން ކިޔެވުމުގެއަޑު ބާރުވަމުން އަލިތަކުރުގެ ހަރަކާތް އަވަސްވަމުން ދިޔައެވެ.
ދޮރުކައިރިން ފެންނަމުންދިޔަ އަލިފާންގަނޑާއި ދިމާއަށް އަނެއްކާ ވެސް އަލިތަކުރު ފެންފޮދެއް އުކާލިއެވެ. އެއާއެކުހެން ކުރިން އިވެމުންދިޔަ ވޭނީ ރުއިމުގެ އަޑު މަޑުވާންފެށިއެވެ.
” އޭނާ އެހެރެ އަނދާހުލިވަނީ. ” މަޑުމަޑުން ބިސާރާ ބުނެލިއެވެ.
މެދުކެނޑުމެއްނެތި ކަހަލަގޮތަކަށް އަލިތަކުރާއި އޭނާގެބައިވެރީން އެބައި މީހުންގެ މަސައްކަތް ކުރިޔަށް ގެންދިޔައެވެ.
އަލިތަކުރު އޭނާގެ މަސައްކަތް ކާމިޔާބު ކުރުމަށްޓައި ކުރެވޭންހުރި ހުރިހާކަމެއް ކުރަމުން ގެންދިޔައެވެ.
ބިސާރާގެ ހަށިގަނޑަށް މަޑުމަޑުން ހަރަކާތް އަންނާން ފެށިއެވެ.
” މަންމާ ! ” ކުއްލިއަކަށް ލޯހުޅުވާލަމުން ފުންމައިގެން ތެދުވެ އެނދުގައި އިށީންދެ ވަށައިގެން ހޯދާލަމުން ބިސާރާ ގޮވާލިއެވެ.
” އަލިތަކުރުބޭ. ތީކޮންކަމެއް ؟ ” ހައިރާންކަމާއި ނުތަނަވަސްކަމާ އެކު އަލިތަކުރަށް ބަލާލަމުން ބިސާރާ ސުވާލުކުރިއެވެ.
” ބިސާރާ … މިކަމާ އަޅާނުލާ. މިއީ މާބޮޑުކަމެއްނޫން. އެކަމަކު ދެންވެސް ބޭބެ ބުނާގޮތެއް ހަދަންޏާއި ދީނީކަންކަން ކުރިޔަށްނެރެ ނަމާދުކޮށް ޤުރުއާން ކިޔަވާހަދާ …. އެހެންނޫނީ އެކަމުން ސަލާމަތް ނުވެވޭފަދަ އަދި އެކަން ދުވަހަކުވެސް ހަނދާންނުނެތޭފަދަ ދެރަގޮތެއް ވެސް މެދުވެރިވެދާނެ. އަހަރެމެންނަކީ ހިތަށްއެރިހާގޮތަކަށް އުޅޭން މިތަނަށް ފޮނުއްވާފައިވާ ބައެއްނޫން … ” ބިސާރާއަށް ނަސޭހަތްދޭ ފަދައަކުން އަލިތަކުރު ވާހަކަދެއްކިއެވެ.
އެއްވެސް އެއްޗެކޭ ނުބުނެ ޚިޔާލެއްގެތެރެއަށް ގެއްލިފައިކަހަލަގޮތަކަށް ބިސާރާ އިންއިރު އޭނާގެމާޒީ ހިތަށްސިފަވަމުންއައިސް މިރެއާއި ގުޅިއްޖެއެވެ. ހަމައެހެންމެ އެކަމާމެދުގައި ވިސްނާލެވުނެވެ.
” އާން . އަލިތަކުރުބޭ … ބޭބެ ތިބުނާފަދައިން އަހަރެން ކަންތައް ކުރާނަން. ކުރިން އުޅުނުހެން ދެން ނޫޅޭނަން. ” އަލިތަކުރަށް ބަލާލަމުން ބިސާރާ ވާހަކަދެއްކިއެވެ.
ޖެހިގެންއައިދުވަސް ވެގެންދިޔައީ ބިސާރާއަށްޓަކައި މުޅިން އައުދުނިޔެ އަކަށް އަލިވިލުންފަދަ ދުވަހަކަށެވެ. އެއާއެކުހެން ބިސާރާގެ މުޅިދިރިއުޅުން ބަދަލުވެގެން ދިޔައެވެ.
ދީނީކަންކަން އިސްކޮށް އަސްފާން އާއި އެކުގައި ބިސާރާ ހޭދަކުރަމުން ދިޔަ ލޯބީގެ ވަގުތުތައް ޢާއިލާގެރުހުމާއި ތާއިދާ އެކުގައި ގެއަށް ބަދަލުކުރިއެވެ. ހަމަ އެހެންމެ އުފަލާއި ހިތްހަމަޖެހުމާ ދެޢާއިލާއާ އެކުގައި ވަގުތު ހޭދަކުރަމުން ގެންދިޔައެވެ.
ބިސާރާއާއި އަސްފާންގެ މޫނުމަތިން ފާޅުވަމުންދަނީ އުފަލާއި ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ.
ބިސާރާ އާ އަސްފާންގެ ދިރިއުޅުމުން އިބުރަތް ހާސިލްކޮށް އެދެލޯބިވެރީންގެ އެކުވެރީންވެސް އެމީހުންގެ ލޯބީގެ ބައްދަލުވުންތައް ބާއްވަމުންއައި މާހައުލާއި ބައްދަލުވުންތައް ބާއްވަމުންއައި ތަން ވެސް ބަދަލު ކުރިއެވެ.
ދެޢާއިލާގެފަރާތުން ލިބެމުންދިޔަ ރުހުމާއި ތާއިދާއެކުގަ ވަގުތުތައް ހޭދަކުރަމުން ދިރިއުޅުން ވޭތުކުރަމުންއައިސް އަސްފާނާއި ބިސާރާ ކައިވެނީގެ ގޮތުން ގުޅި ލާމެހިއްޖެއެވެ.
ހަމައެހެންމެ”ކަނު އަނދިރިޔާނުލައި ” އުފަލާ ހިތްހަމަޖެހުމާ އެކުގައި އަސްފާނާއި ބިސާރާ ދިރިއުޅުން ވޭތުކުރަމުން ގެންދިޔައެވެ. އޭރު އެދެމަފިރިންގެ އިތުރުން ދެޢާއިލާގެ މެންބަރުންނާއި ދެފަރާތުގެ ރައްޓެހިންގެ ފަރާތުންވެސް ފެންނަމުންދަނީ އުފަލާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ.
ނިމުނީ
One Comment
Comments are closed.
v hadi