
ކޮޅިގަނޑު
ނިމުން
ހަނދާނުން ފޮހެލަން ދަތިވި ކޮޅިގަނޑެއްފަދަ އެރޭގެ ނަމުގައި ނަރުގިސް ލިޔެފައިވާ އެލިޔުމަކީ ޙަޤީޤީ ހާދިސާއެއް ކަމަށް ވެސް ލިޔެފައިވެއެވެ.
ވެހެމުންދިޔަ ބޯ ވާރޭއާއި ކުރަމުންދިޔަ ގަަދަ ވިއްސާރައަށް މާބޮޑު ބަދަލެއް ނައި ނަމަވެސް ދިހައެއް ޖަހާންވީރު ކޮންމެވެސް ވަރަކަށް ވާރޭ ތުނި ކޮށްލައިފިއެވެ.
ކޯހުގެ ބައެއް މަސައްކަތްތައް ނިންމުމަށްޓަކައި ކޮންޕިއުޓަރު ކައިރީގައިއިން ނަރުގިސް ސިއްސައިގެން ދިޔައީ މޭޒުމަތީގައި އޮތް އޭނާގެ މޯބައިލްފޯނު ރިންގްވާން ފެށުމުންނެވެ. އެއާއެކުހެން އަވަސް އަވަހަށް ފޯނުނަގަމުން ބަލާލިއިރު އޭނާއަށް ގުޅަނީ އަމްދާންމެން ގެއިން ނެވެ.
މިފަދަ ރެއަކު މިފަދަ ވަގުތެއްގައި ވަރަށް މުހިންމުވެގެން ނޫނީ ނުގުޅާނެކަން ނަރުގިސްއަށް އެނގެއެވެ. ހަމަ އެހެންމެ އަމްދާންގެ ބައްޕަ ރައްޒާގު، ނަރުގިސްއަށް ގުޅާނީ ކޮންމެހެން ވެސް ނުގުޅާ ނުވެގެންކަން ވެސް ޔަގީންވެއެވެ.
ނަރުގިސް އަވަސް އަވަހަށް ފޯނުނަގާ ޖަވާބު ދިނުމާއެކުހެން އެކޮޅުން އިވިގެން ދިޔައީ ރައްޒާގުގެ ބަލިކަށިވެފައިވާ އަޑެވެ. ރައްޒާގުގެއަޑު ކަންފަތުގައި ޖެހުމާއެކުހެން ނަރުގިސްގެ މޫނުމަތިން ނުތަނަަވަސްކަން ފާޅުވެގެން ދިޔައެވެ. ކަންބޮޑުވުން އޭނާ ވަށާލިއެވެ.
ރޯގާޖެހި ގައިން ވަރުދެރަވެ ހެލިނުލެވޭވަރު ވެފައިއޮތް ރައްޒާގަށް އެހީވުމަށްޓަކައި ނަރުގިސް އަވަސްވެގަތެވެ. މިއަދު އޭނާ ރައްޒާގަށް އެހީނުވެއްޖެނަމަ އެހީތެރިވާނެ ދެވަނަމީހަކު މިމާލޭގައި ނުހުންނާނެކަން ނަރުގިސްއަށް އެނގެއެވެ.
ގޮނޑިމަތީގައި އޮތް ބުރުގާ ނަގާ ބޮލަށް ހެޔޮވަރު ކޮށްލަމުން ބޭރަށް ނުކުތުމުގެ ކުރިން އަލަމާރިން ފައިސާ ވެސް ނެގިއެވެ. އަދި އަވަސް އަވަހަށް ބޭރަށް ނުކުތެވެ.
ގެކައިރީހުރި ހޮޓަލުން ނޫޑުލިސް ޕާރުސަލަކާއި ޖޫސްޕަކެޓެއް ގަނެގެން ނަރުގިސް ދިޔަގޮތަށް ގޮސް އެރީ ޓެކްސީ އަކަށެވެ. އޭރު އޭނާގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ނުތަނަވަސްކަން ފާޅުވަމުން ދިޔައެވެ.
ނަރުގިސް ގޮސް އަމްދާންމެން ގެއަށް ވަތްއިރު ގޭތެރޭން ފާޅުވަމުން ދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. ފަނޑު އަލި ކަމެވެ. އެއްވެސް ދިމާއަކުން އެއްވެސް ދިރުމެއް ފެންނާކަށް ނެތެވެ.
ނަރުގިސް ގޮސް ރައްޒާގުގެ ކޮޓަރިއަށް ވަތްއިރު މުޅިހަށިގަނޑު ނިވާވާހެން ގައިގަ ބެޑްޝީޓެއް އަޅައިގެން ރައްޒާގު އޮތެވެ. ކޮޓަރިތެރޭގައި ރަސްކަން ކުރަމުންދަނީ ފަނޑުއަލިކަމެވެ.
ނަރުގިސް ވާހަކަ ދެއްކި އަޑު އިވުމާއެކުހެން ރައްޒާގު ބެޑްޝީޓް ހިއްލާލަމުން އޭގެދަށުން ބޯ ނެރެމުން ނަރުގިސްއަށް ބަލާލިއެވެ. އޭރު އޭނާގެ މޫނުމަތިންނާއި ހަރަކާތްތަކުން ފެންނަމުންދަނީ ބަލިކަށިކަމާއި ވަރުދެރަކަމުގެ އަސަރުތަކެވެ.
ހޮޅިބުރި ދިއްލުމަށްފަހު ނަރުގިސް ގޮސް ސައިޑްޓޭބަލް މަތީގައި ނޫޑުލިސް ޕާރުސަލް ބެހެއްޓިއެވެ. އަދި އެތާހުރި ތައްޓަށް ޖޫސްޕަކެޓުން ޖޫސް އެޅިއެވެ.
ރައްޒާގަށް ކެވޭނެހެން މޭޒުމަތި ތައްޔާރުކޮށްލުމަށްފަހު އޭނާއަށް އެހީވުމަށްޓަކައި އޭނާއާ ދިމާއަށް ގުދުވި ނަރުގިސް ސިއްސައިގެން ދިޔައީ ރައްޒާގު ނަރުގިސްގެ އަތުގައި ހިފި ގޮތުންނާއި އޭނާއަށް ބަލީލިގޮތުންނެވެ. މަކަރުވެރި ކެހިވެރި ބެލުމަކުން ނަރުގިސްއަށް ބަލާލަމުން ރައްޒާގު ކޮށްލި ހަރަކާތާ އެކުހެން ނަރުގިސްގެބުރުގާ ނެއްޓިގެން އައެވެ. ނަރުގިސްގެ ހެދުމުގެ ކަރުވަޅާ ދިމާއަށް ނަޒަރު އަމާޒުކޮށްލުމާ އެކުހެން ރައްޒާގުގެ މޫނުމަތިން އުފަލާއި ހިތްހަމަ ޖެހުން ފާޅުވެގެން ދިޔައެވެ.
ފެނުނު މަންޒަރުތަކުން ރައްޒާގު ބަލި ނޫންކަމާއި އޭނާގެ މަކަރުވެރިކަމާއި ކެހިވެރިކަން ވިސްނި ނަރުގިސް ހާސްވެ ކަންބޮޑު ވެއްޖެއެވެ. އޭނާއަށް އެހެން ނުހަދާ ދޫކޮށްލުމަށް ބުނެ އާދޭސްކުރަމުން އޭނާ އަކީ ރައްޒާގުގެ ކާކުކަން ހަނދާން ކޮށްދި ނެވެ. އޭރު ނަރުގިސްގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. ރުއިމުގެ އަޑު މަޑުމަޑުން ފާޅުވާން ފެށިއެވެ.
ނަރުގިސްގެ އެއްވެސް އާދޭހަކަށް ރުއިމަކަށް ނަރުގަސް ހަދަމުންދިޔަ ގަދަހެދުމަކަށް ރައްޒާގު އެއްވެސް ސަމާލުކަމެއް ނުދިނެވެ. އޭނާއަށް ލިބިފައިވާ އާރާއި ބާރާއި ބޭނުންކޮށް ސިކުނޑިއަށް ވެރިވެފައިވާސައިތާނީ ފެންބުއިމުގެ ކަރުހިއްކުން ފިލުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
ކުއްލިއަކަށް ކަހަލަގޮތަކަށް އޭނާގެ ގައިމަތިން ބެޑްޝީޓް ނެގުމާއެކުހެން ނަރުގިސް ދިޔައީ ސިއްސައިގެންނެވެ. ހަދާނެ ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހުނުހެން ވެސް ހީވިއެވެ. ހަމައެެހެންމެ ރައްޒާގު މިކަމަށް ތައްޔާރުވެފައިވާވަރު ވިސްނުނެވެ.
ރައްޒާގު ހުރިގޮތް ފެނުމާއެކު އޭނާ އެހުރީ މާކުރިއްސުރެ މިކަމަށް ތައްޔާރުވެގެންކަން ނަރުގިސްއަށް ޔަގީންވިއެވެ. އެއާއެކެހެން ސަލާމަތަށްޓަކައި އޭނާ ކުރަމުންދިޔަ އާދޭހާއި ރުއިމުގެ އަޑު ކުރިޔަށްވުރެ ބާރުވެގެން ދިޔައެވެ. އަދި މަސައްކަތްތައް އިތުރު ކޮށްލިއެވެ. އެހެނަސް ނަރުގިސްގެ އަޑުއަހާކަށް އެކަމަށް އެހީވާކަށް އެހިސާބުގައި އެއްވެސް މީހަކު ނެތެވެ.
ކުޑަވަގުތުކޮޅަކަށް ވާރޭ ތުނިކޮށްލި ނަމަވެސް އެގޮތުގައި މާގިނައިރެއް ނުވިއެވެ. ބޯކޮށްލި ވާރޭއާއެކު ވައިގަދަވެ ވިދާ ގުގުރުން އިތުރުވެގެން ދިޔައެވެ.
ޖާނުންބޮޑު ވަރުގަދަ ހަށިގަނޑެއް ލިބިފައިވާ ރައްޒާގުގެ ކުރިމަތީގައި ނަރުގިސް އަކަށް އެއްވެސް ކަމެއް ނުކުރެވުނެވެ. އޭނާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ދެގަޑިއެއްހާއިރު ނަރުގިސް ބެހެއްޓިއިރު، ނަރުގިސްގެ ހުރިހާ އުފަލަކާއި ހިތްހަމަ ޖެހުމެއް އަދި އިއްޒަތާއި އަބުރު ވެއްޔާއި މޮޑެވި ހިނގައްޖެއެވެ.
މާލޭއަށް ލައްވާލާފައިވާ ކޮޅިގަނޑަށްވުރެ ވަރުގަދަ ކޮޅިގަނޑެއް ލައްވާލާ ހަތަރުއުދަރެސް ފެނުޖެހިފައިވާ ފަދަ ހާލެއްގައި ހުރި ނަރުގިސް އެގެއިން ނުކުތްއިރު ވެސް މާލެއަށް ލައްވާލާފައިވާ ކޮޅިގަނޑަށް ނިމުމެއް ނާދެއެވެ. ކުރަމުންދިޔަ ވިއްސާރައަށް އެއްވެސް ސަމާލުކަމެއް ނުދީ، ޗާބީދީފައިވާ ބުދެއްފަދައިން ނުހަނު މަޑުމަޑުން ހިނގަމުންދިޔަ ނަރުގިސްގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. ކުރަމުންދިޔަ ވިއްސާރައިގެ އަސަރު އޭނާއަށް ނުކުރާ ކަހަލައެވެ.
ނަރުގިސް ގޮސް ގެއަށް ވަތްއިރު ގޭތެރޭން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޭރު ވެސް ނަރުގިސްގެ ލޮލުން ހޯސްލާފައި ކަރުނަ އޮހޮރެމުން ދިޔައެވެ.
ވަގުތުތައް މާޒީއާއެކުވަމުން ދިޔައިރު ނަރުގިސްއަށް ލިބެމުންދިޔަ ހިތާމަތަކާއި ހިތްދަތިކަން ފަހަރަަކަށްވުރެ ފަހަރެއް އިތުރުވަމުން ދިޔައެވެ. އެކަމުގެ ސަބަބުން އޭނާގެ ކެއިން ބުއިމަށް ބަދަލުއަންނަމުން ދިޔައިރު ކޯހަށް ދެމުންދިޔަ ސަމާލުކަން ކުޑަވަމުން ދިޔައެވެ. އަމްދާން އާ ވާހަކަދެއްކުން މަދުވަމުން އަމްދާންގެ ފޯނަށް ސަމާލުކަން ދިނުން ކުޑަވަމުން ދިޔައެވެ.
ނަރުގިސް ލިޔެފައިވާ ލިޔުމެއްކަމަށް ބުނާ އެލިޔުން ކިޔާ ނިމުނުއިރު އަމްދާންގެ ދެލޮލުން ކަރުނަ ހިލިއްޖެއެވެ. އެހެނަސް އެކަމުގައި ހޭދަވެގެން ދިޔައީ މަދު ސިކުންތުކޮޅެކެވެ. އަމްދާންގެ މޫނުމަތިން ފާޅުވި ހިތާމަައާއި ހިތްދަތިކަމުގެ އަސަރުތައް ފިލައި ރުޅިއާއި ނަފްރަތުގެ އަސަރުތައް ފާޅުވާން ފެށިއެވެ.
މިކަމާގުޅިގެން ދެން ކަންތައް ކުރާންވީ ގޮތާބެހޭގޮތުން އަމްދާނާއި ސީދީ އަދި މަރިޔަންދީ ވާހަކަދައްކާ މަޝްވަރާކުރާން ތިބީ ސީދީމެން ގޭގައެވެ.
އަމްދާންމެން ވާހަކަ ދައްކާ މަޝްވަރާކުރި ފަދައިން ފުލުހުންނާއި ގުޅިގެން އެމައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހަމަ ޖެހޭތޯ އަމްދާން މަސައްކަތް ކުރަމުން ދިޔައެވެ. އަމްދާންމެން އެދުނު އެދުމާއި އެއްގޮތަށް ޕޮލިހުން އެބޭކަލުންގެ މަސައްކަތް ފަށައި ގެން ކުރިޔަށް ދިޔައިރު އެކަމުގައި އަމްދާންމެންގެ ފަރާތުން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދެމުން ދިޔައެވެ.
ސުޖީތާގެ ބޭސްފަރުވާގެ ކަންތައް ނިންމާލުމަށްފަހު ރައްޒާގާއި ސުޖީތާ މާލެއައި ދުވަހު، ކޯޓަށް ހާޒިރުވުމަށް ރައްޒާގަށް އައި ޗިޓު ފެނުމާއެކު އޭނާގެ މޫނުމަތިން ހައިރާންކަން ފާޅުވެގެން ދިޔައެވެ. ޖަވާބުދޭން ދަތިވި އެތައްސުވާލެއް އެއްފަހަރާ ހިތުގައި އުފެދުނެވެ. އެހެނަސް އޭނާ ހަމައަކަށް އެޅޭކަށް މާގިނަ އިރެއް ނުނެގިއެވެ.
އަމްދާންގެ ލަފަޔާއި މަޝްވަރާގެ އިތުރުން އޭނާގެ އެހީތެރިކަމާއެކު، ރައްޒާގުގެ މައްޗަށް ތުހުމަތުކޮށް ސީދީމެން ކުރަމުން ދިޔަ ދަޢުވާއިން ރައްޒާގު ސަލާމަތްވިއެވެ.
ރައްޒާގު ދިރިއުޅުނު ކަމަށް ބުނާ ކޮޓަރި ތެރޭން ފެނުނު ކަންފަތުލާ އެއްޗާއި ކޮންޕިއުޓަރުން ފެނުނު ލިޔުމަކީ އޭގެ ސަބަބުން ސަރީއަތަށް އެހީތެރިވެވޭ ފަދަ އެއްޗަކަށް ނުވިއެވެ. ހަމައެހެންމެ އެކަމާބެހޭގޮތުން ކިތަންމެ ވާހަކައެއް ދައްކަމުން ދިޔަ ނަމަވެސް އެކަން ސާބިތުވާވަރުގެ ހެއްކެއް ނުދެއްކުނެވެ.
ޖެހުނު ވަރުގަދަ ކޮޅިގަނޑުން ނަރުގިސްގެ މުޅި ދިރިއުޅުން ބަނަވެ އަބަދުގެ އަބަދަށް ނެތި ދިޔައިރު އެކޮޅިގަނޑުގެ އެއްވެސް އަސަރެއް ރައްޒާގަށް ކުރިމައްޗެއް ނުވިއެވެ. ކޮޅިގަނޑުން ސަލާމަތްެވެގެން ރައްޒާގު ކޯޓުން ނުކުތްއިރު އޭނާގެ މޫނު މަތިން ފެންނަމުންދަނީ އުފަލާއި ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ. ހިނިތުންވުމުގެ ކުލަވަރެވެ.
މިއަދު އެކޮޅިގަނޑުން ސަލާމަތްވެގެން ރައްޒާގު ކޯޓުން ނުކުތްއިރު އޭނާގެ ފަރާތުން މާދަމާ އެހެން މީހަކަށް ކޮޅުގަނޑެއް ދިމާނުވާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.
ނިމުނީ
2 Comments!
Comments are closed.
ހާދަ ކަޑަކޮށް ތި ނިންމާލީ
ނޫނޭ. ވަރަށް ސަޅި. މިއީ މަދުން ނަމަވެސް ކަން ހިނގާގޮތް