ފެނުގެ ކުލައިގައި ފިލައި ދިޔަ ހުވަފެން (ފަހުބައި)
އެވަގުތު އޭނާއަށް ހޮސްޕިޓަލުން ފޯނުކޯލެއް އައެވެ. އޭނާ އެ ފޯނުކޯލަށް ޖަވާބު ދިނީ އެއީ އޭނާގެ ހިތްދަތިކަން ލުއިކޮށްދޭނެ ކޯލެއް ކަމަށް ހީކޮށެވެ. “އައްސަލާމުޢަލައިކުމް، ތިއީ ޒާއިމްތޯ؟”.”އާދެ ކިހިނެއްތޯވީ.” ދެން އިވިގެން ދިޔަ ޖުމްލައިން ހީވީ ޒާއިމްގެ ފައިދަށުން ބިންގަނޑު ދަމައިގަތް ހެންނެވެ. “ސިޔާނާ މިދުނިޔެއާއި ވަކިވެއްޖެ.” ޒާއިމްއަށް މި ޖުމްލަ އިވުމުން ކޮޅަށް ހުންނާނެ ހިތްވަރެއްވެސް ނުލިބުނެވެ. އެހެންކަމުން ކައިރީގައި ހުރި ގޮނޑީގައި އިށީންދެ، މޫނުގައި އަތްއަޅައިގެން އިނދެ ބާރަށް ރޮއިގަނެވުނެވެ. ވާނީވެސް އެހެންތާއެވެ. ތިމާ އެންމެ ލޯބިވާ އަނބިމީހާއާއި ހުރި ހަމައެކަނި ދަރިފުޅު މިދުނިޔެއާއި ވަކިވެގެންދާތަން ބަލަން ކެތްކުރެވޭނީ ކާކަށް ހެއްޔެވެ؟. އޭނާއަށް މިލިބެނީ ކޮން ކުށެއްގެ ސަޒާ ހެއްޔެވެ؟. ސުވާލަކަށްފަހު ސުވާލެއް އޭނާގެ ސިކުނޑިއަށްވަދެ ހައިޖާނުހަދަމުން ދިޔައެވެ. ނަމަވެސް މާތްﷲ މެދުވެރިކުރައްވާ މިންވަރަށް ނޫނެކޭ ބުނެ، ދެކޮޅު ހެދޭނެ މަޚުލޫޤެއް ނުހުންނާނެކަން ޔަޤީނެވެ. އެހެންކަމުން، ކެތްތެރިވުން ނޫން އެހެންގޮތެއް ޒާއިމްއަކަށް ނެތެވެ. ސިކުނޑިއަށް ވެރިވަމުންދިޔަ ސުވާލުތަށް އެއްފަރާތްކޮށް އަވަހަށް ސިޔާނާ ބާއްވާފައި އޮތް ކޮޓަރިއަށް ދާން ޒާއިމް ދުއްވައިގަތެވެ. ލޯބިވާ އަނބިމީހާގެ ފުރާނަނެތް މަސްގަނޑު ފެނުމާއިއެކު، ޒާއިމްގެ ކޯތާފްމަތިން ހޯސްލަފައި ކަރުނަ ފައިބަންފެށިއެވެ. އެވަގުތު، ބޭއިޚްތިޔާރުގައި ސިޔާނާގެ ގައި މައްޗަށް ވެއްޓިއޮވެ އަޑުން އަޑުނަގައި ރޮވެންފެށިއެވެ. ދުރުގައި މަންޒަރު ބަލަން ހުރި ޒައިޝަން އައިސް އޭނާގެ ބޭބެ ދުރުކުރުވިއެވެ. ކޮންމެއަކަސް ވަޤުތު ފާއިތުވަމުންގޮސް ވިޝާލްއާއި، ސިޔާނާގެ ކަށުކަމާކެމީގެ ކަންތައް ނިންމާ ޒާއިމް ގެއަށްދިޔައެވެ.
ގެއަށްގޮސް ވަދެލުމާއެކު، ގޭތެރެއިން ފަޅުކަމާއި ހިތްދަތިކަން އިހުސާސްކުރެވެއެވެ. އެންމެ ފުރަތަމަވެސް ޒާއިމްވަނީ ވިޝާލްގެ ކޮޓަރިއަށެވެ. އޭރުވެސް ޒާއިމްގެ ކުރިމަތީގައި މިއަދު ހިނގައިދިޔަ ހާދިސާ ސިފަވަމުންދިޔައެވެ. އެކި ޚިޔާލުތަކުގައިހުރެ އޭނާ ކޮޓަރީގެ އެތަން މިތަނުގައި އެނބުރެމުންދަނިކޮށް ކުއްލިއަކަށް އޭނާ ހުއްޓުން އެރީ އެންދުމަތީގައި އޮތް ސިޓީއުރައެއް ފެނުމުންނެވެ. ތަންކޮޅެއް ކައިރިއަށްގޮސް އެއީ ކޯއްޗެއްތޯ ބަލާލަން އޭތި ހުޅުވާލިއެވެ. އެވަގުތު އޭނާ އިތުރަށް ޝައުޤުވެރިވީ “ލޯބިވާ މަންމަ އާއި ބައްޕައަށް” ލިޔެފައި އޮތުމުންނެވެ. އެހެންކަމުން ރަނގަޅަށް ހުޅުވައި އޭގައި އޮތް ލިޔުން ކިޔާލިއެވެ. “ލޯބިވާ މަންމަ އާއި ބައްޕައަށް. އަޅުގަނޑު މި ދުނިޔެއާ ވަކިވެގެންދާއިރު، މަންމަ އާއި ބައްޕަ ގާތު ބުނެލަން ބޭނުންވާ އެތައް ވާހަކަތަކެއް އެބަހުއްޓެވެ. އެގޮތުން އެންމެ ފުރަތަމަވެސް ބުނެލަން ބޭނުންވަނީ، މަންމަ އާއި ބައްޕަގެ އުއްމީދުތަކާ އެއްގޮތަށް ދިރިއުޅެވިފައި ނުވާތީ ވަރަށް ބޮޑަށް މަޢާފަށް އެދޭ ވާހަކައެވެ. މަންމައާއި ބައްޕަ އަޅުގަނޑަށްޓަކައި ކުރެއްވި ހުރިހާ ޤުރުބާނީތަކެއް އަޅުގަނޑަށް އެނގެއެވެ. އެހެންނަމަވެސް، އަޅުގަނޑުގެ ހިތުގައި އުފެދުނު ލޯތްބެއްގެ ސަބަބުން ދިމާވި ހިތާމައަކުން އަރައިނުގަނެވި، މި ނިންމި ނިންމުމަށް އާދެވުނީއެވެ. މި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫންކަމާއި އަދި މިކަމުން މަންމައާއި ބައްޕަ ލިބޭނެ ވޭނާއި ހިތާމަ ވަޒަންނުކުރެވޭހާ ބޮޑުކަންވެސް އެނގެއެވެ. އެހެންނަމަވެސް، މި ވަގުތު އަޅުގަނޑަށް ފެންނަނީ މިއީ ހަމައެކަނި މަގުކަމަށެވެ. ލޯބިވާ މަންމާއާއި ބައްޕާއެވެ. އަޅުގަނޑު މަންމައާއި ބައްޕަދެކެ ވަރަށް ބޮޑަށް ލޯބިވާ ވާހަކަ ބުނަމެވެ. އަދި މަންމަ އާއި ބައްޕަ ދެއްވި ލޯބި، އަޅުގަނޑަށް އަގު ނުކުރެވޭހާ ބޮޑުކަން ޔަޤީނެވެ. އަޅުގަނޑުގެ މި ޢަމަލުން މަންމަ އާއި ބައްޕައަށް ލިބޭ ހިތާމައަށް އެދެނީ ކުޑަމިނުން ނަމަވެސް ކެތްތެރިވުމަށެވެ. ވަކިވެލާނަމެވެ.” މި ސިޓީގައިވާ ކޮންމެ ބަހަކީވެސް ޒާއިމްގެ ހިތަށް ހަރާލެވުނު ހަންޖަރުތަކެއް ފަދައިން ތޫނު އަދި ވޭންދެނިވި އިހުސާސްތަކެއް ގެނުވި ބަސްތަކެއް ކަމުގައި ވެގެންދިޔައެވެ. ނަމަވެސް ދެން ކުރެވޭނެ އެއްވެސް ކަމެއް ނެތްކަން ވިސްނުނެވެ.
ހިތްދަތިކަމާއި، އެކަނިވެރިކަން އިހުސާސްކުރެވެމުންދިޔަ ޒާއިމްއަށް ދެންކުރާނީ ކީއް ކަމެއް ނުވިސްނުނެވެ. އެހެންކަމުން އެންދުގައި ހަމަޖެހިިލައިގެން އޮށޯވެ، ވިސްނަންފެށިއެވެ. ނަމަވެސް ޚިޔާލަށް އަންނަމުން ދަނީ މާޒީގެ ފޮނި ހަނދާންތަކެވެ. ވަށައިގެންވާ މާހައުލުގެ ހަމަހިމޭންކަން އިންތިހާއެވެ. އެނދުގައި ދެކޮޅަށް ފުރޮޅި ފުރޮޅި އޮތް ޒާއިމްއަށް ކުއްލިއަކަށް ތެދުވެވުނީ ރަށަށްދާ ޚިޔާލު އައުމުންނެވެ. އަނބިދަރީންނާއި ނުލައި މާލޭގައި އޭނާ ކުރާނީ ވަކި ކީއްހެއްޔެވެ؟. އެހެންކަމުން އަވަހަށް ތެދުވެ ދަބަހަށް އަންނައުނު އަޅައި ތައްޔާރުކުރިއެވެ. އަދި ހަމައެހެންމެ، އެންމެ އަވަހަށް ހދ.ކުޅުދުއްފުއްޓަށްދާ ދޯންޏަކުން ރަށަށް ދާން ނިންމިއެވެ. މިއަދުވެގެން ދިޔަ ކަންތައްތަކަކީ އޭނާގެ ހިތުން ދުވަހަކުވެސް ފިލައިގެންދާނެ ކަންތައްތަކެއްނޫންކަން ޔަޤީނެވެ. މުޅި ދިރިއުޅުން ޚަރާބުވެފައިވާ ހާލު، އޭނާ ރަށަށް ދިޔައީ، ދިރިއުޅުމުގެ މުޅިން އާ ސަފްޙާތަކެއް ހުޅުވާލުމުގެ އުންމީދުގައެވެ.
- – ނިމުނީ –
2 Comments!
Comments are closed.


U finished the story?????
Very nice hope to see you’re stories very soon!!!!
yess mee emme fahu part mi story ge. Insha’Allah vrh avahah ehen story eh upload koh dheynan