ކޮޅިގަނޑު
ފެށުން
ކައިވެނިކުރާން ހަމަޖެހިފައިވާ ދުވަސް ކައިިރިވަމުން ދިޔައިރު ނަރުގިސް އާއި އަމްދާންގެ މޫނުމަތިން ފާޅުވަމުން ދިޔަ އުފަލާއި ހިތްހަމަޖެހުން އިތުރުވަމުން ދިޔައެވެ. ހިނިތުންވުމުގެ ކުލަވަރު ގަދަވަމުން ދިޔައެވެ.
ނަރުގިސް އާއި އަމްދާންގެ ލޯބީގެ ގުޅުމަކީ ދެޢާއިލާއިން ވެސް ނުހަނު ހިތްހަމަޖެހޭ ގުޅުމަކަށް ވާކަމީ ދެ ލޯބި ވެރިންގެ ހިތްހަމަޖެހުން އިތުރުވެގެން ގޮސްފައިވާ ކަމެކެވެ.
ނަރުގިސް އާއި އަމްދާންގެ ލޯބީގެ ބައްދަލުވުންތައް އާންމުކޮށް ބާއްވަމުންދަނީ ނަރުގިސްމެން ގޭގައި ކަމަށްވާތީ ވަރަށް ގިނައިން ނަރުގިސްގެ މަންމަ މަރިޔަންދީ އާއި ބައްޕަ ސީދީއާ ބައްދަލުވެއެވެ. ހަމައެހެންމެ ކޮންމެވެސް ވަރަކަށް ވާހަކަތައް ދެކެވެއެވެ.
އަމްދާންގެ މަންމަ ސުޖީތާ މާބޮޑަށް ބަލިވެގެން ރާއްޖޭން ބޭރަށް ދާންޖެހިގެން އަމްދާން އާއި ސުޖީތާ ރާއްޖޭން ބޭރަށް ހިނގައްޖެއެވެ.
ދެގައުމެއްގައި ތިބި ނަމަވެސް ނަރުގިސް އާއި އަމްދާންގެ މެދުގައިވާ ގުޅުމަކަށް އެއްވެސް ހީނަރުކަމެއް ނާދެ އެވެ. ހަމައެހެންމެ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ބައްދަލުވުންތައް ބާއްވަމުން ހުވަފެނީ ގަނޑުވަރުތައް ބިނާކުރަމުން ދިޔައެވެ.
އަމްދާން އިންޑިޔާއަށް ދިޔަތާ ހަފްތާއެއްހާ ދުވަސް ފަހެވެ. އަމްދާން ފޯނުކުރުމުން ފޯނަށް ޖަވާބު ނުދިނުމާއި ފޯނަށް ޖަވާބުދޭ ފަހަރަކު ވެސް ވާހަކަ ދެއްކުމަށް މާބޮޑު ސަމާލުކަމެއް ނުދޭކަން އަމްދާނަށް ފާހަގަވާން ފެށިއެވެ. ހަމައެހެންމެ ނަރުގިސް އަށް ބަދަލެއް އަންނަކަން ފާހަގަކުރެވޭން ފެށިއެވެ. އެހެނަސް އެއިން އެއްވެސް ސުވާލަކަށް ޖަވާބުދޭކަށް ނަރުގިސް ބޭނުމެއް ނުވެއެވެ. އެކަންކަމަށް އޭނާ ސަމާލުކަމެއް ވެސް ނުދެއެވެ.
އިރުގެ ދައުރުވުމާއެކު ވަގުތުތައް ފާއިތުވަމުން އައިސް އިރުއޮއްސުނުއިރު ވެސް މާލޭގެ މަގުތަކުން ފެންނަމުންދިޔަ ހަލަބޮލިކަމަށް މާބޮޑު ބަދަލެއް ނާދެއެވެ. ދުއްވާތަކެއްޗާއި މީހުން އެމީހުންގެ މަންޒިލްތަކާއިގެން މަގުތަކުގައި ހަރަކާތްތެރިވަމުން ދިޔައެވެ.
ވަގުތުތައް ފާއިތުވަމުން އައިސް މެންދަމު ބާރަޖަހާކަން ހާއިރެވެ. ކޮންޕިއުޓަރު ކައިރީގައި އިންއިރު ނަރުގިސްގެ ލޮލުން އޮހޮރެމުންދިޔަ ކަރުނައަށް މާބޮޑު ބަދަލެއް ނައި ނަމަވެސް އޮހޮރޭ ކަރުނަ ފަހަރަކަށްވުރެ ފަހަރެއް އިތުރުވަމުން ދިޔައެވެ.
ކޮންޕިއުޓަރ ކައިރީގައި އިން ނަރުގިސް ކޮންޕިއުޓަރ ނިވާލަމުން ކޮޅަށް ތެދުވިއިރު ރުއިމާއި ގިސްލުމުގެއަޑު ފަޅައިގެން ހިނގައްޖެއެވެ. އެހެނަސް އޭނާގެ އަޑު އެހެންމީހަކަށް އިވުނާއި ނުދިނުމަށްޓަކައި އަނގަމަތީގައި އަތްއަޅަމުން ދުވެފައި ކަހަލަ ގޮތަކަށް ބެލްކަންޏަށް ނުކުތް، ނަރުގިސްގ ެފައި ކަހާލައިގެން ގޮސް އެތާހުރި މޭޒެއްގަ ޖެހިފަ ނަރުގިސް ވިއްސައިގެން ކަހަލަ ގޮތަކަށް ބެލްކަނިން ބޭރަށް ހިނގައްޖެއެވެ.
ސަލާމަތަށް އެދި ރޮއިގަންނަމުން ނަރުގިސް ލަވައިގަތް ހެޅޭކުގެއަޑު އެއްވެސް މީހަކަށް އިވުމުގެ ކުރިން ޖައްވުގެ ތެރެއަށް އޮބިގެން ހިނގައްޖެއެވެ.
ނުހަނު އަރާމުގައި ނިދާލާފައިތިބި ސީދީ އާއި މަރިޔަންދީއަށް ހޭލެވުނީ ކޮންމެވެސް ބަޔަކު އެގޭ ދޮރުގައި ތަޅަމުން ގޮވާ އަޑަށެވެ. އޭރު އެމީހުން ކޮންމެވެސް ވާހަކަތަކެއް ދައްކަމުންދާ އަޑު ވެސް އިވެމުން ދިޔައެވެ.
މިހާ ދަންގަޑިއެއްގައި އެފަދަގޮތަކަށް ބަޔަކު އައިސް ގޮވުމުން ވީ ހައިރާނާ އެކުހެން ކޮންބައެއްކަން ނޭނގޭތީ ކޮންމެ ވެސް ވަރަކަށް ނުތަނަވަސް ވެސް ވިއެވެ.
މިގޭ އަންހެން ކުއްޖަކު ބެލްކަނިން ވެއްޓި މަރުވެއްޖެކަމަށް އެތަނުން މީހަކު ގޮވާލުމާއެކުހެން މަރިޔަންދީއަށް ރޮއިގަނެ ވިއްޖެއެވެ. ސީދީ އަވަސް އަވަހަށް ދޮރުހުޅުވާލަމުން ބޭރަށް ނުކުތްއިރު ދޮރުރޯށިކައިރީގައި ފުލުހުންގެ ދެބޭކަލަކާއި އާންމުންގެ ހައެއްކަ މީހުން ތިއްބެވެ. އޭރު އެއެންމެންގެ މޫނުމަތިން ވެސް ފާޅުވަމުންދަނީ ހިތާމައާއި ކަންބޮޑުވުމުގެ އަސަރުތަކެވެ.
ނަރުގިސްގެ މަރުގެ މައްސަލަ ކަމާބެހޭފަރާތްތަކުން ބަލަމުން ދިޔައިރު އޭނާ ވަޅުލުމުގެ މަސައްްކަތް ޢާއިލާގެ ފަރާތުން ކުރަމުން ދިޔައެވެ.
އެންމެންގެ ހިތުގައި އެއްފަހަރާ އެތައް ސުވާލެއް އުފެދުނު އިރު އެއިން އެއްވެސް ސުވާލަކަށް ޖަވާބު ލިބޭނޭ މަގެއް އަދި އަދަށް ދާންދެން ވެސް ނުފެނެއެވެ.
ހޮސްޕިޓަލްގައި އެނދުމަތި ކުރެވި ފަރުވާދެމުންދިޔަ މަރިޔަންދީ އަށާއި ނަރުގިސް ވަޅުލުމުގެ ކަންތަކުގައި ހަރަކާތްތެރި ވަމުންދިޔަ ސީދީއަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމުގައި އެދެމަފިރިންގެ ރައްޓެހިންނާއި ޢާއިލާމީހުން ހަރަކާތްތެރިވަމުން ދިޔަ އެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަމުންދަނީ ހިތާމަ އާއި ހިތްދަތިކަމުގެ އަސަރުތަކެވެ.
ނަރުގިސްގެ މަރުގެ ޚަބަރު ލިބުމާއެކުހެން އަންދާން އަވަސްވެގަތީ ރާއްޖެ އަންނާށެވެ. އެމަރުގެ ސަބަބުން އޭނާއަށް ލިބުނު ހިތާމައާއި ހިތްދަތިކަމުގައި އަތުން ފައިން ގޯހެއް ނުހެދުނީ އޭނާގެ މަންމަ ސުޖީތާ އޭނާގެގާތުގައި ހުރުމުންކަން ޔަގީނެވެ. ހަމައެހެންމެ ސުޖީތާ ދިން ހެޔޮނަސޭހަތާއި ވިސްނައިދިން ވިސްނައި ދިނުމުގެ ސަބަބުންކަން ވެސް ޔަގީނެވެ. ސުޖީތާގެ ލަފަޔާއި މަަޝްވަރައާއެކު އަމްދާން އަވަސްވެގަތީ ރާއްޖެދާށެވެ. އެހެންވެ އެކަމާބެހޭގޮތުން ރައްޒާގާ ވެސް ވާހަކަ ދެއްކިއެވެ.
ރައްޒާގުގެ އެހީތެރިކަމާއެކު އެދުވަހުގެ މެންދުރެއްކަންހާއިރު އަމްދާން މާލެ އައިއިރު މެންދުރުފަހު ފުލައިޓުން ރައްޒާގު ފުރައިގެން ސުޖީތާގާތަށް ބޭރަށް ހިނގައްޖެއެވެ.
ނަރުގިސްެގެ މަރާބެހޭގޮތުން ފުލުހުން ހޯދި ހޯދުމުން އެނގި ޔަގީންވީ، ނަރުގިސް އަމިއްލައަށް ކުރިކަމަކުން އެތަނުން ކަހާލައިގެން ކަހަލަގޮތަކަށް ވެއްޓި މަރުވީކަމެވެ.
ނަރުގިސްގެ މަރާއެކު އަމްދާންގެ ދިރިއުޅުން ހުއްޓުނު ކަހަލައެވެ. ކެއިިން ބުއިމާއި ދުރުވެ އެކަނި މާއެކަނި ކޮޓަރީގައި ވަގުތުތައް ހޭދަކުރުން އިތުރުވަމުން ދިޔައެވެ. ރައްޓެހިންނާއި އެކުގައި ކޮފީއަށާއި ތަންތަނަށް ދިއުމަކީ މީގެ ކުރީގައި އޭނާ ދުވަހަކު ވެސް ކުރި ކަމެއްހެން ހީވެސް ނުވަހާ ދުރަށް ހިނގައްޖެއެވެ.
ބޭސްފަރުވާ ކުރުމަށްޓަކައި މަހެއްހާ ދުވަހު އިންޑިޔާގައި ތިބުމަށްފަހު ސުޖީތާއާ ރައްރާގު މާލެ އަންނަ ޚަބަރު ލިބުމުން އަމްދާން އަވަސްވެގަތީ ގޭތެރެއާއި ކޮޓަރިތައް ސާފު ކުރާށެވެ. ވޭތުވެދިޔަ ވިއްސަކަށްދުވަހު އެއިން އެއްވެސް ތަނެއް ސާފުކޮށްފައި ނުވާތީ އާއި އެގޮތަށް ގޭތެރެ އޮވެއްޖެނަމަ ސުޖީތާ ހިތްހަމަ ނުޖެހޭނެކަން އަމްދާނަށް ޔަގީންވެއެވެ.
ގޭތެރެއާއި އޭނާގެ ކޮޓަރި ސާފުކޮށް ނިންމާލުމަށްފަހު ސުޖީތާއާއި ރައްޒާގުގެ ކޮޓަރި ސާފުކުރުމާއިގެން އަމްދާން އުޅެ މުން ދިޔައެވެ. އެގޮތުގައި މަސައްކަތް ކުރަމުން ދިޔަ އަމްދާންގެ ހަރަކާތްތަކަށް ހުއްޓުން އައިސް ހިލައިގެ ބުދެއް ފަދައިން ހުއްޓި ޖެހުނީ ސައިޑްޓޭބަލް ދަށުން ފެނުނު ކަންފަތުލާ އެހާ އެކުގައެވެ.
އެއާއެކުހެން އަމްދާންގެ ކުރިމަތީގައި ސިފަވެގެން ދިޔައީ ނަރުގިސްގެ އުފަންދުވަހެވެ. އެއީ މީގެ ދޮޅުމަހެއްހާ ދުވަސް ކުރިއެވެ. އެރޭ މެރީބުރައުންގައި ތިބެގެން އަމްދާންގެ އަތުން ނަރުގިސްގެ ކަންފަތުގައި ހަރުކޮށްދިން އެ އެސް މިތަނުން ފެނުމުން އަމްދާނަށް ލިބުނު ހައިރާންކަމާއި ނުތަނަވަސްކަމާ އެކުހެން އެއްފަހަރާ އެތައް ސުވާލެއް ވެސް އުފެދިގެން ދިޔައެވެ.
މީގެކުރިން ދުވަހަކު ވެސް ނަރުގިސް އެކޮޓަރިއަށް ވަދެފައި ނުވި ނަމަވެސް އެކޮޓަރިތެރޭން ފެންނާން އެއޮތީ ނަރުގިސްގެ ކަންފަތުގައި އޭނާ ހަރުކޮށްދިން އެސް ކަން އަމްދާނަށް ޔަގީންވެއެވެ. އެހެންވެ އޭނާގެ ހިތުގައި އުފެދެމުން ދިޔަ ސުވާލުތައް ގިނަ ވަމުން ސިކުނޑިއަށް ބާރު ބޮޑުވަމުން ދިޔައެވެ.
ހަދާނެގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައިވާ ފަދައަކުން އެސް ހިފައިގެން ފާރުބުޑަށް ޖެހިފައި އިން އަމްދާން ސިއްސައިގެން ދިޔައީ އޭނާގެ ޖީބުގައި އޮތް މޯބައިލްފޯން ރިންގްވާން ފެށުމުންނެވެ.
އަވަސް އަވަހަށް ފޯނު ނަގަމުން ބަލާލިއިރު އޭނާއަށް ގުޅަނީ ނުވެސް ދަންނަ ނަންބަރަކުންނެވެ. ކޮންމެވެސް ވަރަކަށް ހައިރާންވެ ސުވާލު އުފެދުނު ނަމަވެސް ފޯނަށް ޖަވާބު ދިނެވެ.
އަމްދާން ފޯނަށް ޖަވާބުދިނުމާއެކުހެން އެކޮޅުން ވާހަކަ ދެއްކީ އަންހެން ކުއްޖެކެވެ. އެކުއްޖާ ބުނި ގޮތުގައި އެތަނަކީ ކޮންޕިއުޓަރ މަރާމާތުކުރާ ތަނެކެވެ. އެކުއްޖާ އިތުރަށް ދެއްކި ވާހަކަތަކުގެ ސަބަބުން އަމްދާނަށް ލިބުނު ހައިރާންކަމުގެ އިތުރުން ކަންބޮޑުވުން އުފެދިގެން ދިޔައެވެ.
ފޯންކަނޑާލުމަށްފަހު ދުވެފައި ކަހަލަގޮތަކަށް އަމްދާން ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އޭރު އޭނާގެ މޫނުމަތިންނާއި ހަރަކާތްތަކުން ފެންނަމުންދަނީ ނުތަނަވަސްކަމާއި ކަންބޮޑުވުމުގެ އަސަރުތަކެވެ.
އަވަސް ހަރަކާތްތަކަކާއެކުގައި ފެންވަރާ ތާހިރުވެލައިގެން އަމްދާން ދިޔައީ އޭނާއަށް ފޯނުކުރި ފިހާރައަށެވެ.
ޖޭޓޫ ކޮންޕިއުޓަރސްއަށް ވަނުމާއެކުހެން އަމްދާންގެ ހައިރާންކަމާއި ކަންބޮޑުވުން އިތުރުވެ އުފެދުނު ސުވާލުތައް ގިނަ ވެގެން ދިޔައެވެ.
އޭރު އެތަނުގައި ތިބި މަރިޔަންދީ އާއި ސީދީގެ މޫނުމަތިން ފާޅުވަމުންދަނީ ނުރުހުމާއި ކަންބޮޑުވުމުގެ އަސަރުތަކެވެ. ހިތްހަމަ ނުޖެހުމުގެ ކުލަވަރެވެ.
ހަދާނެގޮތެއް ނޭނގިފައިހުރި އަމްދާން ސިއްސައިގެން ދިޔައީ އެތަނުގެ މުވައްޒަފަކު އޭނާއާ ވާހަކަ ދެއްކުމުންނެވެ.
އެމުވައްޒަފު އެދުނު ފަދައިން އޭނާ ދެއްކި ކޮންޕިއުޓަރ ކައިރިއަށް ގޮސް ހުއްޓުމާއެކުހެން އެއީ ނަރުގިސް ގެންގުޅުނު ކޮންޕިއުޓަރ ކަން އޭނާއަށް ޔަގީން ވިއެވެ. އެހެންކަމުން އަނެއްކާ ވެސް ސުވާލުތައް އިތުރުވެގެން ދިޔައެވެ.
ކޮންޕިއުޓަރ ހުޅުވާލަމުން އެމުވައްޒަފު ހުޅުވާލި ލިޔުން ފެނުމާއެކުހެން އަމްދާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެއާއެކު އަވަސް އަވަހަށް ކޮންޕިއުޓަރ ސްކްރީނާއި ގާތަށް ޖެހިލަމުން އެލިޔުމަށް ސަމާލުކަން ހުސްކޮށްލިއެވެ.
ހަނދާނުން ފޮހެލަން ދަތިވި ކޮޅިގަނޑެއްފަދަ އެރޭގެ ނަމުގައި ނަރުގިސް ލިޔެފައިވާ އެލިޔުމަކީ ޙަޤީޤީ ހާދިސާއެއް ކަމަށް ވެސް ލިޔެފައިވެއެވެ.
ނުނިމޭ
7 Comments
Comments are closed.
ހީ ވަނީ ޙަޤީޤީ ހާދިސާއެއްހެން
ރީތި ….. އަވަހަށް އަޕް ކުރާނެ ކަމަށް އުންމީދު ކުރަން…..
ސަޅި.. ދެންއޮތްބައި އަވަހަށް ގެނެސްދެއްޗޭ
ވ ސަ؛ޅި
then, rangalhu.
Abadhu “moonu mathin faalhu vany kan bodu vumuge asaru thakekey.”
Mifadha gothakah bunu muge badhalu gai “hamdhaan ge moonah balaali knme meehakah vx ey na ehury kan bodu vefai kan ingeyne eve” mifadha ibaaraatheh beynun kurevidhaane.
Ekamaku vaahaka v reethi. Ibaaraah badhalu kohleema v furihama vaane.