Skip to content
އެސްފިޔަ

ބަދަލު

ނޯޓް : މި ވާހަކައަކީ ހަޤީޤީ ހާދިސާއަށް ބިނާކޮށް ބަދަލުތަކާއި އެކު ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ.

 

ވިއްސާރަ ދުވަހެއްކަމުން މަގުމަތި އެއްކޮށްވަނީ ފެންބޮނޑުވެފައެވެ. ހީކަރުވާ ފަދަ ފިނިވަޔެއް ޖެހެމުންދިޔައެވެ. ގަސްތައް ހީވަނީ ދެންމެ ދެންމެއަކު ވިއްސާލަފާނެ ހެންނެވެ. މަގުމަތިން މަދުމަދުން ކާރާއި ސައިކަލުތައް ފެންނަމުން ދިޔައެވެ. އުޑުމަތިވަނީ ކަޅުކަންގަދަ ބޯ ވިލާ ތަކުން ބައްދާލާފައެވެ. އެ ކަޅުކަންގަދަ ވިލާތަކުގެ ހައްޔަރުގައިވާ ވާރޭގެ ކަނިތައް ބިމަށް ދެންމެ ދެންމެއަކުން ހަމަލާދޭން ފަށާފާނެހެން ހީވެއެވެ. ވައިރޯޅިތަކުން އަންނަން އުޅޭ ތޫފާނުގެ ރަނގަބީލު އަޅަމުން ދިޔައެވެ.

އެކްސްޓްރާ ކްލާސް ނިމުންގޮތަށް އަހަރެން މިހުރީ ބޭރުގައި މަޑުކޮށްލައިގެން މީހަކު ބަލާއާދޭތޯއެވެ. ސްކޫލު ދޮށުގައި ހުންނަތާ ފަނަރަ މިނެޓްވުމުން އަމިއްލައަށް ގެއަށް ދިޔުމަށްޓަކައި ހިނގައިގަތީމެވެ. އަހަރެންގެ ގަތާފައިވާ ދިގު އިސްތަށިގަނޑު ދިޔައީ ވަޔާއެކު ނަށަމުންނެވެ. ނިތްމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅުތައްވެސް ނުކިޔަމަންތެރިކަމާއެކު އަހަރެންގެ ލޮލަށް އެޅެމުންދިޔައެވެ. އިސްޖަހައިގެން ހުރެ ހިނގަމުން ދިޔަ ވަގުތު އަހަރެންނަށް ސިހުމެއް ލިބުނީ ގާތުގައި މަޑުކޮށްލި ޓެކްސީގެ ސަބަބުންނެވެ. ޓެކްސީ ޑްރައިވަރު ހިތްހެޔޮ ހިނިތުންވުމަކާއިއެކު ޓެކްސީއަށް އެރުމަށް ބުންޏެވެ. އަހަރެން އަވަހަށް ގެއަށް ދާންބޭނުންވެފައި ހުރުމާއި އެކު ޓެކްސީގެ ފަހަތު ސީޓަށްއަރައި އިށީނީމެވެ. އަދި ޑްރައިވަރަށް ޝުކުރުއަދާކުރީމެވެ. އަހަރެންނަށް ނޭނގުނު ކަމަކީ އެއީ އަހަރެންގެ ހަޔާތް އަމިއްލައަށް ބަރުބާދު ކުރުމަށް އެޅުނު ކަތި ފިޔަވަޅެއް ކަމެވެ.

މިއީ އަހަރެން އަމިއްލައަށް ޓެކްސީއަކަށް އެރި ފުރަތަމަ ފަހަރެވެ. އެހެން ޓެކްސީތަކުގެ ޑްރައިވަރުން އަހަރެންނަކާ އެހައި ވާހަކައެއް ނުދައްކާނެއެވެ. އަހަރެން ހީކުރީ އެކަނި އިނުމުން އޭނަ ވާހަކަ ދައްކާލަނީ ކަމަށްށެވެ. އަހަރެންނަކީ އަނގަގަދަ ކުއްޖެއްކަމުން އޭނައާއި ވަރަށް ވާހަކަ ދެއްކީމެވެ. އެގޮތުން އަހަރެންގެ އާއިލާގައި ތިބެނީ ކިތައް މީހުންކަމާއި، ބައްޕަ ކުރާ މަސައްކަތަކީ ކޮބައިތޯ ސުވާލުކުރިއެވެ. އަހަރެންގެ ބައްޕައަކީ އިންޖިނިއަރެކެވެ. އަހަރެން އޭނަ ކުރާ ސުވާލުތަކަށް ޖަވާބު ދިނީމެވެ.

އެމީހާގެ މޫނަށް ބަލައިލާފައި އެހާ މުސްކުޅި މީހެއްހެން ހިޔެއް ނުވެއެވެ. އަހަރެން ލަފާކުރީ އޭނައަކީ ގާތްގަޑަކަށް ފަންސަވިސް ނޫނީ އަށާވީސް އަހަރުގެ މީހެއް ކަމަށްށެވެ. ލައިގެން ހުރީ ރަތްކުލައިގެ ޓީޝާޓްއަކާއި ކަޅުކުލައިގެ ޖިންސެކެވެ. އޭނާގެ ކަނާތް ބުމަ ކައިރީ ފާހަގަވާވަރުގެ ބޮޑު ކަޅުތިލައެއް އިނެވެ. ތުބުޅި މަތިމަސްހުރީ ތުނިކޮށް ކޮށާލެވިފައެވެ. މޫނުމަތީގައިވާ ހިނިތުންވުމުން އަހަރެންނަށް އޭރު ފެނުނީ ހިތްހެޔޮކަމެވެ.

 

އިރުކޮޅަކުން އިވުނީ ބަނަވެފައިވާ ވިލާތަކުން ފޭބި ވާރޭކަނީގެ ހަމަލާތަކުގެ އަޑުތަކެވެ. އެއާއެކު ތަންތަން އަލިވާވަރަށް ވިދާލިއެވެ. ކަންފަތް ބައްވާހާ ބާރަށް ގުގުރާލިއެވެ. ކާރު ހުއްޓިކަމުގެ އިހްސާސް ކުރެވުމުން ޑްރައިވަރާއި ދިމާލަށް އަހަރެން ބަލައިލީމެވެ. ” މިހާ ވިއްސާރަ އިރު ދެން އިތުރަށް ކުރިއަށް ދެވޭނެހެން ހިޔެއްނުވޭ.. ” އޭނާ އަހަރެންނަށް ބަލައިލަމުން ބުންޏެވެ. މިފަހަރު އޭނާގެ ބެލުމުން އަހަރެންނަށް އުނދަގޫ ކަމެއް އިހްސާސް ކުރެވުނެވެ. މަތިން ތިރިއަށް ބަލައިލުމުން ހީވީ އަހަރެންގެ ހަށިގަނޑު ސްކޭންއެއް ކޮށްލިހެންނެވެ.

” މަންމަމެނާ ގުޅައިލަން ފޯނު ދެވިދާނެތަ؟ ” އަހަރެން އަހައިލީމެވެ. އެއާއެކު އޭނަ ބޯޖަހައިލާފައި ފޯނު ދިނެވެ. އަހަރެން ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު މަންމަގެ ނަންބަރު އެފޯނުގައި ޖަހައިލީމެވެ. އަދި ގުޅާ ފިތައް ފިއްތާލަން އިނގިލި ފޯނުގެ ސްކްރީންގައި ޖައްސާލީމެވެ. އަހަރެން ކުރަން އުޅުނު ކަންތައް ކާމިޔާބު ނުވީ ކުއްލިއަކަށް ޑްރައިވަރު އަހަރެންގެ އަތުން ފޯނު ޖަހައިގަތުމުންނެވެ. ސިހިފައި އަހަރެން އޭނައާ ދިމާލަށް ބަލައިލީމެވެ. އޭނަ ފަހަތު ސީޓަށް ބަދަލުވީ ކޮން އިރަކު ހެއްޔެވެ؟ ނަމަވެސް އަހަރެންގެ ހިތަށް ބިރުވެރިކަން ވަނީ އޭނަ އަހަރެންނަށް ބަލަން ހުރި ގޮތުންނެވެ. ބަޑުހައިވެފައިވާ ސިންގާއަކަށް ޝިކާރަ ފެނުމުން ބަލާހެން އަހަރެންނަށް އޭނަ ބަލަން ހުއްޓެވެ.

އަހަރެން ޓެކްސީގެ ދޮރު ހުޅުވަން އުޅުނީމެވެ. ނަމަވެސް އެ ދޮރުވަނީ އެތެރެއިން ލޮކް ކުރެވިފައެވެ. އޭނަ ކުއްލިއަކަށް އަހަރެންގެ ދެއަތުގައި ހިފައި އަޅަފައި ހުރި ބެލްޓުން އައްސާލިއެވެ. އޭރު އަހަރެން ދިޔައީ ބިރުން ރޮމުންނެވެ. ދޫކޮށްލުމަށް އެދި އާދޭސް ކުރަމުންނެވެ. ނަމަވެސް އެ ނުލަފާ މީހާއަށް އަހަރެންގެ އާދޭސްތައް އަޑު އިވުނުހެނެއް ހިޔެއްނުވިއެވެ. އަހަރެންގެ ރުއިމާއި އާދޭސްތަކުގެ އަޑު ދިޔައީ ވާރޭގެ  އަޑުގެތެރެއަށް ގެބެމުންނެވެ. އަހަރެންގެ އިއްފަތްތެރިކަން އޭނަ ފޭރިގަތީ އެއްވެސް ރަހުމެއް ނެތިއެވެ. ހަލޭއްލަވާލަވާ ކަރަށް ތަދުވެ އަޑެއް ނުނިކުތެވެ. ރޮއެރޮއި ދެލޮލުން ދިލަނަގަންފެށިއެވެ. އަހަރެންގެ ހޭވެރިކަން ހުރީ ކިރިޔާއެވެ.

ދެން އަހަރެންނަށް އިހްސާސްވީ ކާރުގެ ދޮރު ހުޅުވާލުމަށްފަހު އަހަރެންގެ ހަށިގަނޑު ވާރޭގެ ޗަކަ ފެންގަނޑުގައި ޖެހުން އިހްސާސެވެ. އޭނާގެ ބޭނުން ފުދުމުން އަހަރެން ވާރެއަށް ދޫކޮށްލާފަ ފިލީއެވެ. އަހަރެންނަށް ތެދުވެވޭނީ ހަށިގަނޑުގައި ހަކަތަ ކުޑަކޮށްވެސް ހުރި ނަމައެއްނުން ހެއްޔެވެ؟ ވާރޭ ތިކިތަކުގެ ހަމަލާތައް އަހަރެންނަށް އަމާޒުވަމުންދިޔައެވެ. ތުރުތުރު އަޅާ ހާލު އަހަރެންނަށް ދުޢާކޮށްލެވުނީ އަހަރެން ފުރާނަ ހެއްދެވި ފަރާތް ގެންދަވާތޯއެވެ. މަޑުމަޑުން އަހަރެންދެ ލޯމެރެންފެށިއެވެ.

ކަންފަތުގައި ޖެހެމުން ދިޔައީ އަހަރެންގެ މަންމަގެ ވޭނީ ރުއިމުގެ އަޑެވެ. ލޯ ހުޅުވާލަން އެސްފިޔަތައް ތަޅުވައިލީމެވެ. އެތަން އަހަރެންގެ މަންމައަށް ފެނުނީ ކަންނޭގެއެވެ. އަހަރެންގެ އަތުގައި އެ ކަފަކޮޅެއްހައި މަޑު އަތުން ހިފައިލުމަށްފަހު އެ މައިވަންތަ އަޑުން ދަރިފުޅާއޭ ކިޔައި ގޮވާލިއެވެ. އެސްފިޔަތައް ދުރުކޮށްލައި ލޯ ހުޅުވައިލީމެވެ. ފުރަތަމަވެސް ފެނިގެން ދިޔައީ މަންމަގެ ލޯބި މޫނެވެ. އަހަރެންގެ ހިތަށް މަންމަގެ ކަރުނަ ތިކިތައްފެނި ހަންޖަރެއް ހަރައިލި ކަމުގެ އިހްސާސް ކުރެވުނެވެ. ވާނުވާ ނޭނގިހުރެ ވަށައިގެންވި މާހައުލަށް ނަޒަރު ހިންގައިލީމެވެ.

އަހަރެންގެ އަނގައަށް ފާޑެއްގެ މާސްކެއް ގުޅައިފައިވެއެވެ. އަތަށް ލެޔާއި އައިވީ ގުޅާފަ ހުއްޓެވެ. އޭގެ އިތުރުން ބައިވަރު މެޝނުތައް އެތާ ހުއްޓެވެ. އެކި އެއްޗެހިން ދިޔައީ ބީޕް އާއި އެކި ވައްތަރުގެ އަޑުތައް ގޮވަމުންނެވެ. އަހަރެންގެ ޝަހާދަތް އިނގިއްޔަށްވެސް ފާޑެއްގެ އެއްޗެއްވަނީ ގުޅާފައެވެ. އަހަރެން ބޭއްވިފައިވަނީ ހޮސްޕިޓަލް އެނދެއްގައެވެ. އުނަގަނޑުންތިރި އަހަރެންނަށް އިހްސާސެއް ނުވެއެވެ. ކުއްލިއަކަށް އެރޭ ވީކަންތައް ހަނދާންވާން ފެށިއެވެ. އެއާއެކު އެ މަންޒަރުތައް އަހަރެންނަށް ފެންނަހެން ހީވިއެވެ. އޭނާގެ ހަރަކާތްތަކާއި ބީހުންތައް ހަށިގަނޑަށް އިހްސާސް ކުރެވޭހެން ހީވިއެވެ. އަހަރެންނަށް ރޮވެން ފެށުނެވެ. ނޭވާ ހާސްވާން ފެށިއެވެ. ނަރުސް ކުދިން އައިސް މަންމަ އެތަނުން ނެރުނެވެ. ދެން އެމީހުން އަހަރެންގެ އަތަށް ނިދާ އިންޖެކްޝަނެއް ޖެހިއެވެ. މަޑުމަޑުން އަހަރެންގެ ދެލޯމެރުނެވެ.

އޭގެ ދުވަހެއް ފަހުން ފުލުހުން އަހަރެންނާ ސުވާލު ކުރިއެވެ. އަހަރެން ތެދުތެދަށް އެރޭވީ ކަންތަށް އަލިފުން ޔާއަށް ކިޔައިދިނީމެވެ. އެމީހުން އޭނައަށް ހައްގު އަދަބު ދޭނެ ކަމަށް ބުނެ އެތަނުން ދިޔައެވެ. މަންމަމެން ބުނި ގޮތުންނަމަ އަހަރެން އޮތީ ގެޔާއި މާ ދުރު ނޫން ހިސާބެއްގައި އޮތް ގަސްތަކުގެ ތެރެއަށް އެއްލާލާފައެވެ. އެ ދިމާލުގައި މޫދެއް އޮންނާނެއެވެ. އަހަރެން ފެނުނީ އެތަނަށް ކަސްރަތު ކުރަން ދިޔަ ބަޔަކަށްށެވެ. މަންމަމެނަށް އަހަރެން ބަލައި ސްކޫލަށް އާދެވޭގޮތް ނުވީ ދޮންބެ އަންހެނުން ވިހަން އެގަޑީގައި ވެއްދުމުންނެވެ. އަހަރެން ހޮސްޕިޓަލުން ގެއަށް ބަދަލު ކުރެވުނީ އޭގެ ތިން ވަރަކަށް ހަފްތާ ފަހުންނެވެ. އަހަރެންގެ ހިތުގައި ފިރެހެނުންނަށްޓަކައި ނަފްރަތުގެ ހުޅުކޮޅު ރޯވެގެން ދިޔައެވެ. ބައްފައާ ވާހަކަ ނުދައްކާތާނގައި އަހަރެންގެ ބޭބެއަކާވެސް އަނގައިން ނުބުނަމެވެ.

މިހެންކަމުން އެއްދުވަހަކު އަހަރެންގެ ދޮންބެ އަހަރެން ގާތަށް އައިސް މާފަށް އެދުނެވެ. ދޮންބެ ދައްތަވެސް އައެވެ. އެކަމުގައި އެމީހުންގެ ކުށެއް ނެތްކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް ބޯހަރު ކަމުންނާއި ފިރެހެނުން ދެކެ ވެފައި ހުރި ފޫހިން އަހަރެންނަށް އެކަންތަށް އެޅުވުނީ އެންމެ ލޯބިވާ ދޮންބެގެ ބޮލުގައެވެ. ދޮންބެމެން އަހަރެންގެ ގާތު އެދުވަހުވީ ކަންތަކުގެ ބަދަލަށް ކޮންމެ ކަމެއްވެސް ކޮށްދޭނަން ކަމުގައި ބުންޏެވެ. އެއަޑު އިވި އަހަރެންގެ ބޮލަށް ޝައިތާނާ ސަވާރުވިފަދައެވެ. އަހރެން ބޭނުންވީ އެ ޓެކްސީ ދުއްވި މީހާ ކުރި ކަންތަކުގެ ބަދަލަށް ބަދަލު ހިފާށެވެ.

(ނުނިމޭ)

Comments (6)

  1. shihaamaa ali

    Hey butterfly girl
    It’s been a while dhw?
    As usual mi vhk vess vrh vrh vrh reethi ma sha allah allahumma baarik😍❤️
    Awlhe e kujja fakeer maraaleenun e.. psps.. mee mihr mi dhuniyeyge haalath.. keeh kuraany dhw? Hageegathuga vess ekahala kan kan vumun ehbandu ehbafaa beybe kurimatheega hunnan vumun vess asaru kurey.. ihsaass kureveynee beybe vess ebalany e nazarunney.. ekan kuri miihaa ah badhalu hifan beynun vey.. miee mihr midhuniyge aamu vefa vee bodu faafa eh..
    May allah protect our girls from these shytan’s ameen🤲🏻❤️
    Next part avahah geness dheeba pweesh pweesh can’t wait
    Lysm lovely❤️❤️

    1. Butterflyyyyy
      shihaamaa ali

      Hey shiherr
      yeshhh its been awhile..
      Awwn thank you darling vrh happy vejje shiher ah mi story reethi v ma♥♥
      yes mihaaru dhuniyeyga aammukoh hinga kankan mi. ekama havaaluvegen hunna meehun vx dhibeney kanu badhegen laari ah.. dhen amilla faimahchah thedhuvma goas vaaney aniyaa libey faraai.. its not fair at all dhw?
      may allah protect us and guide those people ameen.
      next part insha allah miadhu submit kohlaanan💜💜
      love you too💜🦋

  2. Scarlet

    Mi vhk vrh reethi maash dhahthaaa
    Kushaky kobaa ge s2 whn?

    1. Butterflyyyyy
      Scarlet

      Awwn thank you so much scarlet that means a lot to me.. kushakey kobaa s2 roadha mahuge komme dhuvahaku insha allah genesdheveythw balaanan. now kushakey kobaa s2 liyany I’ll finish it and upload it roadha mahu💜🦋

  3. Aaya

    Mi vaahaka varah reethi Ey mivaahaka varah Interesting Aslu

  4. Butterflyyyyy

    Thanks Aaya.. I’m glad u like it💜🦋

Comments are closed.