ތިނެސްކަން ލޯބި (4)
ގޭޓުން އެތެރެވުމާއިއެކު މުޅި އިމާރާތައް ގެނެސްފައިހުރި ބަދަލުތައް ހާމަވެއެވެ. ކުރިން މެހެކް އުޅުނު އިމާރާތާއި މި އިމާރަތް ހާސްބައި ތަފާތުކަން އެވަގުތުކޮޅު ވެސް ފާހަގަކުރެވުނެވެ. މުޅި އެތަނުން ދުވަނީ މާމެލާމެލީގެ ހިތްގައިމު ވަހެކެވެ. ބަލާލި ކޮންމެ ދިމާލަކުން ފިނިފެންމަލުގެ ހާރެއްފަދަ ބަގީޗާއެކެވެ. މުޅި އެތަންވަނީ ފިނިފެންމަލުން ފުރިފައެވެ. “ރޯޒް ގާޑާން” ކިޔަނީ ވެސް މިހެންވެ ކަންނޭނގެއެވެ. ދެ ފަރާތުން ދެވެން މަގެއް ހަދާފައިވާއިރު މެދުގައި ބޮޑު ފިނިފެންމަލުގެ ފެންގަނޑެއް ހަދާފައިވެއެވެ. މިއީ ލައްކަ މަސައްކަތްކަން އިނގެއެވެ. މުޅި އެ އިމާރަތް ފަރުމާކޮށްފައިވަނީ އާސާރީ ގޮތްގަނޑަށްކަން އިނގެނީ ގެނެސްފައިވާ އިންޓީރިއާ ޑިޒައިންތަކުންކަން ހާމަވެއެވެ. މެހެފިލް ވިލާއާއި އެއްވަރުނުވިޔަސް މިއީ ވެސް ރާއްޖޭގައި މިހާރު ޒެޑްސްގެ ކުންފުނިތަކާއި އެންމެ ގާތުން ވާދަކުރާ ކުންފުނީގެ އެންމެ އިސްވެރިޔާގެ އިމާރާތެވެ. އާދެ، އެމްސް ކުންފުނިތަކުގެ އިސްވެރިޔާ މަމްދޫހު މުޙައްމަދުގެ “ގަނޑުވަރެވެ”. މެހެކްމެން ފެންގަނޑުވަށައިގެން ހިނގާލާފައި ގޮސް ދެތިން ހަރުފަތް ގިރާކުރުމަށްފަހު ގޭގެ ބޮޑު ދޮރުކުރީމަތީ ހުއްޓުމަށްފަހު މެހެކް އެތާ ހަރުކޮށްފައިވާ ބެލްއަށް ފިތާލިއެވެ.
ހަތަރުވަނަ ބައި
ރޯޒް ގާޑަން ގޭގެ ހާލަކީތޯއެވެ. ނޯކަރުންތައް ހޭބޯނާރާ ކޮޅުކޮޅު މައްޗަށް ދުވެނަގަނީ ތަނަކަށްދާން ލަސްވެގެން އުޅޭ އުޞޫލުންނެވެ. ގޭތެރެ ފޮޅާ ސާފުކުރުމުގައި އެއްބަޔަކު ހަރަކާތްތެރިވަމުންދާއިރު ޞުފުރާމަތި ފަޅުފިލުވަން ތަފާތު ވައްތަރުގެ ކެއުންތައް މޭޒުމައްޗަށް އެރުވުމުގައި އަނެއްބައެއް ހަރަކާތްތެރިވެއެވެ. ހީވާގޮތުގައި ވަރަށް ޚާއްސަ ފަރާތެއް އަންނަނީއެވެ. ދާދި ދެންމެއަކު މާއިޝް ގުޅާފައި ވަރަށް ޙާއްސަ ފަރާތެއް ގޮވައިގެން އެބަދަން ކަމުގައި ބުނީއްސުރެން ނޯކަރުންތައް ގޮވައިގެން އެ ބޮޑު ގޭގެ އިސްވެރިޔާގެ އަބިކަނބަލުން މަލައިކާ ނާޒިރު އުޅެމުންދެއެވެ. މަލައިކާގެ ކޮންމެ “ކޮމާންޑަކަށް” ތަބައުވާ އުޞޫލުން ނޯކަރުންތައް އެމީހުންގެ އަތްމަތި އިހުނަށްވުރެން އަވަސްކޮށްފިއެވެ.
މުޅި ގޭތެރެއިގެ މާހައުލަށް ބަލާލިޔަސް ފިނިފެންމަލުގެ ވަސްނުފިލައެވެ. ލިވިންރޫމުން ފެށިގެން ގޮސް ކާ ބަޔާއި ހަމައަށް އަދި މައްޗަށް އެރެން ހަދާފައިވާ އެނބުރޭ ސިޑީގެ ވަށައިގެން ވެސް ފެންނަމުންދަނީ ފިނިފެންމާތަކެވެ. މިއީ ހާދަ ކުޅަދާނަ ޑިޒައިނަރެއްގެ މަސައްކަތްކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. ލިވިންގރޫމުގައި ހުރި ޝާހީ ސޯފާ ސެޓުތަކުގެ ތެރެއިން ގޭގެ އިސްވެރިޔާގެ ސޯފާގައި ދުވަސްވީ އެހެނަސް ވަރުގަދަ ޝަޙުޞިއްޔަތެއްގެ ވެރިއެއް އިންކަން ހާމަވެއެވެ. އަދި އެ ސޯފާއާއި ޖެހިގެން ތިން މީހުންނަށް އިނދެވޭހެން ހުރި ސޯފާގައި ޒުވާން ދެމަފިރިން ވާހަކައިގައި ތިއްބެވެ. އަދި އެމީހުންނާއި ތަންކޮޅެއް ދުރުގައި ކުޅޭ އެއްޗެހި އެއްކޮށްލައިގެން ކުޅެން ހަދާފައިވާ ކޯނާގައި ފަސްވަރަކަށް އަހަރުގެ ކުޑަ އަންހެން ކުއްޖެއް ފޯރީގައި ކުޅެން އިނެވެ. އެއްކަލަ ޒުވާން ދެމަފިރިންގެ ތެރެއިން އަންހެން މީހާ އިރުއިރުކޮޅާ އެ ދިމާއަށް ބަލާލައެވެ.
މިފަދަ ހާލެއްގައި އެ މާހައުލު އޮއްވާ ބޭރުން ބެލްޖަހާލި އަޑަށް ކާގެއިން މަލައިކާގެ އަޑު އިވިގެންދިޔައެވެ. “ޖެނިފާ…ގޮސް ދޮރު ހުޅުވަބަލަ..އެއައީ އެމީހުން ކަންނޭނގެ…ޔަޤީނޭ މާއިޝް ވަރަށް ޙާއްސަ ފަރާތެކޭ ބުންޏަސް އެއީ އެއަށްވުރެން ގާތް ފަރާތެއްކަން….އަނެއްކާ އިންނަން އުޅޭ ކުއްޖާ ކަންނޭނގެ….އުނހޫ..ޖެނިފާ މަޑުކުރޭ އަހަރެންދާނީ..” ގޭތެރެއިން ނޯކަރަށް ގޮވާފައި ގެނެސް ދޮރު ހުޅުވަން ދާން ބުނެފައި އެންމެފަހުން މަލައިކާ އަމިއްލައަށް ވަރަށް ހެވިފައި ގޮސް ބޮޑު ދޮރު ހުޅުވައިފިއެވެ. ނަމަވެސް ކުރިމަތިން މަރުހަބާކީ އާ މޫނެއް ނޫނެވެ. އާދެ، ފަލަކެވެ. ފަލަކުގެ ފަހަތުން މާއިޝް ވެސް ވަރަށް ހެވިފައި ހުއްޓެވެ. “އާންޓީ…ކިހިނެއްތަ؟” ފަލަކު ވާހަކަދެއްކިއެވެ. “އާންޓީ.. ހަމަ ވަރަށް ބެސްޓު..ފަލަކު ދަރިފުޅު ކިހިނެއްތަ..މަންމަމެންގެ ހާލު ރަނގަޅު ދޯ؟…މާއިޝް މިއީތަ ތިބުނާ ޚާއްސަ ފަރާތަކީ…އަނެއްކާ މަންމައަށް މި ހީވަނީ ރަނގަޅައްތަ……ދަރިފުޅުމެން ދެ….” “ނޫން” “ނޫން” މަލައިކާގެ ވާހަކަ ނުނިމެނީސް ފަލަކާއި މާއިޝްއަށް އެއްފަހަރާ ނޫނެކޭ ކިޔާ ބާރަށް ހަޅޭއް ލަވައިގަނެވުނެވެ. އަދި ދެމީހުން ދެ މީހުންގެ މޫނަށް އަވަސް ނަޒަރަކުން ބަލާލުމަށްފަހު ހާސްކަން ފޮރުވާލުމަށް ޓަކައި ދެމީހުން ދެ ދިމާއަކަށް ޖެހިލާ ވަރަށް ބާރަށް “ސަޕްރައިޒް” އޭ ކިޔާ ހަޅޭއް ލަވައިގަތެވެ. އޭރު މަލައިކާ ހުރީ ދެން ފެނުނު މޫނަކުން އަޖައިބުވެފައެވެ. ބަސްހުއްޓިފައެވެ. އިރުކޮޅަކުން ފެނުނީ މަލައިކާގެ ނާޒުކު ލޯ ފެންކަޅިވިތަނެވެ. ބަރާބަރު 11 އަހަރުފަހުން ރޯޒް ގާޑަން ގޭގެ ދިރުން ކަމުގައިވާ އެގޭގެ އެންމެ ހަގު އަދި ހުރިހަމައެކަނި އަންހެން ދަރިފުޅު ފެނުމުން މައިލަގޮނޑިއަށް އަސަރުނުކުރާނީ ކޮން މައެއް ހެއްޔެވެ؟ އެވަގުތު މަލައިކާމެން ލަސްވެގެން ވީ ކިހިނެއްތޯ ބަލަން އައިސް ހުއްޓުނު މަމްދޫހާއި މާއިޒް އާއި މާއިޒްގެ އަންހެނުން ކިޔާރާއަށް ވެސް ވީހަމަ އެވަރެވެ. އެންމެންގެ ލޯތައް ކަރުނުން ފުރުނެވެ. ކުޑަކުޑަ މިޝާއަށް ވެސް ވީ ހަމަމިހެންނެވެ.
އެންމެ ލޯބިވާ އެންމެންގެ ލޯތައް ކަރުނައިން ފުރުނުތަން ފެނުނު މެހެކްގެ ރީތި ދެލޯ ވެސް ކަރުނައިން ފުރެން ހިނދުކޮޅެއް ވެސް ނުނެގިއެވެ. “މަންމާ..އެތެރެއަށް ވަންނާކަށް ވެސް ނުބުނާނަންތަ؟” ތުރުތުރުއަޅާ އަޑަކުން މެހެކް ބުންޏެވެ. “ނޫނޭ ދަރިފުޅާ…މަންމަގެ ލޮލުގެ ނޫރާ…..އަވަހަށް ވަދޭ އެތެރެއަށް….މަންމަމެންނަށް އަންގައި ވެސްނުލާއި ދަރިފުޅު އައިމަ ވީގޮތް މީ…” އުފަލުން މަލައިކާ އަވަސް އަވަހަށް މެހެކްގެ އަތުގައި ހިފާ ރޯޒް ގާޑަން ގޭތެރެއަށް ވައްދައިފިއެވެ. “ބައްޕާ…. ބައްޕަ ވެސްތަ…ދޮންބޭ…ދޮންބެދައްތާ….އަޅޭ ތުއްތިގެ ކުޑަ ކުޑަ މިޝާ ވެސް ރޮނީތަ؟..ފަހަރު މީހެއްގެ ގައިގައި ބައްދާލާފައި ކުޑަ ކުޑަ މިޝާ އުރާލަމުން މެހެކް ބުންޏެވެ. “ދަރިފުޅު..ބައްޕައަށް ނޫނީ ދޮންބެއަށް ގުލާލާފައި ބުނެލިނަމަ…ވަރަށް އުފާވެއްޖެ ބައްޕަގެ ޕްރިންސެސް” މަމްދޫހުގެ ވަރުގަދަ އަޑު ވެސް އެންމެފަހުން އިވިއްޖެއެވެ. އެންމެން އޭނާއާއި ހެދި އުޅޭ ވަރު ފެނުމުން އަނެއްކާ ވެސް މެހެކްގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. މިމަންޒަރުތައް ބަލަން ދުރުގައި ހުރި މާއިޝް މާހައުލުގައިވާ ސީރިއަސްކަން ކަނޑުވާލަން ހާދަ ވަސް ރަނގަޅޭ ބުންޏެވެ. “ދަރިފުޅާ…ވަރަށް ވަރުބަލިވެފައި ހުންނާނީ..ހިނގާ ކާންދަމާ…ދަރިފުޅު އަންނަކަން އިނގޭނަމަ ދަރިފުޅަށް އެންމެ މީރު ކެއުން މިއަދު ސުފުރާ މައްޗަށް އަރުވާނީ…..އެހެނޭވާނީ ނުބުނެ އަންނަންޏާ” މަލައިކާގެ ފަތިވަރުގެ އަޑު އަނެއްކާ ވެސް އިވިއްޖެއެވެ. “ދޮންބެގެ ޕްރިންސެސް..ލެޓްސް ގޯ” އެންމެފަހުން މާއިޒް މެހެކްގެ އަތުގައި ހިފައިގެން ކާބަޔަށް މިސްރާބުޖެހިއެވެ. އެމީހުންގެ ފަހަތުން ދެންތިބި އެންމެން ވެސް ދިޔައެވެ. ފަލަކު ވެސްއެވެ.
ޢުމުރުން އެންމެ 10 އަހަރުގައި އުފަންފަސްގަނޑުދޫކޮށް ލަންޑަންގައި މެހެކްގެ މަންމަ ފަރާތު ބޮޑުދައިތަކައިރީ 11 އަހަރު އުޅުމަށްފަހު ބިޒްނަސް ދާއިރާއިން މަތީ ތަޢުލީމު ހާސިލްކޮށްގެން އަދި ރާއްޖެއަށް އެއައީއެވެ. މިވީ 11 އަހަރު ތެރޭގައި އެންމެ ފަހަރަކު ވެސް މެހެކް ރާއްޖެ އައިސްފައެއްނުވެއެވެ. މަލައިކާމެން އަންނަން ކިޔާ އާދޭސްކުރިޔަސް ހިލާ އެއްބަހެއްނުވެއެވެ. އެންމެފަހުން މެހެކުގެ ކައިރިއަށް ދާންޖެހެނީ މަލައިކާމެންނަށެވެ. ނަމަވެސް އެއާއިލާގެ ގުޅުމަކަށް ކުޑަމީސް ހީނަރުކަމެއް ނާދެއެވެ. ވާނީވެސް އެހެންތާއެވެ. ދެފަރާތުގެ އާއިލާއަށް ބެލިކަމުގައިވިޔަސް މުޅި އެއާއިލާގައި ވެސް ހުރި ހަމައެކަނި އަންހެން ކުއްޖަކީ މެހެކެވެ. އާއިލާ އެންމެން ވެސް މެހެކް ދެކެ ލޯބިވަނީ މިހެންވަ ކަންނޭނގެއެވެ. މެހެކްގެ ބޭބެމެންނާއި ދެބެންގެ ދެދަރި ބޭބެމެން ވެސް މެހެކްއަށް ދިމާވާ ކޮންމެ އަޑިގަނޑެއްގައި އެންމެ ގާތުގައިވުމަށް އަބަދުވެސް މަސައްކަތްކުރެއެވެ. މިކަމުން ވެސް ހާމަވަނީ މެހެކްދެކެވާ ލޮއެއްބެވެ. ކުރާ ޤަދަރެވެ.
މެހެފިލް ވިލާ ގަނޑުވަރު ލިވިންގް ރޫމްގައި އެ ގަނޑުވަރުގެ ބޮޑެތި އެންމެން ވެސް ތިބި ވަގުތެކެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



V salhi cant wait for next part.👍👍👍👍👍
thanks..insha allah v.avahah annehkaa vx kiyaalan libeyne.. 🙂
Reethi!!!!!
How r u so good?? Curiously waiting for next part omg!!!!!
hehe..keep waiting insha allah soon.. 🙂