ދެވުނީ ވޭނޭ 7
“އަޅުގަނޑު އެއްޗެއް ގެންނާކަށް ނުބުނަން.” ގެނައި އިންޓަވަލް ތަށިން ތަރުކާރީ ސެލެޑެއް ކާން އިން އަރީންގެ މޫނު މަތީގައި ވަނީ ވަރުގަދަ ސުވާލު މާކެކެވެ. “މިއީ ބޭބެގެ ފަރާތުން ކޮއްކޮ އަށް ދޭ ކުޑަ ހަދިޔާއެއް. ކޮއްކޮ މިތަނުން އެންމެ ގިނައިން ގަންނަ ބުއިމަކީ މިއެއްނު.” ހިތްހެޔޮކަން އިސްތިހާރު ކުރަމުން އެ ފިރިހެން މީހާ ވާހަކަ ދެއްކިއެވެ. އަރީން އޭގައި ހިފީ މީހަކު އެހާވަރުން އެ ބުއިން ގެނެސްދިނުމުން ބޮލާލާ ޖަހަން ބޭނުން ނުވާތީއެވެ. ސެލެޑު ކައި ނިންމާފައި އަރީން އެ ސްޓްރޯބެރީ މިލްކްޝޭކް ތަށީގައި ތުން ޖަހާލިއެވެ. އެއީ އަރީންގެ މަރާއި ބައްދަލުކޮށްލަދޭނެ މެދުވެރިއެއް ކަން ނޭނގޭ ޙާލުގައެވެ.
ދުރުގައި އެ މަންޒަރު ބަލަން ހުރި ފިރިހެނާގެ ހިނިތުންވުން ފުޅާވިއެވެ. “ޔެސް ޝީ އިޒް ޑްރިންކިން އިޓް. އެންމެ ކޯވަރެއް ބޯލިޔަސް ފުދޭނެ. އެންމެ ލަސްވެގެން ފަސް މިނެޓް ތެރޭ ހިތް ހުއްޓޭނެ.” ފޯނު ކަންފަތުގައި ޖަހައިގެން ހުރެ އެ މީހާ ބުނެލިއެވެ. ދެން އިވުނީ އެ ކޮޅުން ވާހަކަ ދެއްކި މީހާ ޝައިޠާނީ ގޮތަކަށް ހިނިގަނޑެއް ޖަހާލި އަޑެވެ.
އަވަސް ފިޔަވަޅު ތަކެއްގައި އައިސް ޝައުލާ އަރީން މެން ތިބި މޭޒުމަތީގައި ގުޑައިގެންދާހާ ބާރަށް ޖެހިއެވެ. ސިހުނުވަރުން އަރީން އަތުން މިލްކްޝޭކް ތަށި ވެސް ނުވެއްޓުނީ ކިރިޔާއެވެ. އެއިން އެންމެ ކޯވަރެއް ނުދިރެނީސް އެ ގުރޫޕް ވައްޓާލީއެވެ.
“އޯވްން. މިލްކްޝޭކެއް ބޯލަނީތަ؟ ތި ** އަކާ ހެދި އަހަރެންގެ އެދުމަށް ހުރަސް އެޅޭކަން ނޭނގެނީތަ؟ ތި މޫނު ފެނުނަސް އަހަރެންގެ މޫޑު ޚަރާބުވޭ!” ޝައުލާ އަރީންގެ ބުރުގަލުގައި ހިފައި ދަމައިގަތެވެ. “ކަލެއަށް ކޮން ކަމެއް ވެގެންތަ ތިއުޅެނީ؟ މާ ވައްތަރު ވައްތަރު ނުކޮށް ދާން އުޅޭ!” ޝައުލާގެ އަމަލުން އަޒާޔާ އަށް ދަތްކުނޑި ވިކާލެވުނެވެ. “ބޭބީ ގާރލް. އަހަރެން ތީނައަކަށް ނުބެހެމެއްނު. އެކަމަކު ދެން ޒެވްގެ ކޮއްކޮ ބުނީތީ ގޮސްފާނަން. އެންޖޯއި.” އަރީންގެ މިލްކްޝޭކް ތަށި ތެރެއަށް ކުޅެއް ޖަހައިފައި އޭނާގެ ގޮސް އެހެން މޭޒެއް ދޮށުގައި އިށީނެވެ. އޭނާގެ މި އަމަލުން އެންމެ ރުޅިގަދަވީ ބަދިގެ ފަރާތުގައި އެ މަންޒަރު ބަލަން ހުރި ފިރިހެން މީހާއެވެ. ޝައުލާ އާއި ދިމާލަށް ބަލައިލި ގޮތުންވެސް ހީވަނީ އޭނާގެ ކަށިތައް މުގުރާލަފާނެހެންނެވެ. ގޮށް މުއްކަވައިފައި ފާރަށް އެތިފަހަރެއް ވީއްލާލައިފައި އޭނާ އެނބުރި ދިޔައެވެ.
“ހުވާ މިކުރީ. އެ ޝައުލާގަނޑުގެ ހަންގަނޑު ނޮޅާލަން ބޭނުން. ހަމަ ކަތިލާހާ ރުޅި އާދޭ. މިހާރު ލިމިޓުން މައްޗަށް ދަނީ ވިއްޔާ.” ސުމައްޔާ ދެއަތްމުއްކަވާލައިފައި ޝައުލާއަށް ރުޅިވެރި ނަޒަރެއް ދިނެވެ. “އާއެކޭ. މިހާރަކަށް އައިސް މާ ވަރަކަށް ރީނަށް ބެހޭއެބަ. އަހަރެން ވެސް ތޮޅެލަން ބޭނުން.” ވަށްކަޅިން ޝައުލާ އަށް ބަލާލަމުން އަޒާޔާ ބުނެލިއެވެ. “އަޅާ ނުލާ. އެ ކަހަލަ މީހަކާ ބެހެން ވަގުތު ބޭކާރު ކުރާނެ ކަމެއް ނެތް.” އަރީން ފެންފޮދެއް ބޯލަމުން ބުނެލިއެވެ. “އެއްކަލަ ރީން. މީހަކު ކިތަންމެ ވަރަކަށް އަނިޔާކުރިއަސް ދެކޮޅަށް އިނގިއްޔެއް ވެސް ހިއްލާނުލާނެ. މާ ސޮފްޓު ކޮށޭ ތިއުޅެނީ.” އަޒާޔާ ތުން އަނބުރާލިއެވެ.
“މިއަދު އެކުއްޖާ މަރާލެވޭކަށް ނެތް. ފާޑެއްގެ ޒީލަގަދަ އަންހެން ކުއްޖަކު އައިސް އެ ތަށްޓަށް ކުޅެއް ޖަހާ ޚަރާބުކޮށްލައިފި.” ބަދިގެ ތެރެއަށް ވަދެ އެކަހެރިވެލައިފައި އެ މީހާ އަނެއްކާވެސް ރިޔާޒަށް ގުޅާލައިފިއެވެ. “އުނދަގުލެކެއްނު. މަރުނުވާން ކަނޑައަޅައިގެން ހުރި ގިއްޗެއްތަ؟ އެކްސިޑެންޓުކޮށްލައިގެން މަރުވިއްޔެއް ނޫން. ޒަހަރު ދެވޭނެ ފުރުސަތެއް ލިބެނީއެއް ނޫން. ކޮން އެއްޗެއްތަ ހުރަސް އެޅީ؟” ނުރުހިފައި ހުރި ވަރުން ރިޔާޒު ހީވަނީ އެ ހުރި ކޮޓަރި ބިމާ ހަމަކޮށްލަފާނެހެންނެވެ.
“ޝައުލާ ޝާމިން. މި ހުރަވީ ސުކޫލުގެ ހުރި އެންމެ ނުފޫޒުގަދަ އެކަކު. ގިނަ މުދައްރިސުން ވެސް ތިބެނީ އޭނާ ފެނިފައި ބިރަށް ފޮށިފަ.” އޭނާ ބުނެލިއެވެ. “އެ ކުއްޖާ މަރާލަން އޭއްޗަކުގެ ބޭނުން ހިފަންވީ. ބޭރުތެރެން ފުރާނަޔާ ކުޅެލެވެން ނެތިއްޔާ ސުކޫލު ތެރެއިން ދޯ ޓާސްކު ނިންމާލެވޭނީ. ޝާމިން އަށް މިކަން ނޭންގިއްޔާ ރަނގަޅުވާނެ.” މަކަރުވެރި ހިނިގަނޑެއް ޖަހާލަމުން ރިޔާޒު ބުނެލިއެވެ.
އިންޓަވަލަށް ދޭ ވަގުތު ނިމެން ގާތް ވުމުން ހުރިހާ ކުދިން އެކު އެކީހެން ހުރި ދިމާލަކުން ނުކުމެގެން ގޮސް އެ ކުއްޖެއްގެ ކުލާހަށް ވަންނަން މިސްރާބު ޖަހައިފިއެވެ. އަރީން ކުލާހަށް ވަދެ އޭނާއަށް ޚާއްސަ ކުރެވިފައިވާ ގޮނޑީގައި އިށީންނަމުން ފިލާވަޅު ނަގައިދޭން އައި މުދައްރިސަށް ސަމާލުކަން ހުއްޓާލިއެވެ. ނާއިލްގެ ކަޅި އުކުންތަކުން ސަލާމަތް ނުވާނެކަން އެނގުމުން ކިތަންމެ އުނދަގޫ ވިޔަސް އޭނާ ނިންމީ އަޅާނުލާ ހުރެވޭތޯ ބަލާށެވެ. ފިލާވަޅު ދިނުމާއި އެކު މޫނު އަނެއް ފަރާތަށް ޖަހާލަމުން އަރީން މަސައްކަތައިގެން ކުރިއަށް ދިޔައެވެ.
ދަބަހަށް ފޮތްތައް އަޅައިގެން އަރީނަށް ކުލާހުން ނުކުންނަން ތެދުވެވުނީ އެހެން ކުދިން ދިޔަ ފަހުންނެވެ. އަޒާޔާ އާއި ސުމައްޔާ އަވަސް އަރުވާލައިގެން ދިޔައީ އެމީހުންގެ ހައުސް މީޓިން އެއް އޮތީމައެވެ. އެންމެ ފަހު ގަޑި ނަގައިދިނީ ބޭރު މުދައްރިސެއް ކަމުން އެ މީހާ ވެސް ގަޑި ޖެހުމާއި އެކު ނުކުމެގެން ދިޔައީއެވެ. ކުލާހުގައި އެކަހެރިވެފައި ހުރީ އަރީނާއި ނާއިލް އެވެ.
ނާއިލް ހުރުމުން އަވަސް އަރުވާލައިގެން އަރީން ދާން އުޅުނު ނަމަވެސް ހުއްޓާލަން މަޖުބޫރުވީ ބާރުގަދަ އަތަކުން އޭނާގެ ވައަތު ކުޑަހުޅުގައި ހިފުމުންނެވެ. ތުންފަތުގައި ދަތް އަޅާލަމުން އަރީން އެ ފަރާތަށް އެނބުރުނެވެ. “ނާއިލް. އަހަރެންގެ އަތުން ދޫކޮށްލާ.” އަރީން މަސައްކަތް ކުރީ ނާއިލްގެ ކިބައިން ސަލާމަތް ވާށެވެ. “އަރީ އަދިވެސް އަހަރެންގެ ސުވާލަށް ޖަވާބެއް ނުދެމެއްނު. ކީއްވެގެންތަ އަހަރެންނާއި ރައްޓެހިވާން ދެކޮޅު ހަދަނީ؟” ނާއިލް އަރީން އޭނާގެ ގާތަށް ދަމާލަމުން އެހިއެވެ.
ހާސްވެފައި ހުރި ވަރުން އަރީނަށް ބުނަންވީ އެއްޗެއް ނޭނގުނެވެ. “އެއީ….. އަހަރެން އެހެން… މީހެއް ދެކެ ލޯބި… ލޯބިވާތީ.” ދެލޯ މަރާ ތަގުޅިކޮށްލަމުން ވާހަކަ ދެއްކި އިރު އަރީންގެ ނިއްކުރީގައި ދާތިކިތިކި ވިދަމުން ދިޔައެވެ. “ކާކު؟” އަރީންގެ އަތަށް ފިތާލިއިރު ނާއިލްގެ ދެލޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ.
“ނާއިލް. ދެން އަހަރެން ދިޔަޔަކަ ދީބަލަ.” އަރީން އާދޭހުގެ ރާގަކަށް ބުނެލިއެވެ. “ކާކުހޭ؟” އަޑަށް ބާރުލައިފައި އަނެއްކާވެސް ނާއިލް އެ ސުވާލު ތަކުރާރު ކޮށްލިއެވެ. “ޒަ..ވި..އަން” އަޅައިގަންނަމުން އަރީން ބުނެލީ އެ ނަމެވެ. ބޭރުގައި މި ވާހަކަތައް އަޑުއަހަން ހުރި ޒަވިއަނަށް ހީވީ މީހަކު އޭނާގެ މޫނުމަތީގައި ވީއްލާލިހެންނެވެ. އޭނާ އަކީ ކާކުކަން ރަނގަޅަށް ނޭނގޭ ކުއްޖަކު މި ފަދަ އެއްޗެއް ބުނެފާނެ ކަމަށް ޚިޔާލަށް ވެސް ނާދެއެވެ. އަމުދުން އޭނާގެ އަމިއްލަ ކޮއްކޮގެ ގާތް އެކުވެރިއެއްގެ ފަރާތުންނެވެ. އޭނާ އަށް އަރީނާއި މެދު ދެކެވުނަސް ދެކެވޭނީ ކޮއްކޮއެއްގެ ނަޒަރުންތާއެވެ. އޭނާއަށް މި ހިސާބަށް މި ވަގުތު އާދެވުނީ ކާރު ތަޅުދަނޑި ހަނދާން ނެތިގެން ބާއްވައިފައި އާދެވުމުން އެ ނަގައިފައި އަނބުރާ ދާން އުޅުމުގެ ތެރެއިންނެވެ.
ބޯ ހޫރާލައިފައި ޒަވިއަން އަނެއް ފަރާތުގައި ހުރި ލިފްޓަށް އަރަން ދިޔައެވެ. އޭނާ ހިތަށް ވިސްނައިދެމުން ދިޔައީ އެ ކުއްޖާ އެހެން ބުނީ އަޅައިގަނެފައި ހުރި އަނެއް ފިރިހެން ކުއްޖާގެ ކިބައިން ސަލާމަތް ވުމަށް ކަމަށެވެ. އެހެނަސް ކީއްވެގެން ކަމެއް ނޭނގެއެވެ. އެ އިވުނު ޖުމްލަތަކުން އޭނާއަށް ފާޑެއްގެ އުނދަގުލެއް ވަމުން ދިޔައެވެ.
ނާއިލް އެވަރުން ވެސް އަރީންގެ އަތުން ދޫކޮށްލާކަށް ނޫޅުނެވެ. އަރީން ގޮތް ހުސްވެފައިވާ މީހަކު ފަދައިން އިސްޖަހާލިއެވެ. ސަލާމަތްވެވޭނެ މަގެއް ފެނޭތޯ ކުލާސްތެރެއަށް ނަޒަރު ހިންގާލިއެވެ. އެހެން ގޮތެއް ނެތްކަމަށް ޤަބޫލު ކުރެވުމުން އަރީން ކުއްލިއަކަށް ހުރެފައި ނާއިލްގެ އަތުގައި ދަތް އަޅައިފިއެވެ. ނާއިލަށް ވީ ތަދުން އަތް ދަމައިގަނެވުނެވެ. ހިތް އަވަސް ވެފައިވާ ޙާލު އަރީން ކުލާހުން ނުކުމެގެން ގޮސް އެރީ ލިފްޓަށެވެ. އޭނާ އަށް ހަމަ ނޭވާ ލެވުނީ ގުރައުންޑް ފުލޯ އަށް އާދެވުމުންނެވެ.
“ޢާއިޝަތު އަރީން އަފްޒަލް.” ސުކޫލުގެ ކައުސެލަރެއް ކަމުގައިވާ ސާނާޔާ ގޮވާލި އަޑަށް އަރީން ހުރި ފިޔަވަޅު މަތީގައި ހުއްޓުނެވެ. ކައުސެލަރ އޭނާގެ ފުރިހަމަ ނަމުން ގޮވާލާނީ ކޮންމެވެސް ކަމެއް ވީމާ ކަން އެނގުމުން ހިންދިރުވާލެވުނެވެ. ދެން އެ މީހާގެ ފަހަތުން ހިނގައިގަތީ ބޮޑު މީހެއްގެ އަމުރަށް ނުކިޔަމަންތެރިވާން ބޭނުން ނުވާތީއެވެ.
ސުޕަވައިޒާސް ރޫމުގައި ހުރި މައްސަލަ ބަލާ ކޮޓަރިއަށް ވަނުމާއި އެކު އަރީންގެ ލޮލުގައި އަޅައިގަތީ ދެ ބުމަ ގޮށްޖަހާލައިގެން ހުރި ޝައުލާއެވެ. އޭނާ އެ ހުރީ ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިފާކަން އެ މޫނަށް ބަލާލުމުން އަރީނަށް އެނގުނެވެ.
“އިށީނދޭ!” ހިނިތުންވުމެއް ހަދިޔާކޮށްލައިފައި ސުޕަވައިޒަރު އެހެން ބުނުމުން އަރީން ގޮނޑީގައި އިށީނެވެ. “ޝައުލާ އަރީނަށް ހަނގާކުރާ ކަމުގެ ޚަބަރު ލިބިފައިވާތީ އެ ކަން ބެލުމަށް މި އުޅެނީ. އެއީ ހަމަ ތެދެއްތަ؟ ޝައުލާ އަރީނަށް ހަނގާ ކުރޭތަ؟” ސުޕަވައިޒަރު އެހުމުން އަރީން ހައިރާންވިއެވެ. މި ހިސާބަށް އެ ޚަބަރު އައި ގޮތަކާއި މެދު އަރީންގެ ހިތުގައި ސުވާލު އުފެދުނެވެ. އޭނާ އެ ސުވާލަށް އާއެކޭ ބުނީ އޭނާ އަކީ ދޮގު ހަދާ ކުއްޖަކަށް ނުވާތީއެވެ. އެއާއެކު ސުޕަވައިޒަރު ފަޒީލް ޝައުލާ އަށް ނަސޭހަތްތެރިވާން ފެށިއެވެ.
“ދެން އަރީންގެ ކިބައިން މަޢާފަށް އެދެންވީނުން. އުންމީދު ކުރަން ދެން މިކަން ތަކުރާރު ނުވާނެ ކަމަށް.” ފަޒީލް ބުނެލިއެވެ. ދަތްކުނޑި ވިކާލައިގެން އިނދެ ޝައުލާ މަޢާފަށް އެދުނީ އެހެން ގޮތެއް ނެތުމުންނެވެ. އެއަށްފަހު ލަސް ނުކޮށް ނުކުމެގެން ދިޔައެވެ. އަރީން ވެސް އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް ބޭރަށް ނުކުތެވެ. ދެން އިތުރަށް ދެތިން ފިޔަވަޅު އަޅަލުމާއި އެކު އޭނާ އަނގަވަތަށް ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ. ތަޅުންގަނޑު މަތީގައި ޖެހުނު ގޮތަކުން އަރީންގެ އަނގަމަތި ފަޅައިގެން ގޮސް ލޭ އައެވެ.
“އުޕްސް. ސޮރީ.” އަނގަޔަށް ވައްތަރެއް ޖައްސާލައިފައި ޝައުލާ ގޮސް ގޭޓުން ބޭރަށް ނުކުތެވެ. އަރީން ފުން ނޭވާއެއް ލުމަށްފަހު ތެދުވެ ހިރަފުސް ފޮޅާލިއެވެ. މިހާރު ގަޑި ޖެހުނު ފަހުން ވިއްސަކަށް މިނެޓު ހިނގައިފިއެވެ.
“ދަރިފުޅާ. ކީއްވެ އެހާ ލަސްވީ؟” ކާރަށް އެރުމާއި އެކު އަފްޒަލް ޝަކުވާގެ ރާގަކަށް އެހިއެވެ. “އެލްޓީ ރޫމަށް ދާން ޖެހުނީ.” އަރީން ކާރު ލޯގަނޑުގައި މޫނު ޖައްސާލިއެވެ. މިހާރަކަށް އައިސް ނާއިލް އާއި ޝައުލާގެ ފަރާތުން އޭނާއަށް ލިބެމުން ދިޔަ ގޯނާތައް އިތުރުވެފައިވުމުން ބޮލަށް ވެސް އުނދަގޫވެއެވެ.
“އައްދޭ. ހާދަ ނެގިމަޑުވެފައި. އަނެއްކާ ސުކޫލުގައި ކަމެއް ވީތަ؟” ގެއަށް ވަނުމާއި އެކު އަރީނަށް ކުރިމަތިލާން ޖެހުނީ މަންމަގެ ސުވާލުތަކާއިއެވެ. މައިމީހާއަށް ވުމުން ޔަނާލަށް އަރީންގެ މޫނުމަތީގައިވީ މާޔޫސްކަން ދެނެގަންނާކަށް އުނދަގުލެއް ނުވާނެ ތާއެވެ. “ކަމެއް ނުވެޔޭ.” ގަދަކަމުން ހިނިތުންވެލައިފައި އަރީން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ގޮނޑިމަތީގައި ދަބަސް ބަހައްޓާފައި ހެދުމަކާއި ހަރަވާޅެއް ހިފައިގެން އޭނާ ގޮސް ވަނީ ފާޚާނާ އަށެވެ.
ފެންވަރާލައިގެން ނުކުމެ އަރީން ނަމާދަށް އެރިއެވެ. ނަމާދު ކޮށްގެން ކާން ނުކުންނަން އޭނާ ބޭރަށް އަޅާލީ އެންމެ ފިޔަވަޅެކެވެ. މޭޒުދޮށުގައި ޔަޒާން އިން ތަން ފެނުމުން އަނބުރާ ކޮޓަރިއަށް ދެމިގެންފިއެވެ. އޭނާ ދެން ސްޓަޑީ ޓޭބަލް ކައިރީ އިށީނދެ މަސައްކަތް އޮތް ފޮތެއް ނަގައި މަސައްކަތް ހަދަން ފެށީ ކާން ނައިސްގެން ބަލައި އައިސްފިނަމަ ބަހަނާއެއް ދައްކާލާށެވެ.
ޔަޒާނަށް އަރީންގެ އަމަލުތައް ހުރި ގޮތް ފާހަގަވުމުން އިސް ޖަހާލެވުނެވެ. ޔަނާލަށް މި މަންޒަރު ފެނުމުން އެއްބުމަ ހިއްލާލެވުނެވެ. އޭނާ ވެސް ޔަޒާނާއި އަރީންގެ މެދުގައިވާ ދުރުކަން އިހުސާސް ކުރެވޭތާ ކިތަންމެ ދުވަހެކެވެ. ކަންތައް ހިނގައި ދިޔަ ގޮތް ނޭނގުނެއް ކަމަކު އެއީ އާދައިގެ ކަމަކަށް ނުވާނެ ކަން އޭނާއަށް ޔަޤީންވެއެވެ. އެ ފޮރުވިފައިވާ ހާދިސާ ހޯދައިގަތުމަށް ޔަނާލް ވަރަށް މަސައްކަތް ކުރިއެވެ. އެހެނަސް ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ވެސް އޭނާ ކާމިޔާބު ވާގޮތެއް ނުވިއެވެ.
ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލާފައި ޔަނާލް އެތެރެއަށް ވަނެވެ. އަރީން ސިހިފައި އެ ދިމާލަށް އެނބުރުނެވެ. “ދަރިފުޅާ! އާދޭ ކާން.” ޔަނާލް އެދުނެވެ. “އެންމެ ރަނގަޅު ތަ މި މަސައްކަތް ނިންމާލައިފައި ދިޔަޔަސް.” އަރީން ބުނެލިއެވެ. “އެކަމަކު ދޮންބެއާ ބައްޕަ ވެސް މިވަގުތު ކާން އަރާ އެބަ ތިބި. ދަރިފުޅު ވެސް އައިމައެއްނު ޢާއިލީ ކެއުމަކަށް ވާނީ. މިހާރު އެންމެ ފަހަރަކު ވެސް އެހެނެއް ނުކެވޭ. ފަހުން ވެސް މަސައްކަތް ހެދިދާނެއްނު. މަންމަ ވެސް މިއުޅެނީ ކާން. ރީން ވެސް އާދޭ!” ޔަނާލް އެންގިއެވެ.
ކަރުއެލުވާލައިފައި އަރީން ތެދުވީ ދެކޮޅުހަދަން ނުކެރުމުންނެވެ. އަރީނަކީ ހަމަ ކިޔަމަންތެރިވުމުގައި ހައްދުން ނައްޓާ މީހެކޭ ބުނެވެނީ އެހެން ވެގެންނެވެ. ވަކިން ޚާއްޞަކޮށް މައިންބަފައިން ބުނާހާ ކަމެއް ކުރަން އޭނާ ހުންނާނީ ތައްޔާރަށެވެ.
ރޭގަނޑުގެ އިތުރު ގަޑިތައް ނިމުނު ވަގުތެވެ. ގިނަ ކުދިން ގެއަށް ދިޔައިރު ޝައުލާ ހުރީ އެކަނި ވެފައެވެ. އެއް ހަފުތާ ވަންދެން ކާރުގައި ދަތުރު ނުކުރެވުމަކީ އޭނާގެ މަންމަ ސައީދާގެ ފަރާތުން ލިބުނު ‘ހަދިޔާ’ އެކެވެ. އަރީނަށް ހަނގާ ކުރިކަން މަންމައަށް އެނގުމުގެ ނަތީޖާއެވެ. ބަހަށް ނާރަން ގަދަހަދާލައިގެން އޭނާ ބޭނުންވީ ގެއަށް ނުގޮސް ހުންނާށެވެ. އޭނާ ދެކެ އިންތިހާއަށް ލޯބިވާ ބައްޕަ ބަލައި އަންނާނެކަމުގެ އުންމީދުގައެވެ.
“ބޮޑު ކަމެއްނު. މިހާރު އެއޮށް ގަޑިއިރެއް ވީއޭ. ****! މި އަރީނޭ ކިޔުނު ސުންޕާ އަންހެނާއަށް ވެސް ޖެހިއްޖެ ގޮސް ކުޓުވަން. ދެން އަތު ޖެހިއްޖެއްޔާ ކުޅި ދައްކާލާނަން. އަދި ހިތުން މަށާ ކުޅެލައިފިއެއްނު.” ބިމުގައި ބޫޓުން ތަޅަމުން އޭނާ ހިނގައިގަތެވެ. އަރީނާއި ދިމާލަށް ދުލަށް އައިހާ އަވަގުރާނެއް ގޮވަމުންނެވެ. އެހެނަސް އޭނާއަށް ދެވުނީ ވަކި ހިސާބަކަށެވެ. މީހަކު އޭނާގެ ނޭފަތް މަތީގައި ފޮތިގަނޑެއް އަޅައިފައި ހިފައިގަތެވެ. އޭގައި ހުރި މާއްދާއެއްގެ ސަބަބުން ޝައުލާގެ ހޭވެރިކަން ނެތިގެން އެ މީހާގެ އަތް މައްޗަށް ދެމުނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Mi part ves vv reethi
Shukran Anonymous ✨✨
Mi part ves Vrh Reethi
Whn next?
IA Thursday ga submit kohlaanan
Shukran Alaiker🎀 ✨✨
Alheyyy this story is habeys 🤝 curiously waiting for the next part 😊 You’ve become one of my favorite author fr haggah 🥹 lysm tc ❤️
Awnn, so happy to hear that.
Shukran Eelam.. ✨✨
Lyt darl 💕💕