Skip to content
އެސްފިޔަ

ޔަލީން (3)

އެ ކުއްޖާގެ މޫނައް ބަލާލިއަސް އެ ހުރީ ވަރަށް ރުޅި އައިސްފަ ކަން އިނގޭހާވެއެވެ. ދެން އެ ކުއްޖާ ބުނެލި އެއްޗަކުން އިޝާން އަށްވެސް އެއްޗެކޭ ބުނެނުލައި ނުހުރެވުނެވެ.
*****
“ބަލަ ތިކުއްޖާ އެއްނު މަ މިތާ ހުއްޓަ އައިސް ތި ޖެހިގަތީ.. އެންޑް މަ މިގެއަށް ވެއްދީ އަހަރެންގެ އެކުވެރިޔާ” އިޝާންވެސް ބުނެލީ ޔަލީން ބުނެލި ރާގުގައެވެ. ކުޑަ ލާފައި އައިސް ހުއްޓުނު ޒީކް އަށް އިޝާން މިހެން ބުނެލި އަޑުއިވުނެވެ. ދެން ޒީކްގެ ލޮލުގައި އަޅައިގަތީ ބިންމަތީ ވެއްޓިފަ އޮތް ޔަލީންއެވެ. އެހެން ކަމުން ކޮންމެސް ވަރަކަށް ވީ ގޮތް ފަހުމްވިއެވެ. ޒީކްގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. އިޝާން އާއި ޔަލީން އަށް ސިހިފައި އެދިމާ ބަލާލެވުނީ އެއްފަހަރާއެވެ. ޔަލީން އައި ރުޅީން ފުންމައިގެން ތެދުވެ ހަރު ފިޔަވަޅުތަކެއްގައި ގޮސް ގެއަށް ވަނެވެ. އޭރުވެސް އިޝާން ހުރީ ރުޅި މޫނު ހަދައިގެންނެވެ. އިޝާން ހިތައްއެރިއެވެ. ވަރެއްގެ އަންހެނެއްތާއެވެ. އަހަރެން މިތާ ހަމަ ރީތިކޮށް ހުއްޓާ އައިސް ޖެހިގަންނަން ޖެހޭ ހެއްޔެވެ. އަދި ދެލޯ ނެތީހޭ ބުނެލި ވިއްޔާއެވެ. ދެލޯ ނެތީ އަމިއްލަ މީހާގެ ނޫން ހެއްޔެވެ. އިޝާން ވީ ފޫހިން ކަޅި މައްޗައް ހިންގާލެވުނެވެ. އިޝާން އަކީވެސް ޒީކް އެކޭ އެއްފަދައިން އަންހެން ކުދިންގެ ހިތްތައް ދަމައިގަންނަ ފަދަ ސިފަތަކެއްގެ ވެރިއެކެވެ. އިސްކޮޅުން ޒީކް އާއި އެއްވަރު ވާނެކަން ގައިމެވެ. ޒީކް އަކީ ޔަލީންއާ ހިލާފަށް ދިގުކޮށް ހުންނަ ޒުވާނެކެވެ. ޔަލީން ކިރިޔާ ޒީކްގެ ކޮނޑުން މައްޗައް އަރާކަމެވެ. އެހެން ކަމުން އަބަދުވެސް ޔަލީން ޔަންހާ ގާތު ދޮންބެ ކުޑައިރު މަންމަ ކާންދިނީ ކޯޗެތްހޭ ކިޔާނެއެވެ.
ޔަލީން ބާރު ބާރަށް ސިޑިން އަރައިގެން ދިޔައެވެ. ޔޫހާ ކޮޓަރިން ނުކުމެލީ ޕްރޮޖެކްޓް ހަދާނިންމާލާފައި ޔަލީން ކޮބައިތޯ ބަލާލުމަށެވެ. ނަމަވެސް ޔޫހާ އަށް ކޮޓަރިން ނުކުމެވުނީ ބާރު ބާރަށް ހިނގާފައި އައި ޔަލީންގެ ކުރިމައްޗަށެވެ. ނަމަވެސް ޔަލީން ޔޫހާ އެތާހުރިކަމަށްވެސް ހަދާނުލާ ދިއުމުން ޔޫހާ ހުރީ ވާނުވާގައެވެ. ދެވަނަ ސިކުންތުގައި ޔަލީން އެ ދިޔައީ ކަމަކާ ރުޅިއައިސްގެން ކަން ނަގައިގަނެވުނެވެ. އެހެންކަމުން މަޑު ހިނގުމެއްގައި ހިނގައިގަތީ ޒީކް ކޮބައިތޯ ބަލާލުމަށެވެ.
“އެއީ މަ ކޮއްކޮ އެއް” ޒީކް ބުނެލީ އިޝާން ގޮވައިގެން ގެއަށް ވަންނަމުންނެވެ. “ކައެ ކޮއްކޮ ހާދަ ރުޅިގަދައޭ ދޯ!” އިޝާން ބުނެލީ ކޮނޑުގައި އޮތް ދަބަސް ރަނގަޅު ކޮށްލަމުންނެވެ. ދެމީހުންނަށް އެރުނީ ޒީކް ހޯދުމަށް ސިޑިން ފައިބަމުން އައި ޔޫހާގެ ކުރިމައްޗަށެވެ. “ދޮންތަ ކޮންކަމަކާ މާ ރުޅި އައިސްގެން އެ ދިޔައީ” ޔޫހާ ޒީކް ގާތު އަހާލީ ޔަލީން މާ ރުޅި އައިސްފަ ހުރި ސަބަބެއް އެނގެން ބޭނުންވެފައި ހުރުމުންނެވެ. ދެން ޔޫހާގެ ލޯ ދަތުރު ކޮއްލީ ޒީކް ގާތު ހުރި އިޝާން އަށެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އިއްޔެ ޒީކް ގެއަށް ރަހުމަތްތެރިއަކު ގެންނަ ވާހަކަ ބުނި ހަނދާން ވުމުން އެއީ ޒީކްގެ ރަހުމަތްތެރިޔާކަން އެނގުމުން އެ ޒުވާނާ އަށް ހިނިތުންވުމެއް ދިނެވެ. ޒީކް ޔޫހާ އާއި އިޝާން އަށް އެކަކު އަނެކަކުގެ ކުޑަ ތައާރަފެއް ދީފައި ހިނި އައިސްފައި ހުރެ އެގަޑީގައި ހިނގި ހާދިސާ ކިޔައިދިނީ އޭނާ އަށް އިޝާން ކިޔައިދީފައިވާ ގޮތަށެވެ. ޒީކްގެ ވާހަކަ އަޑު އަހާފައި ޔޫހާ އަނގަމަތީ އަތްއަޅާފައި ހޭން ފެށިއެވެ. ޔޫހާ ކައިރި ވާހަކަ ދައްކާލަން ހުރެލާފައި ޒީކް ދިޔައީ އިޝާން އަށް އިޝާން ހުންނަން ހަމަޖެހިފައިވާ ކޮޓަރި ދައްކާށެވެ. ޔަންހާ އިއްޔެ ވަނީ މިއަދު އިޝާން އަންނާތީ ގެސްޓް ރޫމެއް އިޝާން އަށް ތައްޔާރު ކޮއްދީފައެވެ. ކަން ދިމާކުރި ގޮތުން ޔަންހާ އިޝާން އަށް ތައްޔާރު ކޮއްފައިވަނީ ޔަލީންގެ ކޮޓަރި ކުރިމަތީ ހުރި ގެސްޓް ރޫމެވެ. އިޝާން އެ ކޮޓަރި ތެރޭގެ އެކި ދިމަ ދިމާ ބަލާލިއެވެ. ބޮޑު ތަނަވަސް ކޮޓަރިއެކެވެ. ކޮޓަރީގައި ލާފައިވަނީ އަޅި ކުލައެވެ. ބެޑްރޫމްސެޓް ވަނީ ހުދުކުލައިންނެވެ. އިޝާން ދިގު ދަތުރެއް ކޮއްފައި އައުމުން ހުރީ ވަރުބަލި ވެފައެވެ. އެހެންކަމުން ފާހާނާ އަށް ވަނީ ތާޒާ ވެލުމަށެވެ.
ޔަލީން ކޮޓަރިއަށް ވަދެ އަވަހަށް ފެންވަރާލަން ވަނީ މެންދުރު ނަމާދު ވަގުތުޖެހެން ގާތް ވެފައި ވުމުންނެވެ. މިއަދު އެވީ ކަމަކުން ޔަލީންގެ މޫޑްވެސް ވަނީ އޮފް ވެފައެވެ. އެއީ ކޮންތާކު ކާކު ކަމެއްވެސް ޔަލީން އަކަށް ނޭނގެއެވެ. ޔަލީން އަށް އިނގޭހާ ވެސް އެއްޗަކީ އެއީ ޒީކް ގެނައި ރަހުމަތްތެރިޔާކަމެވެ. އެކަން ޔަލީން އަށް އެނގުނީ އެ ޒުވާނާގެ ކޮނޑުގައި އޮތް ދަބަހުންނާއި އެވަގުތު އެތަނައް އައިސް ހުއްޓުނު ޒީކްގެ ސަބަބުންނެވެ. ޔަލީން ހުރީވެސް މިއަދު ޒީކް އެ ގެންނަ މީހަކު ގެންނަ ކަމެއް ހަނދާން ނެތިފައެވެ. ޔަލީން ފެންވަރައިގެން ނުކުންއިރު ބަންގި ގޮވާ ނިމެނީއެވެ. އެހެން ކަމުން ޔަލީން އަވަސްވެ ގަތީ ނަމާދު ކުރުމަށެވެ. ނަމާދުކޮށް ނިމުމުން ޔަލީން ދެން ގޮސް އިށީނީ ފިލާވަޅު ދަސްކުރުމަށެވެ. މިއީ ޔަލީންގެ އާދައެވެ. އަބަދުވެސް ދުވަހުގެ ކޮންމެވެސް އެއް ވަގުތެއް ފިލާވަޅު ދަސްކުރުމުގައި ހޭދަ ކުރާނެއެވެ. ޔަލީން އަށް ވަގުތު ދިޔަގޮތްވެސް ނޭނގުނެވެ. ޔަލީން ބަނޑުހައިކަން އިހުސާސް ކުރެވުމުން ކާންދާންވެގެން ތެދުވަމުން ފޯން ނަގާ ގަޑި ބަލާލިއެވެ. ޔަލީންގެ ދެލޯ ބޮޑުވިއެވެ. މިހާރު ދެގަޑި ބައިވަނީއެވެ. ޔަލީން މަޑު ހިނގުމެއްގައި ގޮސް ކޮޓަރިން ނުކުތެވެ. އެވަގުތު ވީ އިޝާން ވެސް ކޮޓަރިން ނުކުތް ވަގުތަށެވެ. އިޝާން ޒީކް އައިސް ކިޔާވަރުން ނުކުތީ ކޮފީއަކަށް ދިއުމަށެވެ. ޒީކް އިޝާން ގާތު ތައްޔާރު ވެގެން އައުމަށްބުނެ ދިޔައީ ތިރިއަށެވެ. އިޝާން ލާފައި ހުރީ ކަޅު ޓީޝާޓަކާއި ހަމަ އެކުލައިގެ ސޯޓެކެވެ. އިޝާން ނުކުތީ ފޯން އާއި ކުޅެމުން ކަމުން ކުރިމަތީ ހުރި ކޮޓަރިން ނުކުތް ޔަލީން އެއް ނުފެނެއެވެ. ޔަލީންވެސް ހުރީ އިސްޖަހައިގެން ކަމުން ކުރިމަތިން އައި އިޝާން އެއް ނުފެނެއެވެ. އެހެންކަމުން އިޝާން ގޮސް ޖެހުނީ ޔަލީންގެ ގައިގައެވެ. ދެމީހުންނަށް އިސް އުފުލާލެވުނީ އެކު އެކީގައެވެ. ޔަލީން އަށް އިޝާންގެ މޫނު ފެނުމާއެކު ވަގުތުން މޫނުމަތީގެ ކުލަވަރު ރުޅިވެރި ކަމަށް ބަދަލު ވިއެވެ. ޔަލީން ހިތައް އެރިއެވެ. ވަރެއްގެ ފިރިހެނެއްތާއެވެ. ފެންނަ ކޮންމެ ތާކުން އައިސް ޖެހިގަންނަން ޖެހޭ ހެއްޔެވެ. ޔަލީން އަށް ދަތްކުނޑި ވިކާލެވުނެވެ. “ދެން ބުނޭ މަށޭ އައިސް ޖެހިގަތީ” ޔަލީން ބުނެލިީ ރުޅިވެރިކަމާއެކީގައެވެ. ޔަލީން ހިތަށް އެރިއެވެ. މީނަ އެއައީ ސެންޓުފުޅި ވެސް ހުސްކޮށްލައިގެން ކަންނޭނގެއެވެ. އެހެން މީހަކު ހިތަށް ނޭރިއްޔާ ދެރަހެއްޔެވެ. މުޅި ތަނުގައި ވަނީ އެ މަނިކުފާނު ޖަހާފައިވާ ސެންޓުގެ ވަސް ވިއްޔާއެވެ. ޔަލީން އަށް ކަޅި މައްޗައް ހިންގާލެވުނީ ވީ ފޫއްސަކުންނެވެ.
(ނުނިމޭ)

Comments (4)

  1. Tiara

    Woww mi part ves vrh reethi ❤️
    Plss plss next parts ves avahah upload kohlla dhyba

  2. gurrrrl

    mi part ves vrh reethi when next cant wait for it
    keep it up

  3. Ghost girl 👻

    Masha Allah curiously waiting for the next part keep it up ❤️

  4. Cutie girl

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Yaleen and ishaan gulhuvachey
    They both are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re myfav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey

Comments are closed.