Skip to content
އެސްފިޔަ

މާޒީ

ޚުދު އަހަރެންގެ ނަޒަރުގައި މިއަދު އަހަރެންނަކީ ކުށްވެރިއެކެވެ. މީހުންގެ މަލާމާތާއި ނަފްރަތު އަހަރެންނަށް ހައްޤުކަމުގައިވެސް އަހަރެން ޤަބޫލު ކުރަމެވެ. ގަޑީގެ ކަށި ނުއަތަށް އެނބުރޭނެ ނަމައޭ މިއަދު އަހަރެން ހިތަށް އަރައެވެ. ނަމަވެސް ނަމައަކުން ރިހައެއް ނުކެއްކޭނެތާއެވެ. ކޮޓަރީގެ އެނދުގައި އޮށޯވެގެން އޮތް އިރު މާޒީގެ ސަފްޙާތައް އަހަރެންގެ ލޯކުރިމަތީގައި އުކެމުން ދިޔައެވެ.

***************************

އެއީ މީގެ ހަތަރު އަހަރު ކުރިއެވެ. އަހަރެންނަކީ އަހަރެންގެ މަންމަ އާއި ބައްޕަގެ ލޯބީގެ ޗަމަންގައި ފޮޅުނު ހަމައެކަނި މަލެވެ. އަހަރެންގެ އުމުރުން އެއް އަހަރުގައި ކެންސަރު ބަލީގެ ޝިކާރައަކަށްވެ ބައްޕަ މިފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔުމުން އަހަރެން ބަލަމުން އައީ އަހަރެންގެ ލޭފަވެތި މަންމައެވެ. އެމަންމަ އަހަރެން ބަލަމުން އައީ އެމަންމަގެ ލޮލުގެ ކޮއި ފަދައިންނެވެ. ހިތުގެ ފަނާރު ފަދައިންނެވެ. އަހަރެންނަކީ އެމަންމަގެ ހިތުގެ ދުއްލިސާއެވެ. އެހިތުގައި ޖަހާ ވިންދެވެ. އެހެންކަމުން އަހަރެންގެ މުސްތަޤުބަލު އުޖާލާ ކުރުމަށްޓަކައި އެމަންމަ ނުފޮރޮޅާ އެންމެ ގަލެއްވެސް ނެތެވެ. ތެޔޮ ނާޅާ އެންމެ ބައްތިއެއް ވެސް ނެތެވެ. އެމަންމަގެ ލޯތްބާއި އޯގާތެރިކަމާއެކު އަހަރެން ބޮޑުވަމުން ސުކޫލުގައި ނަންވިދާ ދަރިވަރެއްގެ ގޮތުގައެވެ.

ނަމަވެސް އެހުރިހަ ކަމެއް ބަދަލުވެގެން ދިޔައީ ގުރޭޑު ދިހައެއް ނިންމާލުމަށްފަހު ލިބުނު ސްކޯލަރޝިޕްގައި ޔޫކޭއަށް އަހަރެން ކުރި ދަތުރުގައެވެ. އެ ދަތުރު ވެގެންދިޔައީ އަހަރެންގެ ޙަޔާތް އެފުށްމިފުށަށް ޖަހާލި ދަތުރަކަށެވެ. ވާނީވެސް އެހެންތާއެވެ. ކިޔެވުމުގެ މަޤްސަދުގައި ދިޔަ ދަތުރުގައި އަހަރެންނަށް ގުޅެވުނީ ހީވެސް ނުކުރާފަދަ ބަޔަކާއެވެ. އޭރު އަހަރެން ދެކުުނު ގޮތުގައި އެއީ ވަރަށް “ކޫލް” ބަޔެކެވެ. ރަށުގައި ހުރި އަހަރެންގެ ލޮބުވެތި މަންމަ މަތިންވެސް އަހަރެން ހަނދާނެއް ނުވެއެވެ. ހިމްޔާނާއި އޭނާގެ ގޭންގު މީހުންނާއި އެއްކޮށް ކުލަބުތަކަށް ދިޔުމާއި ސިނގިރޭޓު ބުއިމަކީ އާދައަކަށް ހެދީމެވެ. ވައްކަން ކުރުމައި ފޭރުމަކީ ކުޅިވަރަކަށް ހެދީ ކުރިއަށް އަންނަން އޮތް ތޫފާނުގެ ހިލަމެއްވެސް ނުވާ ޚާލުގައެވެ.

އޭގެ ތެރެއިން ރެއެކެވެ. އަހަރުމެން ރޭވީ ޔޫކޭގެ މަޝްހޫރު ކޮމްޕެނީއެއް ކަމަށްވާ “ކްރިސްޓަލް” އިން ވައްކަން ކުރުމަށެވެ. ހިމްޔާން ބޭނުންވީ އެތެރެއަށް އަހަރެން އެކަނި ދިޔުމަށެވެ. އޭނާ ދެކޭގޮތުގައި އަހަރެން މާ ސްމަރޓީއެވެ. އެމީހުން ރޭވީ އަހަރެން ކޮމްޕެނީއަށް ވަނުމުން އެމީހުން އެތާ ބޭރުގަ ފާރައަށް ތިބޭށެވެ. އެކަމަށް އަހަރެން އެއްބަސްވީ އަމިއްލަ ނަފްސަށް އޮތް އިތުބާރެއްގެ ބޮޑުކަމުންނެވެ. އަހަރެންގެ ޚަޔާތަށް އަންނަން އުޅޭ ބޮޑު ރާޅުގެ އުސްމިން ނޭނގޭ ޙާލުގައެވެ.

އެރޭ ދަންވަރު އެކެއް ޖެހިއިރު އަހަރުމެން ތިބީ ކޮމްޕެނީގެ ގޭޓު ކުރިމަތީގައެވެ. އެންމެނަށް ހަނާ އަޅާލުމަަށްފަހު އަހަރެން ކޮމްޕެނީގެ ތެރެއަށް ވަދެގެން ދިޔައީ ހިތުގައި ބިރުގެ ކަންފުޅެއްވެސް ނުވާ ޙާލުގައެވެ. އަހަރެން  ކޮމްޕެނީގެ ތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު މުޅި ތަން ރަތް ކުލައިން ދިއްލެން ފެށިއެވެ. މުޅި އިމާރާތް އެލަރޓަށް އައި ކަހަލައެވެ. މިއީ މިހާ ސެކިއުރިޓީ ވަރުގަދަ ތަނެއްކަމެއް ކުރިއަކުން އަހަރެން ނުދެނަ ހުރީމެވެ. ފަހަތަށް އެނބުރި ދުއްވާގަތީމެވެ. ނަމަވެސް އަހަރެންނަށް ނުކުމެވުނީ ފުލުހުންގެ ކުރިމައްޗަށެވެ. އަހަރެން ބަލާލީ ހިމްޔާންމެން ކޮބައިތޯއެވެ. އެމީހުންގެ ޖެހިތާ ލަކުނުވެސް ނެތެވެ. އެމީހުން އަހަރެންނަށް ދޯކާ ދީފައި ފިލީކަން އިނގުނީ އަހަރެން ކޮމްޕެނީއަށް ވަނުމުގެ ކުރިން ހިމްޔާން ބުނި ޖުމްލަ ހަނދާންވުމުންނެވެ.”ޝައިލް! ކައޭ ހާސްނުވައްޗެ! ބަޓު ވެއްޖެއްޔާ އަހަރުމެންވެސް ތިބޭނަން!” އައި ރުޅިން އަހަރެންނަށް ދެއަތް މުށްކަވާލެވުނެވެ.

އަހަރެން ފުލުސް ސްޓޭޝަނަށް ގެންދެވުނެވެ. އަދި ވައްކަން ކުރަން އުޅުނުކަމުގައި ފަސްއަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވުނެވެ. މަންމަ މަތިން ހަނދާންވީ ދެނެވެ. މި ޚަބަރު ލިބިއްޖެއްޔާ މަންމައަށް ވާނޭ ގޮތަކާމެދު ވިސްނާލެވުނެވެ. ކުރި ކުށަށް އަހަރެން އިޢުތިރާފުވީމެވެ. ނަމަވެސް އޭރު ވަގުތު ފާއިތުވެއްޖެއެވެ. ރާއްޖެއިން ގުޅާފައި ބުނީ މަންމައަށް ލިބުނު ޚަބަރުން ހާޓް އެޓޭކެއް ޖެހިގެން މަންމަ މިދުނިޔެ ދޫކުރިކަމެވެ. އަހަރެންނަށް ބޮލުގައި އަތްއަޅާފައި ހުރިތަނަށް ތިރިވެވުނެވެ. އެމަންމަ އެދިޔައީ އަހަރެންނަށް މަޢާފަށް އެދޭނެ ފުރުސަތެއްވެސް ނުދީއެވެ.

**************************************

މާޒީއިން އަހަރެންނަށް ބޭރުވެވުނީ ބޯކޮށް އޮހިގަތް ވާރޭގެ އަޑުގެ ސަބަބުންނެވެ. ފެންކަޅިވެފައިވާ ދެލޯ ފުހެލަމުން އަހަރެން ފާރުގައި ހަރުކޮށްފައި ހުރި މަންމަގެ ފޮޓޯ ލޯގަނޑަށް ބަލާލީމެވެ. މިއަދު އަހަރެންނަކީ ކުރީގެ ޝައިލްއެއް ނޫނެވެ. މާޒީއަކީ މުސްތަޤުބަލުގެ މޫނު ބަލާ ލޯގަނޑުކަމުގައި ދެކިގެން ދިރިއުޅުމުގައި ކުރިއަށް ދެވޭތޯ އަހަރެން އަތުކުރި އޮޅާލީމެވެ. އަހަރެންގެ ޚަޔާރުން ލިބުނު ޢިބްރަތްތެރި ފިލާވަޅާއި އެކުގައެވެ.

(ނިމުނީ)

Comments (10)

  1. Anonymous

    Nice story. Love it

    1. DevilQueen
      Anonymous

      Thankyou so much Anonymous

  2. Gloom

    Vara I unaish theri vaahaka eh……. Love it

    1. Anonymous
      Gloom

      Thankyou so much

  3. Anonymous

    nice hama

    1. Anonymous
      Anonymous

      Thankyou

  4. DevilQueen

    Sorry guyss i fogot to log in. That’s why i have replyed all your comments as anonymous. But that ‘nice hama’ is not me. Just making it clear for the readers

  5. Princess

    Sifakurunthah vvv reethi
    Keep up the good work
    Vhk ves vvv salhi

  6. Tom

    varah reethi .

  7. Eelam..

    Not bad .. keep ur hard work 💪🏻

Comments are closed.