އަދި ޝާމު ކަރައިގައި معاوية رضي الله عنه ގެ ލަޝްކަރު ދުވަހެއް ދުވަހަކަށް ގިނަވަމުން ދަނީ ވަރަށް ހަލުވިގޮތަކަށެވެ. އެބައިމީހުންގެ ކުޅަދާނަކަމާއި ހަރަކާތްތައް ހުންނަލެއް ވަރަށް ފުރިހަމަ އެވެ. ކުޑަދުވަސްކޮޅެއްގެ ފަހުން އެއްގަމު ސިފައިންނާއި ކަނޑުގެ ސިފައިން ވަކިކުރައްވައި ދެބައިމީހުންގެ ކަންތައް މުޅިން ވަކި އިންތިޒާމުތަކެއްގެ ދަށަށް ގެންދަވައިފިއެވެ. އެކިއެކި ތަންތާގެ ގޮނޑުދޮށުގައި ނައު ފަހަރު ބަނުމުގެ ކާރުހާނާތައް އުފައްދަވައިފި އެވެ. މިހާރު މުޅި ޝާމު ކަރައޮތީ معاوية رضي الله عنه ގެފާނުގެ އަމިއްލަފުޅު މުށްޕުޅުގެ ތެރޭގައި މުޅިން ޤައިދުވެފައެވެ. އެތާގެ ޢާންމުންނާއި ޚާއްޞުން ތިބީ معاوية رضي الله عنه އަށް ފުރިހަމައަށް ބޯލަނބާ ކިޔަމަންތެރިވެގެންނެވެ.
أمير معاوية رضي الله عنه ގެ އަތްޕުޅު މަތީ ޝާމު ކަރަ ހަމަޖެހިފައި އޮތުމާއެކު ކުރިއަށް އަރަމުން ދާންފެށިމާއި، معاوية رضي الله عنه ގެފާނާއި ދިމާއަށް ކީރިތި ރަސޫލާ “ރަސްކަމުގެ އިޝާރަތް ކުރައްވަމުން ވިދާޅުވީ ބަސްފުޅު” މުޅިން ހަނދުމަފުޅު ވެއްޖެއެވެ. އަދި أمير المؤمنين سيّدنا عثمان رضي الله عنه އަށް ފަހުގައި ޚަލީފާކަން معاوية އަށް ލިބިވަޑައިގެންފާނެކަމުގެ ޚިޔާލީ ހުވަފެންފުޅެއް ދެކެވަޑައިގަންނަވަން ފަށައިފިއެވެ.
سيّدنا عثمان رضي الله عنه ގެ ޚަލީފާކަން ފެށުނީމާ އިސްލާމީ އުންމަތުގެ ހަމަހިމޭން ކަމުގެ ޖައްވު ބަނަކޮއްލި ޝައިތާނު ފާވެއްޖެއެވެ. އާދެ! عبدالله بن سبا އެވެ ކިޔުނު ޔަހޫދީއަކު އަރަބި ދުނިޔޭގެ އެއްތަނުން އަނެއް ތަނަށް ދަތުރުކޮށް ފިތުނަ ވެރިކަމުގެ އޮށް އިންދައިފި އެވެ. ނަތީޖާއެއްގެ ގޮތުން سيّدنا عثمان رضي الله عنه ވެސް ޝަހީދުވެ ވަޑައިގަތީއެވެ. އާދެ! ފިތުނަވެރި ދުޝްމަނުން ގެ ބަޔަކު އެކަލޭގެފާނު ޝަހީދު ކޮށްލީއެވެ. سيّدنا عثمان رضي الله عنه އަށް ފަހުގައި ޚަލީފާކަން ލިބިވަޑައިގަތީ أمير المؤمنين سيّدنا علي كَرَّمَ اللّٰهُ وَجْهَهُ މިކަލޭގެ ފާނަށެވެ. އާދެ! سيّدنا علي رضي الله عنه އަކީ އެދުވަސްވަރުގައި ހުންނެވި އެންމެ ބޮޑު ޢާލިމެއެވެ. އަދި ހިތްވަރުފުޅުގަދަ ކުޅަދާނަ ހަނގުރާމަވެރި ބޭފުޅެއްވެސް މެއެވެ. އެކަލޭގެފާނު ޚަލީފާކަމަށް އިސްކުރެވުނީ ދާޚިލީ ހަމަނުޖެހުމުގެ ފިތުނަވެރި އަލިފާންގަނޑު އަނދައަނދާ އޮއްވައެވެ.
أمير المؤمنين سيّدنا علي بن أبي طالب رضي الله عنه އަކީ އިތުރު رسول الله ﷺ ގެ މާތް ބޮޑު ބޭބޭފުޅުގެ ދަރިކަލުންނެވެ. އަދި އިތުރު ރަސޫލާގެ ދަނބިދަރިކަލުން ވެސް މެއެވެ. سيّدنا ابوبكر رضي الله عنه އާއި سيّدنا عمر رضي الله عنه އާ ދެބޭފުޅުންގެ ޚިލާފަތުގެ ދައުރު ކާމިޔާބު ދައުރަކަށް ހެއްދެވުމަށް سيّدنا علي رضي الله عنه ވެސް ހިތްމަތާއިއެކު މަސައްކަތްފުޅު ކުރެއްވި އެވެ. سيّدنا عثمان رضي الله عنه ގެ ޚިލާފަތުގެ ދައުރުގައި އެކަލޭގެފާނުގެ އެންމެ ބޮޑު މުޝީރަކީ، سيّدنا علي رضي الله عنه އެވެ.
“ނުނިމޭ”
