معاوية رضي الله عنه އަކީ މޫނުފުއަލި ހަށިކޮޅު ރީތި އިސްކޮޅު ފުޅުން ދިގު އަދި ވަރަށް ދޮން ބޭފުޅެކެވެ. އޭނާގެ މޫނުފުޅުގައި، މީހުން ސިހިގެންދާފަދަ ތޫނުފިލިކަމާއި ވަރުގަދަ ހައިބަތު އެއް ހުރެއެވެ. އެކަލޭގެފާނަކީ ވާހަކަފުޅު ދެއްކެވުމުގައި ޢިބާރާތްތައް ނުހަނު ރީތި بلاغة ތެރިކަންހުންނަ ބޭފުޅެކެވެ. ތަޤުރީރު ދެއްވުމާއި، ޚުތުބާ ވިދާޅުވުމުގައި ވަރަށް މޮޅުފުޅު ބޭފުޅެކެވެ. އެކަލޭގެފާނަކީ ކަންތަކުގައި ވަރަށް ފަރުވާހުންނަ ތެދުވެރި ބޭފުޅެކެވެ. އަދި ތަޤްވާވެރިކަމާއި ޒާހިދު ކަންވެސް ވަރަށް ބޮޑު ބޭފުޅެކެވެ. މިހެންކަމުން ކީރިތި ރަސޫލާ ވަރަށް ބޮޑަށް ލޯބިފުޅުވެއެވެ. معاوية رضي الله عنه ވެސް ކީރިތި ރަސޫލާ ދެކެ ލޯބިފުޅުވަނީ އިންތިހާ ދަރަޖައަށެވެ. އެއްދުވަހަކު ކީރިތި ރަސޫލާ ﷺ معاوية ގެފާނަށް ވިދާޅުވި އެވެ. ” އޭ معاوية އޭ! ކަލޭ ރަސްކަލަކަށްވީމާ رَعِيَّة ންނަށް (ރައްޔިތުންނަށް) ވަރަށް ބޮޑަށް ކަމޭހިތުން ވާނެއެވެ.”
ކީރިތި ރަސޫލާ ﷺ ސުވަރުގެ ވަޑައިގަތުމަށް ފަހުގައި أمير المؤمنين سيّدنا أبو بكر رضي الله عنه ގެ ޚަލީފާކަމަށް ފެށިއްޖެއެވެ. އެދުވަސްވަރުގައި ކުރެވުނު ގިނަ ހަނގުރާމަ ތަކުގައި أبو سفيان ވެސް ބައިވެރިވެ ވަޑައިގަތެވެ. أبو بكر رضي الله عنه ޝާމު ކަރައިގައި ހަނގުރާމަ ކުރަން ފޮނުއްވި ހަތަރު ލަޝްކަރުގެ ތެރެއިން އެއް ލަޝްކަރުގެ ވެރިއަކަށް ފޮނުއްވެވީ أبو سفيان ގެ ދަރިކަލުން يزيد އެވެ. އޭނާއަކީ ވަރަށް ބޮޑު ތަޤްވާވެރި ހެޔޮލަފާ ބޭފުޅެކެވެ. އަދި ވިސްނުންފުޅު ތޫނު ހިތްވަރުފުޅުގަދަ ރައީސެއް ވެސް މެއެވެ. ދިމިޝްޤު ފަތަޙަ ކުރެއްވުމަށް ފަހުގައި އެތާގެ ވެރިކަން ދެއްވީ يزيد بن أبو سفيان ގެ ފާނަށެވެ.
سيّدنا عمر الفاروق رضي الله عنه ޚަލީފާކަމަށް އިސްވެ ވަޑައިގެންގަތް އިރު ވެސް يزيد بن أبو سفيان ހުންނެވީ ދިމިޝްޤުގެ ވެރިކަމުގައެވެ. أمير المؤمنين سيّدنا عمر الفاروق رضي الله عنه ޝާމު ކަރައިގެ ވަކިހިސާބުގަނޑެއްގެ ވެރިކަން ދެއްވީ معاوية رضي الله عنه އަށެވެ. معاوية ގެފާނު ވެރިކަމުގައި ހުންނަވަނިކޮށް އެކަލޭގެފާނުގެ ބޭބޭފުޅު يزيد بن أبو سفيان އަށް طاعون ޖެހިވަޑައިގެންފައި އޭނާ ދިމިޝްޤުގައި އަވަހާރަވެއްޖެއެވެ. ދެން سيّدنا عمر رضي الله عنه ދިމިޝްޤުގެ ވެރިކަން ވެސް معاوية بن أبو سفيان އަށް ދެއްވައިފި އެވެ. معاوية رضي الله عنه ގެ ސިޔާސަތުގެ ރަނގަޅުކަމާއި އިންތިޒާމްތައް ފުރިހަމަކަމާއި އަދި އަމާނާތްތެރި ކަން ބޮޑުކަމުން سيّدنا عمر رضي الله عنه ވަރަށް އުފާކުރައްވައެވެ. އަދި معاوية ގެފާނަށް ތައުރީފު ވެސް ކުރައްވާ މެއެވެ.
سيّدنا عمر رضي الله عنه ޝަހީދު ވުމަށްފަހު ޚަލީފާކަން ލިބިވަޑައިގަތީ أمير المؤمنين سيّدنا عثمان ذِي نُورَينِ رضي الله عنه އަށެވެ. އެކަލޭގެފާނަކީ معاوية ގެފާނާއި ތިމާގެ ފުޅުބޭފުޅެކެވެ. އެހެންކަމާއި އެކު سيّدنا عثمان رضي الله عنه މުޅި ޝާމު ކަރައިގެ ގަވަރނަރ ކަން معاوية رضي الله عنه ގެފާނަށް ދެއްވައިފި އެވެ. އާދެ! أمير معاوية އަށް ޝާމު ކަރައިގެ އެންމެ މަތިވެރިކަން ލިބިވަޑައިގަތުމުން ޤުރައިޝުންގެ ތެރެއިންނާއި އަދި بني عبد شمس ވަންހައިގެ ތެރެއިން ވަރަށް ގިނަމީހުން معاوية ގެފާނު އަރިއަހަށް ޝާމު ކަރައަށް އެތާގައި ވަޒަންވެރިވެއްޖެއެވެ. އެމީސްމީހުންނަށް މަޤާމުތައް ދެއްވީ ސިފައިންގެ އެކި ދަރަޖައިންނެވެ. ސިފައިންގެ އެކި ވަރުވަރުގެ ވެރިން ކަމުގައި معاوية رضي الله عنه ގެ ގާތްތިމާގެ ފުޅު ބޭބޭކަލުންނާއި އަދި އަވައްޓެރި ގާތްމީހުން ލެއްވުމަށްފަހު، ސިފައިންގެ ހުރިހާ ފައުޖުތައް ވަރަށް ކިޔަމަންތެރި ވެއްޖެއެވެ. އަދި އެބައިމީހުން ގެ ފަރާތުން އާއްމު ރައްޔިތުންނަށް ވެސް އެތައް ގޮތަކުން ލުއިފަސޭހަ ވެއްޖެއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޝާމުގެ ސިފައިންގެ ލަޝްކަރުތައް ރޫމީންނާއި ދިމާކޮށް އެތައް ފަހަރެއްގެ މަތިން ރޫމީން ބަލިކޮށް އެންމެ ފަހުން قِيرس އެވެ ކިޔުނު ޖަޒީރާ ތައް ފަތަޙަ ކޮށްފިއެވެ.
“ނުނިމޭ”
