Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ހަދާންތައް

m1nA Level 1
August 29, 2024 4 Mins Read
0 Comments

ލާމިއުއަށް ލޯ ހުޅުވައި ލެވުނުއިރު އެންމެ ފުރުތަމަވެސް ފެނުނީ އުމުރުން ގާތްގަނޑަކަށް 30 އަހަރުގެ އަންހެނަކާއި ހުދުކުލައިގެ ކޯޓެއް ލައިގެން ހުރި ފިރިހެނެކެވެ. ލާމިއު ތެދުވާން މަސައްކަތްކުރިއެވެ. “ނުތެދުވޭ. އަދި އޮށޯވެގެން އޮވެލާ” ލާމިއުގެ ކޮނޑުގައި އަތް ޖައްސާލުމަށްފަހު ޑޮކްޓަރު ބުންޏެވެ. އޭރުވެސް އެ އަންހެންމީހާ ހުރީ ފެންކަޅިވެފައެވެ. “ލާމިއު. އަހަރެން މި ކުރާ ސުވާލާށް ޖަވާބު ދީބަލަ. ގުރޭޑް 10 އަކާއި ހަމައަށް ލާމިއު ކިޔެވީ ކޮން ސުކޫލަކުން؟” ޑޮކްޓަރުގެ މި ސުވާލު އަޑުއިވުމާއެކު ލާމިއު ހާސްވިއެވެ. އަދި އާ ގަންނަގޮތްވިއެވެ. “އަ..އަހަރެން ނަކަށް ނޭންގޭ”. “ނޭންގެ ޔޭ!؟” ލާމިއު ކައިރި ހުރި އަންހެން މީހާ ހަޅޭލަވާ ކަހަލަ ގޮތަކަށް ބުންޏެވެ. “ފަރީޝާ، އަހަރެން ބުނީމެއްނު ލާމިއުއަށް ދިމާވި އެކްސިޑެންޓްގެ ސަބަބުން ބޮލަށް ވަނީ ވަރަށް ބޮޑު އަނިޔާއެއް ލިބިފައޭ. މާޒީގެ ބައެއް ހަދާންތައްވެސް ހަދާން ނުހުރެ ދާނެއޭ. އޭނާއަށް އެއްވެސް އެއްޗެއް ގަދަކަމުން ހަދާންކޮއްދެން މަސައްކަތް ނުކުރާތި. އޭގެ ސަބަބުން ސިކުޏޑިއަށް ބޮޑު ގެއްލުމެއް ލިބުން ވެސް އެކަށީގެންވޭ” މިހެން ބުނެފައި ޑޮކްޓަރު ނިކުތުމާއެކު ފަރީޝާ ލާމިއުގައިގާ ބައްދާލައިފިއެވެ. “އަހަރެމެން އިނދެގެން އުޅޭތާ މިހާރު 4 އަހަރު ވެއްޖެ. ލާމިއު އަހަރެން މަތިން ހަދާންނެތޭކަށް އަހަރެން ނޭދެން.” ލާމިއު ފުންނޭވައެއް ލުމަށްފަހު ބުންޏެވެ. “ފަރީޝާ…ގެ ނަމަކީ ފަރީޝާ ކަންވެސް މި އެނގުނީ ޑޮކްޓަރު ބުނީމަ” ފަރިޝާއަށް ހެވިއްޖެއެވެ. “ލާމިއުގެ މަޖާ މިޒާޖު މަތިން ހަދާނެއް ނުނެތޭ ދޯ. އަހަރެން ބޭނުންވަނީ ވީ ހާވެސް އަވަހަކަށް ލާމިއުއާއެކު ބާ އަތޮޅު އޭދަފުއްޓައްދާން” ލާމިއު ހޮސްފަތާލުން ދޫކޮއްނުލައި އުޅެނިސް ރަށަކަށް ދާވަހަކަ ދެއްކީ ކީއްވެގެން ބާވައެވެ. އޭނާއަށް އޭނާގެ މާޒީ ހަދާން ކޮއްދިނުމައްޓަކައި އޭނާގެ އުފަންރަށަށް ގެންދަނީއޭ އޭނާ ހިތައްއެރިއެވެ.

ލާމިއު ހޮސްފަތާލުން ދޫކޮއްލައިގެން ގެއަށް ދާން ޓެކްސީއެއް ހޯދަން އަތުން ހަނާ އަޅަންފެށިއެވެ. “ކީއްތިކުރަނީ؟ އަހަރެމެންގެ އަމިއްލަ ކާރު އޮއްވަ ކީއްކުރާ ޓެކްސީއެއް؟” ލާމިއު ހައިރާންވިއެވެ. އޭނާއަކީ އެހާތަނަވަސް ދިރިއުޅުމެއް އުޅެމުންއައި މީހެއްކަމަށް އޭނާއަކަށް ގަބޫލެއް ނުކުރެވުނެވެ. ފަރީޝާ ކާރު ދުއްވާފައި އެކި ގޯޅި ގޯޅި އަޅަމުން ދިޔައިރު ލާމިއު ދިޔައީ އޭނާ ދިރިއުޅޭ އެޑްރެސް ހަދާންކުރުމަށް މަސައްކަތް ކުރަމުންނެވެ. ކުއްލިއަކަށް ފަރީޝާ މަޑުކުރީ ސެލޯނު ބޭންކު ކައިރީ ހުންނަ ޖެޓީ ކައިރިއަށެވެ. “ހިނގާ ފައިބަން. ފޮށިތައް ބާލާފަ ލޯންޗައް އަރުވަދީބަލަ” ފަރީޝާ މިހެން ބުނުމާއެކު ލާމިއުގެ ދެލޯ ބޮޑުވިއެވެ. “އެއީ ކީއްވެ؟” ލާމިއުއަށް ހާސްކަމާއެކު ސުވާލުކުރެވުނެވެ. “އަހަރެން ބުނީމެއްނު ވީހައިވެސް އަވަހަކަށް ރަށައްދާން ބޭނުމޭ” ފަރީޝާ ހިނިތުންވެ ހުރެ ބުންޏެވެ. ލާމިއު ލޯންޗައް ފޮށިތައް އަރުވައި ފަރީޝާ ގޮވައިގެން ލޯންޗުގެ ގޮނޑިއެއްގައި އިށީން ދެއްޖެއެވެ.

3 ގަނޑި އިރުތެރޭގައި ލޯންޗުއޮތީ އޭދަފުށީ ފަޅުތެރޭގައެވެ. ލާމިއު އުންމީދު ކޮއްގެންހުރީ އޭނާގެ ތިމާގެ މީހެއް ނުވަތަ އޭނަ ދަންނަ ކޮންމެވެސް މީހަކާއި ދިމާ ވާނެކަމަށެވެ. ބަނދަރާއި ވަރަށް ކައިރި ގެއަކަށް ފަރީޝާ ހިގައިގަތެވެ. އަދި މީހަކަށް ގުޅަން ފެށިއެވެ. “ގޭގަ ނޫޅެނީ ދޯ؟” ލާމިއު ސުވާލު ކޮއްލިއެވެ. “ގޭގަ އުޅޭނީ ކާކު. މީ އަހަރެން ކުއްޔައް ނަގާފައި ހުރިގެއް. މިރަށުގަ އަހަރެންދަންނަ އެއްވެސް މީހެއް ނުހުންނާނެ” ލާމިއު ވަރަށް ހައިރާން ވިއެވެ. ދަންނަ އެއްވެސް ބަޔަކު ނޫޅޭ ރަށަކަށް އޭނާގެ ސިކުނޑިއަށް އެހާބޮޑުއަނިޔާއެއް ލިބިފައި ހުއްޓައި މިހައި އަވަސްއަރުވާލައިގެން އައުމުގެ ބޭނުމަކީ ކޮބައިބާވައެވެ. ލާމިއު ވަރުބަލި ވެފައި ހުރިލެއް ބޮޑުކަމުން އިތުރުވާހަކައެއްވެސް ދައްކާކަށް ބޭނުމެއްނުވިއެވެ. މީހަކުއައިސް ފަރީޝާއަށް ތަޅުދަނޑި ފޮތި ދިއްކޮލުމާއެކު ފަރީޝާ ދޮރުހުޅުވާލިއެވެ. ކޮންމެއަކަސް ގެއަކީ ވަރަށް ހިތްގައިމު ގެކެވެ. ބޭނުންވާ ހުރިހާ ފަރުނީޗަރުތަކަށް ވަރަށް ރީތިކޮށް އަތުރާލާފައި ހުރިގެއެކެވެ.

ފަރީޝާ އަވަހަށް ފާޙާނައަށް ފެންވަރަން ވަތެވެ. ލާމިއު ވަރުބަލި ވެފައިވާލެއް ބޮޑުކަމުން އެނދުގައި ޖައްސާލިއެވެ. ލާމިއު ހޮސްފަތާލުގައި އޮވެ ހޭވެރިކަން ވީފަހުން މީ އޭނައަށް ހަމަހިމޭނުން އެކަނި އޮވެލަން ލިބުނު ހަމައެކަނި ފުރުސަތެވެ. ލާމިއު މޯޅިއަކަށް ދެމިލިތަނާއި އެނދުގައި އޮތް ފަރީޝާގެ ފޯނުގައި ލާމިއުގެ އަތް ޖެހިއްޖެއެވެ. ލާމިއުއަށް ވަނީ ފަރީޝާގެ ފޯނުގެ ޕާސްވޯޑު ފަރީޝާ އެއްދުވަހަކު ޖަހަނިކޮށް ފެނިފައެވެ. އޭނާގެ މާޒީއަކީ ކޮބައިކަން ބަލައިލަން މިހާ ރަނގަޅު ފުރުސަތެއް ލިބޭނެކަމަށް އޭނާއަށް ގަބޫލެއް ނުކުރެވުނެވެ. ލާމިއު އަވަސްއަވަހަށް ފޯނުހުޅުވައި”ފޭސް ބުކް” ހުޅުވައިލިއެވެ. އަދި އޭނާގެ ފުރިހަމަ ނަން ޖަހައި ބަލައިލަން މަސައްކަތް ކުރިއެވެ. ފަރީޝާގެ ފޭސްބުކުގެ ސާރޗްގައި “ލާމިއު ނަޖީބު” ފެންނަން އިނެވެ. ލާމިއު އޭނާގެ އަމިއްލަ ފްޕޮފައިލަށް ފިތާލުމާއި އެކު ފެނުނީ އޭނާގެ ފޮޓޯގެ ދަށުގައި ކަހަލަގޮތަކަށް “ޑިވޯސްޑް” ޖަހާފައި އިންތަނެވެ. ލާމިއު ވިސްނާލިއެވެ. އަހަރެން މިއުޅެނީ މީހަކާ އިނދެގެނެއް ނޫންބާއެވެ. ކައިވެންޏަށް 4 އަހަރު ވާއިރު ފޭސްބުކުގައި ސްޓޭޓަސް ބަދަލުނުކުރާނީ ކާކުބާވައެވެ.ޕްރޮފައިލް ހާވަމުންގޮސް މީހެ 5 އަހަރު ކުރި ބަލައިލި އިރު “މެރިޑް ޓު ރައިނާ ޝަރީފް” ޖަހާފައި އިންޕޯސްޓެއް ފެނިއްޖެއެވެ. ލާމިއު ހާސްވާން ފަށައިފިއެވެ. މިއީ،ލާމިއު އެންމެ ލޯބިވި އެކަކެވެ. “ލާމިއު ކީއްވެތަ އަހަރެންނަށް އޮޅުވާލީ؟” ތުރުތުރުލާ ފަދަގޮތަކަށް ރައިނާ ލާމިއު ކަންފަތް ބުޑުގައި ބުނިހެން ހީވިއެވެ. މަޑުމަޑުން ހުރިހާއެއްޗެއް ހަދާންވާން ފަށައިފިއެވެ. ރައިނާއާއި ލާމިއުގެ ކައިވެނި ރޫޅުމުގެ ފަހަތުގައިވަނީ ފަރީޝާއެވެ. އަދި ފަރީޝާއާއި ލާމިއުއަކީ ދުވަހަކު ރައްޓެހިވެގެން އުޅުނު ދެމީހުނެއްވެސް ނޫނެވެ. ފަރީޝާއަކީ އެކުގައި ކިޔަވަން އުޅުން އިރުން ފެށިގެން ލާމިއުއާ ހިތާވެގެން އުޅޭ އަންހެނެކެވެ. އަސްލާއި ވައްތަރުވާގޮތައް ކޮންޕިއުޓަރުން ފާޑު ފާޑުގެ ފޮޓޯ އަދި ނުވިތާކަށް ކައިވެނި ސެޓްފިކެޓްވެސް ހަދައިގެން ފަރީޝާ ވަނީ ރައިނާއަށް ފޮނުވާފައެވެ. ފަރީޝާގެ މިފަދަ ވިޔާނުދާ އަމަލުތައް ތަކުރާރުވުމުގެ ސަބަބުން ރައިނާއާއި ލާމިއުގެ ދެމެދު ޖެހޭ މައްސަލަތައް ގިނަވެ އެންމެފަހުން ދެމަފިރިން ވަރިއާއި ހަމައަށް ދާންޖެހުނީއެވެ. ލާމިއުއަކީ އޭނާ ކުޑައިރު އޭނާގެ މައިންބަފައިން ނިޔާވެފައިވާ އަޅާލާނެ މީހަކު ނެތް މީހެކެވެ. ފަރީޝާއަށް މިކަން ވަރަށް ރަނގަޅަށް އެނގެއެވެ. އޭނާ އެކަމުގެ ފައިދާ ނެގީ އެންމެ ފުރިހަމައަށެވެ. ލާމިއުގެ ކައިވެނި ރޫޅުމާއެކު އެންމެފުރުތަމަވެސް އޭނާއާއި ބައްދަލުކުރަން އައީ ފަރީޝާއެވެ. “ރައިނާއަކީ ލާމިއުއަށް ފުރިހަމަށް އިތުބާރުކުރާ އަންހެނެއް ނޫންކަން ލާމިއުއަށް މިހާރު އެނގޭނެ. އަހަރެން ރައިނާއަށް ފޮނުވި އެންމެ އަސްލު ފޮޓޯއެއްވެސް ނީންނާނެ. ކައިވެނި ސެޓްފިކެޓްވެސް އެއީ ބޮލެއް ހުރި މީހަކީ ވީޔާ އެނގޭނެ އެއީ އަސްލެއް ނޫންކަން. އެކަމަކު އޭނާއަކަށް ލާމިއުއަށް އިތުބާރެއް ނުކުރެވުނެއްނު. ލާމިއުއަށް އަހަރެންނާ އިނދެގެން ނުލިބޭނީ ކޯއްޗެއް؟ އަހަރެން ލާމިއު ދެކެ އެހާ ލޯބިވޭ. އަދި އަހަރެންނަކީ އަތުގައި ފައިސާ ހުރި މީހެއް” ފަރީޝާ ލާމިއުއާއި ދިމާލަށް ހިނގަމުން ބުންޏެވެ. “ފަރީޝާ ތި ދެއްކި ހުރިހާ ވާހަކައެއް ދޮރުން ވައިން ހިސާބުންފެށިގެން އަހަރެން ރިކޯޑު ކޮއްފިން. ތީ  އަހަރެންގެ ގާތް ރައްޓެއްސެއްކަމަށް ހީކުރެވުމަކީ އަހަރެންނަށް ކުރެވުނު އެންމެ ބޮޑު ކުށް. އަހަރެން ފުލުހައް ނުގުޅަނީސް މިގެއިން ނިކުމޭ” ލާމިއު ރުޅިއައިސް ރަތްވެ ހަޅޭލަވައިގަތެވެ.

މިހުރިހައި ހަދާންތަކެއް އައުމާއެކު، ލާމިއު އަވަހަށް ފުލުހައް ގުޅިއެވެ. މާކަގިނައިރުތަކެއް ނުވެ ފުލުހުން އަތުވެއްޖެއެވެ. ފަރީޝާ ފާޙާނައިން ނުކުއިން އިރު ކުރިމަތީގައި އަންހެން ފުލުހަކު ހުއްޓެވެ. ފަރީޝާ ވަރަށް ހާސްވިއެވެ. އަދި ދުވެފިލަން މަސައްކަތްކުރިއެވެ. ނަމަވެސް ކޮޓަރި ދޮރުހުޅުވުމާއެކު ކުރިމަތީގައި ހުރީ ލާމިއުއާއި އިތުރު ފުލުހެކެވެ. ފަރިޝާއަށް ރޮވެން ފަށައިފިއެވެ. “ހެޔޮނުވާނެ. އަހަރެން ޖަލައް ނުފޮނުވާ. އަހަރެންނަކަށް ނޫޅެވޭނެ އެތާގައެއް” ފަރީޝާ ގިސްލަމުން ބުންޏެވެ. “އަހަރެން މިކުރާ ސުވާލުގެ ޖަވާބު އަހަރެންނަށް ދީ” ލާމިއު ސުވާލުކުރިއެވެ. “ކަލޭތަ އަހަރެން ސައިކަލުގެ ބުރަކި ހަލާކު ކޮއްލީ؟” ފަރިޝާ ރޮމުން ޖަވާބުދިނެވެ. “އާ..އާން. އަހަރެންނަށް ރެޔާ ދުވާލު ވިސްނެނީ ލާމިއު އެ ދުވަހު ރިކޯޑުކުރި އެތި ފުލުހަށް ފޮނުވަފާނެކަމަށް. އަދި އޭތި ރައިނާއަށް ފޮނުފައިފި ނަމަ…އަހަރެންނަކަށް ކެތެއްނުވާނެ ލާމިއު އެހެން މީހަކާއެކީ އުޅޭތަން ދެކޭކަށް” ލާމިއުގެ އަޑުބާރުވިއެވެ. “އެހެންވެތަ ކަލޭ އުޅުނީ އަހަރެން މަރާލަން؟ ބަލަ ކިރިޔާއޭ އަހަރެން މަރުނުވެ މިހުރީ. އެ ދުވަހު އަހަރެން އެހެން ބުނީވެސް ކަލޭ އެތަނުން ފޮނުވާލަން. ކަލޭ އަބަދު އަހަރެންގެ ގެއަށް އެހެން އަންނަން ފަށައިފީޔާ އެންމެން ވެސް ހީކުރާނީ ކަލޭ އަހަރެންގެ ބޮލުގައި އެޅުވި ހަޑި ތުހުމަތަކީ ތެދުކަމަށް. އެހެންވެ އަހަރެންނަށް މަޖުބޫރުވީ ދޮގުހަދަން” ލާމިއު ފުންނޭވާއެއް ލިއެވެ. އަދި ބުންޏެވެ. “އަހަރެންނަށް ދެންމެ ރައިނާގެ ފޭސްބުކް ޕްރޮފައިލް ފެނުން. އޭނާ އުޅެނީ އެހެންމީހަކާއި ކައިވެނި ކޮއްގެން ވަރަށް އުފަލުގައި. އޭނާގެ ފިރިމީހާއާއި ކުދިންނާއެކީ ނަގާފަހުރި ފޮޓޯތައް ފެނިފަ އަހަރެންގެ ހިތައް ހިތްހަމަޖެހުން ލިބުން. ސަބަބަކީ އަހަރެން ރައިނާ ދެކެވީ ހަޤީގީ ލޯބި. ތިކަހަލަ ފީކަޅާ ލޯތްބެއް ނޫން” ފަރީޝާ ބުނާނެ އެއްޗެއް ނޭންގިފައި ލާމިއުއާއި ދިމާލަށް ބަލަންހުއްޓެވެ. “ހިނގާ. ކުރިއަށް” ފުލުސް މީހާ ފަރީޝާގެ އަތުގައި ބިޑިއަޅުވައި ހައްޔަރުކުރަމުން ބުންޏެވެ.

 

Share Article

Follow Me Written By

m1nA

Level 1

Other Articles

Previous

ޝަހީދުންގެ ސާހިބާ 1

Next

ފުން މިލޯބީގެ އިންތިޒާރްChapter 1(Episode 1)

Next
August 30, 2024

ފުން މިލޯބީގެ އިންތިޒާރްChapter 1(Episode 1)

Previews
August 29, 2024

ޝަހީދުންގެ ސާހިބާ 1



All Right Reserved!