ފިނި ހިތް 19
މާލެ ދިޔަތާ 24 ގަޑިއިރު ނުވަނީސް ރަށުގައި ތިބި މީހުންގެ ފޯނުތައް ކިރާއަށް އަންނަން ފެށިއެވެ.އައިރާ ކިރާގެ ކުއްލި ފުރުމާމެދު ހިތްހަމަނުޖެހިގެން ކުދިކިޔައިގަތް އިރު ފޯނަށް އޭނާގެ ގާތުގައި ދެންތިބި މީހުންގެ އަޑު އަރަމުން ދިޔައެވެ.އައިރާ ވާހަކަ ދައްކަމުން ދިޔައިރު ކައިރީގައި އިން އާރާޝް ދޭތެރެއަކުން އައިރާއަށް ގޯނާ ކޮށްލާއިރު އޭނާ ހަޅޭއްލަވާ އަޑު އިވެމުން ދިޔައިރު ކިރާ އިނީ ހީހީ ހަލާކުވެފައެވެ.އޭގެ ފަހުން ލަޔާން ގުޅުމުން އޭނާގެ ފޯނުން ޔަޝްމާއާއި ލިހުވާންވެސް ވާހަކަ ދެއްްކިއެވެ.ޝަރާވެސް ޔޫލް ނިންދަވަން އަރުވައިގެން އިނދެ ކިރާއަށް ގުޅައި ހާލު އަހުވާލު އޮޅުންފިލުވީ އެ ދެމެދުގައިވެސް މިހާރު ގާތް ގުޅުމެއް އުފެދިފައިވާތީއެވެ.ޔާކިން ނުގުޅިއެއް ކަމަކު އެ ރަށުން ފުރައިގެން އައުމުގެ ކުރިން އޭނާ ދެއްކި ވާހަކަތައް ކިރާގެ ބޮލުތެރޭގައި ތަކުރާރުކޮށް އެނބުރެމުން ދިޔައެވެ.ހަމައެހެންމެ އޭނާ ދިޔައީވެސް އެކަންތަކާއި މެދު ވިސްނަމުންނެވެ.
ޖެހިގެން އައި ދުވަހު އަމާނާ ގެޔަށް ދޫކޮށްލުމާއެކު އޭނާއާއި މޭރީ މަޑުކުރަން ނިންމީ ކިރާ ކުރިން ބުނި ފަދައިން އޭނާ ފަރެސްމާތޮޑާއަށް ދިއުމުގެ ކުރިން ކައިޝާންއާއި އީޝާގެ ނަންމައްޗައް ބަދަލުކޮށްދިން އޭނާގެ ބައިގެ ތިރިއަށް ހުންނަ ބައިގައެވެ.އަދި މިހާރު އެ ދެމަފިރިން ވަނީ ކިރާ އެދުނު ފަދައިން އޭނާގެ ގެޔަށް ދިރިއުޅުން ބަދަލުކޮށް މާލޭގައި ހުރި އެޕާޓްމެންޓް އީޝާގެ ނަންމައްޗައް ބަދަލުކޮށް ކުއްޔަށް ދީފައެވެ.އަދި ކުލިވެސް ކިރާގެ ބެލުމުގެ ދަށުން ކޮންމެ މަހަކު އީޝާގެ އެކައުންޓަށް ޖަމާވާނޭހެން އޭނާ ވަނީ ހަމަޖައްސާފައެވެ.އެއީ ކައިޝާންއަށް އެ އެޕާޓްމެންޓުން ލިބޭ ލާރީގެ މާ ބޮޑު ބޭނުމެއް ނުޖެހޭނެކަން އޭނާއަށް އިނގޭތީއެވެ.
އޭގެ ދެ ދުވަސް ފަހެވެ.ކިރާ އެރޭ މާލެ އައުމަށްޓަކައި ހެދީ މުޅިއަކުން ދޮގެއް ވެސް ނޫނެެވެ.ޓްރާންސްޕޯޓް މިނިސްޓްރީއާއި އެއްކޮށް ބާއްވަން ހަމަޖެހިފައިވީ ބައްދަލުވުންތަކެއް ވެސް އޮތީ ހަމަ އެ ހަފްތާއަށް ތާވަލު ކުރެވިފައެވެ.ނަމަވެސް އޭނާ އެރޭ ނައިސް ތަންކޮޅެއް ލަހުން އަޔަސް ގަޑިއަށް އެ ބައްދަލުވުންތަކުގައި ބައިވެރިވެވޭގޮތް ވީހެވެ.މީޓިންތައް ނިމުނުހާ އަވަހަކަށް ކިރާ ނިންމީ އެނބުރި ފަރެސްމާތޮޑާއަށް ދާށެވެ.ހަފްތާ ނިމެން ބާކީ ދެތިން ދުވަހަށް ވެފައިވާއިރު އައިރާ އާއި އާރާޝްގެ ކައިވެނިކުރެވޭކަށް މާ ގިނަ ދުވަހެއް ނެތެވެ.
ކުރިން ކިރާމެން އެރަށަށް ދިޔައިރު ކައިޝާންއާއި އީޝާ ތިބީ ދެމީހުން ހަނީމޫން ނިންމާފައި އައިތާ މާގިނަދުވަހެއް ނުވެ އީޝާއަށް އެހައި އަވަހަށް ހޮސްޕިޓަލުން ޗުއްޓީއެއް ލިބޭގޮތް ނުވުމުން ކައިވެންޏާއި ތަންކޮޅެއް ގާތްކޮށްފައި އެ ރަށަށް ދާން ނިންމައިގެންނެވެ.ވުމާއެކު އެ ދެމީހުން ތިބީ ކުރީބައިގައި ޓިކެޓް ނަގައިގެން ދަތުރަށް ތައްޔާރުވެގެންނެވެ.އެހެނެއްކަމަކު ކިރާ އޭނާއާއި އަމާނާއަށް ފުދޭވަރަކަށް ބާރުބޮޑުވެފައި ވީ ނަމަވެސް ކައިޝާންމެންނާއި އެއް ފްލައިޓަކުން ފުރޭނޭ ގޮތް ހަމަޖެއްސިއެވެ.ކިރާއާއި އަމާނާގެ ޕްރައިވެޓް ޖެޓުތަކާއި ކައިޝާންގެ އަމިއްލަ ލޯންޗުފަހަރު ތިއްބެއްކަމަކު އެއާއިލާއަކީ އެއްވެސް ވަރަކަށް ދެއްކުންތެރިކަމަށް ލޯބިކުރާ ބައެއް ނޫންކަމުން އެއިން އެއްޗެއް އެމީހުން ބޭނުން ކުރަނީ ހާލަކުން ފަހަރަކުއެވެ.އެގޮތުން ކިރާއަށް މިއިން ދުވަހަކު މަސައްކަތެއް ނުކޮށް އުޅެވޭވަރަށް ލާރި ލިބޭ ނަމަވެސް އޭނާ މޯލްޑިވިއަންގައި ކެބިން ކްރޫއެއްގެ ގޮތުގައި މަސައްކަތް ކުރަނީ އެއީ އޭނާ ކުރާހިތްވާ ކަމަކަށް ވާތީއެވެ.އެއީ އޭނާގެ ދެއްކުންތެރިކަމެއް ނެތްކަމުގެ ހެއްކެކެވެ.
މޭރީ އެނބުރި ރަޝިޔާއަށް ފުރުވާލުމަށްފަހު ކިރާމެން ފަރެސްމާތޮޑާއަށް ދާން ފުރީ ހަވީރެއްގައެވެ.ކުރިއެކޭވެސް އެއްފަދައިން އެއް ގަޑި ވިހި މިނުޓުގެ ދަތުރަކަށް ފަހު ފްލައިޓް ފަރެސްމާތޮޑާ އެއަރޕޯޓުގައި ޖެއްސިއެވެ.ކައިޝާންމެން ލަގެޖް ނަގަން އެތެރޭގައި މަޑުކުރަމުން ކިރާ ގާތުގައި އަމާނާ ގޮވައިގެން ބޭރަށް ދިއުމަށް ބުންޏެވެ.އެރައިވަލްސް ގޭޓުން ނުކުތް ކިރާއާއިއެކު ހުރި އަމާނާ ފެނުމުން އެ މީހުން ރިސީވް ކުރަން އައިސް ހުރި ލަޔާން ހުރި ފިޔަވަޅު މައްޗައް ގަނޑުވިއެވެ.އޭނާއާއި އެއްކޮށް އައިސްތިބި ލިހުވާން އާއި ޔަޝްމާގެ މޫނުމަތިން ވެސް ހައިރާންކަން ފާޅުވަމުން ދިޔައިރު އެމީހުންގެ ގާތުގައި ހުރި ޔޫވިންގެ ނަޒަރު ކިރާއާއި ވަތްކެއް ނުވެއެވެ.”މޯ…މް…މިތާ؟ކިހިނެތް؟ކޮންއިރަކު ރާއްޖެ އައީ؟”އިރުކޮޅެއްގެ ހަމަހިމޭން ކަމަށްފަހު ލަޔާން ކުޑަކުއްޖެއްހެން ދުވެފައި ގޮސް އަމާނާގެ ގައިގައި ބައްދާލިއެވެ.”މޯމް.އައި އޭމް ސޮރީ.އެގޮތައް ގެއިން ނުކުމެގެން ދިޔައީމަ މަންމަ ދެރަވާނެކަން އަޅުގަނޑަށް ނުވިސްނުނީ.އެހެންވެ ފަހުން މަންމަ ގުޅީމަ ފަހުން ފޯނުވެސް ނުނެގީ މަންމައާއި ވާހަކަ ދައްކަން ނުކެރިގެން”ލަޔާން އޭނާގެ ކުށް ޤަބޫލުކުރިއެވެ.”ނޯ ސަން.އިޓްސް އޯކޭ.އައި ޝުޑެންޓް ހޭވް ފޯސްޑް ޔޫ.ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫން.އުމުރު މަތިވަނީއޭ ކިޔައިގެން އެ ފަދަ ކަންކަން މަޖުބޫރުން ކުރުވަން އުޅެގެން ހަލާކުވާނީވެސް ދަރިފުޅުގެ ދިރިއުޅުން.މަޖުބޫރުން ކުރެވޭ ކަމެއް ދެމިއެއް ނޯންނާނެ”އަމާނާ ލަޔާންގެ ބޮލުގައި ފިރުމާލަމުން ދަރިފުޅުގެ ކިބައިން މަޢާފަށް އެދުނު އިރު އެ ދެލޮލުން މައިވަންތަކަމުގެ ލޯބި ފެންނަން ހުއްޓެވެ.
ލަޔާންއަކީ އަމާނާ އާއި އުސްމާންގެ ތިންވަނަ ދަރިފުޅެވެ.އެޔަށްވުރެ ކުރިންވެސް ދެފަހަރު އޭނާ ބަލިވެ އިނެވެ.ނަމަވެސް ބައިގެން ދިޔައީއެވެ .ލަޔާން ލިބުނީ ތިން ވަނައަށް ބަޑުބޮޑުވި ފަހަރުއެވެ.ލަޔާންއަށްފަހު އަމާނާގެ ފުރާނަޔަށް ނުރައްކާވެދާަނެތީވެ އެހެން ދަރިއަކު ނުހޯދުމަށް ޑަކުޓަރު އަމާނާއާއި އުސްމާނަށް އިރުޝާދު ދިނުމާއެކު އެ ދެމަފިރިންގެ ހުރިހާ ސަމާލުކަމެއް ހުއްޓުނީ ލަޔާންއަށެވެ.އުމުރުދުވަހު ލަޔާން ރަނގަޅަށް ތަރުބިއްޔަތުކޮށް މުޖުތަމަޢަށް ބޭނުންހިފޭ ފަދަ ދަރިއަކަށް ހެދުމަށްޓަކައި އެ ދެމަފިރިން ވަރަށް މަސައްކަތް ކުރިއެވެ.ނަތީޖާ ކިތަންމެހާވެސް ފޮންޏެވެ.އުސްމާނާއި އަމާނާއާއި ދެމީހުން އާކިޓެކްޗާގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކޮށްގެން އުފެއްދި މިހާރު ރަޝިއާގެ އެންމެ މަޝްހޫރު އެއް އާކިޓެކްޗަރަލް ކޮމްޕެނީ ކަމުގައިވާ އޭ.ޔޫ ކުންފުނީގެ ސީ.އީ.އޯ އަކީ ލަޔާންއެވެ.މަންމައާއި ބައްޕަގެ ފަންނުވެރި ހުނަރު ވާރުތަވެފައިވާ ލަޔާންއަކީވެސް ކުޅަދާނަ އާކިޓެކްޓެކެވެ.އުސްމާނުގެ ވަކިވެދިއުމަށްފަހު އަމާނާ ލަޔާންގެ ނަންމައްޗަށް މުޅި ކުންފުނި އެއްކޮށް ބަދަލުކޮށްދިނުމަށްފަހު އޭނާއަށް ވީ ބައިގެ ގޮތުގައި ނެގީ އެ ކުންފުނީގެ ދަށުން ހިންގާ އޭ.ޔޫ ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓް ކުންފުންޏަށް ވާ ހިއްސާއެވެ.އެ ރިއަލް އެސްޓޭޓް ކުންފުނިން ޢާައްމުކޮށް އެކި ސަރަހައްދުތަކުގަައި ލިސްޓު ކޮށްފައި ހުރި ގެތަކަކީ އަމާނާއާއި އުސްމާނުވެގެން ފަރުމާކޮށްފައި ހުރި ތަންތަނަށްވުމުން އެ ބައި އޭނާ ބޭނުންވީ އެ ހަދާންތައް އަބަދުވެސް އާރޯކަންމަތީ އޭނާގެ ސިކުނޑީގައި ބެހެއްޓުމަށް ޓަކައެވެ.ހުޅުމާލޭގައި ހުރި ކިރާގެ އެޕާޓްމެންޓް ކޮމްޕްލެކްސް އަކީވެސް އަމާނާއާއި އުސްމާނުގެ ކުޅަދާނަ އާކިޓެކްޗަރަލް މަސައްކަތްތައް ދައްކުވައިދޭ ނިޝާނެކެވެ.
“މި ތުއްތުބެއްޔާ މި ނުކުތީ މި ރަށު ކޮން ވަލަކުންތަ؟އަދި މަ އެބަ އުޅެމޭ މި ސޮރު ވީތަނެއް ނޭނގިގެން މުޅި ޔޫރަޕު ކުޑަކުރަންވެގެން ޔޫރޯ ޓްރިޕަކަށް ދާން ތައްޔާރުވާންވެގެން.ފޯރ އަވަރ ސެކަންޑް ހަނީމޫން.ދޯ އީޝް”އެތެރެއިން ނުކުމެގެން އައި ކައިޝާންއަށް ލަޔާން ފެނުމާއެކު އީޝާއަށް ދޯ ދެމުން ބުންޏެވެ.ލަޔާން އެރަށުން ފެނުމުން ހައިރާންވީ ވަރުން އޭނާއަށް ބަލައިލެވުނީ ކިރާއަށެވެ.ލަޔާންއަށް ވެސް ކައިޝާންމެން ފެނުމުން ލިބުނު ހައިރާންކަމުގައި ކިރާއަށް ބަލައިލެވުނެވެ.އެ ދެމީހުންގެ މޫނުމަތީގެ ކުލަވަރުން ކިރާއަށް ވީ ގޮތް ނަގައިގަނެވުނެވެ.”އަހަރެން ގަސްތުގަ ކުޑަބެ ކައިރީ ނުބުނީ ތުއްތު މިރަށުގަ ހުރި ވާހަކަ.ދެން ތުއްތު ކައިރީ އަހަރެން ބުނީ ކުޑަބެމެންނަށް އާދެވޭ ގޮތް ނުވީމަ އަހަރެން އެކަންޏޭ މި އަންނަނީ.ދެން ތުއްތު އޮބްވިއަސްލީ ހީކުރާނީ އާންޓް ހުންނާނީ ރަޝިއާގަ ކަމަށް ވީމަ އައި ޑިޑިންޓް ސޭ އެނީތިންގް އެބައުޓް ހަރ”ކިރާ ކިޔައިދިނެވެ.”ހިހި ވަރަށް ބޮޑަށް ޝުކުރިއްޔާ ތި ދެއްވި ސަޕްރައިޒަށް”ލަޔާން ކިރާ އުރާލަމުން ދެފަރާތައް އެނުބުރިލަމުން ބުންޏެވެ.އެޔާައެކު ދެން ތިބި މީހުން ހޭންފެށިއިރު ކިރާ އޭނާ ތިރީގައި ބެހެއްޓުމަށް އެދި ހަޅޭއްލަވަމުން ދިޔައެވެ.ޔަޝްމާއާއި ލިހުވާންވެސް އެ ތިންމީހުންނަށް މަރުޙަބާ ކިޔަމުން ހުންނަންވާނީ އެގޭގައި ކަމައް ބުނެ އަމާނާ ގެންދިޔައީ ވެސް ލިހުވާންގެ ކާރުގައެވެ.ކައިޝާން އާއި އީޝާ ޔޫވިންގެ ކާރުގައި ދިޔައިރު ލަޔާން އާއި ކިރާ ދިޔައީ އޭނާ އެއްވެސް ފޮއްޓެއް އެއްޗެއް ގެނެސްފައި ނެތުމުން ސައިކަލުގައެވެ.
ރޭގަނޑުގެ ވަގުތެވެ. ދެވަނަ ބުރީގައި ހުރި ސިޓިން ރޫމުގައި ޕީ.އެސް ކުޅެން ތިބި ޔޫވިން އާއި ޔާކިންގެ ގާތުގައި ލަޔާން އައިސް އިށީނެވެ.”ބްރޯސް.އައި ނީޑް ޓު ޓެލް ޔޫ ގައިސް ސަމްތިންގް”ލަޔާން ފުންނޭވައެއް ލަމުން ބުނުމާއެކު ޔާކިން އަވަހަށް ބުނާށޭ ބުންޏެވެ.”އައި …އައި އޭމް އިން ލަވް”ލަޔާން އަންހެންކުއްޖެއްހެން ދެއަތްތިލައިން މޫނު ފޮރުވާލަމުން ބުންޏެވެ.މިނުޓެއްހާއިރު ފާއިތުވެގެންދިޔަ އިރު އެ ދެމީހުންގެ އަޑެއް ބަޑެއް ނީވުމުން އޭނާ ދެ އިނގިލިދޭތެރެ ފޭކޮށް ލޯ ހުޅުވާލިއިރު ކަމަކުދާކަށް ނެތެވެ.ޔޫވިން އިންގޮތައް ގަނޑުވެފައި އިންއިރު ޔާކިން ސޯފާއިން ތެދުވެ ދެކޮޅު ދެކޮޅަށް ހިނގަމުން ދިޔައެވެ.އެ ދެމީހުންގެ ރިއެކްޝަން ހުރިގޮތުން ލަޔާންއަށް އަނެއްކާ އެ ބުނެވުނީ ރަނގަޅު އެއްޗެއްތޯ ސުވާލުކުރެވުނެވެ.”ކާކު ދެކެތަ އަނެއްކާ ލޯބިވެވުނީ؟”ޔޫވިން ބުނުމާއެކު ލަޔާން ފަސްޖެހުނެވެ.”އަމްމް ސޮރީ ބްރޯ ބަޓް ޔަޝްފާ އެންޑް އައި ވީ އަރ ޑޭޓިންގް.ކިޓީއަކަށް ނޭނގޭނެ އަދި ބަޓް ވީ އަރ…”ލަޔާން ފުންނޭވައެއް ލަމުން ބުންޏެވެ.”އޭނ؟!”ޔާކިންއާއި ޔޫވިންއާ ދެމީހުންނަށް އެއްފަހަރާ ބުނެވުނެވެ.”އައި ގެސް އޭޖް ޑަޒެންޓް މެޓަރ އިން ލަވް”ޔޫވިން ހިނިތުންވެލަމުން ބުންޏެވެ.ކިރާއާއި އޭނާއާއި ދޭތެރޭ ޖެހުނު މައްސަލައަކާއި ހުރެ ޔަޝްފާގެ ދިރިއުޅުމަށް އަސަރެއް ކުރާަކަށް އޭނާ ބޭނުމެއް ނޫނެވެ.އަދި އެ ގުޅުމަށް ނޫނެކޭ ބުނަންވީ ސަބަބެއް ވެސް އޭނާއަކަށް ނުވިސްނުނެވެ.ލަޔާން ކިރާއަށް އަޅައިލާ ވަރު ފެނުމުން އެފަދަ ކުއްޖަކު އަނބިމީހާއާއި މެދުވެސް ހަމަ އެފަދައިން ޢަމަލުކުރާނޭ ކަމާއިމެދު ޝައްކެއް ނެތެވެ.އެހެންނޫނަސް ލިހުވާންއާއި ޔަޝްމާވެސް އެ ގުޅުމަށް އިންކާރުނުކުރާނެކަން ޔޫވިންއަށް ޔަޤީނެވެ.ފާއިތުވި ދުވަސްތަކުގެ ތެރޭގައި ލަޔާންވަނީ އެ ގޭ އެންމެންގެ ހިތްތަކުން ވެސް ޖާގަ ހޯދާފައެވެ.އޭނާގެ ކޮއްކޮ ލަޔާން ފަދަ ވިސްނޭ ހަރުދަނާ މީހަކު ހަޔާތުގެ ބައިވެރިއެއްްގެ ގޮތުގައި އިޙްތިޔާރުކުރީތީ އޭނާ އުފާވިއެވެ.އަދި އެ ދެމީހުންގެ ސަބަބުން އެ ދެ އާއިލާ ގުޅިއްޖެނަމަ އެއީ އޭނާއާއި ކިރާއާއި ގާތްކޮށްދޭން މެދުވެރިވާނޭ އިތުރު ސަބަބެއްް ކަމަށް ޔޫވިން ދެކުނެވެ.
އިރުކޮޅަކު ވާހަކަދައްކަން ތިބުމަށްފަހު ތިންމީހުންވެސް ނިދަންވަނީ ދަންވާން ކައިރިވެފައި ވުމުންނެވެ.ނިދަން އެނދަށް އެރިތަނާ ތާއްޔާއިޖެހިޖެހި އޮތް ޔޫވިންއަށް ފުންމައިގެން ތެދުވެވުނީ ފޯނު ރިންގުވާ އަޑަށެވެ.ސްކްރީނަށް އަރާފައި އިން ބައްޕަގެ ނަން ފެނުމުން ޔޫވިންގެ ނިދިވެސް ފިލައިދިޔަ ކަހަލައެވެ.މުހިއްމު ކަމެއް ދިމާވެގެން ނޫނީ ބައްޕަ މިގަޑީގައި ނުގުޅާނެކަން އިނގޭތީއެވެ.އަނެއްކާ މިއޮތްފަދަ ގަޑީ ބައްްޕައަށް ކަމެއްވީ ބާވައެވެ.ޔޫވިން އަވަސްއަވަހަށް ބޮލަށް ޓީޝާޓެއް މަހާލައިގެން ކޮޓަރިން ބޭރަށް ނިކުތްތަނާ އެ ބައިގައި ހުރި ސިޓިންގްރޫމް އެއްކޮށް ދިއްލުނެވެ.
“ހެޕީ ބާޓްޑޭ ކުޑަބޭ”ވީނުވީއެއް ނޭނގިގެން އުޅެނިކޮށް އޭނާގެ އުރަށް އައިސް އެރީ ނޫކުލައިގެ ޕިޖާމާއެެއް ލައިގެން ހުރި ޔޫލްއެވެ.އެވަގުތު ކުރިމަތިން ޝަރާއާއި ކޭކެެއް އަތައް ލައިގެން ހުރި ޔާކިން ފެނުނު އިރު ލިހުވާންއާއި ޔަޝްމާގެ އިތުރުން ޔަޝްފާވެސް އެމީހުންގެ ކޮޓަރިތަކުން ނުކުމެގެން އާދެއެވެ.ކަައިޝާންގެ ދެމަފިރިންނާއި އަމާނާއާއި ކިރާ އެބައިން މައްޗައް އެރެން ހުރި ސިޑިން ފައިބައިގެން އައި އިރު އެ މީހުންގެ އަތްތަކުގައި ޔޫވިންއަށް ދޭން ގެނައި ހަދިޔާތައް ހުއްޓެވެ.ވެގެން އުޅޭގޮތް ޔޫވިންއަށް ކޮންމެވެސް ވަރަކަށް ނަގަައިގަނެވުމާއެކު އޭނާ ފޯނު ހުޅުވައި ދުވަހުގެ ތާރީޙަށް ބަލައިލިއެވެ.ގަޑިން ރޭގަނޑު 12 ޖަހައި 5 މިނިޓު ހިނގާފައި ހުރުމާއެކު ފޯނުގެ ސްކްރީނުން 25 ނޮވެމްބަރު ފެންނަަން އިނުމުން މިހާރު މިއީ އޭނާގެ އުފަންދުވަސް ކަން ޔޫވިންއަށް އެނގުނެވެ.މިއަދަކީ އޭނާއަށް 24 އަހަރު ފުރޭނެ ދުވަހެވެ.
ކޮންމެ މީހަކު ޔޫވިންއަށް އުފަންދުވަހުގެ ތަހުނިޔާ އަރިސްކުރަމުން ދިޔައިރު ކޭކު ފެޅުމާއެކު ކޮންމެ މީހަކުވެސް ޔޫވިންގެ އަތައް އޭނާއަށް ޓަކައި އެ މީހަކު ތައްޔާރުކުރި ހަދިޔާ ދެމުންދިޔައެވެ.ކިރާއާއި ޖެހުމުން އޭނާ އައިސް ރަތް ކުލައިގެ ވިދާ ކަރުދާހުން ޕެކްކޮށްފައި ފަތިކޮށް އޮތް ބޮޑު ފޮއްޓެއްް ޔޫވިންގެ ކުރިމަތީ ހުރި މޭޒުމަތީގައި ބާއްވަމުން ތަހުނިޔާ ކިޔާލިއެވެ.އެ ދެމީހުންނަށް 17 ފުރުނު އަހަރުން ފެށިގެން މި ދުވަހަކީ އޭނާ އަބަދުވެސް ހަދާންބަހައްޓަމުން އަންނަ ދުވަހެކެވެ.ޔޫވިންގެ އުފަންދުވަހުގައި އޭނާއަށް ނޭނގުނެއް ކަމަކު ކޮންމެ އަހަރަކު ކިރާ ސިއްރުން އޭނާ ހެޔޮހާލުގައި ލެއްވުމަށް އެދި ދުޢާ ކުރިއެވެ.”ތޭންކް ޔޫ.ކިޓީ.އަހަރެން ހިޔެއް ނުކުރަން…ޔޫ އަރ ވެލްކަމް ޔޫވިން.އައި ހޯޕް ޔޫ ލައިކް އިޓް”ކިރާ ޔޫވިންެގެ ޖުމްލަ މެދު ކަނޑާލުމަށްފަހު ސިޑިން މައްޗައް އަރައިގެން އޭނާ އުޅޭ ބަޔަށް ދިޔައެވެ.
އެނދުމަތީގައި ޔޫލް އާއި ޔާކިންވެގެން ކޮޓަރިއަށް ގެނެސްދިން ހަދިޔާތައް އެއްކޮށްގެން އިން ޔޫވިންގެ ލޮލުގައި އަޅައިގަތީ ހުރިހާއެއްްޗެއްގެ ތެރެއިންވެސް ކިރާ ދިން ފޮއްޓެވެ.ބަލާ ބެލުމަށް އޭތި ވައްތަރީ ލެޕްޓޮޕަކާއެވެ.އެހެން ކަމަށް ހީކޮށް އޭތި އަތައް ނެގުމާއެކު ޔޫވިންއަށް ހައިރާންކަމެއް ލިބުނީ އޭތި ލުއި ކަމުންނެވެ.ލެޕްޓޮޕެއް ނަމަ ބަރުވާނެތާއެވެ.ހިތުގައި އުފެދުނު ކުއްލި ޝަޢުޤުވެރިކަމާއެކު ފޮށީގެ އެތެރޭގައި އޮތީ ކޯއްޗެއްތޯ ބެލުމަށް އޭނާ އަވަސްވެގަތެވެ.އަވަސްހަރަކާތާއެކު ކަރުދާސްތައް ނެއްޓުމަށްފަހު ފޮށި ހުޅުވާލުމާއެކު އޭނާ ހުއްޓުން އެރީ އެތެރޭގައި އޮތް އެތި ފެނުމުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.

Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Kira still love yoon
Kira and Yoon gulhuvachey
They both are made for each
Finally layaan and Yasfa gulhunee
Anehka koncheh baa othy
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you ❤️😍