ޔަލްވީ
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ތަނަވަސް ކޮޓަރިއެކެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަނީ މުއްސަނދި ކަމެވެ. ކޮޓަރީގެ ވާތް ފަރާތު ބިތުގައި އެއްކޮށް ބޮޑު އަލަމާރި އެއް ބަހައްޓާފައި ހުރިއިރު ކޮޓަރީގެ ކަނާތް ފަރާތުގައި ބެލްކަންޏަށް ނުކުމެވޭ ގޮތަށް ހުރި ދޮރެއް ހުއްޓެވެ. ކޮޓަރީގެ މެދުގައި ކިންގް ސައިޒް އެނދެއް ހުރިއިރު އެނދާ ޖެހިގެން ސްޓަޑީ ޓޭބަލް އެއް ބަހައްޓާފައި ހުއްޓެވެ. ކޮޓަރީގެ ތެރެއަށް ބަލައިލުމުން ސާފު ތާހިރު ކަމަށް ލޯބި ކުރާ މީހެއް އުޅޭ ކޮޓަރިއެއް ކަން އެނގެއެވެ. އެނދުގައި އަރާމުކޮށް ނިދާފައި އޮތް ޔަލްވީ އަށް ހޭލެވުނީ މީހަކު ދޮރުގައި ޓަކި ޖެހި އަޑަށެވެ. ހޭލެވުމާއިއެކު ޔަލްވީގެ މޫނުމަތިން ފެނުނީ ބިރުވެރިކަމާއި ސިހުމެވެ. މި ވާން އުޅޭގޮތް އޭނާ އަށް އިނގޭ ކަހަލައެވެ. އިރުކޮޅަކުން ތަޅުދަނޑި އަކުން ދޮރު ހުޅުވާފައި ވަނީ މެދު އުމުރުގެ ފިރެހެނެކެވެ. އެމީހާ ފެނުމާއިއެކު ޔަލްވީ އެނދުން ފުންމާލިއެވެ. އޭރު އެމީހާ އެތެރެއިން ކޮޓަރި ތަޅުލަނީއެވެ. އެމީހާ ޔަލްވީ ކައިރިއަށް އަންނަމުން ދިޔަ ވަރަކަށް ޔަލްވީ ދިޔައީ ފަހަތަށް ޖެހެމުންނެވެ. ފަހަތަށް ޖެހެމުން ގޮސް ޔަލްވީ މަތަވީ ފާރުގައި ބުރަކަށި ޖެހުމުންނެވެ. އޭރު އެ ފިރެހެން މީހާ ހުރީ ޔަލްވީގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައެވެ. އޭގެ އިރުކޮޅެއް ފަހުން ޔަލްވީ ގަދަ ހަދަހަދައި ހުއްޓާ ގެންގޮސް އެނދުމައްޗަށް ގުޅައަކަށް ޖެހުމަށްފަހު ޔަލްވީގެ ގައި މައްޗަށް ޖެހިގަތީ ވަލު ޖަނަވާރެއް ހެންނެވެ. އެ ފިރެހެން މީހާ ޔަލްވީގެ ގައި މައްޗަށް ޖެހިގަތް ވަގުތު ޔަލްވީގެ ގައިގައި ހުރި ހުރިހާ ކަށްޓެއް ހީވީ މުގުރުން ހެންނެވެ. އޭރު ޔަލްވީގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔަ އިރު ޔަލްވީ ދިޔައީ އެމީހާގެ ވަކިތަކުން ސަލާމަތް ވުމަށް ގަދަ ހަދައި ރޮއެ އާދޭސް ކުރަމުންނެވެ. އެކަމުން އެމީހާގެ ހިތަށް ރަހުމުގެ ކަންފުޅެއްވެސް ވަން ހެނެއް ހިޔެއް ނުވެއެވެ. އެމީހާގެ ހިތް ފުރޭވަރުމުން ޔަލްވީ ދޫކޮށްލާފައި ދިޔަވެ. އޭރު ޔަލްވީގެ ގައިގައި ނުރިއްސާ އެންމެ ކަށި ކޮޅެއް ވެސް ނެތެވެ. އިރުކޮޅަކުން ކޮރު ޖަހަމުން ކަހަލަ ގޮތަކަށް ޔަލްވީ ފާހާނާ އަށް ވަދުނެވެ. ފާހާނާ އަށް ވަތްތާ އެތައް އިރެއް ވީއިރުވެސް ޔަލްވީ ނުނިކުމެއެވެ.
ފަތިހުގެ ހިތްގައިމު ވަގުތެވެ. ޔަލްވީގެ މަންމަ ޔުސްރާ ޔަލްވީގެ ކޮޓަރިއަށް ދިޔައީ ފަތިސް ނަމާދަށް ޔަލްވީ އަށް ގޮވުމަށެވެ. އޭރު ޔަލްވީ ކޮޓަރިއަކު ފެންނާކަށް ނެތެވެ. ޔަލްވީ ވީ ފާހާނާ ގައި ކަމަށް ބަލާ ޔުސްރާ އެ ކޮޓަރިން ނުކުތެވެ. ޔުސްރާ ބަދިގޭގައި ހަރަކާތްތެރި ވަމުން ދިޔައީ ޔަލްވީ ސްކޫލަށް ދާން ނުކުންނަން ވާއިރަށް ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަށެވެ. ޔުސްރާ ނާސްތާ ތައްޔާރު ކޮށް ނިމުމަށްފަހު ގަޑި ބަލައިލި އެވެ. ގަޑިން ހަގަޑި ސާޅީސް ވީއެވެ. އޭރު ވެސް ޔަލްވީ ސައިބޯނި ނާދެއެވެ. އެހެންނޫނިއްޔާ ޔަލްވީ ކިރިޔާ ހަގަޑި ބައި ވާން ވާއިރަށް ސައިބޯން އަންނަ ކުއްޖެކެވެ. އެހެންކަމުން ޔުސްރާ ޔަލްވީ ކޮބައިތޯ ބަލައިލަން ދިޔަ އެވެ. ޔަލްވީ އަކީ ޔުސްރާގެ ހުރި ހަމައެކަނި ދަރިފުޅުވެ. ޔަލްވީގެ އުމުރުން 12 އަހަރުގައި ޔަލްވީގެ ބައްޕަ ޔާސިރު ކެންސަރު ބަލީގައި ނިޔާވުމުން ޔުސްރާ ، ފާއިޒު ނަމަކަށް ކިޔާ މީހަކާ ކައިވެނި ކޮށްގެން ޔަލްވީ ގޮވައިގެން ފާއިޒުގެ ގެއަށް ބަދަލުވިއެވެ. ފާއިޒު މުއްސަނދި މީހެކެވެ. އެހެން މީހަކާއި ކައިވެނިކޮށްގެން ފާއިޒު އަށް ވެސް ވަނީ ފިރެހެން ކުއްޖެއް ލިބިފައެވެ. އެކުއްޖާ ހުންނަނީ އެކުއްޖާގެ މަންމަ ކައިރީގައެވެ. މިހާރު ޔަލްވީގެ އުމުރަކީ 15 އަހަރެވެ. ޒުވާން ވެގެން އައިއިރު ޔަލްވީ ވެގެން ދިޔައީ ފިރެހެން ކުދިންގެ ހިތް ދަމައިގަންނަ ސިފަތަކެއް ލިބިފައިވާ، ރީތިކަން ހުސްކޮށްގެން ހުރި ހޫރަކަށެވެ. ފިރެހެން ކުދިން މަށަށް މަށަށް ކިޔާލަ ކިޔާލަ ތިބޭއިރުވެސް ޔަލްވީ އޭގެން އެއްވެސް ކުއްޖަކަށް ރުހުމުގެ ލޮލުން ބަލައިވެސް ނުލައެވެ. ޔަލްވީ ފިރެހެނުންދެކެ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ.
ޔުސްރާ ގޮސް ޔަލްވީގެ ކޮޓަރިއަށް ވަތްއިރު ޔަލްވީ ފެންނަން ނެތުމުން ޔަލްވީ އަށް ގޮވާލިއެވެ. ޔުސްރާ ގޮވާލުމުން ވެސް ޔަލްވީގެ ޚަބަރެއް ނުވުމުން ކޮޓަރީގެ އެކިތަންތަން ބަލަމުން ގޮސް ފާހާނާ ތަޅުގައި ހިފާ ލިއެވެ. ތަޅު ނުލާ ހުރުމުން ވަރަށް ފަސޭހައިން ދޮރު ހުޅުވުނެވެ. ޔުސްރާ އަށް މަގޭ ދަރި އޭ ކިޔާ ހަޅޭއް ލަވައި ގަނެވުނީ ފާހަނައިގެ ތަޅުންގަނޑު މައްޗަށް ދެމިފައި އޮތް ޔަލްވީ ފެނިފައެވެ. ޔަލްވީ ވެއްޓިފައި އޮތްތާ ކައިރީ ސާފު ފުޅިއެއް ވެސް އޮތެވެ. ޔުސްރާގެ ހަޅޭކުގެ އަޑަށް ފާއިޒު ވެސް އައެވެ. ފާއިޒު އަވަސްވެގަތީ އެމްބިއުލާންސް އަށް ގުޅުމަށެވެ. އޭގެ އިރުކޮޅެއް ފަހުން އެމްބިއުލާންސް ގައި ޔަލްވީ ހޮސްޕިޓަލަށް ގެންދެވުނެވެ. ހޮސްޕިޓަލަށް ގެންދެވުމާއިއެކު އަވަސް ފަރުވާދޭ ބަޔަށް ޔަލްވީ ވެއްދުނެވެ. އޭރު ވެސް ޔުސްރާގެ ލޮލުން ކަރުނަ ނުހިކެއެވެ. ޔުސްރާ އަށް ހިތްވަރު ދިނުމުގައި ފާއިޒު ހުއްޓެވެ. އިރުކޮޅެއް ފަހުން ޑޮކްޓަރު ނުކުމެފައި ދިން ޚަބަރުން ޔުސްރާގެ ހިތް ހީވީ ފުނޑުފުނޑުވެގެން ދިޔަހެންނެވެ. ” ޝީ އިޒް ނޯ މޯރ. މިކޮޅަށް ގެނެވުން އިރުވެސް ވަނީ ނިޔާވެފަ، އަޅުގަނޑުމެންނަށް ބެލެވޭ ގޮތުގައި ޔަލްވީ ނިޔާވީ ހަށިގަނޑުގެ އެތެރެއަށް ބާރުގަދަ ޒަހަރެއްގެ އަސަރު ކުރުމުން، އެންޑް އަދި ޔަލްވީ ވަނީ ރޭޕް ކޮށްފަ ، އަޅުގަނޑުމެން ވާނީ މި މައްސަލަ ޕޮލިހަށް ހުށައަޅާފައި“ ޑޮކްޓަރު މިހެން ބުނެފައި ޔުސްރާގެ ކޮނޑުގައި ޖަހާލައިފައި ދިޔަ އެވެ. އެ ވަގުތު ޔުސްރާގެ ދެފައިކޮޅުން ވަރު ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. އޭރު ޔުސްރާ އަށް ދިޔައީ ގިސްލެވެމުންނެވެ. ޔަލްވީގެ މައްޗަށް ކަށުނަމާދު ކުރެވުނީ އެދުވަހު މެންދުރު ނަމާދަށް ފަހުގައެވެ. ޔުސްރާ މެންނަށް ގެޔަށް ދެވުމާއެކު ފުލުހުން އައިސް ޔުސްރާ އާއި ސުވާލު ކުރަން ފެށިއެވެ. ޔުސްރާ އަށް ޔަލްވީ ފެނުން އިރު އޮތްގޮތް ތެދަށް ފުލުހުންނަށް ކިޔައިދިނެވެ. ފުލުހުން ޔަލްވީގެ ކޮޓަރި ބަލަން ބޭނުންވުމުން ޔުސްރާ ޔަލްވީގެ ކޮޓަރި ފުލުހުންނަށް ދެއްކި އެވެ. އިރުކޮޅަކުން ފުލުހުން ނުކުމެފައި ޔުސްރާ ކޮބާތޯ އަހާލުމުން ޔުސްރާ ދިޔަ އެވެ. ފުލުހުން ޔުސްރާ އަތަށް ސިޓީއެއް ދިނެވެ. ޔުސްރާ އެ ސިޓީ ކިޔަން ފެށިއެވެ.
ލޯބިވާ މަންމަ އަށް. މަންމަ އަށް މި ސިޓީ ލިބޭއިރު ފަހަރުގައި އަޅުގަނޑު ދުނިޔޭގައި ނުހުރެ ދާނެއެވެ. އަޅުގަނޑު މިއުޅެނީ މަންމަ އަށް ވަރަށް ބޮޑު ހަގީގަތެއް ކިޔައި ދޭންވެގެންނެވެ. މަންމާއެވެ. މަންމަގެ މިހާރުގެ ފިރިމީހާ އަޅުގަނޑުގެ ދޮންބައްޕަ އަކީ ވަރަށް ނުބައި މީހެކެވެ. އަޅުގަނޑު މި ގެއަށް އައިތާ ފުރަތަމަ ދުވަސްކޮޅު ދޮންބައްޕަ އަޅުގަނޑަށް ވަރަށް ހެވެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ދޮންބައްޕަ ވަރަށް ބޮޑަށް ބަދަލު ވިއެވެ. އަޅުގަނޑުގެ ގައިގައި އަތްލާން މަސައްކަތް ކުރަން ފެށިއެވެ. މަންމަ ގޭގައި ނޫޅޭ ވަގުތުތަކުގައި އަޅުގަނޑަށް އެކި ގޮތްގޮތުން އުނދަގޫ ކުރަން ފެށިއެވެ. އަދި އެއްރެޔަކު އަޅުގަނޑަށް ހޭލެވުނީ މީހަކު އަޅުގަނޑުގެ ކޮޓަރިއަށް ވަތް އަޑަށެވެ. އެއީ ކާކުކަން އެނގޭހެއްޔެވެ. އެއީ ދޮންބައްޕަ އެވެ. އެރޭ އެއީ އަޅުގަނޑުގެ ހަޔާތުގައި އައި އެންމެ ހިތާމަވެރި ރެއެވެ. އެރޭ ދޮންބައްޕަ ދިޔައީ އަޅުގަނޑުގެ އަތުން އެންމެ އަގުބޮޑު އެތި ފޭރިގަނެގެންނެވެ. އާނއެކެވެ. އަޅުގަނޑުގެ އިތްފަތްތެރިކަން ފޭރިގަނެގެންނެވެ. ރޮއެ އާދޭސް ކޮށްކޮށް އޮއްވައެވެ. އޭގެ ފަހުން ކޮންމެ ރެއަކު އެ އަނިޔާ ތަކާއި އަޅުގަނޑު ކުރިމަތި ލާން ޖެހެ އެވެ. އަދި އަޅުގަނޑަށް އިންޒާރު ދިނެވެ. މި ހުރިހާ ވާހަކަ އެއް މަންމަ ކައިރީގައި ބުނެފިނަމަ މަންމަ މަރާލާނެ ކަމަށެވެ. އަޅުގަނޑު ދުނިޔޭގައި ހުއްޓާ މަންމަ މަރާލާ ތަން ބަލާނެ ހިތްވަރެއް އަޅުގަނޑުގެ ނެތެވެ. މަންމާއެވެ. އަޅުގަނޑަށް މާފު ކުރާށެވެ. ދެންފަހެ މި އަނިޔާ ތަކާއި ކުރިމަތިލާނެ ހިތްވަރެއް އަޅުގަނޑުގެ ނެތެވެ. މަންމަގެ ހިތުގައި ޖެއްސިފައިވާނަމަ އަޅުގަނޑަށް މާފު ކުރައްވާށެވެ.
މަންމަ ދެކެ އަަބަދުވެސް ލޯބިވާ ޔަލްވީ
އެ ސިޓީ ކިޔާ ނިމުނުއިރު ޔުސްރާ އަށް ވަނީ ގިސްލެވިފައެވެ. އަދި ބާރު ބާރަށް ކޮޓަރިން ނުކުމެގެން ގޮސް ސިޓިންގް ރޫމުގައި ހުރި ފާއިޒުގެ މޫނުމައްޗަށް އަތުގެ އެތިފަހަރެއް ވީއްލައިލިއެވެ. އަދި ބުންޏެވެ. ” ކަލެއަށް ކޯޗެއް މަދުވެގެންތަ އެ ކުޑަ ކުއްޖާގެ އިތްފަތްތެރިކަން ފޭރިގަތީ އޭނ. ވާހަކަ ދައްކަބަލަ ، ކަލޭގެ ހިތުގައި ރަހުމުގެ ކަންފުޅެއްވެސް ނެތެއްނު، ކަލޭތީ އިންސާނެއްތަ،އަދި މާ ހެޔޮއެދޭ މީހަކަށް ވެގެން މަގޭ ކުރިމަތީ އެބައުޅެއްނު، ކަލޭގެ ގެއަކީ ދެން ޖަލު ގޮޅި ، އެމީހުންނާއެކު ކަލޭދޭ ، މަ ވެސް ނޫޅެން ތިކަހަލަ ނުބައިމީހެއްގެ ގެއެއްގައި ވެސް އުޅޭކަށް “ ޔުސްރާ އެ ހުރިހާ އެއްޗެކޭ ކީ އިރުވެސް ފާއިޒު އަނގައިންވެސް ނުބުނެއެވެ. އޭނާގެ ކުށް އޭނާ އަށް އިހުސާސް ވީ ކަންނޭނގެ އެވެ. ޔުސްރާ ކޮޓަރިއަށް ވަދެ އޭނާގެ އެއްޗިހި ހިފައިގެން ނުކުތް އިރު ފުލުހުން ފާއިޒު ގޮވައިގެން ދިޔަ އެވެ.
މި ދުނިޔޭގައި ޔަލްވީ ކަހަލަ އެތައް ކުދިންނެއް އުޅޭނެއެވެ. ނަމަވެސް ތަފާތަކީ އެ ހުރިހާ ކުދިންނަކީ ޔަލްވީ ފަދައިން އަމިއްލަ އަށް މަރުވާނެ ކުދިން ނޫންކަމެވެ. އެހެންކަމުން އަޅުގަނޑުމެން އެއްބައިވެގެން ކުޑަކުދިންނަށް ލޯބި ދެމާ ހިނގާށެވެ.
ނިމުނީ
One Comment
Comments are closed.

A fascinating tale
Drama queens