Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

މީސްމީޑިޔާ

Ara
Ara Level 210 Stories100 Comments
August 8, 2024 5 Mins Read
6 Comments

އަނދިރި ކޮޓަރިއަކެވެ. އެ ކޮޓަރި އަށް ވެރިވެފައިވާ ހަމައެކަނި އަލިކަންވަމުން ދިޔައީ ހުޅުވާފައިވާ ލެޕްޓޮޕްގެ ސްކްރީންގެ އަލިންނެވެ. ލެޕްޓޮޕުން އަޅުވާފައިވާ ސާރާ އަހުމަދު ނަމަކަށް ކިޔާ އަންހެން ކުއްޖެއްގެ ފޭސްބުކް ޕްރޮފައިލް އަށް ބަލަން ވަރަށް ޝައުގުވެރިކަމާއެކު މީހަކު އިނެވެ. އޭނާގެ ޕްރޮފައިލް ގައިވާ ހުރިހާ ފޮޓޯތަކެއްހެން ބެލުމަށް ފަހު ފުރެންޑް ރިކުއެސްޓު ފޮނުވާލިއެވެ. ލަސްތަކެއް ނުވެ ރިކުއެސްޓު ޤަބޫލުކުރިކަމުގެ ނޯޓިފިކޭޝަން ލިބުމުން އެ މީހާގެ އެއްމިޔައަކުން ހިނިތުންވެލިއެވެ.

އެނދުމަތީގައި ފޮތެއް ކިޔަން އޮތް ސާރާ ސިހުނީ ފޯނު ވައިބްރޭޓް ވުމުންނެވެ. އާ ފުރެންޑް ރިކުއެސްޓެއް އައުމުން ވަގުތުން އެކްސެޕްޓު ކޮށްލިއެވެ. އެއީ ކާކުތޯ ބެލުމުގެ ޝައުގުވެރިކަމެއް ވެސް އޭނާގެ ނެތެވެ. އޭނާގެ ކާމިޔާބުކަން ހިތަށް އަރައި ހިނިތުންވެލިއެވެ. އެއީ އޭނާގެ އާދައެވެ. ކުރާ ކޮންމެ ކަމެއްގެ ފޮޓޯ މީސްމީޑިޔާގެ އެކި މަންސަތަކަށް ދޫކޮށްލައެވެ. ސާރާ އުޅެނީ ވަޒީފާ އެއްގައި އެއްނޫނެވެ. ނަމަވެސް މައިންބަފައިންގެ މުއްސަނދި ކަމުގެ ސަބަބުން އޭނާ ބޭނުން ގޮތަކަށް އުޅުމުގެ ފުރުސަތު ވަނީ ލިބިފައެވެ. ކުޑައިރުއްސުރެ ސާރާ އެންމެ ފަހުގެ ފެޝަންނަށް ލޯބިކުރެއެވެ. އަދިވެސް އެކަން އޮތީ އެހެނެވެ. އޭނާގެ އިންސްޓަގްރާމާއި ފޭސްބުކް އެކަމުގެ ހެއްކަކަށް ފުދެއެވެ. އޭގެ އިރުކޮޅެއްފަހުން ސާރާ އަށް އެމީހާގެ ފަރާތުން މެސެޖެއް ލިބުނެވެ. އެ މެސެޖުގައި އޮތީ މިއަދު ހަވީރު ރެސްޓޯރެންޓުން ސާރާ ފެނުނު ވާހަކަ އާއި ނޫކުލައިގެ ހެދުމުގައި ވަރަށް ރީތި ވާހަކައެވެ. މެސެޖު ފޮނުވި އައިޑީ ގައި އިނީ “ސީނު” މިހެން ޖަހާފައެވެ. އެއްވެސް ފޮޓޯއެއްނެތެވެ. އެހެންކަމުން އެ މެސެޖު ކިޔުމަށް ފަހު މާ ބޮޑު ކަމަށް ނުހަދައި އަނެއްކާ ވެސް އޭނާ ކިޔަން އޮތް ވާހަކަ ފޮތާއިގެން ކުރިއަށް ދިޔައެވެ.

އޭގެ ފަހުން ހަފްތާ އެއް ފާއިތުވެއްޖެއެވެ. ކޮންމެ ދުވަހު ސާރާ ކުރާ ކަންކަމުގެ ތަފްސީލު އެ މީހާ އަކުރުން އަކުރަށް ސާރާ އަށް ފޮނުވަމުން ދިޔައެވެ. ލައިގެން ހުންނަ ހެދުމާއި ހެދުމުގެ ކުލަ އާއި ދިޔަ ތަންތަނާއި މިފަދަ ހުރިހާ ކަމެކެވެ. އެފަދަ މެސެޖުތައް އަންނަ މިންވަރު ދިޔައީ ދުވަހެއް ދުވަހަކަށް އިތުރެވެ. އެ މީހަކު ސާރާ އަށް ފާރަލަމުން ދާކަން ސާރާ އަށް ޔަޤީންވިއެވެ. މީގެ ކުރިން ދުވަހު ވެސް އެފަދަ ކަމަކާއި ކުރިމަތި ވެފައިނުވާ ސާރާ ހުރީ ވަރަށް ޖެހިލުންވެފައެވެ. މަގުމަތިން ދިޔަސް ފަހަތުން އެ މީހަކު އާދޭތޯ އޭނާ އަށް ބެލެންފަށައިފިއެވެ.

“ލީން ބުނެބަލަ ދެން އަހަރެން ކިހިނެއްތަ ހަދަންވީ؟ މިކަން އަހަރެންނަށް ބޮޑު ކަމަކަށް ވެއްޖެ މިހާރު.” ސާރާ މަޝްވަރާކުރަމުން ދިޔައީ އޭނާގެ ހުރި ހަމައެކަނި ރަހުމަތްތެރިޔާ ކަމަށް ވާ ލީނާ އާއިއެވެ. “އެއް ގޮތަކީ އެ އައިޑީ ބްލޮކް ކޮށްލުން. ނޫނީ ހިނގާ ޕޮލިހަށް ދާން” ލީނާ އޭނާ އަށް ފެންނަ ގޮތް ބުންޏެވެ. ” ނޫނޭ ލީން އަހަރެން ބޭނުން އެއީ ކާކުތޯ ބަލަން އެކަން ކުރަން ބޭނުން ވަނީ އަހަރެން އެކަނި” ލީނާ ދިން ޙިޔާލެއް ސާރާ އަކަށް ކަމަކުނުދިޔައެވެ. ލީނާ ވެސް އިނީ ވަރަށް ކަންބޮޑުވެފައެވެ. “ވެދާނެ އެއްނު އެ މީހަކީ ސާރާ ދަންނަ މީހަކަށް ވެސް. ސްކޫލް އިރުގެ ކަމެއް ނޫންތަ އަނެއްކާ؟”ލީނާ ވިސްނަން އިނދެފައި ބުންޏެވެ. “ލީން އަށް ވެސް އިނގޭނެ އަހަރެންގެ މާގިނަ ރައްޓެހިންނެއް ނުތިބޭނެ ކަން ސްކޫލް ދައުރުގަ ވެސް. މިހާރު އެމީހުން ވީ ތަނެއް ވެސް ނޭނގެ އަހަންނަކަށް.” ސާރާ ފޫހިގޮތަކަށް ބުންޏެވެ. ސްކޫލް ދައުރުގެ ވާހަކަ ދެއްކުމަކީ ސާރާ މާ ގަޔާވާ ކަމެއް ނޫނެވެ. ސަބަބެއް ނެތި އެއްވެސް ނޫނެވެ. އެއީ އޭނާގެ މުޅި ޙަޔާތުގައި ވެސް އެންމެ ފޫހި ދުވަސްތަކެވެ. ސާރާގެ ހުންނަ ބޮޑާ ގޮތާއި ހެދި އޭނާ އާއި އެކު އުޅޭނެ ކުއްޖަކު ވެސް ނުވެއެވެ. އެހެންކަމުން އޭނާގެ ސްކޫލް ދައުރު ނިންމާލަށް ޖެހުނީ ވަރަށް އެކަނިވެރި ފޫހި ދުވަސްތަކެއްގެ ގޮތުގައެވެ. މިހާރު ވެސް ގުޅުން އޮންނަނީ އޭގެތެެރެއިން ވަރަށް މަދު ކުއްޖަކާއެވެ.

ގެއަށް ދިޔުމަށް ފަހު ވެސް ސާރާ ވިސްނަމުން ދިޔައީ ލީނާ ދެއްކި ވާހަކަތަކާއި މެދުގައެވެ. ކުއްލިއަކަށް އެއްޗެއް ހަނދާންވެގެން އޭނާ އެނދުން ތެދުވިއެވެ. އަދި އަލަމާރިން ބޮޑު ފޮޓޯ އަލްބަމެއް ނެގިއެވެ. އޭގައި ވަރަށް ބައިވަރު ސާރާގެ ފޮޓޯތައް ހުއްޓެވެ. ފޮޓޯ އަލްބަމުގެ ސަފްހާތައް އަވަސް އަވަހަށް އުކަމުން ދިޔަ ސާރާ ހުއްޓުން އެރީ އޭނާގެ ކުލާހުގެ ހުރިހާ ކުދިން އެކުގައި ނަގާފައި އިން ފޮޓޯ ގަނޑެއް ފެނުމުންނެވެ. ގާތް ގަނޑަކަށް ތިރީހަކަށް ކުދިން ތިއްބެވެ. ސާރާގެ ލޯ އަމާޒުވީ ފަހަތު ބަރީގައި ކޮޅަށް ހުރި ފިރިހެން ކުއްޖެއްގެ މޫނަށެވެ. އެއީ އިމްރާނެވެ. އިމްރާނަކީ ކުލާހުގައި ވަރަށް މަޑުމަޑުން އިންނަ ކުއްޖެކެވެ. ކިޔަވަން ވަރަށް މޮޅުވާނެއެވެ. އެއް ދުވަހަކު ސިޓީއަކުން ސާރާ އަށް ލޯބި ހުށައެޅުމުން ކުލާހު ހުރިހާ ކުދިން ކުރިމަތީ އިމްރާނަށް މަލާމާތް ކޮށް އެއްޗެހި ކީ ހަނދާން ވީދެނެވެ. ޖެހިގެން އައި އަހަރު އިމްރާން އެހެން ސްކޫލަށް ބަދަލުވިއެވެ. އޭގެ ފަހުން ސާރާ ކުޑަކޮށް ވެސް އިމްރާން މަތިން ހަނދާނެއް ނުވެއެވެ. ބޭއިޚްތިޔާރުގައި ސާރާ އަށް އަނގަމަތީ އަތްއެޅުނެވެ. އޭނާ އަށް ފާރަލައިގެން ޖެއްސުން ކުރަމުން އެދާ މީހަކީ އިމްރާން ކަމަށް ވެދާނެ ހެއްޔެވެ؟ އިމްރާނަށް އެވަރުގެ ހިތްވަރެއް ލިބިދާނެހެއްޔެވެ؟ ދެން ސާރާ އަވަސްވެގަތީ މިހާރު އިމްރާން ވީތަނެއް ބަލާށެވެ. މީސްމީޑިޔާގެ ހުރިހާ މަންސައަކުން އިމްރާން ހޯދޭތޯ ސާރާ ބެލިއެވެ. ނަަމަވެސް ކާމިޔާބެއް ނުވިއެވެ. ސާރާގެ ހިތްވަރު އެލި ރޮވޭގޮތްވިއެވެ. ކުއްލިއަކަށް އޭނާ ހަނދާންވީ ނާޒިހާގެ މަތިންނެވެ. ނާޒިހާ އަކީ އިމްރާން އާއި އެއް ރަށެއްގެ ސާރާގެ ކުލާހުގައި އުޅުނު ކުއްޖެކެވެ. އަދި އިމްރާން އާއި ތިމާގެ ކުއްޖެއް ކަމުގައި ބުނި ހަނދާން ވެސް ސާރާ ވިއެވެ. އަވަސް އަވަހަށް ފޯނުނަގައި ނާޒިހާ ޖަހާފައި އިން ނަންބަރަށް ގުޅާލިއެވެ. ނަސީބު ރަނގަޅު ކަމުން ފޯނުނެގިއެވެ. “ނާޒީ އިމްރާން ވީ ތަނެއް އިނގޭތަ؟” ލަސްނުކޮށް ސާރާ ހިތުގައި ވާ ސުވާލުކޮށްލިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. އަނެއްކާވެސް ތަންކޮޅެއް ބާރަށް ނާޒިހާ އަށް ގޮވާލުމުން ނާޒިހާ ވާހަކަދައްކަންފެށިއެވެ. “ސާރާ ކިހިނެއް ވީ ކުއްލިއަކަށް އިމްރާންބެ ވާހަކަތި އެހީ؟ ކަމެއް ދިމާވިތަ އަނެއްކާ؟” ނާޒިހާ ބުންޏެވެ. “އަޅެ ޕްލީސް ނާޒީ އިތުރު ސުވާލު ނުކޮށް އިމްރާން ވީ ތަނެއް ބުނެދީބަލަ. ފަހުން ހުރިހާ ވާހަކައެއް ކިޔާދޭނަށް” ސާރާ ހުރީ ހިތް އަވަސްވެފައެވެ.”ސާރާ އަކަށް ނޭނގޭތަ އިމްރާންބެ ބޭރަށް ކިޔަވަން ދިޔަ ކަމެއް؟” ނާޒިހާ އެއްސެވެ. ސާރާ ހުރީ ދޭނެ ޖަވާބެއްގެ ނޭނގިފައެވެ. އެހެން މީހަކު އުޅޭގޮތެއް ބަލާލާނެ ފުރުސަތެއް އޭނާ އަށް ލިބޭނީ އޭނާ އަމިއްލަ މުއްސަނދި ދިރިއުޅުމުން ނުކުމެވިގެން ނޫންހެއްޔެވެ.”ދެން މިހާރު ކޮބާ؟” ސާރާ މަޑުމަޑުން ބުންޏެވެ. “އިމްރާންބެ ވަނީ މީގެ ތިން މަސް ކުރިން ކާރު އެކްސިޑެންޓެއްގައި ދުނިޔެ ދޫކޮށްފަ.” ނާޒިހާގެ އެ ޖުމުލައިން ސާރާ ކަންފަތުގައި ޖަހައިގެން ހުރި ފޯނު އަތުން ދޫވެގެން ނުވެއްޓުނީ ހަމަ ކިރިޔައެވެ. އެންމެ ރަނގަޅޭ ބުނެ ސާރާ ފޯނު ކަނޑާލީ ދެން އިތުރު ބުނާނެ އެއްޗެއް ދުލު ކުރިޔަށް ނައައުމުންނެވެ.

އޭގެފަހުން ތިން ދުވަސް ވެއްޖެއެވެ. ސާރާ އަށް ހަމަ ނިދިނުލިބެއެވެ. ލޯ މަރާލާ ކޮންމެ ފަހަރަކު ސިފަ ވަނީ އިމްރާން އާއި ދޭތެރޭގައި ކަންތައް ކުރެވުނު ގޮތެވެ. އެ ދުވަހު އިމްރާން އިސްޖަހާލައިގެން ކުލާހުން ނުކުމެގެން ދިޔަގޮތެވެ. އެ ޙިޔާލު ގައި އިންދައި ފޯނު ވައިބްރޭޓް ވުމުން ސަރާ ފޯނު ނަގައި އައިސް އިން މެސެޖު ކިޔާލިއެވެ. “ބަލީތަ؟ މި ތިން ދުވަހު ބޭރުން ނުފެނޭ” އެއީ އެއްކަލަ ސާރާ އަށް ފާރަލާ މީހާގެ މެސެޖެކެވެ. “ކަލޭ ކިހިނެއް ވެގެން އަހަރެން ފަހަތުން އަޅައިގަނެގެން ނެއްޓެން ނޭނގިގެން ތި އުޅެނީ. އަހަރެން ކޮންމެ ކަމެއް ކުރިޔަސް ކޮންމެ ގޮތަކަށް އުޅުނަސް އެއީ ކަލެއަކާ ބެހޭ ކަމެއް ނޫން. ހިތްވަރެއް ހުރިއްޔާ އަހަރެންގެ ކުރިމައްޗަށް އަރާ ތި ހުރިހާ އެއްޗެއް ކިޔާބަލަ” ވަރަށް ރުޅިއައިސް އިނދެ ސަރާ ހިތުގައި ހުރި ހުރިހާ އެއްޗެއް މެސެޖެއްގެ ޒަރީއާއިން ފޮނުވާލިއެވެ. “އެންމެ ރަނގަޅު އަހަރެން މީ ކާކުކަން އިނގެން ބޭނުންވަންޏާ މާދަމާ ރޭ އަށެއް ޖަހާއިރު ހުވަނދުމާ ކެފޭއިން، ޓޭބަލް ނަންބަރު ހަތެއްގަ އަހަރެން އިންތިޒާރު ކުރާނަށް.” އެކޮޅުން ވަރަށް އަވަހަށް ޖަވާބު އައެވެ. އެހާ ފަސޭހައިން ބައްދަލު ކުރަން އެއްބަސްވުމުން ސާރާ އިނީ ހައިރާންވެފައެވެ.

އަނެއްދުވަހު އިރުއޮއްސި ހައެއް ޖެހިއިރު ސާރާ ހުރީ ތައްޔާވުގެންނެވެ. އޭނާގެ ހިތްވަނީ އަވަސްވެފައެވެ. އަށެއް ޖަހަން ވިހި މިނެޓަށް ވުމުން އޭނާ ގެއިން ނިކުތެވެ. ހިތް އަވަސްވެފައިވާ ވަރުން ކާރަކަށް ގުޅަން ވެސް އޭނާ ހަނދާނެއް ނެތެވެ. ނަމަވެސް ސާރާ ހުވަނދުމާ ކެފޭ އާ އަރާ ހަމަކުރީ ދުއްވާ އެއްޗެއްގެ ސްޕީޑަށް ވުރެވެސް ބާރަށެވެ. އަވަސް އަވަހަށް އެކި މޭޒު ތަކަށް ނަޒަރު ހުއްޓަމުން ގޮސް ހަތެއް ޖަހާފައި އިން މޭޒު ފެނުމުން މުޅި މީހާ ފިނިވިއެވެ. މަޑުމަޑުން ހިނގާފައި ގޮސް އެ މޭޒު ކުރިމަތީ ހުއްޓުމުން އޭނާ އަށް ލިބުނީ ކުއްލި ސިހުމެކެވެ. “ނާޒިހާ” ސާރާ މަޑުމަޑުން ބުނެލިއެވެ.”އިށީނދޭ ސާރާ އަހަރެން ނޫޅެން ސާރާ އަށް ގެއްލުމެއް ދޭކަށް” ލިބުނު ޝޮކުން ސާރާ ހުރީ އިށީންނަން ވެސް ހަނދާން ނެތިފައެވެ. ސާރާ އެއްވެސް އެއްޗެއް ނުބުނުމުން ނާޒިހާ ވާހަކަ ފެށިއެވެ. “އިނގޭތަ އިމްރާންބެ އެކްސިޑެންޓް ވީ ގޮތް؟ ކައިވެނި ނުކޮށް ހުންނާތީ އިމްރާންބެގެ މަންމަ އެ ވާހަކަ ދެއްކުމުން މަންމަ އާ ޒުވާބު ކޮށްފަ ކާރު ދުއްވާލަން ނިކުތި ރޭގަ. އެރޭ އިމްރާންބެ އޭނަ މަންމަ ގާތު ބުނި ހަމައެކަނި ލޯބިވާނީ ސާރާ ދެކެއޭ. ސާރާ ނުލިބުނިއްޔާ އިމްރާންބެ ހުންނާނީ އުމުރު ދުވަހުވެސް އެގޮތަށޭ. އަހަރެންގެ އިތުރު އެއްބަނޑު އެއްބަފާ ކުއްޖެއް ނެތީމަ އަހަރެން ބަލަނީ އިމްރާންބެ އަކީ އަހަރެންގެ އެއްބަނޑުއެއްބަފާ ބޭބެ އެއްގެ ގޮތަށް. އިމްރާންބެ ނިޔާވީމަ އަހަރެންނަށް ވަރަށް އަސަރުކުރި. އަދި އަހަރެން ދެކެނީ އިމްރާންބެ ގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ސާރާ ކަމަށް.” ނާޒިހާ ފުން ނޭވަ އެއް ދޫކޮށްލިއެވެ. ސާރާ އެއްވެސް އެއްޗެއް ނުބުނެ އިނެވެ. “އެހެން ވެގެން އަހަރެން އެ އައިޑީ ހަދައިގެން ބެލީ ސާރާ އަށް އެއްޗެއް ވިސްނަދެވޭތޯ. ކުރުކޮށް ބުނަންޏާ ބަދަލު ހިފަން. ސާރާ ބަދުނާމު ކުރުން. އެކަމަކު މީގެ ތިން ދުވަސް ކުރިން އަހަރެން މިއައީ އިމްރާންބެ އުޅުނު އެޕާޓްމަންޓަށް ގޮއްސަ. މުޅި ކޮޓަރި ތެރޭގަ ހުރީ ހުސް ސާރާގެ ފޮޓޯ.” އެހެން ބުނެ ނާޒިހާ އޭނާގެ ދަބަހުން ފޯނު ނަގައި ވީޑިއޯ ކޮޅެއް ދައްކާލިއެވެ. ތެދެކެވެ. މުޅި ކޮޓަރީ ގައި ހުރީ ހުސް ސާރާގެ ތަސްވީރުތަކެވެ. ނުވިތާކަށް ކޮޓަރީގައި ލާފައި ހުރީ ސާރާ އަށް އެންމެ ކަމުދާ ރަތް ކުލައެވެ. ސާރާ ފެންކަޅިވިއެވެ. “ހަޤީޤަތަކީ އިމްރާންބެ މިއޮތްހާ ދުވަހު ދިރިއުޅުމުގެ އަސްލަކީ ތީ. ސާރާ އަކީ އިމްރާންބެގެ މީހެއް ނޫނަސް އަހަރެންނަށް ގުޅައިގެން ވެސް އެންމެ ފުރަތަމަވެސް އަހާނީ ސާރާގެ ވާހަކަ. އެދުވަހު އެ ކޮޓަރި އަށް ވަދެވުމުން އަހަރެންނަށް އެކަން އިހުސާސްވި. ދެން އަހަރެން ވެސް ބޭނުންވަނީ ސާރާ ރަނގަޅު ދިރިއުޅުމެއް އުޅޭތަން ދެކެން. އިމްރާންބެ ދުނިޔޭގަ ހުރި ނަމަވެސް ބޭނުންވަނީ އެ ގޮތް. ކުރާ ކޮންމެ ކަމެއް ޝޯސަލް މީޑިއާ އަށް ލުމަކީ ރައްކާތެރި ކަމެއް ނޫން. ސާރާގެ ގިނަ ޒާތީ މަޢުލޫމާތު ތައް ވެސް އަހަރެންނަށް އިނގުނީ ހަމަ ޝޯސަލް މީޑިއާއިން.” “ނާޒީ ދެން އަހަރެން ކިހިނެއް ހަދާނީ؟ އަހަރެން ދެކެ އެހާ ލޯބިވާ މީހަކާ ދޭތެރޭގަ އަހަރެންނަށް މިކަންތައް ކުރެވުނީ ކިހިނެއް؟” ސާރާގެ ބަޑިފަޅައިގެން ދިޔައެވެ. “ދެރަ ނުވޭ ސާރާ. މީ ފެށުމެއް ކަމަށް ބަލައިގެން ރަނގަޅު ދިރިއުޅުމެއް އުޅެން އަޒުމު ކަނޑައަޅާ. އަދި އަހަރެންނަށް މާފު ކުރޭ ސާރާ އަށް ކުރެވުނު އުނދަގުލަށް. އަދި އިމްރާންބެ އަށް ހެޔޮ ދުޢާކޮށްދީ” ނާޒިހާގެ އެ ވާހަކަތަކުން ސާރާ އަށް ހިތްވަރު ލިބުނެވެ. އޭނާ އެެރޭ ގެއަށް ދިޔައީ މުޅިން ބަދަލުވެފައިވާ މީހެއްގެ ގޮތުގައެވެ. ދުނިޔެ އަކީ ކުޑަ ހިނދުކޮޅެއްކަން ސާރާ އަށް ވިސްނުނެވެ. އެންމެ ފުރަތަމަވެސް މީސްމީޑިޔާގެ އެކި މަންސަތަކުގައި ގޮތްގޮތަށް ނަގާފައި ހުރި ހުރިހާ ފޮޓޯތަކެއް ޑިލީޓްކުރިއެވެ. މިއަދު ނުރައްކަލެއް ކުރިމަތި ނުވެ ސަލާމަތް ވިޔަސް މީސްމީޑިޔާ ގައި ތިމާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ހިއްސާކުރުމުން ލިބިދާނެ ގެއްލުން ސާރާ އަށް ވިސްނިއްޖެއެވެ.

މިއީ އޭގެ ދެ އަހަރު ފަހެވެ. މިހާރު ސާރާ އަކީ މުޅިން ބަދަލުވެފައިވާ މީހެކެވެ. ނަމާދު ކުރާ ކޮންމެ ފަހަރަކު އިމްރާނަށް ޓަކައި ދުޢާކުރެއެވެ. އެ ހެޔޮ ބަދަލުގެ ފަހަތުގައި ވީ ސަބަބު ކަމުގައިވާ އިމްރާން އާއި ނާޒިހާ އަށް
އޭނާ ޝުކުރުވެރިވެއެވެ. މި ދުނިޔޭގައި ނޫނަސް މިހާރު ސާރާ އިންތިޒާރު ކުރަނީ އިމްރާނާއި ބަދަލުވެ މާފަށް އެދެވޭނެ ދުވަހަކަށެވެ. އަދި އިމްރާންގެ މާފު ލިބޭނެ ދުވަހަކަށެވެ.
(ނިމުނީ)

Share Article

Ara
Follow Me Written By

Ara

Level 210 Stories100 Comments

A girl with a passion for reading and writing. Check out my story's "Hiy Nuruhenee Ey" "Loabi Vaavaru Neyngenee Hey" "Laika" "E Biruveri Rey" "Kaiveni" "Dhathuru" "Maidhaitha" "Meesmedia" "Loabi" "Inthizaaru" "Masthu" Don't miss my latest series "Hiy Kalaa Ah Edheythee" A dangerous love story between a criminal and a nurse. "Bodyguard": A journalist seeking justice and a bodyguard sent to silence her. Share your feedback to help me improve in the future. .ފާޑުކިޔުމަކީ ލިބޭ ކުރިއެރުމެކެވެ

Other Articles

Previous

އިންސާފް (ތޭރަވަނަ ބައި)

Next

ފިނި ހިތް 5

Next
August 8, 2024

ފިނި ހިތް 5

Previews
August 8, 2024

އިންސާފް (ތޭރަވަނަ ބައި)

6 Comments!

  1. Anonymous says:
    August 8, 2024 at 3:09 pm

    Just finished reading it.. What a powerful message.. Really proud of you for writing meaningful and such beautiful story 👏🏻

    1. Ara Ara says:
      August 8, 2024 at 8:01 pm

      Thank you so much 😊

  2. Cutie girl says:
    August 8, 2024 at 6:50 pm

    Mi story ves v Reethi masha allah
    Curiously waiting for next story
    Keep it up
    I appreciate your hard work
    V interesting story
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Love you ❤️😍

    1. Ara Ara says:
      August 8, 2024 at 8:02 pm

      Thank you so much 😊

  3. Dark devil says:
    August 18, 2024 at 1:49 am

    I loved it so much! I am only 14 yeears and u inspire me.. keep up the good work.. i cant wait to post my own stories one day like you! Lots of love…

    1. Ara Ara says:
      August 18, 2024 at 2:47 am

      Aww, your comment made my day 🥰 It’s amazing to hear that my stories inspire you. Can’t wait to read your stories one day.. Sending lots of love ♡♡

Comments are closed.



All Right Reserved!