މައިދައިތަ
އަހަރެންނަކީ އަހަރެންގެ އާއިލާގެ އެންމެ ދޮށީ ދަރިއެވެ.
އަދި އަހަރެންގެ މަންމަ އެންމެ ނަފުރަތު ކުރާ ދަރި ވެސްމެއެވެ. އެންމެ ފުރަތަމަ ސްކޫލް ނިންމި އިރު ރަނގަޅު ނަތީޖާ އެއްނުލިބުމުންނެވެ. ދެން ޑިގުރީ އަށް ފަހު އިތުރަށް ނުކިޔެވުނުންނެވެ. އޭގެ ފަހުން ރަނގަޅު ވަޒީފާއެއްގައި ނޫޅޭތީއެވެ. އިތުރަށް އަހަރެން ނުކިޔެވީ ކިޔަވާ ހިތްނެތީމައެވެ. ނަމަވެސް އަހަރެން މަސައްކަތް ކުރަނީ އަހަރެން ކިޔެވި ދާއިރާގައެވެ. ކުޑައިރުއްސުރެ އޮފީހެއް ގައި މަސައްކަތްކުރުން އެއީ އަހަރެން ދެކޭ ހުވަފެނެކެވެ. އެކަން އަހަރެން ކާމިޔާބު ވެސް ކުރީމެވެ. ނަމަވެސް މަންމަ އަކަށް އެކަމެއް ކަމަކުނުދިޔައެވެ.ދެން އަހަރެންގެ ގާތުން މަންމަ އެދުނީ މަންމަގެ ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއަކާއި ކައިވެނި ކުރުމަށެވެ. މަންމަ އެކަމަށް އެދުނީ ވެސް ވަރަށް ލޯބިންނެވެ. އެހެންކަމުން އަހަރެން އެކަން ކުރީމެވެ. ފުރަތަމަ ކޮޅު އަހަރެންގެ ފިރިމީހާ ވެސް ވަރަށް ރަނގަޅަށެވެ. ނަމަވެސް އަހަރެއްހާ ދުވަސް ވާން ގާތް ވިތަނާ އުޅުމަށް ބަދަލުތަކެއް އައިސް އަންނަ ރުޅީގައި އަނިޔާވެސް ކުރަނީއެވެ. ފަހުން އެކަން ބޮޑުވީއެވެ. ވަޅިން ބިރު ވެސް ދައްކަނީއެވެ. އަނިޔާތައް އިންތިހާ އަށް ދިޔުމުން ވަރިވީމެވެ. ހިތްވަރު ކުރެވޭތޯ މަސައްކަތް ވެސް ކުރީމެވެ. ފިރިމީހާގެ އުޅުން އިސްލާހު ކުރެވޭތޯ ވެސް ބެލީމެވެ. ވަރިވެގެން އަލުން ގެއަށް ގޮސްފިނަމަ މަންމަ އަރުވާލާނޭ ވަރު އެނގޭތީއެވެ. ކަންވީ ވެސް އެހެންނެވެ. ވަރިވެގެން އެންމެ ފުރަތަމަ ގެއަށް ދިޔަ ދުވަހުވެސް އަވަށްޓެރިންނަށް އަޑުއިވޭ ވަރަށް އަހަރެންނާއި ދިމާލަށް އެއްޗިހިކިޔެވެ. އޭނާ އަހަރެންނަށް ކޮށްފައިވާ އަނިޔާތަކުގެ ނިޝާންތައް ހަށިގަނޑުން ފެންނަށް ހުރިއިރު ވެސް މަންމަ އަށް ހަމަ އެ ތަން ނުފެންނަނީބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އޭގެ ފަހުން މަންމަ އަހަރެންނާއި ދިމާލަށް އެއްޗެހި ކިޔާ ކޮންމެ ފަހަރަކު އެ ވާހަކަ ނަގާނެއެވެ. އާއިލާގެ ދޮށީ ދަރި އަަށްވެ ހުރެ ދެންތިބި ހަތަރު އަންހެން ކޮއްކޮ އަށް ނަމޫނާ ދައްކަން ޖެހޭ މީހާ އެންމެ ހުތުރު އުޅުން އުޅޭތީއެވެ. އަނިޔާވެރި އެއްގެ ކިބައިން ސަލާމަތްވެގެން ދިރިއުޅުން އެއީ ހުތުރު ކަމަކަށް ވީ ކޮންއިރަކު ބާއެވެ؟ އަހަރެންނާއި އަހަރެންގެ ކޮއްކޮމެންނާއި ކޮންމެ ފަހަރަކު އަޅާކިޔައެވެ. އެންމެ ހަގަށް ހުރި ކޮއްކޮ މިހާރު ޕީއެޗްޑީ އަށް ކިޔަވަނީއެވެ. ނަމަވެސް އަހަރެންގެ އަތުގައި އޮތީ ހަމައެކަނި ޑިގުރީ ސެޓްފިކެޓެކެވެ. ނުވިތާކަށް މީހަކު ފަޚުރުވެރިވާނޭ ފަދަ ރަނގަޅު ވަޒީފާ ގަނޑެއް ވެސް އޮތީކީ ނޫނޭ މަންމަބުނެއެވެ. ހިތަށް އަރައެވެ. ބަނޑު އަޅާ ވިހޭ ދަރިޔަކަށް މަޔަކު އެހާ ނަފްރަތު ކުރަނީ ކިހިނެއް ހެއްޔެވެ؟ ކީއްވެހެއްޔެވެ؟ ނަމަވެސް އެއީ މަންމަ އަހަރެނަށް ރަނގަޅު ގޮތް ވާން އެދޭތީ ކަމަށް ނިންމައި ރޯލާފައި ވެސް ބަހެއް ނުބުނެ ހުންނަނީއެވެ.
ޔަޒީދު އާއި ދީމާވުމުން އަހަރެންގެ އެކަނިވެރި ހަޔާތަށް ބަހާރު މޫސުން އައެވެ. ގިނަދުވަސް ތަކެއްގައި ވަންދެން ރައްޓެހިވެގެން ނޫޅެ ކައިވެނި ކުރީމެވެ. އަހަރެން ބޭނުންވި ގޮތަށް ޔަޒީދު ވެސް އެދުނީ އޭނާގެ ރަށުގައި ދިރިއުޅުމަށެވެ. އެންމެ ފުރަތަމަވެސް ޔަޒީދުގެ ރަށަށް ދިޔަ ދުވަހު އަހަރެމެން ބަލައި ކާރެއް އައިސްއޮތެވެ. ގެއަށް ވެސް ދިޔައީ ވަރަށް އިއްޒަތުގައެވެ. ޔަޒީދުގެ އާއިލާގެ މީހުންނާއި ގާތްތިމާގެ މީހުންގެ ފަރާތުން މާބޮނޑިތަކާއި ހަދިޔާތައް ވެސް ލިބުނެވެ. އަހަރެން ހުރީ ވަރަށް އުފަލުންނެވެ. އުމުރު ދުވަހު ހޯދަމުން އައި މައެއްގެ ލޯބި އަހަރެންނަށް ޔަޒީދުގެ މަންމަ ފަރާތުން ލިބެމުންދިޔައެވެ. މާ މޮޅަށް ކައްކާން ނޭނގުނަސް އަހަރެން ކައްކާ އެއްޗެއްސަށް ވަރަށް ތައުރީފުކުރެއެވެ.
އެ ހިސާބުން އަހަރެން ހީކުރީ އަހަރެންގެ ހަޔާތުގެ ހުރިހާ ހިތާމަތަކެއް ފިލާދިޔައީ ކަމަށެވެ. ނަމަވެސް ހަޤީޤަތުގައި އަހަރެންގެ އަސްލު ދިރިއުޅުން ފެށުނީ އެހިސާބުންނެވެ.
ކައިވެންޏަށް ހަތަރު މަސްވީތަނާ މައިދައިތަގެ އުޅުން މުޅިން ބަދަލުވެއްޖެއެވެ. އަހަރެން ކައްކާ އެއްޗެހީގެ ކޮންމެވެސް ރަހަ އެއް މަދެވެ. ނުވަތަ މާ ބޮޑަށް ރަހަ ގަދައީއެވެ. އެ ރަށުން ވަޒީފާއެއް ލިބި ވަޒީފާ އަށް ދާން ފެށުމުން އެކަން ބޮޑުކަމަކަށް ހެދިއެވެ. ގޭގެ މަސައްކަތް ކުރާނެ މީހެއްނެތީމައެވެ. ގޭތެރޭގެ ކުޑަވެސް ކަމެއް މައިދައިތަ ކޮށްލަން ވެއްޖެ ނަމަ އޮންނަނީ ބަލިވެގެން އެނދުގައެވެ.
“އަރީކާ” މައިދައިތަގެ ބާރު އަޑުން އަހަރެންގެ ނަމުން ގޮވާތީ އަވަސް އަވަހަށް ބަދިގެ އަށް ދިޔައީމެވެ. އޭރު ރުޅިއައިސް ރަތްވެފައި މައިދައިތަ ހުއްޓެވެ. އަހަރެނަށް ކުރެވުނީ ކޮން ކުށެއް ކަމެއް ޚުދު އަހަރެންނަކަށް ވެސް ނޭނގެއެވެ. “ބަލަ ކަލެއަށް ނޭނގެނީތަ މާދަން މީ އަހަރެން ރޯދަ ހިފާ ދުވަސް ކަމެއް؟ މިޔަށް ކަލޭ ކިޔަނީ ރިހަތަ؟” އެހެން ބުނެފައި މޭޒު މަތީގައި އިން ރިހަ ބޯތަށި އަތުން ޖަހާ ވިއްސާލައިފައި މައިދައިތަ ކޮޓަރި އަށް ވަދެއްޖެއެވެ. އެމަންޒަރު އޮފީސް ނިމިގެން އައި ޔަޒީދު އަށް ވަރަށް ރީއްޗަށް ފެންނާނެއެވެ. ދެ އަތަށް ބޯހޫރާލާފައި އޭނާ ވެސް ވަނީ ކޮޓަރިއަށެވެ. އެއީ މިހާރު އަހަރެންގެ ހަޔާތުގައި އާދައިގެ ދުވަހެއް ނިމިގެން ދާ ގޮތެވެ. ރަނގަޅަށް ކުރެވޭ އެއްވެސް ކަމެއްނެތެވެ. ޔަޒީދު ގާތު އަހަރެން ޝަކުވާއެއް ވެސް ނުކުރަމެވެ. ކޮންމެ ގޮތަކަށް ކަންތައްތައް ވަމުން ދިޔަސް އެއީ ހިތްހެޔޮ ރަނގަޅު މީހެކެވެ. މައްސަލައަކީ މައިދައިތައެވެ. އެހެންކަމުން މައިދައިތަގެ ހިތްރުއްސަން ކައްކަން ދަސްކޮށްދޭ ކޯހެއްގައި ބައިވެރިވީމެވެ. ރެސްޓޯރެންޓު ފެންވަރަށް ކެއްކުން ތައް ތައްޔާރު ކުރަން ފެށީމެވެ. އެވަރުން ވެސް މައިދައިތަގެ ހިތްރުއްސޭ ގޮތެއް އަހަރެންނަކަށް ނުވިއެވެ. އޭގެ ފަހުން އެ ކޯހުން ލިބުނު އަންހެން ރައްޓެއްސަކާއި އެކު އެއްރެޔަކު ކޮފީ އަކަށް ދިޔުމުން މިހާރު އަހަރެން މާގިނަ ވަގުތު ބޭރުގައި އުޅޭކަމަށް ބުނެ މައިދައިތަ ޔަޒީދު ގާތު ޝަކުވާކުރިއެވެ.
އެރޭ ވެސް ޔަޒީދު އަހަރެންނާއި ދިމާލަށް އެއްޗެއް ނުބުނެއެވެ. އެ ވާހަކަ އެއް ނުވެސް ދައްކައެވެ. ޔަޒީދުގެ އެ ހިމޭންކަން ވިސްނޭތޯ އަހަރެން މަސައްކަތް ކުރީމެވެ.
ފަހަރުގައި އޭނާ އެ މަސައްކަތް ކުރަމުން ދަނީ އާއިލާގެ ހަމަޖެހުން ދެމެހެއްޓުމަށެވެ. ނުވަތަ އޭނާ މައިދައިތަ ދެކެ ބިރުގަންނަނީއެވެ. ކޮންމެއަކަސް އެ ހިމޭންކަން އަހަރެންގެ ހިތަށް އުނދަގޫ ކުރަން ފަށައިފިއެވެ. އަހަރެންނަށް މިހާރު ހީވަނީ ފުން ކަނޑެއްގައި އަހަރެން ގެނބެމުން ދާއިރު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމުގެ ބަދަލުގައި ޔަޒީދު ބަލަހައްޓައިގެން ހުންނަނީ ހެންނެވެ.
ދެ އަހަރު އެގޮތުގައި ފާއިތުވެއްޖެއެވެ. އެފަދަ ހާލެއްގައި އުޅެމުން އަހަރެން ބަނޑުބޮޑުވިއެވެ. އެކަން އިނގުމުން މައިދައިތަ ވަރަށް ހެޔޮފުޅުވިއެވެ. ނަމަވެސް އަހަރެން ހުރީ
އަދި މައިދައިތަ މުޅިން ބަދަލުވީކަމަށް ނިންމައިގެނެއް ނޫނެވެ. ކަންވީ ވެސް އެހެނެވެ. އަހަރެންގެ ދަރިފުޅު ޔަޝްމް އުފަންވުމަށް ފަހު މައިދައިތަ އަބަދު ބޭނުން ވަނީ
އެ ދަރިފުޅާއި އެކު ވަގުތު ހޭދަކުރާށެވެ. އަހަރެންގެ އުރާލަން އެ ދަރިފުޅު ލިބެނީ ހާލަކުން ފަހަރަކުއެވެ. އަހަރެން ޔަޝްމްއަށް ކޮށްދޭ އެއްވެސް ކުރެވޭ ގޮތެއް މައިދައިތަ އަކަށް ކަމަކުނުދެއެވެ. އެއްވެސް އިންސާނަކު
ދުނިޔެ އަށް އަންނަނީ ހުރިހާ ކަމެއް ދަސްވެފައިވާ ފުރިހަމަ މީހެއްގެ ގޮތުގައި ހެއްޔެވެ؟ އަހަރެންނަކީ ވެސް އަލަށް މަޔަކަށް ވީ މީހެކެވެ. ކަންކަން ދަސްކުރަން ވަގުތު ވެސް ނަގާނެއެވެ. އެކަން ހަމަ މައިދައިތަ އަށް ނުވިސްނެނީ ހެއްޔެވެ؟
އެއްރެޔަކު އަހަރެންނަށް ކެތްނުވެގެން ޔަޒީދު ގާތު ޝަކުވާކުރީމެވެ. ޔަޒީދު އެދުނީ ކެތްތެރިވުމަށެވެ. އަހަރެން މި ވަނީ ކެތްތެރި ނޫން އިތުރު ދެވަނަ ކޮންއެއްޗެއް ހެއްޔެވެ؟ ޔަޒީދު އަށް އެކަން ނޭނގެނީ ހެއްޔެވެ؟ މާލެ ބަދަލުވުމަށް ޔަޒީދު ގާތު އެދުނީމެވެ. ނަމަވެސް އެކަމަށް އޭނާ އިންކާރުކުރުމުން ޔަޝްމް ގޮވައިގެން އަހަރެން މާލެ ބަދަލުވާނެ ކަމަށް ބުނީމެވެ. ކޮންމެހެން އެހެން ކުރާކަށް ނޫނެވެ. ނަމަވެސް ޔަޒީދު އެކަމަށް އެއްވެސް ޖަވާބެއް ނުދިނުމުން އަހަރެން އެކަން ކުރަން ވިސްނަންފެށީމެވެ. އޭގެ ހަފްތާ އެއް ފަހުން ޓިކެޓު ނަގައިގެން މާލެ އައީމެވެ. މައިދައިތަ ވަރަށް އެއްޗެހި ގޮވިއެވެ. އޭނަ އާއި މާމަ ދަރިފުޅު ވަކިކުރާތީއެވެ. ޔަޒީދު ވެސް ވަކި އަހަރެން ހުއްޓުވާކަށް ނޫޅެއެވެ. މާލެ ގޮސް އަހަރެން ކުއްޔަށް ތަނެއް ހިފައިގެން އުޅެން ފެށީމެވެ. މަންމަގެ ގެއަށް މަންމަ ގާތަށް ދާކަށް އަހަރެން ބޭނުމެއް ނޫނެވެ. ޔަޒީދު އާއި އިނދެގެން އޭނާގެ ރަށަށް ދިޔަ ފަހުން އެންމެ ފަހަރަކު ވެސް މަންމަ ގުޅާނުލައެވެ. މާލެގައި އަމިއްލަ ގެއެއް ހުރެ ކުއްޔަށް އުޅެން ޖެހުމުން ދަތިތައް ކުރިމަތިވިއެވެ. ނަމަވެސް އަހަރެންގެ ތުއްތު ދަރިފުޅު ޔަޝްމްގެ މަޢުސޫމު މޫނު ފެންނަ ކޮންމެ ފަހަރަކު ކުރިއަށްދާން ހިތްވަރު ލިބެއެވެ. ޔަޒީދު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ގުޅައެވެ. ޔަޝްމް އާއި އަހަރެންގެ ހާލުބަލައެވެ. ޔަޒީދު އަހަރެން ދެކެ ލޯބިވާކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް އަމަލުން ނުދެއްކޭނެ ފަދަ ލޯތްބަކުން އަހަރެން ކުރާނީ ކޮން ބޭނުމެއް ހެއްޔެވެ؟
ހަޤީގަތުގައި މިއަދު އަހަރެން އޭގެން އެއްވެސް މީހަކަށް ނަފުރަތެއް ނުކުރަމެވެ. މިއަދު އަހަރެން، އަހަރެންގެ ގޮތުގައި ފެންނަ މިހުރި ހުރުމުގައި އެމީހުން ހިއްސާ ވަރަށް ބޮޑެވެ. އަހަރެންގެ އަމިއްލަ އުފަން މަންމަ ދަސްކޮށްދިނީ ދަރިންނާއި ދޭތެރޭގައި ކަންތައް ނުކުރަންވީ ގޮތެވެ. ޔަޒީދު އަހަރެންނަށް ބުނެދިނީ ބައެއް ފަހަރު ލޯބީގެ މާނަ އަކީ ދޫކޮށްލުން ކަމާއި އަމިއްލަ އުފާވެރިކަން އެހެން މީހެއްގެ އަމަލުތަކާއި ނުކުޅެދުންތެރިކަމުގެ މައްޗަށް ބިނާކޮށްގެން ނުވާނޭކަމެވެ. މައިދައިތަ އުނދަގުލުން ނަމަވެސް އަހަރެނަށް އެ ދަސްކޮށްދިނީ ކޮންމެ ގުޅުމެއްގައި ވެސް މިންތަކެއް ކަނޑައަޅަން ޖެހޭކަމެވެ.
އަހަރެން އުއްމީދު ކުރިގޮތަށް ދިރިއުޅުން ނުދިޔަސް މިއަދު އަހަރެން އުޅެމުން މިދަނީ އުފަލުންނެވެ. ހިތްހަމަޖެހިގެންނެވެ. މީގެކުރިން އަބަދު ވެސް އަހަރެން ދުވީ ލޯބި ހޯދާށެވެ. އަހަރެން ބޭނުންވި ލޯބި ނުހޯދުނަސް އަދި ނުލިބުނަސް ޔަޝްމް އަށް މަންމަ އެއްގެ ފުރިހަމަ ލޯބިދެވޭތީ އަހަރެން މި ހުންނަނީ ހިތްހަމަޖެހިފައެވެ. މާދަން ކަންތައް ވާނެ ގޮތެއް އަހަރެންނަކަށް ނޭނގެއެވެ. ނަމަވެސް މިހާރު ވެސް ޔަޒީދު އަހަރެންނާއި އެކު އުޅެން އަތުވެއްޖެ ނަމަ މަރުހަބާ ކިޔާނީ އުފަލުންނެވެ. ނަމަވެސް އަލުން އަނބުރައި އެ “ޖަލުގައި” މައިދައިތަ އާއި އެކު ދިރިއުޅުން އަހަރެންނެއް ނުދާނަމެވެ.
(ނިމުނީ)
5 Comments!
Comments are closed.



Mi part vx v Reethi masha allah
Curiously waiting for next next story
Keep it up
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Love you ❤️😍
Varah reethi vaahaka. Need more beautiful stories like this
އެކަހަލަ މައިޓުންނަށް ރަނގަޅު ލަނޑެއް ދީފަ ނިންމާލި ނަމަ ރަނގަޅު ވީހީ. ސްޓޯރީ ވަރަށް ރީތި އިނގޭ
I like it 👏🏻👏🏻👏🏻
Similar to my life story 🙁