Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުން

ޝަލީން 1

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
July 31, 2024 4 Mins Read
2 Comments

ރަށްފުށުގެ ކިޔެވުން ވަކިހިސާބަކަށް ނިންމާލުމަށްފަހު އަހަރެން ބަދަލުވީ މާލެއަށެވެ. އެއީ ކިޔެވުމުގެ މަޤްސަދުގައި ނަމަވެސް މަދު އަހަރު ތަކަކަށެވެ. އަހަރެން ކިޔަވަން ހުރީ އާއިލާއާ ރައްޓެހިކަން އޮންނަ ދެމަފިރިން ކައިރީގައެވެ. އެމީހުން އަހަރެންގެ އާއިލާއަތުން ކުލީގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނަގައެވެ. ބަދަލުގައި އަހަރެން ކޮށްދޭންޖެހުނު ކަމަކީ އެދެމަފިރިންނަށް އެދުވަސްވަރު ލިބުނު ތުއްތު ތުއްތު ދަރިފުޅު ބަލައިދިނުމެވެ. ދައްތަ ހެނދުނު އޮފީހަށް ދިއުމުން، އެކުއްޖާ ބަލަމުން ގޭގައި ކެއްކުމުގެ ކަންކަން ކުރަމުން ދިޔައީ އަހަރެންނެވެ.

މެންދުރުގެ ބާރު އަވިން އަވި ދިއްލާފައިވާ ވަގުތަކީ އަހަރެން ސްކޫލަށް ދާންޖެހޭ ވަގުތެވެ. ކޮންމެ ދުވަހަކުވެސް އެކެއް ޖެހުމުގެ ދިހަ މިނެޓް ކުރިން އަހަރެން ސްކޫލަށްދާން ނުކުންނަމެވެ. އަހްމަދިއްޔާ ސްކޫލަކީ އަހަރެން އެދުވަސްވަރު ކިޔަވަން ދިޔަ ސްކޫލެވެ.

ގާތް ރައްޓެއްސަކު ނެތަސް އަހަރެން ފުރަތަމަ ދުވަސްކޮޅު އެކަނި ސްކޫލަށް ދާން ދަސްކުރީމެވެ. އަހަރެން އުޅޭގެޔާ ވަރަށް ކައިރިކަމުން ސްކޫލަށް ދާން ދަސްކުރުމަކީ އަހަންނަށް މާ އުނދަގޫ ކަމަކަށް ނުވިއެވެ. ފުރަތަމަ ހަފްތާގެ ތެރޭގައި އަހަންނާއެކު ކޮންމެ ދުވަހަކު ސްކޫލަށް ދާނެ ރައްޓެހި ކުއްޖަކު ލިބުނެވެ. ނަމަކީ ވިސާމާއެވެ. އިއްތިފާގުން އެއީ އަހަންނާ އެއް ގްރޭޑެއްގެ ކުއްޖެކެވެ. ވިސާމާއާ އަހަރެންގެ ކްލާހަކީވެސް އެއް ކްލާހެކެވެ. ކޮންމެ ދުވަހަކުވެސް އަހަންނާއެކު ސްކޫލަށް ދިއުމަށްޓަކާ ވިސާމާ އަހަރެން އުޅޭ ގެކައިރިއަށް އާދެއެވެ.

އަހަރެން ސްކޫލަށްދާ ވަގުތަކީ ހެނދުނުގެ ސެޝަން ނިންމާފަ ކުދިން ގެއަށްދާ ވަގުތެވެ. އެހެން ކަމުން ކޮންމެ ދުވަހަކުވެސް އާންމު އުސޫލުގެ މަތިން ހެނދުނު ސެޝަންގެ ކުދިން މަގުމަތިން ދިމާވެއެވެ. އެގޮތުގައި ފާއިތުވީ އެންމެ ހަފްތާއެކެވެ. އަހަރެންގެ ދިރިއުޅުން ބަދަލު ކޮށްލަން ޖެހުނު ވަގުތާއި ހާލަތު އަހަންނާ ކުރިމަތިލިއެވެ.

އާދުވަހެކެވެ. ކާރުބާރު ބޮޑު މަގުމަތިން ހިނގާފައި އަހަރެން ގޮސް ސްކޫލަށް ވަނީމެވެ. ވިސާމާއަކީ ކްލާހުގައި އަހަރެންގެ އެންމެ ގާތް ރަހްމަތްތެރިޔައެވެ. ވިސާމާއާ އެކި ވާހަކަތައް ދައްކާ ފިލާވަޅުތައް ހެދުމުގައި އެދުހުވެސް އަހަރެން ކުރިޔަށް ދިޔައިމެވެ. މެންދުރުގެ ދަންފަޅި ނިމެނީ އިރުއޮއްސޭ ވަގުތަށެވެ. ކޮންމެސް ވަރަކަށް އަނދިރިކަން އެކުލެވިފައި ވީނަމަވެސް ދުއްވާ އެއްޗެއްސާއި ގެތަކާއި ފިހާރަތަކުގެ އަލިތަކުން މަގުމަތިން އަމާންކަން އިހްސާސްވެއެވެ. އެ އަމާންކަމާއެކު އަހަންނާއި ވިސާމާ ކުރިއަށް ހިނގަމުން ދިޔައީ ގެއަށް ދިއުމުގެ މަޤްސަދުގައެވެ.

“އެކްސްކިއުޒް” ފަހަތުން ބުނެލި އަޑު އިވުމާއެކު އަހަރެން ފަސް އެނބުރި ބަލާލީމެވެ. ވަގުތުން އަހަރެން މަޑުކޮށްލީމެވެ. އިއްތިފާގުން މަޑުކޮށްލަން ޖެހުނީ ގެއާ އެންމެ ކައިރި މިސްކިތުގެ ކަންމަތީގައެވެ. އަހަންނަށް ބަލައިލުމެއް ނެތި ވިސާމާ މަޑުނުކޮށް ކުރިއަށް ދިޔައީއެވެ. ކީއްވެ ކަމެއް އަހަންނަކަށް ނޭނގުނެވެ.

“ކޮން ނަމެއްތަ ކިޔަނީ؟” އަނެއްކާވެސް އެކުއްޖާ ބުނެލިއެވެ.

އެއީ އަހަންނަށް ވުރެ އިސްކޮޅުން ދިގު ފިރިހެން ކުއްޖެކެވެ. ގައިހަމުގެ ކުލަ އަހަންނަށްވުރެ ކަޅެވެ. ހަށިގަނޑު ރޫފައިގެ ގޮތުން އަހަންނާއި ދާދި އެއްވަރެވެ. ހިއްކެވެ. އަހަރެން ވަރަށް ފަރުވާތެރި ކަމާއެކު އޭނައަށް ބަލައިލީމެވެ. ލައިގެން ހުރީ އަތްދިގު ގަމީހަކާއި ކުރު ސޯޓެކެވެ.

“މަރީ…” ފުންކޮށް އޭނާއަށް ބަލާލަމުން އަހަރެން ބުނެލީމެވެ.

“ކިތައް އަހަރު؟” އަނެއްކާވެސް އޭނާ ކޮށްލީ ސުވާލެކެވެ.

“ފަނަރަ އަހަރު” އަހަރެން ބުނެލީ ތެދަށެވެ.

“އަހަންނާ ރައްޓެހިވާންވީނު؟” ޖެހިލުމެއްނެތި އެކުއްޖާ ހުށައަޅާލިއެވެ.

“އަހަރެން ތިކަހަލަ ކަމެއްކުރާނީ ކިޔަވާ ނިމިގެން. ތިކަން ބޭނުމިއްޔާ އަދި ދެއަހަރު މަޑުކޮށްލާ.” އަހަރެން ބުނެލީ އަހަރެންގެ މައިން ބަފައިންވެސް ބޭނުންވާ ގޮތެވެ.

“ޝިޓް” އޭ ބުނެލަމުން އޭނާ އަނެއް ފަރާތަށް އެނބުރިލިއެވެ.

“ކިހިނެއްވީ؟” ހިސާބަކަށް ދެލޯކުޑަކޮށްލާ ބަލައިލަމުން އަހަރެން ބުނެލީމެވެ.

ކަމެއް ނުވާކަމަށް ބުނެލަމުން އޭނާ ހިނގައިގަތެވެ.

“މަޑުކޮށްބަލަ!… އަހަރެން އުޅޭގެ މި މިސްކިތާ ވަރަށް ކައިރިވާނެ. ތިހެން އަހަރެން ފަހަތުން ދެން ނާންނައްޗެ. ގޭގަ އުޅޭ މީހަކަށް ފެނިއްޖެއްޔާ މާރަނގަޅެއް ނުވާނެ…. މާލޭގަ ދެން ވަރަށް ގިނަ ކުދިންގެ އާދައެއް އެއީ… އަންހެން ކުދިންނަށް ތުންފުމުމާ، އެކުދިންނަށް ފާޑުފާޑަށް ގޮވާ، ފަހަތުން އައިސް ވާހަކަ ދެއްކުން. އެހެން ނޫނަސް ތީ އަހަންނަށް އެހާރިތި ކަމެއް ނޫން. ވާހަކަ ދައްކަން ބޭނުމިއްޔާ ތިއަށްވުރެ ރީތި ގޮތްތައް ހުންނާނެ. އަދި ބުނަން…. ތިހެން ލައިގެން ހުންނަ ގަމީހުގެ ދެބައި ކޮށްފަ އެއްބައިގެ ގޮށްތައް ނާޅުވާ، މޭމަތި ފެންނަ ވަރަށް ހާޔަށް އޮތީމަ އެއްވެސް ގޮތެއް ފޮތެއް ނެތްހެން ހީވަނީ. އަންހެން ކުދިންގެ ކުރިމައްޗަށް އަންނަންޏާ ތިޔަށްވުރެ ސްމާރޓްވާންވާނެ.” ހިތްހަމަ ނުޖެހިފައި ހުރެ އަހަރެން އޭނާއަށް ތަގްރީރެއް ދިނީމެވެ.

ޒާތަކަށް ރަކިވެފައިހުރެ އޭނާ ހިނގައިގަތީ ކުރިޔަށެވެ. އެއާއެކު އެންމެ ކައިރީގައި އިން ދޮރުން އޭނާ ވަނީ މިސްކިތަށެވެ. ފަހަތުން އައިސް އެހެން ހަތަރު ކުއްޖަކުވެސް އޭނާގެ ކަންފަތްދޮށުގައި ވާހަކަ ދައްކަމުން މިސްކިތަށްވަނެވެ. އަހަރެން ހައިރާންވިއެވެ. އަހަންނަށް އެހާ އަދަބު ކުޑަކޮށް ވާހަކަ ދެއްކުނީ އެކުއްޖާގެ އަޚްލާގީ ފެންވަރު ދަށްކަމަށް ހީކުރެވުނީމައެވެ. އަހަރެން ކުޑަކޮށް ވިސްނާލީމެވެ. އެއީ ހަމަ އޭނާއެވެ. އަހަންނަށް ޔަގީނެވެ. އެއީ ހަމަ ކޮންމެ ދުވަހަކު ހެނދުނު ސެޝަން ނިންމާލުމަށްފަހު ގެއަށް ދިއުމުގެ ކުރިން ފޮތްތަކާއެކު ހަމަ އެމިސްކިތަށް މެންދުރު ނަމާދަށް އަރާ ކުއްޖާއެވެ. އަހަރެން ގެއަށް ދިއމަށްޓަކާ ކުރިޔަށް ހިނގަން ފެށީމެވެ. އެހެނަސް އެކުއްޖާއާ ދިމާލަށް ބަލާލުމުގެ ގޮތުން މިސްކިތާ ދިމާލަށް ބަލާލަންވެސް އަހަންނަށް ނުކެރުނެވެ.

ރޭގަނޑުގެ ހަމަ ހިމޭން ވަގުތު އަހަރެންފިލާވަޅުތައް ނިންމަމުން ދިޔައިމެވެ. ގޭގެ ފަސްޓް ފްލޯރއިން މަގުމަތީ ފަރާތަށް އިން ކޮޓަރީގައި އިނދެއެވެ. ދޭތެރެ ދޭތެރެއިން އަހަރެންގެ ޚިޔާލަށް އަންނަނީ އިރުއޮއްސުނު ގަޑީގައި މަގުމަތިން ދިމާވި ކުއްޖާގެ ޚިޔާލުތަކެވެ. ދެކެވުނު ވާހަކަތަކެވެ. އަހަންނަށް ކަންތައް ކުރެވުނު ގޮތެވެ. އޭނާ ކަންތައް ކުރިގޮތެވެ. އެޚިޔާލުތަކުން ދުރުވެލުމަށްޓަކާ އަހަރެން ކުޑަދޮރުން ބޭރު ބަލައިލީމެވެ. އެވަގުތު އަނެއްކާވެސް އަހަރެން ޚިޔާލުތަކުން ދުރުވާންކުރި މަސައްކަތް ބޭކާރުވީއެވެ.

ފަރުވާތެރިކަމާއެކު އަހަންނަށް ބަލާލެވުނީ ކުރިމަތީހުރި ސަހަރާގެ ކަންމަތީ ހުއްޓި ލައިން ހުރި ކުއްޖާއަށެވެ. އެއީ ހަމަ އެކުއްޖާއެވެ. އަހަރެންގެ ޚިޔާލުތަކުގައި އުނދަގޫ ކުރަމުންދާ ކުއްޖާއެވެ. އިރުކޮޅަކު އަހަރެން ބޭރު ބަލަން މަޑުކޮށްލީމެވެ. ބޭއިޙްތިޔާރުގައި އަހަރެން އެކުއްޖާއަށް ބަލައިލިއިރު އެކުއްޖާ ހުރީ އަހަންނާ ދިމާލަށް ބަލާށެވެ. ވަރަށް ނުވާކަމަށް ހަދާލަމުން އަހަރެން އޭނާ ދަންނަ ކަމަށްވެސް ނުހަދާ ކޮޓަރިތެރެއަށް ދެމިގަތީމެވެ.

އަނެއް ދުވަހުވެސް އާދައިގެ މަތިން އަހަރެން ސްކޫލަށް ދާން ހިނގައިގަތީމެވެ. ވިސާމާއާ އެކުއެވެ.

“ރޭގަ ނިދިންތަ؟” ވިސާމާ އަހަންނާ ކޮށްލި ސުވާލުން އަހަރެން ހައިރާންވިއެވެ.

“އާނ! ކޮންމެ މީހަކުވެސް ނިދިއައިމަ ނިދާނެއްނު… ވިސާ ރޭގަ ނުނިދަނީތަ؟” އަހަރެން އަހާލީމެވެ.

“ނޫނޭ… ދެން އިއްޔެ ސްކޫލް ނިމުނުގަޑީގަ ވީކަމަކުން މިބުނީ” ވިސާމާ އަހަންނަށް ހަނދާން ކޮށްދިނެވެ.

“އޯހް….ހޫމްމް…. އިނގޭތަ މަމިހުރީ ވަރަށް ސަކަރާތް ވެފަ ތިކަމާ. މަށަށް އޭނައާ ދިމާލަށް ވަރަށް ހަޑިކޮށް ވާހަކަ ދެއްކުނީ. ދެން އެއްޗެކޭވެސް ނުބުނެ ގޮސް އޭނަ އެރީ މިސްކިތަށް.” އަހަރެން ވީގޮތް ކިޔައިދިނީމެވެ.

“ވިސާ ކީއްވެ އެގަޑީގަ މައެކަނިކޮށްލާފަ ދިޔައީ؟” އަހަރެން ޝަކުވާކުރީމެވެ.

“ފިރިހެން ކުދިންދެކެ މަވަރަށް ލަދުގަނޭ. އެހެންވެ ދިޔައީ. އޭތް ބަލާބާ ކުރިމަތި” ވިސާމާ ކުރު ޖަވާބެއް ދެމުން ބުނެލިއެވެ.

އަހަރެން ބަލައިލީމެވެ. އަހަންނަށް ފެނުނީ އެއްކަލަ ކުއްޖާ އަނެއްކާވެސް ސްކޫލު ފޮތްތަކާއެކު ގޮސް މިސްކިތަށް އެރިތަނެވެ. މިފަހަރުވެސް އޭނާއަށް އަހަރެން ފެނުނެވެ. އޭނާ އަހަންނަށް ބަލައިލިއެވެ. އެހެންނަމަވެސް މާބޮޑު ސަމާލުކަމެއް ނުދިނީ އަހަރެން އޭނާއާ ދިމާލަށް އެދުހު އެހެން ހެދީމަކަންނޭނގެއެވެ. އަހަރެންގެ އެއްވެސް ފަރުވާލެއް ނެތެވެ.

އާންމު އުސޫލުގެ މަތިން ކަންކަން ހިނގަމުން ގޮސް ދެހަފްތާ ތިން ހަފްތާއަށް ބަދަލުވީއެވެ. އެދުވަސްތަކުގެ ތެރޭގަައި އަހަރެން ފިހާރައަކަށް ދާން ނުކުންނަ ބައެއް ވަގުތު ތަކުގައި އެއްކަލަ ކުއްޖާގެ ރައްޓެހި ގްރޫޕު އަހަންނަށް ފެނެއެވެ. އެމީހުން އަހަންނަށް ބަލައެވެ. ހީވަނީ ފާރަލާހެންނެވެ. ބައެއްފަހަރު ގެކައިރި ސަހަރާ ކަންމަތީގައިވެސް އެގްރޫޕް ތިބެއެވެ. އެއީ ގާތްގަނޑަކަށް ފަސް ވަރަކަށް ކުދިން ތިބި ގްރޫޕެކެވެ. އެ ގްރޫޕާއި އެކު ބައެއްފަހަރަށް އެކުއްޖާވެސް ފެނެއެވެ. އެހެން ނަމަވެސް އެކުއްޖާ ނުހުންނަ ބައެއް ވަގުތު ތަކުގައި އެގްރޫޕް ކުދިން އަހަންނަށް “މަރީ”އޭ ކިޔާފައި ގޮވާލާ ހަދައެވެ. ވަރަށްވެސް މަޑުންނެވެ. އަހަރެން ގިނަފަހަރަށް އަޅާވެސް ނުލަމެވެ. ބަލާވެސް ނުލަމެވެ.

ކޮންމެ ފަހަރަކުވެސް އަހަރެން ގެއިން ނުކުންނަނީ ގޭގައި އުޅޭ 10 އަހަރުގެ ކޮއްކޮއަކާ އެކީގައެވެ. އެހެންވެ އަހަންނަށް ގޮވާ ކޮންމެ ފަހަރަކު އަހަރެން އެދިމާލަށް ނުބަލަނީއެވެ. ކޮއްކޮ ހުއްޓެއްކަމަކު، އެމީހުން އެގޮވަނީ އަހަންނަށްކަމެއް ބައެއްފަހަރު ކޮއްކޮއަކަށް ނޭނގޭނެއެވެ. ނޫނީ ބައެއް ފަހަރަށް އެކަން އެނގިގެން ކޮއްކޮ ބާރަށް ހޭންފަށަނީއެވެ. ކޮއްކޮގެ މަތަނުވާ ހިނިގަނޑަކީ އަހަރެން މާ ޝައުގުވެރިކވާ އެއްޗެއް ނޫންކަން އެގްރޫޕްގެ ކުދިންނަށް އެނގޭނެއެވެ. އެއީ ކޮއްކޮއާ އެއްވަރަށް އެ ސަކަރާތުގައި އަހަރެން ބައިވެރި ނުވާތީއެވެ.

އެދުވަސް ތަކުގެ ތެރޭގައި ފަހުން ފަހުން މަދުން ނަމަވެސް އެގުރޫޕާއެކު އެކުއްޖާ ފެނެއެވެ. އަހަރެން ސްކޫލުން ގެއަށް އަންނަ މަގުތަކުން ކޮންމެދުވަހަކުވެސް އެކި ހިސާބުންނެވެ. އަހަންނަށް އިހްސާސް ވަނީ އެކުއްޖާ އަހަންނާ މާބޮޑަށް ވާހަކަދައްކަން ނޫޅޭކަމެވެ.
އަހަންނަށް ނުގޮވާކަމެވެ. އެހެނަސް އަހަންނަށް ޔަގީންވާ އެއްކަމެއް އޮވެއެވެ. ކޮންމެ ދުވަހަކުވެސް އިރުއޮއްސޭވަގުތު މަގުމަތިން އަހަރެން ފެނުމާއެކު ދެންގޮސް ވަންނަނީ މަޣްރިބް ނަމާދަށް ތައްޔާރުވުމަށްޓަކާ މިސްކިތަށެވެ.

އެހެން ދުވަހެކެވެ. އާދައިގެ މަތިން އަހަރެން ކްލާހަށް ވަދެ އިށީނީމެވެ. ވިސާމާއާއެކު އަހަރެން ފިލާވަޅުތައް ހަދަމުން ދިޔައީ ނުހަނު އެކުވެރި ކަމާއެކުގައެވެ. ފިލާވަޅުތައް ހަދާ ނިމި ލިބުނު ހުސްވަގުތުގައި އަހަރުމެން ތިބީ ވާހަކަ ދައްކާށެވެ.

“އައްސަލާމް ޢަލައިކުމް.” ކްލާހަށް ވަދެގެން އައި ދެޓީޗަރުން ތެރެއިން އެއް ޓީޗަރަކު ސަލާމް ގޮވާލުމަށްފަހު ކްލާސް ތެރެއަށް ނަޒަރު ހިންގަން ފެށިއެވެ.

“މިއިނީ… މީއެކުއްޖާ.. ކޮބާ އާދެބަލަ ސަރއާއެކު ބޭރަށް.” އަހަންނަށް އިޝާރާތް ކުރަމުން ކްލާހުން ބޭރަށް ނުކުންނަށް އަހަންނަށް ދަޢުވަތު ދިނެވެ. ހައިރާން ވެފައިހުރެ އަހަރެން ކުރިޔަށް ހިނގައިގަތީ ކުށްވެރިއެއް ފަދައިންނެވެ. ޖެހިލުން ވެފައިވާ ހިތަކާއެކު ކްލާހުން ނުކުމެ އަހަރެން އެޓީޗަރުންނާ ކުރިމަތިލީމެވެ.

ނުނިމެ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ބީވެދާކަށް ނޭދެން ހުވަ 4

Next

ހިތާ ކުޅެލާފާ 6 (ފަހުބައި)

Next
August 1, 2024

ހިތާ ކުޅެލާފާ 6 (ފަހުބައި)

Previews
July 31, 2024

ބީވެދާކަށް ނޭދެން ހުވަ 4

2 Comments!

  1. Darkqueen says:
    September 16, 2024 at 1:32 pm

    Varah reethi

    1. Shaleen says:
      October 2, 2024 at 5:17 pm

      Thanks

Comments are closed.

Next Episodeޝަލީން 2←


All Right Reserved!