ސިއްރު
“ޕިސް … ޕިސް….” ޕިސް ޕިސް ލައްވާލަމުން އަހަރެން ކަންފަތް މަތީ އަތް އެޅީ ފޯނު ރިންގުވާ އަޑާއި ހެދި އުނދަގޫ ވާވަރުން ނެވެ. އެވަރުންވެސް އަޑުމަޑު ވާގޮތެއް ނުވިއެވެ. އެގުޅާ މީހަކުވެސް ގުޅުން ހުއްޓާލާކަށް ވެސް ނޫޅުނެވެ. އެންމެފަހުން އަހަރެން ތެދުވީ ރުޅިގަދަވެގެން ނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ ؟ މިކަމާހެދި އަހަރެންގެ އެއޮއް މީރު ނިދިކޮޅު ވެސް އަހަރެން ދޫކޮށް ދާން އުޅެނީ އެވެ.
ދެލޯ ރަނގަޅަށް ނުހުޅުވޭ ހާލު ފޯނު ނަގާ ސްކްރީން ބަލައިލީ ގުޅާނީ ކާކުތޯ ބަލާލުމަށެވެ. ކަމަކުދާކަށް ނެތެވެ. ގުޅާނީ މަންމަ އެވެ. މަންމަ އެހާވަރަށް ގުޅިއިރު ވެސް އަހަރެން ފޯނު ނުނެގުމުން ރަނގަޅު ބޮމެއް މިފަހަރު މަންމަ އަޅާލާނެއެވެ. އެހެންކަމުން އަހަރެން ފޯނު ނެގީ ދައްކާނެ ރަނގަޅު ބަހަނާއެއް އަހަރެންގެ “މޮޅު” ބުއްދީގައި ރާވާލުމަށް ފަހުއެވެ. ފޯނު ނެގުނީވެސް ހާލަކުން ނެވެ. އެހެން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. މިހާރު ވެސް މިނީ ނިދި ތާއްޔާ ޖެހިޖެހި އެވެ.
” މަންމާ… ސޮރީ ވަރަށް ބޮޑަށް… ނިދިފަ އޮތީ… ރޭގަ ވަރަށް ދަންވިފަހުން އޮފީސް ނިންމާފައި އާދެވުނީ…. އެހެންވެ ހެނދުނު އޮފީހަށް ދާންވަންދެން ނިދާލަން ކަމަށް މިއޮތީ… ނިދި ހަމަކޮށްލަން ވެގެން….” ފޯނު ކަންފަތުގައި ޖެހިގޮތަށް އަހަރެން ވާހަކަތައް އެއްފައްޗަކަށް އަމުނާލީ އެކޮޅުން ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމެއް ނެތިއެވެ.
” އެތް… ޒިވިޔަނޫ… ކަލޭ އަނެއްކާ ތިހުރީ ހަމަހޭގަތަ ؟؟؟ މަނުދެނެހުރިން މަމީ ކަލޭގެ މަންމަ ކަމެއް….” އެކޮޅުން ޖަވާބު އައިއިރު އަހަރެން އިނީ ޝޮކެއްގައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ ؟ ގުޅީ މަންމަ އެވެ. އެކަމަކު ވާހަކަ ދެއްކީ ފިރިހެނެކެވެ. މިވީ އަނެއްކާ ކިހިނެއް ބާވަ އެވެ. މަޑުމަޑުން ފޯނު ނަގާ ކަންފަތާއި ދުރުކޮށްލުމަށް ފަހު ސްކްރީނަށް ބަލައިލީ ދެލޯ ބޮޑުކުރެވޭނެ އެންމެ ބޮޑަކަށް ބޮޑު ކުރަމުން ނެވެ. ސަހަރޯއެވެ! ފެނުނު މަންޒަރުން އަހަރެންގެ ނިދިގަނޑު އުދުހިގެން ދިޔަކަން ގައިމެވެ. ގުޅީ މަންމަ އެއް ނޫނެވެ. މާއިލް އެވެ. އެހެން ގޮތަކަށް ބުނާނަމަ އަހަރެންގެ ބެސްޓީ އެވެ.
“ހަ.. ހަލޯ…” މަޑުމަޑުން ފޯނު ގެންގޮސް ކަންފަތުގައި ޖައްސާލަމުން އަހަރެންނަށް އެހެން ބުނެވުނީ އަޅައަޅާގަންނަމުން ނެވެ.
” ކޮން ހަލޮލެއް ކިޔާކަށް…. މަ ފުރަތަމަ ފަހަރަށް އަޑުމިއެހީ ފިރިހެނަކު މަންމައަކަށް ވިއްޔޭ ބުނާ އަޑު… ކަލެއަށް ހަމަ އައްސަރިބަހާއި ސާބަސް… ގައިމު ބައްޕައޭ ކިޔާ ގޮވާލިނަމަ ތަންކޮޅެއް ރީތި ވީހެންނު….” މާއިލް އަހަރެންނާއި ދިމާކުރަން ފެށިއެވެ. އަބަދުވެސް އޭނާގެ އާދައެވެ. ކަށީގައި ހިފާފައި ހުންނަނީ ތޯއްޗެކެވެ. އަބަދުވެސް ހުންނަނީ އަހަރެންގެ ފަރާތުން އެކަހަލަ ކަމެއް ފެނޭތޯ ބަލަބަލައެވެ. ދެން އަހަރެންނެށް ކަމަކު އެހެން ވެދާނެ ނޫންހެއްޔެވެ ؟ އަހަރެންވެސް މީ އިނސާނެއް ވިއްޔާއެވެ.
” ހޫން… ދެން ކޮންމެހެން ތިވަރަށް ދިމާ ނުކުރިޔަސް ހެވޭ… އަހަރެންނަށް އޮޅުނިއްޔޭ… އެހެން ނޫނަސް އާންމުކޮށް މިގަޑީގައި ގުޅަނީ މަންމަ…. ތީ ދުވަހަކު ވެސް މިގަޑީގައި އަހަރެންނަށް ގުޅި މީހެއް ނޫނެއްނު….. އަނެއްކާ ކިހިނެއް ވީތޯ ބޭފުޅާ މިގަޑީގައި ތި ގުޅުއްވާ ލެއްވީ؟؟؟” އަހަރެން އަމިއްލަ ދިފާއުގައި ވާހަކަ ދެއްކީ މެވެ. “ކޮންމެހެން މާ ރަނގަޅު މީހަކަށް ވެގެން މާ މާތް ބަހުން ވާހަކަ ދައްކާނެކަމެއް ނެތް އިނގޭ… މަށަށް މިހާރު އިނގިއްޖެ ޒިވިޔަން މަންމަ ކައިރީ ހަދާ ދޮގު….” ދެރަކަމެކެވެ. ދުވަހަކު ވެސް ކުރާ ސުވާލަކަށް ޖަވާބުދޭން ދަންނަ ފިރިހެނެއް ނޫނެވެ.
” މަ މިހާރު ކޮން ދޮގެއް ހެދީ ؟؟؟” ނޭނގޭ ކަމަށް ހަދާފައި އަހަރެން އަހާލީމެވެ.
” އަދި މަކާރީގަ ދޯ އަހަންވީ… ރޭގަ ކޮންއިރަކު ޒިވިޔަން އޮފީހަށް އައީ ؟؟؟”
” އެއީ ބަހަނާއެއް ހަދާލީއޭ…. އެހެންނޫނީ މަންމަ އަޅާލާނެ ވިއްޔަ ވަރުހުރި ބޮމެއް…”
” މަންމަ އެކަނި ދޯ ބޮންއަޅާނީ… މިއަދު ގަޑިއަށް އޮފީހަށް ނުގޮއްސިއްޔާ ސަރ އަޅާނެ މާ ވަރުގަދަ ބޮމެއް… މަށަށް އެނގެއޭ ގުޅިއިރު ވެސް ، ކަލޭ އަދި އެނދުމަތިން ހިއްލާ ނުލާނެކަން…” މީނާ އަނެއްކާ މިއަދު ކިހިނެއް ވެގެން އުޅޭ ދުވަހެއް ބާވަ އެވެ. ގަޑި ޖެހޭ ވާހަކަ ދައްކަން އަދި އެއުޅެނީ ގަޑިތަކުން ހަތް ގަޑި ފަނަރަ ވެސް ނުހިގައި ގެންނެވެ. އޮފީހަށް ދާންޖެހޭނީ ނުވައެއް ޖަހާއިރު އެވެ. އަދި ގާތްގަނޑަކަށް ދެގަޑިއިރު އެބައޮތެވެ.
” ސާބަސް.. ސާބަސް…. އަދި ހަތް ގަޑި ބައި ވެސް ނުވޭ… އޮފީހަށް ދާހިތް ވެގެން އުޅުނަސް އަހަންނަށް ހީވަނީ ތީ ދެން ތަންފުކެއް ބޮޑުވަރު ހެން…”
” ކޮބާތަ ބޮޑު ވަރުވެފަ…. ބަލަ މިއަދު ޖެހޭނެ 8 ޖަހާއިރަށް ދާން…. މިހާރު ހަނދާން ނައްތާލީ ދޯ… ސާބަސް….” ދޮގެއްވާ ނޫނެވެ. މިއަދު އޮފީހަށް ދާންޖެހޭނީ 8 ޖަހާއިރަށެވެ. ކޮންމެވެސް ރަސްމިއްޔާތެއް އޮންނަނީ ޔޯލައެވެ. ތަންކޮޅެއް ކުރިން މާއިލް އަހަރެންނަށް ގުޅާލިކަން ވެސް ނަސީބެކެވެ. އެހެންނޫން ނަމަ ވާނެގޮތް ހިތަށް އަރުވާލަން ވެސް ދައްޗެވެ. ހުރިހާ ޝުކުރެއް މާއިލް އަށެވެ.
އަތުގައި އޮތް ފޯނު އެނދުމައްޗަށް ހޫރާލުމަށް ފަހު ، އެނދުން ފުންމާލީ މެވެ. ތުވާއްޔާ ދިމާލަށް ދުއްވައިގަތީމެވެ. ކޮނޑު ހޯލްޑަރުގައި އަޅުވާފައި އިން ކޮނޑުގައި އިން ތުވާލި އިނީ ބާރަށް އެނބުރެމުން ދިޔަ ފަންކާގެ ވަޔަށް ނަށާލަ ނަށާލަ އެވެ. އެދިޔަ ބާރުމިނުގައި ގޮސް ތުވާލީގެ އެއް ކަނުގައި ހިފާ ގައިހުރި ބާރަކަށް ދަމައި ގަތީމެވެ. އަވަސް ކުރަން ވެގެންނެވެ. މިހާ ވަގުތު ކުޑަތަން ވެގެން އުޅޭ އިރު ހޯލްޑަރުން ކޮނޑު ނަގައިގެން ، އެކޮނޑުން ތުވާލި ނަގާކަށް ވަގުތު ބޭކާރެއް ނުކުރެވޭނެ ނޫންހެއްޔެވެ. ތުވާލި އަހަރެންގެ އަތަށް އައެއްކަމަކު އެ އަޅުވާފައި އިން ކޮނޑު ބިނދި އޭގެ އެއްބައި ވިއްސާގެން ދިޔައީ ބުރު ނޭނގޭހާ ބާރަށް އެނބުރެމުން ދިޔަ ފަންކަލާއި ދިމާލަށެވެ. ހީވީ އަމާޒައް ދޫކޮށްލި ތީރެއް ހެންނެވެ.
އެއީ ތީރަކަށް ނުވިޔަސް ކޮނޑު ވެސް އޭގެ މީޒާން ކަސިޔާރު ވިޔަކަނުދިނެވެ. އެދިޔަ ބާރުމިނުގައި ގޮސް ފަންކަލުގައި ޖެހުނެވެ. އެވަގުތު އަޑުގަދަ ކަމުން ހީވީ ސީލިންގު ކުދިކުދިވެގެން އަހަރެންގެ ބޮލަށް ފޭބިހެން ނެވެ. ފަންކަލަށް ގޮތެއް ނުވާކަމެއް ނޭންގެ އެވެ. ގޮތެއް ވިޔަސް ފަރުވާލެއް ނެތެވެ. މިވަގުތު ފަންކަލަށް ވުރެ އަހަރެންނަށް މުހިންމީ ގަޑިއަށް އޮފީހަށް ދިޔުމެވެ. އަތުގައި އޮތް ތުވާއްޔައް ބަލައިލުމަށް ފަހު ފާހާނާ އާއި ދިމާލަށް ދުއްވައިގަތީމެވެ.
ނުނިމޭ
One Comment
Comments are closed.

Mi part vx v Reethi masha allah
Curiously waiting for next part
Keep it up
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Love you ❤️😍