އެ ބިރުވެރި ރޭ
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ތާރާ ހުރީ ބާރަ ޖަހާނެ އިރެއްގެ އިންތިޒާރުގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އޭނާގެ މޫނުމަތިން ފާޅުވާ ހުރީ އުފާވެރިކަމެވެ. އެހެން ނުވާންވީ ސަބަބެއް ވެސްނެތެވެ.މާދަމާ އަކީ ތާރާގެ ފިރިމީހާ ފައިސަލްގެ އުފަންދުވަހެވެ. ތަންކޮޅެއް ދުރުގައި ހުރި ކުޑަ މޭޒެއް ގައި ކޭކަކާއި ރަތް ފިނިފެންމަލުގެ ފިޔަތަކާއި އުއްބައްތި ތަކެއްވެސް ދިއްލާފައި ހުއްޓެވެ. ތާރާ ހުރީ ފިރިމީހާ ފައިސަލް އަންނަން ވާއިރަށް ފުރިހަމަ އަށް ތައްޔާރުވެގެނެވެ. މާގިނަ އިރުއަކު އިންތިޒާރު ކުރާކަށް ނުޖެހުނެއެވެ. ފައިސަލް ގެއަށް ވަނުމާއި އެކު ދުވެފައިގޮސް ގޮސް އޭނާ ގައިގައި ބައްދާލިއެވެ. އަދި ބުންޏެވެ. “އުފާވެރި އުފަން ދުވަހަކަށް އެދެން” އެއަށްފަހު ދެމަފިރިން އެކުގައި ގޮސް ކޭކުފެޅިއެވެ. ފޮޓޯނެގިއެވެ. އެދެމަފިރިންގެ މެދުގައި ވަނީ އިންތިހާ ދަރަޖައިގެ ލޯތްބެވެ.
އޭގެ އަނެއްދުވަހު ތާރާ އަށް ހޭލެވުނީ ފޯނު އެލާމުވާ އަޑަށެވެ. އަވަސް އަވަހަށް ފަތިސް ނަމާދުކޮށްލައިގެން އޭނާ ދިޔައީ ހެނދުނުގެ ނާސްތާ ތައްޔާރުކުރާށެވެ. ހަތެއް ޖެހުމުން އޮފީހަށް ދާން ތައްޔާރު ވުމަށް ފައިސަލްއަށް ގޮވިއެވެ. އާދައިގެ މަތިން ނާސްތާ ކުރަން ތިބެގެން ދެމަފިރިން ހީ ސަމާސާކޮށް ހެދިއެވެ. “މިރޭ ތަންކޮޅެއް އަވަހަށް ގެއަށް އަންނަށްޗޭ އިނގޭ. ގެއަށް ބޭނުންވާ ބައިވަރު އެއްޗެހި ގަންނަށް އެބަހުރި” ތާރާ ބުންޏެވެ. “ހަތެއް ޖަހާއިރު ހުންނާނީ ގޭގަ އޯކޭ؟” ތާރާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އަދި ލޯބިން ހިނިތުންވެލިއެވެ. ތާރާ އޭނާގެ ފިރިމީހާގެ ހުންނަ އެންމެ ގަޔާވާ ސިފަ އަކީ އެއީއެވެ. ކިތަންމެ ބުރަކޮށް އުޅެން ޖެހުނުކަމުގައި ވިޔަސް އަބަދު ވެސް އޭނާ އަށް ވަގުތު ހުސްކުރެއެވެ. އެހާ ލޯބިން ގިނަ ދުވަހު އުޅުމުގެ ސިއްރަކީ ވެސް އެއީއެވެ.
ފައިސަލް ވަޢުދުވި ގޮތަށް ރޭގަނޑު ހަތެއް ޖެހިއިރު އޭނާ ހުރީ ގޭގައެވެ. “އަހަރެން ވަރަށް ބަނޑުހައި، ކައިގެން ދޯ ޝޮޕިންގް ކުރަން ދާނީ؟” ފައިސަލް އެއްސެވެ. “އޯކޭ ފައި ބޭނުން ގޮތެއް” ތާރާ ވަގުތުން އެއްބަސްވިއެވެ. “އެކަމު މިރޭ ކައްކާނީ އަހަރެން އެންމެ ރަނގަޅުތަ؟” ތާރާ އާނއެކޭ ބުނުމުން ފައިސަލް ދިޔައީ ބަދިގެއަށެވެ. ތާރާ ދިޔައީ ސިޓިންރޫމަށް ޓީވީ ބަލާށެވެ. އޭރު ތާރާ އަށް އެންމެ ކަމުދާ ޑްރާމާ ސިލްސިލާ ސްޓާ ޕްލަސް އިން ފޮނުވަމުން ދިޔައެވެ. އިރުކޮޅަކުން އިވުނީ ގޭގެ ބެލް ޖަހާ އަޑެވެ. ނަމަވެސް ޑްރާމާ އަށް ގެއްލިފައި އިންވަރުން އެ އަޑު ތާރާ އަކަށް ނީވެއެވެ. “ތާރާ ގޭގެ ބެލް ޖަހާ އެބަ ދޭބަލަ ދޮރު ހުޅުވަން” ޓީވީ ސިލްސިލާގެ ދުނިޔެ އިން ތާރާ އަށް ނިކުމެވުނީ ފައިސަލްގެ އަޑަށެވެ. ތާރާ ގޮސް ދޮރުހުޅުވާލިއެވެ. ކުރިމަތީ ގައި ތިބީ ދެ ފުލުހުންނެވެ. އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. ބަލާ ބެލުމަށް އަދި ވަރަށް ޒުވާން ދެކުދިންނެވެ. “ތީ އައިމިނަތު ތާރާ ތޯ؟” ފުރަތަމަ ވާހަކަ ދެއްކީ ފިރިހެން ފުލުހެވެ. “އާދެ ކިހިނެއްތޯ ވީ”؟ ތާރާ އަށް ލިބުނީ ހައިރާން ކަމެވެ. “އަހުމަދު ފައިސަލް އަކީ ތާރާގެ ފިރިމީހާ ރަނގަޅަށް ތޯ މި ބުނެވުނީ؟” “އާދެ އެކަމު ކިހިނެއްތޯ ވީ؟” ތާރާ ހުރީ ވާނުވާ ނޭނގި ހާސްވެފައެވެ. “ތާރާގެ ފިރިމީހާ ފައިސަލް ވަނީ މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި ނިޔާވެފަ އެ ވާހަކަ އަންގަން އަޅުގަނޑުމެން މިއައީ” ތާރާ އަށް ލިބުނީ ޝޮކެކެވެ. އެދެ ކުދިންގެ މޫނަށް ބަލަން ހުރެފައި ތާރާ ފެށީ ވަރަށް ބާރަށް ހޭށެވެ. “ޙުސައިން ސާރ” ކުޑަތަންކޮޅެއް ދުރުގައި ހުރި އަންހެން ފުލުސް ކުއްޖާ ގޮވާލިއެވެ. “ކޮބާ ސާރ އޭރުވެސް އަޅުގަނޑު ބުނީމެއްނު ރޫޓީން ޗެކް އެކޭ ކިޔާފައި ކުޑަކޮށް ވާހަކަދައްކާލާފައި އެހެން ބުނަން. މިހާރު ކިހާ ދެރަ ވިކްޓިމްގެ ވައިފް އަށް އެ ވީ ގޮތް” ދެމީހުން ވެސް ތާރާ އަށް ބަލާލީ ހަމްދަރުދީ ނަޒަރަކުންނެވެ. އޭރު ވެސް ތާރާގެ ހުނުން ކޮންޓްރޯލެއް ނުވެއެވެ. ” އަޅުގަނޑުމެންނަށް އިނގޭ މީ ވަރަށް އުނދަގޫ ހާލަތެކަން އެކަމަކު ތާރާ ވާނެ ހިތްވަރު ގަދަ ކުރަން” މިފަހަރު ވާހަކަދެއްކީ އަންހެން ފުލުސް ކުއްޖާއެވެ. “ފުލުހުން ވިޔަސް ތިކަހަލަ ސަމާސާ ކުރާކަށް ނުވާނެ ދޯ އަޅުގަނޑުގެ ފިރިމީހާ އެބަހުރި ބަދިގޭގަ ކައްކަން ތި ވަނީ އޭނަ އާއި ވައްތަރު ކޮންމެވެސް އެހެން މީހަކަށް” ތާރާގެ ހިނިގަނޑު ކޮންޓްރޯލް ކުރަމުން ބުންޏެވެ. ފުލުސް ދެ ކުދިން އެކަމު އަނެކަކުގެ މޫނަށް ސުވާލުން ފުރިގެންވީ ނަޒަރަކުން ބަލާލިއެވެ. ތާރާ ވަނީ ގޭތެއަށެވެ. އެކުދިން ވެސް ތާރާ ފަހަތުން ގޭތެރެއަށް ވަނެވެ. ތާރާގެ މިސްރާބު ހުރީ ބަދިގެ އާއި ދިމާލަށެވެ. އޭރު މުޅިތަން އެއްވަސް ކުރުވާފައިވާ ބަދިގެން ދުވާ މަސް ފިހާ ވަހަށެވެ. ބަދިގެ އާއި ކައިރިވަމުން ދިޔަވަރަކަށް އެއްޗެހި ކޮށާ އަޑުވެސް އިވެއެވެ. ބަދިގެއަށް ވަދެނި އިރު ފައިސަލް ހުރީ ތަރާމެންނަށް ފުރަގަސްދީގެން ފިޔާކޮށާށެވެ.”ކޮބާ އެހުރީނު އަޅުގަނޑުގެ ފިރިމީހާ” ތާރާ ފަހުރުވެރިކަމާއި ބުނެލިއެވެ. “ކިހިނެއް ވެގެން މިއުޅެނީ؟” ފައިސަލް އެއްސެވެ. “މި ކުދިން ބުނާގޮތުން ފައިސަލް މަރުވީ އެއްނު ހަވީރު ހިނގި އެކްސިޑެންޓެއްގަ” ތާރާ ހީލާފައި ޖަވާބުދިނެވެ. “އެ ވެދާނެ އެއްނު ހަމަ ތެދަކަށް ވެސް” ފައިސަލް ވެސް ސަމާސާ ރާގެއްގައި ބުންޏެވެ. “މީ ވާނެ ކަމެއް ނޫން މިގެއަށް އައުމުގެ ކުރިން އަޅުގަނޑުމެންގެ މިއައީ ހޮސްޕިޓަލުން އެތަނުގައި އޮތީ ހަމަ ފައިސަލްގެ ހަށިގަނޑު” ޙުސައިން އެހެން ބުނިއިރު އޭނާގެ މޫނުމަތިން ފާޅުވާން ހުރީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ. “އަޅުގަނޑުމެން ބޭނުން ފައިސަލް އާއި ބައެއް ޕާރސަނަލް ސުވާލުކޮށްލަން އެންމެ ރަނގަޅުތޯ؟”
“އޯކޭ” ފައިސަލް ބުންޏެވެ. ފުލުހުން ފައިސަލް އާއި ވަރަށް ގިނަ ސުވާލު ކުރިއެވެ. އޭނާގެ ޒާތީ ދިރިއުޅުމާއި ބެހޭގޮތުން ހަމައެކަނި އޭނާ އަށް ޖަވާބު ދެވޭނެ ފަދަ ސުވާލުތަކެވެ. ހުރިހާ ސުވާލަކަށް ވެސް ފުރިހަމަ އަށް ފައިސަލް ޖަވާބުދިނެވެ.
އެ ހާދިސާ އަށް ހަފްތާ އެއް ފާއިތުވެއްޖެއެވެ. ފައިސަލް އާއި ތާރާ ކުރިން ވެސް އުޅެމުން ދިޔަގޮތަށް އުފަލުގައި އުޅެމުންދެއެވެ. އެދުވަހުގެ ފަހުން ފުލުހުންގެ ފަރާތުން ވެސް އެމީހުންނަކަށް އިތުރު މަޢުލޫމާތެއް ނުލިބެއެވެ. ތާރާ އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.
އާދައިގެ މަތިން މިއަދުގެ ވެސް ތާރާ ޖައްސާލީ ޓީވީ ބަލާށެވެ. އެވަގުތު ޓީވީ ހުޅުވާލެވުނުކަން އެއީ އޭނާގެ ނަސީބު ކަންނޭނގެއެވެ. އޭރު ޓީވީން ދައްކަމުން ދިޔައީ މީގެ ހަފުތާއެއް ކުރިން އެކްސިޑެންޓުގައި ނިޔާވި މީހާ އާއި ބެހޭގޮތުން ހަދާފައި ރިޕޯޓެކެވެ. އޭނާގެ ފޮޓޯ ވެސް އެވަގުތު ދައްކަމުން ދިޔައެވެ. “ފައިސަލް” ބޭއިޚްތިޔާރުގައި ތާރާ އަށް ބުނެލެވުނެވެ. ޓީވީން ދައްކަމުން ދިޔައީ ފައިސަލް ނޫން އިތުރު ދެވަނަ އެހެން މީހެއްނޫނެވެ. އެއީ މީގެ މަހެއްހާ ދުވަސްކުރިން އޭނާ ފައިސަލް އަށް ނަގާ ދީފައިވާ ފޮޓޯއެކެވެ. ކޮންމެ ގޮތެއް ވިޔަސް އޭނާގެ ފިރިމީހާ އެއް އޭނާ އަކަށް ނޯޅޭނެއެވެ. ނަމަވެސް ބޭރު ދޮރުގައި އަތް ވިއްދާލައިގެން ހެވިފައި ވެސް އެހުރީ ވެސް ހަމަ ފައިސަލްއެވެ.”ފައިސަލް މީ.. މީ ކޮންކަމެއް” ތާރާ ހުރީ ވާހަކަދައްކަން ވެސް އުނދަގޫވެފައެވެ. “ކިހިނެއް ވީ؟ އަހަރެން މިހުރީ ތާރާ ކައިރީގައެއްނު، ތާރާ ބުނީމެއްނު ކޮންމެ ގޮތެއް ހަދާފަ ވެސް އުޅެން ބޭނުންވަނީ އަހަރެންނާ އެއްކޮށްށޭ.. ދެން އަހަރެމެން ދެމީހުން ދުވަހަކު ވެސް ވަތްކެތް ނުވާނެ” “ނޫން ތީ ފައިސަލް އެއް ނޫން، ތީ ކާކު؟ ކޮބާ އަހަރެންގެ ފިރިމީހާ؟ ކަލޭ އޭނަ އަށް ކީއްކުރީ؟ ތާރާ އަށް ހަޅޭތްލަވައިގަނެވުނެވެ. އެ ވަގުތު ފައިސަލްގެ ސިފަ މަޑުމަޑުން ބިރުވެރި އެއްޗަކަށް ބަދަލުވާންފެށިއެވެ. އެއެތީގެ އިސްކޮޅު އެހާދިގެވެ. ލޯކަޅެވެ. ހަށިގަނޑު ބިޔައެވެ. މުޅި ހަށިގަނޑުގައި ވަނީ ގަދަ ކަޅުކުލައެކެވެ.ތާރާ އަށް ބިރުން ރޯންފެށުނެވެ. ދުއްވައިގަންނަން އޭނާ ބޭނުންވިއެވެ. ނަމަވެސް ފައި ހަރަކާތެއް ނުކުރިއެވެ. “އެމީހުން ބުންޏެއްނު ކަލޭގެ ފިރިމީހާ މަރުވި ވާހަކަ ކަލޭ ޤަބޫލުނުކުރީ އެއްނު” ގޭގެ ކަރަންޓު ވެސް ދިޔައީ އެވަގުތުއެވެ. “ކަލެ އަކަށް ދެން އަހަރެން ދޫކޮށްފައެއް ނުދެވޭނެ” ބިރުވެރި އަޑަކުން އޭތި ހެމުން ހެމުން ބުންޏެވެ. ލިބުނު ފުރުސަތަކާއި އެކު ތާރާ ބޭރަށް ދުއްވައިގަތެވެ. ދާނެ ވަކި މަންޒިލެއް ނެތިއެވެ.
އޭގެ އަނެއްދުވަހު ތާރާ ފެނުނީ ވަލުތެރޭގައި އަނބުރައިގަނެފައި އޮތްވައެވެ. ރަށުގައި ހުރި މޮޅު ފަންޑިތަވެރިއެއްގެ އެހީގައި ތާރާ އަށް އެ ޖިންނީގެ ކިބައިން ސަލާމަތްވިއެވެ.ނަމަވެސް އެކަމަށް ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ހޭދަވިއެވެ. ފަންޑިތަވެރިޔާގެ ފަރާތުން އެނގުނުގޮތުގައި އެ ޖިންނި އަކީ ތާރާ އާއި އަޅައިގަނެގެން އުޅޭ އެއްޗެކެވެ. ފައިސަލް މަރުވުމުން އެ ފުރުސަތުގެ ބޭނުންހިފައި އޭނާގެ ސޫރަ އަށް ބަދަލުވެގެން ތާރާ އާއި އެކު ދިރިއުޅުނީއެވެ.
އެ ހާދިސާ އަށް ފަހު ތާރާ ދީނީ ކަންކަމަށް ދޭ ސަމާލުކަން އިތުރުކުރިއެވެ. ދެނަމާދު ދޭތެރޭ ބޭރަށް ނިކުތުން އެއްކޮށް ހުއްޓާލިއެވެ. މިހާރު އޭނާ އަކަށް އެ ޖިންނީގެ އެއްވެސް އުނދަގުލެއް ނުފޯރައެވެ. ނަމަވެސް އެ ބިރުވެރި ރޭގެ ހަނދާންތައް އޭނާގެ ހިތަކުން ދުވަހު ވެސް
ފިލައިގެން ނުދާނެއެވެ.
(ނިމުނީ)
6 Comments!
Comments are closed.



Salhi
Mi vaahaka ves v Reethi masha allah
Curiously waiting for next story
Keep it up
I appreciate your hard work
V reethi
I would like this story if it was longer but it’s nice.
A little advice after finishing writing do read it once to see if there are spelling mistakes or if a word is repeated you can correct it. Thank you for reading this comment😊😊🤗
Your storys are so nice 👍 love your storys ❤️❤️🌹keep it uppppppp🌹