ލޯބިވާވަރު ނޭނގެނީހޭ؟
އެއީ މީގެ ސޯޅަ އަހަރުކުރިއެވެ. އަހަރެންގެ މައިންބަފައިން ރަނގަޅު ތަޢުލީމެއް ހޯދައި ދިނުމުގެ ބޭނުމުގައި އަހަރެން މާލެ ފޮނުވިއެވެ. އަހަރެން ހުރީ ކުދިން ބައިތިއްބާ ގެއެއްގައެވެ. އެގޭގެ ވެރި މީހާ އަހަރެންނަށް ވަރަށް ރަނގަޅެވެ. އޭނާގެ އަހަރެންނާއި އެއް އުމުރުގެ އަންހެން ކުއްޖެއް ހުރެއެވެ. އޭނާގެ ނަމަކީ ޢަމީރާއެވެ. ވަރަށް ވެސް ރީތި އަންހެން ކުއްޖެކެވެ. ނޭނގޭ ކިތަންމެ ކަމެއްގައި ޢަމީރާ އަހަރެންނަށް އެހީތެރިވެދެއެވެ. އަހަރެން ފެންނަ ކޮންމެ ފަހަރަކު ވަރަށް ލޯބިން ހިނިތުންވެލާނެއެވެ. އެއީ ނުވެސް ދަންނަ މުޅިން އައު މާހައުލަކުން ލިބުނު އެންމެ ފުރަތަމަ ރަހުމަތްތެރިޔާއެވެ.
ކަންދިމާ ކުރިގޮތުން ދާންޖެހުނީ ވެސް އެއް ސްކޫލަކަށެވެ. ވަރަށް އުފާވިއެވެ. ކޮންމެ ދުވަހަކު ހެނދުނު ތައްޔާރު ވެގެން ދެމީހުން ސްކޫލަށް ދަނީ އެކީގައެވެ. އިންޓަވަލް ގަޑީގައި ބައެއް ދުވަސް ދުވަހު އެކީގައި ސައިބޮމެވެ. ޢަމީރާ އަކީ ލަދުރަކި ކުއްޖެއް ކަމުން
މާގިނަ ވާހަކައެއް ނުދައްކައެވެ. އަހަރެން ވެސް މާގިނަ ވާހަކަތަކެއް ނުދައްކަމެވެ. ނަމަވެސް ޢަމީރާ އާއި އެކީގައި ގިނަ ވަގުތު ހޭދަކުރަން ހިތްއެދެއެވެ. ދައްކާނެ ވާހަކައެއް ނެތްކަމުގައި ވިޔަސްމެއެވެ.
މިގޮތުގައި ހަމަސް ދުވަސް ފާއިތުވެއްޖެއެވެ. ދުވަސްކޮޅަކުން އިވެން ފެށީ ކުލާހު ކޮންމެވެސް ކުއްޖެއް މީހަކާ ރައްޓެހިވި ވާހަކައެވެ. އެކަން އާދައަކަށް ވެއްޖެއެވެ.
ކުލާހަށް ވަންނަގޮތަށް އެންމެ ފުރަތަމަ އިވޭނީ އެ އަޑެވެ. ޓީޗަރު ކުލާހަށް އަންނަންދެން ކޮންމެ ދުވަހަކު އެވާހަކަ ކުރިއަށްދެއެވެ. އެހެންކަމުން އަހަރެންވެސް ޢަމީރާ އަށް
ލޯބި ހުށައަޅަން ވިސްނަންފެށީމެވެ. ނަމަވެސް ހިތްބިރު ގަންނަނީއެވެ. އެކަމާއި އަހަރެންގެ އެކުވެރި ފިޒާމް އާއި މަޝްވަރާކުރީމެވެ. އޭނާ ދިން ޚިޔާލަކީ ލޯބިވަންޔާ ލަސްނުކޮށް ބުނުމެވެ. ރަނގަޅު ދަނޑިވަޅެއް ބޭނުންހިފައި އަވަހަށް އެކަން ނިންމުމެވެ. އަހަރެން ވެސް
ވީ އެންމެ އަވަހަށް ބޭނުންވާ ގޮތަކީ އެއީއެވެ. ނަމަވެސް ޢަމީރާގެ ހިތުގައި އޮތީ ކީކޭކަން ނޭނގޭތީ ވަރަށް ޖެހިލުންވެއެވެ. އޭނާގެ ލޯބިވެރިއެއް ހުންނަ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭނގެއެވެ. އަހާކަށް ނުވެސް ކެރޭނެއެވެ. މި މަޝްވަރާގައި ތިބެގެން ކުލާހަށް ދަނިކޮށް ޢަމީރާ އާއި ދިމާވިއެވެ. އާދައިގެމަތިން އޭނާ އަހަރެންނަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ފުރަތަމަ ފަހަރަށް އެ ހިނިތުންވުމުގެ ފަހަތުގައިވާ އިހުސާސްތައް ދެނެގަނެވޭތޯ މަސައްކަތް ކުރީމެވެ. ހީވިއެވެ. އޭނާވެސް އަހަރެން ދެކެ ލޯބިވެއެވެ. އެކަމަކު، އެކަން ޔަގީންކުރާނެ ހިތްވަރެއްނެތެވެ.
އޭގެ ދެ ހަފުތާ ފަހެވެ. ފުރަތަމަ ޓާމުގެ ޓެސްޓް ބޯމަތިވެއްޖެއެވެ. ކިޔެވުމަށް ސަމާލުކަން ދޭން ކޮންމެހެން ވެސް މަޖުބޫރުވެއްޖެއެވެ. ކޮންމެ ރެއަކު ޢިޝާ ނަމާދު ކޮށްގެން ދިހައެއް ޖަހަންދެން ޢަމީރާ އާއި އެކު ފިލާވަޅު ދަސްކުރަން އިންނަމެވެ. ކޮންމެ ރެއަކުހެން ހިތް ބުނެއެވެ. ތިޔަ އިހުސާސްތައް އޭނާގެ ކުރިމަތީގައި ބަންޑުންކޮށްލާށެވެ. މިޔަށް ވުރެ ވަކި ރަނގަޅު ފުރުސަތެއް ދެނެއް ނުލިބޭނެއެވެ. ނަމަވެސް ކޮންމެ ރެއަކުވެސް އަނގައިން ބޭރުވަނީ ހަމައެކަނި ފިލާވަޅާއި ބެހޭ ވާހަކައެކެވެ.
ޓެސްޓު ނިމި ނަތީޖާ ވެސް ލިބިއްޖެއެވެ. ހީކުރި ވަރަށްވުރެ ރަނގަޅު ނަތީޖާއެއް ހުރިހާ މާއްދާއަކުން ވެސް ލިބުނެވެ. ޔެސް ތެންކިޔޫ ޢަމީ، ހިތާ ހިތުން ކިޔާލެވުނެވެ. އެއީ ހަމަ ޢަމީރާ ކޮށްދިން މަސައްކަތުގެ ނަތީޖާއެވެ. އެހެންކަމުން އެކަމުގެ ޝުކުރު އަދާކުރުމުގެ ގޮތުން އޭނާ އަށް ކެއުމެއް ދޭން އަހަރެން ނިންމީމެވެ. ވަގުތުން އެ ދަޢުވަތު ޤަބޫލުކުރިއެވެ. ހީވީ އެއީ އޭނާ ވަރަށް ގިނަ ދުވަސް ވަންދެން ކުރަމުން އައި އިންތިޒާރެއްގެ ނިމުންހެންނެވެ.
އެރޭ އަށްގަޑި ބައި ވިއިރު ޢަމީރާ ހުރީ ނަލަހެދިގެން ބޭރަށް ނުކުމެއެވެ. އަހަރެމެން ދިޔައީ އޭރުގެ މާލޭގައި ނަން ހިނގާ މަޝްހޫރު ރެސްޓޯރެންޓަކަށެވެ. ކާނެ އެއްޗަކަށް އޯޑަރު ދިނުމަށް ފަހު ދެން އަހަރެމެންގެ ދެމެދުގައި ދިޔައީ މަރުފަދަ ހަމަހިމޭން ކަމެކެވެ. ހިތްވަރު ކޮށްފައި އަހަރެން މި ކެއުން ދިން ސަބަބު ހާމަ ކުރީމެވެ. “ޢާއިދު ތީ އަސްލު ކިޔަވަން ވަރަށް މޮޅު ކުއްޖެއް އަހަރެން އުއްމީދުކުރަން ދެވަނަ ޓާމުގަ ވެސް ތިހާ ރަނގަޅު ނަތީޖާއެއް ހޯދާނެކަމަށް” ޢަމީރާގެ އެބަސްތަކުން އަހަރެންގެ ހިތް އުފަލުން ނަށައިގަތެވެ. އެރޭ ވެސް ފާއިތުވެދިޔައީ ހިތުގެ ހާލު ދުލާ ހަމައަށް ނުފޯރައެވެ. އަމިއްލަ ފިނޑިކަމާއި މެދު ހިތާހިތުން ކިތަންމެ އެއްޗެއްސެއް ކިޔުނެވެ.
ކޮންމެއަކަސް އެގޮތުގައި ސްކޫލު ދައުރުގެ ބާކީއިން ދެއަހަރު ނިމި އަށާރަ ވެސް ފުރިއްޖެއެވެ.ސްކޫލް ނިމުމުން އަހަރެންނަށް އިތުރަށް ޢަމީރާގެ ގެޔަކު ހުރެވޭކަށް ނެތެވެ. ސަބަބަކީ ޢަމީރާގެ ޢާއިލާގެ ބަޔަކު ދިރިއުޅުން އެގެއަށް ބަދަލުކުރާތީ ކުއްޔަށްދޭ ހުރިހާ ކޮޓަރިތައް ހުސްކުރީއެވެ. އިތުރު ކޯހެއް ހަދަން މައިންބަފައިން ބާރުއަޅާތީ އަނެއްކާ ވެސް އަހަރެން އެހެންގެއަކަށް ބަދަލުވީމެވެ. ދުވަސްކޮޅަކުން އަހަރެންނަށް ލިބުނީ ޢަމީރާގެ ކައިވެނީގެ ޚަބަރެވެ. ހިތް ހުއްޓުނު ކަހަލައެވެ. އެދުވަހު އަހަރެންނަށް ކުރެވުނު އިހުސާސްތައް އެންމެ މޮޅަށް ދެނެވޮޑިގަންނަވާނީ ހެއްދެވި ފަރާތެވެ. ފިރިހެނެއް ކަމަކު ވަރަށް ރުއީމެވެ. ޢަމީރާގެ ކައިވެނި އޮތީ އެ އަހަރުގެ ވެސް އައި އެންމެ ރީތި ތާރީހުކަމުގައިވާ ބާރަ ބާރަ ދެހާސްބާރައިގައެވެ. ދަޢުވަތު ކާޑު ވެސް ލިބުނެވެ. އެކަމަކު ދާނެ ހިތްވަރެއް އަހަރެންގެ ގަޔަކުނެތެވެ. ދުވަސްތަކެއް ފަހުން އަހަރެންގެ އާއިލާގެ އެދުމުގެ މަތިން އަހަރެންވެސް ކައިވެނި ކުރީމެވެ. ހިތާދެކޮޅަށެވެ.
އޭގެ ފަހުން އެންމެ ފުރަތަމަ އަހަރެމެން ދެމީހުން ބައްދަލުވީ ފިޒާމްގެ ކައިވެނި ޕާޓީއިންނެވެ. އެއީ ދެހާސް ސޯޅައިގައެވެ. އިސްވެ ވާހަކަ ދެއްކީ ވެސް ޢަމީރާއެވެ. “އެހުރީ ވައިފްތަ؟” ތަންކޮޅެއް ދުރުގައި ރައްޓެއްސަކާއި ވާހަކަދައްކަން ހުރި އަހަރެންގެ އަންހެނުން ސަރާ އަށް އިޝާރާތްކޮށް އޭނާބުންޏެވެ. އާނއެކޭ ބުނުމުގެ ގޮތުން އަހަރެން ބޯޖަހާލީމެވެ. “ޢަމީ އަށް އިނގޭތަ އަހަރެން މެރީ ކުރިކަން؟” އަހަރެން އެހީމެވެ. “އަހަރެން ބަލަން ޢާއިދުގެ ހުރިހާ ކަމެއް ހީކުރީ ޕާޓީއަށް ކިޔާނެކަމަށް”. އޭނާގެ އެ ޖަވާބުން އަހަރެން ކުޑަކޮށް ހައިރާންވިއެވެ. “ޢަމީ ކިހިނެއް އަހަރެންގެ ހުރިހާ ކަމެއް ބަލަނީ”؟ އެ ސުވާލަކަށް އޭނާ އެއް ޖަވާބެއް ނުދިނެވެ. ހިނިތުންވެލީއެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ވަނީ ހިތާމައެވެ. އޭނާގެ ދެލޮލުން ވެސް އެކަން ހާމަވެއެވެ. “ޢަމީ އަހަރެން ބޭނުން ވަރަށް ބޮޑު ވާހަކަ އެއް ބުނަން، އަހަރެން ޢަމީ ދެކެ ވަރަށް ލޯބިވޭ.. ވަރަށް ވަރަށް ބޮޑަށް.. އެންމެ ފުރަތަމަ ދިމާވި ދުވަހުން ފަށައިގެން މިއަދާ ހަމައަށް ވެސް އެލޯބި އޮތީ އެހެން.. ވަރަށް މަސައްކަތް ކުރިން ބުނެވޭތޯ އެކަމު އަހަރެން މީ ވަރަށް ބޮޑު ފިނޑިއެއް އަހަންނަށް މާފުކުރޭ ޢަމީ” އޭރު ޢަމީރާގެ ދެލޯ ވަނީ ކަރުނުން ފުރިފައެވެ. “އަހަރެން ވެސް ޢާއިދު ދެކެ ހާދަ ލޯބިވެއޭ.. ކީއްވެ ނުބުނީ؟ އަހަރެން ކުރި ކައިވެނި އެއީ މަޖުބޫރުން ކުރި ކަމެއް، އަހަރެންގެ ބައްޕަ އަކީ ހިތުގެ ބަލި މީހެއް، މާކުރިން ވެސް ބައްޕަ އޮތީ ބައްޕަގެ ރައްޓެހި މީހެއްގެ ދަރިއަކާ އަހަރެން ކައިވެނި ކުރުވަން ނިންމާފަ. ޕާޓީ އޮތް ރޭ ވެސް އަހަރެން ހާދަ ހޯދީމޭ ޢާއިދު އަށް.. އެންމެ ފަހަރަކު އައިސް ލޯބިވެޔޭ ބުނެލި ނަމަ މި މުއްސަނދި ކަމާ ހުރިހާ އެއްޗެއް ދޫކޮށްފަ އަހަރެން ދާނަން ޢާއިދު އާއި އެއްކޮށް އުޅެން. މިއޮތް ހުރިހާ ދުވަހު އަހަރެން ހީކޮށްގެން މިހުންނަނީ ޢާއިދު އަހަރެން ދެކެނީ ރައްޓެއްސެއްގެ ގޮތުންކަމަށް” އަހަރެންނަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިހާ ދުވަސް ފަހުން ޢަމީރާ ވެސް އަހަރެން ދެކެ ލޯބިވާކަން އިނގުމުން ވާންވީ އުފާ ކަމެއް ނުވަތަ ނޫން ކަމެއް ނޭނގުނެވެ. “އަބަދު ވެސް އަހަރެންގެ ހިތުގަ ޢަމީ އަށް ޙާއްސަ މަޤާމެއް ވާނެ” “ސޭމް ހިއާ” ކަރުނަތައް ފުހެލަމުން ޢަމީރާ ބުންޏެވެ. އިރުކޮޅަކުން އިވެން ފެށީ މިއޮތް ހުރިހާ ދުވަހު އަހަރެމެން ދެމީހުން ހިތުގައި ފޮރުވިފައިވާ ބަސްތަކެވެ. ނަމަވެސް މި ފަހަރު ލަވައެއްގެ ސިފައިގައެވެ.
“ބޭނުންވަނީ ޔާރާ ލޯބިން ބަލާލީމާ”
“ހީވޭ އިނގޭ ގާތަށް މަގޭ އާދޭ ކަލާ”
“ހާދަފަރި ހިނިތުން ވަނީއޭ”
“މޭގަ އޮވެގެން ހިތްރޮނީއޭ”
“ހާދަ ކައިރީގާ ހުރީމޭ”
“ލޯބިވާވަރު ނޭނގެނީހޭ”
(ނިމުނީ)
4 Comments!
Comments are closed.



Mi vaahaka ves v Reethi masha allah
Curiously waiting for next story
Keep it up
I appreciate your hard work
Thank you so much for your support means a lot 😊😊
Wow very very beautiful and that song is just wow 😍
Thank you 😊