ވައުދޭ ވެވޭ މީ… 35
ކޮންމެދުވަހަކުވެސް އާދަކޮށް ޒިވާމެންގެ ގޭ ގޮރުމަތީ މުގޯލި އަޅަން ދިޔުން މިހާރު އާދައަކަށް ނާއިފް އަށް ވެއްޖެ އެވެ. ބޭނުމަކީ އެންމެ ފަހަރަކުވެސް ޒިވާގެ މޫނު ފެނިލުމެވެ. މިއަދަކީވެސް އެގޮތަށް އެގޭގެ ދޮރުމަތީ ނާއިފް ހުރި ދުވަހެކެވެ. ދެބުރިއަށް ނަގާފައިވީ އެ ގޭގެ މަތީބައިގައި ހުރި ޒިވާގެ ކޮޓަރި އާއި ދިމާލަށް ބަލަހައްޓައިގެން ހުރި މީހާ ސިހިގެން ދިޔައީ ގޭގެ ދޮރާށި ދޮރު ހުޅުވާފަ ނުކުތް މީހެއްގެ ސަބަބުންނެވެ. މުޅި މީހާ ފިނިވެ، މޫނުމަތިން އޮށް ދާ ހިއްލައިގެން ދިޔައެވެ. ސައިކަލުގައި ލެނގިލައިގެން ހުރެފައި ހަށިގަނދު ސީދާކޮށްލެވުނީވެސް ބޭ އިޚްތިޔާރުންނެވެ. އިސްތަށިގަނޑުގައި އަތް ހިނގާލަމުން ރަކި ހިނިތުންވުމެއް މޫނުމައްޗަށް ވެރިކުރުވައިގެން ނާއިފް އަށް ގެއިން ނުކުތް މީހާ އާއި ދިމާލަށް ބަލާލެވުނެވެ.
– ތިރީސް ފަސް ވަނަބައި…
އަޞުރު ނަމާދަށް ދާން ގެއިން ނިކުތް ޝުހައިދު އަށް ގޭ ކުރިމަތީގައި ސައިކަލު ޕާކުކޮށްގެން އޭގައި ލެނގިލައިގެން ހުރި ނާއިފް ފެނުމުން އެދިމާލަށް ދެވުނީ ނާއިފް އެގޭ ދުރމަތީ ކީތް ކުރަނީ ގޯ ބަލައިލުމަށެވެ. އޭނާ ފެނުމުން ނާއިފް އަށް ތެޅިގަނެވިފައި ހަށިގަނޑު ސީދާ ކޮށްލެވުނު ގޮތުން ޝުހައިދު ގާތަށް ހިނިވެސް އައެވެ. ވާނީވެސް އެހެން ނޫންތާއެވެ. އެ ކުއްޖާފުޅަށް ހީވީ ބިރެއް ފެނުނު ހެންނެވެ. ނަމަވެސް މޫނު މައްޗަށް ހަމަޖެހުމުގެ ކުލަވަރު ގެންނަމުން ޝުހައިދު ނާއިފް ގާތަށް މަޑުކޮށް ވާހަކަ ދައްކަން ފެށިއެވެ.
” އެކޮއެ މިތާ ކީތް ތިކުރަނީ؟… ކުއްޖަކު އަންނަންދެން ތަ؟.. ” ފަރުވާތެރިކަމާއި އެކު ނާއިފްގެ މޫނަށް ބަލައިލަމުން ޝުހައިދު އަހާލިއެވެ.
” އަ.. އާން.. މީ ޒިހާން ނުކުމޭތޯ… އޭނަ އަންނަންދެން މިހިރީ..” ދޮގު ހަދަން ވުމުން ނާއިފް އަށް ދޫ އޮޅޭގޮތް ވިޔަސް، އަޅައަޅައިގަންނަމުން ކަހަލ ގޮތަކަށް ބޮލުގެ ފުއްކިބައިގައި އަތް ހިންގާލަމުން ބުނެލިއެވެ.
” ހެހެހެ.. ޒިހާން ދޯ.. އޭނަ އެބަ އުޅޭ ކަންނޭގެ ކޮޓަރީގަ.. ދޭބަލަ އެތެރެއަށް ބޭރުގަ ތިހެން ނުހުރެ.. މި ގެ އަކީ ތި ހުރިހާ ދަރިންގެވެސް ގެ އެކޭ.. ވަދެ ގޮވާލަބަލަ އޭނަ އަށް.. ބޭބެ މިދަނީ މިސްކިތަށް ދާން.. ” ކުޑަ ހިނިގަނޑެއް ޖަހާލުމަށްފަހު ޝުހައިދު ނާއިފްގެ ބުރަކަށީގައި މަޑުމަޑުން ޖަހާލާ އޭނާ ކައިރި ޒިހާން އަށް ގޮވުމަށް އެތެރެއަށް ވަނުމަށް އެދުނެވެ. ދާން ނުދާން ހުރެފައި ޝުހައިދު ބުނުމުން އެޔަށް ދެކޮޅު ހަދަން ނުކެރުމުން ނާއިފް އެ ގެއަށް ވަންނަން ހިނގައިގަތެވެ. ޖެހިލުންތެރި ކަމާއި އެކު ގޭގެ މައި ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ ޝުހައިދު ބަލަން ހުރުމުންނެވެ.
ނާއިފް ގޭގެ ދޮރުން އެތެރެއަށް ވަތް މަންޒަރު ބަލަން ހުރެފައި ސައިކަލާ ދިމާލަށް އެނބުރުނު ޝުހައިދުގެ މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ. ދެފަރާތަށް ބޯ ހޫރުވާލާފައި އަމިއްލަ ނަފްސަށް އަޑު އިވޭ ވަރަށް ލަދުރަކިވެސް ސޮރެކޭ ބުނެލިއެވެ. އަދި އެއަށް ފަހު ގަޑިއަށް ބަލައިލާ އޭނާގެ ސައިކަލަށް އަރާ، މިސްކިތަށް ދިއުމަށް މިސްރާބު ޖެއްސެވެ.
ގޭގެ ދޮރޯށިން އެތެރެއެއަށް ވަދެވުނު ނާއިފްގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ މަޑު އަޅި ކުލައެއްގެ އަތްކުރު ޓީޝާޓަކާއި ކަޅު ޓައިޓެއްގައި އެއްޗިހި ހިއްކަން އަޅުވަން ހުރި ޒިވާ އެވެ. ވަށައިގެން ވީ މާހައުލުގައި ހުރި ހުރިހާ އެއްޗެއް ނާއިފްގެ ލޯ މައްޗަށް ކަނުވެ، ހަމަކަނި އެ ދެލޮލަށް ފެންނަމުން ދިޔައީ ކުރިމަތިން ފެންނަމުން ދިޔަ ހޫރެވެ. އިސްތަށިގަނޑު ބޯ މައްޗަށް މެސީ ބަން އަކަށް ވާނެ ހެން ހުޅިއެއް ޖަހާލެވިފައި ވީ އިރު ކުރު އިސްތަށިތަށް ހުޅިން ނެއްޓި އެލިފައި ވެއެވެ. ލައިގެން ހުރީ ކަރު ބޮޑު ޓީޝާޓެއް ކަމުން ޒިވާގެ ދޮން ކަނދުރާ ފެނި ނާއިފްގެ ހިއްސުތަކަށް އެނގުންވެލައިގެން ދިޔައެވެ.
އެއްޗިހި ހިއްކާ އަޅުވާ ނިމިގެން އެތެރެއަށް ވަންނަން ހިނގައިގަތް ޒިވާއަށް ގޭގެ ދޮރުކުރިމަތީ އާގަމަވެފައި ބަލަން ހުރި ނާއިފް ފެނުމުން ބޮލުތެރޭ ސުވާލުބޮޅުތަކެއް އެނބުރިގަތެވެ. ލަސް ފިޔަވަޅުތަކެއްގައި ނާއިފް އާ އަރާ ހަމަކޮށް ސުވާލުން ފުރިގެންވީ ބެލުމަކުން ބަލައިލެވުނެވެ.
އާޝޯހު ވެފައި، އަނގަހުޅުވި، ބަލަން ހުރެވުނު އިރު ކުރިމަތީ އައިސް ޒިވާ ހުއްޓުނު ކަން ވެސް ނާއިފް އަކަށް ރެއަކައެއް ނުލައެވެ. ސިކުނޑިތެރޭ އެނބުރެމުން ދިޔަ ޚިޔާލުތަށް މާ ފުރިހަމައީ ތޯއްޗެކެވެ.
” މާ ގިނައިރު އަނގަހުޅުވައިން ހުންނަންވަނިކޮށް އަނގަޔަށް މެއްސެއް ވަދެދާނެ” ޒިވާ މަޑުމަޑުން އަސަރެއް ނެތް ގޮތަކަށް ބުނެލި ބަސްތަކުން ނާއިފް އަށް ހަމަބިމަށް އާދެވުނު ކަހަލަ އެވެ. ރަކިވި ނަމަވެސް އެކަން ނުލާހިކު ފަސޭހައިން ފޮރުވާލަމުން ނާއިފް ޒިހާން ކޮބައިތޯ އަހާލިއެވެ. އަނގައިން ބަހެއް ބުނުމެއް ނެތި ޒިވާ ޒިހާން ގެ ކޮޓަރިއާ ދިމާލަށް އިނގިލި ދިއްކޮށްލިއެވެ. އަދި އިތުރަށް ބަހެއް ބުނުމެއް ނެތި ނާއިފްގެ ކުރިމަތިން ދުރަށްދާން ހިނގައިގަނެވުނެވެ. ނަމަވެސް ކުރިއަށް އަޅާލެވުނު ފިޔަވަޅާއި އެކު ޒިވާ އަށް މަޑުޖެހިލެވުނީ ނާއިފް އޭނާގެ އަތުގެ ކުޑަ ހުޅުގައި ހިފުމުންނެވެ.
” ޒިވް މިހާރު ކިހިނެއްތަ؟..” އޭނާގެ ކުރިމަތިން ޒިވާ ދާން އުޅުމުން އެ އަތުގައި ހިފުނީ ބޭ އިޚްތިޔާރުން ކަމުން ނާއިފް ނުވާކަމަށް ހަދައި ނަމަވެސް އަހާލީ އެ ހިތް އެދެމުން ދިޔަ ސުވާލެކެވެ. އެހެނެއްކަމަކު އޭނާގެ ހިތް ތެޅެމުން ދިޔައީ ތިޔަހެންނަކުން ބަލާފައެއް ނޫނެވެ. ވާނިވެސް ފަހެ އެހެން ނޫންތާއެވެ. ޒިވާ ރިއެކްޓް ކުރާނެ ގޮތް ނޭނގޭތީ އެކަމާ ނުތަނަވަސް ވަމުން ދިޔައެވެ.
” ރަނގަޅު…” ނާއިފް ޒިވާގެ އަތުން ދޫކޮށްލުމުން އިސްޖަހާލުމަށްފަހު މަޑު މަޑުން ބުނެލިއެވެ. އަދި މަޑުކުރުމެއްނެތި ނާއިފްގެ ލޯ ކުރިމަތިން ދުރަށް ހިނގައިގަތީ ނާއިފް އަށް އެއްޗެއް ބުނާނެ އިތުރު ފުރުސަތެއް ދިނުމެއް ނެތި އެވެ. ޒިވާ ބުނެލި ބަހުގެ އަޑު ނާއިފްގެ ކަންފަތާ ހަމައަށް ފޯރިކަމާއި މެދުވެސް ޝައްކެވެ. އެ އަޑު ނިކުތީ އެހާވެސް މަޑުންނެވެ.
ޒިވާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ނާއިފް އަށް އިރުގަނޑެއް ވަންދެން ހުރެވުނެވެ. ޒިވާ އާއި އެޔަށް ވުރެން ގިނައިރު ވާހަކަ ދެއްކުމަށް އަނެއްކާވެސް ގޮވަން ހިތް އެދެމުން ދިޔައިރު އެ ހިތުގެ އަޑަށް ބީރު ކަންފަތެއް ދީ ޒިހާންގެ ކޮޓަރި އާއި ދިމާލަށް ހިނގައިގަތެވެ. މިއަދު ޒިވާ އޭނާ އަށް ފުރަގަސް ދީފާނެއެވެ. ނަމަވެސް އޭނާ އެގޮތަށް ދޫ ދީގެން ނުހުންނަން އަޒުމު ކަނޑައެޅިއެވެ. ޒިވާ އެ އަނދިރި ދުނިޔެއިން ނެރޭނެއެވެ. ދުނިޔޭގައި އެހެން އަންހެން ކުއްޖަކަށް ނުލިބޭހާ އުފަލާއި ލޯބި ޒިވާ އަށް ދޭނެއެވެ. އެ ދެ އަތުގެ ހިމާޔަތުގެ ދަށުގައި ޒިވާ އަށް އެއްވެސް ނުރައްކަލެއް ނުވާ ކަން އަނގައި ދޭނެއެވެ. އޭނާގެ ހިތުގައި ޒިވާއަށް ވާ ސާފު ތެދުވެރި ލޯބި ހާމަކޮށް ބުނާނެއެވެ. އެދުވަހަކުން ޒިވާ އެގޮތަށް އޭނާއަށް ފަސްދީ ދިޔަކައެއް ނުދޭނެއެވެ. ޒިވާ އޭނާގެ ހައްޤަކަށް ވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް އޭނާ ކުރާނެ އެވެ.
**
މަންމަގެ ކުއްލި ވަކިވުމާއި އެކު މާކިން އަށް ވަނީ އޭގެން ފުން އަސަރުތަކެއް ކޮއްފައެވެ. ތައިލެންޑުން އައިގޮތަށް އެނާ ރަށަށް ނުގޮސް މާލޭގައި މަޑުކުރީއެވެ. ރައްޓެއްސެއްގެ ގެއިން އެޕާރޓްމަންޓެއްގައި ކުލި ދޭގޮތަށް އޭނާއަށް ހުރެވޭގޮތް ހަމަޖެއްސިއެވެ. އެ ގެއަކީ ޒަމާނީ ފެންވަރަށް ހަދާފައިވީ ގެއަކަށް ނުވި ނަމަވެސް އެ އެޕަރޓްމެންޓްގައި އޭނާ އަށް އެކަނި އުޅެވޭ ވަރު ވިއެވެ. މަންމަ މަރުވި ދުވަހު އޭނާ ކުރިމަތީ ރޮއެ ރޮއެފައި މަލަކާ ބުނި ބަސްތަށް އަދިވެސް އިވެމުން ދާ ކަހަލަ އެވެ. އެ މަންމަ އޭނާ ދެކެވީ ނުހަނު މަތިވެރި ލޯތްބެކެވެ. އެތަކެއް ހުވަފެންތަކެއް އެ މަންމަ ދުއްޓެވެ. ދޮށި ދަރިއަށް ވެފައި އެތަކެއް އުންމީދުތަކެއް ކުރިއެވެ. ނަމަވެސް އޭނާ އެ ހުރިހާ ހުވަފެނތަކެއްގައި ކޮޅުފައިން ޖެހީއެވެ. މަންމަ މި ދުނިޔެ އަށް އަލްވަދާއު ކިޔައި ދިޔަ އިރުވެސް އެ މަންމަގެ އުންމީދުތަށް ފުހަމަ ކޮށްދެވުނު ދަރިއަކަށް އޭނާ އަށް ނުވެވުނެވެ. މިއަދު މާކިން އޭނާގެ ބައްޕަގެ ކުރިމައްޗަށް އަރަން ލަދު ގަނެއެވެ. އޭނާގެ ކޮއްކޮ ކުރިމައްޗަށް އަރަން ޖެހިލުން ވެއެވެ. މިއަދު އޭނާގެ އަމާޒަކަށް ވީ މަންމަ ދުނިޔޭގައި ހުރި އިރު އޭނާގެ ކިބައިން ފެންނާނެ ކަމަށް އުންމީދު ކުރި ކަންތަށް ކުރުމެވެ. މަންމަ ދުނިޔޭގައި ނެތް ނަމަވެސް އެ މަންމަގެ ހުވަފެންތަށް ފުރިހަމަ ކޮށްދޭށެވެ. ބައްޕަ އާއި ލޯބިވާ ކޮއްކޮ އަށްޓަކައެވެ.
މާކިން މާލެ ބަދަލުވިތާ ދެމަސް ދުވަސް ވާން ކައިރި ވެފައި ވީ އިރު މީހާގެ މުޅި މިޒާޖު ވަނީ ބަދަލުވެފައެވެ. ނަމަވެސް، ކުރިން ކުރަމުން އައި ކަންކަމަކަށް ފުރިހަމަ ހުއްޓުމެއް ނާދެއެވެ. މަސްތުވެގެން އުޅުމުގެ ބައި ދޫކޮށްލިނަމަވެސް އަދިވެސް ސިނގިރޭޓު ބުއިމާއި ބިޑި ބޭނުން ކުރުން ނުހުއްޓެއެވެ. އެހެނއްކަމަކު ކުރިން ބޭނުން ކުރާ ވަރަށް ވުރެން މިހާރު ބޭނުން ކުރާލެއް މަދެވެ. ގެއިން ބޭރުގައި އުޅޭ ވަގުތުތަށް މަދެވެ. އަމާޒަކީ އެއްކޮށްވެސް ބޭނުން ކުރުން ހުއްޓާލުމެވެ. އަދި ރީހެބަށްގޮސް އޭނާ އަށް ބޭނުންވާ ތެރަޕީ ނެގުމެވެ. ހަރުދަނާ މީހަކަށް ވުމެވެ. ކިޔަވާފައިވާ ހުރިހާ އެއްޗެއްގެ ބޭނުން ހިފައި ބައްޕަ އާއި އެކު ވިޔަފާރީގައި ބައިވެރި ވުމެވެ. އުމުރަށްވެސް ދެން ކަތިމަގަކުން ނުދިޔުމެވެ.
ނިދިފައި އޮތް މާކިން އަށް ހޭލެވުނީ ހަށިގަނޑަށް ހައިހޫނުކަން ވެރިވާން ފެށުމުންނެވެ. ރޭގައި ލަސްވަންދެން ނުނިދާ އޮތުމަށް ފަހު ނިދުނު އިރެއް އޭނާގެ ހަނދާނަކު ނެތެވެ. ހަތައެއްހެން ހީވާ ބޯ އަތުގައި އަޅާފައި އޮތް ކަޅު ރަބަރުން ބޮލު މެދަށް ހުޅިއެއް ޖަހާލިއެވެ. އެނދުން ތެދުވުމަށް ފަހު ބުޑުގަނޑުން ސޮހިގެން ދިޔަ ގޮޅިޖެހި ބޮކްސާ މައްޗަށް ނަގާލާ އުނަގަނޑުގައި އަޅުވާލިއެވެ. އަރިކަށި ކަހަމުން އާ ފުރެމުން ކަހަލަ ގޮތަކަށް މާކިން ފާހާނައަށް ވަނީ ގައިދޮވެލާ ހަދާށެވެ. އެއްޗެއް ކައިލުމަށް ނަމަވެސް ބޭރަށް ދާށެވެ.
ފެންވަރާ ތާޒާ ވުމަށް ފަހު ގަޔަށް ޑިއޯ ކޮޅެއް ޖަހާލާ، މަޑު ނޫކުލައިގެ ޖިންސަކާއި ކަޅުކުލައިގެ ޓީޝާޓެއް ނަގައި ގަޔަށް މަހާލިއވެ. މޭޒުމަތީގައި އޮތް ވައިޓް ބީޑްސްގެ ފަށް ކަރުގައި އަޅާލިއެވެ. ގަޔަށް ޓޮމް ފޯރޑް ވެނިލް ފުޅިން ގަޔަށް ދެފަހަރަކު ޖަހާލުމަށް ފަހު އެނދުމަތީ އޮތް ފޯނު ހިފައިގެން ބޭރަށް ނިކުތެވެ. ބޮލުގައި އަތް ފުނާ އަޅަމުން މާކިން ގެއިން ނުކުމެގެން ގޮސް ޖެހިގެން އޮތް މަގުގައި ހުރި ފިހާރަ އަށް ވަދެލިއެވެ. ނޫޑުލިސް ޕެކެޓަކާއި ކޯކު ފުޅިއެއް ނެގުމަށްފަހު ކައުންޓަރު ކައިރިއަށް ދިޔައެވެ. ނަމަވެސް ކައިރިން އަޅާފައި ދިޔަ އަންހެން ކުއްޖާގެ ގައިން ދުވި ލުއި ލުއި މީރުވަހުން މާކިން ގެ ފައިގައި ކަސްތަޅު އެޅުވިގެން ދިޔަ ކަހަލައެވެ. ހިތުގެ ތެޅުން އެހެން ރާގަކަށް ބަދަލުވެގެން ދިޔަ ހިނދު އެ އަންހެން ކުއްޖާ ދިޔަ ދިމާލަށް ބަލައިލެވުނެވެ. ނަމަވެސް މޫނު ފެންނަ ގޮތެއް ނުވިއެވެ. ޖެހިގެން އިން ޝެލްފްގެ ބިއްދޮށަށް ވަދެ އެ ކުއްޖާ ނިވާވެލީވެސް އަވަހަށޭ މާކިންގެ ހިތަށް އެރިއެވެ. ދެންމެ އޭނާ އަށް ވީ ގޮތް ހިތަށް އެރުމުން ރަކި ހިންޏެއް މާކިންގެ ތުންފަތަށް ވެރިވިއެވެ. އަމިއްލަ މޮޔަކަމަށް ކުދި ކިޔަމުން ގޮސް ކައުންޓަރު ކައިރިއަށް މަޑުކޮށްލާ ސިނގިރޭޓު ފޮއްޓަކަށް ވެސް ބުނެލިއެވެ. އެ ވަގުތަށް ވީ އެއްކަލަ އަންހެން ކުއްޖާވެސް ކައުންޓަރު ކައިރިއަށް އައިސް މަޑުކުރި ވަގުތަށެވެ. އިސާހިތަކު މާކިންގެ ހުރިހާ ސަމާލުކަމެއް އެ އަންހެން ކުއްޖާގެ ހުރިހާ އަދާތަކަށް ހުއްޓިގެން ދިޔައެވެ. ކަޅި ޖަހާ ނުލާ ބަލަން ހުރެވުނީ އާޝޯހު ވީ ވަރުންނެވެ. ނަމަވެސް ނަޒަރު ބަދަލުކޮށްލަން މަޖުބޫރު ވީ އެ އަންހެން ކުއްޖާ ބަލައިލި ގޮތުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.




Mi part vx v Reethi masha allah
Curiously waiting for next part
Keep it up
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
thank youuu <3
im glad to be 🥴
dhen oiy part ves insha allah soon kiyaalan libeyne
Kihineh vee haadha vaahaka upload nuveyey…. Mi vaahaka varah ves reethi maashaa allah…. ☺️☺️☺️☺️
Eiji I took a little break from writing and uploading.. Due to personal reasons 😊😊