Skip to content
އެސްފިޔަ

ދޯކާ ލޯބި

ލޯބިވެއެވެ. އިންތިހާ އަށެެވެ. ފުރާނަ ގުރުބާން ކުރާހާވެއެވެ. އެހާވެސް ލޯބި ވީމެވެ. ނަމަވެސް ބަދަލުގައި ލިބުނީ ކޯއްޗެއް ހެއްޔެވެ؟ ދޯކާއެވެ. ފެނުނީ ކެހިވެރި، ބޭވަފާތެރިއެކެވެ. ބޭރުފުށުން ލޯބި، އެހެނަސް އެތެރެފުށުން މަކަރެވެ. ދުނިޔެ މަތިން ފޫހި ވިއެވެ. ލޯބި، މި ލަފުޒު ދެކެވެސް ނަފުރަތު ކުރެވުނެވެ. ކުށަކީ ކޮބައިހެއްޔެވެ؟ ލޯބި ވެވުން ހެއްޔެވެ؟ ނުވަތަ ވަފާތެރިކަން މަތީ ހުރުން ހެއްޔެވެ؟ ކޮންމެ ތެދުވެރި ހިތަކަށް އޮތީ މިގޮތް ހެއްޔެވެ؟

ލޯތްބަކީވެސް ހާދަހާ ބޭއިންސާފު އެއްޗެކެވެ. ކުރާނީވެސް ވަކި ކީއްހެއްޔެވެ؟ ލޯތްބަކީ އެކަމުގައި ހިއްދަތިކަމާ އުފާވެރިކަން ވާ އެއްޗެކެވެ. ރަނގަޅެވެ. އެ ލޯބިން އުފާވެރިކަން އިހުސާސް ކުރެވުނެވެ. ނަމަވެސް ކުޑަ ދުވަސްކޮޅަކަށެވެ. ދެން އިހުސާސް ކުރެވުނީ ހިތްދަތި ކަމާ އަނިޔާ އާއި އެކަނިވެރިކަމެވެ. ކުރަންފެށި އަނިޔާގެ ލަކުނުތައް ހަށިގަނޑުގެ އެކި ތަންތަނުން ފެންނަން ފެށިއެވެ. އަތާއި ތަންތަނުގައި ނޫފައިގެންފައި ހުރުން އާންމު ވިއެވެ. އެއިރު އަދި ކައިވެނި އޮތީ މާދުރުގައެވެ. މި ކިޔަނީ ރައްޓެހިވެގެން އުޅުނު އިރު ކުރި އަނިޔާގެ ވާހަކައެވެ. ދެން ބުނެބަލާށެވެ. ހަމަ އޭނައާ ކައިވެނި ކުރަންވީ ހެއްޔެވެ؟ މި ހުރިހާ އަނިޔާއެއް ކުރަން ޖެހުނު ސަބަބަކީ ވަރަށްވެސް އެހެން ކަހަލަ ސަބަބެކެވެ. އޭނާ ކުރަމުން އައި ކަންތައް އަހަރެންގެ ދެލޮލުން ފެނިގެން އެ ވާހަކަ ދެއްކީމައެވެ.

އިންސާނަކަށް ވީތީ ކެއްކުރެވުނީ ވަކި ވަރަކަށެވެ. ކައިވެންޔަށް 1 މަސް ބާކީ އޮއްވާ އަހަރެން އެ ކައިވެނި ހުއްޓުވަން މަސައްކަތް ކުރީމެވެ. މައިންބަފައިން ކަންބޮޑުވެފައި ސުވާލު ކުރިއެވެ. ނަމަވެސް އަހަރެންގެ ދުލުން ވަކި ކިޔައިދޭނެ ހެއްޔެވެ؟ އޭނާ ވެސް މައިންބަފައިންގެ ލޮލުގައި އަނދުންކޮޅެއް ހާކައިލިއެވެ. ވަރަށް ދެރަވެލައިފައި އޭނާގެ ކުށަކީ ކޮބައިތޯ އެހިއެވެ. އެރި ރުޅިމަތީގައި މޫނު މަތީ ޖަހަން ވެސް ހިތަށް އެރިއެވެ. ނަމަވެސް ހަމަޖެހިލުމަށް ފަހު ‘މިއީ އަހަރެމެން ދެމީހުނަށްވެސް ރަނގަޅު ގޮތޭ’ ބުނެލީމެެވެ. ނަސީބަކުން މާ ބޮޑު ހަމަނުޖެހުމެއް ނުހިނގައެވެ. ދެތިން ޒުވާބަކަށް ފަހު އެ ކައިވެނި ނުުކުރާ ގޮތަށް ނިންމީއެވެ. އެރޭ އަހަރެން ނިދީ ހިތްހަމަ ޖެހިގެން ހުރެއެވެ.

އޭގެ ފަހުން މިހާރު އަހަރެއް ވަނީއެވެ. އޭނާގެ ފުރަތަމަ ކައިވެނިވެސް ކުރެވިއްޖެއެވެ. ހަމަ އެ އަންހެން ކުއްޖާއާއެވެ. ގޮތްކުޑަ ކަމުން އަހަރެންނަށް ދަޢުވަތުވެސް ދިނެވެ. އަހަރެން ވެސް ވަކި ދެރަ ނުވާންވެގެން އެ ކައިވެންޔަށް ދިޔައީމެވެ. ހިތް މަތީގައި ބޮޑު ގާ ގަނޑެއް ބާއްވާގެންނެވެ. އެހެނީ އަދިވެސް އަހަރެން އޭނާ ދެކެ ލޯބި ވެއެވެ. އުމުރަށްވެސް ލޯބި ވާނަމެވެ. މަރު އައިސް އަހަރެން ގެންދަން ދެނެވެ…

Comments (4)

  1. Cutie girl

    Mi vaahaka ves v Reethi masha allah
    Can’t wait to read new story
    Keep it up

    1. Craxy_Baby
      Cutie girl

      Thankuu cutie girl💞

  2. Somone

    Nice
    Masha Allah
    Keep it up crazy baby

  3. Anonymous

    Woow

Comments are closed.