- “އަސްލު ނޭނގެ.. އެއީ ބައްޕަމެން ސްކޫލްގަ އުޅުނު އިރު.. އޭގެ ކުރިންވެސް ބައްޕައަށް މަންމަ ފެނޭ.. އެކަމް ފަހުން ފަހުން އައިސް މަންމައާ މެދު ދެކެވޭ ގޮތް ބަދަލުވާން ފެށީ.. އަބަދު މަންމަ ދެކޭ ހިތްވޭ.. ގިނަ ދުވަސްދުވަހު ސްކޫލަށްވެސް ދަނީ އެ ބޭނުމުގަ.. މަންމަ ނުފެނި ދާ ދުވަހެއް ވެއްޖެއްޔާ މޫޑު އެއްކޮށް ޙަރާބުވާނެ.. ގިނަ ދުވަސްދުވަހު މަންމަ ދާނެ އޭރު ޒާއްތައާ އެކީ ތުނޑިއަށް.. ދެން ބައްޕަވެސް އޭރު ދާނެ ކޮންމެ ދުވަހަކު ފުޓުބޯޅަ ކުޅެން.. ކުޅެން ދިޔުމުގެ ކުރިން ތުނޑިމައްޗަށް ގޮސް މަންމަ އެތަނުގަ ހުރިތޯ ބަލާފަ ކުޅެން ދާނީ.. މަންމަ ނުފެންނަނީސް އެރޭ ދެން ބައްޕައަކަށް ނުއެއް ނިދޭނެ.. މަންމަ އެހެން ފިރިހެން ކުއްޖަކާ އެއްކޮށް ހުރި ތަން ފެނުނަސް ބައްޕަ ގާތަށް ރުޅި އަންނާނެ.. މަންމައަށް ގޮތެއް ވެދާނެތީ އެހާ ބިރު ގަންނާނެ..” މިލާންގެ ވާހަކަ ކުރިޔަށް ދިޔަ ވަރަކަށް ޔައިލްއަށް ވިސްނުނީ އަޒަލްއާ މެދުގައެވެ. އެއީ އޭނާވެސް އަޒަލްއާއި މެދު ދެކޭ ގޮތެވެ. އަޒަލްއަށް ކަމެއް ވެދާނެތީ ބިރު ގަނެވެ. އަޒަލް އެހެން މީހަކާ މާ ގާތްކޮށް އުޅެންޏާ ރުޅި އާދެވެއެވެ. އަޒަލް ނުފެނި ދާ ދުވަހެއް ވެއްޖެއްޔާ ޔައިލްއަށް އުނދަގޫ ވެއެވެ.
ބައްޕައަށް މަންމައާއި މެދު ކުރެވުނު ހުރިހާ އިހުސާސްތަކެއް އޭނާއަށް އަޒަލްއާއި މެދު މި ކުރެވެނީ ކީއްވެ ކަމާއި މެދު ޔައިލްއަށް އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. އެއީ ހަމަ ގައިމުވެސް އެއް އެކުވެރިޔަކު އަނެއް އެކުވެރިޔަކާ މެދު ދެކޭނޭ ގޮތެއް ނޫންކަން ޔައިލްއަށް މިރޭ އިހުސާސް ކުރެވިއްޖެއެވެ. ހަގީގަތުގައިވެސް ޔައިލްއަށް އަޒަލް ދެކެ ލޯބި ވެވުނީ ބާވައެވެ؟ ކުޑަ އިރުއްސުރެ އޭނާގެ އެންމެ ގާތް އެކުވެރިޔާގެ މަޤާމުގައި ހުރި އަންހެން ކުއްޖާއަށް އެ ހިތް ދެވުނީ ބާވައެވެ؟ ދުވަހަކުވެސް އެ މީހަކު ދެކެ ލޯބި ނުވުމަށް ހުވާ ކޮށްގެން ހުރި ފަރާތަށްޓަކައި އެ ހިތުގައި އިހުސާސްތަކެއް އުފެދެން ފެށީ ބާވައެވެ؟
“ދެން ދެކުދިން ދޭ ނިދަން.. ޔަލް މާދަން ކޮލެޖްވެސް އޮންނާނެ އެއްނު.. ޔައިލްވެސް އޮފީހަށް ދާން ޖެހޭނެ އެއްނު މާ އަވަހަށް.. ދޭ ދެން..” ޔައިނާ އެހެން ބުނުމުން ބަސްއަހާ ދެކުދިން ފަދައިން ޔައިލްއާއި ޔަލީން އެ ކޮޓަރިން ނުކުތެވެ.
“އަވަހޭ ދޯ އެކުދިންވެސް ބޮޑުވިލެއް..” ޔަލީންއާއި ޔައިލް ދިޔުމާއެކު މިލާން ހިނިއައިސްފައި އިނދެ ބުނެލިއެވެ.
“ކުދިން އެހާ ބޮޑެތިވީ އިރުވެސް މިލާން ބޮޑެއް ނުވޭ.. އަދިވެސް ހަމަ އޭރު އުޅުނު ގޮތަށް..” މިލާންގެ ކައިރީގައި އިށީންނަމުން ޔައިނާ ބުނެލިއެވެ.
“ކުދިން ކިތަންމެ ބޮޑެތި ވިޔަސް އަދި އަހަރުން ކިތަންމެ މުސްކުޅި ވިޔަސް އަހަރެން އިނާ ދެކެ ވާ ލޯތްބަށް ދުވަހަކުވެސް ބަދަލެއް ނާންނާނެ..” ޔައިނާގެ އުނގުމަތީގައި އޮށޯންނަމުން މިލާން ބުނެލިއެވެ. ވަގުތުން ޔައިނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވި އިރު، މިލާންގެ ނިތުގައި ބޮސް ދިނީ އެފަދަ ރަނގަޅު، ލޯބިވާ ފިރިޔަކު އޭނާއަށް މިންވަރު ކުރެއްވީތީއެވެ. މިލާންގެ އިސްތަށިގަނޑުގައި ފިރުމައި ފިރުމައިލަ ޔައިނާ އިން އިރު، ދެ ހިތުގައިވެސް ވީ އެއް ވާހަކައެކެވެ. އުމުރަށްވެސް އެގޮތުގައި ލޯބިން އުޅުމެވެ. އެދެމީހުންގެ ދަރީންނަށް ލޯބީގެ ރިވެތި ނަމޫނާއަކަށް ވުމެވެ.
*** *** ***
އޭގެ އަނެއް ދުވަހު ކޮލެޖުގައި އޮތް މައުރަޒެއްގެ ސަބަބުން ކޮލެޖުގެ ދަންފަޅި ކުރުވެގެން ދިޔަ ޚަބަރު ވެގެން ދިޔައީ ޔަލީނަށް ލިބުނު ޢީދަކަށެވެ. ޒައުލްއާއި އާރާއާ އެކީ ޔަލީން ވަގުތުން މިސްރާބު ޖެހީ ސްކޫޕަށެވެ. އެތަނުގައި ތިބެ ތިން ކުދިން ގިނަ ވާހަކަތަކެއް ދެއްކި ނަމަވެސް ޒައުލްއާއި އާރާއާއި މެދު ނަޒަރުތަކެއް ބަދަލުކޮށްލުން ފިޔަވާ މާ ގިނަ ވާހަކަތަކެއް ނުދެކެވެއެވެ. މިކަން ޔަލީނަށް ފާހަގަވީ ނަމަވެސް އޭނާ އިނީ އެއްޗެކޭ ނުބުނެއެވެ. އާރާގެ ހިތުގައި ޒައުލްއަށްޓަކައި އުފެދިފައިވީ އިހުސާސް، ޒައުލްގެ ހިތުގައި އާރާއާއި މެދުވެސް އުފެދިފައި ވާހެން ޔަލީނަށް ހީވާން ފެށިއެވެ.
ސްކޫޕުން ނުކުތް ވަގުތު ފެނުނު ސޫރައަކުން ޔަލީންގެ ދެލޯ ވަގުތުން މުދުނަށް އެރިއެވެ. އެހިސާބާ މާ ދުރުނޫން ހިސާބެއްގައި ހުރި ގެއަކުން ނުކުމެގެން އެ އައީ ޝަޔާމް ނޫން ދެވަނަ މީހެއް ނޫންކަން އޭނާއަށް ޔަޤީން ވިއެވެ. ސިފައިންގެ ޔުނީފޯމުގައި ހުރި އިރު، ފޯނު ކަންފަތުގައި ޖަހައިގެން އޭނާ ހުރީ މީހަކު އަންނަންދެން ހެން ހީވެއެވެ.
“އަމް.. ޒައުލް ދޭބަ އާރޫ ގޮވައިގެން ގެއަށް.. ޔަލް އެބަ އަންނަން މިތާ ހުރި ބުކްޝޮޕަށް ވަދެފަ.. ކޮލަޖަށް ބޭނުންވާ އެއްޗެއް ގަންނަން.. އޯކޭ ބާއި..” އެހެން ބުނުމަށްފަހު މަޑެއް ނުވެ ޔަލީން ގޮސް ދެން ޖެހިގެން އޮތް މަގަށް އެޅިއެވެ. އާރާއާއި ޒައުލް އެކަކު އަނެކަކާ ދިމާއަށް ބަލައިލުމަށްފަހު، މަޑުމަޑުން ފަސްދީފައި ހިނގައިގަތުމާއެކު ޔަލީން މިސްރާބު ޖެހީ ޝަޔާމް ހުރި ދިމާއަށެވެ.
“ޝަޔާމް..” ނަވީންއާ ގުޅައިގެން ހުރި ޝަޔާމް ފަހަތް ބަލައިލީ މީހަކު އޭނާއަށް ގޮވައިލިހެން ހީވުމުންނެވެ. އެވަގުތު ފެނުނު ސޫރައަކުން ޝަޔާމްގެ މޫޑު ވަގުތުން ޚަރާބު ވިއެވެ. މި އަންހެން ކުއްޖާ އަބަދު އޭނަގެ ފަހަތުން އެ އުޅެނީ ކުރާނެ އިތުރު ކަމެއް ނެތިގެން ބާވައޭ ހިތަށް އެރިއެވެ.
“ޑިޔުޓީއަށް ދާންތަ ތި އުޅެނީ..؟” ޔަލީން އެހެން އަހައި ނަމަވެސް ޝަޔާމް ޔަލީނަށް އެއްވެސް ސަމާލުކަމެއް ނުދިނެވެ.
“ނަވީން ތަންކޮޅެއް އަވަހަށް އާދޭ މަ ބަލައި.. ގަރާޖުން ބުނީ ސައިކަލު ލިބޭނީ މިއަދު ހަވީރުއޭ..” ޔަލީންއާ ދިމާއަށް ބަލައިލުމެއްވެސް ނެތި ޝަޔާމް ފޯނުން ވާހަކަ ދެއްކިއެވެ. އެޔާއެކު ޔަލީންދެ ބުމަ ގޮށްޖެހުނެވެ. މިއީ ހާދަ ފޮނި ފިރެހެނެކޭ ހިތަށް އެރިއެވެ.
“ހަމަ އަހަރެން ކިޔާ އެއްޗެއް އަޑު ނީވޭތީތަ ތި ހުންނަނީ..؟” އުނަގަނޑުގައި އަތް ވިއްދައިލަމުން ޔަލީން އަހައިލިއެވެ.
“އަހަރެން ނުދަންނަ މީހުންނާ ވާހަކައެއް ނުދައްކަން..” ފޯނު ޖީބަށް ލަމުން ޝަޔާމް ބުނެލީ ހަމައެކަނި އެހެންނެވެ.
“އެކަމް މިހާރު އަހަރެމެން މީ ނުދަންނަ ދެމީހުންނެއް ނޫނެއްނު..” ޔަލީން އެހެން ބުނުމާއެކީ ޝަޔާމްގެ މޫނަށް ވެރިވީ ފޫހިކަމުގެ ކުލަވަރުތަކެވެ.
“އެންމެ ދުވަހަކު ފެނިލާ މީހުންނަކީ ދަންނަ މީހުން ކަމަކަށް އަހަންނެއް ނުދެކެން..” ޝަޔާމްގެ ވާހަކަ އަދިވެސް ހުރީ ފިނި ގޮތަކަށެވެ.
“ދެން އާންމުކޮށް ތިހެން އުޅޭނީ އަންހެން ކުދިން..” ތުން އަނބުރައިލަމުން ޔަލީން ބުނެލީ ކިތަންމެ މަޑުން ނަމަވެސް އެ އަޑު ޝަޔާމް ކަންފަތަށް ނުފޯރާ ނުދިޔައެވެ.
“އެހެންވީރު އާއްމުކޮށް ތިހެން މީހުންގެ ފަހަތުން ނެއްޓެން ނޭނގިގެން އުޅޭނީ ފިރިހެން ކުދިން.. ކީއްވެތަ އަންހެން ކުއްޖެއް ހެން އުޅެން ނޭނގިގެން ތި އުޅެނީ..؟” ޝަޔާމް ބުނެލި ވާހަކައިން ޔަލީންގެ އަނގަ ދިޔައީ ހުޅުވިގެންނެވެ. އެވަގުތު އެތަނަށް އައިސް ސައިކަލެއް މަޑުކޮށްލިއެވެ. ސައިކަލުގައި އިނީވެސް ސިފައިންގެ ޔުނީފޯމު އަޅާފައި ހުރި ޒުވާނެކެވެ. އެއީ ނަވީންކަން ޔަލީނަށް އެނގުނީ ދެންމެ ޝަޔާމް ފޯނުން ދެއްކި ވާހަކަ އަޑު އިވުމުންނެވެ. ނަވީން އެއްފަހަރު ޔަލީނަށް، އަނެއް ފަހަރު ޝަޔާމަށް ބަލައިލާފައި، ޝަޔާމަށް އެއް ބުމަ އަރުވައިލީ މިއީ ކޮންކަމެއް ހެއްޔޭ އަހާ ފަދައަކުންނެވެ. އެޔާއެކު ޝަޔާމް ފުން ނޭވާއެއް ދޫކޮށްލާފައި ގޮސް ނަވީންގެ ސައިކަލު ފަހަތަށް އެރީ އަޅައިލާނެ ކަމެއް ނެތޭ ބުނަމުންނެވެ. އެޔާއެކު ނަވީންވެސް މާ ބޮޑު ކަމަކަށް ނުހަދައި ސައިކަލު ދުއްވައިލީ ޑިޔުޓީއަށް ދާ ގަޑި ޖެހެން ކައިރިވެފައި ހުރުމުންނެވެ.
ޝަޔާމް ލޮލުކޮޅަށް ގޮސް އޮބައިލުމާއެކު ޔަލީންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ޝަޔާމް ނުކުތް ގެޔާ ދިމާއާށް ބަލައިލެވުމާއެކި އެ ހިނިތުންވުން އިތުރަށް ފުޅާވިއެވެ. މިހާރު އޭނާއަށް ޝަޔާމް އުޅޭ ތަންވެސް އެނގުނީއެވެ. އެންމެ ދެ ދުވަހަކު ބައްދަލުވީ ޒުވާނެއްގެ އެހާ ގިނަ މައުލޫމާތު އެއްފަހަރާ ހޯދުމުން އަމިއްލަ ނަފްސާއި މެދު ކުޑަކޮށް ނަމަވެސް ފަޚުރުވެރި ވެވުނެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އެހެނަސް ޝަޔާމް އޭނާއާ ދުރަށްދާން މަސައްކަތް ކުރާ ކޮންމެ ފަހަރަކު އިތުރަށް ޝަޔާމްއާ ގާތްވާ ހިތް ވަނީއެވެ. ޝަޔާމް ޙާސިލް ކުރުމަށް އިތުރަށް މަސައްކަތް ކުރަން ބޭނުން ވަނީއެވެ.
*** ** ***
އާރާގެ ގެޔާ ހަމައަށް ދެވެންދެންވެސް ޒައުލްއާއި އާރާގެ މެދުގައި ވީ ހަމަހިމޭން ކަމެވެ. ގެޔަށް އާދެވުމުން އާރާ އަވަސްއަވަހަށް ހިނގައިގަތީ ގެއަށް ވަނުމަށެވެ. އެހެންނަމަވެސް އާރާގެ ފިޔަވަޅުތައް މަޑުޖެހުނީ ޒައުލް އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ. ފުން ނޭވާއެއް ލުމަށް ފަހު އާރާ ޒައުލްއާއި ދިމާއަށް އާރާ ބަލައިލީ ކިހިނެއް ވީހެއްޔޭ އަހާ ފަދަ ގޮތަކަށެވެ.
“އާރޫ… އަހަރެން.. މައިރާއާ ރުޅިވެފިން…” އެ ވާހަކަ އާރާގެ ގާތުގައި ބުނެވުނީ ކީއްވެގެން ކަމެއް ޚުދު ޒައުލް އަކަށްވެސް ނޭނގުނެވެ
“އާރޫވެސް ޔަލްވެސް ބުނީމެއް ޒައުލް ކައިރި ތި މައިރާގެ ކަންތައްވެސް ދާނީ ހަފްތާ އަކަށޭ.. ޒައުލް ގެންގުޅޭ އަންހެން ކުއްޖެއް ވެއްެއްޔާ ވަނީ އެހެންނެއްނު.. ހަމަ ދެން ރައްޓެހިވާ އަންހެން ކުއްޖާވެސް ނުވާނެ ހަފްތާއެއް.. ބްރޭކަޕް ވާނެ.. ޒައުލްވެސް ދެން ތި ގޮތް ދޫކޮށްލަން ވެއްޖެ ކަންނޭނގެ މިހާރު.. ރަނގަޅު ކުއްޖަކު ހޯދައިގެން އޭނަޔާ އެކީ ރީތިކޮށް އުޅެން ފަށާބަލަ..” އާރާގެ ވާހަކަތައް ހުރީ ޒައުލް އުއްމީދު ކުރި ގޮތަކަށް ނޫނެވެ. އެހެނަސް އާރާ އޭނާއާ މެދު ދެކޭ ގޮތް އެނގުމުން ޒައުލްގެ ހިތަށް ތަދުވިއެވެ.
އާރާގެ އަތުން ދޫކޮށްލުމާއެކު އާރާ ގޮސް ގެޔަށް ވަން މަންޒަރު ބަލަން ހުރި ޒައުލްގެ ދެލޯ ވީ ފެންކަޅި ވެފައެވެ. އިރުކޮޅަކުން ކޯތާފަތް މަތިން ހޫނު އެއްޗެއްގެ އިހުސާސް ކުރެވުމުން ޒައުލް އަތުން ކޯމަތީގައި އަތް ހިންގައިލިއެވެ. އަމިއްލަ އަތަށް ބަލައިލެވުނު އިރު ދެވަނަ ފަހަރަށްވެސް އެ ހޫނުކަން އިހުސާސް ކުރެވުމުން ޒައުލް ހައިރާން ވިއެވެ. އޭނާއަށް ހަމަ ރޮވުނީ ބާވައެވެ. އާރާ ބުނީކީ މާ ބޮޑު ވާހަކައެއްވެސް ނޫނިއްޔާއެވެ. އޭނާއަށް ހަމަ އެހާ އަސަރު ކުރަން ޖެހޭ ބާވައެވެ؟ އޭނާ މިހާ ފިނޑި މީހަކަށްވީ ކޮން އިރަކު ބާވައެވެ؟
އިރުކޮޅަކު އެގޮތުގައި ހުރުމަށްފަހު ޒައުލްވެސް މިސްރާބު ޖެހީ އޭނާގެ ގެޔަށް ދިޔުމަށެވެ. ގެޔަށް ވަން އިރު ގޭތެރޭގައި އެއްވެސް މީހަކު ނެތްކަން އެއީ ނަސީބެކޭ ޒައުލްގެ ހިތަށް އެރިއެވެ. ދުވެފައި ކަހަލަ ގޮތަކަށް ސިޑިން އަރައިގެން ގޮސް ޒައުލް ކޮޓަރިއަށް ވަނެވެ. އެޔަށްފަހު ގޮސް އެނދުމައްޗަށް ވެއްޓިގަނެފައި، އަނެއްކާވެސް މީގެ އިރުކޮޅެއް ކުރިން އާރާ ދެއްކި ވާހަކައާއި މެދު ފުންކޮށް ވިސްނައިލިއެވެ.
އާރާ އެ ބުނީވެސް ތެދެކެވެ. ހަގީގަތުގައި އޭނާއަށް މިހާރު އުޅެވެނީ މާ ރަނގަޅަކަށް ނޫނެވެ. އަންހެން ކުދީންނަކީ އޭނާ ދެއިރު ދެ ދަޅައަށް ބަދަލުކުރާ ހެދުމެއް ނޫނިއްޔާއެވެ. އެ ނާޒުކު ހިތްތަކުގައިވެސް އިހުސާސްތަކެއް ވާނެއެވެ. ލިބިފައިވީ ރީތިކަމާއި މުއްސަނދި ކަމުގެ ބޭނުން ކޮށްގެން އޭނާއަށް ހާދަ ބައިވަރު އަންހެން ކުދީންނެއްގެ ހިތް ހަލާކު ކުރެވިފައި ހުންނާނެއެވެ. އެ އުޅުން ބަދަލުކޮށް، އިސްލާހު ވުމުގެ ނިޔަތް ޒައުލްގެ ހިތުގައި އުފަންވެގަތީ އަދި ކިރިޔާއެވެ. އޭނާގެ “ޔައިބެ” ފަދަ ޒިންމާދާރު، ހިތްހެޔޮ، ހަރުދަނާ ފިރިހެނަކަށް ވާން ޒައުލްވެސް ބޭނުން ވިއެވެ. އޭނާ ދެން މަސައްކަތް ކުރާނެއެވެ. އެންމެން ބަލައިގަންނަ ފަދަ މީހަކަށް ވުމަށްޓަކައި އިންތިހާއަށް މަސައްކަތް ކުރާނެއެވެ. ޒައުލް އަމިއްލަ ނަފްސަށް ވަޢުދު ވިއެވެ. މިއީ އޭނާގެ ބަދަލުގެ ފެށުމެވެ.
*** ** ***
ޑިޔުޓީ ނިންމާލާފައި ގެޔަށް ވަން ޝަޔާމަށް ހިނިތުންވެވުނީ ސޯފާގައި އިން އޭނާގެ ބައްޕަ ފެނުމުންނެވެ. ބައްޕައަށް ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު ޝަޔާމް އޭނާގެ ކޮޓަރިއަށް ވަނީ ފެންވަރާ ތާޒާ ވެލުމަށެވެ. ފެންވަރާލައިގެން ޝަޔާމް ހަމައެކަނި ސޯޓެއް ލައިގެން އެނދުމަތީގައި އިށީނެވެ. ފޯނު ހުޅުވައިލި އިރު އިންސްޓަގްރާމްއިން އައު ނޮޓިފިކޭޝަންއެއް އައިސްފައި އިންތަން ފެނުމުން ބަލައިލިއެވެ. އޭރު ޔަލީން އޭނާއަށް ފޮލޯކޮށްފައި އިނުމުން ވަގުތުން ޝަޔާމްގެ މޫނުމައްޗަށް ފޫހިކަން ވެރިވެގަތެވެ. އެ ގޮތް ނޭނގޭ ކުއްޖާ އޭނާގެ ހުރިހާ ކަމެއް ހޯދަން އެބަ އުޅެއެވެ. އަންހެން ކުއްޖަކު އެންމެ ދެ ދުވަހަކު ފެނިލި ފިރިހެނަކަށްޓަކައި މިހާ ވަރުން އުޅޭތަން އޭނާއަށް މި ފެނުނީ އަދި ކިރިޔާއެވެ. ޔަލީނަކީ ހާދަހާ ގޮތެއް ނެތް އަންހެން ކުއްޖެކޭ ޝަޔާމްގެ ހިތަށް އެރިއެވެ.
ޔަލީންގެ ފޮލޯ އިން ގޮތަށް ބޭންދުމަށްފަހު ޝަޔާމް ހަމަ ފޯނު ބޭއްވުމާއެކީ އިތުރު ނޮޓިފިކޭޝަންއެއް އައެވެ. އެޔާއެކު އައިސްފައި އޮތް ޔަލީންގެ މެސެޖު ފެނިފައި ޝަޔާމް އިތުރަށް ފޫހިވާ ގޮތް ވިއެވެ. އިތުރު ވިސްނުމަކަށް ނުގޮސް ޔަލީން ބްލޮކް ކޮށްލުމަށްފަހު ޝަޔާމް ދެލޯ މަރައިލި ވަގުތު އޭނާގެ ބައްޕަ ދޮރު ހުޅުވައިލިއެވެ.
“ދަރިފުޅާ އާދޭ ކާން.. ބޮޑާއްތަ އެބަ ހުރި ކުޅިމަސް ގެނެސްފަ..” ބައްޕަ ކުޅިމަހޭ ބުނުމާއެކު ޝަޔާމް ވަގުތުން ކުޅުދިޔާވިއެވެ. އޭނާގެ ބޮޑާއްތަ ހަދާ ކުޅިމަހަކީ އޭނާއަށް އެންމެ މީރު ކެއުމެވެ. އަވަސްއަވަހަށް ބައްޕައާ އެކު ގޮސް ޝަޔާމް އިށީނެވެ. އަނގަޔަށް ލީ ފުރަތަމަ ރޮށިކޮޅާ އެކުވެސް ޝަޔާމްގެ ދެލޯ މެރިގެން ދިޔައީ، ކުޅިމަސް މީރުކަމުންނެވެ.
“ބޮޑާއްތަ ހާ މީރުކޮށް ކުޅިމަސް ހަދަން އެނގޭ އެހެން މީހަކު ނުހުންނާނެ..” ޝަޔާމް ބުނެލީ ހިނިތުންވެފައި އިނދެއެވެ. އަބަދުވެސް މޫނުމައްޗަށް ހަރުކަށިކަން ވެރިކޮށްގެން ހުންނަ ޝަޔާމް މިހާރު ހީވަނީ ކުޑަ ކުއްޖަކު ހެންނެވެ.
“ނޫނޭ.. އަދި ދަރިފުޅުގެ މަންމަ ހަދާ ކުޅިމަސް ތިޔަށް ވުރެ މީރުވާނެ.. ބައެއް ފަހަރު ބައްޕަ ހިތަށް އަރާ ިއަދުވެސް ދަރިފުޅުގެ މަންމަ ދުނިޔޭގައި ހުރި ނަމައޭ..” ފެންކަޅިވެފައި އިނދެ، އޭނާގެ ބައްޕަ ބުނެލި ވާހަކައިން ޝަޔާމްގެ ޙަރަކާތްތައް ވަގުތުން މަޑުޖެހުނެވެ. އޭނާގެ މަންމަ ވަނީ އޭނާ ވިހެއުމުގެ ތެރޭގައި ލޭ ހުސްވެގެން މި ފަނާވަނިވި ދުނިޔެެއާ އަލްވަދާޢު ކިޔާފައެވެ. އޭގެ ފަހުން ބައްޕަ އެކަނިމާއެކަނި އޭނާ ބަލާ ބޮޑު ކުރީ ވަރަށް ޙާލުގައެވެ. ބައްޕަގެ ދަތި ދިރިއުޅުމުގައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލި ހަމަ އެކަނި މީހުންނަކީ އޭނާގެ ބޮޑާއްތައާއި، ބޮޑާއްތަގެ ފިރިމީހާއާއި، އެދެމީހުންގެ ކުދީންނެވެ. ގިނަ ދުވަސްދުވަހު ޝަޔާމްމެންނަށް ކާއެއްޗެހި ގެނެސްދޭނީވެސް ބޮޑާއްތައެވެ. ﷲ އިރާދަ ކުރެއްވީތީ މިއަދު ޝަޔާމަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، ހަރުދަނާ ވަޒީފާއެއްގައި އުޅޭ، ބައްޕައާއި އޭނާގެ އަމިއްލަ މުހުތާދުތައް އަމިއްލަ ފައިސާއިން ފުއްދާ، ހިތްވަރު ގަދަ ޒުވާނެކެވެ.
“މަންމަ ނެތަސް ދުވަހަކުވެސް މަންމަ ނެތް ކަމުގެ އިހުސާސް އަޅުގަނޑަކަށް ނުކުރެވޭ.. ބައްޕައާ ނުލައި އަޅުގަނޑު ިއަދު މި ހުރި ހިސާބަކަށް ނައީސް..” ބައްޕަގެ އަތްތިލައިގައި ހިފައިލަމުން ޝަޔާމް ބުނެލިއެވެ. އެޔާއެކު ޝަޔާމްގެ ބައްޕަވެސް އޭނާއަށް ބަލައިލީ ފަޚުރުވެރިކަމުގެ ނަޒަރަކުންނެވެ.
“ބައްޕަ ހާދަ އުފަލެއް ވެޔޭ ތިކަހަލަ ދަރިޔަކު ބައްޕަގެ ހުރީތީ.. ތީ ދަރިފުޅުގެ މަންމަ ނެތް ދުނިޔޭގައި ބައްޕައަށް ލެއްވި ރަހުމަތެއް..” ބައްޕަގެ ވާހަކައިން ޝަޔާމަށް ހިނިތުންވެވުނެވެ. އިރާދަކުރެއްވިއްޔާ އޭނާ އަބަދުވެސް ކުރިޔަށް ދާނީ އެގޮތުގައެވެ. ބައްޕަގެ ބަސް އަހާ، ކިޔަމަންތެރި، ހިތްވަރުގަދަ ދަރިއެއްގެ ގޮތުގައެވެ.
*** ** ***
ދުވަސްތައް ފާއިތުވަމުން ދިޔައީ އޭގެ އެންމެ ހަލުވި މިނުގައެވެ. ދެ ހަފްތާ ފާއިތުވެގެން ދިޔަ އިރު އެކި މީހުންގެ ދިރިއުޅުމަށް ވަނީ އެކި ބަދަލުތައް އައިސްފައެވެ. އަޒަލް އޭނާގެ ހުރިހާ ވަގުތެއްހެން ހޭދަކުރަނީ ރިއާންއާއި އެކުގައެވެ. އަޒަލްގެ ހިތުގައި ރިއާންއާއި މެދު އިހުސާސްތަކެއް ވާކަން ޚުދު އަޒަލްއަށްވެސް އަމިއްލައަށް އެނގެއެވެ.
އަނެއްކޮޅުން ފާއިތުވެގެން ދާ ކޮންމެ ދުވަހަކާ އެކީ ޔައިލްގެ ހިތުގެ ބުނުން ދިޔައީ އިތުރަށް ސާފު ވަމުންނެވެ. އަޒަލްގެ ހިތުގައި ރަސްކަން ކުރަމުން ދިޔައީ އެހެން ފަރާތެއް ކަން ނޭނގި ހުރެ، ޔައިލްގެ މުޅި ހިތާ ޖާނު އެކީ އަޒަލްއަށް ހިބައިން ދީފިއެވެ.
ޔަލީންގެ އުނދަގޫ ޝަޔާމަށް ނުފޯރާ ދުވަހެއް މަދުވާނެއެވެ. ކޮލެޖުން މިންޖުވެވޭ ކޮންމެ ދުވަހަކީ ޝަޔާމް ފެނޭތޯ ޔަލީން އެ ގޭ ދޮށުގައި އެނބުރޭ، ނުވަތަ ސިފައިންގެ މައި އިމާރާތުގެ ކުރިމަތީގައި އެނބުރޭ ދުވަހެކެވެ. ޝަޔާމް ފެންނަ ކޮންމެ ފަހަރަކު ޔަލީން ޝަޔާމްއާ ވާހަކަ ދައްކަން މަސައްކަތް ކުރެއެވެ. އެހެނަސް އެކަން ވެގެން ދަނީ ފޫނެތް ފަޔަކަށް ފެން ފުރުން ކަހަލަ ކަމަކަށެވެ. ޔަލީން ކުރާ ކޮންމެ ޢަމަލަކުންވެސް ޝަޔާމްގެ ހިތުގައި ޔަލީންއާއި މެދު އުފެދިފައިވާ ފޫހިކަމާއި ނަފްރަތު ދިޔައީ އިތުރު ވަމުންނެވެ. މިއާ ޚިލާފަށް ޔަލީންގެ ހިތުގައި ޝަޔާމްއާއި މެދު އުފެދިފައި އޮތް ގަޔާވުން ދިޔައީ މަޑުމަޑުން ލޯތްބަށް ބަދަލު ވަމުންނެވެ.
ޒައުލްއާއި އާރާގެ މެދުގައި އޮންނަ ގުޅުންވެސް މަޑުމަޑުން ރަނގަޅުވަމުން އައި ނަމަވެސް އަދިވެސް އެ ދެމެދުގައި މާ ގިނަ ވާހަކަތަކެއް ނުދެކެވެއެވެ. އެހެންނަމަވެސް ޒައުލްގެ މިޒާޖަށް އަންނަމުން ދިޔަ ބަދަލުތައް ފެނި، އާރާގެ ހިތަށްވެސް ދިޔައީ ހަމަޖެހުން ލިބެމުންނެވެ. ވަގުތަށް ނަމާދު ކުރުމާއި. މައިންބަފައިން ބުނާ ބަސް އެހުމާއި، ކިޔެވުމަށް ސަމާލުކަން ދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ޒައުލް ދިޔައީ ކުރަމުންނެވެ. ކުރިން ފަހަތުލައިގެން ގެންގުޅުނު އަންހެން ކުދީންވެސް މިހާރު ނުފެނެއެވެ. އެކަމާ އެންމެ ހިތްހަމަ ޖެހުނީ އާރާއެވެ. ޒައުލް އެ ހަރުދަނާކަން މަތީގައި ފެންނަ ކޮންމެ ފަހަރަކު އެންމެ ބޮޑަށް އުފާވާ ފަރާތަކީ އާރާއެވެ.
*** ** ***
އަލަމާރިން ފަހަރަކު ހެދުމެއް ނަގަމުން ގައިގައި ޖައްސަމުން ދިޔަ އަޒަލްގެ މޫނުމަތިން ހިނދުކޮޅަކަށްވެސް އުފާވެރިކަމުގެ ކުލަވަރު ފަނޑުވެގެން ނުދެއެވެ. މީގެ އިރުކޮޅެއް ކުރިން ރިއާން ނުވައެއް ޖަހާ އިރު ރަސްފަންނަށް އައުމަށް މެސެޖު ކޮށްފައި އޮތުމުން އަޒަލްގެ ހިތުގައި ވަނީ އާދަޔާޚިލާފު އުފާވެރިކަމެއް އުފެދިފައެވެ. ރިއާންއާއި ބައްދަލު ކުރަން ދާ އިރު އަޒަލް ބޭނުންވީ އޭނާއަށް ވެވުނުހާ ރީއްޗެއް ވާށެވެ. ފަހަރަކު ހެދުމެއް ބަލަމުން ގޮސް އެންމެ ފަހުން އޭނާއަށް ކަމުދިޔަ ކަޅުކުލައިގެ މެކްސީ ނެގުމަށްފަހު އެޔާ ގުޅޭނެހެން މެރޫން ކުލައިގެ ޝޯލްއެއްވެސް ނެގުމަށްފަހު އަޒަލް ފާޚާނާއަށް ވަނީ ފެންވަރައިލުމަށެވެ.
ފެންވަރައިގެން ނުކުމް އަޒަލް ގަޔަށް ހެދުން ހެޔޮވަރު ކޮށްލުމަށްފަހު ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. ފައިތިލަޔާ ހަމައަށް އަރާ އެ ކަޅު ކުލައިގެ މެކްސީގައި އަޒަލް ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. ހެދުން ތަންކޮޅެއް ފަޅުހެން ހީވާން ފެށުމުން އަޒަލް ޝޯޅްއާ ގުޅޭހެން މެރޫން ކުލައިގެ ހިމަ ބެލްޓެއް ނަގައި، އުނަގަނޑުގައި އައްސައިލިއެވެ. ހިތްހަމަޖެހުމުގެ ނޭވާއަކާއެކު ތިރިން ކަޅު ކުލަިގެ ލެގިންސެއް ލުމަށްފަހު އަޒަލް ފެށީ ރީތިވާށެވެ. އެހެންޏާ ކުރާ ވަރަށްވުރެ އިތުރަށް މޭކަޕް ކޮށްފައި، ތުންފަތްވެސް ގަދަ ރަތްކުލައަކުން ފަވައިލިއެވެ. އެއަށްފަހު ރީތި ގޮތަކަށް ބޮލުގައި ޝޯލް އޮޅައިލުމަށްފަހު އަޒަލް ގަޔަށް ސެންޓުކޮޅެއް ބުރުވައިލިއެވެ. މެރޫން ކުލައިގެ ހައިހީލް އަކަށް އެރުމަށްފަހު ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލުމަށްފަހު އަޒަލް މިސްރާބު ޖެހީ ކޮޓަރިން ނުކުތުމަށެވެ.
އަޒަލް ސިޑިން ފައިބައިގެން ގޮސް ސިޓިންރޫމަށް ނުކުތުމާއެކު ސޯފާގައި ތިބި އަފާންގެ އިތުރުން ޒާރާގެ ނަޒަރުވެސް އަޒަލްއަށް ހުއްޓުނެވެ.
“ދަރިފުޅު މާ ރީތިވެގެން ކޮންތާކަށް..؟” ޒާރާ އަހައިލީ އަޒަލްއަކީ އާއްމުކޮށް އޮފީހަށް ދާން ޖެހިގެން ނޫނީ ރޭގަނޑު ބޭރަށް ނުކުންނަ ކުއްޖަކަށް ނުވާތީއެވެ.
“މި ދަނީ ފްރެންޑަކާ އެކީ ކާން ވެގެން..” ފުރަތަމަ ފަހަރަށް މަންމއާއި ބައްޕައަށް ދޮގެއް ހަދަން ޖެހުމުން އަޒަލްއަށް އުނދަގޫ ވިއެވެ. އެހެންނަމަވެސް ރިއާންގެ ވާހަކަ އަދި މަންމައާއި ބައްޕައަށް އަންގާކަށް އޭނާ ބޭނުމެއް ނުވެއެވެ. އޭނާގެ ބައްޕަ ކިތަންމެ މަޖާވެފައި ސަކަރާތް ޖެހިޔަސް، އަޒަލްއަށް އިންތިހާއަށް ބަލާކަން އަޒަލްއަށް އޮޅިފަކައި ނެތެވެ. އެހެންކަމުން އަޒަލް ބޭނުންވީ އިހަށް ރިއާންގެ ވާހަކަ އެއްވެސް މީހަކު ގާތުގައި ނުބުނެ ފަސްކޮށްލާށެވެ.
“ދަރިފުޅު އެހާ ލަސް ނުވައްޗޭ.. ބައްޕަ ދަންތަ ދަރިފުޅު ލައިދެން..؟” އަފާން އެހެން އެހުމާއެކު އަޒަލް ވަގުތުން ދެކޮޅު ހެދީ ޔައިލް އޭނާ ބަލައި އަންނާނެ ކަމުގައި ބުނަމުންނެވެ. އެއް ދޮގު މައްޗަށް އަނެއް ދޮގެވެ.
“އެހެންވީއިރު ނިމިގެން ގެޔަށް އަންނަން ވީމަ ބައްޕައަށް އެހެންނޫނީ ޔައިލްއަށް ގުޅާތި.. އެކަނި ނާންނައްޗޭ..” އަފާން އެހެން ބުނުމާއެކު ބޯޖަހައިލާފައި އަޒަލް އަވަހަށް ގެއިން ނުކުތެވެ. އެންމެ ތިރީ ފަންގިފލާއަށް ދިޔުމަށްފަހު ގޭގެ މައި ދޮރާށި ހުޅުވާލާފައި ނުކުތް އިރު ރިއާން އޭނާގެ އިންތިޒާރުގައި ސައިކަލު މަތީގައި އިނެވެ. އިއްތިފާޤުން ރިއާންއަށްވެސް ލައިގެން ހުރެވުނީ މެރޫން ކުލައިގެ އަތްދިގު ގަމީހަކާ ކަޅުކުލައިގެ ޖިންސެކެވެ. އެހެންކަމުން ދެމީހުންނަށް އެކަކު އަނެކަކު ފެނުމާއެކު ދެމީހުންނަށްވެސް އިޚްތިޔާރަކައި ނުލައި ހިނިތުންވެވުނެވެ. ރިއާންގެ އެ ފިރިހެންވަންތަ ހީލުން ފެނުމާއެކު ހިނދުކޮޅަކަށް ނަމަވެސް އަޒަލްގެ ހަރަކާތްތައް މަޑުޖެހިގެން އައެވެ.
“ނާރަންތަ ތި ހުންނަނީ..؟” އަޒަލްއާއި ކައިރިޔަށް ސައިކަލު ޖައްސައިލާފައި ރިއާން އަހައިލުމާއެކު އަޒަލްއަށް ހަމަބިމަށް އާދެވުނެވެ. ނުކެރި ހުރެފައިވެސް އަޒަލް ރިއާންގެ ސައިކަލު ފަހަތަށް އެރިއެވެ. އަޒަލް އެރުމާއެކު ރިއާން ސައިކަލު ދުއްވައިލިއެވެ.
ރަސްފަންނަށް އާދެވުމާއެކު ސައިކަލު ޕާކުކޮށްލާފައި ރިއާންއާއި އަޒަލް ހިނގައިގަތެވެ. ރާޅު ޖަހާ ފަށުގައި ރިއާންއާއި އަޒަލް ލަސް ފިޔަވަޅުތަކެއްގައި ހިނގަމުން ދިޔަ އިރު ދެީހުންކުރެ އެކަކުވެސް އެއްޗެކޭ ނުބުނެއެވެ.
“އަޒް.. ޔޫ ލުކް ގޯރޖަސް ޓުނައިޓް.. ވަރަށް ރީތި..” އަޒަލްގެ އަތްތިލައިގައި މަޑުމަޑުން ހިފައިލަމުން ރިއާން ކޮށްލި ތަޢުރީފުން އަޒަލްގެ މޫނު ވަގުތުން ފިނިފެންމަލެއްހާ ރަތްވެގެން އައެވެ. ކޯޓު އިއްވުންތަކުގައި ނިކަން އަޑުހަރުކޮށް ފެންވަރުގެ ބަސްބަސް ބުނެލައި، ބަހުސްކޮށް އުޅޭ އަޒަލްގެ ހިތްވަރު ރިއާން ފެންނަ އިރަށް ވަދެ ފިލަނީ ކޮން ތަނަކަށް ކަމެއްވެސް ނޭނގެއެވެ.
“ތެންކްސް..” ކިރިޔާ އަމިއްލަ ނަފްސަށް އަޑު އިވޭ ވަރަށް އެހެން ބުނެލަމުން އަޒަލް އިސްޖަހައިލިއެވެ. އެޔާއެކު ރިއާންގެ ފިރިހެންވަންތަ، ލުއި ހުނުމުގެ އަޑު އަޒަލްގެ ކަންފަތް ދޮށުގައި ލުއިލުއި މިޔުޒިކެއް ފަދައިން ގުގުމައިލިއެވެ.
“އަޒް.. އަހަންނަށް އެނގޭ އަހަރުމެން ދިމާވިތާ އަދި މާ ގިނަ ދުވަސްތަކެއް ނުވާ ކަން.. އެކަމަކުވެސް އިތުބާރު ކުރޭ.. ހަމަ ހަގީގަތުގަވެސް އަހަންނަށް އަޒަލް ފެނުނު ފުރަތަމަ ދުވަހުވެސް އަޒަލް ދެކެ ލޯބި ވެވުނު.. ފުރަތަމަ ނަޒަރުން ލޯބި ވެވޭ ކަމަށް އަހަރެން ޤަބޫލު ކުރީ އެދުވަހު.. ދުވަހަކަށްވުރެ ދުވަހެއް އަހަރެން އަޒް ދެކެ ވާ ލޯބި އިތުރުވޭ.. އަހަންނަށް އަޒް ވަރަށް ވަރަށް ކަމުގޮސްފި.. އަޒް.. އަހަރެންގެ މިލްކަކަށް ވެދީފާނަންތަ..؟” އެއްކަކޫ މަތީގައި އިށީންނަމުން ރިއާން އޭނާގެ އެއް އަތް އަޒަލްއަށް ދިއްކޮށްލަމުން އިއްވައިލި ބަސްކޮޅުން އަޒަލްގެ ހިތް ވަގުތުން ފުރިގެން އައެވެ. ރިއާންގެ ފަރާތުން އެ ބަސްކޮޅު އަޑު އަހައިލުމަށް އޭނާ އިންތިޒާރު ކޮށްގެން ހުންނަތާ ކިހައި ދުވަހެއް ހެއްޔެވެ؟
“ޔެސް ރިއާން.. ޔެސްސް.. އައި ލަވް ޔޫ ޓޫ..” ރިއާން ދިއްކޮށްލި އަތުގައި ހިފައިލަމުން އަޒަލް އެހެން ބުނެލި އިރު އެ ދެލޮލުގައި ވިދަމުން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. އަޒަލްގެ ޖަވާބު އިވުމާއެކު ރިއާންގެ ހިނިތުންވުންވެސް އިތުރަށް ފުޅާވިއެވެ. ވަގުތުން ކޮޅަށް ތެދުވެ، އަޒަލްގެ ގައިގައި އަތް ވަށައިލީ ދުވަހަކުވެސް ދޫނުކުރާނަމޭ ބުނާ ފަދައިންނެވެ. އަޒަލްވެސް އެފަދައިން ކަންތައް ކުރި އިރު މި ފުންމައިލެވެނީ ކިހައި އަނދިރި އަނދަވަޅަކަށް ކަން އިހުސާސް ކުރެވޭނެ ނަމައެވެ. ރީތި ހުވަފެނެއްގެ ސިފައިގައި ފެނުނު ރިއާން ވެގެން ދާނީ ބިލާހަކަށް ކަން އަޒަލްއަށް އެނގޭނެ ނަމައެވެ. ރިއާންގެ ސަބަބުން އަޒަލް އެކުގައި ހަލާކުވެގެންދާނެކަން އަޒަލްއަށް އެވަގުތު ވިސްނޭނެ ނަމައެވެ. މީހަކާ ރައްޓެހި ވުމުގެ ކުރިން ވިސްނަން ޖެހޭ ބައިވަރު ކަންތައްތަކެއް ހުންނާނެކަން އަޒަލްއަށް އެނގޭނެ ނަމައެވެ. އިއްޔެ މެންދުރު ފެނުނު މީހެއްގެ ބަހަށް އެހާ އަވަހަށް އިތުބާރު ކުރުމަކީ ކިހައި މޮޔަ ކަމެއްކަން އަޒަލްއަށް ވިސްނޭނެ ނަމައެވެ. ނަމަވެސް އެއިން އެއްވެސް ކަމަމާ ވިސްނޭ ވަރަށްވުރެ ބޮޑަށް އަޒަލްވީ ރިއާންގެ ލޯބީގައި ކަނުބަނދެވިފައެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.







Hey nayaa vrah reethi mi part vx ingeyy.ekm aslu azal ehves kamakaa visnaa nulaa dhw e riyaan dheke loabi vevuny. Ekm aalu yail aa enmme azal gulheny. So ehveema e dhemyhun gulhuvahcheyy. yailge mainbafainn ves hama yail ah e dhimaavamundhaa gothakannun e dhimaavany. Yaleen ves aslu shayaam aa rahtehi vee kanneyy dhw e dhen zaul aai aaraa ves varah gulhey hama.and my opinion these is a real life. I proud of you nayaa…. I cant wait for the next part…. Coming soon…. Love you nayaa…. ☺️☺️☺️☺️😘😘😘😘
Hey nayaa
Mi part vx varah varah reethi.. adhi khaasa kn yaleen and shayaam ge bai… dhn inna part eiiga e dhekudhinge fight eii gennah cheyy eyrah varah reethi… mee alhugandu ge hiyaaleii ingey.. nayaa ah dhw ingeyny ekm best.. next part kn irakun… curiously waiting..
Vrh reethi hama, shayaam and yaleen vrh gulhey
Yail ah azal ge affair engeyne nama dhw
Aara and zaul vx vrh cute they should stop being insecure tho, it’s okey they’re only cousins
Thankolheh avas kohla dhybaa😭
Mi part ves v reethi masha Allah
Yail and azal v gulhey
Yaleen and shayaam ves v gulhey
Aira and zaul ves
They all are made for each other
E kudhin dhuru nukurachey
Love you ❤️
Milaan and yaina ge love story v reethi masha Allah
Milaan and yaina ge love story v reethi masha Allah
Curiously waiting for next part
Vrh vrh vrh reethi mi part vxx… cant wait for next part….. So so curious naaya…
Next part konirakunn….
alhe azz kihineh ehedhi riyaan eiee kaakukan ves neyngi evevune loabi … azz ah adhi vineyne ekurevune kiha kadakameh kan…
mi part ves vrh reethi
keep it up
When’s next curiously waiting for the next part 😍
When is the next episode?😊