ޓެބްލެޓްގެ ނަޞޭޙަތް
އަރްހަމްގެ ގާތުގައި އިނދެ ޝަހާދަތާއި ނާސި ތިން ސޫރަތް ކިޔަވައިދިނުމަށް ފަހު އަރްހަމްގެ މަންމަ ކޮޓަރިން ނިކުމެގެން ދިޔައީ އަރްހަމް ނިދިކަން ޔަގީންވީމައެވެ. އެހެންނަމަވެސް އަރްހަމް އޮތީ ނިދާފައެއް ނޫނެވެ. މަންމަ ދިއުމުން ބާލީސް ދަށުގައި އޮތް ޓެބްލެޓް ނަގާ އަރްހަމް ކުޅެން ފެށިއެވެ. އެއީ ކޮންމެ ރެއަކުހެންވެސް އަރްހަމް ކަންތައް ކުރާގޮތެވެ.
އަރްހަމްއަކީ ގްރޭޑް ތިނެއްގައި ކިޔަވާ ކުއްޖެކެވެ. އަރްހަމްއަކީ ބަސްއަހާ މަޑުމައިތިރި ކުއްޖެކެވެ. އެކަމަކު އަރްހަމްގެ ނުރަނގަޅު އާދައެއް ހުރެއެވެ. އެއީ ދުވާލާއި ރޭގަނޑުގެ އެތައް ވަގުތެއްގައި ޓެބްލެޓް ބަލަން ވަގުތު ހޭދަކުރެވުމެވެ. އަރްހަމްގެ މަންމައާއި ބައްޕަ ނަސޭހަތްތެރިވިއަސް އެކަން ހުއްޓާލާކަށް އަރްހަމް ބޭނުމެއް ނުވެއެވެ. ވީޑިއޯ ބަލާހިތްވާލެއް ބޮޑުކަމުން އެކަން ހުއްޓާލަންވެސް އުނދަގޫވަނީއެވެ.
ގަޑިން ދިހަގަޑި ބައިވެ އެގާރަގަޑި ބައިވާން ކައިރިވެއްޖެއެވެ. އޭރު އަރްހަމް ނިދިއަންނަން ފަށައިފިއެވެ. ހާފުރެމުންވެސް އަރްހަމް ބޭނުންވީ ކުޅެމުން ދިޔަ ގޭމް ކުޅެ ނިންމާލާށެވެ.
ކުއްލިއަކަށް މުޅި ކޮޓަރިތެރެ އަނދިރިވިއެވެ. އެއަށްފަހު ވަރަށް އަލިމަޑު ބޮތްކެއް ދިއްލިގެން ދިޔައެވެ. ވަށައިގެން ފެނުނީ އެކިއެކި އެއްޗެހި ކުރަހާ، ލިޔެ، ހަޑިކުރެވިފައިވާ ފާރުތަކެކެވެ. އެތަނުން އިހުސާސްކުރެވެނީ ބިރުވެރިކަމެވެ. އަޑެއް އިވުމަށްފަހު އަރްހަމްގެ ކުރިމައްޗަށް ހުއްޓުނީ ވަރަށް ތަފާތު މީހެކެވެ. އެމީހާގެ ހަށިގަނޑުހުރީ ދިގުއަކައެއްހެންނެވެ. ބިންމަތީގައި ފައެއް ނުޖެހެއެވެ. އެމީހާގެ މޫނުމަތި ފެނުމުން އަރްހަމްއަށް ފަހަތަށް ޖެހެވުނެވެ، ދިގު ބުމައެއްލާ ދެބުމަ ޖެހިފައިވާއިރު ހީވަނީ ރުޅިއައިސް ހުރިހެންނެވެ.
“އަރްހަމް.” އެމީހާ ބަރު އަޑުން ގޮވާލުމާއެކު ދެފަރާތުން ދެމީހަކު އައިސް އަރްހަމް ފަހަތަށް ބިޑިއެޅުވިއެވެ. އެދެމީހުންވެސް ތިބީ ކުރިމަތީގައި ހުރި މީހާއާ އެއްގޮތަށެވެ. ފަހަތަށް އަތް ލައިގެން ހުރެ އެމީހާ ކުރިއަށް ހިނގައިގަތުމުން އަރްހަމް ގޮވައިގެން ދެފަރާތުގައި ތިބި މީހުންވެސް ހިނގައިގަތެވެ. ކުރިއަށް ދާންފެށުމާއެކު އަރްހަމްއަށް ފެނުނީ ޖަލަށް ލާފައި ތިބި މީހުންތަކެކެވެ. އެމީހުންތިބީ ވަރަށް ބާވެފައިތިބި ހެދުންތަކެއް ލައިގެންނެވެ. ހަށިގަނޑު ހުރީ އަނަރޫފަކޮށެވެ. ފުރަތަމަ ޖަލުގައި ތިބި މީހުންގެ ކައިރިއަށް ގޮސް އެމީހާ ހުއްޓާލިއެވެ.
“މީ ކިހިނެއްވެފައި ތިބި ބައެއްކަން އަރުހަމްއަށް އެނގޭތަ؟” އެމީހާ ސުވާލުކޮށްލިއެވެ.
“ނޭނގެ.” އަރްހަމް ޖަވާބުދިނެވެ.
“މިއީ ބަޑިޖަހާ ގޭމުތަކާއި އެފަދަ އެހެން ގޭމުތައް ކުޅެގެން އެހެންމީހުންނަށް ގެއްލުންދީފައި ތިބި މީހުން. ބައެއް މީހުން ވައްކަން ކުރި. އަނެއްބައި މީހުން ކުދިންގެ ގައިގައި ތަޅާ އެކުދިންނަށް އަނިޔާ ކުރި. އާއިލާގެ ކުދިން ގައިގައި ތަޅާ އަނިޔާކުރި ކުދިންވެސް އެބަތިބި. އެނގޭތަ؟ ބައެއްކުދިން އެކުދިންގެ މަންމަމެންނަށްވެސް ދެރަގޮތްގޮތަށް ކަންތައް ކުރި. ކިހާ ދެރަ!” އެމީހާ ކުރިއަށް ހިނގައިގަތެވެ.
ޖެހިގެން އައި ޖަލު ގޮޅީގައިވެސް ބައިވަރު ކުދިން ތިއްބެވެ.
“މިއީ މާތްﷲގެ ހައްޤުތައް އަދާކުރުމަށް ވަގުތު ނުދެވޭ ކުދިން.” އެމީހާ ވާހަކަދެއްކިއެވެ.
“މާތްﷲގެ އަދާކުރަންޖެހޭ ޙައްޤުތަކަކީ ކޮބާ؟” ބިރުގަނެފައިހުއްޓަސް އަރްހަމް ސުވާލުކުރިއެވެ.
“އެއީ ގަޑިން ގަޑިއަށް ނަމާދުކުރުމާއި، ޤުރުއާން ކިޔެވުމާއި، ޒިކުރުކުރުމާއި މިފަދަ އަޅުކަންތައްތައް. އަރްހަމްއަށް އެނގޭތަ ކީއްވެގެންކަން މިކުދިންނަށް މާތްﷲއަށް އަދާކޮށްދޭންޖެހޭ ޙައްޤުތައް އަދާނުކުރެވެނީ؟ އެއީ ޓީވީ އާއި ފޯނު ބަލަން ތިބެވޭތީ. މިވީޑިއޯ ނިންމާލާފަ މި ގޭމް ނިންމާލާފަ ނަމާދަށް ދާން ތިބެގެން ގިނަ ފަހަރު އޮންނަނީ ނަމާދުވަގުތު ފާއިތުވެފަ.. ނަމާދު ދޫކޮށްލާފަ އަހަރެމެންނަށް ސުވަރުގެ ހާސިލް ކުރެވޭނެތަ؟” އަރްހަމް އަށް ބަލައިލަމުން އެމީހާ ކޮށްލި ސުވާލާއެކު އަރްހަމްއަށްވެސް ވިސްނާލެވުނެވެ. ނަމާދަކީ ޤިޔާމަތް ދުވަހުން އެންމެ ފުރަތަމަ ހިސާބުބެއްލެވޭ އަޅުކަމެވެ. އެކަމުން ނަމާދުގެ މާތްކަން އެނގެއެވެ. ވީއިރު ނަމާދުނުކޮށް ސުވަރުގެ ޙާސިލް ކުރެވޭނެ ބާއެވެ. އިސްއުފުލާލަމުން އަރްހަމް ބޯހޫރުވާލީ ނޫނެކޭ ބުނަންވެގެންނެވެ.
އަނެއްކާވެސް އެމީހާ ކުރިއަށް ހިނގައިގަތެވެ. މިފަހަރު ފެނުނު ގޮޅީގައި ތިބި މީހުން މާބަލިހެން ހީވެއެވެ. ގިނަބަޔަކު އެނދުތަކުގައި ބާއްވާފައި ތިއްބެވެ.
“މިއީ އަބަދު އެއްގޮތަކަށް ގިނައިރު ތިބީމައި ވެފައި ތިބިގޮތް. ނާރުތަކުގެ ލޭހަރަކާތް ކުރުން މަޑުޖެހި ސިކުނޑިއަށް ލޭއެޅި ފުރާނަ ދާ ހިސާބަށްވެސް ބައެއް މީހުން ގޮސްފައިވޭ. އަނެއްބައިމީޙުން ލޮލުގެ ފެނުން ދަށްވެ، އެއްޗެހި ހަނދާނުގައި ހަރުލައްވަން އުނދަގޫވޭ. ކަރުގެ މައްސަލަތަކާއި ގައިގައި ރިއްސުމާއި މިހެން ގޮސް ކިތަންމެ ބަލިމަޑުކަމެއް، ފޯނުގެ ސަބަބުން ކުރިމަތިވޭ. ޅަކުދިން ވީމަ މިހާރު ބަލިނުވެދާނެ، އެކަމަކު އުމުރުން ދޮށިވާ ވަރަކަށް ބަލިބޮޑުވާނެ.” އެމީހާ އޮޅުންފިލުވައިދިނެވެ.
“ފޯނު ކުޅެން އަބަދު ތިބުމުގެ ސަބަބުން ނިދި ގެއްލި މީހާ ރުޅިގަދަވެސްވޭ، މިތަނުގައި ތިބި އެންމެން މިފަހަރުގައި ނުދެއްކިދާނެ. އެކަމަކު ފޯނަށް ދެވިހިފުމުގެ ސަބަބުން ލިބޭ ގެއްލުން މާބޮޑު. ކިތަންމެ ކުރިއަކަށްވެސް ދެވިދާނެ. އެކަނިވެރިވުމާއި، ކަންބޮޑުވުމާއި، ބޭރަށް ނިކުމެ މީހުންނާ ވާހަކަދައްކަން އުނދަގޫވާ މީހުންނާ މިހެންގޮސް މިތަނުން މީހުން ހުހެއްނުވާނެ. ހިތާމައަކީ މިޖަލުތަކުގައި ހައްޔަރުވާ މީހުން އިންތިހާއަށް މިހާރު ގިނަވަމުން އަންނަކަން. މިބުނަނީ ފޯނާ ނުކުޅޭށެކޭނޫން. އެކަމަކު އެއާ މާގިނައިން ނުކުޅޭށޭ. އެއަށް ދެވިނުހިފާށޭ.” އެމީހާ ވާހަކަދެއްކިއިރު އަރްހަމް ކަނުލާ އަޑުއެހިއެވެ.
“ދެން މި ޖަލުން ނިކުންނަނީ ކިހިނެއް؟” އަރްހަމް ބޭނުންވީ އެތަނުގައި ތިބި މީހުންނަށް އެތަނުން ނިކުމެވޭނެތޯ ބަލާށެވެ.
“ހްމް.. ރަނގަޅު ސުވާލެއް! އަރްހަމްއަށް ހީވޭތަ މިޖަލުން މީހުންނަށް ނިކުމެވޭނެހެން؟” އެމީހާވެސް ކޮށްލީ ސުވާލެކެވެ. ތުންފިއްތާލަމުން އަރްހަމް ނޭނގެއޭ ބުނެލިއެވެ.
“މިތަނުން ނިކުންނަން ވަރަށް ފަސޭހަވާނެ. މާބޮޑު މަސައްކަތެއް އަނެއްހެން ކުރާކަށް ނުޖެހޭނެ. އެކުއްޖަކު އަމިއްލަ ބޭނުންވީމަ މިތަނުން ނިކުންނަން ވީ. އަނިޔާދެވުނު މީހުންނަށް މަޢާފަށް އެދި، މާތްﷲއަށް ތައުބާވެ، އުޅުން އިސްލާހުކުރަން ޢަޒުމުކަނޑައަޅައިފި ކޮންމެ މީހަކަށް މިތަނުން ނިކުތުމުގެ ފުރުސަތު އެބޮތް.” ގޮޅިތަކުގައި ތިބި މީހުންނަށް އިޝާރާތްކޮށް އެމީހާ ބުނެލިއެވެ.
“ދެން ކީއްކުރާނީ މިތަނުން ނިކުމެފަ؟” އަރްހަމް ސުވާލުކޮށްލިއެވެ. އޭނާގެ ބިރު ކުޑަކޮށް ފިލައިފިއެވެ.
“ފޯނަށް ދެވިހިފުމާ ދުރުވުމަށް މަސައްކަތްކުރާނީ. ހެލިފެލިވެ އުޅެގެން ކުރެވޭ މަސައްކަތްތައް ކުރާނީ. މަންމައާއި ބައްޕައަށް ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވުމާއި، ފޮތްކިޔުމާއި، ކޮއްކޮމެންނާއެކު ވަގުތު ހޭދަކުރުމާއި މިފަދަ ކަންކަމުގައި ވަގުތު ހޭދަކުރަން ފެށީމަ ފޯނަށް ދެވޭ ސަމާލުކަންވެސް ކުޑަވާނެ. އެކަމަކު ހަނދާންކުރާތި! މިޖަލުން ނިކުމެފަ އަނެއްކާވެސް ފޯނާ ކުޅެން ފަށައިފިއްޔާ އެނބުރި ޖަލަށް ގެންނާނަން.” އެމީހާ ފުރަތަމަ ފަހަރަށް ހިނިތުންވެލިއެވެ.
“ތީ ކާކު؟” އަރްހަމް އެމީހާއަކީ ކާކުކަން އެނގެން ބޭނުންވިވަރުން ސުވާލުކުރިއެވެ.
ކުއްލިއަކަށް އެތަނުގައި ހުރި މަޑުބޮކިތައްވެސް ނިވުނެވެ. މުޅި ތަނަށް ކަނުއަނދިރިކަން ވެރިވިއެވެ. އަރްހަމް ހާސްވި ވަރުން ދުއްވައިގަންނަން އުޅުނެވެ. އެހެންނަމަވެސް އޭނާގެ ފައި ހަރަކާތެއް ނުކުރިއެވެ. އަރްހަމްގެ މޫނުމައްޗަށް އަލިގަނޑެއް އެޅުނު އިރު ކުރިމަތީގައި އެމީހާ ހުއްޓެވެ.
“އަހަރެން މިއީ ޓެބްލެޓް. އަރްހަމްވެސް މާގިނައިން ޓެބްލެޓާ ކުޅެންޏާ މިތަނަށް ގެންނާނީ..”
ސިއްސައިގެން ގޮސްފައި އަރްހަމްއަށް ހޭލެވުނެވެ. ފެނުނީ ހުވަފެނެއްކަން އެނގުމުން އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އެހެންނަމަވެސް ހުވަފެނުން އެމީހާ ކިޔައިދިން ވާހަކަތައް އަރްހަމްގެ ސިކުނޑީގައި ހަރުލާފައި ހުއްޓެވެ. އޭނާގެ ފައިމަތީގައި އޮތް ޓެބްލެޓަށް ބަލައިލަމުން އަވަސްއަވަހަށް އެޓެބްލެޓް ނަގާ މޭޒުމަތީގައި ބާއްވާލިއެވެ.
އެވަގުތަކީ ފަތިސް ނަމާދު ކުރަން އަރްހަމްއަށް ގޮވަން މަންމަ ކޮޓަރިއަށް އައި ވަގުތެވެ. އަރްހަމް ފާހާނާއަށް ވަދެ ދަތްއުނގުޅާ ވުޟޫކޮށްގެން އައިސް ނަމާދަށް އެރިއެވެ. އެދުވަހު އަރްހަމް ޢަޒުމް ކަނޑައެޅީ ޓެބްލެޓް ކުޅެން ގިނަ ވަގުތު ހޭދަނުކުރާށެވެ. އޭނާގެ އަމިއްލަ ނަފްސަށްޓަކައެވެ. ކުރިމަގުގައި ސިއްހަތަށް ގެއްލުންވާނެފަދަ ކަމެއް ނުކުރުމަށެވެ. މުސްތަޤުބަލުގައި ހަރުދަނާ މީހަކަށްވުމަށްޓަކައެވެ.
-ނިމުނީ-
*މިފެށުނު ދިރާސީ އައު އަހަރަކީ ހުރިހާ ކުދިިންނަށްވެސް ކާމިޔާބު އަހަރެއް ކަމުގައި ލެއްވުން އެދި ދުޢާ ކުރަން!*
19 Comments!
Comments are closed.




Thanks you ayaa.
Mihaa reethi ibiraitheri stories liyela dhrythii.
Mihaaru ge kudhinnah rangalhu iburathakah vaane kan yageen.
Unmeedhu kuran kuri ah oi thaangai vx aaya ge mikahala ibiraitheri stories kiyaalan libeyne kamah.
Btw how old are you?hama ahaali ehchekey hee nukurahche
Love you Aaya ❤️
Aayaa ge unmeedhaki mi vaahaka thakun iburaiy haasilukoh kudhin ge ulhun islaahu kurun.. ehennoony vaahaka liyumuge beynumeh nehthaa dhw..
Thank you so much Laura! Comment kiyalafa v ufaa vejje!
Honestly, I don’t like telling my age in public. Hope you understand! I’m a teenager, that’s all i can say!😄🤍
V reethi, iburaihtheri vaahaka eh. Kuriah oeh thanugaives mifadha vaahaka than kiyalan libeyne kamah unmeedhu Kuran 🙂
liyuntheriya ah kaamiyabah edhen!
Thank you so much! Appreciate your support!😊🤍
Masha Allah. Varah reethi vaahaka eh. Love your stories ♥️♥️
Thank you Someone. I appreciate your support! 😊🤍
بارك الله فيك، حبيبتي ❤️
❤️😘!شكرا
Wow varah salhi .thx for this story aayaa!!♡♡
Thank you Seema! 🙂
Mizamaanu gina kudhinnah varah raglhu ibratheh libigen dhaane vahaka eh. Masha Allah
Thank you Shiu! 😊🤍
Cool
✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️😃
Thank you Someone and Anonymous! 😊🤍
Varah salhi aayaa
Thank you Ghost! 😊🤍
Varah salhi vaahaka Eh mee Aaya. Magey namakee ves Aaya
Ohh hi twin, Thank you! 😅🤍