Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ެއުކައިލް

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
May 14, 2024 5 Mins Read
0 Comments

މެންދަމުގެ ހަމަހިމޭން ވަގުތެވެ. އުކައިލް ހުރީ ގެގޭ ޓެރަސް މަތީގައެވެ. އޭނާގެ ލޮލުގައި ދިޔައީ ކަރުނައިގެ މުތީތައް ބަބުޅަމުންނެވެ. އަށްވަނަ ފަންގިފިލާގައި ހުރެ ތިރިއަށް ބަލައިލިއެވެ. ޓެރަހުގައި ޖަހާފައި ހުރި ރައިލިންގައި އަތް އަޅުވައިލުމަށްފަހު ލޯމަރައި ބާރުކޮށްލިއެވެ. އެވަގުތު އޭނާގެ ލޯކުރިމަތިން މާޒީގެ ސަފްހާތަށް އެކި ކުލަކުލައިގައި ނިޔުޅެން ފެށިއެވެ.

އެއީ މީގެ ހަތް އަހަރު ކުރިއެވެ. އުކައިލްއަށް އޭރު ސާދައަހަރެވެ. ގުރޭޑް 8 ގައި ކިޔަވަމުންދާ އުކައިލްއަކީ ހިތްއަލި ވިސްނުންތޫނު ކުއްޖެކެވެ. މިހެންވުމުން އުކައިލްއަކީ އޭނާގެ ކްލާހުގައި ކިޔެވުމަށް އެންމެ މޮޅު ކުއްޖާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް އެކަން ބަދަލުވީ ހަސަދައިގެ ސަބަބުން މީހަކު އޭނައަށް ސިހުރު ހެދުމުންނެވެ. އޭގެ ސަބަބުން އުކައިލްގެ މުޅި ކިޔެވުމަށް ބުރޫ އެޅިއެވެ. ފަންޑިތަ ހަދައިގެން އެނގުނު ގޮތުގައި އެކަންކުރީ އުކައިލްގެ ބޮޑުދައިތައެކެވެ. ނަމަވެސް އޭނަ އެކަމަކަށް އެއްބަހެއް ނުވިއެވެ. މިޒަމާނުގައި ކުށެއްކޮށްފައި އެއްބަސްވާނީވެސް ކާކު ހެއްޔެވެ؟

މުޅިން ރަނގަޅުވުމުން އެއްމަސްފަހުން އުކައިލް އިސްކޫލަށް ދިޔައެވެ. ނަމަވެސް އޭރު ކަންތައް އޮތީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އޭނާގެ ހަޔާތުގައި ހިގައި ދިޔަ ހާދިސާގެ ސަބަބުން އުކައިލް މީހުނާއި ވާހަކަ ދެއްކުން މަދު ކުރިއެވެ. އަދި އެކަނިވެރިކަމަށް އޭނާގެ ހިތްޖެހުނެވެ. އިސްކޫލުގައި އުކައިލްއަށް ހަނގާކުރެވެން ފެށުނެވެ. ފުރަތަމަ ދެރަކޮށްލާ ފަދަ ބަސްތަކުންނެވެ. އެއަށްފަހު ތަޅާ އަނިޔާ ކުރަންފެށީއެވެ. އޭނަ ހުރީ މިކަންތައް މައިންބަފައިންނަށް ސިއްރުކޮށްގެންނެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެ އެއްމަސްތެރޭ އޭނަގެ މައިންބަފައިންވަނީ ކައިވެނީގެ ގޮށް މޮހާލާފައެވެ. އުކައިލް މިހާރު އުޅެމުންދަނީ އޭނާގެ ބައްޕަ ގާތުގައެވެ. ގެއަށް އަންނަ ކޮންމެ ދުވަހަކު އޭނާގެ ހަށިގަނޑުގައި އެތަކެއް ޒަހަމެއް ހުރެއެވެ. ނަމަވެސް އޭނާގެ ބައްޕައަށް މިކަމެއް ނޭނގެއެވެ. އެނގޭނީވެސް އުކައިލްއަށް އަޅައިލާ ނަމައެއްނުން ހެއްޔެވެ؟

އެއްދުވަހަކު އުކައިލްއަށް ހަނގާކުރާ ކުދިން މަޖުބޫރުކޮށްގެން އުކައިލް ފަޅުގެއަކަށް ގެންދިޔައެވެ. އަދި އޭނާގެ އަނގައިގައި ފާޑެއްގެ ފުޅިއެއް ޖެއްސުމަށްފަހު ބުއިމަށް އަމުރުކުރިއެވެ. އުކައިލް އެ ނުބޯން ގަދަހެދުމުން ބެލްޓުންނާއި ލަނކުޑިބުރިން ތަޅާހެދިއެވެ. އެދުވަހު އޭނަ މަސްތުވާތަކެއްޗަށް ތައާރަފުވެގެން ދިޔައެވެ. އޭގެފަހުން ކޮންމެ ދުވަހަކު އެމީހުން އުކައިލް އެތަނަށް ގެންގޮސް ރާ ބޯންދެއެވެ. ފަހުންފަހުން އައިސް އުކައިލްއަށްވެސް އެކަން ކަމުދާން ފެށިއެވެ. ދެން އޭނަ ތައާރަފް ކޮށްދިނީ ހުޅުމާލޭގައި އޮންނަ ބޮޑު ގޭންގެއްކަމަށްވާ ބްލަޑް މާފިޔާ ގޭންގްއަށްށެވެ. އޭރު އޭނަ ސްކޫލުން ނުކަނޑާލާ ހުރީ ކިރިޔާއެވެ. ނަމަވެސް މިކަމަކަށް އުކައިލް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އެ ގޭންގްއާ ގުޅުގެން ކުދިކުދި ވައްކަންތައް ކުރަން ފެށިއެވެ. އެއަށްފަހު އޭނަވީ އެމީހުން މަސްތުވާތަކެތި އެތެރެކޮށް ބޭރު ކުރާ ވަސީލަތަކަށްށެވެ. އުކައިލްގެ ބައްޕައަށް މިކަން އެނގުމުން އައި ރުޅީގައި އުކައިލް ގައިގައި ތެޅިއެވެ. އަދި ގެއިން ބޭރުކޮށްލީ އުކައިލް ކިޔާ ދަރިއަކު އޭނާގެ ނުހުންނާނެ ކަމަށް ބުނުމަށްފަހުއެވެ.

މިކަން އުކައިލް މަންމައަށް އެނގުމުން އުކައިލް އޭނަގާތަށް ގެނައެވެ. އަދި އެހެން ނޫޅުމަށްޓަކައި އެތަށް ނަސޭހަތެއް ދިނެވެ. ބަނޑުއަޅައި ވިހޭ މައިމީހާގެ ރުއިމާއި އާދޭސްތަކުން އުކައިލްގެ ހަރުވެހިލަގަނޑަކަށް ވެފައި އޮތް ހިތް މަޑު ކަފަކޮޅަކަށް ބަދަލުވިއެވެ. އަދި ބަދަލުވާން މަސައްކަތްކުރަން އަޒުމު ކަނޑައެޅިއެވެ. ގްރޭޑް ނުވައެއްގައި ކިޔަވާ އަހަރުކަމުން މަންމަ އުފާވާފަދަ ރަނގަޅު ނަތީޖާއެއް ގެންނަން އޭނަ ބޭނުންވިއެވެ. ނަމަވެސް އުކައިލް ހުރީ މަސްތުވާތަކެއްޗަށް ދެވިހިފާފައެވެ. އެއާ ނުލައި ނޫޅެވޭވަރު ވެފައެވެ. އުކައިލްގެ މަންމަގެ ބުރަ މަސައްކަތުން އުކައިލް އެ އެއްޗިއްސާ ދުރުކުރުވިއެވެ.

ދެން އުކައިލްއަށް އަންނަން ފެށީ މަރުގެ އިންޒާރުތަކެވެ. އޭނާގެ ގޭންގް މީހުންނަށް އުކައިލްގެ މިބަދަލެއް ކަމަކު ނުދިޔައެވެ. ގޭންގްއަށް ވަދެ ގޭންގުން ނުކެނޑެވޭނެކަމަށް ބުންޏެވެ. އެ މީހުންގެ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ބޭނުންކުރާ ވަސީލަށް އެގޮތަށް ދިޔަދޭކަށް އެމީހުން ބޭނުމެއް ނުވިއެވެ. އެހެންކަމުން އުކައިލް އިސްކޫލަށް ދާ މަގުމަތީގައި ފުރައްސާރަ ކުރަންފެށިއެވެ. އުކައިލް މަންމައަށް މިކަން އެނގުމުން މެލޭޝިޔާއަށް އެމީހުންގެ ދިރިއުޅުން ބަދަލު ކުރިއެވެ.

އޯލެވެލްއިން އުކައިލްއަށް ލިބިގެން ދިޔައީ މަންމަ ފަހުރުވެރި ކުރުވި ނަތީޖާއެކެވެ. މިހާރު އޭނާގެ މުޅި ދިރިއުޅުމަކީ އޭނާގެ މަންމައެވެ. އެ މަންމަ އުފާވާނޭ ފަދައިން ކަންތައް ކުރުމަށް އުކައިލް އިސްކަންދެއެވެ. އުކައިލް ބޭނުންވީ ޕޮލުހުންގެ ޓްރޭނިންއެއް ފަށާށެވެ. އޭނާގެ މަންމަގެ ރުހުން ލިބުމުން ޓްރޭނިން ފެށިއެވެ.

އޭގެ ހަތަރު އަހަރު ފަހުން އުކައިލް މަންމަގެ ގޭގައި ބަޔަކު އަލިފާންޖެހި ވާހަކަ އަޑުއިވުމުން ރާއްޖެ ދާންޖެހުނެވެ. އޭރު އުކައިލްގެ ޓްރޭނިން ވަނީ ނިމިފައެވެ. ގެޔަށް ދެވުންއިރު ގެ ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ. އެކަން ކުރި ބަޔަކު އެކަކަށްވެސް ފެނިފައެއް ނުވެއެވެ. އުކައިލް ދިޔައީ މަންމަ ފަރާތު ބޮޑުބޭބެއެއްގެ ގެއަށްށެވެ. އެމީހުންގެ ހިތްހެޔޮކަމުން އުކައިލްމެނަށް އެގޭގައި ބޭނުން ދުވަހަކު ތިބުމަށް ހުއްދަދިނެވެ.

ގެ އެނދުމުން ލާރި ލިބޭނެ ގޮތެއް އުކައިލްމެނަކަށް ނެތެވެ. އެހެންކަމުން އޭނަ ޕޮލިހާ ގުޅުނެވެ. އެއްދުވަހަކު އުކައިލް ޑިޔުޓީ ނިމުމުން ގެއަށް އައިސް ލިފްޓަށް އަރަން އުޅެނިކޮށް މީހެއްގެ ގައިގައި ޖެހުނެވެ. އެމީހާ މާފަށް ނޭދި ދިޔުމުން ފާޑަކަށް ބަލަން ހުރުމަށްފަހު އެތެރެއަށްވަނެވެ. އެޕާރޓްމެންޓަށް ވަދެ މަންމަ ގައިގައި ކުޑަކޮށް ބައްދާލުމަށްފަހު ބޮޑުބޭބެގެ އަންހެނުންނާއި ވާހަކަ ދައްކާލައިފައި އުކައިލް ދިޔައީ ފެންވަރާށެވެ. ފެންވަރައި ނިމިގެން ޓީޝާޓްއަކާއި ސޯޓެއް ލުމަށްފަހު ޔުނީފޯރމް ކޮޑުގައި އަޅުވައިލިއެވެ. އެވަގުތު އޭނާގެ ފަޓުލޫނުން ކަރުދާސްކޮޅެއް ވެއްޓުނެވެ. އުކައިލް ކަރުދާސްކޮޅު ނެގުމަށްފަހު ބަލައިލިއެވެ. އޭގައި އޮތް ލިޔުންކޮޅު ފެނުމުން އުކައިލް ދެއަތް ތުރުތުރުއަޅައިގެން ދިޔައެވެ. ދެވަނަ ސުކުންތު އެކަރުދާސްކޮޅު ކުދިކުދިކޮށްލުމަށްފަހު ޑަސްޕިނަށްއަޅައިލިއެވެ.

ދުވަސްކޮޅަކަށްފަހު ޕޮލިހުގައި ގޭންގްތަށް ހުއްޓުވުމަށްޓަކައި ބޮޑު އޮޕަރޭޝަންއެއް ބޭއްވުނެވެ. އުކައިލްވެސް އެ އޮޕަރޭޝަންގައި ބައިވެރިވިއެވެ. ބްލަޑް މާފިޔާ ގޭންގް ނޫނީ ގިނަ ގޭންގްތަކެއް ޕޮލިހުންގެ އަތްދަށުވިއެވެ. ހުރިހާ ގޭންގްތަކަކީވެސް ބޮޑެތި ވައްކަމާއި ފޭރުންތައް އަދި މަސްތުވާތަކެތީގެ ވިޔަފާރީގައި އަރާހުރި ގޭނގްތަކެވެ. އަޑިއަށް ފީނިވަރަކަށް ވިޔަފާރީގެ ބޮޑު މީހެއްގެ އަތް މި ގޭންގްތަކުގެ ފަހުތުގައިވާކަން ޔަގީން ވެގެން ދިޔައެވެ. އެކަމުގެ އަޑި ހޯދަން މަސައްކަތް ކުރި ވަރަކަށް އެކި މީހުންގެ ފިތްތުންތައް ކުރިމަތި ވާން ފެށިއެވެ. އުކައިލް ބްލަޑް މާފިޔާ ގޭންގްއާއި ގުޅޭގޮތުން އެނގޭ ހުރިހާ މައުލޫމާތެއް ޕޮލިހުންނަށް ދިނެވެ.

އެއްދުވަހު ހަވީރުގެ ވަގުތެވެ. ބައިވަރު މަސްތުވާތަކެއްޗާ އެކީ ފަޅުރަށެއްގައި ޕާޓީކުރަން ބަޔަކު ތިބި ކަމަށް މައުލޫމާތު ލިބުމުން އުކައިލް އާއި ދެ ތިން ޕޮލިހުން އެރަށަށް ދިޔައެވެ. އެމީހުން ހައްޔަރުކޮށް މާލެ ގެނައި އިރު، އަންހެނެއްގެ ހަށިގަނޑުގައި އަލިފާންޖެހި ވާހަކައެއް ފެތުރިއްޖެއެވެ. މައުލޫމާތު ލިބުނު ގޮތުގައި އެކަން ކޮށްފައިވަނީ މަޖީދީ މަގުގެ ގޯޅިގަނޑެއްގެ ތެރޭގައެވެ. އުކައިލްއަށް އެވާހަކަ އަޑުއިވުމުން ހިތް ނުބައި ގޮތަކަށް ތެޅިގަތެވެ. އޭނާގެ ހަށިގަނޑުގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް ދަތުރުކުރީ އޭނާގެ ބޮޑުބޭބެ އިނދެގެން އުޅޭ މީހަ ގުޅާފައި ރޯން ފެށުމުންނެވެ. އެވަގުތު އޭނާގެ ހިޔާލަށްއައީ ކުރިން ދުވަހަކު އޭނައަށް ލިބުނު ގަނޑުކޮޅުގައި ލިޔެފައިވާ ލިޔުންކޮޅެވެ.

” ގެއަށްވީހެން ކަލޭގެ ގާތް މީހުނަށް ވާން ބޭނުން ނޫނިއްޔާ ތި ކުރާ ކަންތަށް ހުއްޓާލާ!! ”

އުކައިލްއަށް ހިންދިރުވާލެވުނެވެ. އޭނާގެ ބޮޑުބޭބެ ފޯނު އަތުލުމަށްފަހު ޓްރީޓޮޕް ހޮސްޕިޓަލަށް އަވަހަށް އައުމަށް އެދުނެވެ. އުކައިލް އޭނާގެ ހެޑް ސާރޖެންޓް ގާތުން ހުއްދަ ހޯދައިގެން އެކުވެރި ޕޮލިހަކާއެކީ ސައިކަލުގައި ހޮސްޕިޓަލަށް ދިޔައެވެ. ފަސްވަނަ ފްލޯއަށް ލިފްޓް ހުޅުވުމާއިއެކު އުކައިލްގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އަވަސް ފަރުވާދޭ ކޮޓަރިއާއި ދިމާލުގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އޭނާގެ ބޮޑުބޭބެއެވެ. އެއަށްފަހު ގޮޑިއެއްގައި އިށީންދެގެން ރޯންއިން ބޮޑުބޭބެގެ އަންހެނުންނެވެ. އުކައިލްއަށް ވެގެން އުޅޭގޮތް ކޮންމެވެސް ވަރަކަށް ފަހުމް ވެގެން ދިޔައެވެ. އެއާއެކު ކިތަންމެ ހިތްވަރު ކޮށްގެން ހުރިނަމަވެސް އޭނާގެ ދެލޯ ކަރުނުން ފުރިގެން ދިޔައެވެ.

އުކައިލް ގާތަށް ބޮޑުބޭބެ އައުމަށްފަހު ހިތްވަރު ކުރުމަށް އެދުނެވެ. އަދި މަންމައަށް ބޭނުންވަނީ އޭނާގެ ހެޔޮ ދުއާ ކަމުގައި ބުނެ ވިސްނައިދިނެވެ. އެވަގުތު ޑޮކްޓަރު ނިކުތެވެ. ދެން އިވުނީ އުކައިލް ހަޔާތުގައިވެސް އެންމެ އަޑުއަހަން ބޭނުންނުވާ ބަސްތަކެވެ. ” އައިމް ސޯ ސޮރީ ޝީ އިޒް ނޯ މޯރ ” އުކައިލްއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. އެއާއެކު އޭނާގެ އެސްފިޔަތަށް ފޫއަޅުވާފައި ހޫނު ކަރުނަތަށް ފައިބައި ގަތެވެ. ދެލޯ އަތުން ފުހެލީ ކަރުނަތައް މީހަކަށް ނުދެއްކުމަށްޓަކައެވެ. އެ އަޑު އިވުމުގެ ކުރިން އޭނާގެ ކަންފަތް ބީރުވިނަމަ އޭ ހިތަށް އެރިއެވެ. އިރުކޮޅަކުން އޭނާގެ މަންމަ ކޮޓަރިން ނެރުނެވެ. އޭރު އެ ހަށިގަނޑުވަނީ ހުދު ފޮތިގަނޑަކުން ނިވާ ކުރެވިފައެވެ. އެ ފޮތިގަނޑު ވަނީ ރަތް ކުލައިގެ ލެއިން ފެވިފައެވެ. ހިތްވަރު ކޮށްލާފައި އުކައިލް މަންމަގެ މޫނު ބަލައިލުމަށްޓަކައި މޫނުގައި އަޅާފައިވާ ފޮތިގަނޑު ކަހައިލިއެވެ. އެ މަންޒަރު ފެނުމުން އުކައިލް ގާތުގައި ހުރި ބޮޑުބޭބެގެ އަންހެނުން އަނބުރައިގަތެވެ. އޭނާގެ ބޮޑުބޭބެއަށް މޫނު އަނބުރާލެވުނެވެ. އޭރުވެސް އުކައިލްއަށް ހުރެވުނީ ގަބު އަރާފައި އޭނާގެ މަންމަގެ މޫނަށް ބަލާށެވެ.

މޫނުމަތިން ނޭފަތެއް ތުންފަތެއް ވަކި ނުވެއެވެ. މޫނު އެއްކޮށްވަނީ ފިހިފައެވެ. ހަށިގަނޑުވެސް އޮތީ އެހާލުގައިކަން ފޮތިގަނޑަށް ބަލައިލުމުން އެނގިގެން ދެއެވެ. އުކައިލް ގަބު އަރައިފައި ހުއްޓާ ޑޮކްޓަރު މަޑުމަޑުން އޭނާގެ މަންމަގެ މޫނު ނިވާކޮށްލިއެވެ. އެނާގެ އެކުވެރިޔާ އައިސް ހިތްވަރު ދިނުމުގެ ގޮތުން ކޮނޑުގައި އަތް ބާއްވާލިއެވެ.

އެރޭގެ އިޝާ ނަމާދަށްފަހު އުކައިލްގެ މަންމަ ފަސްގަނޑުގެ އަޑިގައި ވަޅުލެވިގެން ދިޔައެވެ. ކަށުނަމާދަށް އުކައިލްގެ ބައްޕައައެވެ. ނަމަވެސް އުކައިލް ހުރީ އެކަން ދެނެގަންނަ ހާލެއްގައި ނޫނެވެ. ކަށުނަމާދުކޮށް މަންމަ ވަޅުލިއިރުވެސް އެންމެ ކަރުނަ ތިއްކެއްހައި ހިސާބުވެސް ވައްޓައެއް ނުލައެވެ. ހުރިހައި ކަމެއް ނިމުމުން އުކައިލް ދިޔައީ އޭނަ މިހާރު އުޅެމުންދާ ބޮޑުބޭބެގެ ގެއަށްށެވެ. ކާން އައުމަށް ގޮވުމުންވެސް ނުކާނަން ކަމުގައި ބުނެ އެނދުގައި އޮށޯވެގެން އޮތެވެ. އެނދުގައި ނުނިދި ފުރޮޅި އޮވެ އޮވެ ވަރުބަލިވުމުން އޭނަ ދިޔައީ ގޭގެ ޓެރަހަށްށެވެ. އޭރު މެންދަމު ހަތަރެއް ޖަހައިފިއެވެ.

މާޒީގެ ހިޔާލުތަކުން އެއްފަރާތް ވެވުން އިރު އުކައިލްގެ ދެލޮލުން ދިޔައީ ހޯސްލާފައި ކަރުނަތައް ފައިބަމުންނެވެ. ދެލޮލުން ވެއްޓެމުންދިޔަ ކަރުނަތަށް ހުއްޓުވާކަށް މިފަހަރު އުކައިލް މަސައްކަތެއް ނުކުރެއެވެ. ރެއިލިންގައި އަތް އަޅުވައިލައިގެން ހުރެ ވޭނީ ރުއިމަކުން އުކައިލް ދިޔައީ ރޮމުންނެވެ. މީހުން ބުނެ އުޅެއެއްނުން ހެއްޔެވެ؟ ފިރެހެން ކުދިން ނުރޯނެއެވެ. ނަމަވެސް އެމީހުންގެވެސް މޭގައި އޮންނަނީ ހިތެއްނުން ހެއްޔެވެ؟ ނުވަމަހު ބަނޑުގައި ބާއްވައިގެން ގަދަ ވޭން ކަނޑައްތުކޮށް ދުނިޔެއަށް ގެނައި މައިމީހާ ވަކިވުމުން ދެރަ ނުވާނީ ކާކު ހެއްޔެވެ؟ ނުރޯނީ ކާކު ހެއްޔެވެ؟ އެންމެން އޭނަ ބާކީ ކޮށްލި ދުވަހުވެސް އޭނާއަށް އެކަނިވެރި ވާނޭ ފުރުސަތެއް ނުދީ އޭނައާއި މެދު އުންމީދު ދޫނުކޮށް އޭނަ ހެޔޮ މަގަށް ގެނައީ އެ މަންމައެވެ. ނަމަވެސް…

” މަންމާ އެވެ! އަހަރެން ދޫކޮށްލާފައި ތި ދިޔައީ ހާދަ ދުރަކަށްށެވެ! އަހަރެން އެކަނި މި ބޮޑު ދުނިޔޭގައި އުޅޭނީ ކިހިނެތް ހެއްޔެވެ؟ ދުވަހަކުވެސް ތި ލޯބި ފިރުމުންތަކުން ވަކިވާކަށެއް ބޭނުމެއް ނޫނެވެ! އަހަރެން މަންމަ އާއި ނުލައި އުޅޭނީ ކިހިނެތް ހެއްޔެވެ؟ މީ ހުސްވެސް އަހަރެންގެ ކުށެވެ. އަހަރެން އެ ގޭންގަށް ނުވަދުން ނަމައެވެ.. އަހަރެން މަސްތުވާތަކެތި ބޭނުން ނުކުރި ނަމައެވެ.. އަހަރެން އެ ކަރުދާސްކޮޅު ސާރއަށް ދެއްކުން ނަމަ.. މަންމަ މިއަދު ދުނިޔޭގައި ހުންނާނެކަން ޔަގީނެވެ. މަންމަ ނެތް ދުނިޔެއެއްގައި އަހަރެން އުޅޭކަށް ބޭނުމެއް ނޫނެވެ. އަހަރެން މިތަނުން ފުންމާލާނީއެވެ. އޭރުން އެ ގޭންގްގެ މީހުނަށްވެސް ރަނގަޅު ވާނެއެވެ. އޭރުން ބޮޑުބޭބެމެންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތެއް ނޯންނާނެއެވެ. އަހަރެން ދިޔައީމަ އެމީހުންނަށްވެސް ނުލާހިކު ފަސޭހަ ވާނެއެވެ… ”

އުކައިލް ހިތާހިތުން އެހެން ބުނުމަށްފަހު ރެއިލިންގެ މައްޗައް އެރިއެވެ…

 

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

މަގޭ މާއިލް 12

Next

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ހަތާވީސްވަނަ ބައި)

Next
May 14, 2024

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ހަތާވީސްވަނަ ބައި)

Previews
May 13, 2024

މަގޭ މާއިލް 12



All Right Reserved!