އިންސާފަކީ މިއީ ބާ؟
ފަތިހުގެ ހިތްގައިމު ވަގުތެވެ. ދުނިޔެ ފުން ނިންޖެއްގެ ތެރޭގައިވާހެން ހީވެއެވެ. އެވަގުތުގެ ނިދިން މަހުރޫމްވެ ބައެއް މީހުން ދިޔައީ އަޅުކަމުގައި މަޝްޢޫލުވަމުންނެވެ. ޔަލްވީ ނަމާދުކޮށް ނިމުމުން ގުރުއާން ކިޔެވުމަށްފަހު ނަމާދު ކުރާ ދޮޅި ބޭލިއެވެ. މުސައްލަ ފަތްޖަހާލުމަށްފަހު ކަބަޑު މަތީގައި ބާއްވާލިއެވެ. ފުން ނޭވާއެއް ލުމަށްފަހު ދުވަސް ފެށުމަށް ތައްޔާރުވާން އުޅުނެވެ. ދުވަންދާން ލާ ހެދުން ލައިގެން ޔަލްވީ ދިޔައީ ކުޑަކޮށް ދުވެލާށެވެ.
ފަތިސް ވަގުތު ވުމުން މަގުތައް ވަނީ ހިމޭންވެފައެވެ. ޖެހެމުން ދިޔަ ތެތްފިނި ވައިން ޔަލްވީގެ ސިކުނޑިއަށް ފިނިކަމެއް ލިބުނެވެ. އިރުއަރާތަން ބަލައިލަން އަތިރިމަތީ އިން ރުކެއްގައި ޔަލްވީ އިށީނެވެ. އުޑުމަތިވަނީ އޮރެންޖާއި ރަތުގެ އެކި ކުލަކުލައިން ފަވާލެވިފައެވެ. ޔަލްވީ ރަށަށް އެއައީ އޮފިސް އެޑްމިނިޓްރޭޝަން ކޯހުގެ ތިން އަހަރުގެ ޑިގްރީ ނިންމާފައެވެ. އޭނާ ބޭނުންވަނީ ކިޔަވައި ނިމުމުން އަމިއްލަ ރަށަށް ހިނދުމަތް ކޮށްދޭށެވެ.
އިރުގެ ރަން ދޯދިތައް އޭނާގެ މޫނަށް އަރައިގެން ދިޔުމުން ގަޑިބަލައިލިއެވެ. މިއަދު އޭނަ ރަށުސްކޫލު އޮފީހުން ކުރިމަތިލާފައިވާ ވަޒީފާގެ އިންޓަވިއުއަށް 7:30 ގައި ދާންޖެހެއެވެ. ގެއަށްގޮސް ފެންވަރައިލައިގެން ތައްޔާރުވިއެވެ. ކަނޑުނޫކުލައިގެ ދިގު އާބަޔާއެއްލުމަށްފަހު މަޑު ނޫކުލައިގެ ޝޯލްއެއް ރީތި ގޮތަކަށް އަޅާލިއެވެ. އެއަށްފަހު މަޑުފިޔާތޮށި ކުލައިން އޭނާގެ ބޯ ތުންފަތް ފަވާލިއެވެ. އެންމެ ފަހު ކަމަކަށް ގަޔަށް ސެންޓް ޖަހާލިއެވެ. ދެފަރާތަށް އެނބުރިލުމަށްފަހު ލޯގަނޑުން ފަރި ބަލައިލުމަށްފަހު ކުޑަ ހިނިތުންވުމެއް ވެރި ކޮށްލަމުން ” އަހަރެންނަށް މިކަން ވާނެ ” އޭ ބުނެލިއެވެ.
” ދަރިފުޅާ އާދޭ ސައިބޯން.. ” ޔަލްވީގެ މަންމަ ކަމަށްވާ ހައިނާ ގޮވައިލިއެވެ. ޔަލްވީ އޭނާގެ ކޮނޑުގައި އަޅުވައި މަޑު ނޫކުލައިގެ ދަބަސް ހިފައިގެން ކޮޓަރިން ނިކުތެވެ. އޭރު ކާމެޒުގައި ޔަލްވީގެ ބައްޕަ އާއި ކޮށްކޮއިނެވެ. އެންމެނަށް ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު ޔަލްވީ އޭނަ އާންމުކޮށް އިންނަތާ އިށީނެވެ. ” ޔަލް ދަރިފުޅާ އެހާ ހާސް ނުވައްޗޭ އިރާދަ ކުރެއްވިއްޔާ ޔަލްއަށް އެ ވަޒީފާ ލިބޭނެ.. ” ހައިނާ ޔަލްވީ ހާސްވެފައި އިނުމުން ބުނެލިއެވެ. އެއާއެކު ޔަލްވީ މަންމައަށް ހިނިތުންވުމެއް ރައްދު ކޮށްލިއެވެ. ” އިންޝާ ﷲ” ޔަލްވީ ބައްޕަ ޔާނިޝް އިތުރުކޮށްލިއެވެ. ” ބައްޕަ އަޅުގަނޑު ލާން ދާނަން ދޯ؟؟ ” ޔަލްވީ ބައްޕަ ގާތު އަހައިލިއެވެ. އެއާއެކު ޔާނިޝް ބޯޖަހައިލަމުން އެއްބަސް ވެލިއެވެ. ” ގުޑްލަކް ދޮންތީ ” ޔަލްވީގެ ކޮށްކޮ ކަމަށްވާ ހިޔާން ބުންޏެވެ. ޔަލްވީ ޝުކުރު އަދާކުރުމަށްފަހު ސައިބޮއެ ނިމުމުން ހިނގައިގަތެވެ.
ސްކޫލް އޮފީސް ދޮރުމަތީ އެސެންބުލީ ލައިންއެއް ފަދައިން ވަޒީފާ އާއި ކުރިމަތި ލައިފައި ތިބި މީހުން ވަނީ އަތުރައި ލެވިފައެވެ. ޔަލްވީއާ ލައިގެން ހަ ކުއްޖަކު ހުއްޓެވެ. ގިނައިރެއް ނުވެ ޔަލްވީއަށް ގޮވައިލިއެވެ. އިންޓަވިއުގައި ކުރަމުން ދިޔަ ސުވާލުތަކަށް ޔަލްވީ ދިޔައީ ތެދުވެރިކަމާއި ކެރުންތެރިކަމާއެކު ޖަވާބުދެމުންނެވެ. އިންޓަވިއު ދިޔަގޮތުން ޔަލްވީ ހުރީ ހަމަޖެހިފައެވެ. ޔަލްވީއަށް ވަޒީފާ ލިބޭނެކަމުގެ ޔަގީންކަން އެހިތުގައި އޮތެވެ. ޔަލްވީ ގެއަށް ދިޔައިރު މަގުމަތިން އިސްކޫލު ދަރިވަރުން ގެއަށް ދާ ތަން ފެނެއެވެ. ކުއްލިއަކަށް މީހަކު އޭނާ ގައިގައި ޖެހުމުން ސިހިފައި ބަލައިލިއެވެ.
” ހޭ ޔަލްލް.. ކިހިނެތްތަ؟؟ ސްކޫލްއިން ދިޔަ ފަހުން އަހަރުމެންނަށް ހަބަރެއްވެސް ނުވެޔޭ!! ” އެމީހަ ބުންޏެވެ. ޔަލްވީ ހަނދާން ކުރަން އުޅެއުޅެވެސް އެއީ ކާކު ކަމެއް ހަނދާނެއް ނުވިއެވެ. އެހެންކަމުން އޭނަ އެއްބުމަ އަރުވައިލިއެވެ. ” ޕިސް މަ މީ ކާކުކަން ވެސް މިހާރު މަންޖެއަކަށް ނޭނގެ ދޯ؟؟ ވީރާ މަގޭ ނަމަކީ.. އެކަމަކުވާ އަހަރުން މީ ގުރޭޑު އެކަކުން ފަށާގެން ކްލާސް މޭޓުންނޭ.. ” ވީރާ އެހެން ބުނުމުން ޔަލްވީއަށް ކޮންމެވެސް ވަރަކަށް ހަނދާންވިއެވެ. ” އޯހް ހަނދާން ވެއްޖެ!! ވީ ކިހިނެއްތަ؟ ” ޔަލްވީ އެކުވެރި ރާގަކަށް އަހައިލިއެވެ. “މަ ހަމަ ބަރާބަރޭ.. ދެން މާލެ ދެވުނީމަ އަހަރުން މީ އެކައްޗެއްވެސް ނޫން ދޯ؟؟ އަހަރުން މީހުންނާ އިންދެގެން އުޅޭއިރުވެސް މަންޖެ ތިހުންނަނީ ހުހަށް ” ވީރާ ބުނެލިއެވެ. ޔަލްވީ ބުނާނެ އެއްޗެއް ނޭނގުމުން ލުއިގޮތަކަށް ހީލިއެވެ.
” މަންޖެ ވަޒީފާއަށް އިންޓަވިއު ކޮށްފަތަ ތިއައީ؟؟ ކިހިނެތް އިންޓަވިއު ދިޔައީ.. އަހަރެންވެސް މިއައީ އިންޓަވިއު ކޮށްފަ.. މަށަށް ހީވަނީ ލިބޭނެހެން.. ކޯހެއް ހަދައިގެން މިއުޅެނީ.. ޑިގްރީ ފެށުނީ މިހާރު.. މަންޖެ ކޯސް ހެދީތަ މާލެއަށް ގޮސް؟ ” ވީރާ އެހިއެވެ. ” ހޫމް އިންޓަވިއު ކޮށްފަ މިއައީ.. ހަމަ ރަނގަޅަށް ދިޔައީ.. އެހެން ދޯ.. އާން އަހަރެން ޑިގްރީ ނިންމާފައި މިއައީ..” ޔަލްވީ ވީރާ ކުރި ސުވާލުތަކަށް ޖަވާބުދިނެވެ. ” އޭ ޑިގްރީ ނިންމީ އޭ؟؟ ހާދަ އަވަހަކަށް؟؟ ” ވީރާ ހައިރާން ކަމާއެކު އަހައިލިއެވެ. ” ސްކޫލު ނިމުން ގޮތަށް މިކަންތަކޭ މިކުރީ.. އަވަހަށް ނިންމާލީމަ ފަސޭހައެއްނުން..؟ ” ޔަލްވީ ހީލަމުން ބުނެލިއެވެ. ” އެހެންދޯ ” ވީރާ ބުނެލިއިރު ޔަލްވީއަކަށް އޭނާގެ މޫނެއް ނުފެނުނެވެ. އޭރު ވީރާގެ މޫނު ހީވަނީ ސާދަ ވިލޭރޭގެ ހަނދަށް ބަނަވިލާގަނޑެއް އެޅިފައިވާހެންނެވެ. ދަނީ އޭ ބުނުމަށް ފަހު ވީރާ ހިނގަށްޖެއެވެ. ޔަލްވީވެސް ހިނިތުންވެލުމަށް ފަހު އަދި ދިމާވެލަން ވާނޭ ބުނުމަށްފަހު ހިނގައިގަތެވެ.
ވީރާ ގޭތެރެއަށް ވަދެގެން އައިއިރު އޭނާގެ އެކުވެރިއެއް ކަމަށްވާ ރަފްގާ ސޯފައިގައި އިނެވެ. ވީރާ ހުރި ގޮތުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އޭނައަށް ޔަގީންވިއެވެ. ” އަނެއްކާ މިހަކާ ޒުވާބެއް ހިންގާލީ؟؟ ” ރަފްގާ އަހައިލިއެވެ. ” ނޫނޭ.. އިނގޭތަ އަހަރުން ކްލާހުގަ އުޅުނު ޔަލްވީ އައިސްގެން އެބައުޅޭ.. ކިޔަވައިގެނޯލަ އައިސްގެން އެއުޅެނީ.. ސްކޫލުގެ ވަޒީފާގެ އިންޓަވިއުއަށް އައިސް ހުރީ.. މަށަށް ޔަގީން އޭނައަށްކަން ލިބޭނީ މަށަށް ވުރެ މޮޅު މީހެއް އެނޫނީ ނެތް.. ކަޑާއޭ މަ ބޭނުމޭ އެ ވަޒީފާ.. ހުވާ ބޮޑު އުނދަގުލެއް ސްކޫލުގަ އުޅޭއިރުވެސް އެހާ އުނދަގޫ ބޮޑު.. ފަޒީންވެސް މަށަށް އާބަސް ނުދިނީ އެ އަންހެނާއާ ހެދި.. ” ރުޅިއައިސް ރަތްވެފައި ހުރެ ވީރާ ބުންޏެވެ. ” ޕިސް ވަރެއްގެ އަންހެނެއްނުން.. އޭ ވީރާ ކަލެއަށް ލިބިދާނެ އެ ވަޒީފާ މަބުނާ ގޮތެއް ހަނދައިގެން.. ” ރަފްގާ ބުނެލިއެވެ. ވީރާ ވަގުތުން އޭނަ ކުރަންވީ ކީތްތޯ އަހައިލިއެވެ.
” އިންޓަވިއު ކުރަން އިނީ ކައިލާންއެއްނުން؟؟ އެސޮރަށް ކޭޝްކޮޅެއް ދޭންޖެހޭނީ.. ލާރިއާ ހެދި މޮޔަވެފަ ހުންނަ މީހެއް އެއީ.. ލާރި ކޮޅެއް ދެނިކޮށް އޭނަ ނުކުރާނެ ކަމެއް ނޯންނާނެ.. މަށަށް އޭނާގެ ނަންބަރު ހޯދާލެވޭނެ ހައިކަލް އަތުން.. އޭނާގެ ބެސްޓް ފްރެންޑްއެއީ.. ” ރަފްގާގެ ވާހަކަ ނިމުނު އިރު ވީރާ ހީލާފައި އޭނާގެ ކޮނޑުގައި އެލިގަތެވެ. ” ކަލޭގެ މިބޮލުގެ ނާށިގަނޑުތެރޭ ސިކުނޑިއެއް އޮވޭދޯ؟؟ އަވަހަށް ހޯދާ އޭނަގެ ނަންބަރު.. މިކަން ކާމިޔާބު ވިއްޔާ ކަލެއަށް ކެއުމެއްދޭނަން..” ނުލަފާ ހިނިގަނޑެއް ޖަހައިލަމުން ވީރާ ބުންޏެވެ.
ރަފްގާ އެރޭ އޭނާގެ ފިރިމީހާ ހައިކަލްއަތުން ކައިލާންގެ ނަންބަރު ހޯދިއެވެ. ހަމަ އެރޭ ވީރާ ކައިލާންއަށް ގުޅިއެވެ.
” އަސްއަލާމުއަލައިކުމް.. އަޅުގަނޑު މީ ވީރާ މިއަދު ތިބޭފުޅާ އިންޓަވިއު ކުރި ކުއްޖެއް އިނގޭތޯ ” ވީރާ ބުނެލިއެވެ.
” އާދެ.. ކިހިނެތްވީތޯ؟؟ ” ކައިލާން އަހައިލިއެވެ.
” ވާހަކައެއް ދައްކާލަން.. ފޯނަކުން ނުބުނެވޭނެ.. އަޅުގަނޑާ ބައްދަލު ކުރެވިދާނެތޯ؟؟ ” ވީރާ އަހައިލިއެވެ.
” ކޮންއިރަކު ބައްދަލު ކޮށްލަން ބޭނުންވަނީ؟؟ ” ކައިލާން އަހައިލިއެވެ.
” މި ވަގުތުވެސް ހަމަ ރަނގަޅު ” ކައިލާން ބުނާއެއްޗެއް ބަލަން ވީރާ ބުނެލިއެވެ.
” އެންމެ ރަނގަޅު އާދޭ އަހަރެންގެ ގެއަށް ދިހައެއް ޖަހާއިރު.. ” ކައިލާން ބުނެލުމާއިއެކު ވީރާ ތެޅިގަތެވެ. ނަމަވެސް ވަޒީފާ ބޭނުންވެފައި ހުރިވަރުން އެއްބަސްވިއެވެ.
އެއަށްފަހު އަވަހަށް ތައްޔާރުވާން ފެށިއެވެ. ރަތްކުލައިގެ ގަޔަށް ބާރު ވަނާތަށް ފާޅުވާފަދަ ހެދުމެއްލުމަށްފަހު ތުންފަތުގައި ގަދަ ރަތް ކުލަ ޖައްސާލިއެވެ. ކަޅު ކުލައިގެ ޝޯލް ހަމައެކަނި އިސްތަށިގަނޑު ނިވާވާ ވަރަށް ފަދައިން އެޅިއެވެ. ” ވީ ތާކަށް ދާންތަ ތިއުޅެނީ؟؟ ” ވީރާގެ ފިރިމީހާ ޒިދާން އަހައިލިއެވެ. ” އާން އެކުވެރިޔަކާ ބައްދަލު ކޮށްލަން މިދަނީ.. ނޭނގެ އާދެވޭނެ އިރެއް ދާން ނިދާލާ.. ” ވީރާ ފޫހި ގޮތަކަށް ބުނެލިއެވެ. ޒިދާން އެއްޗެކޭ ބުނެމެއްނެތި ތުވާލި ހިފައިގެން ފާހަނައަށް ވަނެވެ.
ކައިލާންގެ ގެ ކައިރިއަށް އައުމަށްފަހު ވީރާ ގުޅައިލިއެވެ. އެއާއެކު ކައިލާން ވަނުމަށް ބުނެލިއެވެ. ވީރާ ގޭތެރެއަށް ވަނުމުން ކައިލާން ސިޓިންރޫމްއަށް ވީރާ ގެންގޮސް ސޯފާގައި އިށީނުމަށް ބުނެލިއެވެ. އަދި ދައްކަން އައީ ކޮން ވާހަކައެއް ތޯ އަހައިލިއެވެ. ” އިންޓަވިއު އިން ވަޒީފާއަށް އެންމެ ގިނަ ޕޮއިންޓް ލިބިފައި ހުރީ ކާކަށް؟؟ ” ވީރާ ސުވާލު ކޮށްލިއެވެ. ” އެއީ ކީއްކުރަން ވީރާ ބަލާ އެއްޗެއް؟ ” ހިނިއައިސްފައި އިދެ ކައިލާން އަހައިލިއެވެ. ވީރާ ކައިލާންގެ ކުރިމަތީ ހުރި މޭޒުގައި ފަސްހާސް ރުފިޔާގެ ނޫޓް ބާއްވާލިއެވެ. އެއީ އޭނާގެ ފިރިމީހާގެ ބުރަ މަސައްކަތުން ހޯދާފައިވާ ލާރިއެވެ. ކައިލާން ވަގުތުން ހަށިގަނޑު ތެދުކޮށްލިއެވެ. ވީރާގެ އަމަލުން އޭނާގެ ނިޔަތް ކައިލާންއަށް އެނގިގެންދިޔައެވެ. ” ޔަލްވީއަށް އެންމެ ގިނަ ޕޮއިންޓް ލިބިފައި އޮތީ.. އޭނައަކީ ވަޒީފާއަށް އެންމެ އެކަށީގެން ވާ މީހާކަމުގައި ބެލެވެނީ..” ކައިލާން ބުނެލިއެވެ. ” އެ ވަޒީފާ އަހަރެންނަށް ދެވޭގޮތްވެދާނެތަ؟ ” ވީރާ އަހައިލިއެވެ. އެއާއެކު ކައިލާން ކަމަކާމެދު ވިސްނާފަދައިން އޭނާގެ ދިގު ތުބުޅީގައި އަތް ކާއްތާލިއެވެ. ވީރާ ހިނިތުންވެލަމުން އަނެއް ފަސްހާސް މޭޒުމަތީ ބާއްވާލިއެވެ. އެއާއެކު ކައިލާންގެ ދެލޯ ރަންކުލައިން ދިއްލުން ފަދައެވެ.
“އެ ވަޒީފާ އަކީ ވީރާގެ ހައްގެއް ހަހަހަ… އެކަމަކު އަހަރެން އަދި ބޭނުންވާ ކަމެއް އެބައޮތް.. ” އެހެން ބުނުމަށްފަހު ކައިލާން ވީރާ ގާތު އޭނާގެ ކައިރިއަށް އައުމަށް އެދުނެވެ. ވީރާގެ އަތުގައި ހިފައި ލުއްކެއްޖެހުމަށްފަހު ކައިލާންގެ އުނގުގައި ބޭންދިއެވެ. ކައިލާންގެ މިއަމަލުން ސިހުނު ނަމަވެސް ރަކި ގޮތަކަށް ވީރާ ހީލިއެވެ. ” އެއްބަސް ތަ؟ ” ކައިލާން ވީރާގެ ކަންފަތާއި އަނގަ ކައިރިކޮށްލަމުން އަހައިލިއެވެ. ވީރާ ލުއި ގޮތަކަށް ހީލަމުން ބޯޖަހައިލިއެވެ. ކައިލާން ވީރާގެ ބޮލުގައި އޮޅާލައިފައިވާ ޝޯލް އެއްލައިލިއެވެ. ވީރާ ދިޔައީ ކައިލާންގެ ކޮންމެ އެނދުމަކަށް އިޖާބަ ދެމުންނެވެ.
އޭގެ އަނެއް ދުވަހެވެ. ވީރާ އުޅުނީ ސައިހަދާށެވެ. ރަފްގާ އެގެއަށް ވަދެގެން އައުމުން ވީރާގެ މައިދައިތަ ރަފްގާ ގާތު ސައިބޯން އެދުނެވެ. ސައިބޮއި ނިމުމުން ތަށިތައް ނެގުމަށްފަހު ވީރާ ދިޔައީ އޭނަގެ ކޮޓަރިއަށްށެވެ. ޒިދާންވީ ރިސޯޓުގައެވެ. އެހެންކަމުން އެކޮޓަރީގައި އެމީހުނަށް އުދަނގޫ ކުރާނެ މީހަކު ނެތެވެ. ” ސޯ ކޮބާ ކިހިނެތް ހުރިހާ ކަމެއް ދިޔައީ؟؟ ” ރަފްގާ އަހައިލިއެވެ. ” އެ ޔަލްވީއަކަށް އެ ވަޒީފާއެއް ނުލިބޭނެ! ” ވީރާ ނުލަފާ ހިނިގަނޑެއް ޖަހައިލަމުން ބުނެލިއެވެ. ރަފްގާވެސް އޭނާގެ ހުނުމުގައި ބައިވެރިވެލިއެވެ.
އެދުވަހު ހަވީރު ޔަލްވީއަށް ވަޒީފާ ނުލިބޭކަމަށް ސްކޫލުން އެންގިއެވެ. ޔަލްވީއަށް އެކަންތައް ގަބޫލު ކުރަން އުނދަގޫ ވިއެވެ. އިންޓަވިއު އިން އެންމެ ގިނަ ޕޮއިންޓް ލިބުން ކަމަށްވެސް އިނީ އޭނައަށްށެވެ. ނަމަވެސް ވީރާގެ އެކްސްޕީރިއަންސް ހުރިކަމަށްބުނެ އެބަޔަށް ވީރާއަށްވަނީ ގިނައިން ޕޮއިންޓް ދީފައެވެ. އިންސާފަކީ މިއީބާ އޭ ޔަލްވީ ހިތަށް އެރިއެވެ. ރަނގަޅަށް ނުނިދާ ހުރެގެން ކިޔެވި ތިން އަހަރު ޑިގްރީގެ ބޭނުމަކީ ކޮބާބާއޭ ހިތައްއެރިއެވެ. ޔަލްވީ ދެރަވި ނަމަވެސް ހިތްވަރު އެލުވައެއް ނުލިއެވެ. ކޮލެޖްއެއްގައި ވަޒީފާއަށް އިޢުލާން ކުރުމުން އޭނަ އެ ވަޒީފާއަށް ކުރިމަތިލިއެވެ. މިފަހަރު ވަޒީފާ ލިބުނީ އޭނައަށްށެވެ. މީހުން ބުނެ އުޅެއެއްނުން ހެއްޔެވެ؟ ކޮންމެކަމެއް ވެސް ވާނީ ރަނގަޅަށްށެވެ. ޔަލްވީއަށް އެވަޒީފާ ނުލިބުނީ ކޮލެޖްއިން ވަޒީފާ ލިބެން ކަމުގައި އޭނަ ގަބޫލު ކުރިއެވެ.
މިއީ މިހާރު މި ކުޑަ ކުޑަ ރާއްޖޭގައި ހިނގާ ކަންކަމެވެ. ސައްތައިން ސައްތަ އިސްލާމް ގައުމެކޭ ބުނިނަމަވެސް ރިޝަވަތާއި، ޒިނޭކުރުމާއި، ޣީބަ ބުނުމަކީ މިމުޖުތަމައުގައި އާންމުވެފައިވާ ބަލިމަޑުކަމެކެވެ. ނުހައްގުން ރިޝްވަތު ދީގެން ހޯދައި ވަޒީފާއިން ލިބޭލާރިން ތިމާގެ އަނބިދަރިންނަށް ކާންބޯން އެދެވެނީ ނަރަކައިގެ އަލިފާނެވެ. ރިޝްވަތު ދޭ މީހާއަށްށާއި ރިޝްވަތު ހިފާ މީހާ އަދި މެދުވެރިއަކަށްވާ މީހާއަށް މާތް ﷲ ވަނީ ލަޢުނަތް ލައްވާފައެވެ. ރިޝްވަތާއި ނާޖާއިޒު ފައިދާއާއި ޚިޔާނާތުގެ ޢަމަލުތައް މުޖުތަމަޢުގައި ގިނަވެ އެކަމަކީ ވަރަށް އާދައިގެ ކަމެއްކަމަށް މުޖުތަމަޢުގެ ބައެއްމީހުން ވަނީ ދެކެން ފަށާފައެވެ. ޒިނޭ ކުރާ މީހާއަށް ކަށްވަޅުގައި ވޭންދެނިވި ޢަޒާބު ދެއްވައެވެ. ޒިނޭއަކީ މުޅި އުންމަތް ހަލާކު ވާނޭ ފަދަ އަމަލެކެވެ. ދަރިންގެ ނަސަބާއި ނަސްލު އޮޅިގެން ދާނެ ކަމެކެވެ. ހިތާމައަކީ މިހާރު މިކަމަކީ އާންމުވެފައިކަމަކަށް ވެފައިވާ ކަމަކަށް ވުމެވެ. ޣީބަ ބުނުމަކީ ނުބައިކަން ބޮޑުވެގެންވާ ފާފައެކެވެ. އެއީ މަރުވެފައިވާ ތިމާގެ އަޚާގެ މުޅަމަސް ކެއުންފަދަ ކަމެކެވެ. ރައްޓެހިންގެ މެދުގައާއި އާއިލާތަކުގެ މެދުގައި ޣީބަ ބުނުންވަނީ މިހާރު އާންމުވެފައެވެ.
މުޖުތަމައިން މިފަދަ ނުބައި ޢަމަލުތައް ހުއްޓުވޭނީ އެންމެހައި ފަރުދުންގެ ފަރުދީ ޒިންމާ އަދާކޮށްގެންނެވެ. ކުށްކުރުމުން ފޮރުވުމުގެ ބަދަލުގައި އެކުށަށް ކަށޑައަޅާފައިވާ އަދަބުދީ އިސްލާމްދީނުގައި ކަނޑައަޅައިފައިވާ ހައްދުތައް ގާއިމް ކޮށްގެންނެވެ. މިފަދަ ވަބާތައް މުޖުތަމައުގައި ފެތުރޭނަމަ މާތްﷲގެ ކޯފާ އެމުޖުތަމައުގައި އުޅޭބަޔަކަށް އާދެއެވެ. މިކަން އެންމެ ރަނގަޅަށް ސާބިތުވަނީ ލޫޠުގެފާނުގެ ގައުމުގެ މީހުނަށް ދިމާވި ހާދިސާއިންނެވެ. އެފަދަ ބިރުވެރި ކޯފާއެއް އައުމުގެ ކުރިން މިފަދަ ނުބައި ފާފަތައް ކުރުމަށް ނިމުމެއް ގެންނަން ޖެހެއެވެ.
(ނިމުނީ)
8 Comments!
Comments are closed.







Raahjeyge mujuthamu aa varah gulhey iburaitheri vaahaka eh.. All i wanna say is, kohkko kiyaairu onnaanee alif sukuneh.. Not shaviyani sukun… love this story…
Thankyou SB.. iraadhakurehviyya dhen liyaa story ga ethan ragalhu kohlaanan..
💜🦋
Vrh reethi mi story bestie 🦋❤️
Raaje gai vazeefa dhinumuge haalathaa vrh Gulley mi story … kiyeviyas vaki bayakah molhu thakeh vany ✌️
Keep it up gurll❤️
Heyy my lovely bestie❤
Long time no see, vrh happy vejje bestie ge comment eh libuneyma❤❤
yes kithanmme gaboolu kuran dhathi viyas mihaaru mujuthamau ga hingaa kanthah mi😥
Thankyou love❤❤
💜🦋
Heyy sis..
Vrh reethi mi vaahaka vess <3
Kuriyah oeh thanuga ves mi kahala vaahka thah kiyaalan libeyne kamah unmeedhu kuran <3
Anddddd i'm very curious to knoww yaadhin mai kairi buni ehcheh… Thankolheh dhigu kohlahchey dhen oih episode..😩
Curiously waiting for a new episode of your long story <3
Heyyy Lily sis <3
Thankyou vrh happy vejje mi vaahaka lily ah reethi v kan enguneema❤
💜🦋
Ahaha lets see dhw yaadhin mai kairey buney keekey kan… yes lily bunythy balaanan dhigukohlevey thw.. miadhu ge part thankolheh kurukoh liyevifa eyny asluvx..
Stay tuned for a new episode on Thursday❤
💜🦋
Masha Allah varah gulhwy vhk eh ❤️
Proud of u girl 😘❤️
Thank you for you support Amnaerrrrr
💜🦋