Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޙަޤީޤަތް ހޯދުމޭ 34 އަދި 35

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
December 2, 2024 14 Mins Read
15 Comments

“އައްސަލާމު ޢަލައިކުމް.” ސަލާން ގޮވާލަމުން އެތެރެއަށް ވަނުމާއި އެކު ހިދާޔާ އެ ސަލާމަށް ޖަވާބު ދާރީ ވިއެވެ. “ހިދާ! އަހަރެން ކަމަކު ކިޔާށޭ މި އައީ. މި ހެޑް އޮފީހަށް ހަވާލު ކޮށްލަދީބަ.” އަހަރެން ހިދާޔާގެ އަތަށް ލައިދިނީ ސިޓީ އުރައެކެވެ. އޭނާއަށް އޭގެ ބޭރުގައި ލިޔެލައިފައިވާ އިނގިރޭސި ދެ ބަސް ފެނިފައި މޫނު ހުދުވިއެވެ. އަތް ވެސް ތުރުތުރު ލަމުން ދާ ޙާލުގައި އޭނާ އަހަރެންނާއި ދިމާލަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

“ކީ…ކީއްވެގެން ރެޒިގް…ރެޒިގްނޭޝަން ލެޓާ އެއް ދެނީ؟” ކޮށަކޮށައިގެން ވިޔަސް ހިދާޔާ ބުނެލި ޖުމްލަ އަހަރެންނަށް ނަގައިގަނެވުނެވެ. “ކޮންމެ ކަމަކަށް ވެސް ސަބަބެއް އޮންނާނެތާ. އެހެން ނޫނަސް ރިފް ބުނީމެއްނު މި ރަށަށް އައީ ކުޑަ ދުވަސްކޮޅަކަށޭ.” އަހަރެން ބުނެލީމެވެ. “އާނ ދޯ. ވަރަށް ހަނދާން ވާނެ. ހިއެއް ނުކުރަން މިހާ އަވަހަށް ދާނެ ކަމަކަށް. ކޮން އިރަކުން ފުރަނީ؟” ހިދާޔާ ހަމަޖެހިލަމުން ބުނެލިއެވެ.

“މާދަމާ ހެނދުނު ފުރަނީ. ދެން އަހަރެން ވެސް ހިދާ މަތިން ވަރަށް ހަނދާން ވާނެ.” އަހަރެން ހިނިތުންވެލައިފައި އެތަނުން ނުކުމެގެން ހިނގައިގަތީމެވެ. ހަސްފަތާލުން ނުކުމެފައި އަހަރެން ހޯރަފުށީގެ މަގުތަކަށް ނަޒަރު ހިންގާލީމެވެ. މިރަށުގައި ވެސް ގާތް ގަނޑަކަށް ދެ ހަފްތާ ވަރު އުޅެވިއްޖެއެވެ. ދެން ދާންވީ ތުރާކުނަށެވެ. ތުރާކުނަށް ފަހު އުލިގަމެވެ. ދެން މޮޅަދޫއެވެ. ރަހީނުކުރާ މީހުންގެ ބާވީސްވަނަ އަމާޒުފަތްގަނޑު ފެންނާނީ ކޮން ރަށަކުން ބާއެވެ. އެ ރަށަކަށް ދާނީ އަހަރެމެންގެ ގުރޫޕް ހެއްޔެވެ؟ ނޫނީ ރަވާނުމެން ހެއްޔެވެ؟ އަދި ބެލުނު އެއްވެސް ރަށެއްގައެއް އެ ޓާރގެޓެއް ނެތެވެ.

ފަހު ފަހަރަށް ހޯރަފުށީގެ އެކޮޅު މިކޮޅު ބަލައިލުމުގެ ނިޔަތުގައި އަހަރެން ހިނގައިގަތީމެވެ. އަނބުރާ ގެއަށް އާދެވުނު އިރު ހަވީރު ހަތަރެއް ޖެހީއެވެ. “ރިފް ހަމަ އެހާ ރުޅިއައިސްގެން ތަ ނުކުމެގެން ދިޔައީ؟” އަހަރެން ވަނުމާއި އެކު ހެން ޝެހެނާޒު އަހާލިއެވެ. “ނޫން ވަޒީފާއިން ވަކިވާ ކަމުގެ ލިޔުން ނުދެވި އޮތީ. ދެން ހިދާ އަށް ވެސް އެނގެން ޖެހޭނެއްނު އަހަރެން ދާ ކަން.” ރައްދުގައި އަހަރެން ބުނެލީމެވެ.

“އެނޮއިން ކެޓް ބުނިއްތަ ނިޢުމަތު ﷲ ގާތު ފުރާ ވާހަކަ؟” އާހިލް ސިޓިންރޫމުގައި އިނުމުން އަހަރެން އެހީމެވެ. އޭނާ ބޯޖަހާލިއެވެ. ދެން އަހަރެން ހަނދާންވީ ފިރާޝާގެ މަތިންނެވެ. ނައިލާއި ދެމީހުން ކައިވެނި ކުރާނަމަ ފިރާޝާއަށް ކުޑަކޮށް ނަމަވެސް ޙަޤީޤަތް ބުނެދޭން ޖެހޭނެއެވެ. އެ ވިސްނުމާއި އެކު އަހަރެން ފޯނު ނަގާ ފިރާޝާއަށް މެސެޖެއް ފޮނުވާލީމެވެ. މިރޭ އަށަކަށް އެ ގެއިން ބައްދަލުކުރުމަށެވެ.

އެއްބަސްވީ ފަދައިން އަހަރެން ފިރާޝާއާއި ބައްދަލުކުރުމުގެ ނިޔަތުގައި ހޮޓެލުން ނުކުތީ ހަތްގަޑި ފަންސާހުގައެވެ. ދިޔައީ ލޭންޑް ކެޕްސޫލްގައެވެ. އޭނާ އުޅޭ އެޕާޓްމަންޓުގެ ކުރިމަތީގައި ހުރެ އަހަރެން ބެލް ޖަހާލީމެވެ. ހިނިތުންވުމަކާއި އެކު އެތެރެއިން ދޮރު ހުޅުވާލީ ފިރާޝާއެވެ. އޭނާ އެދުނީ ސޯފާގައި އިށީނުމަށެވެ.

“ކީއްވެގެންތަ މިހެން ބައްދަލުކޮށްލަން އެދުނީ؟” ފިރާޝާ އަހަރެންގެ ކުރިމައްޗަށް ވާގޮތަށް ހުރި ސޯފާގޮނޑި އެއްގައި އިށީނެވެ. “ނޭލް ކިޔައިދިން ތަ އޭނާ މި ރަށަށް އައިސްގެން އުޅޭ ސަބަބު؟”  އަހަރެން ދިޔައީ ސީދާ މަޢުޟޫއަށެވެ. “އާނ. ނޭލް ބުނީ އޭނާގެ ވަޒީފާގެ ގޮތުން މުހިންމު އޮޕަރޭޝަނަކަށް މި ރަށަށް އައި ވާހަކަ. އަދި އެއީ އަސްލު ސާޖަން އެއް ނޫން ކަން ވެސް. އެކަމަކު މާ ގިނަ ތަފްސީލު ތަކެއް ނުދޭ.” ފިރާޝާ ބުނެލިއެވެ.

“އަހަރެން މި ކިޔައިދޭ ވާހަކަތައް ފިރާ ޖެހޭނެ އެންމެންނަށް ސިއްރުކުރަން. ނޭލް އަކީ އަދި އަހަރެންނަކީ ވެސް ދިވެހިރާއްޖޭގެ ސްޕެޝަލް ޑާކް ފޯސް އެޖެންޓެއް. މިހާ ތަނަށް ވީނުވީ އެއް ނޭނގި އެކާވީސް މީހަކު ގެއްލުނެއްނު. ދެން ގެއްލިދާނެ ކަމަށް ލަފާކުރެވޭ ފަރާތް ހޯދަން މި ދަތުރުކުރަނީ.” އަހަރެން ކިޔައިދޭން ފެށީމެވެ. ހުއްޓާލީ މުހިންމު ގިނަ ވާހަކަ ތަކެއް ކިޔައިދީފައެވެ.

އަހަރެން އެއަށްފަހު އަނެއްކާވެސް ދިޔައީ ވޮންޑާ ހޮޓަލަށެވެ. “ރިފް މިއޮއް އައީނުން. ދެން ވެސް ހިނގާބަލަ މިރަށުގެ ޕާމް ރެސްޓޯރެންޓަށް ކާން.” އަހަރެން އައުމާއި އެކުހެން ޝެހެނާޒު ބުނެލިއެވެ. “ހިނގައިފަތަ ދަނީ؟” ހޮޓެލުގެ މައި ދޮރުން ނުކުންނަމުން އާހިލް އެހިއެވެ. “ނޫނޭ. އުދުހިފަ ދަނީ.” އަހަރެން ޖެއްސުމަކަށް ބުނެލީމެވެ. “ކަލޭ އުދުހެން ފިޔަގަނޑެއް ލިބިފައި ހުރީ ތަ. ފޮނި އަނގަ ނުތަޅާ މަޑުން ހުރޭ.” އާހިލް ރައްދުގައި ބުނެލިއެވެ. “އޭނ… ގައިމު އަހަރެން މި ހުރީ ނުލާހިކު މަޑުމަޑުން. ތަނެއްގަ ހެސްކިޔާފައި އަނގަތަޅަން މީ އެނޮއިން ކެޓް ހާ މޮޔަ މީހެއް ނޫނޭ.” އަހަރެން ވެސް ވަކި ދުލެއް ނުކުރަމެވެ. “ޕިސްޕިސް. މިވަގުތު ވޯރލްޑް ވާ ފޯ ނުފެށިއަސް ވެދާނޭ. ދެން ވެސް ހިނގާބަލަ ލޭންޑް ކެޕްސޫލް އަކަށް އަރަން.” ޝެހެނާޒު ކުރިއަށް ހިނގައިގަތެވެ. އަހަރެން އާހިލާއި ދިމާލަށް ވައްތަރެއް ޖައްސާލައިފައި ޝެހެނާޒުގެ ފަހަތުން ހިނގައިގަތީމެވެ.

“ވާވް. ހާދަ ސަޅި ތަނެކޭ.” ވެއިޓަރަކު އައިސް އަހަރެމެން ގާތު އިށީންނަށް ބުނި ތަން ފެނިފައި އަނގައިން ސޮނި ވެއްޓޭ ވަރު ވެއެވެ. ރުކު ފަން ބޮކި ތަކަކުން ދިއްލާ ލެވިފައިވާ އެތަނުގެ ފަރުނީޗަރުތައް ވެސް ފަރުމާކުރެވިފައި ވަނީ އެ ތީމަށެވެ. ޕާމް ރެސްޓޯރެންޓޭ ކިޔާތީ ކަމަށް ވެދާނެއެވެ.

މެނޫ ޓެބްލެޓް ނަގައިފައި ދެން ބަލައިލީ އޭގައި ކާން އެންމެ ރަނގަޅު ވާނީ ކޮން އެއްޗެއް ތޯ ބަލައިލުމަށެވެ. އަހަރެން އޯޑަރު ޖެހީ ނާސިގޮރެން އަކަށެވެ. ނައިލާއި ޝެހެނާޒު އޯޑަރު ކުރީ ގާލިކް ރައިސަކަށެވެ. އާހިލް ގެނައީ ބަޓަރ ޗިކަންއާއި ފަރާޓާ އެވެ. ފޮނި އެއްޗަކަށް ނެގީ ޗޮކޮރީނާއެވެ. ބުއިމަކަށް ބުލޫބެރީ ކްލައުޑެމް އެވެ. އޯޑަރު ޖެހި އެއްޗެހި ވެއިޓަރަކު ގެނައީ ދިހަ މިނެޓު ފަހުންނެވެ. ދުވާ މީރު ވަހުން ކުޅު ދިޔާވިއެވެ.

އަހަރެން ކާން ފެށުމުގެ ކުރިން އަހަރެން ހުއްޓުވާލީ ޝެހެނާޒެވެ. ފޮޓޯ ނަގަންވެގެންނެވެ. އެހެނަސް މާ ގިނަ ވަގުތަކު އެކަން ކުރިޔަ ދޭކަށް އަހަރެން ނޫޅެމެވެ. ބަތް ތަށްޓަށް ސަމުސާ ކޮށްޕާލައިފައި ކާން ފެށީ އެވެ. ގެރި މަހާއި ކުކުޅާއި ސޮސެޖު އަޅައިގެން ހަދައިފައި ވީ ބަތްގަނޑު ވަރަށް މީރެވެ. އެއަށްފަހު ކޭ ޗޮކޮރީނާ އެއަށް ވުރެ މީރު ހެން ހީވެއެވެ. އަނގަޔަށް ލާ ކޮންމެ އެތިކޮޅެއް ދޫ މައްޗަށް ވިރިގެން ދަނީ ހިތަށް ވެސް ހިތްހަމަޖެހުން ގެނެސް ދެމުންނެވެ. ގެނައި ބުއިން ވެސް ހަމަ އެހާ މީރެވެ.

ބިލަށް އެރި ވަރު ދައްކައިފައި އެތަނުން ނުކުތީމެވެ. އަނބުރާ ހޮޓެލަށް ދިޔައީ ހިނގައިފައެވެ. ދެވުމާއި އެކު ނިދަން އޮށޯވެލީ މާދަމާ ފަތިހު ފަތިހާ ހޭލަން ޖެހޭތީއެވެ.

އެލާމުގެ އަޑަށް އަހަރެންނަށް ހޭލެވުމުން ތެދުވެ ޝެހެނާޒަށް ގޮވީމެވެ. ދެން ފަތިސް ނަމާދު ކޮށް ޒިކުރުކޮށްލީމެވެ. އެއަށްފަހު ނުކުތީ ސިޓިންރޫމަށެވެ. ތުރާކުނުގައި ތިބީ އެންމެ ދެމީހުން ކަމުން ދެމީހަކަށް އެކަކު ބަލަން ދިނީއެވެ. ބުނަން ހެއްޔެވެ؟ އެ ޖާހިލުކަން ހުރި ނައިލާއި ހެދި އަހަރެންނަށް މަސައްކަތް ކުރަން ޖެހުނީ އާހިލާއި އެކުގައެވެ. ލޯއަޅަން ޖެހުނީ ޕައިލެޓަކަށެވެ. ޑަބްލިޔު ސަރ އަހަރެންނަށް އޭނާ އާއި އެއް ކްރޫ އަކުން އޭގެ ވަޒީފާއެއް ހޯދައިދިނެވެ. ކޮންމެ ކްރޫ އެއްގައި ވެސް ތިން ޕައިލެޓުން ތިބެއެވެ. އަހަރެންގެ ކްރޫގައި އެ ޕޮސިބްލް ޓާރގެޓް ޔޫނުސްގެ އިތުރުން ސާޖިން ކިޔާ ފިރިހެނަކު ހުއްޓެވެ. އާހިލަށް ޖެއްސީ ޔޫނުސަށް ފާރަލުމަށެވެ. ދެން އެ ސޮރަކަށް މަތިންދާބޯޓެއް ދުއްވާކަށް ނޭނގޭނެތާއެވެ. އަހަރެން އެޖެންޓު ޓްރައިނިންގައި ދުނިޔޭގައި ލެއްވިހާ އުޅަނދެއް ދުއްވަން ދަސްކުރަން ޖެހުނެވެ. އެހެން ކަމުން މަތިންދާބޯޓު ދުއްވަން އަހަރެންނަށް އެނގެއެވެ. ދަސްކުރި އެއްޗެހިނުން އަހަރެންނަށް އެންމެ މަޖަލީ ޓޭންކަރު ދުއްވާށެވެ.

ޝެހެނާޒާއި ނައިލް ނެގީ ފާޠިމަތު ޝަރާ ވަލީދު ނަމަކަށް ކިޔުނު ޗާރޓަޑް އެކައުންޓެންޓެއްގެ ވަޒީފާ އަދާކުރާ އަންހެނެކެވެ. ނައިލާއި ޝެހެނާޒަކީ ބިޒްނަސް އާއި ގުޅުން ހުރި އެއްވެސް އެއްޗެއް ކިޔައިވައިފައި ހުރި ބަޔަކަށް ނުވުމުން ވަޒީފާ ހަމަޖައްސަން އުނދަގޫވިއެވެ. އެހެނަސް ޝެހެނާޒަށް ޝަރާގެ ޕީ.އޭ ގެ ގޮތުގައި މަސައްކަތް ކުރުމަށް ނިންމީއެވެ.

ހަތެއް ޖަހަން ދިހަ މިނެޓަށް ވުމުން ބަނދަރަށް ދާން ނުކުތީމެވެ. ލޯންޗަށް އަރައިފައި އަހަރެން އިށީނީ ޝެހެނާޒުގެ ގާތުގައެވެ. ފުރުސަތުގެ ބޭނުން ހިފާ އޭނާގެ ލޯބީގެ ވާހަކަ ކިޔައިދޭން ބުނީމެވެ.

“އަމް…. އަހަރެން ޔާން އާ ދިމާވީ ސުކޫލު ކެފެޓީރިޔާއިން. އިލެވެންގެ ފުރަތަމަ ދުވަސް އެއީ. އޮރިއެންޓޭޝަން ނިންމައިފައި ބަނޑުހައިވެގެން ކާން އަޅާ އިށީންތަނުން ދިމާކޮށްލީ ފިރިހެން ގުރޫޕެއް. ކުރިން ވެސް ސުކޫލުގައި އުޅުނުއިރު އަހަރެންނަށް ފިރިހެން ކުދިން ބެހެއެއްނު. އެކަހަލަ ގުރޫޕެއްގެ ތެރޭގައި ޔާން ވެސް ހުރީ. ދެން ގުރޫޕުގައި ބަސްކިޔާ ސޮރު ޔާން އަށް އެންގީ އަހަރެން ކާން އިން ސޭންޑްވިޗް އަތުލަން. ދެން އެ ތަނުގައި ހުރި ސޯސް ފުޅި އަހަރެންގެ ބޮލަށް އަޅާލަން. އޭނާ ފުރަތަމަ ސޭންޑްވިޗް ނަގައިފައި އެ ސޮރަށް ދިން. ދެން އެ ސޯސް ފުޅި ނަގައިފައި ބޮލަށް އަޅާލީ.” ޝެހެނާޒު ބުނެލި އެވެ.

“އަހަރެން ދެން ކަރުނަ ފޮހެމުން ފާޚާނާ އަށް ދިޔައިން. އިސްތަށިގަނޑުގައި ހޭކިފައި ހުރި ސޯސްތައް ނުފިލުމުން ބޮލުގައި ސްކާފްއެއް އަޅައިގެން އަހަރެން ނުކުތް ވަގުތު އޭނާ ދެކުނިން. އެކަމަކު އެވަގުތު އޭނާގެ މޫނުމަތިން ހިނދުކޮޅަކަށް ކަންބޮޑުވުމުގެ ކުލަވަރު ފެނުނު. އެހެނަސް އެ އެކުވެރިން އައުމާއި އެކު އެ މީހުންނާއި އެކު ދިޔަ. ދެން ޖެހިގެން އައި ދުވަހު އެނގުނީ އޭނާ ވެސް އުޅެނީ އިލެވެން އީ ގައި ކަން. އެ ގުރޫޕު ވެސް ހަމަ އެ ކުލާހުގައި. ތިން މަސް ވާންދެން އެމީހުންގެ ގަނާކުރުން ތަކާއި ކުރިމަތިލާން ޖެހުނު.” އޭނާ ކުރިއަށް ދިޔައެވެ. އަޑުއަހަމުން ދިޔައިރު އަހަރެން ހިތަށް އެރިއެވެ. ޝެހެނާޒަށް ހަނގާ ކުރި މީހެއް ދެކެ ލޯބިވީ ކިހިނެއް ހެއްޔެވެ؟

“އެޕްރީލް ނިމުނުކޮޅު އަހަރެން ދިޔައީމެއްނު ކްލާސް ޕާޓީއަކަށް. އެދުވަހު އަހަރެން ދިޔައީ ސަނާޔާގެ އެދުމަކަށް އޭނާއާއި އެކު. ދިޔަ ފަހުން އެނގުނީ ޕާޓީ އޮތީ ޔާންމެންގެ ގޭގައި ކަން. އަހަރެން އުޅުނިން ދާން ވެސް. އެކަމަކު ކްލާސް ކުދިން އަހަރެން ދިޔަޔަކަ ނުދިން. އަހަރެން ދެން މަޑުން ހުރީ. ޕާޓީގެ އެންމެ ފަހު ކަމަކަށް އެމީހުން ބޭނުންވީ ޓްރޫތް އޯ ޑެއާ ކުޅެން. އަހަރެންނަށް ޖެހުނު ފަހަރުތަކުގައި ނެގީ ޓްރޫތް. އެ ގޭމުގައި އެކަކު ވެސް ޑެއާއެއް ނުނަގާތީ ޔާން ބޭނުންވީ ޑެއާއެއް ނަގަން. އޭގައި ލިޔެފައި އިން އެއްޗެއް އަހަރެންނަކަށް ނޭނގޭ. އޭނާ އައިސް އަހަރެންގެ ގާތުގައި ހުއްޓުމުން ވަރަށް ބޮޑަށް ސިހުނު.” ޝެހެނާޒު ތުންފަތުގައި ދަތްއަޅާލަމުން ބުނެލިއެވެ. “ކަލޯ. އެ ސޮރު ޝަހިކްސްއަށް ކީއްތަ ކުރީ. އިސްތަށިގަނޑު ރޫޅާލީތަ؟ އައިނު ދަމައިގަތީތަ؟” އަހަރެން ބުނެލީމެވެ.

“ނޫން. އެއަށްވުރެ މާ ނުލަފާ ކަމެއް ކުރީ. އަޅައިގެން ހުރި އައިނު ދަމައިގަނެފައި އޭނާގެ ދެ އަތުން އަހަރެންގެ މޫނުގައި ހިފައިފައި ތުންފަތަށް ބޮސްދޭން ފެށީ. އެއީ ދީނުގައި ހުއްދަ ނޫން ކަމެއް ކަން އެނގޭތީ އަހަރެން އޭނާއާއި ދުރުވާން މަސައްކަތް ކުރިން. އެހެނަސް… އޭނާ ގަދަކަމުން އަހަރެންގެ ފިޔާތޮށި ކުލައިގެ މަޑު ނާޒުކު ތުންފަތުގެ ފޮނިމީރުކަން ހާސިލު ކުރަމުން ދިޔަ. އެހެން އެކަކު ވެސް އޭނާ ދުރުކުރާކަށް ނޫޅޭ. ހީވަނީ އެމީހުންނަށް އެއީ އާދައިގެ ކަމެއް ހެން. އަހަރެން ކަހަލަ ބަލިކަށި މީހަކަށް އޭނާ ކަހަލަ ފިރިހެނެއް ދުރެއް ނުކުރެވޭނެ ތާ. އޭނާ އަހަރެން ދޫކޮށްލީ ފަސް މިނެޓު ފަހުން. އަވަސް އަވަހަށް އަހަރެން ތެދުވެގެން ގޮސް އެ ތަނުން ނުކުމެގެން ދިޔައީ. ގޮސް ވަނީ ފާޚާނާ އަށް. އަހަރެންގެ ލޭ ކުލަ އަރައިފައިވާ ތުންފަތުގައި ފިރުމަމުން ވަރަށް ރުއިން. އާދެވުނު މޮޔަ ހިތަށް އަރާ ދެރަވެ ހިތާމަ ކުރިން.” ޝެހެނާޒުގެ ވާހަކަ އިން އަހަރެންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެ ވަރުގެ މީހަކާ ހިތާވާނީ ކޮން މޮޔައެއް ހެއްޔެވެ؟

“އަހަރެން ފާޚާނާއިން ނުކުތް އިރު ޔާން ހުރި ދޮރު މަތީގައި. އަހަރެން ޖަޒުބާތުގައި އައި ރުޅިން އޭނާގެ މޫނުމައްޗަށް ހޫނު އެތިފަހަރެއް ވީއްލާލިން. ލޮލުން ކަރުނަ އަންނަމުން ދިޔަ ޙާލު އެއްޗެހި ގޮވާ އަޅާލިން. އޭގެ ފަހުން އޭނާ އަހަރެންނާއި ބެހުން ހުއްޓާލި. އަހަރެން ވެސް ކުލާހުގެ އެހެން ކުދިންނާ ދުރުވިން. އެފަދައިން އޭނާ ވެސް އެ ރައްޓެހިންނާއި ގުޅުން ކަނޑާލި. އަދި އެ ކުރި ކަމަށް މާފަށް އެދެން މަސައްކަތް ކުރި. އެ ދުވަސްކޮޅު އަހަރެންނަށް އޭނާ ކަމުދާން ފެށި. އޭނާ އުޅުނު ނުރަނގަޅު ގޮތް ދޫކޮށްލުމުން ހިތުން ޚާއްޞަ މަޤާމެއް ދެވުނު. އޭނާއަށް ޓަކައި އަހަރެންގެ ހިތުގައި އުފެދިފައިވާ އިޙުސާސް ނަފީކުރަން ވެސް ވަރަށް މަސައްކަތް ކުރިން.” ޝެހެނާޒުގެ ޖުމްލަތައް އަޑުއިވިފައި އަހަރެންނަށް އިނދެވުނީ ފާޑަކަށެވެ. ހިތަށް އެރި އެހެން އެއްޗެއްގެ ސަބަބުންނެވެ. މިހެން އުޅުމުގެ ތެރެއިން އަހަރެން ވެސް އެ ޖަޒުބާތުގައި ޖެހޭނެ ހެއްޔެވެ؟ ނޫނެކެވެ. އެހެން ވިޔަކަަ ނުދޭނަމެވެ. އަހަރެންގެ އިޙުސާސް ތަކަށް ބާރު ފޯރުވާނަމެވެ. މިއީ ޝެހެނާޒު ކަހަލަ މީހެއް ނޫނެވެ.

“އޭގެ މަހެއް ހާ ދުވަސް ފަހުން އަހަރެން އޭނާއަށް މަޢާފްކުރިން. އޭނާގެ އިޞްލާޙު ކުރުމަށް ފަހު ތެދުވެރި ނިޔަތެއްގައި އެކަން ކުރުމުން އަހަރެން ވެސް އެކަން ހިތުން ފިލުވާލީ. އެއަށްފަހު ކުލާހުގައި އަހަރެންނާއި އެންމެ ގާތް ހެޔޮ އެދޭ އެކުވެރިއަކަށް އޭނާ ވީ. ދެން ނިމިދިޔަ އޮގަސްޓު މަހު އޭނާ އަހަރެންނަށް ލޯބި ހުށަހެޅި. އަހަރެން އާއެކޭ ބުނީ އަހަރެންގެ ހިތް އެދުނު ގޮތަށް ތަބާވުމަށް. ރިފޫ. ކިހިނެއްތަ މި ލަވް ސްޓޯރީ؟ ދެން އާހިލާއި ރިފް ދެމީހުންގެ ލަވް ސްޓޯރީ ހާ ލަވްލީ ނުވެދާނެ.” ނުލަފާ ހިނިތުންވުމަކާއި އެކު ފަހަތުގައި ތިބި ދެމީހުންނަށް އަޑު އިވޭ ވަރަށް ބުނެލި ޖުމްލައިން ދެބުމަ ގޮށް ޖަހާލެވުނެވެ.

“ދޭން…. ޝަހިކްސްގަނޑާ. އަހަރެން އެނޮއިން ކެޓު ދެކެ ލޯތްބެއް ނުވަމޭ. ނޫނުން ނަފްރަތޭ ކުރަނީ.” އަހަރެން ކަޅިއަޅާލީމެވެ. “ހަމަ ތެދުތެދަށް ބުނެ ބަލަ. ކަލޭ ކިހާ ވަރަކަށް މަށަށް ނަފުރަތު ކުރަންތަ.” ސީޓު މަތިން ފަހަތުން އޭނާ ބަލައިލިއެވެ. ދަތްކުނޑި ވިކާލަމުން އަހަރެން ހަމަ ދެލޯ އަޅާލީއެވެ. “އެހެންތޭ. މިހާރު ވެސް ތިބި ގޮތް ބަލާބަލަ. ދެން ރިފާއި އެ ގޭންގު ދިމާކޮށްލައިގެން އުޅުނު ދުވަހު މަށަށް ފެނުނީ ހަމަ ޙަޤީޤީ ލޯބި. ތިހެން ދެމީހުން އެކަކު އަނެކަކަށް ކަޅި އަޅައިގެން ހުއްޓަސް މަށަށް ހީވަނީ ލޯބިވެރީން ހެން. ކަލޭމެން ދެމީހުން ތިޔަހާ ވަރަށް އެކަމަށް ދެކޮޅު ހަދަނީ ކީއް ކުރަންތަ؟” ނައިލް ބުނެލިއެވެ. އަހަރެން ވަގުތުން އަނެއްފަރާތަށް އެނބުރުނީމެވެ. އެ އާހިލް ވެސް އޭނާގެ ސީޓުގައި އިށީނެވެ.

އެވަގުތު ޝެހެނާޒު އޭނާގެ ދަބަސް ހާވާލައިފައި އެއިން ކުޑަ ލޯގަނޑެއް ނަގާ އަހަރެންނަށް ދައްކާލިއެވެ. އެއިން އަހަރެންގެ ސޫރަ ފެނުނެވެ. “ލުކް. ޔޫ އާރ ބްލަޝިން ޓޫ” އޭނާ ބުނީ ވެސް ތެދެކެވެ. އަހަރެންގެ ދޮން ކޯތާފަތުގެ ކުލަ ވަނީ ރަތްވެފައެވެ. “އެ ޝަހިކްސް އަށް ފެންނަ ގޮތް. ދޮރުން ރަތް އަލި ވަންނަންޏާ އެހެން ވާނެ.” އަހަރެން ލޯގަނޑު އަތުލައިފައި އޭނާގެ މޫނުމައްޗަށް ދޮގެއް ހަދާލީއެވެ. ނަސީބު ރަނގަޅު ކަމުން ލޯންޗް ވެސް ތުރާކުނަށް ލެފީ އެ ވަގުތެވެ. އެންމެ ފުރަތަމަ ވެސް ފުންމާލާއިގެން ދިޔައީ އަހަރެންނެވެ. ފޮށި ތަންމަތި ވެސް ބަހައްޓައިފައެވެ. މިސްރާބު ޖެހީ ހޮޓެލަށެވެ.

އަހަރެން ހޮޓެލުން ނައިލް ބުކް ކުރި ތަނަށް ވަދެ ފުރަތަމަ ވެސް ވަދެގަތީ ފާޚާނާއަށެވެ. މޫނު ދޮންނަތަށި ކައިރީގައި ހުރެގެން ހަތް ވަރަކަށް ފަހަރު މޫނު ދޮވެލީމެވެ. އެއަށްފަހު އަހަރެން ލޯގަނޑުން މޫނަށް ބަލަން ހުރީމެވެ. ހަމަ ޙަޤީޤަތަށް ވެސް އަހަރެންނަށް އެ އާހިލްގަނޑު ދެކެ ލޯބި ވެވުނީ ހެއްޔެވެ؟ ނޫނެކެވެ. އެއީ ވެގެން ވާ ވަރުގެ ކަމެއް ނޫނެވެ. މިއީ މަރްޔަމް ރިފްޤާއެވެ. އަހަރެން އެކަހަލަ މީހެއް ދެކެ ލޯތްބެއް ނުވާނަމެވެ. އެހެނަސް އަހަރެންނަށް ނޭނގުނީ އަހަރެންގެ ހިތުގައި އުފެދިފައިވާ ގޮތް ނޭނގޭ އިހުސާސަށް ދޭން ޖެހޭ އަސްލު ނަމަކީ ލޯބި ކަމެވެ. އެއީ ނަފްރަތެއް ނޫން ކަމެވެ.

ފާޚާނާއިން ނުކުމެ ދެން އަހަރެން އުޅުނީ ހޮޓެލުން ނުކުންނާށެވެ. މި ޝެހެނާޒާއި ނައިލް ގަނޑުގެ އަނގައިން ސަލާމަތް ވާށެވެ. ނުކުމެގެން އަހަރެން ހިނގައިގަތީ ވަކި މިސްރާބެއް ނެތިއެވެ. އެހެން ހިނގަން ފެށުމުން ރަށް ބަލައިލާން ވީއޭ ހިތަށް އެރުމުން އެކަން ކުރަން ފިޔަވަޅު އަޅާލީމެވެ.

ހިނގައިފައި ދިޔަ އަހަރެން ހުއްޓުން އެރީ މަގަކަށް ލަނބާލުމާއި އެކު ބާރު ސްޕީޑުގައި ދުއްވައިފައި އައި ސައިކަލެއް ފެނުމުންނެވެ. އަވަސް އަވަހަށް އެއްފަރާތް ވެލި ނަމަވެސް އެ ސައިކަލުގެ ޝިކާރައަކަށް ނުވެ ނުދިޔައެވެ. އެހެނަސް އެ މީހާ ބުރަކި ޖައްސާލުމުން މާ ބޮޑު އަނިޔަލެއް ނުވިއެވެ. ކަނާތު ފައިގައި އެ ސައިކަލު ޖެހި މަތަވި ގޮތަކުން އެ ތަން މަށައިގެން ދިޔައީއެވެ. ކޮޅަށް ހުންނަން އުނދަގޫ ވުމުން އަހަރެން ބިންމަތީގައި އިށީނދެ ފައިކުރި އޮޅާލީމެވެ. ލޭކޮށާލައިފައި ވީ ހިސާބުން ނުބައި ޒާތެއްގެ ޒަވި ދިލައެއް ނަގަމުން ދިޔައެވެ.

ސައިކަލުގައި އިން ފިރިހެން މީހާ އަޅައިގެން ހުރި ހެލްމެޓު ނެގުމުން އޭނާގެ މޫނު ކަޝްފު ވެގެން ދިޔައެވެ. އެއީ އެއްކަލަ ޕައިލެޓެވެ. ޔޫނުސް ޝަފީޤް ނޫން ދެވަނަ މީހެއް ނޫނެވެ. ހާސްވެ ކަންބޮޑުވެފައިވާ މޫނަކާއި އެކު އޭނާ އަހަރެންނާއި ދިމާލަށް އައެވެ. “މަޢާފުކުރޭ. އަޅުގަނޑަށް ރަނގަޅަށް ބަލާ ނުލާ މާ ބާރަށް ދުއްވުނީ. ވަރަށް ބޮޑަށް މަށައިގެން ގޮސްފި ދޯ. ހިނގާ ހަސްފަތާލަށް. ލަސްނުކޮށް ބޭސްއެޅީމަ އިންފެކްޓު ނުވާނީ.” ޔޫނުސް އައިސް އަހަރެންނަށް އެހީވެ ސައިކަލު މަތީގައި ބޭންދިއެވެ. އޭނާގެ އެދުމަށް އިންކާރު ކުރުމުގެ ޚިޔާލެއް އަހަރެން ނުގެންގުޅެމެވެ.

ހަސްފަތާލުން ބޭސްއަޅައިގެން އަހަރެން ނުކުތީ ޔޫނުސާއި އެކުގައެވެ. ވިސްނުންތެރިކަމާއި އެކު އެތަނުގައި އަހަރެންގެ ޑިޖިޓަލް އައިޑީ ކާޑު ދެއްކީ ޔޫނުސަށް ނުފެންނާނެ ގޮތަށެވެ. އަހަރެމެން ދެން ގޮސް ވަނީ ކައިރީގައި ހުރި ކެފޭއަކަށެވެ. އެ ވެސް ޔޫނުސްގެ އެދުމަކަށެވެ. “އަދިވެސް އަޅުގަނޑު ބުނާނީ މަޢާފު ކޮށްދެއްޗޭ. ކޮން ނަމެއް ތަ ކިޔަނީ.” އޭނާ އަހާލިއެވެ. “މި ދެން އެހާ ވަރުގެ ކަމެއް ނޫނެއްނު. ދެން އެކަމާ ވިސްނާނެ ކަމެއް ނެތް. އަހަރެން މަޢާފުކޮށްފިން. އަހަރެންގެ ނަމަކީ ރިފްޤާ. ރަނގަޅު ވާނެ ރިފް ކިޔާ މުޚާޠަބު ކުރިޔަސް. ކަލެއަށް ކިޔަނީ ކޮން ނަމެއްތަ؟” އަހަރެން ވެސް ބަދަލުގައި އެހީމެވެ. “އޯކޭ. ދެން ރިފް ކިޔާނީ. އަހަރެންގެ ނަމަކީ ޔޫނުސް. އެކުވެރިން ކިޔާއުޅެނީ ޔެލޯ. މަޖާ ވަނަމެއް ދޯ.” އޭނާ ބުނެލިއެވެ.

އެކެފޭ ގައި އަހަރެމެން ތަފާތު ވާހަކަތައް ދައްކަން ތިބީމެވެ. “ރިފް ގެއަށް ލައިދޭން ދާންވީ ދޯ. އެކަނި ނުދެވޭނެއްނު. ކޮން ތަނަކު އުޅެނީ؟” ޔޫނުސް އެހިއެވެ. އަހަރެން ހޮޓެލުގެ ނަން ބުނެލީމެވެ. ހޮޓެލަށް ދިޔައީ ޔޫނުސާއި އެކުގައެވެ. އާދެވުމުން އޭނާއަށް ޝުކުރުއަދާކޮށްފައި އެތެރެއަށް ވަނީމެވެ.

“ފަޔަށް ކީއް ކުރީތަ؟” ކޮޓަރިއަށް ވަނުމާއި އެކު ޝެހެނާޒު އެހިއެވެ. “ފައި ދޯ! ކޮންޓުރޯލުން ނައްޓައިގެން އައި ސައިކަލެއްގަ ޖެހުނީ. ނަސީބަކުން އެހާ ވަރެއް ނުވޭ. މި ފަޔާ ހެދި މިއަދު ޔޫނުސާއި ވެސް ދިމާވިއޭ. އެހެންވީމަ ރަނގަޅެއްނު.” އަހަރެން ރައްދުގައި ބުނެލީމެވެ. ދެން ގޮސް ވަނީ ފާޚާނާ އަށެވެ. ވުޟޫ ކޮށްގެން މެންދުރު ނަމާދަށް އަރަން ޖެހޭނެތާއެވެ.

އޭގެ ދެ ދުވަސް ފަހެވެ. ޑަބްލިޔު ސަރ ފޮނުވި ޕައިލެޓު ޔުނީފޯރމް ލައިގެން އަހަރެން ދިޔައީ އެއަރޕޯޓަށެވެ. އަހަރެން މި އަތޮޅަށް އައި ފްލޭޓު ޖެއްސީ ވެސް މި ވައިގެ ބަނދަރަށެވެ. އެތެރެއަށް ވަދެގެން ގޮސް އަހަރެން ވަނީ އޮފީސް އިމާރާތެއް ކަހަލަ ތަނަކަށެވެ. އެތަނުން އަހަރެންނާއި ބައްދަލުކުރީ އެއަރޕޯޓުގެ ސީނިޔާ އޮފިސަރެއް ކަމަށްވާ މުޙައްމަދު ޠަލާލެވެ. އެމީހާ އަހަރެންނަށް ޤަވާޢިދުތައް ކިޔާލަދީފައި ދިޔައެވެ. ދެން އަހަރެން ދިޔައީ ޕައިލެޓުންގެ ކެބިން އަށެވެ. އެތަނުން ޔޫނުސް ފެނުމުން އޭނާ އާއި އަރާ ހަމަކުރީމެވެ.

“އޭނ… ރިފް އަކީ ތަ އަހަރެމެންނާއި އެކު މަސައްކަތް ކުރަން ހަމަޖެހުނު ވަގުތީ ޕައިލެޓަކީ؟” ޔޫނުސް ގެ ސުވާލުގެ ނަޒަރު އަހަރެންނާއި އަމާޒުވިއެވެ. “ހައިރާން ވެއްޖެ ދޯ. އާނ. އަހަރެންނަކީ މި ތަނަށް ގުޅުނު ވަގުތީ ޕައިލެޓަކީ.” އަހަރެން ބުނެލީމެވެ. “އޭތް. ދެމީހުން އާދޭ ފްލައިޓަށް އަރަން. މިތަނުގައި ފޮނި އަނގަ ތަޅަން ތިބެގެން ވޭތަ؟ ކަލެއަށް ކިޔަނީ ރިފްޤާ ދޯ! އައްސަލާމު ޢަލައިކުމް. އަހަރެންގެ ނަމަކީ ސާޖިން. ރިފްޤާ އެކޭ އެއްގޮތަށް ހަމަ ކޯ ޕައިލެޓެއް.” އަހަރެމެން ތިބި ކޮޓަރިއަށް ވަތް ރޫފަ ރަނގަޅު ފިރިހެނެއް ސަލާމަށް އަތް ހިއްލާލިއެވެ. އެހެނަސް އަހަރެންނަށް އެ އަތަށް ބަލަން ހުރެވުނީ ގަބު ވެފައެވެ. ސިހިފައި ހުރި ވަރުން މީހާ ވެސް ތުރުތުރު އެޅިއެވެ. ހިންދިރުވާލެވުނެވެ. ނޭވާލާން އުނދަގޫ ވީ ކަހަލަ އިހުސާސެއް ކުރެވުނެވެ.

ތިރީސްފަސް ވަނަ ބައި

“އޭނ… ރިފް އަކީ ތަ އަހަރެމެންނާއި އެކު މަސައްކަތް ކުރަން ހަމަޖެހުނު ވަގުތީ ޕައިލެޓަކީ؟” ޔޫނުސް ގެ ސުވާލުގެ ނަޒަރު އަހަރެންނާއި އަމާޒުވިއެވެ. “ހައިރާން ވެއްޖެ ދޯ. އާނ. އަހަރެންނަކީ މި ތަނަށް ގުޅުނު ވަގުތީ ޕައިލެޓަކީ.” އަހަރެން ބުނެލީމެވެ. “އޭތް. ދެމީހުން އާދޭ ފްލައިޓަށް އަރަން. މިތަނުގައި ފޮނި އަނގަ ތަޅަން ތިބެގެން ވޭތަ؟ ކަލެއަށް ކިޔަނީ ރިފްޤާ ދޯ! އައްސަލާމު ޢަލައިކުމް. އަހަރެންގެ ނަމަކީ ސާޖިން. ރިފްޤާ އެކޭ އެއްގޮތަށް ހަމަ ކޯ ޕައިލެޓެއް.” އަހަރެމެން ތިބި ކޮޓަރިއަށް ވަތް ރޫފަ ރަނގަޅު ފިރިހެނެއް ސަލާމަށް އަތް ހިއްލާލިއެވެ. އެހެނަސް އަހަރެންނަށް އެ އަތަށް ބަލަން ހުރެވުނީ ގަބު ވެފައެވެ. ސިހިފައި ހުރި ވަރުން މީހާ ވެސް ތުރުތުރު އެޅިއެވެ. ހިންދިރުވާލެވުނެވެ. ނޭވާލާން އުނދަގޫ ވީ ކަހަލަ އިހުސާސެއް ކުރެވުނެވެ.

ހުދުކުލައިގެ ދެ އަންގި ލައްވައިފައިވާ އޭނާގެ ދެއަތް ވަނީ ފޮރުވިގެންނެވެ. އޭނާގެ ކަނާތު ކަށިއިނގިލީގައި އަނގޮޓިއެއްގެ ބައްޓަން ފެންނަން ހުރުމުން ސިހުނީއެވެ. އެހެނަސް އެކަން ނުދައްކާ ވޭތޯ ބަލަމުން އަހަރެން ހީނލީމެވެ. އޭނާގެ އަތުގައި ހިފާލީމެވެ. އަދި އެ އަތުގައި އަޅައިފައިވާ އަންގި ދަމައިގަނެވޭނެ ކަހަލަ ގޮތަކަށް އެއަށް އިނގިލި ލައްވާލީމެވެ. ސާޖިން އޭނާގެ އަތް ދަމައިގަތުމާއެކު އަޅައިގެން ހުރި އަންގި ނެއްޓުނެވެ. އެވަގުތު އޭނާގެ ފޮރުވިފައިވާ އަތްތިލަ ލޯ މައްޗަށް ކަޝްފުވެގެން ދިޔައެވެ. އަދި އޭނާގެ ކަށި އިނގިލީގައި އަޅައިފައިވާ އަނގޮޓި ފެނުނެވެ. ސާޖިން އަވަސް އަވަހަށް ބިންމައްޗަށް ވެއްޓުނު އަންގި ނަގައި އަތަށް މަހާލިއެވެ.

ޔާޤޫތެއް ޖަހައިފައިވާ ރިހި ކުލައިގެ އަނގޮޓިއެއް އެ އަތުގައި އޮތީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ…. “އައިމް ސޮރީ.” ސާޖިންގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރު ފެނުމުން އަހަރެން ބުނެލީމެވެ. “އެހާ ބޮޑު ކަމެއް ނޫނެއްނު. ދެން ހިނގާ” ސާޖިން އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލިލެއް އަވަހެވެ.

އެ ދުވަހުގެ ފްލައިޓުތައް ދުއްވި އިރު ވެސް އަހަރެން އިނީ ހަމަހިމޭނުންނެވެ. ޔޫނުސާއި އެކީ ހަސްފަތާލަށް ދިޔަ ދުވަހު ވެސް ބަޔަކު އޭނާއަށް ފާރަލާ ކަމުގެ ޝައްކެއް ވިއެވެ. އެހެނަސް އެއީ ހީވި ގޮތެއް ކަމަށް ބަލައިފައި އެ ދުވަހު އަޅައިނުލީ ސީދާކޮށް އެ ބަޔަކު ނުފެނުމުންނެވެ. މިއަދު ސާޖިންގެ އަތުން އެ އަންގި ދަމައިގަތުމާއެކު އޭނާއަށް އައި ބަދަލުން މިކަމުގައި ކޮންމެވެސް ގޯހެއް އުޅޭކަން ޔަޤީން ވެއްޖެއެވެ. ސާޖިނަކީ ޙަޤީޤަތުގައި ވެސް ރަހީނުކުރާ ގުރޫޕުގެ ތެރެއިން އައި މީހެއް ތޯ ނުވަތަ ނޫން ތޯ ބަލަން އަދި ދިރާސާއެއް ކޮށްލަންވީއެވެ. ބޭރުފުށުން މައުސޫމް ކަމާއި އެކުވެރިކަން ދެއްކި ނަމަވެސް އެފަދަ ދަޅަތަކަށް ހެއްލޭކަށް ނުވާނެއެވެ. 

ހެނދުނުގެ ވަގުތުގައި ފެށި ނަމަވެސް ޑިޔުޓީ ނިމުނީ ރޭގަނޑެވެ. މި އަތޮޅުގައި ހުންނަ ހަމައެކަނި ވައިގެ ބަނދަރަށް ވީމާ ވެސް އެހެން ވެދާނެއެވެ. އެހެން ނޫނަސް މަހަކު ދެ ލައްކަ ރުފިޔާގެ މުސާރައެއް މިވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ލިބޭނެއެެވެ. 

އެއަރޕޯޓުން ނުކުތުމާއި އެކު އާހިލާއި ދިމާވިއެވެ. “އެނޮއިން ކެޓޫ! އަހަރެންނަށް ހީވަނީ… ޔޫނުސް އަކީ…” އަހަރެން ހުއްޓާލީމެވެ. “ޔޫނުސް އަށް ބަޔަކު ފާރަލާ.” އާހިލް އެކަމާއި ގުޅޭގޮތުން އިތުރު ތަފްސީލަކަށް ދިއުމުގެ ކުރިން އޭނާގެ އަނގަމަތީގައި އަތް އެޅީމެވެ. ބޯ ހޫރާލައިފައި އަހަރެން ދިޔައީ ހޮޓެލަށް ދާށެވެ. ބޭރު ތެރޭގައި އުޅެމުން އެކަހަލަ ވާހަކަތައް ދެއްކުން އެހާ ރަނގަޅެއް ނުވާނެއެވެ. އެ ސާޖިނަކީ ނުބައި މީހެއް ކަމަށް ވިއްޔާ އެކަހަލަ ވާހަކަތައް މިކަހަލަ ހާމަ ތަނެއްގައި ދެއްކުން ރަނގަޅު ކަމަކަށް ނުވާނެއެވެ. އަހަރެމެންގެ މަސައްކަތަށް ލޮޅުން އަރާނެއެވެ. 

އަހަރެން ހޮޓެލަށް ގޮސް ކައިގެން ކޮޓަރިއަށް ވަނީމެވެ. އޭރު އެތަނުގައި އެކަކު ވެސް ނެތެވެ. ފާޑަކަށް ބޮލަށް ބަރުވެފައި ހުރުމުން އަހަރެން ނިދަން އޮށޯވެލީއެވެ. ގައިގައި ބްލޭންކެޓު އަޅާ ބާލީހުގައި ބައްދާލަމުން ދެލޯ މަރާލީމެވެ. ނިންޖަށް ދަހިވެތިވެފައިވާ ވަރުން އެ ހުވަފެނީ ޢާލަމަށް ގެނބެން އެހާ އުނދަގުލެއް ނުވިއެވެ. 

“ބުލޫ އައި ސްޓޯކަރޫ. އޭތް ކަލޯ ދެން ވެސް ނުކުމެބަލަ.” އަހަރެންނަށް ހޭލެވުނީ އާހިލް ދޮރުގައި ޓަކި ޖަހާ އަޑަށެވެ. ތެދުވެ ދެލޯ އުނގުޅާލައިފައި އަހަރެން ނުކުތީމެވެ. “މިރޭ ވެސް އެމީހުން ޔޫނުސް ފަހަތުން އުޅުނު. އެންޑް އެމީހުންގެ ކެމެރާތައް ވެސް އެ ގޭގެ ހުރިހާ ތަނެއްގައި ހެން ހަރުކޮށްފައި ހުރި.” އާހިލް ބުނެލިއެވެ. އައު ޚަބަރެކެވެ. މި ހުރިހާ ކަމެއް ވެސް އިނގިލި ދިއްކޮށް ހަރު އަޑުން ގޮވަނީ ބާވީސްވަނަ އަމާޒުފަތްގަނޑަކީ ޔޫނުސް ކަމަށެވެ. 

“އަދި އިތުރަށް ޔަގީންކޮށްލާފަ އެހެން މީހުން ގާތު ބުނާނީ. ހިނގާބަލަ އެ ސޫޖީ އަށް ފާރަލާން. އަހަރެންނާއި ޔޫނުސާއި އެކު ފްލައިޓު ދުއްވާ ސޮރެއް އެއީ. އޭނާ އިނގިލީގަ އެއްކަލަ ކަހަލަ އަނގޮޓިއެއް އޮތް.” އަހަރެންގެ ޚިޔާލު ފާޅުކޮށްލީމެވެ. “އޯކޭ. ތިހެން ވިއްޔާ މާދަން ރޭ އެ ސޮރަށް ފާރަލާން ހިނގާ.” އާހިލް އެއްބަސްވިއެވެ. “އަހަރެންގެ ޑިއުޓީ ނިންމާފައި އެކީ ފަށަން ޖެހޭނެ. ނޭނގޭ ވިއްޔާ އެ ސޮރު އުޅޭ ތަނެއް އެހެން އެކައްޗެއް ވެސް. ހޯދަން އުޅެ ވެސް މަށަކަށް ނުހޯދުނު ވިއްޔާ. ހާދަ ހީވެޔޭ ޔޫނުސަކީ ހެން ބާވީސްވަނަ އަކީ.”  އަހަރެން ބުނީމެވެ. އޭނާ އެންމެ ރަނގަޅު ކަމަށް ބުނެފައި ދިޔައީ އޭނާގެ އަމިއްލަ ކޮޓަރިއަށެވެ. 

އަހަރެން ވެސް އަނބުރާ ކޮޓަރިއަށް ވަދެފައި ދޮރު ޖެހީމެވެ. އެ ބޮޑު އެނދުގެ އެއްފަރާތަށް އެރީމެވެ. އަނެއް ފަރާތުގައި ޝެހެނާޒު ނިދާ ހަރުދަނޑި ކައިފައި އޮތެވެ. ކުޑަކޮށް ހުޅުވިފައިވާ އަނގައިގެ ތެރެއަށް އިސްތަށިކޮޅެއް ވަދެފައި ވުމުން މަޖާ ވައްތަރެއް ޖަހައެވެ. އަހަރެން އޭނާގެ މޫނުމަތި ރަނގަޅު ކޮށްލައިފައި އަނެއްކާވެސް ދެލޯ މަރާލީމެވެ. 

އަނެއް ދުވަހަށް އަހަރެން މަރުހަބާ ކީ ޓްރައިނިން ސެޝަނަކުންނެވެ. އެ ނިންމާލުމަށް ފަހު ހެނދުނުގެ ސަޔަށް އިންސާފު ކުރުމުގެ ނިޔަތުގައި ކޮޓަރިން ނުކުތީމެވެ. މިއަދު ހޮޓެލުން ގެނެސްފައި ހުރީ ދިވެހި ކެއުމެކެވެ. ކުއްޅަފިލާފަތު މަސްހުންޏާއި ރޮއްޓާއި އެކު ކަޅު ސައެވެ. ނާސްތާ ކުރުމަށް ފަހު ދެން އުޅުނީ ޑިއުޓީ އަށް ދާން ތައްޔާރު ވާށެވެ. 

އަލަމާރިން އަހަރެންގެ ޕައިލެޓް ޔުނީފޯމް ނެގީމެވެ. ހުދުކުލައިގެ ގަމީހަކާއި ގަދަ ނޫކުލައިގެ ކޯޓެއްގެ އިތުރުން ތިރިން ކަޅު ބެލްސެކެވެ. އެ ލައިފައި އެންމެ ފަހުން ޕައިލެޓު ތޮފި ބޮލުގައި އަޅާލީމެވެ. ގަޔަށް ސެންޓު ބުރުވާލުމަށްފަހު އަހަރެން ކޮޓަރިން ނުކުތީމެވެ. 

“ވާވް. ހާދަ ޗާލޭ. ރިފް ޕައިލެޓަކަށް ވާންވީނުން. ދެން ވެސް މި ފޮޓޯއަށް ހީނލަބަލާ. ތުއްތު ކަމަނާ. ފައިގަތަޅަމުން ގޮސް ހިކަންޖެއް މަރުވިޔަސް ރުޅި މޫނު ހަދާކަށް ނުވާނޭ. އަހަރެން މަހަށް ގޮސް ހިކި މަހާއި ވަޅޯމަސް ނުގެންނަނީސް ތި ހީނލަބަލަ. އޭތް. ކެޔޮޅާ ބޭބޭ ދޫންޏާ ހިނގާށެ ބޭރަށް ދާން.” ނޯށަށް އަރުވައިގެން ޝެހެނާޒު ވާހަކަ ދައްކަމުން ދިޔަ ގޮތުން އަހަރެންނަށް ހެވުނެވެ. ނޫނެކެވެ. ހިނިގަނޑު ފަޅައިގެން ގޮސް ބިނދުނީއެވެ. މަސައްކަތުން ހިނިގަނޑު ގޮތަކަށް މައިތިރިކުރަމުން އަހަރެން ފޮޓޯއަށް ހުއްޓެލީމެވެ. އަހަރެން ހޮޓެލުން ނުކުތީ އޭނާ ހިތްހަމަޖެހޭނެ ވަރަށް ފޮޓޯ ނަގަން ފުރުސަތު ދީފައެވެ. 

އެއަރޕޯޓުގެ ޕައިލެޓް ކެބިނަށް ވަތް އިރު ޔޫނުސް ސޯފާ ގޮނޑީގައި އިނީ ފޯނަށް ކުޅޭށެވެ. “އައްސަލާމު ޢަލައިކުމް. ބްރޯ ކިހިނެއްތަ ޙާލު.” އަހަރެން ގޮސް ސޯފާގޮނޑި އެއްގައި އިށީނދެލަމުން ގޮވާލީމެވެ. އޭނާ ފޯނުން ނަޒަރު ވަކިކޮށްލާ ތެދުވިއެވެ. “ވަޢަލައިކުމުއް ސަލާމް. މަ ބަރާބަރެއްނު. އޭތް. އަވަހަށް ހިނގާ ފްލައިޓަށް އަރަން. މިހާރު ފަސިންޖަރުން ވެސް އަރައިފާނެ.” އޭނާ ފޯނުން ޝެޑިއުލް ދައްކާލަމުން ބުނެލިއެވެ. “އަޅޭ. ޕިސްޕިސް. އަހަރެންގެ ތަތްކަން.” ބޮލުގައި އަމިއްލަ އަތުން ޖަހާލައިފައި އަހަރެން ޔޫނުސާއި އެކު ހިނގައިގަތީމެވެ. 

“އޯހް. ޖެން އަރައިފިން ދޯ! ސޮރީ އިނގޭ. އަހަރެންނަށް އާދެވުނުލެއް ކުޑަކޮށް ލަސްވީ. މިއަދު ބަހުގައި އައިމަ ވީ ގޮތް.” އަހަރެން ކޮންޓްރޯލަށް ދިޔައިރު ސާޖިން އޭނާގެ ގޮނޑީގައި އިނުމުން ބުނެލީމެވެ. “ދެން ވެސް ގަޑިއަށް ފަރުވާތެރިވާތި. މި ޔެލޯ ވެސް އައިސް އެކީ ފޯނަށް ކުޅެން އިނީއޭ. ދެން އިރުކޮޅަކުން ފަސިންޖަރުން އަރާ ނިމޭނެ.” ސާޖިން ވެސް ހިނިތުންވުމަކާއި އެކު ބުނެލިއެވެ. “ވަރަށް ސާފު.” ޔޫނުސް އަދަބުވެރި އަޑަކުން އެހެން ބުނެލައިފައި ކަންފަތުގައި ހެޑުފޯނެއް އަޅާލިއެވެ. އަހަރެން ވެސް ހިނިގަނޑެއް ޖަހާލައިފައި އެ އެޅީމެވެ. ދެން އެ ބޯޓު ވައި މައްޗައް އަރުވާލަން ހިފާލީމެވެ. 

ރަންވޭގައި ބޯޓު ޖައްސާ ހުއްޓާލުމާއި އެކު ފަސިންޖަރުންތައް ފައިބަންނަން ފެށިއެވެ. މި އާދެވުނީ އަނެއްކާވެސް އަނބުރާ ތުރާކުނަށެވެ. މިއަދު ބާ އަތޮޅާއި މީމު އަތޮޅުގެ އިތުރުން ގާފު އަލިފު އަތޮޅަށް ވެސް ދަތުރު ކުރަން ޖެހުނެވެ. ފްލައިޓު ދުއްވާއިރު އަހަރެންނަށް ކުރެވެނީ ވަރަށް ވެސް ތަފާތު އިހުސާސެކެވެ. ބައެއްގެ ފުރާނަ އަތްމައްޗަށް ލައިގެން އުޅޭއިރު ވަރަށް ވެސް ގިނަ ކަންކަމާއި މެދު ވިސްނާން ޖެހެއެވެ. މަސައްކަތުގައި ވަރަށް ފަރުވާތެރިވާން ޖެހޭނެއެވެ. 

“އަނެއް ބުރަ ދުވަސް. އޫހް.” ޕައިލެޓް ކެބިނުގައި ހުރި ބޮޑު ސޯފާގައި އިށީނދެލަމުން އަހަރެން ބުނެލީމެވެ. އެހެނަސް ދެވަނަ ސިކުންތުގައި އެއިން ތެދުވެ ގެއަށް ދިއުމުގެ ނަމުގައި ބޭރަށް ނުކުތީމެވެ. މިހެން ކޮސް ވާހަކަ ދައްކާ އަރާމު ކުރާކަށް ވަގުތެއް ނެތެވެ. މިހާރު ސާޖިނާއި ހަވާލުވެގެން ހުންނާނީ އާހިލެވެ. އަހަރެން އުޅެގަތީ ލައިގެން ހުރި އުނދަގޫ ޔުނީފޯމް ބާލާށެވެ.

ކަޅު ހުޑީ އަކާއި ޓްރައުޒާއެއް ލަމުން އަހަރެން ގެނައި ދަބަހަށް ޔުނީފޯމް ލައި ޒިބު އަޅުވާލީމެވެ. ދެން މިސްރާބު ޖެހީ އާހިލް ބުނި ތަން ކަމަށްވާ އެއަރޕޯޓުގެ މައި ގޭޓާއި ދިމާލަށެވެ. ހުޑީގެ ހުޑް ބޮލަށް ވައްޓާލާ ކަޅު ކުލައިގެ މާސްކެއް އަޅާ ދެއަތަށް ކަޅު އަންގި ލައްވާ އެކުލައިގެ ބޫޓަކަށް އަރައިފައި ހުރުމުން މުޅި ހަށިގަނޑު ނިވާވެފައި ވެއެވެ. ފެންނަ މީހަކަށް އަހަރެން ވަކި ކުރަން ވެސް ނޭނގޭނެއެވެ. ހުރި ގޮތުން އަހަރެންނަކީ އަންހެނެއް ކަމެއް ނުވަތަ ފިރިހެނެއް ކަން ވެސް ވަކި ނުކުރެވިދާއެވެ. 

އަހަރެންގެ ދެ ލޮލުގައި އާހިލް އަޅައިގަތުމުން ހިޔަންޏެއް ފަދައިން އެ ދިމާއަށް ދިޔައީމެވެ. އެ ސޮރާއި އަރާ ހަމަކުރެވުމުން އަހަރެން ދެކޮޅު ބަލައިލީ ސާޖިންގެ ޚަބަރެއް ވޭތޯއެވެ. އަހަރެންނަށް އޭނާ ފެނުނީ ބޮޑު މަގުގެ އެއްފަރާތަކުން ހިނގައިފައި ދަނިކޮށެވެ. އަހަރެމެންގެ ނަސީބު ރަނގަޅު ކަމުން އެ ސޮރު އެއްވެސް އުޅަނދަކަށް އަރާކަށް ނޫޅުނެވެ. ނޭރި ސަބަބެއް ވެސް ނޭނގެއެވެ. އެއްވެސް ވަރަކަށް އޭނާއާއި ގުޅޭ ގޮތުން ޒާތީ މަޢުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ. އެފަދަ މިސްރާބަކަށް އަހަރެން ގެންދަން އުޅުނަސް އޭނާ ކޮޅު ބަދަލުކޮށްލަން ކުޅަދާނައެވެ. 

“އޭ ބުލޫ އައި ސްޓޯކަރޫ. މި ސޮރު މި ތަނަށް ވަދެފަ ނުނުކުތިއްޔާ އޯ. އިރު އަރާން ދެން މިތަނުގައި ހުންނާނަންތަ؟” އާދައިގެ ގޮތަކަށް ހަދައިފައިވާ ގެއަކަށް ސާޖިން ވަނުމުން އާހިލް ބުނެލިއެވެ. “އަދި ތިއެއް ނޭނގޭނެއްނު. ދޭއް ޖެހީމަ ގެއަށް ދާނީ.” އަހަރެން ފާރުގައި ލެނގިލަމުން ޖީބުން ފޯނު ނެގީމެވެ. މިއަދު އެކަނި ވެސް މެސެޖުތައް އައިސްފައިވާލެއް ގިނަ ކަމުން ބޯ ގޮވާވަރު ވެއެވެ. ވަގުތު ދުއްވާލުމުގެ ނިޔަތުގައި ރިޕްލައިތައް ލިޔެ ފޮނުވަމުން އެހެން މީހުންނާ ވާހަކަ ދައްކަމުން ދިޔައީމެވެ.

” ބަލާބަލަ. އެ ސޮރު އަދި ވެސް ހަމަ ގެއިން ނުކުންނާކަށް ނޫޅޭ. އަދި ވެސް މިތަނުގައި ހުންނާނީތަ؟ ޕިސްޕިސް. ކަލޭ ދެލޯ ފޯނަށް ދީގެން އިންދާ ސޫޖީ ދިޔައިއްޔާ ކިހިނެއް ވާނީ. ތި ގެނޭ.” އާހިލް އަހަރެންގެ އަތުން ފޯނު ދަމައިގަތެވެ. އަހަރެން ތުން އަނބުރާލީމެވެ. “އެނޮއިން ކެޓް ބަލަން ހުރިއްޔާ އެކަމެއް ނުވާނެއްނު. މަ ޖެހޭނެ ތާ ފޫހި ފިލުވަން.” އަހަރެން ބުނެލީމެވެ. “ޔޫ އެނޯއިން ބްރެޓް!” އާހިލް ގާތަށް ރުޅި އައެވެ. އެހެނަސް އޭނާ ކަމެއް ކުރުމުގެ ކުރިން އަހަރެންނަށް ފެނުނީ ސާޖިން އެ ގެއިން ނުކުތް ތަނެވެ. އަވަހަށް ފުރުސަތުގެ ބޭނުން ހިފާ އޭނާ އަނެއްފަރާތަށް އަނބުރާލީމެވެ. އަދި އިޝާރާތުން އެ މަންޒަރު ދެއްކީމެވެ. 

“އަދި ބަދަލު ހިފާނަން.” އިންޒާރުގެ ނަޒަރެއް ދެމުން އާހިލް ހިނގައިގަތެވެ. އަހަރެން ފުން ނޭވާއެއް ލުމަށްފަހު އޭނާގެ ފަހަތުން ހިނގައިގަތީމެވެ. އަހަރެންގެ ކަންފަތަށް ލައްވާފައިވާ އެއާޕޮޑެއް ކަހަލަ އެއްޗެއްގެ އެހީގައި ސާޖިން ދައްކަމުން ދިޔަ ވާހަކަތައް އަޑު އެހީމެވެ. އޭނާ އެވަގުތު ވާހަކަ ދެއްކީ ޔޫނުސް އާއި ކަން އެނގުމުން ފާޑަކަށް ރުޅި އާދެވުނެވެ. އޭނާ ބައި މީހުންނާ ފޯނުން ވެސް ވާހަކަ ނުދައްކަނީ ހެއްޔެވެ؟ މިހާ ވަރުން އުޅޭ ބަޔަކު އަތުލައިގަންނަން ކިހާ އުނދަގޫ ވާނެ ހެއްޔެވެ؟

އަހަރެމެން ހިނގަމުން ދިޔައީ ސާޖިނާއި އަށް ވަރަކަށް ފޫޓު ދުރުންނެވެ. ހިނގަމުން ގޮސް ތުރާކުނުގެ މީހުން ނޫޅޭ ފަޅު ހިސާބަށް ވެސް ދެވިއްޖެއެވެ. އެއީ ދުނިޔޭގެ ތިންވަނަ ބޮޑު ހަނގުރާމައިގައި ފަޅުވެ ހަލާކުވެ މަސްހުނިވީ ހިސާބެކެވެ. ބޮން އަޅާ ގޮއްވައިފައި ހުރި ވަރުން ގެތައް ވެސް ވަނީ ފުނޑޭނެ އެންމެ ވަރުގަދައަކަށް ފުނޑި ހަލާކު ވެފައެވެ. އަހަރެމެން ހިނގަމުން ދަނިކޮށް ސިހުނީ ކައިރީގައި ހުރި ގެގަނޑެއްގެ ޓިނު ބުރިއެއް ވެއްޓުމުންނެވެ. އަވަސް ފިޔަވަޅު ތަކެއް އަޅަމުން ދިޔަ ސާޖިން އެވަގުތު ހުއްޓުނެވެ. އޭނާ ފަހަތަށް އެނބުރުމުގެ ކުރިން އަހަރެމެން ދެމީހުން އެ ގެގަނޑުގެ ތެރެއަށް ވަނީމެވެ. އެންމެ ކައިރީގައި ހުރީ އެތަން ކަމަށް ވާތީއެވެ. އެހެން ތަނަކަށް ދާން ވާއިރަށް އޭނާއަށް އަހަރެމެން ފެންނާނެ ތާއެވެ. 

އަހަރެންނަށް ނޭވާ ހިފަހައްޓާލެވުނީ ދެ ދޭތެރެއިން ފެންނަން ހުރި ބާކޮޅަކުން ސާޖިން އެ ދިމާލަށް އަންނަ ތަން ފެނުމުންނެވެ. ދެން މި ބަސްޓުވީއެވެ. އެ ކުޅަދާނަ ރަހީނުކުރާ ގުރޫޕަށް އަހަރެމެންގެ މަސައްކަތް އެނގިއްޖެ ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ހަމަ ނަގާފަ ވިއްކާލާނީ ހެއްޔެވެ؟ އަހަރެންގެ ހާސްކަން ދެގުނަ އިތުރުވީ އާހިލްގެ ފުން ދެ ލޮލުގައި ވީ ކަން ބޮޑު ވުމުގެ އަސަރުތައް ފާހަގަކުރެވުމުންނެވެ.

– ނުނިމޭ –  

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ކީރިތި ޤުރުއާން ހިތުދަސްކުރާނެ ގޮތް؟

Next

މަންމަ

Next
December 2, 2024

މަންމަ

Previews
December 2, 2024

ކީރިތި ޤުރުއާން ހިތުދަސްކުރާނެ ގޮތް؟

15 Comments!

  1. Naksu ⚡ says:
    December 2, 2024 at 12:30 pm

    Woooow 2 in one
    As amazing as usual.
    Curiously waiting for next.
    Bust nukohlahcheyy plss

    1. White rose White rose says:
      December 2, 2024 at 9:24 pm

      Thnx Naksu ⚡

  2. Your fav bab says:
    December 2, 2024 at 3:44 pm

    Yaaaa
    Bust kohnulaathi!!!!!!!
    Heeheehheehhe…..
    Varah. Furihama.

    1. White rose White rose says:
      December 2, 2024 at 9:25 pm

      Engidhaanetha bust vaanee tho noon tho dhen in bayakun.
      Thnx Your fav bab.

  3. Lara says:
    December 2, 2024 at 5:58 pm

    Mi part ves varah reethi love it ❤️❤️❤️
    When is next part?

    1. White rose White rose says:
      December 2, 2024 at 9:25 pm

      Thnx Lara.

  4. Your fav bab says:
    December 2, 2024 at 8:43 pm

    Rose gada!!!!!!
    Horror story eh nuliyan promise eh kohfa tha thi huree??????
    I’m waiting “hageegath hoadhumey” nimendhen but!!!!
    Can’t chill
    Ekm this story is interesting so keep it up

    1. White rose White rose says:
      December 2, 2024 at 9:27 pm

      Keehkuraanii. Vrh buxy year eh veema ehah mi story up kureveynii.
      Don’t worry, mi vhk nimmaafa 1 horror story up kohlaanan IA.

  5. Cutie girl says:
    December 3, 2024 at 7:45 am

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Aahil and Rifga gulhuvachey
    They both are made for each other
    V interesting story eh
    V kiyaala hithun kiyani
    I appreciate your hard work

    1. White rose White rose says:
      December 3, 2024 at 2:19 pm

      Thnx Cutie girl..

  6. Unknown says:
    December 4, 2024 at 10:16 pm

    Mi part vrh ves fhrihama
    Keep up the good work
    Love this story
    When next? Avahah upload kohleveytho balahchey🙂❤️❤️

    1. girl_621 says:
      December 4, 2024 at 10:19 pm

      Mi comment Aky
      Girl_621 Ge comment

    2. White rose White rose says:
      December 5, 2024 at 2:14 pm

      Thnx Unknown

  7. girl_621 says:
    December 4, 2024 at 10:17 pm

    Mi part vrh ves fhrihama
    Keep up the good work
    Love this story
    When next? Avahah upload kohleveytho balahchey🙂❤️❤️

    1. White rose White rose says:
      December 5, 2024 at 2:15 pm

      Thnx girl_621

Comments are closed.

Next Episodeޙަޤީޤަތް ހޯދުމޭ 34 އަދި 35←


All Right Reserved!