Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަލޯބި

ފުރާނައިން ގުޅުން

Farihibe Level 1
March 30, 2024 5 Mins Read
5 Comments

މާދަމާއަކީ ބޮޑުދުވަހެކެވެ. އަހަރެން މީހާކާ އިންނަނީއެވެ. ހާޔާތެއް ފަށަނީ އެވެ. ކިޔުންތެރިޔާ ހިތަށް އަރާފާނެއެވެ. އަހަރެން ހުންނާނީ ވަރަށް އުފަލުންނެވެ. ނޫނެކެވެ. މިވަގުތު އަހަރެން ގަންނަނީ ބިރެވެ. ކުރަން މިއުޅެނީ އައިދާގެ ކަމެއް ނޫން ވިއްޔާއެވެ. މިއުޅެނީ މީހަކަށް އަހަރެންގެ ދިރިއުޅުން މީހަކާ ހަވާލުކުރާށެވެ. އޭނާއަށް އިތުބާރު ކުރާށެވެ. ލޯބިދޭށެވެ. އައިލާއެއް ބިނާކުރާށެވެ. އުމުރުށެވެ. ހީބިހިވެސް ނަގައިފިއެވެ. މިއޮތީ ވާކަމެކެވެ.

 

ބައެއް ފަހަރު ކައިވެނި ކުރާ ހިތްވެސް ކެނޑެއެވެ. ނަމަވެސް މިއީ އަދި މުޅިން ތެދެއްނޫނެވެ. އަހަރެން އުފާވެސް ވެއެވެ. އުފާ އެއީ މިކުރެވޭ އިހްހާސް ސިފަކުރަން އެންމެ ރަނގަޅު ބަހަކަށް ނުވެދާނެއެވެ. ނަމަވެސް އެއަށް ދޭނެ އިތުރު ނަމެއް އަހަރެންނަކަށް ނުވިސްނުނެވެ. އުފާ ކަހަލަ ގޮތެއް ވެވެނީއެވެ. އަމިއްލަ އާއިލާއާއި ލޯބި އަންބަކާއެކު ދިރިއުޅުމެއް ފެށުން މިއީ އަހަރެންގެ އެއް ހުވަފެނެވެ. އެކަންވެސް އިރާދަކުރެއްވިއްޔާ މިވަނީއެވެ. ހިތައް އަރައެވެ. މީގެ ހަވަރަކަށް އަހަރު ކުރިން އަހަރެނ…

 

ފޯނު ރިންގުވާން ފެށިއެވެ. އަވަހަށް ނެގީމެވެ.

 

” ބޭބީ… ކަމެއް ކޮށްދީބަލަ… އަންނަމުން މަސްކާށި ޕެކް އެއް ގެނެސްދީބަލަ. ތޭކްސް” ނައިނާ ވާހަކަ ދެއްކީ އާންމު އަޑަށް ވުރެ ތުއި ކޮށްލާފައެވެ. ކަމެއް ބޭނުންވެއްޔާ މިމަންޖެ އަޑުވެސް ބަދަލުވާނެއެވެ.

” ޔާ.. އޯކޭ” އަހަރެން އިޖާބަ ދިނީމެވެ.

” ކައިފިންތަ… ޔޫ ހާދަ ޒާތަކަށް. ވަރުބަލީތަ.”

” އަލަމާރި ރާވާފަ ވަރުބަލިވެފަ ތަންކޮޅެއް ބޮޑަށް.”

” އެހެން… ރެސްޓް ކޮށްލަން ވީނުން”

” ނުން އެހެންނޫނަސް ހުޅުމާލެ އެރިއްޖެ. ޔޫ ރެޑީ ވެލާފަ ގުޅާލަ. ނިދާނީ ދެން މިރޭ އަވަހަށް. އޯކޭ ވާނެ.”

” ހުމް… ގުޅާނަން އިނގޭ… އައި ލަވް ޔޫ”

” އައި ލަވް ޔޫ”

ފޯނު ބޭއްވީމެވެ.

 

ބައެއްފަހަރު ނައިނާ އުޅޭ ގޮތުން އަހަރެން ވަރަށް ފޫހިވެއެވެ. ރުޅިވެސް ގަދަވެއެވެ. ނުވައެކޭ ބުނެފިއްޔާ މާތް ކަނބުލޭގެއަށް ތައްޔާރުވެވޭނީ ދިހައެއް ޖަހާއިރުއެވެ. އަޖައިބެކެވެ. އަހަރެން ކުރާ ކަންކަމުގައި ބައިވެރިވުންވެސް ކުޑެވެ. އަހަރެން ކުރަން ބޭނުންވާ ކަންކަން މީނާ އަކަށް ކަމަކު ނުދެއެވެ. އަހަރެންނަކީ ކަސްރަތު ކޮށް ހެލިފެލިވެ އުޅެން ލޯބިކުރާ މީހެކެވެ. މަޖާކޮށްލާ ބޭރަށް ދުއްވާލަން ދާން ބޭނުންވާ މީހެކެވެ. ނަމަވެސް ނައިނާ މިޔާ މުޅިން ޚިލާފެއެވެ. ރަށްޓެހިވެގެން އުޅޭތާ އަހަރެކެވެ. އަދިވެސް ދެމީހުން އެކީ ސިނަމާއަކަށް ނުދަމެވެ. މަންޖެ ސިނަމާގައި މާމީހުން ގިނަވާތީ ދާހިތް ނުވަނީއެވެ.

 

މިހަކަލަ އެކަހަލަ ކަމެކެވެ. ކުރިން ދުވަހަކު ބޮޑުދައިތަ އަހަރެންނަށް ގުޅާފަ ބުނީ މަޖީދު ތިއިންނަނީ ހާދަހާ އަވަކަށެވެ. ތެދެކެވެ. އަހަރެން އުމުރު ނިކަން ޅައެވެ. އަދިކިރިޔާ ތޭވީސް އަހަރުވީއެވެ. އަހަރެންގެ ބޭބެމެން އުމުރުން މިހާރު ތިރީސް އަހަރެވެ. އަދިވެސް “ސިންގަލް ރެޑީ ޓު މިންގަލް” ގެ ދިރިއުޅުމެވެ. ނުވިތާކަށް މޮޅުކަމަކީ ނައިނާ އަހަރެންނަށް ވުރެ ދޮށްޓެވެ. މިހެންވެ މީހުން މިހަކަލަ އެކަހަލަ ވާހަކަ އަހަރެންނޭ ކިޔައިގެން ދައްކައެވެ. ބައެއް ފަހަރު މިކަމާވެސް ވިސްނެވެ. ބޮލުގަވެސް ރިއްސައެވެ.

 

ނައިނާ އަހަރެންނާ އެހާ ނުގުޅެނީ ކީއްވެ ބާއޭ ހިތައް އަރައެވެ. މިހެން އިނދެގެން ދިރިއުޅެވޭނެ ބާއެވެ. ގުޅުން ނުގުޅުން މިއީ މިފަދަ ޒަމާނެއްގައި ވަރަށް މުހިއްމު ކަމެކެވެ. އިނގެރޭސިން ނަމަ “ކޮމްޕެޓިބިލިޓީ” އެވެ. މިހާރު ލޯބިވާ މީހުން ރަށްޓެހިވުމުގެ ކުރިން މި ގުޅުން ހުރިތޯބަލައެވެ. ކުރާ ކަންކަން ގުޅޭތޯއެވެ. މިޒާޖު ގުޅޭތޯއެވެ. ބަލާ ވައްތަރުގެ ފިލްމުތައް ގުޅޭތޯއެވެ. ހަނދުގެ މޫނު ދިމާވޭތޯއެވެ. ފަލަކީ ތަރީގެ ބާވަތް ދިމާވޭތޯއެވެ. ކޮންމެވެސް ލިބްރާއަކާއި ސްކޯޕިއޯއެކެވެ. ކޮންމެވެސް ޒޯޑިއެކް ނިޝާން ތަކެކެވެ.

 

އަހަރެންނާ ގުޅޭ މިހެއް ނެތީ ބާވެއެވެ. ނޫނެކެވެ. ހުއްޓެވެ.

 

މިހާރުގެ ކުދިން ފަދައިން ފުރާވަރުގައި އަހަރެންވެސް ތަފާތު ކުދިންނާއި ވާހަކަދެއްކީމެވެ. ރައްޓެހިވެ ޑޭޓް ކުރީމެވެ. އަންހެން ކުދިން ގެންގުމަކީ ޖީބަށް ވޭނެކެވެ. ނަމަވެސް އެކަނިވެރިކަން ފިލާކަމެކެވެ. ރަނގަޅުކަމަށް ނުވެދާނެވެ. ނަމަވެސް ކައިރީގައި ސާބިތުކޮށް މީހެއް ހުންނަ ކަމުގެ އިޙްސާކުރެވެއެވެ. އެކަކު އަނެކެއްގެ ހިތުގެ އިހްސާސްތަކާއި ވޭން ހިއްސާކޮށްލެވެ. ލޯތްބޭ ކިޔާ އިހްސާސްއެއް ވެއެވެ. ލޯބިތާއެވެ. އެއީ މީރުވަސް ދުވާ ޒަހަރު ފުޅިއެވެ. ވަސްބަލާލަން ހާސް ރަނގަޅެވެ. އޮޅިގެންވެސް ބޮއެފިތަ އެއީ މަރެވެ.

 

އަހަރެންގެ ނަސީބު ކަންދިމާކުރި ގޮތުން މިބުނާ ޒަހަރު ފުޅި ލިބުނެވެ. ވަސް ބަލާލެވުނެވެ. ދުލަށް ބަޔާން ކުރަން ދަތި މީރު ވަހެކެވެ. ބޮއެ އޭގައި މަސްތުވާން ބޭނުން ވާފަދަ ވަހެކެވެ. އެވެސް ފުރަތަމަ ނަޒަރުންނެވެ. ލޯބެކެވެ. ނަމަކީ ޔުމްނާއެވެ. އަހަރެން ޔުމްނާއާއި ދިމާވީ އެކުވެރިއެއްގެ އުފަން ދުވަހަކުންނެވެ. އެއީ އަހަރެންގެ އެންމެ ގާތް ރަޙުމަތްތެރިޔާ ޝަނީޒް ރައްޓެހިވެގެން އުޅޭ މަންޖެގެ އުފަންދުވަހެވެ. މިބުނި ފުރަތަމަ ނަޒަރުން ލޯބި އުފެދުނު ދުވަހަކީ އެއީއެވެ.

 

އަހަރެން ވާހަކަވެސް ނުދައްކަމެވެ. ޔުމްނާގެ ރީތި ކަމުން ހަމަ ގެއްލިފާ އިނދެވުނީއެވެ. ބައެއްފަހަރު ޔުމްނާ އަހަރެންނަށް ބަލާހެންވެސް ހީވެއެވެ. ކޮންމެއަކަސް ފަހުން އަހަރެންނަށް އިނގުނީ އޭރު ޔުމްނާ އުޅެނީ މީހަކާ ރައްޓެހިވެގެންކަމެވެ. ދެރަވިއެވެ. ނަމަވެސް ދެން ޔުމްނާއި ދޭތެރޭ ނުވިސްނަން ވައުދުވީމެވެ. ތިހީކުރީ ހަމަ ރަނގަޅަށެވެ. އަހަރެންނަކަށް ނުވިސްނާ ނުހުރެވުނެވެ. ހުވަފެނުގައިވެސް ހަމަ ފެންނަނީއެވެ. ހޭލީމާވެސް ފެންނަނީއެވެ. ވިސްނެނީއެވެ. ލޯބިވެވެނީއެވެ. ނަމަވެސް ހަމަޖެހިލީމެވެ. ހުރިހާ އިހްސާސެއް ބަނޑުފުށުގައި ބޭއްވުމަށް ފަހު އެކަމުން މިންޖުވެވޭތޯ އުޅުނީމެވެ.

 

އިރާދަފުޅުތާއެވެ. ޔުމްނާ ފަހުން ސިންގަލްވިއެވެ. ޝަނީޒް ބުނިގޮތުގައި ޔުމްނާއަށް އަހަރެން ކަމުގޮސްގެން އެވާހަކަ އެބަ ދައްކައެވެ. އަދި ވާހަކަ ދައްކާލަން ބޭނުންވާ ވާހަކަވެސް ބުންޏެވެ. އަހަރެން އުފަލުން ކޮޅެއްނެތެވެ. އެއްބަސްވީމެވެ. ވަރަށް ވާހަކަ ދެއްކީމެވެ. އިތުރަށް އަހަރެންނަށް ޔުމްނާ ކަމުދިޔައެވެ. ލޯބިވެވުނެވެ. އިންނަން އަހަންވީއޭ ހިތަށް އެރިއެވެ. އެކަމު އަދި މާއަވަހެވެ. ކެތްތެރިވާނީއެވެ.

 

ކޮންމެ ރެއަކު އަހަރެން އޭނާއާއި ގުޅަމެވެ. ދެމީހުން ދުވަސް ދިޔަގޮތް ހިއްސާކުރަމެވެ. އެލޯބި މަންޖެއަށް ނިދެނީ ގުޅާއިގެން އޮތްވައެވެ. ޔުމްނާއަކީ “ކޮމްޕެޓިބިލިޓީ” ގެ ނަޒަރުން ބަލަންޔާ އަހަރެންގެ ޙައްޤެކެވެ. ނިކަން މުރާލިއެވެ. އެހާމެ ގިނަ އިތުރު ހަރަކާތް ތަކުގައި އުޅެވެ. ބިޒީ ދިރިއުޅުމެއް ބޭނުންވާ ކުއްޖެވެ. ހަށިގަނޑަށް ބެލުމާއި ކަސްރަތު ކުރުމަށް އުޅެއެވެ. ބޭރަށް ނިކުމެ މަޒާކުރަން ފޯރިހުރެވެ. އަހަރެން ޔުމްނާ އަންބަކަށް ނަހަދާ ހަދާނެމީހެއް ނުވިސްނުނެވެ. ބޭނުންވީ ހުރިހާ ކަމެއް ކޮށްދޭށެވެ. ޔުމްނާގެ ރީތި ހިނިތުންވުން އަބަދަށް އެމޫނުގައި ބައިންދާށެވެ. ލޯބިން އޭނާ އިންތަނުން ގުޑާނުލެވޭ ވަރު ކުރާށެވެ. އަހަރެންނަށް ޔުމްނާ ވީ އަހަރެންގެ ދިރިއުޅުމުގެ ބަޔަކަށެވެ. މުސްތަޤުބަލްގެ ނޫރަކަށެވެ. އަދި މާ އަވަހެވެ. ރައްޓެހިވިޔާ އަދި ދެމަސް ވަނީއެވެ. އެކަމަކު އަހަރެންނަކަށް ހިތް މަތަކުރުމުގެ ބާރެއް ނުދެއްވައެވެ. އެހެން ނަމަ ތާއެވެ.

 

އެއް ރޭ އަހާލެވުނީއެވެ.

” ހައު ޑޫ ޔޫ ސީ އަސް އިން ދި ފިއުޗާ”

 

ޔުމްނާ މުސްތަޤުބަލް އާދެމެދު ދެކޭ ގޮތް އަހާލުމަށެވެ. އަހަރެން އޭނާގެ ދިރިއުޅުމުގެ ބައެއްތޯ އަޑު އަހާލުމަށެވެ. ނަމަވެސް ހަމަ އިރާދަފުޅެވެ. ދެތިން ދުވަސް ފަހުން އައީ “ބްރޭކް-އަޕް” ސިޓީއެވެ. ދިގު މެސެޖެއްގެ ގޮތުގައި އަހަރެންނަށް ފޮނުވާފައި އިނެވެ. ލޯބި ލިޔުންކޮޅެވެ. އަހަރެންނަށް ޝުކުރު އަދާކޮށްފައި ވެއެވެ. ތައުރީފް ކޮށްފައިވެއެވެ. ވަކިވަން ބޭނުންވާ ވާހަކަވެސް އޮތެވެ. ސަބަބަކީ އަހަރެން އޭނާގެ މުސްތަޤުބަލް އާއި ސުވާލު ކުރުމެވެ. އަހަރެންނަކަށް ނުވިސްނުނެވެ. މީހުން މީހުނާ ރައްޓެހިވަނީ ކައިވެނި ކުރުމުގެ ނިޔަތުގައި ނޫން ހެއްޔެވެ. އަޖައިބެކެވެ. ނޫނެކެވެ. ޔުމްނާއަށް އަހަރެން ކަމުދިޔައީއެވެ. ނަމަވެސް އަދި ހަޔާތުގެ ބައިވެރިއަކަށް އަންނަ ހިސާބަކަށް ނޫނެވެ. އަހަރެންނަށް ދޭހަވީ މިހެންނެވެ. ދެންހުރީ އޭނާ ސީރިއަސް އެއްޗަކަށް ތައްޔާރުނުވާ ވާހަކައެވެ. ދެން އަހަރެން އެސުވާލު އެހުމުން އަހަރެންނާ މެދު ހުރި ޝައުޢު ގެއްލުނީ ކަމުގައެވެ. މިފަދަ ގޮތަށެވެ. އިނގެރޭސިންނެވެ. މިހެންވެ ސާފު ކޮށް ލިޔަން އުނދަގުލެވެ. މައާފްކުރާށެވެ.

 

އަހަރެންނަށް ޒަހަރު ބޮވުނީއެވެ. އަހަރެންގެ ލޯބި ފެނުއެޅުނީއެވެ. ހުވަފެންތައް ބިލާކަށް ވީއެވެ. ހިތް ހަފުސްވީއެވެ. ފުރާނައިގެ ގުޅުން ކެނޑުނީއެވެ. “ސައުލް މޭޓް” ގެއްލުނީއެވެ. މީހުން ބުނަނީ ކޮންމެ މީހަކަށް ފުރާނައިގެ ބައިވެރިއަކު ވާނެ ކަމުގައެވެ. އަހަރެންނަށް އެއީ ޔުމްނާއެވެ. ޔުމްނާ ދިޔައީއެވެ. ދެން އަހަރެން ކައްކާނީ ކޮން ރިހައެއް ހެއްޔެވެ.

 

ހިތަކީވެސް ބޮޑު އުނދަގުލެވެ. އުންމީދު ކުރެވެނީއެވެ. ޔުމްނާ އެންބުރި އަންނާނެއެވެ. އޭނަގެ ފަހު ލިޔުމުގައި އިރާދަފުޅު ހުރިއްޔާ އަދި ބައްދަލު ވާނެ ކަމަށް ވިއެވެ. މިޖުމްލާގައި ހިތް ޖެހި ނުނެއްޓި އޮއްވާ ދެން އިވުނު އަޑަކީ ޔުމްނާ އެހެން ފިރިހެނާ ރައްޓެހިވެގެން އުޅޭއަޑެވެ. ނިމުނީއެވެ. ނިންމާލީއެވެ. ދެން މިކަމެއް ނުވާނެއެވެ.

 

ދުވަސްތައް ފާއިތުވެ ނޭނގި މިހެން އުޅެނިކޮށް ނައިނާއާއި ދިމާވީއެވެ. ލޯބި ކުއްޖެވެ. އަހަރެންނަށް ކަމުދިޔައެވެ. އެކަމަކު ޔުމްނާއާއި އަޅާކިޔަންޔާ އަހަރެން އަދިވެސް ޔުމްނާ މާ ކަމުދެއެވެ. ޒަހަރު އެޅިފައިން ހިތް ނައިނާއާއި ޔުމްނާ އަޅާކިޔަނީއެވެ. މަޑުމަޑުން އަހަރެން ނައިނާއަށް ހިތް ހުޅުވާލެވުނެވެ. ނައިނާއާއެކީ ޒަވާޖީ ހަޔާތެއް ފަށަން ބޭނުންވިއެވެ. ލޯތްބެއް ވެވުނެވެ. އެކަމަކު މިފަހަރު ހަމައެކަނި ވަސްބެލީއެވެ. ބޯކަށެއް ނޫޅެމެވެ. އިރާދަފުޅު ތާއެވެ. ނަސީބުތާއެވެ. މާދަމާ އަހަރެން މިއުޅެނީ މިކުއްޖާއާއި އިންނާށެވެ.

 

ސުވާލުކުރާށެވެ. އަހަރެން ކިޔައިދޭނަމެވެ. އަހަރެންނާއި ނައިނާއަކާ ނުގުޅެއެވެ. އޭނާގެ އުޅުމުން ބައެއްފަހަރު ރުޅިވެސް ގަދަވެއެވެ. ދެން އަހަރެން ނައިނާއާއި އިންނަނީ ކީއްވެބާއެވެ. ލޯބި ވަނީ ވެސް ކީއްވެ ބާއެވެ. ގުޅުމަކީ މުހިއްމު ކަމެކެވެ. މަޖުބޫރު ކަމެއް ނޫނެވެ. ލޯބި ވުމަށް އޮތް ޝަރުތެއްނޫނެވެ. ޔުމްނާ ހުރިހާ ސިފައެއް އަހަރެންނަށް ކަމުދިޔަސް އަހަރެންނަކަށް އޭނާ އޭނާގެ ހިތް ހުޅުވައެއް ނުލައެވެ. އަހަރެން އޭނާގެ ދިރިއުޅުމަކަށް ނުވެއްދުނެވެ. ގުޅުން އޮތެވެ. ސައުލް މޭޓޭ ފުރާއިން ގުޅެއޭ ބުނެވުނަސް އަހަރެންގެ ލޯތްބަކަށް އިޖާބައެއް ނުދެވުނުވެ. ޔުމްނާގެ މައްސަލައެކޭ ބުނަނީކީ ނޫނެވެ. އޭނާ ނުބައޭވެސް ބުނަނީކީ ނޫނެވެ. ނަމަވެސް މިއީ ކަން ހިނގިގޮތެވެ. މިއީ އަހަރެންގެ ގުޅުން އޮތް ހަމަ އެކަނި އަންހެން ކުއްޖާއާއެކު ވީގޮތެވެ.

 

އަހަރެންގެ ލޮލުގައި ނައިނާގެ އުނިސިފަ ގިނަ އެއްކަމު އަހަރެންނަށް ނައިނާ މާ ރީއްޗެވެ. އެހާމަ ނަލައެވެ. އަހަރެން ހިތްހަމަ ޖައްސާދެނީ އޭނާއެވެ. އަހަރެންގެ ހިތް ހުޅުވާލެވެނީ ހަމައެކަނި އޭނާއަށެވެ. ކިތަންމެ ހިތްހަމަ ނުޖެހުނަސް އެއްޗެހި ކިޔާފަވެސް އަހަރެންގެ ކައިރިއަށް އަނބުރާ އަންނާނެވެ. މައާފަށް އެދޭނެވެ. އޭނާ ބޭނުން ނުވާ ކަންތައްވެސް އަހަރެންނަށްޓަކައި އޭނާ ކުރާނެވެ. އަޅާލާނެއެވެ. ގަވައިދުން އަހަރެންގެ ހާލު ބަލާނެއެވެ. އެހެން އަންހެނަކު އަހަރެންނާ ކައިރިވެއްޖެ ނަމަ ރުޅި އަންނާނެއެވެ. ބަލަ, ލޯތްބަކީ މިއީ ނޫންހެއްޔެވެ. ނައިނާ އަހަރެންގެ އަންބަކަށް ހަދަން ބޭނުންވަނީ މިހެންވެއެވެ.

 

ދިރިއުޅުމަކީ ފިލްމެއް ނޫނެވެ. ސައުލް މޭޓްސް އަކީ ކޮންމެ މީހެއްގެ ނަސީބެއް ނޫނެވެ. އެކަން ނުލިބުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް މިކިޔާ ފުރާނައިން ނުގުޅޭ މިހަކު އަހަރެން ދެކެ ލޯބިވާނަމަ އެއަށް ވުރެ ސާފު ލޯތްބެއް އަހަރެން ނުދެނެ ހުރީމެވެ. މިއީ ޔުމްނާގެ ވާހަކައެއް ނޫނެވެ. އަދި ނައިނާގެ ވާހަކައެއްވެސް ނޫންމެއެވެ. މިއީ އަހަރެންނަށް ލޯބި އޭގެ އަސްލު މާނައިގަ ދަސްވި ގޮތެވެ.

 

ފުރާނައިން ނުގުޅެއެވެ. ނަމަވެސް ފުރާނައިން ލޯބިވެއެވެ.

Share Article

Follow Me Written By

Farihibe

Level 1

ވާހަކަ ކިޔުމަކީ އިޙްސާސެކެވެ. ޖަޒުބާތެކެވެ

Other Articles

Previous

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ނުވަވަނަ ބައި)

Next

ހިނދުކޮޅު ޓްރެއިލާ

Next
March 31, 2024

ހިނދުކޮޅު ޓްރެއިލާ

Previews
March 30, 2024

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ނުވަވަނަ ބައި)

5 Comments!

  1. ކިއުންތެރިއެއް says:
    March 31, 2024 at 10:42 am

    .މި ސައިޓަށް ޖެހިލި ތާޒާ ވައިޜޯޅިެއެް ފަދަ ލިޔުމެއް

    1. Farihibe says:
      March 31, 2024 at 1:46 pm

      ދެންނެވި ތަޢުރީފަށް ހާސް ޝުކުރު

  2. Afnaan says:
    April 1, 2024 at 11:34 pm

    Reading dhivehi stories

  3. Nayaa says:
    April 5, 2024 at 11:17 pm

    މާޝާﷲ.. މި ވާހަކަ ވަރަށް ރީތިވެފައި, އެހާމެ ފުރިހަމަ.. ކިޔަމުން ދިޔަ އިރު ޢިބާރާތް ކޮށްފައި ހުރި ގޮތް ފުރިހަމަ ކަމުން އާޝޯޚު ވެއްޖެ.. އަޅުގަނޑަކީވެސް މި ސައިޓަށް ވާހަކަ ލިޔާ ލިޔުންތެރިއެއް.. މި ވާހަކަ އަކީ އަޅުގަނޑަށް އަޅުގަނޑުގެ ލިޔުންތެރިކަން ކުރިއަރުވައި, ތަރައްޤީ ކުރުމަށް އެހީއަކަށް ވާނޭކަން ޔަޤީން.. ވާހަކައިގެ ޢިބާރާތް ކުރުން ވަރަށް ފަށުވި.. ދޭން ބޭނުންވާ މެސެޖު ގެނެސްދެއްވާފައިވާ ގޮތް އަދި ވަކިން ފުރިހަމަވެފައި ރިވެތި.. މޮޅު ލިޔުމެއްގެ ގޮތްގަނޑާ ވައްޓަފާޅި މި ވާހަކައިން ފެންނާން އެބަ ހުރި.. ލިޔުންތެރިޔާއަށް މި ރޮނގުން ބާއްޖަވެރި މުސްތަޤުބަލަކަށް އެދެން

    1. Farihibe says:
      April 7, 2024 at 7:55 pm

      ޝުރިއްޔާ ނަޔާ. ވާހަކަ ކަމުދާތީ ވަރަށް އުފާވޭ. ނަޔާއަށްވެސް ލިޔުންތެރިކަމުން ފާގަތި މުސްތަޤުބަލަކަށް އެދެން❤️ އަދި ވެސް މީގެ ވާހަކައެއް ގެނެސްދެވޭނެ ކަމަށް އުންމީދުކުރަން

Comments are closed.



All Right Reserved!