ޙަޤީޤަތް ހޯދުމޭ 5
އަހަރެން ހައިރާންވީ މަރުގެ ތުންފަތް މަތީގައި ވެސް އެ ސޮރު ހޭން ފެށުމުންނެވެ. ސަބަބު އެނގުނު އިރު މާ ލަސްވެއްޖެއެވެ. ނިމާލު އިންޖެކުޝަނެއް އަހަރެންގެ ކަރަށް ޖެހީއެވެ. އަހަރެންގެ އަތުން ވަޅި ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. ނިމާލު އަހަރެންގެ މޭގައި އަޅާ ކޮށްޕާލުމުން އަހަރެން ދިޔައީ ފަހަތަށެވެ. އެ ދިޔަ ބާރު މިނުގައި ގޮސް އަހަރެންގެ ބޯ ދަގަނޑު ކަހަލަ ހަރު އެއްޗެއްގައި ޖެހުނު ކަހަލަ ތޫނު އިހުސާސެއް ކުރެވުނެވެ. އިސްތަށިގަނޑުގައި ތެތް އެއްޗެއް ހޭކެން ފެށިކަން އެނގުމުން ބޯ ފަޅައިގެން ދިޔައީ ކަން އެނގުނެވެ.
އަހަރެންގެ ލޮލަށް ފެންނަމުން ދިޔަ މަންޒަރު ފުސްވިއެވެ. ނިމާލު ކިޔާރާގެ ގާތަށް އަނެއްކާ ވެސް ދާން ފެށިއެވެ. އެވަގުތު ޕޮލިހުން ތަކެއް އައިސް އެތެރެއަށް ވަތްކަން އެނގުނެވެ. ނަމަވެސް ދެން ވީނުވީއެއް ނޭނގުނެވެ.
އަހަރެންނަށް ލޯ ހުޅުވާލެވުނު އިރު އެންމެ ފުރަތަމަ ވެސް ފެނުނީ އެނދު ބުޑުގައި އިން މަންމައެވެ. އަހަރެންގެ ނޭވާ އަރުތެރޭގައި ތާށިވި ކަހަލައެވެ. ބަސްޓުވީކަން އެނގުމުންނެވެ. އެ ޙާލަތުގައި ވެސް ހާސްވީ މަންމަގެ ސުވާލު ބައްތެއްޔާއި ކުރިމަތިލާން ޖެހޭނެތީއެވެ. އަމިއްލަ ޙާލާއި މެދެއް ނޫނެވެ. އަހަރެންނަށް އެނގެނީ ބޮލުގައި ބެންޑޭޖުގަނޑެއް ބަނދެފައި ވާކަމެވެ. އެ ހިސާބުގައި ކެތް ނުކުރެވޭވަރުގެ ތޫނު ތަދެއް ހުރި ކަމެވެ. މަންމަގެ ނުރައްކާތެރި، ތޫނު ނަޒަރު އަހަރެންނާއި އަމާޒުވުމުން ތުންފަތުގައި ދަތް އަޅާލެވުނެވެ.
އެ ތަނުގައި މަންމަގެ އިތުރުން ރަވާނު ވެސް ހުއްޓެވެ. ހޫދުމެން މިހާރު ވާނީ ސުކޫލުގައެވެ. ބޮލުގެ ބޭސްގަނޑު ނައްޓާލުމަށް ފަހު ދެން ދިޔައީ ގެއަށެވެ. ކިތަންމެ ވަރަކަށް ނިމާލަށް ވީގޮތް އެނގެން ބޭނުން ވިޔަސް އެ ސުވާލު އަހާކަށް ލާހިކެއް ނޫނެވެ. މަންމަމެން އަނގަ މަޑުންލައިގެން ތިބީ ގެއަށް ދެވެންދެނެވެ. ބޯ ވާރޭގަނޑެއް ހެން އޮހިގަތީ ސުވާލުތަކެވެ.
“ކީއްވެގެން ރޭގަ އެ ހަސްފަތާލަށް ދިޔައީ؟ ކާކު ހުއްދަ ދީގެން ނުކުތީ؟ ރިފްޤާއަށް ހަމަ ނޭނގެނީތަ މަންމަ ހާސްވާނެ ވަރު؟” މަންމަގެ ސުވާލުތަކަށް ޖަވާބު ދޭކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެހީއަކަށް އެދި ބަލައިލީ ރަވާނަށެވެ.
“މަންމާ! ރިފް ދެންމެއެންނު އެ ހަސްފަތާލުން ދޫކޮށްލީ. ރެސްޓު ބޭނުން ވާނެއެންނު؟” ރަވާނުގެ ބަހަށް މަންމަ ލެނބުނެވެ. ދެން ބުނީ ކޮޓަރިއަށް އަރާމުކުރަން ދިއުމަށެވެ. އެކަމުން ސަލާމަތްވުމުގެ އުފާ ދެމިގެން ދިޔައީ ކޮޓަރިން އެތެރެ ވަންދެނެވެ. އާއެކެވެ. މަންމަގެ ތީރުތަކުން ރެކި ގަންނަން އެހީތެރިވި މީހާގެ ތީރުތައް އަހަންނާއި އަމާޒުވީއެވެ. އެންމެފަހުން އަހަރެން ވީގޮތް ތަފްސީލުކޮށް ކިޔައި ދިނީމެވެ. އެ ރިކޯޑިން އާއި ވީޑިއޯ ކޮޅު ވެސް ދެއްކީމެވެ. އެ ސޮރު ހިތްހަމަޖެހުނީ އެވަރު ކޮށްގެން ވިއްޔާއެވެ.
“އަސްލު ކީއްވެ ތިއްތިއަށް އަންގާނުލީ؟ ގައިމު ތިއްތި ވެސް ލައިގެން ތިކުރި ކަމެއް ކޮށްލިނަމަ ބޮލަކަށް އެހެނެއް ނުވާނެ” މި ރަވާންގަނޑަށް ވެސް އެނގުނީ މަލާމާތް ކޮށްލާށެވެ. “ތިއެއް ނޫނޭ މުހިންމީ. އެ ނިމާލު ސޮރު އަތުވިތަ؟” އަހަރެންގެ ހިތުގައި ހުރިހާ އިރަކު ވީ ސުވާލު ކޮށްލީމެވެ.
“އާން! ރިފް ބޯފަޅާލައިގެން ވިޔަސް އެ ސޮރު ހިފަހައްޓާލައިފި ވިއްޔާ” ރަވާނުގެ ޖަވާބުން އަހަރެންގެ ހިތްހަމަޖެހުން ލިބުނެވެ. ދެން އެ ނިމާލު ސޮރު ޖަލަށް ނުލެވިއްޖެއްޔާ މުޅިން ސަކަރާތް ވާނެ ވިއްޔާއެވެ. އަހަރެން ރަވާނު ކޮޓަރިން ބޭރުކޮށްލީ ނިދާލުމުގެ ނިޔަތުގައެވެ.
އަހަރެން ނިދައިގެން ހޭލިއިރު މެންދުރު އެކެއް ޖަހައިފިއެވެ. ފެންވަރާލައިގެން ނުކުމެ ހެދުން ބަދަލު ކޮށްލީމެވެ. ނޫކުލައިގެ އަތް ދިގު ޓީޝާޓަކާއި ޖިންސަކަށެވެ. ބޮލުގައި ވީ ރިހުމަށް ލުޔެއް ލިބިފައި ވާތީ ދެން ބަލައިލީ އަހަރެންގެ ލެޕްޓޮޕު ފެނޭތޯއެވެ. ނުފެނުމުން ހާސްވިއެވެ. ނަމަވެސް އެކަން ފިލާ ދިޔައީ ލެޕު ވާނީ އަހަރެންގެ ‘ބަޑީން’ ގެ ތެރެއިން މީހަކު އަތުގައި ކަން ހަނދާނަށް އައުމުންނެވެ. އަހަރެން ހަސްފަތާލުން ދޫކޮށްލި ކަމުގެ ޚަބަރު ލިބޭއިރަށް އެމީހުން މިތަނަށް އަންނާނެއެވެ.
އެ ދެ މީހުންނަށް އާދެވުނީ ދޭއް ޖަހާ ބޮޑުވި ފަހުންނެވެ. “މިހާރު ބޮލުގައި ރިއްސާތަ؟ ތަނަކަށް ތަދުވޭތަ؟ އިތުރު އަނިޔާއެއް ވިތަ؟” ޝެހެނާޒު ފެށިއެވެ. މިހުރިހާ އެންމެން މިއުޅެނީ ސުވާލު ހެދުމުގެ މުބާރާތެއް ފަށައިގެން ހެއްޔެވެ؟ އާނ އެހެންޏާ ކޮންމެ މީހަކު ވެސް ސުވާލު ގޯންޏެއް އަހަރެންގެ ބޮލަށް އޮއްސާލާ އެބަ ވިއްޔާއެވެ. “ދެން ޝަހިކްސް ވެސް ދޯ! ދެން ވެސް ދީބަލަ މަގޭ ލެޕު” އަހަރެން އެދުނީމެވެ. އަތަށް އެރުމުން އެ ހުޅުވާލީމެވެ.
“ޕޮލިހުން ތި މީހުން ގެންގޮސް ސުވާލު ކުރިދޯ” އަހަރެން ދޯ އެއް އެއްލީމެވެ. އެމީހުން އާއެކޭ ބުނުމުން ދެން ހެކުކޮށްލަމުން ވަދެލީ ޕޮލިސް އިންފޯ ސިސްޓަމަށެވެ. އެނގޭ ހެއްޔެވެ؟ އަހަރެން ހެކު ކޮށްލިޔަސް އެކަމެއް އެމީހުންނަކަށް ނޭނގޭނެއެވެ. ހަމަ އެހާ ކުޅަދާނަވާނެއެވެ. މި ދުނިޔޭގައި ވެސް މިއަދު ހެކު ކުރާމީހުންގެ އިންސައްތަ ވަރަށް ކުޑަވާނެއެވެ. ކުޑަ ކުޑަ އެއްޗެއް ވެސް ހެކު ކުރުމަށް ގިނަ މީހުންނަށް އުނދަގޫ ވާނެއެވެ. އަހަރެން ގޮތަށް ހެކު ކުރުމުގައި އަރާ ހުންނާނީ ދެން މި ދުނިޔޭގައި ވެސް ތިން ހަތަރު މިހުންނެވެ. އަހަރެން އެ ހުރިހާ ކަމެއް ވެސް ބަލަމެވެ.
އަހަރެން އަޅުވާލީ ޝެހެނާޒުމެންނާއި ސުވާލު ކޮށްފައިވި ވީޑިއޯ ކޮޅެވެ. އަހަރެން ހެކު ކުރާ ވާހަކަ ނުބުނެ އެ މީހުންނަށް ކުރިހާ ސުވާލަކަށް ޖަވާބު ދީފައިވުމުން އަހަރެން ހިތްހަމަޖެހުނެވެ. ބުނެފައިވަނީ ކިޔެވުމަށް ހޫދު މަންމަގެ ކެފޭއަށް ދިޔަ ވާހަކައެވެ. އަހަރެމެން ދުރާލާ ވިސްނާފަ ފޮތްތަކެއް ހިފައިގެން ދިޔަކަން ރަނގަޅެވެ. ދެން ކުލާސް ކުއްޖަކު އެނދުމަތި ކޮށްފައިވުމުން ވަދެލަން ދިޔައީ އޭ ބުނެފައި ވެއެވެ. ޕޮލިހުންނަށް ރިޕޯޓު ކުރީ ގޮތް ނޭނގޭ މީހަކު އެ ކުއްޖާ މަރާލަން އުޅުމުންނޭ ވެސް ބުނެފައި ވެއެވެ. ތެދާއި ދޮގު އެއްކޮށްގެން ޖަވާބުތައް އުފައްދައިފައި ހުރީ ޝެހެނާޒެވެ.
މޫނުމަތިން ކުޑަވެސް ނުރަނގަޅު އަސަރެއް ނުދައްކާ އެކަން ކުރި ނަމަވެސް އަހަރެން އަޖައިބެއް ނުވިއެވެ. އެއީ އޭނާ އަކީ އަހަރެމެންގެ ތެރެއިން އެންމެ ސިކުނޑި ރަނގަޅު، ބުއްދިވެރި ފަރާތެވެ. ހޫދަށް އެނގެނީ ‘ފައިޓް’ ކުރާށެވެ. އަހަރެންނަށް ވުރެ ކުޅަދާނަވެފައި ވަރުގަދަ ވެސް ވާނެއެވެ. އެއްފަހަރަ ހައެއްކަ މީހުން އޭނާއާއި ދިމާކޮށްލިޔަސް ކުރި ހޯދާލާނެއެވެ.
ހޫދަށް އެކަން ފަސޭހަ ވާނެ ފަދަ ކަސްރަތީ ހަށިގަނޑެއް ލިބިފައި ވެއެވެ. އާނ ދެން، ޤަވާއިދުން ޖިމަށް ދަންޏާ ވާނީ އެހެނެއް ނޫން ހެއްޔެވެ؟ އޭނާގެ ކިބައިގައި މުޅިން ހުންނަނީ ރަނގަޅު ސިފައެއް ވެސް ނޫނެވެ. ޖެއްސުން ކުރުމާއި ދިމާކުރުމުގައި ރަވާނުގެ ‘2.0’ އެވެ. އޭނާ އެންމެ ލޯބި ވަނީ އޭނާގެ ކަޅުކަން ގަދަ އޮމާން އިސްތަށިގަނޑު ދެކެއެވެ. އެ ހުންނާނީ ކަންފަތާއި ހަމައަށް ދިގުކޮށްފައެވެ. ދޮން ސޮރެކެވެ. އަހަރެން ހާ ދޮނެއް ނުވާނެއެވެ. ދެން ގޮތަކަށް ބުނާނަމަ އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ ރީތި ކަމެކެވެ. ދުވަހަކުވެސް އެއިން ކަތި ނުލެވޭނީ އަހަރެންގެ ހިތެވެ.
އަހަރެމެންގެ ތެރެއިން ހެކަރަކީ އަހަރެންނެވެ. އެކަން ދަސްވީ އަމިއްލަ މަސައްކަތުންނެވެ. މާ އެއްޗެހި ހާވާތީއެވެ. ބައްޕަ ގެންގުޅެނީ ޓެކް، ފަންނިއްޔާތުގެ ތަފާތު ވަސީލަތްތައް އުފައްދާ ކޮންޕެނީ އެއް ކަމަށް ވުން ވެސް އެހީވިއެވެ. އިތުރުކަމަކަށް އައިބެއް އަޅައިގަތުމެއް ނެތި ވަޅިން ހަމަލަ ދޭން އެނގެއެވެ. މީހަކު ގައިގައި ތަޅާ ބަލިކޮށް ލަން ވެސް އެނގެއެވެ. މި ކަމަށް ޝުކުރު ޙައްޤުވާނީ ރަވާނަށެވެ. އެ ސޮރު ކޮންމެ ދުވަހަކު ހެން އަހަރެން ދަމާފަ ގެންގޮސް ފަރިތަކުރުވާ ވިއްޔާއެވެ.
“ލައިކް އޯލްވޭސް! ޝަހިކްސް ބްރޯ ހަމަ ގަދައީ.” އަހަރެން ތަޢުރީފު ކޮށްލީމެވެ. ހޫދުވެސް ފަހަތުން އެއްޗެކޭ ބުނެލިއެވެ. “މި ރިފް އަށް ވެސް އެނގުނީ މަ ވިއްޔާ ނަރުހުން ހޯދަން ފޮނުވަން. ދެން ނުވާނެ އިނގޭ މަގޭގެ މަޖާގަނޑު އަތުލައިގެންނެއް!” މި ފަހަރު އަމުރު ކޮށްލީ ހޫދެވެ.
“އޭ މަޑުކޮށްބަލަ. އަދި ހަނދާން ނެތުނީއޭ. ޔާރާގެ ޙާލު ކިހިނެއް ތަ؟” އަހަރެން އެހީމެވެ. ޝެހެނާޒު އިސްޖަހާލިއެވެ. ކޮންމެ ވެސް ނުލަފާ ކަމެއް ވެއްޖެކަމަށް އަހަރެންގެ ސިކުނޑިން ސިގުނަލެއް ދިނެވެ. “ރޭ ޔާރާއަށް ނިމާލު ބިރު ދެއްކީހެން ހީވަނީ” ޝެހެނާޒު މަޑުމަޑުން ބުނެލިއެވެ. “ދެން ކީއްތަ ވީ؟” އަހަރެން ޝެހެނާޒުގެ ކޮނޑުގައި ހިފާ ތަޅުވައިގަތީމެވެ.
“ޝޮކެއް ޖެހުނީ” ޖަވާބެއް ދިނީ ހޫދެވެ. “މިހާރޯ” އަހަރެން ވާހަކަ ދެއްކީމެވެ. “ޔާރާގެ ސިއްޙަތު ރަނގަޅެއް ނޫން. މިހާރު ވީ ކޯމާއެއްގައި” ޝެހެނާޒު ބުނީ އެހެންނެވެ. އަހަރެންގެ ހިތަށް އެރިއެވެ. ކިޔާރާގެ މަންމައާއި ބައްޕަ އުޅޭނެ ހާލެކެވެ. ހަމައެކަނި ހުރި ދަރިފުޅަށް އެ ލިބުނު އަނިޔާތަކުން ހިތް ވީދި ކުނޑިކުނޑި ވެގެން ހިނގައިދާނެއެވެ. ވަޒީފާގައި ގިނަ ވަގުތު ހޭދަކުރަން ޖެހި އަޅާލުން ކުޑަވުމުގެ ސަބަބުން އަމިއްލަ ނަފްސަށް ނަފްރަތުކުރާނެއެވެ.
“އަހަރެންނަށް ފެންނަނީ ޔާރާއަށް ހޭލެވެންދެން މިކަން މަޑުޖައްސާލަން.” ޝެހެނާޒު އެންމެފަހުން އިނދެފައި ބުނެލިއެވެ. އަހަރެންނާއި ހޫދު އެކަމަށް އެއްބަސްވީ އޯލެވެލް އިމްތިހާނު ވެސް ހަދަން ޖެހޭ ދުވަސް ގާތް ވެފައި ވާތީއެވެ.
ކިޔާރާ ހޭ އަރާނެ ދުވަހަކަށް އިންތިޒާރުކުރުމުގައި ދުވަސްތައް އޮޔާލައި ދާން ފެށިއެވެ. އޯލެވެލް އިމްތިހާނުތައް ފެށިގެން ދިޔައީ ވެސް ކިޔާރާ ހޭ ނާރަ ހުއްޓައެވެ. ނިމާލު ހުރީ ދެ އަހަރަށް ޖަލަށް ލެވިފައި ކަމުން ކިޔާރާ އެ ޙާލުގައި އޮތުމުން ގެއްލުމެއް ދޭން އަންނާނެ މީހެއް ނެތެވެ.
މިއީ އޯލެވެލް އިމްތިހާނުގެ އެންމެ ފަހު ޕޭޕަރު ހަދަން ޖެހޭ ދުވަހެވެ. ބަޔޮލޮޖީގެ ޕްރެކްޓިކަލް ޕޭޕަރެވެ. އަހަރެންނަށް އެ މާއްދާ އެހާ އުނދަގުލެއް ނޫނެވެ. އަހަރެންގެ ބަލިފައި ކަމުގައިވާ ފިޒިކްސްގަނޑުގެ ފަހު ޕޭޕަރު އިހަށް ދުވަހު ނިމިފައިވާތީ ވަރަށް ބޮލަށް ފަސޭހައެވެ.
ސައި ބޮއިލައިގެން ބައްޕަގެ ކާރަށް އެރީމެވެ. އަޅިކުލައިގެ ‘ލައިޓްނިން’ އެކެވެ. މިޒަމާނުގައި އެންމެ މަޝްހޫރު ކާރު އުފައްދާ ކުންފުނީގެ އެންމެ ފަހުގެ މޮޑެލް އެވެ. ރަވާނު ވަޒީފާގެ ގޮތުން ލާމަށް ގޮސްފައި ވުމުން މިހާރު ސުކޫލަށް ދަނީ ބައްޕައާއި އެކުގައެވެ.
ސުކޫލުގެ ދޮރުމަތިން ޝެހެނާޒުމެންނާއި ދިމާވިއެވެ. “އަޅޭ މިހާރު ހާދަ ފޫއްސޭ ދޯ. އަބަދު ކިޔެވުން.” ހޫދު ކުސްތަޅާލިއެވެ. ޝެހެނާޒު ބޯ ހޫރާލަމުން ހިނގައިގަތީ ގޭޓުން ވަންނާށެވެ. އަހަރެން ހޫދާއި އެކު އެތެރެއަށް ވަނީމެވެ. ނަމަވެސް އެސޮރު އަހަރެންނަށް ވުރެ މާކުރިން ގޮސް އިމްތިހާނު ހަދާ ހޯލުގެ ތެރެއަށް ވަދެފިއެވެ.
“ހައި ސްވީޓީ!” އަހަރެންގެ ކުރިމައްޗަށް އައިސް ހުއްޓުނީ ފަރުހާނުއެވެ. އެއީ އަހަރެންނާއި އަޅައިގަނެގެން އުޅޭ ސޮރުންގެ ތެރެއިން އެންމެ ގަޓު ހުންނަ އެކަކެވެ. ބައެއް ފިރިހެނުންނަށް އަހަރެން ފެންނައިރަށް ހީވަނީ ޖިންނި އަވަލާ ހެންނެވެ. އެ ހޫދުގަނޑުވެސް އަހަރެން ބަހައްޓައިފައި ގޮސްފިއެއްނޫން ހެއްޔެވެ؟ ދެ ދަތްޕިލަ ޖައްސާ ބާރުކޮށްލަމުން އަހަރެން ފާޑަކަށް ހީނލީމެވެ. “މިހާރު ކިހިނެތް ވީތަ؟ ނިކަން ވިސްނިގެން ގޮސް ރަނގަޅަށް އެ އޮތް ފަހު ޕޭޕަރު ހަދާބަލަ. ކަލޭ އެންމެފަހުން އިކޮނޮމިކްސްއިން ފޭލިވާނީތަ؟” މި ތިބީ ސުކޫލުގައި ކަމުން ރީތިކޮށް އޭނާއަށް އެއްޗެހި ކިޔާލެވޭތޯ މަސައްކަތް ކުރީމެވެ.
“ސްވީޓީ އަހަންނާ އެއްކޮށް ޑޭޓަކަށް ދާން ވީނުން” މި ފަރުހާނު ސޮރުގެ ދެ ކަންފަތް ބީރީ ބާއޭ ހިތަށް އެރިއެވެ. މި ސޮރަށް ހަމަ ނުވިސްނެނީ ހެއްޔެވެ؟ ވަރުގަދަ ފިލާވަޅެއް ދޭންވީއެވެ. އަހަންނާ ބެހިލަން ނުކެރޭވަރު ކޮށްލަން ވީއެވެ. ދެން ހިތަށް އެރި އެއްޗަކުން އަހަރެން ހިނިތުންވެލީމެވެ. މި ސޮރަށް މި ފަހަރު ރަނގަޅަށް ދަސްކޮށްދޭނަމެވެ.
އޭނާގެ ދަޢުވަތު ޤަބޫލުކޮށްލައިފަ އެއް ލޯ މަރާލަމުން ހިނގައިގަތީމެވެ. އެ ތަން ބަލަން ފިރިހެން ކުދިންތަކެއް ދެލޯ ދެ ކާށިކިބައަށް ހަދައިގެން ތިބި މަންޒަރު ފެނިފައި އަހަރެންނަށް ހަމަ ރަނގަޅަށް ވެސް ހެވުނެވެ. އާނ ދެން ވާނީ ވެސް އެހެންތާއެވެ. މީގެ ކުރިން އަހަރެންނާއި އަމާޒުކުރާ އެކަހަލަ ދައުވަތުތައް ބޮލާލައި ޖަހާތީއެވެ. އާއިލާގެ އިތުރުން ހޫދު ނޫން ފިރިހެނަކަށް އަހަރެން ރުހުމުގެ ލޮލަކުން ނުބަލަމެވެ.
އިމްތިހާނު ހަދަން ފެށީ ތަންކޮޅެއް ހަމަޖެހިލައިގެންނެވެ. ފުރަތަމަ ސުވާލުތައް ވަރަށް ފަސޭހައެވެ. ނަމަވެސް މެދަކާއި ހިސާބަށް ދިޔަތަނާ ކުދިކުދި އޮޅުން ތަކުގައި ތާށިވިއެވެ. ގަލަމުގެ ކޮޅު އަނގަޔަށްލައިގެން އިނދެ އަހަރެން ދެން ބަލާލީ އެންމެ ފަހު ސުވާލަށެވެ. ކިޔާލައިފައި ހިން ދިރުވާލީމެވެ. ގުރާފުގެ ސުވާލެކެވެ. ދިހަ މާކުހެވެ. ހަދާކަށް ނޭނގުނެވެ. ބޯ ގާނަން ފަނަރަ މިނެޓު އިނދެވުނު އިރު ވެސް އެއްޗެއް އެނގުނުކަން ހަރާމުން ހަރާމެވެ. ޒިންދަޤީ ބަރުބާދު ވީއެވެ. ދެން ވަގުތު ހަމަވާން ބާކީ ފަސް މިނެޓެވެ. ހިތަށް އެރި ގޮތަކަށް ކުރަހާލީ ނުނިންމާ ދޫކޮށްލަން ބޭނުން ނުވާތީ އެވެ. ޕޭޕަރުތައް ނެގުމުން ހަމަޖެހުމުގެ ނޭވާއެއް ލީމެވެ. އެންމެ ފަހުން މި ބޮލުގަ ރިހުމުން ސަލާމަތްވީއެވެ. އިމްތިހާނުތައް ނިމުނީއެވެ.
ހޯލުން ނުކުމެފައި ޝެހެނާޒު ގާތުން އެ ސުވާލު އަސްލު ހަދަން ޖެހޭ ގޮތަކީ ކޮބާ ހޭ އެހީމެވެ. އޭނާ ބުނި ގޮތާއި އަހަރެން ހެދި ގޮތާ ހާސް ތަފާތެވެ. އެ ކަމަކު ވެސް ހެވެވެ. ވީ ކަމެއް ވީއެވެ.
“ޝަހީކްސް. މިރޭ ވެސް ދާންވާނެ ޔާރާގެ ޙާލު ބަލާލަން” ހޫދު އެ ހޯލުން ނުކުތީ އިރުކޮޅެއް ފަހުންނެވެ. އަހަރެން މިއަދު ނުދާނެ ވާހަކަ ބުނެލީމެވެ. ފަރުހާނު ސޮރަށް ފިލާވަޅު ނަގައި ދިނުމުގައި މިރޭ އުޅެން ޖެހޭނެ ވިއްޔާއެވެ.
ކާރުން ފައިބައިގެން ގޮސް ގެއަށް ވަނުމާއި އެކު ލޮލުގައި އަޅައިގަތީ ކެޔޮދޫ މާމަ އެވެ. ‘މާމާ’ އޭ ކިޔާ ދުވެލައިފައި ދިޔައީމެވެ. “މާމަގެ ލޯބި ލޯބި ދަރިފުޅު ވެސް ސުކޫލު ނިމެނީ ދޯ! ދެން ކޮން އެއްޗެއްތަ ކިޔަވަނީ؟ ސައިންސު ކިޔަވަންޏާ ޑޮކްޓަރަކަށް ތަ؟ ނޫނީ ޕައިލެޓުކަންތަ؟ އިންޖިނޭރިކަންތަ؟” މާމަގެ ކަނޑު ނޫކުލައިގެ ދެ ލޯ ހުއްޓިފައި ހުރީ އަހަރެންނަށެވެ. އެ ނޫކުލައަކީ މާމަގެ ކާފަގެ ފަރާތުން ވާރުތަ ކުރި ޖާދޫވީކަމެކެވެ. އެ ކާފައަކީ ޖަރުމަނު ވިލާތުގެ މީހެކޭ މާމަ ކިޔާނެއެވެ. އިސްލާމް ދީން ޤަބޫލުކޮށް މާމަގެ މާމައާއި އިނީ ލޯބިވާ ވަރުން ނޯލައެވެ. އެމީހާ ވާނީ އަހަރެންގެ ހޫރު ކާފައަށެވެ.
“ކިޔަވާ ކިޔަވާ މުސްކުޅިވީމަ ތިކަހަލަ ވަޒީފާތައް އަދާކުރެވޭނީ. އަޅުގަނޑެއް ބޭނުމެއް ނޫން ތި ކަހަލަ ކަމެއް ކުރާކަށް. ކިހިނެތް ވާނީ ޕޮލިހަކަށް ވިއްޔާ؟” އަހަރެން މާމަގެ ގައިގައި އޮޅުލައިގަންނަމުން ބުނެލިމެވެ. ތެދަށެވެ. އަހަރެން މާ ވަރަކަށް ކިޔަވާ ހިތަކުން ނޫޅެމެވެ. މޮޅު ޓްރައިނިން އެއް ހަދާލާފަ ވަދެލާނީ އެ ކަހަލަ މަޖާ ތަނަކަށެވެ. ފޫހިކަމާއި އެކު އެކަހަލަ ކަންކަން ކުރުމަކީ އަހަންނަށް ވަރަށް އުނދަގޫ ކަމެކެވެ.
“މާމަ ތިއައީ ޗުއްޓީ ހޭދަކޮށްލަން ދޯ!” އަހަރެން މާމައަށް ދޯ އެއް އެއްލީމެވެ. މާމަ ބުނެލީ އާއެކޭ އެވެ. އަހަރެން މާމައާއި އެކު ވަގުތުކޮޅެއް ހޭދަކޮށްލައިފައި ދިޔައީ ކޮޓަރިއަށެވެ. ޔުނީފޯމް ބަދަލުކޮށް ލައިފައި ފޯނު ނެގީމެވެ. އެއްކަލަ ފަރުހާނުގެ ނަންބަރު އަން ބޮލޮކް ކޮށްލައިފައި މެސެޖެއް ކޮށްލީމެވެ. ނުވައެއް ޖަހާއިރު ބަލައި އައުމަށެވެ. އަހަރެން ކޮށްލަން ރާވާލައިފައި ވާނީ ވަރަށް ވެސް މޮޅުކަމެކެވެ. ކަމުގެ ވާހަކަ އެކަކު ގާތުގައި ވެސް ނުބުނަމެވެ.
އެރޭ އަހަރެން ތައްޔާރު ވެލީ ފުރިހަމައަށެވެ. އެ ފަރުހާނަށް ކިރިޔާ ވެސް ޝައްކެއް ނުވާނޭ ވަރު ކޮށްލީމެވެ. މިދިޔަ އަހަރުއްސުރެ އަލަމާރި ތެރޭގައި އާ ހެދުމަކަށް އޮންނަ ދަނބު ކުލައިގެ ހެދުމެއް ނެގީމެވެ. ލޭސް ލައިގެން ފަހައިފައިވާ އެ ހެދުން މަންމައަށް ރީއްޗެވެ. ތިރިން ދަނބު ޓައިޓެއް ލައިފައި އިސްތަށިގަނޑަށް ވެސް ރީތިގޮތެއް ހަދާލީމެވެ. ދަނބުކުލައިގެ ބޫޓެއް ނެގީ ރަނގަޅަށް ސެންޓު ޖަހާލައިފައެވެ.
“ކޮންތާކަށް” މަންމައަށް ވެސް އަހަރެން ހުރިގޮތް ފެނިފައި ހުރީ އަޖައިބުވެފައެވެ. “ޑޭޓަކަށް” އަހަރެން ޖަވާބެއް ދިނީމެވެ. މަންމަގެ މޫނުމަތި ބަދަލުވިއެވެ. “އަނެއްކާ އެ ސޮރެއްގެ ދެފައި ބިންދާލާނީއެއް ނޫން. ރިފްޤާ ދުވަހަކު ވެސް ސަހަލު ކަމެއް ނުކުރާނެކަން މަންމައަށް އެނގޭ” ހީވަނީ އަހަރެންގެ ސިކުނޑީގައިވާ ރޭވުން އެނގިގެން އުޅުނު ހެންނެވެ. “ދެން މަރައެއް ނުލާނަމޭ” އަހަރެން ބުނެލީ އެހެންނެވެ.
އަހަރެން ބޭރުން ނުކުތް އިރު އިންތިޒާރުގައި ފަރުހާނު ހުއްޓެވެ. އަހަރެންގެ ޙަޤީޤީ މަގްސަދު އެނގޭނަމަ އެހެން ދަތްޕިލަ ދިލުވާލައިގެން ނުހުންނާނެއެވެ. ކާރަށް އަހަރެން އެރުމުން ދުއްވާލިއެވެ. އެ ސޮރު ފަކީރު ހަމަ ދީވާނާ ވެފައެވެ. މަގުމައްޗަށް ވުރެ ބޮޑަށް މަގޭ މޫނަށް ބަލާހެން ހީވެއެވެ. ދެލޯ ކޮނެލަފާނަމޭ ހިތަށް އެރި ނަމަވެސް ކެތްލައްވައިގެން އިނީމެވެ. ފަރުހާނުގެ ކާރު ހުއްޓާލީ މަޝްހޫރު ރެސްޓޯރެންޓެއްގެ ކުރިމައްޗަށެވެ. ބާރައިގައި އުޅުނަސް ކާރެއް ގެންގުޅެއެވެ. އޭނާގެ އާއިލާ މީހުންނަކީ މަހުޖަނުންނެވެ.
“އަސްލު ހީވެސް ނުކުރަން އާއެކޭ ބުނާނެ ކަމަކަށް.” ފަރުހާނު އެ ރެސްޓޯރެންޓުގެ ދެވަނަ ފުލޯ އެކަށް ވަނީ ހިފައިފައެވެ. އަހަންނަށް ޓަކާ ޔޯލައެވެ. އެ ކުރެވުނީ ކިހާ މޮޔަކަމެއްކަން އިހުސާސް ކޮށްދޭނަމެވެ. ތެދު ތެދަށް ބުނާނަމަ އެ ތަނުގެ ކާތަކެތި ވަރަށް މީރެވެ. ކެއުމަށް ފަހު އެ ސޮރު ހިތްހަމަ ޖައްސާލަން ކައިރީގައި އޮންނަ ބީޗަކަށް ހިނގާލަން ދިޔައީމެވެ. އަހަރެންގެ ފުރިހަމަ އެކްޓު ކަނޑާލެވިދާނެ ފަހަރުތައް އަޔަސް ވިސްނި ގޮތުގައި ހިފެހެއްޓީމެވެ.
“ދެން ގެއަށް ލާ ދޭންވީނުން” ރޭވުމުގެ ދެވަނަ ހަރުފަތަށް އެރީމެވެ. ކާރުގައި ދުއްވައިފައި ގެއާއި ހަމައަށް އާދެވުމުން އަހަރެން ކާރުން ފޭބީމެވެ. “އަޅެ ހިނގާބެ ގެއަށް ވަދެލަން” އަހަރެން ހިމަ އަޑަކުން އެދުނީމެވެ. އެ ސޮރުގެ ގަމާރު ކަމެވެ. އަހަރެން އޭނާ ގޮވައިގެ ގޮސް ވަނީ ރަވާނު އަހަރެން ލައްވާ ވަޅި ފަރިތަކުރާ ތަނަށެވެ. ގޭތެރެއަށް ނުވަދެ އެތެރެއަށް ނުވަދެ އެތަނަށް ވަދެވޭކަމީ ހަމަ ނަސީބެކެވެ. މަންމައަށް އަހަރެން އެ ކަމުގައި އުޅެނިކޮށް ފެނިއްޖެއްޔާ ނިމުނީއެވެ.
އަހަރެން އެތަނުގެ މެދުގައި ބަހައްޓައިފައި ހުރި ގޮނޑީގައި އިށީންނަށް އެދުނީމެވެ. ދެން އަހަރެން ކައިރި ކަބަޑަކުން އެއްޗެއް ނެގީމެވެ.
އެ ސޮރަށް އެއީ ކޮން އެއްޗެއް ކަމެއް ނޭނގޭނެއެވެ. “އަހަރެން ދެކެ ހަމަ އެހާ ލޯބި ވަންތަ؟” އަހަރެންގެ މޫނު ގާތް ކޮށްލައިފައި އެ ސުވާލު ކުރީމެވެ. އެހެނަސް އޭނާ ޖަވާބު ނުދެނީސް އަހަރެން ކޮށްލި ކަމަކުން އޭނާ އެ ގޮނޑީގައި ހައްޔަރުވިއެވެ. ފަރުހާނުގެ ދެ އަތާއި ގޮނޑި އާއި އެކު ބިޑިއެއް އަޅުވާލީއެވެ. އެ ސޮރު ދިޔައީ ސިއްސައިގެންނެވެ. ކޮށްލި ސުވާލާއި މެދު ވިސްނަން ހުއްޓާ ގޮނޑިއާއި ލައި ބަނދެލާނެ ކަމަށް އުންމީދު ކުރާނެ ހެއްޔެވެ؟
“އޭތް ކީއް ތިކުރީ؟ ސްވީޓީއަށް ހަމަ މަށާ ނުލާ ނޫޅެވޭނީތަ؟ މަ ނުދާނަމޭ ކަލާ ގާތުން ދުރަކަށް” ފަރުހާނު އެ ޙާލަތުގައި ހުރި އިރު ވެސް ވާހަކަ ދެއްކީ އެ ވައްތަރަށެވެ. “ކަލޭ ކައިރީ ކިތައް ފަހަރު ބުނާނީ މަށަށް ސްވީޓީ ނުކިޔާށޭ. މަ ނަމަކީ ރިފްޤާއޭ. މާ ގިނައިން މަށަށް ބެހެންޏާ ވާގޮތް ދެން އެނގޭނެ” ފަރުހާނުގެ ދަތްދޮޅީގައި ހިފާލަމުން ބުނެލީމެވެ. އަހަރެން ފަހަތަށް ޖެހިލައިފައި ވަޅިއެއް ހޫރާލީމެވެ. އެ ވަޅި އުދުހިލައިފައި ގޮސް ޖެހުނީ ޓާގެޓް ބޯޑުގައެވެ. މިހާރު އެ ސޮރުގެ މޫނުމައްޗަށް ބިރުވެރިކަން ފާއްދާލައިފިއެވެ. ހިންދިރުވާލަމުން ދެ ލޯ ބޮޑުކޮށްލިއެވެ. އެއީ އަހަރެން އެއްލި ވަޅި ދިޔައީ އޭނާގެ ކަނދުރާގައި ކިރިޔާ ނުޖެހި ކަމަށް ވާތީއެވެ.
“އޯހް! ސޮރީ އިނގޭ. މިއީ އަހަރެން ވަޅިން ހަމަލަދޭން ފަރިތަކުރާ ގަޑި. ހިތަށް އެރީ ދައްކާލަން ވާނޭ.” އަހަރެން ބުނެލީ ދިމާކުރާ ކަހަލަ ރާގެއްގައެވެ. އެ ފަރުހާނުގެ ގައިގައި ނުޖެހޭ ގޮތަށް، އެހެނަސް ކިރިޔާ ކަސިޔާރު ވިޔަސް އަނިޔާ ވާނެހާ ކައިރިން އަހަރެން ވަޅިއާއި އެހެން ތޫނު އެއްޗެހި އުކީމެވެ. “އޭ.. ދެ.. ދެން ހުއްޓާލަބަ!” ފަރުހާނު ހުރީ ބިރުން ފިތްކަނޑައިގެންދާ ވަރުވެފައެވެ.
“މަށަށް ނުބެހޭ މަތިން ތިކަން ވެދާނެ.” އަހަރެން ޝަރުތު ކަނޑައެޅީމެވެ. އެހެނަސް އެ ބޯހަރު ދުއްތުރާބޭ އެކަމަށް އެއްބަހެއް ނުވިއެވެ. މީނާގެ ކިބައިން ސަލާމަތްވާން އެހާ ފަސޭހައެއް ނޫނޭ ހިތަށް އެރިއެވެ. ޕްލޭން ބީ އާއި އެއްގޮތަށް ޢަމަލު ކުރަން ވިސްނީމެވެ. އެ ތަނުގެ ބޮކިތައް ނިވާލައިފައި އަހަރެން ނުކުތީ ފަރުހާނުގެ އަނގަމަތީ ޓޭޕު ކޮޅެއް އަޅައިފައެވެ. އެ ސޮރަށް ނޭނގުނަސް އަހަރެން ދިޔައީ އޭނާގެ ފޯނު ހިފައިގެންނެވެ.
އަހަރެން ކޮޓަރިއަށް ވަދެ ލައިގެން ހުރި ހެދުން ބަދަލު ކޮށްލީ އެ ލައިގެން އުޅެން މާ އުނދަގޫ ވީމައެވެ. ދެން ލީ ގަދަ ނޫކުލައިގެ ހުޑީއާއި ލެގިންސް ވަރަށް އަރާމެވެ. އަހަރެންގެ ޚާއްޞަ އުކުޅު ބޭނުކޮށްގެން ފަރުހާނުގެ ފޯނު ހެކު ކޮށްލާ އެއިން ކުރާހާ ކަމެއް އަހަރެންނަށް ފެންނާނެ ގޮތް ހެދީމެވެ. ފޯނު ކާރު ތެރެއަށް ލައިފައި އަނބުރާ ފަރުހާނު ހުރި ތަނަށް ވަންނަން ދިޔައިރު އަހަރެންގެ މޫނުމަތި ފަޅުފިލުވާލެވިފައި ވާނީ މަކަރުވެރި ހިނިތުންވުމަކުންނެވެ. ހުޑީގެ ޖީބުގައި އަތް ޖައްސާލަމުން އަހަރެން އެ ތަނަށް ވަނީމެވެ. ދެން ކުރާ ކަމަށް ފަހު އޭނާ އަހަރެންނަށް ވައި ނޭޅޭނެކަން ޔަޤީންވާ ޙާލުއެވެ.
އަހަރެން ގޮސް ފަރުހާނުގެ އަނގަމަތީ އަޅައިފައިވާ ޓޭޕުގަނޑު ނައްޓާލީމެވެ. ދެން އޭނާގެ އިސްތަށިގަނޑުގައި އަތް ހިންގާލީމެވެ. އަހަރެން އަޑުއަހައިފައިވާ ގޮތުގައި އެއީ އޭނާ ވަރަށް ލޯބިން ދަމަހައްޓާ އިސްތަށިގަނޑެކެވެ. ދެން އަހަރެން ނެގީ ކަތުރެކެވެ. “ސްވީޓީ މިހާރު ކީއްކުރަން ތި އުޅެނީ؟” ފަރުހާނު ވާހަކަދެއްކީ މަޑުމަޑުންނެވެ.
“މަށަށް ބެހުނީމަ ވާގޮތް ދައްކައިދޭ ކަންނު” ޖުމްލަ ފުރިހަމަކޮށްލީ އިސްތަށިގަނޑުން ތަންކޮޅެއް ކޮށާ ލައިފައެވެ. ފަހަރަކު ތަނަކުން އެ އިސްތަށިގަނޑު ކޮށަމުން ދިޔައީމެވެ. އޭނާގެ އާދޭސްތައް އިތުރުވީ ޓްރިމަރު ޖައްސާލުމުންނެވެ. އަހަރެން ދޫކޮށްލީ އިސްތަށިގަނޑު ސުމަކުން ދުއްވާލައިފައެވެ. “ދެން ވެސް ބެހޭނަންތަ؟” އަހަރެން އެހީމެވެ. “އާނ.. ދެން ނުބެހޭނަމޭ. ރިފްޤާ ގާތަށް ނުވެސް ދާނަން. ޕްލީޒް އަހަރެން ދޫކޮށްލާ!” އޭނާގެ ދުލުން އެ ޖުމްލަ ނެރެވުމުން ދޫކޮށްލީމެވެ. ދޫކޮށްލުމުން އެ ސޮރު ކާރާއި ދިމާއަށް ދިޔައީ ދުވެފައެވެ.
އަހަރެންގެ ޖީބުން ފޯނު ނެގީ އެ ރިންގު ވާތީއެވެ. ގުޅަނީ ކާކު ތޯ ބަލައިލީމެވެ. ދެން ގަޑި ބަލާލި އިރު އެގާރަ ގަޑި ބައިވެފައި ވާތަން ފެނުނެވެ. މި ކަހަލަ ވަގުތަކު ގުޅާނީ ބޮޑު ކަމަކު ކަން އެނގޭތީ ތެޅިގަނެފައި ފޯނު ނެގީމެވެ. “ރިފް! ޔާރާ…”
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







Mi part vx v Reethi masha allah
Curiously waiting for next part
Keep it up
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih
Love you ❤️😍
Thnx Cutie girl!