އިހުސާސް
ފުރަތަމަ ނަޒަރުން ލޯބި ވެވޭ ވާހަކަ އަކީ މީގެ ކުރިން އަހަރެން އަޑުއަހާ ވާހަކައެކެވެ. ނަމަވެސް އަހަރެން ދެކޭ ގޮތުގައި އެއީ ބޮޑު ފުލޯކެކެވެ. އެހެނީ ލޯތްބަކީ އެކަކު އަނެކަކު ވަރަށް ރަނގަޅަށް ދަސްވެގެން ނޫނީ ނުވާނެ އެއްޗެކެވެ. އެހެން ނަމަވެސް އެއީ ކުށްހީއެއް ކަން އިހުސާސްވީ ރައްޓެހިން ތަކަކާއެކީ ނޮޅިވަރަންފަރަށް ކުރި ދަތުރުންނެވެ.
އަހަރެންނަށް ރާވިން ފެނުނީ ތިމާގެ މީހެއްގެ ގެޔަށް ކާން ދިޔަ ދުވަހަކުއެވެ. ރާވިން އަކީ އެގޭ ދައްތައެއްގެ ކުއްޖެކެވެ. ފުރަތަމަ ފެނިލުމުން ވެސް އަހަރެންނަށް ރާވިން ކަމުދިޔައެވެ. ރާވިން އަކީ ގަވައިދުން ކަސްރަތު ކުރާ މީހެއްކަން އޭނާ އަށް ބަލައިލުމުން ވެސް އިނގޭނެއެވެ. އެދުވަހު ރާވިން ފެނިފައި އަހަރެންނަށް ކާންވެސް ވަރަށް އުނދަގޫވިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ރާވިން އިނީ ސީދާ އަހަރެންގެ ކުރިމަތީގައެވެ. ވަރަށް ހިތްވަރުން ކާ ނިންމާލައިން އެ ގެއިން ނުކުތީމެވެ. އެއާއެކު ދެން ކުރިމަތި ލާން ޖެހުނީ ރައްޓެހިންގެ ދިމާކުރުން ތަކާއެވެ. “މަ ބުނީ..ކުއްޖަކު ބުއިން ދޯ ފިރިހެނެކަށް ތިމަންނަ ނުބަލާނަމޭ..” ވަށް ބަހުން އެ އެއްލީ އަހަރެންނަށް ކަން އިނގެއެވެ. ނަމަވެސް ރައްދު ދިނުމުގެ ވިސްނުމެއް ނެތެވެ.
ގެއަށް ދެވެންދެން ދިމާކުރުން ތަކާ ކުރިމަތި ލާން ޖެހުނެވެ. ނަމަވެސް އެ ގެއިން ނުކުތީއްސުރެ އަހަރެންގެ ޚިޔާލުގައި ވަނީ ރާވިންއެވެ. ހަގީގަތުގައިވެސް ރާވިން ރީއްޗެވެ. ބައިމަތި ފުޅާ ހަށިގަނޑެކެވެ. ތުނބުޅި މަތިމަސް ވެސް ވަނީ އެންމެ ރީތި ވަރަށް ބަހައްޓާފައެވެ. އިސްތަށިގަނޑުވެސް ހުރީ ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައެވެ. މިހެން ގޮސް ކިޔާނެ ކަމެއްވެސް ނެތެވެ.
އެ ދުވަހަށް ފަހު އަހަރެންގެ ހިތުގައި ރަން އަކުރުން ރާވިންގެ ނަން ފެވުނެވެ. ހުވަފެނުގައިވެސް ރާވިން ފެނުން އާންމު ވިއެވެ. ހޭލާ ހުއްޓަސް ހުރެވެނީ ރާވިންގެ ޚިޔާލުގައެވެ. އަހަރެންނަށް ވަމުން ދާ ގޮތް ޚުދު އަހަރެންނަށް ވެސްނޭންގެއެވެ. ކުރެވެމުން ދާ އިހުސާސް ތަކަށް ދޭނެ ނަމެއް ނޭންގިގެން އަހަރެން މަޝްވަރާ ކުރީ އެންމެ ގާތް އެކުވެރިޔާ، އައިނާ އާއެވެ. “އަނާ..އަހަރެންނަކަށް ވެސް ނޭންގެ މި އިހުސާސް ތަކަށް ދޭނެ ނަމެއް..އިނގޭހާވެސް އެއްޗަކީ އެހެން ފިރިހެނަކު ފެނިފަ ނުވާގޮތް ރާވިން ފެނިފަ ވެއްޖެކަން..ހުވަފެނުގަވެސް ރާވިން..ހޭލާހުއްޓަސް ރާވިން..އަހަރެން މޮޔަވެދާނެ މިހެން އުޅެނިކޮށް..” އަހަރެން އައިނާއަށް ކިޔައިދިނީމެވެ. “ހޫމްމް..ތިއުޅެނީ ލޯބި ވެވިގެން..ލޯތްބަކީ ފުރަތަމަ ނަޒަރުންވެސް ވެވޭއެއްޗެއްކަން ގަބޫލު ކޮށްފީމެއްނު..ދެންމެ ރިވްނާ ތިކިޔައިދިން އިހުސާސް ތަކަށް ކިޔަނީ ލޯބި..ލޯތްބަކީ އެ ވެވުމަށް ފަހު ހިތުން ފިލުވާލަން ވަރަށް އުނދަގޫ އިހުސާސް ތަކެއް..އަބަދުވެސް ބޭނުން ވާނީ އެމީހާ ފެންނަ ހިސާބުގަ ހުންނަށް..” އައިނާ އެކިޔައިދިނީ ހުސް އަހަރެންނަށް ވާގޮތްތަކެވެ. “އަނާ..އަހަރެން ބޭނުން ރާވިން އާ ވާހަކަ ދައްކަން..” އަހަރެން ނުކެރިފަ ހުރެވެސް ބުނީމެވެ. ހަމަ އެވަގުތު އަހަރެންގެ ފޯނު ރިނގުވިއެވެ. ނުދަންނަ ނަންބަރެއް ވީމައި އަހަރެން ހުރީ ނުނަގާށެވެ. ނަމަވެސް އައިނާ ކިޔާވަރުން ނެގީމެވެ.
“ހަލޯ..” އަހަރެންގެ މުޅި ވުޖޫދުވެސް ހުއްޓުނު ކަހަލައެވެ. “ރާވިން؟..” ޔަގީން ކޮށްލާފަދަ ގޮތަކަށް އަހަރެންނަށް ގޮވާލެވުނެވެ. “ރިވްނާ ދޯ..ވަރަށް ހިއްވަރުން މިގުޅީ..ސޯ ރުޅި ނައިސް އަހަރެންގެ މި ދަޢުވަތު ގަބޫލު ކުރައްޗޭ..މިރޭ 8 ގަޑި ބައިގަ އަހަރެންނާއެކު ރެސްޓޯރެންޓް އަކަށް ދާނެންތަ؟..” ރާވިން ހުށައެޅި ދަޢުވަތަށް އަހަރެންގެ މުޅި ހަށިގަނޑު އާން ބަސް ދިނެވެ. ލަހެއް ފަހެއްނުވެ އަހަރެން ޖަވާބު ދިނީމެވެ. “އޯކޭ..އަހަރެން މިހުރީ މާލޭގަ..މިރޭ ދާނެން ބަލާ..ރެޑީވެގެން ހުންނާތި..” ރާވިން ބުނާނެ އެއްޗެއް ބުނެފައި ފޯނު ބޭއްވިއެވެ. އެއާއެކު އަހަރެންނަށް އަޑުގެ ނެތް ތަނަށް ހަޅޭއް ލަވައިގަނެވުނެވެ. އައިނާ ހިނިތުންވެފައި ބަލަން އިނެވެ. “މަޑު؟..ރާވިން ކިހިނެއް އަހަރެންގެ ނަންބަރު ހޯދީ؟..” އަހަރެންގެ ހިތުގައި އޮތް ސުވާލު ބޭރު ކޮށްލީމެވެ. “ވެލްލް..ރާވިން ރޭގަ އަހަރެންނަށް މެސެޖު ކުރީ ރިވްގެ ނަންބަރު ދެވިދާނެހޯ ކިޔާފަ..އެހެންވެ ދިނީ..” އައިނާ ފޮނިވެފައި ބުނެލިއެވެ. އަހަރެންވެސް އުފާވެފައި އައިނާއަށް ޝުކުރު އަދާކުރީމެވެ.
އެރޭ އަހަރެން ތައްޔާރުވެގެން ހުއްޓާ ކަޅުކުލައިގެ ކާރެއް އައިސް ކުރިމައްޗަށް ހުއްޓުނެވެ. ކާރުގެ ކުރީ ސީޓު ދޮރު ހުޅުވާލާފައި ނުކުތީ އަހަރެންގެ ނިދި ހަލާކު ކޮށްލި ޒުވާނާއެވެ. އާދައިގެ ހިނގުމެއްގައި ރާވިން އައިސް އަހަރެން ކައިރީ ހުއްޓުނެވެ. “ރިވް ވަރަށް ރީތި މިރޭ..” ރާވިން ފުރަތަމަވެސް ކޮށްލީ ތައުރީފެކެވެ. “ރާވިންވެސް ރީއްޗޭ..” އަހަރެން ލަދުން ހުރެ ބުނެލީމެވެ.
ރާވިން ހުރީ ހުދު ގަމީހަކާއެކު ކަޅު ޖިންސެއް ލައިގެންނެވެ. އެ ގަމީހުގެ އަތުކުރި ވަނީ އަތުގެ މުލައްދަނޑިއާ ހިސާބަށް އޮޅާލެވިފައެވެ. އެހެން ކަމުން އެ ބާރުގަދަ މުލައްދަނޑި އޮތީ ހާމައަށް ފެންނާށެވެ.
އަހަރެން ކާރަށް އެރުމާއެކު ރާވިން ކާރު ދުއްވާލިއެވެ. ކާރު ތެރޭގައި ވާ ފަޅުކަން ފިލުވާލުމަށް ޓަކައި ރާވިން ލަވައެއް ޖަހާލިއެވެ.
އިހުސާސް ތަކޭމީ
ފުރިގެން މި ލޯބީގާ
ހިތްޖާނާ މާލާ
ގުރުބާން ކޮށްފާ ހަދިޔާ ކުރަނީ
މިތުރާގެ އަޑޭވީ
ކަންފަތުގާ ގުގުމާލާފާ
ތިޔަ ހިނިތުންވުން އަބަދަށް
ލިބުމޭ މި ހިތް އެދެނީ
އަހަރެންގެ ހިތުގެ އަޑު އެ ލަވައިން ކިޔާދޭ ކަހަލައެވެ. “ރިވް..” ކާރުން ފޭބުމަށް ރާވިން އަހަރެންނަށް އިޝާރާތް ކުރިއެވެ. އަހަރެންވެސް ހިނިތުންވެލައިން ހުރެ ފޭބީމެވެ. އަދި ރާވިންގެ ފަހަތުން ހިނގައިގަތީމެވެ. އެ އިމާރާތުގެ އެންމެ މައްޗަށް އެރުމުން ރާވިން ހުއްޓުނެވެ. އަދި އެތާ އިން މޭޒަކަށް އިޝާރާތް ކުރުމަށްފަހު ވެއިޓަރާ ވާހަކަ ދައްކަން ފެށިއެވެ.
ރާވިން އައިސް އަހަރެންގެ ކުރިމަތީ އިށީންދުނެވެ. އެއާއެކު އަހަރެން އިސްވެ ރާވިންއާ ވާހަކަ ދައްކަން ފެށީމެވެ. މާ ގިނަ އިރެއް ނުވެ ވެއިޓަރު އައިސް މޭޒުމަތީގައި އެއްޗެހިތައް އަތުރާލިއެވެ. ފަނަރަ ވަރަކަށް މިނެޓު ތެރޭގައި ކާ ނިންމާލީމެވެ. އަހަރެން ކާ ނިމުމުން ރާވިން އަހަރެންގެ އަތުގަ ހިފާ ކޮޅަށް ނެގިއެވެ. އަދި ޖީބުން ރަތް ކުލައިގެ ފިނިފެން މަލެއްނެގިއެވެ. އެ މަންޒަރު ފެނި އަހަރެންގެ ހިތް އަވަސްވާން ފެށީ އިންތިހާއަށެވެ. ފިނި ނަޒަރަކުން އަހަރެން ރާވިން ހަދާ ނުހަދާ ބަލަން ހުރީމެވެ.
“އެހެން މީހުންހާ ރޮމޭންޓިކު ނުވެވިދާނެ އަހަންނަށް..އެކަމަކު ބުނެލަން އޮތްހާވެސް އެއްޗަކީ އަހަރެން ރިވް ދެކެ ވަރަށް ލޯބިވެއޭ..މީ އިއްޔެއަކު މިއަދަކު އުފެދުނު އިހުސާސް އެއް ނޫން..ރިވްގެ އެންމެ ފުރަތަމަ ފެނިލުމުންވެސް އަހަރެންނަށް ރިވް ކަމުދިޔަ..ބޭނުންވީ އަހަރެންގެ ހައްޤަކަށް ހަދަން..ރިވް..އަހަރެންނާ ރައްޓެހިވާނަންތަ؟..” ރާވިންގެ ވާހަކަ ރަނގަޅަށް ނުނިމެނިސް އަހަރެންނަށް އާން އެކޭ ބުނެލެވުނެވެ. އަހަރެންގެ ޖަވާބު އަޑު އިވިފައި ރާވިން އުފަލުން އަހަރެންގެ ގައިގައި ބައްދާލިއެވެ. އަހަރެމެން ދެމީހުން އަތުގުޅާލައިން ރެސްޓޯރެންޓް އިން ނުކުންނަން ހިނގައިގަތީމެވެ. ރެސްޓޯރެންޓް އިން ނުކުމެފައި އަހަރެން އެ ބޮޑު އިމާރާތަށް ބަލާލީމެވެ. އަދި މާނަފުން ހިނިތުންވުމެއް އެ އިމާރާތަށް ހަދިޔާ ކުރުމަށް ފަހު ރާވިންއާ އެކީ ކާރަށް އެރީމެވެ.
2 Comments!
Comments are closed.



Ohh godd🙄
vhk ga mistake eh huri nama buneladhinun v edhen…🖤