ނަސީބު ހިފީ އަތުގައެވެ…
އިރު ފެނުން ތޮޅެލުމާއެކު އިޒްނާ އަވަސްވެގަތީ ފެންވަރާ ތައްޔާރު ވާށެވެ. މިއަދަކީ އިޒްނާގެ ވަޒީފާގެ ފުރަތަމަ ދުވަހަށްވެފައި، ކުރަންދާ މަސައްކަތުގެ ސަބަބުން އިޒްނާ ހުރީ ނުތަނަވަސް ވެފައެވެ. ނަމަވެސް ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި އެ ވަޒީފާއަށް ދިޔުމަށް އިޒްނާއަށް ވަނީ މަޖުބޫރުވެފައެވެ. “އައްސަލާމު ޢަލައިކުމް..” ވައިލެޓްމާގޭ ދޮރު މައްޗަށް ހުއްޓުމަށް ފަހު އިޒްނާ ސަލާމް ގޮވާލިއެވެ. “ވަޢަލައިކުމުއްސަލާމް..” ސަލާމް ބަލައިގަތް އަޑު އިވިފައި އިޒްނާގެ ގައިން ހީބިހި ނަގައިގަތެވެ. އެ އަޑު އޭނާގެ އަޑާ ހާދަ ވައްތަރެވެ. “މީ..އިސްރާ އުޅުއްވާތޯ؟..” މަޑުމައިތިރި އަޑަކުން އިޒްނާ އެހިއެވެ. “މީ އިސްރާ އަކީ..ތީ ދޯ އިޒްނާ..އާދޭ އެތެރެއަށް..” އިސްރާ ހިތް ހެޔޮ ރާގަކަށް ބުނެލިއެވެ. އިސްރާގެ ފަހަތުން އެ ގެއަށް ވައިން އިޒްނާއަށް ފެނުނީ ޝާހީ ކަމެވެ. “އިޒްނާ ނުޖެހޭނެ މާގިނަ މަސައްކަތެއް ކުރާކަށް..ދެތިން ކަމެއް ކޮށްލަން ޖެހޭނީ..” އިސްޜާ ވާހަކަ ދައްކަމުން ދިޔައިރުވެސް އިޒްނާގެ ނަޒަރު އިސްރާގެ މޫނުން ވަކި ނުވެއެވެ. އިޒްނާއާ ވައްތަރު ގޮތެއް ހުރުމުން ހައިރާންވެފައި ބަލަމުންދިޔައެވެ. އިޒްނާ ކުރަންޖެހޭ މަސައްކަތްތައް ދެއްކުމަށްފަހު އިސްރާ އޭނާގެ ކޮޓަރިއަށް ވަނެވެ. އޭރު އިސްރާއަށް ވެސް ވިސްނެމުން ދިޔައީ އިޒްނާއާ މެދުއެވެ. އިޒްނާ އެއީ އޭނާގެ ދަރިއެއްހެން އިހުސާސް ވަނީ ކީއްވެގެން ކަމެއް ނޭންގެއެވެ. މާޒީގެ ހިތި ހަނދާންތައް އޭނާއަށް އުނދަގޫ ކުރަން ފެށުމުން ކެތްނުވެގެން ފިރިމީހާ އާރާޝްއަށް ގުޅައި ގެޔަށް ގެނައެވެ. އާރާޝް ގެއަށް އައިސް ވައިންއިރު އިޒްނާ ހީވާގި ކަމާއެކު މަސައްކަތް ކުރަމުން ދިޔަ މަންޒަރުފެނި، އެއީ އިސްރާ އެބުނާ ކުއްޖާކަން އިނގުނެވެ. އާރާޝްވެސް ހައިރާންވީ އެކުއްޖާ އިސްރާއާ ވައްތަރު ކަމުންނެވެ. އިޒްނާ ފެނިފައި އާރާޝްގެ ސިކުނޑީގައި މާޒީގެ ދުވަހެއް ޓަކި ޖަހައިލިއެވެ. މާޒީގެ ކަނޑަށް ގެނބުމުގެ ކުރިން ބޯހަލުވާލުމަށްފަހު އާރާޝް ކޮޓަރިއަށް ވަނެވެ. “އިސްރާ..އެއީ އަހަރެމެންގެ ދަރިއެއް ނޫންތަ؟..” ކޮޓަރީގައި ދެކޮޅަށް ހިނގަމުންދިޔަ އިސްރާ ކުރެން އާރާޝް އެއްސެވެ. “އާން އާރާޝް..އެއީ މަގޭ އިޒްނާ..މީ އެދަރި ދޫކޮށްލާފަ އައި ނުބައި މައިމީހާ..އެކަމަކު ތަގުދީރު ކަންދިމާ ކުރި ގޮތް ބަލާބަލަ..މަގޭ އިޒްނާ އެހެރީ މަގޭ ކުރިމަތީގައި..އިޒްނާ އަހަންނަށް މަޢާފު ކުރާނެ ދޯ..” އިސްރާ ރޮމުން ކިޔައިދިނެވެ. “މަންމާ..” ރޮމުންދިޔަ އިސްރާގެ ކަރުނަތައްވެސް ހުއްޓުމަކަށް އައި ކަހަލައެވެ. ވޭނީ އަޑަކުން އިޒްނާ ދެވަނަ ފަހަރަށް އިސްރާއަށް ގޮވާލިއެވެ. އަދި ދުވެފައި ގޮސް އިސްރާގެ އަތުތެރޭގައި ބޮނޑިވެގަތެވެ. “އަހަރެން މަންމައަށް މަޢާފު ކޮށްފިން..އެކަމަކު މި ހިތުގަ ހުރި ލަކުނތަކެއް ނުފިލާނެ..މަންމަ އިނގޭތަ..ކިތައްރޭ ކަން މަންމަގެ ލޯތްބަށް އެދި ކަރުނަ އަޅާ ރޮނިކޮށް ނިދުނީ..ކުޑައިރުއްސުރެ އަވައްޓެރިއެއްގެ އެހީގައި އުޅުނު އިރު މަންމަ ކޮބާ؟..” އިޒްނާ ގިސްލަމުން އަހާލިއެވެ. “ދަރިފުޅަކީ މަންމައަށް ހުރި މުސީބާތެއް ކަމަށް މަންމައަށް ދެކެވުނީ..އެހެންވެ މަންމަ އިޒްނާ ދޫކޮށްލާފަ މި އަވަށަށް ބަދަލުވީވެސް..އެހެންނަމަވެސް ދަރިފުޅަށް ފަހު އިތުރު ކުއްޖެއް ނުލިބޭނެކަން އިނގުނު ދުވަހު ދުވަހު ދަރިފުލުމަތިން ވަރަށް ހަނދާންވި..ދަރިފުޅު މަންމައަށް މަޢާފު ކުރާނެން ދޯ..” އިސްރާގެ ވާހަކަތައް އިޒްނާއަށް އަޑު އިވުނީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. އެހެންނަމަވެސް ވަރަށް ހިތްވަރު ކޮށްލާފައި މަންމައަށް މަޢާފު ކޮށްފީމޭ ބުނެލިއެވެ. “ދަރިފުޅު ދެން މިގެއަށް ބަދަލު ވާންވީނު..” އާރާޝް ލޯތްބާއެކު އިޒްނާ ގާތު ބުނެލިއެވެ. މައިންބަފައިންގެ ލޯތްބަށް ފެންބޮވައިގެންފައިވާ ހާލު އިޒްނާ ވަގުތުން އެއްބަސްވިއެވެ. އެއާއެކު އާރާޝްއާއި އިސްރާ، އިޒްނާ އުޅޭ ގެއަށް ދިޔައެވެ. އަދި އެގޭ މީހުންގެ ހުއްދައާއެކު އިޒްނާ އެގެއިން ގެންގޮސް ރަނގަޅަށް ކިޔަވައިދޭން ފެށިއެވެ. ދުވަސްތަކެއް ފަހެވެ. އިޒްނާއަކީ މިހާރު ޓީޗިންގް ދާއިރާއިން ޑިގްރީ ހާސިލް ކޮށްގެން ހުރި ޒުވާނެކެވެ. މިއަދު އިޒްނާ ހަރުދަނާ ޒުވާނެއްގެ ގޮތުގައި ފެންނަ ސަބަބަކީ އިޒްނާގެ ނަސީބު ކަން ދިމާކުރި ގޮތެވެ. އެއީ ތަގުދީރާއި މެދު ޝަކުވާނުކޮށް އުންމީދއެ ކުރިމަގު އުޖލާކުރަން އުޅުމުގެ ފޮނި މޭވާއެވެ.


