މީ ވީގޮތޭ
ޒިހުނަތާއި ހުޒާމުގެ ލޯބީގެގުޅުމަށް އަހަރެއްހާ ދުވަސް ވެފައިވާ އިރު ދެ ޒުވާނުންގެ މޫނުމަތިން ވެސް ފާޅުވަމުންދަނީ އުފަލާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ. ވާނީ ވެސް އެހެންތާއެވެ. ޒިހުނަތާއި ހުޒާމުގެ ލޯބީގެގުޅުމަކީ ދެޢާއިލާގެ ރުހުމާއި ފުރިހަމަ ތާއިދާއެކުގައި ކުރިޔަށްދާ ގުޅުމެކެވެ.
ޒިހުނަތާއި ހުޒާމު އެދެޒުވާނުންގެ ލޯބީގެބައްދަލުވުންތައް ބާއްވަމުންދަނީ ޒިހުނަތުމެންގޭގައެވެ. އެގޮތުން ކޮންމެ ރެއަކު ވެސް ލޯބީގެ އަހުދުތަކާއި ވައުދުތައްވެ މަޝްވަރާ ކުރުމާއި ޚިޔާލު ބަދަލުކުރުމުގައި ދެގަޑިއެއްހާއިރު، ޒިހުނަތުމެންގޭ ޖޯލިފަތީގައި ތިބެއެވެ.
ދުވަސްތައް މާޒީ އާއި އެކުވަމުން އައިސް އެއްރެއެއްގެ ނުވައެއް ޖަހާކަން ހާއިރެވެ. ހުޒާމު އޭނާގެ އާދައިގެމަތިން ޒިހުނަތާއި ބައްދަލުކުރާން ދިއުމަށްޓަކައި ގެއިން ނުކުތެވެ.
އެހެންރޭތައް ފަދައިން މިރޭވެސް ހުޒާމު ހިނގަމުން ދިޔައީ ވަލުމަގުން ނެވެ. ރަށުގެ އެހެން މަގުތަކުގައި ހުންނަވަރަށް މަގުބައްތި ނެތްނަމަވެސް، ކޮންމެ ވެސް ވަރަކަށް މަގު ބައްތިހުރުމުން ފަނޑުއަލިކަމެއް މަގަށް ފެތުރިފައިވެއެވެ.
ކުއްލިއަކަށް ކަހަލަގޮތަކަށް މަގުމެދަށް ނުކުމެ ގޮވާލި ބުޅަލުގެ ސަބަބުން ހުޒާމު ދިޔައީ ސިއްސައިގެންނެވެ. އެހެންވެ ހުޒާމުގާތަށް ކޮންމެވެސް ވަރަކަށް ރުޅި ވެސް އައެވެ.
ހިތްހަމަނުޖެހުމާއެކު ބުޅަލާދިމާއަށް ހުޒާމު ބަލާލިއިރު ބުޅާ ވެސް އޮތީ ހުޒާމަށް ބަލާށެވެ. އޭރު ބުޅަލުގެލޮލުން ކޮންމެ ވެސް ވަރެއްގެ އަލިކަމެއް ފާޅުވާންހުއްޓެވެ.
ދެތިން ފަހަރަކު ފައްސާލުމުންވެސް ބުޅާ އޭނާގެ ކުރިމަތިން ދުރަށްނުދިއުން ވެގެންދިޔައީ ހުޒާމުގެ ހިތްހަމަނުޖެހުން ރުޅިވެރިކަމަށް ބަދަލުވެގެންދިޔަ ކަމަކަށެވެ.
އަވަސް އަވަހަށް ވަށައިގެން ހޯދާލިވަގުތު ހުޒާމުގެ ލޮލުގައި އަޅައިގަތީ އެތަނާ މާދުރުނޫން ހިސާބެއްގައި އޮތް ގާގަނޑެކެވެ. އެގާގަނޑުނެގުމާއެކުހެން ވަގުތު ބޭކާރު ކޮށްލުމެއްނެތި އަވަސް އަވަހަށް ގާގަނޑު އެއްލާ ބުޅަލުގެ ގައިގާ ޖެހިއެވެ.
ގާގަނޑުން ބުޅަލުގެގައިގަ ޖެހުމާއެކުހެން ފާޑެއްގެ ބަރުއަޑެއް ލައްވާލާފައި ބުޅަލުބުޑު އުނބުންޖެހީމާ ދިޔަހެން ބުޅާ ދުވެގޮސް ފިލައިފިއެވެ. ދަމުން ދަމުން ހުޒާމު ބަލާލިއިރު އެގާނޑުގައި ކޮންމެވެސް ވަރަކަށް ލޭގެއަސަރު ހުއްޓެވެ.
ޒިހުނަތާއި ބައްދަލުކުރާން ކެތްތެރިކަން ކުޑަވެފައިވާ ހުޒާމު އެކަމަށް އެއްވެސް ސަމާލުކަމެއްނުދީ ޒިހުނަތުމެން ގެއާއި ދިމާއަށް ހިނގައިގަތެވެ. އެހެނަސް ތަންކޮޅަކަށްވެސް ނުދެވެނީސް ލޯމައްޗަށް އަނދިރިވެލާފައި ހުޒާމު ވެއްޓިއްޖެއެވެ.
ހުޒާމުގެ އިންތިޒާރުގައި ޒިހުނަތު ވަގުތުތައް ގުނަމުންދިޔައެވެ.
ވަގުތުތައް ފާއިތުވަމުން އައިސް ދިހަގަޑިބައިކަން ހާއިރެވެ. ޒުވާނުންގެ މަރުކަޒުތެރޭގައި ކުޅެމަޖާކުރާން ސަމްސާދު މެން ތިއްބެވެ. ތަފާތު ދެތިންގެއަކަށް ވަނުމަށްފަހު އުދުހެމުން އުދުހެމުން އައިސް ޒުވާނުންގެމަރުކަޒު ތެރެއަށްވަތް ހުދުކުލައިގެ ދޫނި އެންމެނަށް ވެސްފެނުނެވެ. ނުހަނުރީތި އެހާމެއޮޅު އެދޫނިހިފުމުގެ ސަޢުޤުވެރިކަން އެންމެންގެހިތުގައި އުފެދި އެކަމާ މަސްވަރާ ކުރެވިއްޖެއެވެ.
ވާހަކަދައްކާ މަޝްވަރާކޮށް ނިންމިފަދައިން އެކިމީހުން އެކިދިމާއިން އެ ދޫންޏާއި ގާތްވި ވަގުތު ދެމީހެއްގެ ދޭތެރޭން ދެމިގަނެގެން އެދޫނި މަގަށްނުކުތެވެ. އެދޫނީގެ ފަހަތުން އަހުމަދު މަގަށް ނުކުމެ ދުއްވައިގަތުމުން ދެންތިބި ހަމީހުން ވެސް އަހުމަދާ އެކުހެން ދުއްވައިގަތެވެ.
ދޫނީގެ ފަހަތުން ދުވަމުން ދުވަމުންއައި އަހުމަދުމެނަށް އާދެވުނީ ހުޒާމް ވެއްޓިފައިއޮތް ތަނަށެވެ. އެއާއެކުހެން އެ މީހުންގެ ނަޒަރުން ދޫނި ގެއްލި ހުޒާމު ފެނިއްޖެއެވެ. އަނގަވަތަށް ކަހަލަ ގޮތަކަށް ބިންމައްޗަށް ވެއްޓިފައިއޮތް ހުޒާމު ފެނުމުން އެންމެން ވެސް ވަރަށް ހައިރާންވިއެވެ. ހަމައެހެންމެ ހިތުގައި އެއްފަހަރާ އެތައް ސުވާލު އުފެދިގެން ދިޔައެވެ.
ވާފިރު ގޮސް ހުޒާމުގެކޮނޑުގައި ހިފާ ފުރޮޅާލިއިރު އޭނާގެ އަނގައާއި ނޭފަތުން ލޭ އައިސްފައި ހުއްޓެވެ. ހަމަ އެހެންމެ އޭނާގެ އަނގައިން މަޑުރީނދޫކުލައިގެ ފޮނެއް ނުކުންނަމުން ދިޔައެވެ. ހުޒާމު ނޭވާލާކަމާއި އޭނާ އެއޮތީ ހެޔަށް ކޮންމެ ވެސް ގޮތެއް ވެފައިކަން އެއެންމެނަށް ވެސް ޔަގީންވިއެވެ.
އެންމެން ވެސް ބޭނުންވީ ވަގުތު ބޭކާރުކޮށްލުމެއް ނެތި ހުޒާމު އަވަހަށް ގެއަށް ގެންދިއުމަށް ކަމަށްވާތީ އަވަސް އަވަހަށް އެމަސައްކަތް ފެށިއެވެ.
ހުޒާމު ނަގައިގަނެގެން ގެއަށް ގެންދިޔައިރު އޭނާގެ ބައްޕަ ޖާބިރު އާއި އޭނާގެ މަންމަ އައިމިނަ ތިބީ އެގޭ ފެންޑާ ތެރޭގައި ޓީވީބަލާށެވެ. ހުޒާމުގެ ހާލަތު ފެނުމާއެކުހެން އައިމިނައަށް ރޮވިއްޖެއެވެ.
އެމީހުންނަށް ހުޒާމު ފެނުނުގޮތާއި އެމީހުންނަށް ހުޒާމު ފެނުނުއިރު އޮތްގޮތް އައިމިނަމެނަށް ކިޔައިދިނީ ސަރަތުއެވެ.
ޖާބިރު އެދުނުފަދައިން އެތަނުން ޒުވަނަކު ގޮސް މުދިންބެއާއި ބައްދަލުކޮށް ވެގެން އުޅޭގޮތް ކިޔައިދިނެވެ.
ހުޒާމުމެން ގެއަށް މުދިންބެ ގޮސް ހުޒާމުގެ ހަށިގަނޑު ބެލުމަށްފަހު ފެން ތައްޓެއް ކިޔަވާފައި ހުޒާމުގެ މޫނަށް ވިހެލިއެވެ. ހަމައެހެންމެ ކޮންމެވެސް އެއްޗެއް ކިޔަވާލާފައި ދެތިން ފަހަރަކު ހުޒާމުގެ މޫނުގައި ފިރުމާލިއެވެ. މުދިންބެ އެފަދައިން ޢަމަލުކުރިތާ މާގިނަ އިރެއް ނުވަނީސް ހުޒާމު ހޭރައިފިއެވެ. އެއާއެކުހެން ފުންމައިގެން ކަހަލަގޮތަކަށް ތެދުވެ އެނދުގައި އިށީންނަ މުން އަވަސް އަވަހަށް ވަށައިގެން ހޯދާލިއެވެ. ހުޒާމުގެ މޫނުމަތިންނާއި ހަރަކާތްތަކުން ފާޅުވަމުންދަނީ ހައިރާންކަމުގެ އަސަރު ތަކެވެ.
” މަންމާ!. ކިހިނެއްވީ ؟ ” ވަށައިގެން ހޯދާލުމަށްފަހު އައިމިނައަށް ބަލާލަމުން ހައިރާންކަމާއެކު ހުޒާމު އަހާލިއެވެ.
” މިއީ އެއްވެސް ކަމެއްނޫން …. ފެންވަރައިގެން ނިދާލާ.” ހުޒާމުގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އޭނާގެ ބޮލުގައި ފިރުމާލަމުން މުދިންބެ ބުންޏެވެ.
މުދިންބެގެ އެބުނުމަށް އެއްބަސްވަމުން އާނއެކޭ ބުނާފަދައަކުން ހުޒާމު ބޯޖަހާލިއެވެ.
އައިމިނައާއި ޖާބިރުގާތު މުދިންބެ ބުނީ އެއީ މާބޮޑުކަމެއް ނޫންކަމަށެވެ. ހަމައެހެންމެ އެހެން ކަމެއް އުޅޭކަމަށް ސައްކު ވާނަމަ އޭނާއަށް އަންގާލުމަށެވެ.
ރޭދުވާ ދައުރުވަމުން އައިސް ހޯމަވިލޭރޭގެ އިރާކޮޅުވަގުތެވެ. ޒިހުނަތުއާ ބައްދަލުކުރުމަށްޓަކައި ޒިހުނަތުމެން ގެއަށް ހުޒާމު ދިޔައިރު އޭނާގެ އިންތިޒާރުގައި ޒިހުނަތު ހުއްޓެވެ.
އެހެންރޭތައް ފަދައިން މިރޭވެސް ޒިހުނަތާއި ހުޒާމު ވާހަކަދައްކާން ތިބީ ޒިހުނަތުމެން ގޯތިތެރޭގައިވާ ޖޯލިފަތީގައެވެ.
ފެންޑާތެރޭގައިތިބި ސާތިރާ އާއި އަލީ ސިއްސައިގެންދިޔައީ، ވޭނުން ފުރިގެންވީ ބާރުއަޑަކުން ޒިހުނަތު ރޮއިގަތްއަޑު އިވުމުންނެވެ.
ސާތިރާ އާއި އަލީ ދުވެފައި ބޭރަށްނުކުތްއިރު ޒިހުނަތާއި ހުޒާމު ތިބީ ޖޯލިފަތި ކައިރީގައި ކޮޅަށެވެ. ހުޒާމު ދެއަތުން ހިފަހައްޓައިގެން ހުރެ ޒިހުނަތުގެކަރަށް ބާރު ކުރަމުން ދިޔައިރު، އޭނާގެއަތް ދުރައްލެވޭތޯ މަސައްކަތް ކުރަމުން ސަލާމަތަށް އެދި ޒިހުނަތު ރޮއި ހަޅޭލަމުންދިޔައެވެ.
ފެނުނުމަންޒަރުގެ ސަބަބުން ސާތިރާ އާއި އަލީއަށް ލިބުނު ހައިރާން ކަމާއެކުހެން ރުޅިވެސް އައެވެ. ހުޒާމުއޭ ކިޔާ ހަޅޭ ލަވައި ގަންނަމުން އަލީ އައިސް ޒިހުނަތުގެ ކަރުން ހުޒާމުގެއަތް ނައްޓާލަމުން ދުރަށް ކޮށްޕާލިއެވެ. އެއާއެކުހެން ހުޒާމު ވިއްސައި ގެން ގޮސް ޖެހުނީ ޖޯލިފަތި މައްޗަށެވެ.
ޒިހުނަތު ރޮމުން ރޮމުން ގޮސް ސާތިރާގެ ގައިގަ އޮޅުލައިގަތެވެ.
ނުހަނު ރުޅިއައިސްފައި ހުރެގެން ހުޒާމްއާ ދިމާއަށް އެއްޗެތި ކިޔަމުންދިޔަ އަލީ އާއި ދިމާއަށް ހުޒާމު ބަލާލީ ރުޅި އައިސް ރަތްވެފައިވާ ފަދައަކުންނެވެ. ހުޒާމުގެ އެބަލާލުން ފެނިފައި ސާތިރާ ބިރުގަނެ ޖެހިލުންވިކަން އޭނާގެ މޫނުމަތިންނާއި ހަރަކާތްތަކުން ކިތަންމެ ރަނގަޅަކަށް ވެސް ދޭހަވިއެވެ.
ވަގުތު ބޭކާރުކޮށްލުމެއްނެތި ފުންމައިގެން ކަހަލަ ގޮތަކަށް ހުޒާމު އައިސް އަލީގެ ކަރުގައިހިފާ ބިންމައްޗަށް ވައްޓާލި އެވެ. އަދި މަދުސިކުންތުކޮޅެއް ތެރޭގައި އަލީގެ މޭމައްޗަށްއަރާ އިށީނެވެ.
ކަންތައް ވަމުންދާގޮތް ބަލާން ހުރުމަކީ ކެތްވާވަރުގެ ކަމަކަށް ނުވުމުން ޒިހުނަތު ގޮވައިގެން ސާތިރާ މަގަށް ނުކުމެ ސަލާމަތަށާއި އެހީތެރިކަމަށްއެދި ގޮވާންފެށިއެވެ.
މަގުމަތީގައި ހަރަކާތްތެރި ވަމުންދިޔަ ދެތިން ފިރިހެނަކަށް ސާތިރާގެ އަޑު އިވުމުން ދުވެފައި ކަހަލަގޮތަކަށް އެތަނަށް އައިސްފިއެވެ. އޭރު ޒިހުނަތާއި ސާތިރާގެ ޚާލަތު ފެނުމުން އެމީހުން ކަންބޮޑުވިއެވެ. ހަމައެހެންމެ ވީކީއްތޯ އަވަސް އަވަހަށް ސުވާލު ކުރިއެވެ.
އަތުގެއިސާރާތުން ގޯތިތެރެ ދައްކަމުން ސާތިރާ ވާހަކަ ދެއްކިއިރު ސާތިރާ ހުރީ ހާސްވެ މާނޭވާ ލެވޭގޮތް ވެފައެވެ.
އެމީހުން އަވަސް އަވަހަށް އެގޯތިތެރެއަށް ވަތްވަގުތު ފެނުނު މަންޒަރުގެ ސަބަބުން އެއެންމެންވެސް ހައިރާންވިއެވެ. ހަމައެހެންމެ އެހާމެ ކަންބޮޑުވިއެވެ.
އަލީގެ މޭމަތީގައި އިށީނދެލައިގެން އަލީގެ ކަރުގައި ހިފައިގެން އިން ހުޒާމުގެ އަތް ނައްޓާލާން މަސައްކަތް ކުރި މީހުންނަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ. ހުޒާމުގެގައިގަ އެވާ ބާރަކީ އޭނާގެ އަމިއްލަބާރު ނޫންކަން އެއެންމެނަށް ވެސް ޔަގީން ވިއެވެ.
އެހެނަސް އެމީހުންކުރި ނުހަނުބުރަ މަސައްކަތުން ހުޒާމުގެ އަތްދަށުން އަލީ ސަލާމަތްކުރިއެވެ. ހުޒާމުގެ އަތްދަށުން އަލީ ސަލާމަތްކުރި ނަމަވެސް އެމީހުންނަށް ހުޒާމު ހިފެހެއްޓުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. އެހެންވެ އެތަނުން އެކަކު އަވަސް އަވަހަށް ގޮސް މުދިންބެއާ ބައްދަލުކޮށް ވެގެންއުޅޭގޮތް ކިޔައިދީ މުދިންބެ ގޮވައިގެންއައެވެ.
މުދިންބެ އައިއިރު ހުޒާމުއޮތީ އެގޭ ފެންޑާތެރޭގައެވެ.
ހުޒާމުގެ ޚާލަތު އެނގުމާ އެކުހެން ޒިހުނަތުގެ ހިތަށް ވަރަށް އަސަރުކުރިއެވެ.
މުދިންބެ އައިސް ވާރޭފެންތައްޓެއް ކިޔަވާފައި ހުޒާމުގެ މޫނަށް ވިހެލިތާ މާގިނައިރެއް ނުވަނީސް ހުޒާމުގެ މުޅި ހަށިގަނޑުން ބާރު ދޫވެއްޖެއެވެ.
ހުޒާމުގެގައިގަ ހިފަހައްޓައިގެންތިބި މީހުން އޭނާގެ ގައިން ދޫކޮށްލާފައި ދުރަށްޖެހުމަށް މުދިންބެ ބުނުމުން އެމީހުން އެފަދައިން ޢަމަލުކުރިއެވެ.
ދެތިން މިނިޓްފަހުން ހުޒާމު ލޯހުޅުވާލިއެވެ. އަދި ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލުމަށްފަހު ފުންމައިގެން ކަހަލަގޮތަކަށް ކޮޅަށްތެދުވިއެވެ. އޭރު އެތަނުގައި ޒިހުނަތެއް ނެތެވެ.
”މީކޮންބައެއް ؟ ޒިހުނަތު ކޮބާ ؟ ” ހައިރާންކަމާއެކު އަލީއާ ދިމާއަށް ބަލާލަމުން ހުޒާމު އެހިއެވެ.
” މިއީ އެއްވެސްކަމެއް ނޫން …. ދެން އެހެން ފަހަރަކުން ޒިހުނަތު ހޯދާން އަންނާނީ … މިހާރު ދެން މިރެއަށް މާބޮޑަށް ލަސްވެއްޖެ.” ހުޒާމުގެ ކޮނޑުގައި އަތްޖައްސާލައިގެން ހުރެ މުދިންބެ ވާހަކަދެއްކިއެވެ. ކަމަކާ ހާސްވެ ކަންބޮޑުވެފައިވާ ފަދަ އެއްވެސްކަމެއް އޭނާގެ ފަރާތަކުން ނުފެނެއެވެ.
” ޒިހުނަތު ކައިރީ ބުނެލާފައެއްނުދާނީ. ” މުދިންބެއަށް ބަލާލަމުން ހުޒާމު ބުނެލިއެވެ.
އަލީއަށް ބަލާލަމުން، ޒިހުނަތު ގެންނާށޭ ބުނާފަދައަކުން މުދިންބެ އިސާރާތް ކޮށްލިއެވެ.
ކޮޓަރިތެރޭގައިތިބި އައިމިނަ އާއި ޒިހުނަތަށް އަލީ ގޮވާލިއަޑު އިވުމުން ކޮޓަރިން ނުކުތެވެ. ހުޒާމަށް ޒިހުނަތު ފެނުމާއެކުހެން އެދިމާއަށް ހިނގައިގަތެވެ. އޭރުވެސް ޒިހުނަތުގެ މޫނުމަތިން ފާޅުވަމުންދަނީ ހާސްކަމާއި ކަންބޮޑުވުމާ ނުތަނަވަސްކަމުގެ އަސަރު ތަކެވެ. އެންމޭން ހަމަޖެހިގެން ތިބުމަށް މުދިންބެ ބުނަމުންދިޔައިރު އޭނާގެ މޫނުމަތިންނާއި ހަރަކާތްތަކުން ފާޅުވަމުންދަނީ އާދައިގެގޮތެކެވެ.
” މިހާރު މާލަސްވެއްޖެއްނުދޯ … މާދަމާރޭ އަންނާނަން. ” ގަޑިއަށް ބަލާލުމަށްފަހު ޒިހުނަތާ ސަލާންކޮށްލަމުން ހުޒާމުބުންޏެވެ. އޭރު އޭނާގެ ހަރަކާތްތަކުންނާއި މޫނުމަތިން ފާޅުވަމުންދަނީ އާދައިގެގޮތެކެވެ. ދެންމެގައި ކަމެއް ހިނގާދިޔަކަމުގެ އެއްވެސް ހިލަމެއް އޭނާއަށް ނުވާކަހަލައެވެ.
ހުޒާމުގެ ވާހަކައާ ބައިވެރިވެ އާނއެކޭ ބުނާފަދައަކުން ޒިހުނަތު ބޯޖަހާލި އެވެ. އޭރު ޒިހުނަތު ވެސް ކޮންމެވެސްވަރަކަށް ހަމައަކަށް އެޅިއްޖެއެވެ.
ހުޒާމު ގޮވައިގެން ގެއަށްދިޔައީ މުދިންބެއެވެ. ހުޒާމުމެންގެއަށް މުދިންބެ އާއި ހުޒާމުދިޔަ މަގުމަތީގައި ވެސް އެދެމީހުންގެ މެދުގައި ވާހަކަތަކެއް ދެކެވުނެވެ.
ވަގުތުތައް ފާއިތުވަމުންއައިސް އާދުވަހަކަށް އިރުއަރައިފިއެވެ. އެއާއެކުހެން ރަށުތެރެއަށް ހަލަބޮލިކަން ވެރިވާންފެށިއެވެ.
ހެނދުނު ދިހައެއްޖަހާކަން ހާއިރެވެ. އައިމިނައާއި ޖާބިރު އަދި މުދިންބެ ތިބީ އައިމިނަމެންގޭ ފެންޑާތެރޭގައެވެ. ތިންމީހުންގެ މޫނުމައްޗަށް އަރާފައިބަމުންދާކުލަވަރަށް ބަލާލުމުން އެނގިޔަގީންވަނީ އެތަނުގައި ދެކެވެމުންދަނީ ވަރަށް މުހިންމުވާހަކަތަކެއް ކަމެވެ.
އައިމިނައާ ޖާބިރުގާތު މުދިންބެ ބުނަމުންދިޔައީ އެހެންކަހަލަމަހުލޫގެއްގެ ނުރައްކާތެރިކަން ހުޒާމަށް ފޯރާފައިވާ ކަމަށެވެ. ހަމައެހެންމެ ވަރަށްއަވަހަށް އޭނާ އެކަމުން ސަލާމަތްކުރުމަށާއި، ސަލާމަތް ނުކުރެވިއްޖެނަމަ ހީވެސްނުކުރާފަދަ ބޮޑުހިތާމައަކާއި ހިތްދަތި ކަމެއް ކުރިމަތިވެދާނެކަމަށެވެ.
ޖާބިރުމެން އެދުނުފަދައިން އެކަމުގައި އިތުރަށް ކުރިޔަށްދާނެ މަގުތައް މުދިންބެ ބުނެދިނެވެ. ހަމައެހެންމެ އެކަމަށްޓަކައި މުދިންބެއަށް ވެވޭންއޮތް އެހީތެރިކަމެއް ވަމުންދިޔައެވެ.
މުދިންބެ ބުނިފަދައިން މުދިންބެ ބުނިރަށަށް ޖާބިރުގޮސް މުދިންބެބުނި މީހާއާ ބައްދަލުކޮށް ވެގެންއުޅޭގޮތް ކިޔައިދިނެވެ. އަދިއެކަމުގައި އެއާއިލާއަށް އެހީތެރިވެދީ ހުޒާމު އެކަމުން ސަލާމަތްކޮށްދީފިނަމަ ރަނގަޅުގޮތެއް ހަދާދޭނެކަމަށްވެސް ބުންޏެވެ.
ޖާބިރުމެން އެދުނުފަދައިން ޖާބިރުއާ އެކުގައި އެރަށަށް ދިއުމަށް އީސަ އެއްބަސްވުމުން ޖާބިރު ވަރަށްއުފާވެ ހިތްހަމަޖެހުނެވެ. އެހެންވެ އެތައްފަހަރަކު އީސައަށް ޝުކުރުއަދާކުރިއެވެ.
ޖާބިރުމެންނާއި އެކުގައި ޖާބިރުމެން ރަށަށް އީސަ ދިޔައީ އެދުވަހުގެ މެންދުރެއްކަން ހާއިރުއެވެ.
ވަގުތުތައް ފާއިތުވަމުންދިޔައިރު އީސަ ބުނިފަދައިން އެރެއަށް ތައްޔާރު ވުމާއިގެން ޖާބިރުއުޅެމުންދިޔައެވެ.
އިރުއޮއްސުމާއެކުހެން ރަށުތެރެއަށް ހަމަހިމޭންކަން ވެރިވާންފެށިއެވެ.
ހަތެއް ޖަހާކަން ހާއިރެވެ. ފެންޑާތެރޭގައިހުރި ފަތްޖެހި އެނދުގައި އޮށޯވެ ލޯމަރާލައިގެން ހުޒާމު އޮތްއިރު އޭނާގެ ނިތްކުރީގައި ހުދުކުލައިގެ ކަރުދާސްކޮޅެއް ތަތްކޮށްފައި ވެއެވެ. އަދި އެގޭގެ ބޮޑުދޮރު ކައިރީގަ ވެސް ހުދުކުލައިގެ ކަރުދާސް ކޮޅެއް ތަތްކޮށްފައިވެއެވެ. ހުޒާމު އޮށޯވެއޮތް ފަތްޖެހިއެނދުގެ އެއްފަރާތުގައިހުރި ތިންގޮނޑީގައި ތިބި ތިންމީހުން އަޑު ހަރަކޮށް ޤުރުއާން ކިޔަވަމުންދިޔައެވެ. އެނދުގެ ބޯލާކޮޅު ބިންމަތީގައި އަލިފާންތައްޓެއް ހުރިއިރު އެކައިރީގައި އީސަ ވެސް ހުއްޓެވެ. އޭރު އެތަނުގައި އެ ފަސްމީހުން ފިޔަވާ އެހެން މީހެއް ނެތެވެ. އީސަ ވެސް ސިއްރު ސިއްރުން ކޮންމެ ވެސް އެއްޗެއް ކިޔަވަމުން ދިޔައެވެ.
” އެމީހުން ކޮބާ ؟ ” ކިޔެވުމާއިގެން އެތައްއިރެއް ވީފަހުން ހުޒާމަށް ބަލާލަމުން އީސަ އަހާލިއެވެ.
” އެމީހުން …. އެބަތިބި ދޮރުކައިރީ. ” އަނގަޔަށް ހަރަކާތްނައި ނަމަވެސް އަޑުނުކުތީ ހުޒާމުގެ އަނގައިންކަން އެންމެނަށް ވެސް ޔަގީނެވެ. ހަމައެހެންމެ އެ އަޑުއައީ ތިންހަތަރުމީހަކު އެކުގައި ބުނާކަހަލަގޮތަކަށެވެ.
” އެމީހުންގާތުގައިބުނޭ އެތެރެއަށް ވަންނާށޭ. ” ހުޒާމާދިމާއަށް އީސަ ބުންޏެވެ. އީސަ ވާހަކަދައްކާވަގުތު ފިޔަވާ އެހެންހުރިހާވަގުތަކު ހުންނަނީ ސިއްރުސިއްރުން ކޮންމެވެސް އެއްޗެއް ކިޔާލަކިޔާލައެވެ.
” އެމީހުން ވަންނާކަށް އެއްބަހެއްނުވޭ. ” މިފަހަރު ވެސް ޖަވާބުއައީ ކުރިން ފަހަރުވެސް ޖަވާބު އައިގޮތަށެވެ.
” އެމީހުންގާތުގައިބުނޭ ކަލޭ ދޫކޮށްލާށޭ.” ކުރިޔަށްވުރެބާރަށް އީސަ ބުންޏެވެ.
” އެމީހުންބުނީ ދޫކޮށެއްނުލާނަމޭ. ” ހުޒާމުގެއަނގައިން ޖަވާބުއައެވެ.
” އެމީހުންގާތުގައިއަހާ ކީއްވެހޭ ކަލެޔާއަވަލައިގެން ތިއުޅެނީ. ” އީސަ ބުންޏެވެ. އަދި އޭނާގެ އަތުގައިހުރި ހުދުކަރުދާސްތަކުން ކަރުދާސްކޮޅެއް އަލިފާންތަށީގެ ތެރެއަށް ވައްޓާލިއެވެ.
” އަހަރެމެން އޭނާ ދުލެއް ނުކުރާނަން …………. އޭނާ އެހުރީ އަހަރެމެންގެ ކޮއްކޮ ލޮލަށް ފެނުމުން މަހުރޫމު ކޮށްލާފައި. ” ހުޒާމުގެ އަނގައިން ނުކުންނަމުންދިޔަ އަޑު ހަރުކަށިވެފައި ބާރުވިއެވެ.
” ކަލޭމެން ކޮއްކޮއަށް އޭނާ ކިހިނެއްހެދީ ؟ ” ކޮންމެވެސް ވަރަކަށް ހައިރާންވެފައި އީސަ އަހާލިއެވެ.
” އަހަރެމެން ކޮއްކޮ ބުޅަލެއްގެ ސިފާގައިއޮވެ އޭނާއަށް ރަނގަޅުމަގު ދައްކާން މަސައްކަތްކުރީ … އެކަމު އޭނާ ގާބުރިއަކުން އެއްލާޖަހައި އަހަރެމެން ކޮއްކޮގެ ލޯ ހަލާކުކޮށްލީ .. އަހަރެމެން އޭނާ ސަލާމަތުން ހުއްޓަކަ ނުދޭނަން. ” ވަރަށް ރުޅިވެރި ރާގަކަށް ހުޒާމުގެ އަނގައިން އަޑު ނުކުތެވެ.
” ކަލޭމެންޖެހޭތަ ކޮންމެހެން އެހެން މަޚުލޫޤުންގެ ސިފަސިފާގައި އިންސާނުންގެ ތެރެއަށް ނުކުންނާން. ” އީސަ ސުވާލު ކުރިއިރު އަޑާއި ހަރަކާތުން އަދި މޫނުމަތިން ރުޅިވެރިކަން ފާޅުވެގެން ދިޔައެވެ.
ވަގުތުތައް ފާއިތުވަމުން ދިޔަވަރަކަށް އެ މަޚުލޫޤުންނާއި އީސަގެ ބަހުގެ ހަމަލާތައް ވަރުގަދަ ވަމުންދިޔައެވެ.
އެރޭގެ އެގާރަ ޖަހާންދެން މަސައްކަތް ކުރުމަށްފަހު އީސަ އެކަންހުއްޓާލީ އެކަމުގައި އޭނާއަށް އެއްވެސް އަލިމަގެއް ކުރިއެރުމެއް ނުލިބުމުންނެވެ.
ދުވަސްތައް މާޒީއާއި އެކުވަމުން ދިޔައިރު ހުޒާމުގެލޮލުގެ ފެނުމަށް ބަދަލު އަންނަމުންދިޔައެވެ. އެކަން ފާހަގަ ކުރެވި ތަކުރާރުކޮށް ބޭސް ކުރަމުން ދިޔަ ނަމަވެސް ހައްލެއް ނުލިބުނެވެ. ހަމައެހެންމެ ތަފާތު އެތައް ފަންޑިތަވެރިން މެދުވެރިކޮށް ކުރަމުން ދިޔަ މަސައްކަތް ވެސް ވީބޭކާރެވެ.
ހުޒާމަށް ދިމާވި ކަންތައްގަނޑާ އެކުހެން ޒިހުނަތު އޭނާ ދޫކޮށްލުމުން ހުޒާމަށް އިތުރު ހިތާމަތަކެއް ލިބިގެންދިޔައެވެ.
ދުވަސްކޮޅެއްފަހުން ހުޒާމުގެ ލޮލުގެފެނުން އެއްކޮށް ގެއްލިއްޖެއެވެ.
ނިމުނީ
7 Comments!
Comments are closed.
ވ ވ ވ ރީތި
ސަޅި…
ހްމްމް .. ސަޅި
VARAH SALHI … 😉
Hagygy vaahaka eh tha? But nice
e nimmumeh??? Hahahaa LOL
dhen mi ves vaahaka eko… alhe nimman neynguneetha???
vvvvvvvvvvvv rythi